އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ ހަނދާންވުމުން، އަހަރެންގެ ހިތް ރޮއެގަތެވެ. އަޒްމަންގެ މަންމަ އެކަނި އަހަރެމެންނާއިއެކު ހުރި ނަމަވެސް، މުޅި އާއިލާ އެކީގައި އެ އޮތީ، އަހަރެމެންނާއި އިދިކޮޅަށެވެ. ކުރިމަތިވާން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއް ކަމެއް ނޭނގެ އެވެ. އަހަރެންގެ ހިތް ތެޅެންފެށީ މާ ވަރަކަށެވެ. އަޒްމަންގެ އާއިލާގެ މީހުން، އަހަރެން އެގޭގައި ދިރިއުޅުނަކަ ނުދޭނެއޭ ވެސް ހިތަށް އެރި އެވެ. ހާސްކަން ފޮރުވަމުން ހިނިތުންވެލީމެވެ. އެހެނަސް، އަހަރެންގެ އިހުސާސްތައް ޝިމްނާއަށް އެނގިއްޖެ އެވެ. އޭނަ އައިސް އަހަރެންގެ ގައިގައި ބައްދާލައިފި އެވެ.

"ހާސްނުވޭ... ހުރިހާ ކަމެއް ވެސް ފަހުން ރަނގަޅު ވާނެ... އަޒްމަން އަކީ ވަރަށް ލޯބި މީހެއް... އޭނަ ނީހާއަށް ދެރަވާގޮތަކަށް ކަމެއް ނުކުރާނެ... އަހަންނަށް ހަމަ ޔަޤީން..." އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ޝިމްނާ ބުންޏެވެ.

އަހަންނަށް ރޮވެން ފެށުނީ އޭނާގެ އޯގާތެރި ބަސްތައް އަޑު އިވުމުން ހިތަށް ކުރި އަސަރަކުންނެވެ. އެފަދަ ރަނގަޅު އެކުވެރިއަކު ލިބުނީތީ ޝުކުރުވެރި ވެވުނެވެ.

"މިކަހަލަ ލޯބި ކުއްޖަކު ލިބޭނީ ހާދަ ނަސީބު ރަނގަޅު މީހަކަށޭ..." އަހަރެންގެ ކަރުނަތައް ފޮހެދެމުން ޝިމްނާ ވާހަކަ ދެއްކި އެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހަފުތާއެއް ނިމިގެން ދިޔައީ، ހީވެސް ނުކުރާހައި އަވަހަށެވެ. ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. ރަން ކީ ދުވަހު ދިޔަގޮތަށް، އަހަރެންގެ ލޮލަކަށް އަޒްމަން އެއް ނުފެނެ އެވެ. ވީ ކިހިނެއް ކަމެއް ނޭނގުނެވެ. އަޒްމަންގެ އާއިލާގެ ޚަބަރެއްވެސް ނުވެ އެވެ. އަހަރެން ޤަބޫލުކުރީ ދެކުނު ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލިވީ ކަމަށެވެ. އާއިލާގެ ބިރަށް އަޒްމަން ނައިޝާ އާއި ކައިވެނި ކުރީ ބާއޭ ވެސް ހިތަށް އެރި އެވެ.

ފިކުރުތަކުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ކުލަނުވާނޭ ހުވަފެންތަކެއްގެ އަސަރު އަހަރެންގެ މުޅި ޖިސްމަށް ކުރުވައިފި އެވެ. އެ ހުވަފެންތަކަށް ފުރުސަތު ދެވުމުން އަމިއްލަ ނަފުސަށް އަޑު ލެވުނެވެ. އަބަދުމެ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހޭތީ، މުޅި ދުނިޔެމަތީން ފޫހިވާން އުޅުނެވެ.

ކައިވެންޏަށް އަހަރެން ކުޑަވެސް ތައްޔާރީއެއް ނުވަމެވެ. އެކަމަކު، ކައިވެނި ކުރަން ހަމަޖެހުނު ދުވަހުގެ ހެނދުނު އެރި އިރާއިއެކު، އަހަރެންގެ އިންތިޒާރު ފެށިއްޖެ އެވެ. އެކަމަށް އަހަރެންގެ އަމިއްލަ އެއްވެސް އިޚުތިޔާރެއް ނެތެވެ. ފާއިތުވެގެންދިޔަ ކޮންމެ ސިކުންތަކުމެ، އިންތިޒާރު ކުރެވެމުން ދިޔައީ އަޒްމަން އަށެވެ. އަބަދުމެ، ހުރެވުނީ ސިޓިންގްރޫމުގަ އެވެ. ނޫނީ، ބާލު ޚާނާއަށް ނުކުމެ ބޭރު ބަލައިލެވެ އެވެ. ހިތް ބުނީ އޭނާ އަންނާނެ ކަމަށެވެ. އަހަންނަށް އޮޅުވައި ނުލާނޭ ކަމަށެވެ.

ވަގުތު ފާއިތުވަމުން ދިޔަ ވަރަކަށް އަހަރެން މާޔޫސް ވާން ފެށި އެވެ. ކަރުނަ ފިޔަވައި އިތުރު އެއްޗެއް ނަސީބުގައި ނުވާކަމަށް ޤަބޫލުކުރަން މަޖުބޫރުވީ، އިރު އޮއްސި މުޅި ގޭތެރެއަށް އަނދިރިކަން ވެރިވުމުންނެވެ. ބޮތްކެއްވެސް ދިއްލައިލަން ދާނެ ހިއްވަރެއްނެތި، ޖެހި ބުދެއްހެން އަހަންނަށް އިނދެވުނީ ސޯފާގަ އެވެ. އޭރު ކެތްތެރިކަން ކޮޅުންލައިފި އެވެ. ދެލޯ ފުރިގެން ކަރުނަތައް ބަންޑުންވާކަށް ގިނައިރެއް ނުނެގި އެވެ.

މާޔޫސްކަން ހަތަރުފަރާތް ވަށާލާފައި ވަނިކޮށް، ބޭރު ދޮރަށް ތަޅުދަނޑި ޖެހި އަޑު އިވުނެވެ. އެދިމާއަށް ބަލައިލަން ވެސް ބޭނުން ނުވެފައި އަހަރެން އިންދައި ކޮނޑުމަތީގައި ކޮންމެވެސް މީހަކު އަތް ބާއްވާލައިފި އެވެ. ލަސްލަހުން އިސްއުފުލައި އެމީހެއްގެ މޫނަށް ބަލައިލެވުނުއިރު، މުޅި ތަނުގައި ހިފައިލި ލުއި ސެންޓުގެ މީރުވަސް އަހަރެންގެ ނޭފަތުގައި ޖެހިއްޖެ އެވެ. އެއީ އަހަންނަށް އައު ވަހެއް ނޫނެވެ. ހަމައެކަނި އެ ވަހުން ވެސް ސިކުނޑިއަށް ލުއިކަމެއް ލިބުނުހެން ހީވެއްޖެ އެވެ.

"އަޒްމަން!..." އަހަންނަށް ހިތާއިހިތުން ކިޔައިލެވުނެވެ.

އަޒްމަން ހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓުލޫނެއްގަ އެވެ. ބޮލުގެ އިސްތަށިގަނޑު މެދުން ހިއްލައި ހަރުކޮށްލާފައިވާގޮތުން ހިތުގެ އަޑިން ތަޢުރީފު ކުރެވުނެވެ. އެތައް ދުވަހަކަށްފަހު ފެނުމުން، އެ މޫނުން ކޮންމެ ގުނަވަނަކަށް ވަކިވަކީން ބަލައިލަން ބޭނުން ވިއެވެ.

އަޒްމަން ހެޔޮ ޙާލުގައި އަހަރެންގެ ކުރިމަތީގައި ހުރިތަން ފެނުމުން، ހިތަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. އެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނދެވުނެވެ. ހުދު އަޒްމަން ވެސް އަހަރެންގެ މޫނަށް ބަލަން ހުރީ ހިތްދަތި ނަޒަރަކުންނެވެ. ހުއްޓުމެއްނެތި ދެލޮލުން ކަރުނަ އޮހެމުންދިޔަކަން އެނގުނީ، އަޒްމަން ތިރިވެ، އަހަރެންގެ ދެލޮލުން އޮހެމުންދިޔަ ކަރުނަތައް ފޮހެލައި ދިނުމުންނެވެ.

"ނީހާ!... ދޭ ތައްޔާރުވެލައިގެން އަންނަން..." އަޒްމަން އެދުނެވެ.

ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން ވަގުތުން ތެދުވީމެވެ. އަހަރެން ހީކުރީ، އަޒްމަން އެހެން އެބުނީ، އަހަރެން އެވަރަށް ރޮއެފައި ހުރުމުން ކަމަށެވެ. ކޮޓަރި އާއި ހަމައަށް ގޮސްފައި ފަސްއެނބުރި ބަލައިލެވުނީ، އަނެއްކާވެސް އަޒްމަން ގެއްލިދާނެކަމުގެ ބިރު ހިތުގައި އުފެދުމުންނެވެ. އަޒްމަން އިނީ އޭނަގެ އަތުގައި އޮތް ފޯނާއި ކުޅޭށެވެ. އޭނަ އަހަންނާއި ދިމާއަށް ބަލައިލަން އުޅޭހެން ހީވެ، އަވަސްއަވަހަށް ކޮޓަރިއަށް ވަނީމެވެ.

މޫނުދޮވެލައިގެން ނުކުމެ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލެވުނެވެ. މިލާފައިވާ މޫނުމަތި އުޖާލާކޮށްލަން ހިތް އެދުނެވެ. ޝިމްނާ ދިން ފުޅިއަކުން އެތިކޮޅެއް އުނގުޅައިލީމެވެ. ގަޔަށް ސެންޓުކޮޅެއް ޖަހައި ބުރުގާގައި ދައްޗެއް ވެސް ޖަހައިލީމެވެ. އަޒްމަންގެ ކުރިމަތީގައި ރީތިވާން އެނޫނީ އަހަރެންގެ ހިތަށް ނުވެސް އަރަ އެވެ.

އަހަރެން ނުކުތްއިރު ހައިރާންކަމެއް ލިބުނީ ސިޓިންގްރޫމުގެ ޙާލަތު ފެނުމުންނެވެ. ހުރިހާ ސޯފާތައް އެއްފަރާތްކޮށްފައި މެދުގައި ހުރީ ބޮޑު މޭޒެއް ބަހައްޓާފަ އެވެ. މޭޒުގެ ދެފަރާތުގައި ގޮނޑި ޖަހާފައިވާއިރު، އެއްކޮޅުގައި ޚާއްސަ ގޮނޑިއެއް ބަހައްޓާފައި ހުއްޓެވެ. ގޭގެ އެއްވެސް ތަނަކުން އަޒްމަން ފެންނާކަށް ނެތެވެ. މިޝްރާ ވެސް މެއެވެ.

އަހަރެން ގޮސް މޭޒު ކައިރީގައި ހުއްޓިލި ވަގުތަކީ، ބޭރު ދޮރު ހުޅުވައިލި ވަގުތެވެ. އަހަރެންގެ ނަޒަރު މޭޒުން ވަކިކޮށެއް ނުލެވުނެވެ. އޭގެ މަތީގައި އަޅާފައި ވަނީ އޮފު ހުދު ފޮތިގަނޑެކެވެ. މޭޒުގެ މެދުގައިވާ ހިތުގެ ބައްޓަން ހަދާފައި ވަނީ ތާޒާ ރަތް ފިނިފެންމަލުގެ ފިޔަ ބޭނުން ކޮށްގެންނެވެ.

ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެން އަހަރެން ބަލައިލީމެވެ. ރަސްމީ ހެދުމުގައި ތިބި ބަޔަކު އައިސް ގޮނޑިތަކުގައި އިށީންނަން ފަށައިފި އެވެ. އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ. އަވަސް އަވަހަށް ފަހަތަށް ޖެހިލެވުނެވެ. މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް، އަހަރެން އުޅުނީ ކޮޓަރިއަށް ވަންނާށެވެ. އެވަގުތު ކޮންމެވެސް މީހަކު އަހަރެންގެ އަތުގައި ހިފައި ދަމައިގެންފި އެވެ.

"ކޮންތާކަށް ފިލާކަށް؟..." އިވުނީ ޝިމްނާގެ އަޑެވެ. "މިއަދަކު ނުފިލޭނެ..."

އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. ޝިމްނާވެސް ހަމަ އެފަދައިން ކަން ކުރި އެވެ. އޭނަ އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެތަނުން ގޮނޑިއެއްގައި ބައިންދައިފި އެވެ. އޭނާ ހުރީ އަހަރެންގެ ފަހަތުގައި ކޮޅަށެވެ. އިރުކޮޅަކުން އަހަރެންގެ ދެކޮނޑުގައި ހިފާފައި، ގޮނޑީގައި ބުރަކަށި ޖެއްސުވި އެވެ. ހާސްވެގެން ނިތްކުރިމަތީން ދާ ހިއްލާލި އެވެ. ކައިރީގައި އިނީ އަޒްމަން ކަން އެނގުނީ ވެސް، އޭނާ އަހަރެންގެ އަތް މަތީގައި އަތް ބާއްވައިލުމުންނެވެ. އެ އަތްވެސް ވަނީ ފިނިވެފަ އެވެ.

ވާނުވާ ނޭނގިފައި އިންދައި، ޚާއްސަ ގޮނޑީގައި އިން މީހާ ވާހަކަ ދައްކަން ފަށައިފި އެވެ. ކުރަން އުޅެނީ ކޮން ކަމެއް ކަން އެނގުމުން، ދެލޯ ބޮޑު ވިއެވެ. ޝިމްނާ އާއި ދިމާއަށް ބަލައިލެވިއްޖެ އެވެ. އޭނާ ބޯޖަހާލާފައި، ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމުގައި ބުންޏެވެ.

ބިރުން އިނުމުން، ޤާޒީ ދެއްކި ވާހަކަތައް އަހަންނަށް ރަނގަޅަށް ފަހުމުވާ ގޮތެއްވެސް ނުވި އެވެ. އެކި ވާހަކަތައް ދައްކަމުން ގޮސް، ޤާޒީ ސުވާލެއް ކުރި ކަން ވެސް އެނގުނީ، ޝިމްނާ އަހަރެންގެ ކޮނޑުގައި ދެއަތުން ހިފަހައްޓައި ކުޑަކޮށް ތަޅުވައިލުމުންނެވެ.

"އަނބި ޤަބޫލުކޮށްފިން ހޯ؟..." ޝިމްނާ އަހަރެންގެ ކަންފަތްދަށުގައި ވައި އަޑުން ބުންޏެވެ.

އަހަންނަށް ބަލައިލެވުނީ އަޒްމަންގެ މޫނަށެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޭނާ އަހަރެންގެ މޫނަށް ބަލާލައިފި އެވެ. އެހާ ކެރޭ މީހަކު އެ ވަގުތު ފިނޑިއަކަށް ވެފައިވާވަރު އަހަންނަށް ރީތިކޮށް ފެނުނެވެ. އޭނާއަށް އެވަރުވާއިރު، އަހަންނަށް ވާނީ ކިހާ ވަރެއް ހެއްޔެވެ؟ އަހަރެން އިނީ ހަދަންވީގޮތެއް ނޭނގިފަ އެވެ. އެހެން އިންދައި، އަޒްމަން އެއްޗެއް ބުނި އަޑު އިވުނެވެ. އޭނާ ކަރު ކެހިލާފައި އެ ޖުމްލަ ތަކުރާރުކޮށްލައިފި އެވެ.

"އަނބި ޤަބޫލު ކޮށްފިން..." އަޒްމަން އެ ޖުމްލަ ފުރިހަމަ ކުރީ، އަހަރެންގެ ދެލޮލުން ނަޒަރު ވަކިކޮށްލުމެއް ނެތި އެވެ.

އަހަރެންގެ މުޅި ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. އުފަލުން ގޮސް، ހިނިތުންވެލަން ވެސް ނޭނގުނެވެ. އަހަންނަކީ މިހާރު މީހެއްގެ އަނތްބެއް ހެއްޔެވެ؟ މި ވަގުތުން ފެށިގެން އަހަންނަކީ، މުޅި ދުނިޔެއިން ވެސް އަހަރެން އެންމެ ގަޔާވާ އަދި އެންމެ އިތުބާރު ކުރާ މީހާގެ އަނބިމީހާ އެވެ. އެހެން ހިތަށް އެރުމުން ވެސް ހިތް ފުރި އުތުރި އަރައިގަތެވެ.

"މަރުޚަބާ..." އަހަރެންގެ ކަންފަތް ކައިރިއަށް ގުދުވެފައި، ޝިމްނާ ބުންޏެވެ.

އަހަރެން އިނީ ގުޑިލަން ވެސް ނުކެރިފަ އެވެ. ކުރެވެމުންދިޔަ އިހުސާސް ބަޔާން ކުރަން ނޭނގޭހައި އުފާވެރި އެވެ. މުޅި ހަށިގަނޑު ފިނިވާން ފެށި އެވެ. މަޑު ތުރުތުރެއް އުފެދިގެން ގޮސް، ބަނޑުގައި އެއްޗެހިތަކެއް ދުވާހެން ވެސް ހީވި ވަގުތުކޮޅެއް ދިޔަ އެވެ.

އެކި ނަސޭހަތް ދިނުމަށްފަހު ޤާޒީ އޭނާގެ ވާހަކަ ނިންމައިލި އެވެ. ކައިވެނީގައި ބަރަކާތްލައްވައި، ބާއްޖަވެރި ދުވަސްތަކަކަށް އެދުނެވެ. ތަހުނިޔާގެ ބަސްތައް އިވުމުން، ކުރެވުނީ މުޅީން އައު އިހުސާސެކެވެ. އެފަދަ އުފާވެރި ދުވަހެއް އަހަރެންގެ މުޅި ޙަޔާތުގައި ވެސް އައި އެއީ ފުރަތަމަ ފަހަރެވެ. މުޅި ކާއިނާތުގައިވި ހުރިހާ އުފަލެއް އަހަރެންގެ ކުރިމައްޗަށް ޖަމާވި ކަމުގެ އިހުސާސް ކުރެވުނެވެ.

ކައިވެނީގެ ސައިގެ ކަންތައް ހަމަޖައްސާފައި އޮތީ ކާގޭގަ އެވެ. އެހުރިހާ ކަމެއް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަޒްމަން ހަމަޖެއްސުމުން އަޖައިބު ވިއެވެ. ކެއުމާއިގެން އެންމެން މަސްޢޫލުވެ އުޅެން ފެށުމުން، އަހަރެން ގޮސް ވަނީ ކޮޓަރި އަށެވެ. ވުޟޫޢު ކޮށްލައިގެން އައިސް ފުރަތަމަ ވެސް ޖެހުނީ، ޝުކުރުގެ ސަޖިދަ އެކެވެ. މަރުވުމުގެ ކުރިން، އަނތްބެއްގެ ލަޤަބު ލިބުނީތީ އެވެ. މުޅި ދުނިޔެއިން އެންމެ ގަޔާވި މީހާ އާއި ކައިވެނި ކުރެވުނީތީ އެވެ. ހުރިހާ އުފަލެއް ލިބުނީ، މާތްﷲ އަހަންނަށް އެ އުފާ މިންވަރު ކުރެއްވުމުންނެވެ.

ނަމާދުކޮށް ނިންމައިލިގޮތަށް ދުޢާއަށް އަތް ނެގުނެވެ. އެ އުފާ އަބަދުގެ އަބަދަށް ލަހައްޓަވާތޯ އެންމެ މަތިވެރި މާތްﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުނެވެ. ހިތުގެ އަޑު ބަންޑުން ކުރަމުން ދިޔައިރު، އަހަރެންގެ ދެލޮލުން ކަރުނަ އޮހެ އެވެ. އެއީ ހަމައެކަނި ލިބުނު އުފަލެއްގެ ސަބަބުން އައި ކަރުނަ އެކެވެ.

އަހަރެން ނުފެނިގެން ޝިމްނާ އައިސް ކޮޓަރިއަށް ވަނީ، މުސައްލަ އޮޅާލުމަށްފަހު، މޭޒުމަތީގައި ބާއްވައިލަނިކޮށެވެ. އަހަރެން ނަމާދު ކުރިކަން އެނގުމުން ކަންނޭނގެ އެވެ. އޭނާ ބަލަން ހުރީ ހައިރާން ވެފަ އެވެ.

"ހިތަށް އަރާ އަބަދު ނީހާ އާ އެކީ އުޅެވޭނެ ނަމައޭ... މިހާރު އަހަންނަށް ނަމާދާ މާ ބޮޑަށް ދުރުވެވިއްޖެ..." ޝިމްނާ ދެރަވެލާފައި ބުންޏެވެ.

އޭނާ އައިސް އެނދުގައި އިށީނެވެ. އަހަރެން އައިސް ކައިރީގައި ހުއްޓުމުން ފެށީ، މިޝްރާ ހެދިކާ ކާން މާ ފޯރިއެއް ހުރި ވާހަކަ އެވެ.

"ހިތަށް އަރާ ބޭބީއެއް ހޯދަން... ވަރަށް އެކަނިވާހެން ހީވާ ދުވަސްކޮޅެއް..." ޝިމްނާ ވާހަކަ ދެއްކީ މާޔޫސްވެފައިވާ ކަހަލަ ރާގެއްގަ އެވެ. އޭނާ އެކި ފަހަރު އެކި މައުޟޫޢުއަށް ވާހަކަ ބަދަލުކުރާލެއް އަވަސްކަމުން، އަހަރެން އިނީ ވާހަކަ ދައްކަންވީ ކޮން ކަމަކާއި ގުޅޭގޮތުން ކަމެއް ނޭނގިފަ އެވެ.

"ނަމާދުކޮށް ދުޢާ ކުރީމަ، ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ހިނގައިދާނެ..." ޝިމްނާގެ ކައިރީގައި އިށީންނަމުން އަހަރެން ބުނީމެވެ.

އަހަންނަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް، ޝިމްނާ ފުންމައިގެން ތެދުވެއްޖެ އެވެ. ހަމަ އެބާރުމިނުގައި އަހަރެންގެ ދެއަތުގައި ހިފައި ކޮޅަށް ނަގައިފި އެވެ.

"އަދިވެސް އިންނަނީތަ؟... ދެންމެ އޭ ތި އައީ އަޒްމަން ކިޔާ މީހަކާ އިނދެފަ... ދެން މިތާ އިންނާނެ ކަމެއް ނެތެއްނު... ހިނގާ ބޭރަށް... ފިރިކަލުން އެބަ ހޯއްދަވައޭ..." ޝިމްނާ ވާހަކަ ދެއްކީ އާދައިގެމަތީން އޭނާ ވާހަކަ ދައްކާ ލާނެތް ރާގުގަ އެވެ.

މުޅި ގައިން ހީބިހި ނަގައިގެން ދިޔައީ އެންމެ ލަފުޒެއް އަޑު އިވުމުންނެވެ. އަޒްމަންއަކީ މިހާރު އަހަރެންގެ ފިރިމީހާ އެވެ. އަދިވެސް ހީވަނީ ހުވަފެނެއްގެ ތެރޭގައި އުޅެވޭ ހެންނެވެ. އެކަން ޤަބޫލުކުރަން ހިތް އެއްބަސް ނުވަނީ ކީއްވެ ކަމެއް ނޭނގުނެވެ. ހިތް ބުނަމުން ދިޔައީ، އެއީ ހަޤީޤަތެއް ނޫން ކަމަށެވެ.

"ހިނގާބަލަ ދެންވެސް ނުހުރެ..." އަހަރެންގެ އަތުގައި ހިފައި ދަމައިގަންނަމުން ޝިމްނާ ބުންޏެވެ.

ދެމީހުންނަށް ނުކުމެވުނީ، ދާރިޝް އާއި ޝަރުވާންގެ ކުރިމައްޗަށެވެ. އެ ދެމީހުންގެ ނަޒަރު ވެސް ފުރަތަމަ ހުއްޓުނީ އަހަންނަށެވެ. އަހަރެން އަވަސް އަވަހަށް އިސްޖަހައިލީމެވެ.

"މަރުޚަބާ..." އިވުނީ ޝަރުވާންގެ އަޑެވެ.

ދާރިޝް އެއްޗެއް ނުބުނެ އެވެ. ޝަރުވާން އާއިއެކު ޝިމްނާ ދިޔުމުން، އަހަރެން އުޅުނީ އެތަނުން ދާށެވެ. އޭގެ ކުރީން، ދާރިޝް އަހަރެންގެ އަތުގައި ހިފައި ހުއްޓުވައިފި އެވެ. އަހަރެން ގަދަ ހަދަމުން ދަނިކޮށް، އޭނާ އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަދެއްޖެ އެވެ.

"ބުރުގާ އަޅައިގެން ތިއުޅެނީ ކޯއްޗެއް ފޮރުވަން..." އަހަރެންގެ ބުރުގަލުގައި ހިފައި ދަމައިގަންނަމުން ދާރިޝް ބުންޏެވެ.

ބުރުގަލުގެ އެއް ކޮނޑާއި ދިމާއިން ޖަހާފައިވާ ދަތި ނައްޓައިގެން މާދުރަށް ވިއްސައިގެން ދިޔަ އެވެ. އޭގެ ތޫނުކޮޅު ހެރުނީ އަހަރެންގެ ކޮނޑަށެވެ. ވީތަދުން ކޮނޑުގައި އަތް ޖައްސައިލެވުނެވެ. ލިބުނު އަނިޔާއަށްވުރެ ބޮޑަށް، އަހަންނަށް ވިސްނުނީ، އައުރަ ކަޝްފު ވެދާނެތީ އެކަމާއި މެދުގަ އެވެ. ބުރުގާގައި ދަތި ޖަހައި ހައްޔަރު ކުރެވިފައިވާ ކަން އެއީ ނަސީބެކޭ ހިތަށް އެރި އެވެ.

(ނުނިމޭ)

ކޮމެންޓް 0