އަހަރެންގެ ސިފަ އާއިމެދު ފާޑު ކިޔައިގެން އަހަރެން ދެރައެއް ނުވަމެވެ. އެއީ މާތްﷲ އަހަރެމެން އެންމެން ވެސް ހައްދަވާފައިވަނީ އެންމެ ފުރިހަމަ، ރީތި ސިފައިގައި ކަމަށް ވާތީ އެވެ.
އަހަރެން ހިނގައިގަތުމުން، ފަހަތުން އަންނަމުން ވެސް އޭނާ އެއްޗެހިތަކެއް ކީ އަޑު އިވުނެވެ. އެ އަޑަށް ސަމާލުކަމެއް ނުދީވޭތޯ ބަލަމުން، ކުރިއަށްވުރެ ހިނގުން ބާރު ކޮށްލީމެވެ. ކޮއްކޮގެ މާޒީގައި ހިނގާފައިވާ ކަންކަމަށް ނިސްބަތްކޮށް ނައިޝާ ބުނި ކޮންމެ ޖުމުލައަކުން ހިތް ތޮރުފަމުން ދިޔަ އެވެ. ނޭނގޭ ރިހުމެއްގެ އަސަރު މުޅި ހަށިގަނޑަށް ކުރުވި އެވެ. ނުބައި އިންސާނަކު ގަދަކަމުން އެ ކޮއްކޮގެ އިއްފަތްތެރިކަން ފޭރިގަތުން އެއީ އެ ކުޑަ ކުއްޖާގެ ކުށެއް ހެއްޔެވެ؟ އެ ނުބައި ފާހިޝް އަމަލު ހިންގި މީހާ ކުށްވެރި ނުކުރަނީ ކީއްވެ ހެއްޔެވެ؟ މުއްސަންޖަކަށް ވީތީ ހެއްޔެވެ؟ އިސާހިތަކު ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާން ފެށިއެވެ. އެފަދަ ދިލަ ބަސްތަކުން، އަމިއްލަ ނިކަމެތިކަން ވަކީން ބޮޑަށް އިހުސާސް ކުރެވެ އެވެ. ހިތްވަރު ކުރަން މަސައްކަތް ކުރިޔަސް، އެކަމެއް ނުކުރެވެ އެވެ.
ދެކޯތާފަތް ތެމެން ފެށުމުން، ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އަތުގެ ނުފުށުން މޫނު ފޮހެލީމެވެ. އަހަރެން ފަސްއެނބުރި ބަލައިލިއިރު، ނައިޝާ މާދުރަށް ގޮސްފި އެވެ.
ނައިޝާ ދެއްކި ވާހަކަތަކާއިމެދު ވިސްނައިލުމުން، އޭނާ ދެއްކީ އަޒްމަންގެ ވާހަކަ ކަން އެނގުނެވެ. އެކަމަކު އަޒްމަން އާއި ނައިޝާ އާއި ދެމެދު އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ކޮންމެ ގުޅުމެއް އޮތަސް، ފަރުވާލެއް ނެތޭ ހިތަށް އެރި އެވެ. އަަހަރެންގެ މަޤާމް އަހަންނަކަށް ނޯޅެ އެވެ.
ޖެހިގެން އައި ދުވަހު ފެން ބަނޑިޔަލެއް ހިފައިގެން ގޯޅި އަޅާލި ތަނައި އެރުނީ، އަޒްމަންގެ ކުރިމައްޗަށެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އަހަރެން އޭނާ އާއި ދިމާއަށް ބަލައިވެސް ނުލަމެވެ. އެކީގައި ހިނގަމުންދިޔަ ނަމަވެސް، ކައިރީގައި މީހަކު ހުރިކަން އެނގޭ ކަމަށްވެސް ހަދައިނުލަމެވެ. ގެއާއި ހަމައަށް އައިތަނައި، އޭނާ އަހަރެންގެ ކުރިމައްޗަށް އަރައިފި އެވެ. ސިއްސައިގެން ގޮސްފައި އެ މޫނަށް ބަލައިލެވިއްޖެ އެވެ.
"ކީއްވެގެންތަ އަހަރެން ބާކީ ކުރަނީ ތި؟..." އަޒްމަންގެ މޫނުމަތިން ފެނުނީ މާޔޫސް ކަމެވެ. ދެލޮލުން ފެންނަމުން ދިޔައީ ރިހުމެވެ. އެންމެ ނަޒަރަކުން ވެސް، ހިތަށް ހަމްދަރުދީ ވަދެއްޖެ އެވެ. "އަހަންނާ އަނގައިން ވެސް ބުނެނުލަނީ އަހަރެން ހަމަ އެހާ ހުތުރުވީމަތަ؟..." އޭނާ އަނެއްކާވެސް ސުވާލު ކުރި އެވެ.
އަހަރެންގެ ހިތުގެ ހިނގުން ހުއްޓުނުހެން ހީވި އެވެ. ދުވަހަކު ވެސް މީހެއްގެ ސިފަ އާއިމެދު ފާޑު ކިޔުމަކީ އަހަރެން ކުރާނޭ ކަމެއް ނޫނެވެ. އެފަދަ ކަމަކުން ހިތަށް ކުރާ އަސަރު އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ، ހަމަ އަހަރެން ކަހަލަ މީހަކަށް ނޫން ހެއްޔެވެ؟ ދެކޮޅު ހެދުމުގެ ގޮތުން، އެއްޗެއް ބުނަން އަނގަ ހުޅުވައިލެވުނު ވެސް މެއެވެ. ދެވަނަ ސިކުންތުގައި އެ ޚިޔާލު ބަދަލު ވެއްޖެ އެވެ. އަހަންނަށް ހީވީ، އެއީ އަހަންނަށް ރައްދުކޮށްލި މަލާމާތެއް ހެންނެވެ. ދެބުމަ ގޮށްޖަހައިލަމުން އަޒްމަންގެ މޫނަށް ބަލައިލީމެވެ. އަހަރެން ބަލައިލިގޮތުން އޭނާ ކަންބޮޑުވި ކަން އެނގުނީ، އެ މޫނުމަތީގައިވި ސަމާސާގެ ކުލަވަރު ފިލައި ދިޔުމުންނެވެ.
"އަހަރެން ވަރަށް ދެރަވޭ ނީހާ އަބަދު ދެރަވެފަ ހުންނަ ތަން ފެންނާތީ..." އަޒްމަންގެ އަޑުގައި މޮޅިވެރިގޮތެއް ހުއްޓެވެ.
އަހަރެން އިސްޖަހައިލީމެވެ. ހަމްދަރުދީގެ އެންމެ ޖުމުލައަކުން ވެސް، ހިތުގައި ދިލަ ރިހުމެއް އުފެދިއްޖެ އެވެ. އެއީ ލިބުނު އުފަލަކުން ކަމެއް ނޭނގުނެވެ. ހިތުގައި އުފެދިގެން އައި ޖަޒުބާތުތަކުގެެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ޝަކުވާ ކުރަން ހިތް އެދުނު ނަމަވެސް، އިސާހިތަކު ދެލޯ ކަރުނައިން ފުރާލައިފި އެވެ. ދުލުން އެއްޗެއް ނުބުނެވި، ގިސްލެވެން ފެށި އެވެ.
"ނީހާ!..." ހަމްދަރުދީގެ ރާގަކަށް އޭނާ ގޮވާލި އަޑު އިވުނެވެ.
އަހަރެންގެ ކެތްތެރިކަން ކޮޅުން ލިއެވެ. ނުވެސް ދަންނަ މީހެއްގެ ކުރިމަތީގައި ހުރެ ރޯކަށް ބޭނުމެއް ނުވި އެވެ. ޖެހިލުންވީ އެމީހަކަށް އަހަރެންގެ ހިތް ދީލާލަފާނެތީ އެވެ. އަވަސްއަވަހަށް ގޮސް ގޭތެރެއަށް ވަނީމެވެ. އަހަރެންގެ ހިތާމަތައް ބަރުދާސްތު ކުރާނީ އަހަރެން އަމިއްލަ އަށެވެ. އެއަށްވުރެ މޮޅުގޮތެއް ނޯންނާނެ އެވެ. އޭރުން ފަހުން ހިތާމަ ކުރާކަށް ވެސް ނުޖެހޭނެ ނޫން ހެއްޔެވެ؟
"ހޫން!... ކޮން ކަމެއް ލައްވާލީ؟... މިހާރު އެ ހަނޑޫކޮޅު ހޮވަން ޖެހިދާނެތީ ދޯ ތިއުޅެނީ... ތެެދުވޭ! ތެދުވޭ!... މެންދުރު ކައްކާފަ، މަސް ކައްކަން އެގެއަށް ދާން ވާއިރަށް ތައްޔާރުވެގެން ހުންނާތި... އެގާރަގަޑި ބައިގަ އަހަރެން އަންނާނަން..." ކޮޓަރިއަށް އައިސް ވަން ބޮޑުދައިތަ އެހެން ބުނެފައި ނުކުމެގެން ދިޔަ އެވެ.
ބޮޑުދައިތަ ބުނި ގަޑިއަށް ތައްޔާރުވެލައިގެން އަަހަރެން ހުރީ، ބޭރަށް ނުކުމެ އެވެ. އަހަރެން ލައިގެން ހުރީ، އަތުގައި އޮތް އެންމެ ރީތި ހެދުމެވެ. އަނެއްކާވެސް ގޮސް ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނީމެވެ. ކަޅު ފޮއްޗެއްގައި ރަތްކުލައިގެ ބޮޑެތި ފިނިފެންމާތަކެއް ޖަހާފައިވާ އެ ހެދުން ހުރީ، އަހަރެންގެ ކަކުލާއި ހަމައަށެވެ. ހެދުން އުނަގަނޑާއި ހަމައަށް ދެފަރާތުން ފަޅާލާފައި އޮތުމުން، ކައްކަން އުޅޭއިރު ފަސޭހަވާނެ ބާއޭ ހިތަށް އެރި އެވެ. ލައިގެން ހުރި ރަތްކުލައިގެ ހިމަ ހަރުވާޅު އަހަރެންގެ ފައިގައި ރީއްޗަށް ހިފާލާފައި ހުރުމުން ކަމަކު ނުދިޔަ އެެވެ. އަނބުރާލާފައި ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ބޮޑުދައިތަ ގޮވާލި އަޑު އިވިފައި އެއްޗެހި ބަދަލުކުރުމުގެ ޚިޔާލު ދޫކޮށްލަން މަޖުބޫރު ވިއެވެ.
********
ގަޑިން އެގާރަގަޑި ބައިވާން ފަސް މިނެޓަށްވީއިރު، އަހަރެން ހުރީ، ބޮޑުދައިތަ އާއިއެކު އެގޭގަ އެވެ. މަސް ކައްކާ ތަނުގައި ދެޖިންސުގެ މީހުން ހެލިފެލިވެ އުޅެމުން ދިޔަ އެވެ. ގިނައީ ދެބައި އުމުރުގެ މީހުންނެވެ. އަހަންނެކޭ އެއްވަރުގެ ޒުވާން އަންހެން ކުއްޖަކު އެތަނުގައި ނެތެވެ.
ބޮޑެތި ތެލިތަކާއި ތާސްތައް އުނދުންތަކުގެ މައްޗަށް އުދާފައިވާއިރު، މުޅި ތަނުގައި ހިފާލާފައިވީ، ރިހާކުރުގެ މީރު ވަހެވެ. ވަގުތުން ކުޅު ދިޔާ ވިއެވެ. ބަނޑުހައިވެފައިވާ ކަމުގެ އިހުސާސް ކުރެވެން ފެށީ ދެނެވެ.
އަހަރެން ފެނުމުން އެންމެންގެ ނަޒަރު ހުއްޓިއްޖެ އެވެ. އާ އެއްޗެއް ފެނުމުން، ބަލާހެން ކުރަން ތިބި ކަންތައް ހުއްޓާލާފައި އަހަންނާއި ދިމާއަށް ބަލަން ފަށައިފި އެވެ. ހާސްވެގެން އަހަރެންގެ ނިތްކުރިމަތީން ދާ ހިއްލާލި އެވެ.
އަންހެނަކު ހަލުވި ފިޔަވަޅުތަކެއްގައި އައެވެ. އޭނާގެ އަތުގައި ފޮތިކޮޅެއް އޮތެވެ. އެ ދީފައި އެދުނީ، އިސްތަށިގަނޑު އައްސާލައިގެން އައުމަށެވެ.
ފުރަތަމަ ދުވަސްކަމުން އަހަންނަށް ޖެހުނީ، ކަންކުރާ ގޮތް ބަލަން ހުންނާށެވެ. ކުޑަކޮށް އަތްގާތްކޮށްލަދީ ހަދާށެވެ. މަސް ކަނޑާ ސަރަހައްދުގައި އޮންނަނީ ތަރަފާލު އަޅާފަ އެވެ. ލެޔާއި ފެން އެކުވުމުން، އެތަނުން ހިނގާއިރު ކައްސާލާގޮތް ވެއެވެ. އަހަރެން ހުރީ ބިރުންނެވެ. އަހަންނަކީ ދާދި ފަސޭހައިން، ވެއްޓޭ މީހަށް ވާތީ އެވެ. ކިރިޔާ ތަނެއްގައި އަޅައިގަންނަ އިރަށްވެސް ބޮޑެތި އަނިޔާތައް ލިބެ އެވެ.
ކަނޑާފައިވާ މަސްތެއްޔެއް ހިފައިގެން އުނދުނާއި ދިމާއަށް ހިނގައިގަތް ވަގުތު، ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފި އެވެ. އަހަރެންގެ ފައި އެޅުނީ، ތަރަފާލުމައްޗަށް އެޅިފައި ހުރި ލޭފެން ފޮދަކަށެވެ. އިސާހިތަކު ކައްސާލައިގެން ވެއްޓިއްޖެ އެވެ. އަތުގައި އޮތް މަސްތެލި ބަންޑުންވީ، އަހަރެންގެ ގަޔަށެވެ. ބަޔަކު ހީގަތް އަޑު އިވުނެވެ. ކަމެއް ކުރަން ނޭނގޭ މޮޔައެކޭ ބުނެ، ގެއަށް ފޮނުވައިލަން ބުނަމުން ދިޔަ އެވެ. ތަދަށްވުރެ ބޮޑަށް ގަތީ ލަދެވެ. ދެލޯ ހުޅުވައިލަން ވެސް ނުކެރިފައި އަހަންނަށް އޮވެވުނެވެ.
ކޮންމެވެސް މީހަކު އެމީހެއްގެ އަތްދަނޑި މައްޗަށް އަހަރެންގެ ހަށިގަނޑު އުފުލައިލި ކަން އެނގުނެވެ. އެވަރުން ވެސް ދެލޯ ހުޅުވައިލަން ނުކެރިފައި އޮވެވުނީ އެވެ. ގަދައެއް ނުހަދަމެވެ. އެވަގުތަށް އެއީ އެންމެ ރަނގަޅުގޮތް ކަމުގައި ވިސްނުމުންނެވެ. އޭނާ އަހަރެން ގެންގޮސް ބޭއްވީ، އެ ގޭގެ ބޭރުގައި ބަހައްޓާފައިވާ އަށި މަތީގަ އެވެ.
"ދެން އޯކޭ ލޯ ހުޅުވިޔަސް... މިތާ މިހުރީ އަހަރެން އެކަނި... އެހެން މީހަކު ނެތް..." އިވުނީ އަޒްމަންގެ އަޑެވެ.
އެއަޑު އަހަންނަށް އޮޅޭނީ ކިހިނަކުން ހެއްޔެވެ؟ އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ވަށައިގެން ހޯދާލެވުނީ އިތުރު މީހަކު އެއިން ހިސާބެއްގައި ފެންނަން ހުރިތޯ އެވެ. އޭނާ ބުނިހެން އިތުރު މީހަކު ނެތެވެ.
ހުދު ކުލައިގެ ތުނި ޓީޝާޓަކާއި، ކަޅު ފަޓުލޫނެއްގައި ހުރި އަޒްމަންގެ ޓީޝާޓާއި މޫނުގައި ވެސް ލޭގެ އަސަރު ހުއްޓެވެ. ދެއަތަށް އަންގި ލައްވާފައި ހުރިއިރު، އަންގީގައި ވެސް އޮތީ، ހުސް ލެޔެވެ.
އަހަރެން އަވަސް އަވަހަށް އަށިމަތިން ފުންމައިލީމެވެ. ފައިވާނަށް އަރައިގެން ހިނގައިގަތް ވަގުތު އޭނާ އަހަރެންގެ އަތުގައި ހިފަހައްޓައިފި އެވެ.
އަހަރެންގެ އަތަށް ދަމާލަމުން އޭނާ އާއި ވީ ފަރާތަށް އަނބުރުވައިލި އެވެ. ޖީބަށް އަތް ކޮއްޕައިލާފައި އޭނާ ނެގީ ހުދުކުލައިގެ ރުމާލެކެވެ. އެއިން އަހަރެންގެ މޫނުގައިވާ ލޭތައް ފޮހެދޭން ފެށި އެވެ. އަހަންނަށް ޖެހިލެވުނީ ދުރަށެވެ. ސަލާމަތުން އޮތް އަތުން އޭނާ އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފައި، ކުރިއަށްވުރެ ކައިރިއަށް ދަމާލައިފި އެވެ.
"އަހަރެން ނޫޅެމޭ ކާލާކަށް... މޫނު ސާފުކޮށްލަންދެން މަޑުކޮށްލަބަލަ..." އަޒްމަން ވާހަކަ ދެއްކީ އަހަންނާއި ދޭތެރޭ ވިސްނާ މީހަކު ފަދައިންނެވެ. އެއަޑުގައި އެއްވެސް ދުރުކަމެއް ނެތެވެ. އަހަންނަކީ އޭނާގެ މީހެއް ފަދަ އެވެ. "ގަދަ ހަދަންޏާ، މިއަށްވުރެވެސް ކައިރިއަށް ގެންނަން ޖެހިދާނެ އިނގޭ..." ލާނެތް ރާގަކަށް އެހެން ބުނެލިއިރު، އެ ތުންފަތް މަތީގައިވީ ލުއި ހިނިތުންވުމެކެވެ.
އެ ރީތި ހިނިތުންވުން އަހަރެންގެ ހިތުގައި ރައްކާކޮށްލަން ހިތް އެދެވުނެވެ. އޭނާގެ މޫނުން ނަޒަރު ވަކިކޮށްލަން ދަތި ވިއެވެ. އޭރު ސުވާލުތަކުން ހިތް ފުރެމުން ދިޔަ އެވެ. އަހަރެންގެ އިހުސާސްތަކާއި ދޭތެރޭ އޭނާ ވިސްނަންވީ، ކީއްވެ ހެއްޔެވެ؟ އެފަދަ އަޅާލުމާއި އޯގާތެރިކަމެއްގެ ފަހަތުގައި ވަނީ ކޮން ކަމެއް ހެއްޔެވެ؟
އަހަރެންގެ މޫނު ފޮހެދެމުން ދިޔައިރު، ކަޅި ޖަހާވެސް ނުލައި، އަހަންނަށް ބެލެމުން ދިޔައީ އޭނާގެ މޫނަށެވެ. އެއްވެސް ދެއްކުންތެރި ކަމެއް ނެތެވެ. ލޯތްބާއި އަޅާލުން ފިޔަވައި އިތުރު އެއްޗެއް އެމޫނަކުން ނުފެނުނެވެ. ދެލޯ ކަރުނުން ފުރެން ފެށުމުން، އަވަހަށް ދުރަށް ޖެހުނީމެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް، ގޯތިތެރެއަށް ވަދެވުނު ގޮތްވެސް ނޭނގުނެވެ.
********
ހަފުތާއެއް ފާއިތުވެދިޔައިރު، ކޮންމެ ދުވަހަކު ވެސް މަސްކައްކާ ތަނުން އަޒްމަން އާއި ބައްދަލު ވެއެވެ. އަހަރެން ހުންނަނީ އެތަނަށް ދާންޖެހޭ ގަޑި ނުޖެހިގެންނެވެ. ކޮންމެ ދުވަހަކު އަހަރެންގެ އެތައް ތަސްވީރެއް އޭނާ ނަގަ އެވެ. ވާހަކަ ދައްކަން މަސައްކަތް ކުރެ އެވެ. އަހަރެން އެ ފުރުސަތެއް ނުދެމެވެ. އެކަމަކު، އެކަމަށް ހިތް އެދެވެ އެވެ. އެ އަޑު އަހާލާ ހިތް ވެއެވެ. އެ ސޫރަ ފެނުމުން ވެސް ހިތަށް ހަމަޖެހުން ލިބެ އެވެ. ހިނިތުންވެލައިގެން އަހަންނަށް ބަލަން ހުންނަ މަންޒަރުން އަހަރެންގެ ހިތަށް އުފާވެރިކަން ލިއްބައިދޭން ފެށި އެވެ. ނޭނގި ނަމަވެސް، އޭނާގެ ކޮންމެ އަދާއަކަށް، ހިތުން ޚާއްސަކަމެއް ދެވެން ފެށުނެވެ.
"ނީހާ ކޮންމެ ދުވަހަކު ވަރުގެ ކޮޅަށް ނަލަހެދިގެން މަސްކައްކަން ދާ ވާހަކަ މުޅި ރަށުގަ އެބައޮތޭ... ކާކަށް ފޮނިދައްކަންތަ ތިވަރަށް ނަލަހެދިގެން ތިދަނީ؟... ލަދުން ބޯހަލާކު ވާވަރު ވެއޭ، މީހުން ކިޔާ އެއްޗެހިން... ޝަހާދެއް މިބުނީ..." އަހަރެން ކޮޓަރިން ނުކުތުމާއިއެކު، ބޮޑު ދައިތަ ނުރުހިފައި ބުންޏެވެ.
"އެ ޝަރުމީލާ އެބުނީ ހަމަ ތެދެއް... މީނާ މިދަނީ އެތާ އުޅޭ ފިރެހެނުންނަށް ފޮނި ދައްކާށޭ... ބޮލާ އެއްޗެހި އޮމާންކޮށްލައިގެން، ކޮންމެ ދުވަހަކު ވައްތަރެއްގެ މަލެއް ބޮލުގަ ޖަހައިގެން ދިޔަސް، މީހަކު ނޫޅެއޭ ތިދައްކާ ފޮނި ބަލާކަށް... މީގެ ކުރިން ދުވަހަކު ލޮލުގަ އަނދުން ވެސް އަޅާ މީހެއް ނޫނޭ މީކީ..." ފުންމައިގެން ގޮނޑިން ތެދުވަމުން ބޮޑުދައިތަ އައީ ސީދާ އަހަންނާއި ދިމާއަށެވެ. ލިބުނު ސިހުމުގައި ފަހަތަށް ޖެހިލެވުނެވެ. ބޮޑުދައިތަ އައިސް، އަަހަރެންގެ ކަންފަތް ދަށަށް ލައްވާލާފައި އޮތް ފިޔާތޮށި ފިނިފެންމާ ދަމައިގަތެވެ. އިސްތަށިތަކަށް ވާންވުމާއިއެކު، އަހަރެންގެ އަނގައިން ނުކުތީ ވޭނީ އާހެއްގެ އަޑެވެ.
"ކޮން އާ އެއް ކިޔާކަށް... އެހެން މީހުން ލަދުގަންނުވާކަށް ކޮންމެހެން ތިފާޑަށް އުޅޭނެ ކަމެއް ނެތް... ދުނިޔޭން އަންހެނުން ހުސްވިޔަސް، ކަލެޔާ ދިމާއަށް ލޯބިން ބަލައިލާނެ ފިރެހެނަކު ނުވާނެ ކަން މަށަށް ޔަޤީން..." މާ ފިސްފިސްކޮށްލާފައި އަހަރެންގެ މޫނާއި ދިމާއަށް އުކާލަމުން ބޮޑުދައިތަ ބުންޏެވެ.
ކަރުނަތައް ހިންދައިލެވޭތޯ މަސައްކަތް ކުރަމުން، ގެއިން ނުކުތީމެވެ. އެފަދަ ވިހަގަދަ ބަސްތަކެއް ބޮޑުދައިތަ އެބުނަނީ ކީއްވެ ހެއްޔެވެ؟ އަޅާލުމާއި އޯގާތެރިކަން ދޭން ހުރި މީހަކީ، އެއީ އެވެ. އެކަމަކު، ހިތްދަތިކަން ފިޔަވައި އިތުރު އެއްޗެއް ނުލިބެ އެވެ.
ހޭވިފައިވާ އިސްތަށިގަނޑު ރަނގަޅުކޮށްލަން ވެސް ހަނދާންވީ، މަގުމަތިން ހިނގާފައި ދިޔައިރު، އަހަންނާއި ދިމާއަށް ބަލާފައި މީހުން ހޭތަން ފެނުމުންނެވެ. އަމިއްލަ ނަފުސުގެ މައްޗަށް އަހަންނަށް ކުޑަވެސް ޙައްޤެއް ނެތީ ބާއޭ ހިތަށް އެރި އެވެ.
އަހަރެން ދިޔައިރު އަޒްމަން ހުރީ، މަސްކައްކާ ގެ ހުންނަ މަގުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. އަހަރެންގެ އިންތިޒާރުގައި ކަން އެނގުނީ، އަހަރެން ފެނުމުން އެ ތުންފަތް މައްޗަށް ވެރިވި ފުޅާ ހިނިތުންވުން ފެނުމުންނެވެ. އަހަރެން ކައިރިއަށް އަންނަމުން ދިޔަ ވަރަކަށް، އޭނާގެ ހިނިތުންވުން ފަނޑުވަމުން ދިޔަ އެވެ.
އަހަރެން އުޅުނީ، އެއްޗެއް ނުބުނެ ގޯތިތެރެއަށް ވަންނާށެވެ. އަޒްމަން އަހަރެންގެ އަތުގައި ހިފަހައްޓައިފި އެވެ. ހާސްވެފައި ވަށައިގެން ހޯދައިލެވުނީ އެ މަންޒަރު އެހެން މީހަކަށް ފެނިދާނެތީ، ޖެހިލުންވީ ވަރުންނެވެ. އޭނާގެ އަތް ފޮޅުވާލަން އުޅުމުން ވެސް ދުލެއް ނުކުރި އެވެ. ކުރިއަށްވުރެ ބާރަށް އަަހަރެންގެ އަތުގައި ހިފަހައްޓައިގެން އޭނާ ހިނގައިގަތީ، އަތިރިމައްޗާއި ދިމާއަށެވެ. އެއްވެސް މީހެއްގެ ޚިލަމެއް ނުވާހާ ދުރަށް ގޮސްފައި އޭނާ އަހަރެންގެ އަތުން ދޫކޮށްލި އެވެ. ދެކޮނޑުގައި ހިފާފައި ބިންމަތީގައި ބައިންދައިފި އެވެ.
އެއްވެސް އެއްޗެއް ބުނުމެއްނެތި އަހަރެންގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ވާހެން އޭނާ އިށީނެވެ. ޖީބުން ރުމާލެއް ނަގާފައި މޫނު ފޮހެލަދޭން ފެށި އެވެ. ދެލޯ ކައިރި ސާފުކޮށްލަދީފައި ރުމާ ދުރުކޮށްލިއިރު، އޭގައި އޮތީ ހުސް އަނދުނެވެ. ކަރުނައިގެ ސަބަބުން އެ އަނދުންތައް އަހަރެންގެ މުޅި މޫނަށް ފޭދިފައި ހުރި ކަން އެނގުމުން ލަދުން ހަލާކުވާވަރު ވިއެވެ. ޖަހާނޭ ވައްތަރު ސިފަކޮށްލެވުނެވެ. އެހުރިހާ ކަމަކާއި ވިސްނުމުން، މޫނުގައި ދެއަތް އަޅައި ފޮރުވާލީމެވެ.
"އަހަރެން ވަރަށް ދެރަވޭ ނީހާ އަބަދު ދެރަވެފަ ހުންނަ ތަން ފެންނާތީ... މިވާހަކަ އަހަންނަށް ބުނެވުނު އަދަދު ވެސް ނޭނގޭ..." އަޒްމަންގެ އަޑުގައިވީ އޯގާތެރި ކަމެވެ. "ނީހާ ބޭނުމިއްޔާ، އަހަރެން މިހުރީ ނީހާ ދައްކާ ވާހަކަ އަޑުއަހަން ތައްޔާރަށް... އެހީއެއް ވެދެވޭނީ ވެސް، ނީހާއަށް ވީގޮތެއް ވެސް އެނގުނީމަ އެއްނު... މިއަތް ދުރުކޮށްލަބަލަ... އަހަރެން ނޫޅެމޭ ގޮތެއް ހަދާކަށް..." އަހަރެންގެ ދެއަތް ދުރުކުރަން މަސައްކަތް ކުރަމުން އަޒްމަން ބުންޏެވެ.
މޫނުން ދެއަތް ވަކިވުމާއިއެކު، ކަރުނަތަކެއް ނުހިފޭއްޓުނެވެ. ހިތްވަރުދޭން އޭނާ އެތައް ވާހަކައެއް ދެއްކި އެވެ. އެތައް އިރަކު ރޮއެފައި އަހަރެންގެ ޝަކުވާތަކުގެ އަޑު، ދުލާއި ހަމައަށް ފޯރައިފި އެވެ. އެންމެން އަހަރެން ބާކީކޮށް ނިކަމެތިކޮށްލަނީ ކީއްވެތޯ ސުވާލު ކުރެވުނެވެ. ދުވަހަކު ވެސް އުފަލެއް ނުލިބޭނެތޯ އެތައް ފަހަރަކު އެހުނެވެ. ބޮޑުދައިތަގެ ލޯތްބާއި އަޅާލުން ނުލިބޭ ތަނުގައި އަނިޔާ ކުރާ ވާހަކަ އާއި މިއަދު އަހަންނާ ދިމާއަށް ކީ އެއްޗެހީގެ ވާހަކަ ބުނެވުނީ ވެސް ވެފައި އިން ދެރައެއްގެ ބޮޑު ކަމުންނެވެ. އެހުރިހާ ވާހަކައެއް އަޑު އަހަން، އަޒްމަން އިނީ ޝައުޤުވެރިކަމާއި އެކުގަ އެވެ. އެއީ އަހަރެންގެ ދުލުން ޝަކުވާއެއްގެ އަޑު ބޭރުވި ފުރަތަމަ ފަހަރުކަމުންނާއި، އެ ޝަކުވާތަކުގެ އަޑު މީހަކު އެހި ފުރަތަމަ ފަހަރު ކަމުން، ހިތަށް ފުން އަސަރުތަކެއް ކުރުވި އެވެ. ހަމަ އެއާއިއެކު، ލުޔެއް ލިބުނު ހެންވެސް ހީވި އެވެ.
"އޯކޭ!... ހިނގާ ބޮޑުދައިތަ ކައިރިއަށް..." އަޒްމަން ތެދުވެ އަހަރެންގެ އަތުގައި ހިފައި ކޮޅަށް ނެގި އެވެ. "ނީހާ އާ ރައްޓެހިވާނެ ޒުވާނުން ވާނެކަން ބޮޑުދައިތައަށް އެނގެން އެބަޖެހޭ... އަހަރެން ބޭނުން ނީހާ އާ ދިމާއަށް އެއްޗެހި ކިޔާ އެންމެންގެ އަނގަ ބަންދު ކުރަން..." އަޒްމަން ހުރީ، ހިތްހަމަނުޖެހިފަ އެވެ.
އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭނާ އަހަރެންގެ އަތަކުން ދުލެއް ނުކުރި އެވެ. އެ އަޒުމަށް ބަދަލެއް ނާންނަ ކަން އެނގުނީ، އޭނާގެ މޫނުމަތީގެ އަސަރުތައް ހުރި ގޮތުންނެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރިއިރު، އަހަރެން އެއްބަސްވާނޭ އިރަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔަ ކަހަލަ އެވެ.
"އަހަރެން ބުނާނަން ތީ އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ އޭ... އޭރުން އެކަކަށް އެކައްޗެއް ވެސް ނުކިޔޭނެ... ހިނގާ އަހަންނާ އެކީ..." އަހަރެން އެއްޗެއް ނުބުނާނެކަން އެނގުމުން، އަޒްމަން ބުންޏެވެ. އެއްވެސް ޖެހިލުންވުމެއްގެ އަސަރު އެ އަޑުގައި ނުވެ އެވެ.
(ނުނިމޭ)