އަޒްމަން އަކީ އަހަރެންގެ ޙައްޤެކެވެ. އެހެން މީހަކު އެ ޙައްޤު ނިގުޅައިގަތަކަ ނުދޭނަމެވެ. ދިރިއުޅުމުގައި އަހަންނަށް އެތަކެއް ފިލާވަޅުތަކެއް ދަސްވެއްޖެ އެވެ. ކެރިގެން ކަންކަމާއި ކުރިމަތިލުމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. މިއަދު އެ އަތުގެ ޙިމާޔަތް ލިބުމުން، ދުވަހަކު ވެސް އެ އުފާތަކާއި ދުރަށްދާން ހިތް ދެކޮޅު ހަދަން ފަށައިފި އެވެ. ދެން އޮތީ ކެރިގެން ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލުމެވެ. ލޯތްބަށްޓަކައި އެކަން ކުރަން ވެސް އަހަރެން މިހުރީ ތައްޔާރަށެވެ.

********

އަޒްމަންގެ ފޯނު ރިންގްވާން ފެށި އެވެ. ފޯނު ނަގައި ކަންފަތުގައި ޖައްސައިލިއިރުވެސް، އޭނާ ހުރީ އެއް އަތުން އަހަރެންގެ އުނަގަނޑުގައި ހިފަހައްޓާލައިގެންނެވެ. ފޯނުގެ އަނެއް ކޮޅުން ވާހަކަ ދެއްކީ ފިރެހެނެކެވެ. ކީ އެއްޗެއް ސާފު ނުވި ނަމަވެސް، އެމީހަކު ރޮއެރޮއެފައި އެއްޗެކޭ ކީ އަޑު އިވުނެވެ.

އަހަރެން ކުޑަކޮށް ދުރަށްޖެހިލަމުން، އަޒްމަންގެ މޫނަށް ބަލައިލީމެވެ. އެ މޫނުމަތީގެ އަސަރުތައް ބުނެދޭކަށް ނޭނގުނެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އަޒްމަން ފޯނު ކަނޑާލައިފި އެވެ. އެ ދެލޮލުން ވެއްޓުނު ކަރުނަ ތިކި ފެނި، ކަމެއް ގޯސްވެއްޖެ ކަން އެނގުނެވެ.

"ނީހާ!.. އަހަރެން ދާންޖެހިއްޖެ..." އަޒްމަން ކުއްލިއަކަށް އަހަންނާއި ދުރަށް ޖެހިލާފައި، ދޮރާއި ދިމާއަށް ދުއްވައިގަތެވެ.

އަޒްމަން ދިޔަ ފަހުން، މަންމަ އާއި ކުރިން އަޒްމަން އާއިއެކު ބޭރަށް ނުކުތް އަންހެން ކުއްޖާ ވެސް ހަލުވި ފިޔަވަޅުތަކެއްގައި ނުކުތްތަން ފެނުނެވެ. އަހަރެން ސުވާލު ކުރުމުންވެސް މަންމައަށް ވާހަކަ ދެއްކޭވަރެއް ނުވި އެވެ. މަންމަގެ ފަހަތުން ނުކުންނަން އުޅެފައި އެ އަންހެން ކުއްޖާ ހުއްޓިއްޖެ އެވެ. ފަސްއެނބުރި އަހަންނަށް ބަލައިލިއިރު، އެ ދެލޮލުން ފެނުނީ ނަފުރަތުގެ އަލިފާނެވެ. އެ އަލިފާނުގައި އަހަރެން ފިއްސައިލަން އުޅުނު ކަހަލަ އެވެ.

ރޭގަނޑުގެ ވަގުތެވެ. އަޒްމަންގެ ޚަބަރެއް ނުވެގެން އަހަރެން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލަ އެވެ. ދޮރުގައި ޓަކި ޖަހައިލި އަޑު އިވުމުން، އަހަރެން ހީކުރީ އަޒްމަން އައީ ކަމަށެވެ. އަވަހަށް ގޮސް ދޮރު ހުޅުވާލައިފީމެވެ. ދޮރުމަތީގައި ހުރީ އަހަރެން އުއްމީދުކުރި މޫނެއް ނޫނެވެ.

"ދާރިޝް..."

ދާރިޝް ފެނުމުން، އަހަރެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ އެވެ. އަހަރެން އުޅުނީ ދޮރު ޖަހާށެވެ. އޭގެ ކުރިން ދާރިޝް އެ ދޮރުގައި ހިފަހައްޓައިފި އެވެ. ގަދަ ހަދާލާފައި ވެސް އެ އަތުގެ ބާރު މާ ގަދަވާނޭ ކަން އެނގުމުން އެކަން ހުއްޓައިލީމެވެ. ދާރިޝް އެތެރެއަށް ވަން ނަމަވެސް، އޭނާ ހުރީ ދުރުގަ އެވެ.

"ނީހާ!... އަހަރެން މިއައީ ގޯސް ނިޔަތެއްގަ އެއް ނޫން..." ދާރިޝް ބުންޏެވެ. އެ އަޑުގައި ވީ މަޑުމޮޅި ކަމެވެ.

"އަހަރެން ނެތް ދައްކާނެ އެއްވެސް ވާހަކައެއް..." އަހަރެން އެހެން ބުނެފައި އޭނައަށް ފުރަގަސް ދިނީމެވެ.

"އަހަންނަށް މަޢާފު ކޮށްދީ... ހެޔޮނުވާނެ.." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ދާރިޝް ބުންޏެވެ.

"ކަންތައް ވީގޮތުން އަހަންނަށް ނީހާ ކުށްވެރި ކުރެވުނީ، ހަޤީޤަތް ބަލާލުމެއް ނެތި... އަހަންނަށް އެހެން ވީ، ޝަރުވާން ދެއްކި ވާހަކައެއްގެ ސަބަބުން... އޭނަ ބުނީ، ނީހާ އަކީ..." ދާރިޝް ހުއްޓައިލި އެވެ. "އަހަރެންގެ ބޮލުގަ އެފަދަ އިލްޒާމެއް އެޅުނީމަ، އަހަރެން ހުރީ ބޯ ގޮވާފަ... އެ ހުރިހާ ކަމަކާއި އެކީ، އަހަންނަށް ހީކުރެވުނީ ނީހާ އަކީ..." ދާރިޝް އަނެއްކާވެސް އޭނަގެ ވާހަކަ ހުއްޓާލައިފި އެވެ. އަހަންނަށް ވެދާނެ ގޮތަކާއިމެދު އޭނަ ކަންބޮޑުވީ ކަހަލަ އެވެ.

"އަހަރެން ދެން ދުވަހަކު ވެސް ނީހާގެ ކުރިމައްޗަކަށް ނާންނާނަން... އޭގެ ބަދަލުގަ އަހަންނަށް މަޢާފުކޮށްދީ... އަހަރެން ހަަމައެކަނި ބޭނުންވަނީ ނީހާގެ މަޢާފު..."

އަހަރެން ފަސްއެނބުރި ބަލައިލީ ޤަބޫލު ނުކުރެވިފައިވާފަދަ ގޮތަކަށެވެ. ދާރިޝް ހުރީ ފެންކަޅިވެފަ އެވެ. އަހަރެން އޭނައަށް މަޢާފު ކުރީ އެ ދެލޮލުން ފެނުނު ތެދުވެރި ކަމެއްގެ ސަބަބުންނެވެ. ކުށް ކުރެވޭނީ ވެސް އިންސާނުންނަށް ތާއެވެ. ހުދު އަހަންނަކީ ވެސް ހުރިހާ ކަމެއް ފުރިހަމަ އިންސާނެއް ނޫނެވެ. އަހަންނަށް ވެސް ކުށް ކުރެވޭނެ އެވެ. އެހެން މީހުންގެ ކައިރިން މަޢާފަށް އެދެން ވެސް ޖެހިދާނެ އެވެ. އެކަކު އަނެކެއްގެ އިހުސާސްތައް ދަންނަ ބަޔަކަށް އަހަރެމެން ވާން ޖެހެނީ އެހެންވެ އެވެ.

********

އަޒްމަންގެ ބޮޑުބޭބެގެ ފަސް އަހަރުގެ އަންހެން ދަރިފުޅުގެ އިއްފަތް ފޭރިގަތުމަށްފަހު، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮތް ޚަބަރު އަހަންނަށް ލިބުނީ، ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތު އެވެ. އަޒްމަން އާއި އެހޭ މީހުން އެހާ ކުއްލި ގޮތަކަށް ބޭރަށް ދިޔައީ އެހެންވެ ކަން އެނގުނީ ދެނެވެ. ޝިމްނާ އައިސް ދިން އެ ޚަބަރުން އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. އެފަދަ ހިތާމަވެރި ހާދިސާއެއް ކުރިމަތިވުމުން އެ ކުރެވޭ އިހުސާސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ.

ހިތަށް އެރި އެވެ. އަނެއްކާ އެފަދަ ގޮތެއް އެ މެދުވެރިވީ އަހަރެންގެ ސަބަބުން ހެއްޔެވެ؟ އަނެއްކާ އެއީ އަހަންނަށް ނޭނގި ނަމަވެސް ކުރެވުނު ބަދު ދުޢާ އެއްގެ އަސަރު ހެއްޔެވެ؟ އަހަރެންގެ ސަބަބުން އެހެން މީހަކަށް ދެރައެއް ލިބުމަކީ އަހަރެން ދުވަހަކުވެސް ބޭނުންވި ގޮތެއް ނޫނެވެ. ބަދަލަށް ބަދަލު ހިފުމުގެ ރޫޙެއް އަމުދުން ނެތެވެ.

އެ ހާދިސާއަށް ދެ ހަފުތާ ވީއިރު، އެންމެން މަޑުމަޑުން ހަމައަކަށް އެޅެން ފަށައިފި އެވެ. ހިތާމަތައް އެއްފަރާތްވެ، އާއްމު ދިރިއުޅުމަށް ރުޖޫޢަވެއްޖެ އެވެ. މަންމަވެސް އަހަންނާއި ބައްދަލު ކުރުމަށް ގެއަށް އަންނަން ފެށި އެވެ. އެ އޯގާތެރި އަތުގެ ފިރުމުންތަކަށް އަހަރެން ވަނީ ހޭނިފަ އެވެ.

ބޮޑުދައިތަ ބަލިވެގެން މާލެ ގެނައި ޚަބަރު ލިބުނީ ކަޅުފޮއެ ރެއެއްގެ މެންދަމުގެ ވަގުތުގަ އެވެ. މަންމަ އައިސް ދިން އެ ޚަބަރުން، އަހަރެންގެ ނިދިވެސް ފިލައި ދިޔަ އެވެ. އަހަރެން ހަސްފަތާލަށް ދިޔައީ، އަޒްމަންގެ މަންމަ އާއި އެކުގަ އެވެ. ބަލި އެނދުގައި ދެލޯ ހުލުވައިލާނެ ހިއްވަރުވެސް ނެތިފައި ބޮޑުދައިތަ އޮތްތަން ފެނި ހިތް ފަޅައިގެން ނުދިޔައީ ކިރިޔާ އެވެ. ކިތަންމެ އަނިޔާވެރިވެފައި ވިޔަސް، ހިތުގައި އުފެދުނީ ހަމްދަރުދީ އެވެ. އެހީވާން ކުރި މަސައްކަތް ވީ ބޭކާރެވެ. ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ބޮޑުދައިތަ ނިޔާވީ، މާލެ ގެނައިތާ ދެވަނައަށް ވީ ދުވަހުގެ ހެނދުނުގެ ވަގުތު އެވެ. އަހަންނާއި ކޮއްކޮގެ މޫނު ދެކެލުމުގެ ނަޞީބުވެސް ލިބުމެއް ނެތި އެވެ.

ބޮޑުދައިތައަށް އަހަރެންގެ ހިތް ސާފެވެ. އެ ނަފުރަތަކީ އަހަރެންގެ މަންމައަށް ކުރި ނަފުރަތެއް ކަން އެނގުނު ނަމަވެސް މެއެވެ. މަރުވުމަށްފަހު، އަބަދުވެސް ހަނދާން ކުރަން ވާނީ އެމީހަކު ކުޅަ ހެޔޮ އަމަލުތަކުގެ މަތީންނެވެ. ދައްކަން ވާނީ، ހެޔޮ އަމަލުތަކުގެ ވާހަކަ އެވެ. ނުބައި ވާހަކަ ދައްކައިގެން ލިބޭނެ މޮޅެއް ނޯންނާނެ އެވެ.

އަހަރެން މިއަދު ޝުކުރުވެރި ވަމެވެ. އަހަރެމެންނަށް ކާންދީ ބޯހިޔާވަހިކަން ފޯރުކޮށްދިނީ އެ ބޮޑުދައިތަ ކުރި މިންނެއް މަސައްކަތުންނެވެ. ކަލަ ގޮވުމުގެ ނުބައި އާދަ އެ ބޮޑުދައިތަގެ ކިބައިގައި އަށަގަނެފައި ވިޔަސް، މެއެވެ. އަހަރެމެން ބަލައި ބޮޑުކުރުމަށް އެ ބޮޑުދައިތަ ކޮށްދިން ކަންކަމަށްޓަކައި އަހަރެމެން ޖެހޭނީ، ޝުކުރުވެރި ވާށެވެ. އަހަރެން ބޮޑުދައިތައަށް ހެޔޮ ދުޢާ ކުރާނަމެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުޢާ ކުރާނަމެވެ.

"ދަރިފުޅާ!... ބޮޑުދައިތަ ނިޔާވި ވާހަކަ އަޒްމަން ކައިރީ ބުނިންތަ؟..."

ބޮޑުދައިތަ ވަޅުލުމުގެ ކަންކަން ނިންމައި ގެއަށް އައިސް ވަންގޮތަށް މަންމަ ސުވާލު ކުރި އެވެ. އަަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. އަޒްމަންގެ ކައިރީގައި އެވާހަކަ ނުބުނުމަށް މަންމަގެ ކައިރިން އެދުނީމެވެ. އެއްޗެއް ބުނަން އުޅެފައިވެސް، މަންމަ އެ ވާހަކަ ހުއްޓައިލި އެވެ. ޙާލަތުގެ ގޮތުން އެވާހަކަ ދައްކަން ބޭނުން ނުވީ ކަންނޭނގެ އެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ބޮޑުދައިތަގެ ހަނދާން އައުވުމުން އަހަންނަށް ރޮވެނީ އެވެ. ހިއްވަރު ކުރަން އުޅުނަސް، އެކަމެއް ނުކުރެވުނެވެ. އެކި ސުވާލުތައް ކޮށްފައި ކޮއްކޮ ނިދި އިރުވެސް، އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ކޮންމެވެސް ކަމެއް ވާން އުޅެނީހެން ހީވެ، ހިތް ބިރުގަންނަނީ އެވެ. ކޮޓަރި ދޮރު ހުޅުވާލާފައި އެތެރެއަށް ވަން މަންމަ ފެނި އަހަންނަށް ފުންމައިގެން ތެދުވެވުނެވެ. ހިތް ތެޅިގަތެވެ. ކޮންމެވެސް ބޮޑުކަމެއް ނުވަނީސް، އެ ވަގުތުގައި މަންމަ އެގޮތަކަށް ނާންނާނެ އެވެ.

މަންމަ އައިސް އަހަރެންގެ އަތުގައި ހިފައި ނެގި އެވެ. އެވަރުން ނުވެގެން ކޮޅަށްވެސް ނަގައިފި އެވެ.

"އަވަހަށް ދޭ... ވަގުތު ފާއިތު ނުވަނީސް، އަވަހަށް އަޒްމަންގެ ކައިރިއަށް ދޭ..." މަންމަގެ އަޑުގައި ވީ ހާސްކަމެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެ ކަން ޔަޤީން ވުމުން ހިތް ތެޅިގަތެވެ. ވަކީން ޚާއްސަކޮށް އެކަމެއް ގުޅިފައިވީ އަޒްމަން އާއި ކަން އެނގުމުންނެވެ.

"ޝާހާވެއްޖެ އެކޮޓަރިއަށް ވަދެ... އެ އަންހެން ކުއްޖާގެ ނިޔަތް މަންމައަކަށް އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން... މީހެއްގެ ފިރިއެއްކަން އެނގޭއިރު، ކީއްކުރަން ކޮޓަރިއަށް ވަންނަންވީ؟... އެހެންނޫނަސް، އޭނަ އަންނަން ވާނީ، އަޒްމަން އެހެން ދިރިއުޅުމެއް ފެށީމައެއް ނޫނެއްނު... ދޭ ދަރިފުޅާ... އަވަހަށް ދޭ... ދަރިފުޅު ތީ، އަޒްމަންގެ އަނބިމީހާ... މިއަދު ހުރިހާ ޙައްޤެއް އޮތީ ހަމައެކަނި ދަރިފުޅަށް..." މަންމަގެ ހިއްވަރުގެ ބަސްތަކުން އަހަރެންގެ އަޒުމު އައު ވިއެވެ. މަޔެއްގެ އެ އޯގާތެރިކަމުން، ހިތަށް ލިބުނީ އުފާވެރި ކަމެވެ.

ދުވެފައި ކަހަލަ ގޮތަކަށް ގޮސް، އަޒްމަންގެ ގެއަށް ވަނީމެވެ. މަގުމަތިން މީހުންގެ ނަޒަރު އަހަންނަށް ހުއްޓުނު ކަން އެނގުނު ނަމަވެސް، އެއިން ކަމަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި އެވެ. އެ ކޮޓަރިއަށް ވަންއިރު، އަހަންނަށް މާނޭވާ ލެވެ އެވެ. އަހަންނަށް އެހެންޏާ ނުލިބޭ ކަހަލަ އާދަޔާ ޚިލާފު ހިއްވަރެއް ލިބިފައިވާ ކަހަލަ އެވެ.

މަންމަ ބުނިހެން، ޝާހާ އިނީ އެނދުގައި އިީނދެލައިގެންނެވެ. އެއީ އެދުވަހު އަޒްމަންގެ ފަހަތުން ނުކުތް އަންހެން ކުއްޖާ އެވެ. އަހަންނަށް ނަފުރަތުގެ ބެލުމަކުން ބެލީ ކީއްވެކަން މި އެނގުނީ އަދިކިރިޔާ އެވެ.

އަޒްމަން އުޅުނީ ފާޚާނާގަ އެވެ. އަހަރެންގެ ފިރިމީހާ ނިދާ އެނދުގައި ހިލޭ އަންހެނަކު އިންތަން ފެނުމުން، ލޭ ކެކިގަތެވެ. ޖަޒުބާތުތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ފުންކޮށް ނޭވާލަމުން ދިޔައިރު، ދެންމެ ދެންމެ ގޮސް އޭނަ އެތަނުން ނެރެލަފާނަމޭ ހިތަށް އަރަމުން ދިޔަ އެވެ. އަހަރެން އެތެރެއަށް ވަނުމުން ޝާހާ ފުންމައިގެން ތެދުވި އެވެ. އަހަންނާއި ދިމާއަށް އައިގޮތުން ހީވީ، ވަކި އަޅައި ނޮޅާލަން އުޅުނު ހެންނެވެ.

"ނުކުމޭ..." ޝާހާ އަމުރު ކުރި އެވެ.

"މިތަނުން ނުކުންނަން ޖެހޭނެ މީހަކީ އަހަންނެއް ނޫން..." އަަހަރެންގެ ދަތްތަކަށް ބާރުވެގެން އައެވެ. "އަހަރެން މީ، އަޒްމަންގެ އަނބިމީހާ..." މޭގައި އަތް ޖައްސައިލަމުން އަހަރެން ބުނީމެވެ.

"ނުކުންނާށޭ..." ޝާހާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

"ބުނެފީމެއްނު މިތަނުން ނުކުންނަން ޖެހޭނެ މީހަކީ ތިއޭ... މި ކޮޓަރީގަ އުޅެނީ އަހަރެންގެ ފިރިމީހާ... އަހަރެން ބޭނުން ކޮންމެ ގަޑިއެއްގަ ވެސް މިތަނަށް ވަދެވޭނެ..." އަހަރެން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ފިރިމީހާއަށްޓަަކައި ކޮންމެފަދަ ހަރުފަތެއް ގިރާކުރަން ޖެހުނަސް، އެ ހަރުފަތެއް ގިރާކުރުމަށް ތައްޔާރު ވީމެވެ. މިއީ ކުރީގެ ނީހާއެއް ނޫނެވެ. ދިމާވި ހާދިސާތަކަށްފަހު އަހަރެން މިވަނީ ބަދަލުވެފަ އެވެ.

"ތީ ހަމައެކަނި ނަމެއްގަ އިން އަނތްބެއްނު..." ޝާހާ ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. "އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް، އަޒްމަން ލޯބިވަނީ އަހަރެންދެކެ... އަމިއްލަ ފެންވަރު ނޯޅެއްޗޭ... އޭނަ ކަލެއާ އިނީ، އަހަރެން އެ ޙަޔާތުން ދުރަށް ދިޔައީމަ... އެހެން ނޫންނަމަ އެއީ، ދުނިޔޭގަ ހުރި މީހެއް ކަން ވެސް ކަލެއަށް ނޭނގުނީސް..."

"ކޮންމެ ގޮތެއް ވިޔަސް، އެއީ މިހާރު އަހަރެންގެ ފިރިމީހާ... އެ ލަޤަބު އެންމެ ފުރަތަމަ ލިބުނު މީހަކަށް ވާނީ އަހަރެން..." އަހަރެން ފަޚުރުވެރިވެލާފައި ބުނީމެވެ.

އަހަރެންގެ ވާހަކައިން ޝާހާގެ މޫނުމައްޗަށް ވެރިވި ކުލަވަރު ރީތިކޮށް ފެނުނެވެ. އޭނަ ހިންދިރުވައިލިގޮތުން، އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔަ އެވެ.

"ބުނަން ވާހަކައެއް، ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއް ނެތް... އަަހަރެން އައުމަށްފަހު، އަޒޭ ކަލޭ ބޭނުމެއް ނުވާނެ... ނަޖިސްކޮޅެއްހެން އެ ޙަޔާތުން ބޭރުކޮށްލާނެ..." ޝާހާގެ ޖުމްލައިން އަހަރެންގެ ހިތުގައި ޖެހުނެވެ. އެބުނިފަދައިން ކަންތައް ވެދާނޭ ހެއްޔެވެ؟

އަޒްމަން ފާޚާނާއިން ނުކުތީ އެވަގުތު އެވެ. އަހަރެމެން ފެނުމުން ހަލުވި ފިޔަވަޅުތަކެއްގައި އައެވެ. އަޒްމަން އައިސް ހުއްޓުނީ، އަހަރެންގެ ކައިރީގަ އެވެ.

"އަޒޭ..." އަޒްމަންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލަމުން ޝާހާ ބުންޏެވެ. "އޭނަ ކައިރީ ބުނޭ މިތަނުން ނުކުންނާށޭ..."

ޝާހާގެ އަތް ނައްޓުވައިލަމުން، އަޒްމަން އޭނަ އާ ދުރަށް ޖެހިލި އެވެ.

"ޝާހާއަށް ހަމަ ރަނގަޅަށް އެނގޭނެ، ނީހާ އަކީ އަހަރެންގެ އަނބިމީހާ ކަން... އަހަރެން އުޅޭތާކަށް އޭނައަށް ނުވަދެވެންޏާ، ވަދެވޭނެ އިތުރު މީހަކު ނުހުންނާނެ..." އަޒްމަން ނުރުހިފައި ބުންޏެވެ.

"އަޒޭ!..." ޝާހާ ތަންކޮޅެއް ބާރަށް ގޮވައިލި އެވެ.

"ޝާހާ ޕްލީޒް... އަހަރެން އެންމެ ބޭނުންވި ދުވަހު ހިއްވަރު ދިނުމުގެ ބަދަލުގަ ޝާހާ އަހަރެން ދޫކޮށްލާފަ ދިޔައީ... މިއަދު އަހަރެން އަމިއްލަ ދިރިއުޅުމެއް ހޯދައިފިން... ވަގުތުގެ މުހިއްމުކަން ޝާހާއަށް ނުވިސްނުނީމަ މިހެން މި ދިމާވީ..." އަޒްމަން ބުންޏެވެ.

"އަހަރެން އަދިވެސް އަޒޭދެކެ ލޯބިވެއޭ..." ޝާހާ ރޯން ފެށި އެވެ.

"އަހަރެން ތިވާހަކަ ހަމަ ތިގޮތަށް ބުނި ކިތަންމެ ފަހަރެއް ދިޔަ، އެދުވަހު އަަހަރެންގެ ބަސްތަކަށް ޝާހާ ދިނީ ބީރު ކަންފަތެއް..." އެއްޗެއް ހަނދާންކޮށްލަދޭ ފަދައިން އަޒްމަން ބުންޏެވެ.

ޝާހާ ރޮމުން އެތަނުން ނުކުމެގެން ދިޔަ އެވެ. ދޮރާއި ދިމާއަށް ބަލަން ހުރި އަޒްމަން ދޫކޮށްލީ ފުން ނޭވާ އެކެވެ. އެ ނަޒަރު އަހަންނަށް ހުއްޓިފައި އިރުކޮޅަކު ހުއްޓެވެ. އޭނަ އެއްޗެއް ބުނަން އަނގަ ހުޅުވައިލި އެވެ. ކުއްލިއަކަށް އިވުނީ، ދޮރުގައި ޓަކި ޖަހައިލި އަޑެވެ. އެމީހަކު ދޮރު ހުޅުވައިލީ ދެފަހަރަކު ޓަކި ޖަހާލާފަ އެވެ.

ދޮރުމަތީގައި ހުރީ އަޒްމަންގެ މަންމަ އާއި ބައްޕަ އެވެ. އަހަރެން ފެނުމުން ބައްޕަ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. މަންމަގެ ފަހަތުން ކޮޓަރި ތެރެއަށް ވަން ބޮޑުބޭބެ ފެނި، އަހަރެންގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ. ރޮއެރޮއެ ރަތްވެފައިވާ އެ ދެލޮލާއި، ހިކިފައިވާ ތުންފަތް ފެނުމުން، އޭނަ ކުރަމުން އައި ހިތާމަ، ހިތަށް ތަސައްވަރު ކޮށްލެވުނެވެ. ހީވަނީ އެތައް އަހަރެން ވަންދެން ހިތާމައިގައި އުޅެފައިވާ މީހެއް ހެންނެވެ.

"އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު، އަަހަރެން ދޫކޮށްލާފަ ގޮއްސި..." ބޮޑުބޭބެ އަޑުން އަޑުނަގައި ރޯން ފެށި އެވެ.

"އެފަކީރަށް އޮތީ ހާދަ ވަރެއް ކޮށްލާފަ އޭ... މީ އަހަރެން ކުރި ކުށުގެ އަދަބު އަހަންނަށް ލިބުނު ގޮތް... ދެން ދުވަހަކު ވެސް އަަހަންނަށް ދަރިއަކު ނުލިބޭނެ... އެހާ ހާލުން ހޯދި ދަރިފުޅު އަހަރެން ދޫކޮށް އެދިޔައީ، ކޮންފަދަ ހިތްދަތި ގޮތަކަށް..." އަހަރެންގެ ފައިދަށަށް ތިރިވަމުން ބޮޑުބޭބެ ބުންޏެވެ. އަަހަންނަށް އަވަސް އަވަހަށް ފަހަތަށް ޖެހިލެވުނެވެ.

ބޮޑުބޭބެ ތަކުރާރުކޮށް މަޢާފަށް އެދެމުން ދިޔަ އެވެ. ކުރެވުނު ކުށް އިހުސާސްވެ، އެކަމަށް މިއަދު އޭނާ ލަދުވެތި ވާކަމަށް ބުންޏެވެ. މީހުން ބުނަނީ ތެދެކެވެ. އަނެކާގެ ހިތަށް ކުރާނޭ އަސަރު އިހުސާސް ވާނީ، އެމީހަކަށް ވެސް އެފަދަ ކަމެއް ތަޖުރިބާ ކުރަން ޖެހުމުންނެވެ. އެ ދުވަހު އަހަންނާއި ކޮއްކޮގެ ހިތުގައި އަޅާނޭ ވޭން މިއަދު އެ ބޮޑުބޭބެއަށް އިހުސާސް އެވީ، އަމިއްލަ ދަރިފުޅަށް އެކަހަލަ ކަމެއް ދިމާވުމުންނެވެ.

އަހަރެން މަޢާފު ކުރީމެވެ. ކޮންމެ އިންސާނަކަށް ވެސް އެމީހަކު ކުރި ކުށުގެ ޙައްޤު އަދަބު ދެއްވާނޭ މާ މަތިވެރި ފަރާތެއް ވެއެވެ. ދުނިޔެމަތީގައި އިންސާފު ނުލިބުނަސް، ކޮންމެ މީހަކަށް ވެސް އިންސާފު ލިބޭނޭ ދުވަހެއް އަންނާނެ އެވެ. އެދުވަހަކުން، އެކަކަށް ވެސް ނުފިލޭނެ އެވެ. އިންސާފުގެ މަގަކުން ދުރަކަށް ނުދެވޭނެ އެވެ. ޤުދުރަތުގެ ޤާނޫނު އެއަށްވުރެ މާ މަތިވެރި އެވެ.

އެންމެން ދިޔުމުން އަހަންނާއި އަޒްމަން އެކަނި ވިއެވެ. އަޒްމަން އަހަންނަށް ބަލަން ހުރީ ލޯބިން ފުރިގެންވީ ނަޒަރަކުންނެވެ. އަހަންނަށް ހުރެވުނީ އިސްޖަހާލައިގެންނެވެ. އޭގެ ކުރިން އެތައް ވާހަކައެއް ދެއްކުނު ނަމަވެސް، ހިތުގައި އުފެދުނު ޖަޒުބާތުތަކެއްގެ ސަބަބުން، ކުއްލިއަކަށް ބުދެއްހެން ޤަބުވެއްޖެ އެވެ. ލަދުވެތިކަމުން ހަތަރުފަރާތް ވަށާލައިފި އެވެ. އަޒްމަން ކުޑަކޮށް ކުރިއަށް ޖެހިލައި އަހަރެންގެ އަތުގައި ހިފާލައިފި އެވެ. މުޅި ހަށިގަނޑުގައިވި ލޯލިތަށް ކޮޅަށް ޖެހިގެން ދިޔަ އެވެ.

"އައި ލަވް ޔޫ..." އަޒްމަންގެ އަޑު އިވުނީ އަހަރެންގެ ކަންފަތް ކައިރިންނެވެ.

ދެން އައީ އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. ހިތާމަތައް އެއްފަރާތްކޮށްފައި ދެމީހުންވެސް ހިނިތުންވެލައިފީމެވެ. އަހަރެން އަޒްމަންގެ އަތުގައި ހިފައިލީ ދުވަހަކު ވެސް އެ އަތުން ދޫކޮށްނުލުމަށް އަމިއްލަ ނަފުޞަށް ވަޢުދު ވަމުންނެވެ. ހަޤީގީ ލޯތްބަކީ ކޮބައިކަން މިއަދު އަހަންނަށް އެނގިއްޖެ އެވެ. ހަޤީގީ ލޯބިވާ މީހަކު ތިމާ ލޯބިވާ މީހާގެ އުފަލަށްޓަކައި އަމިއްލަ އުފާތައް ޤުރުބާން ކުރާކަށް ވެސް ފަހެއް ނުޖެހޭނެ އެވެ. ތެދުވެރި ލޯތްބެއްގެ މަތިވެރިކަން އަހަންނަށް ކަށަވަރު ކޮށްދިނީ އަޒްމަންގެ ސާފު ތެދުވެރި ލޯތްބެވެ. އެ ލޯތްބަށް އަހަރެން ދުވަހަކުވެސް ފުރަގަހެއް ނުދޭނަމެވެ. ދުނިޔެ ދެއްކި ކުލަތަކުން ނުފިލާނޭ ވަރުގެ ފުން އަސަރުތަކެއް މިހިތަށް ކުރުވައިފި އެވެ. އެ އަސަރުތަކުގެ ސަބަބުން، އެތައް އިބުރަތެއް ލިބިގެން ހިނގައްޖެ އެވެ. މުސްތަޤުބަލު އުފާވެރި ކުރުން އޮތީ، އަހަރެންގެ އަތްމަތީގަ އެވެ. އުފާވެރި ގުޅުމެއް ކުރިއަށް ގެންދެވޭނީ، އެކަކު އަނެކަކަށް މަޢާފު ކުރުމުގެ ރިވެތި ސިފަ އަހަރެމެންގެ ގައިގައި އަށަގަންނުވައިގެންނެވެ.

(ނިމުނީ)

 

ނޯޓު: އަލްހަމްދުﷲ މިވާހަކަ ނިންމާލުގެ ތަޢުފީޤު ދެއްވި ކަމަށްޓަކައި މާތް ﷲ ގެ ކިބައަށް ހަމްދާއި ޝުކުރު ކުރަމެވެ. ވާހަކަ ކުރިޔަށް ގެންގޮސް ނިންމައިލެވުނީ، ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމުގައި އުފަލާއިއެކު ފާހަގަ ކުރަމެވެ. މިފުރުޞަތުގައި، ވާހަކައަށް އެކި ގޮތްގޮތުން އެއްބާރުލުން ދެއްވި އެންމެހާ ކިޔުންތެރިންނަށް ހިތުގެ އަޑިން ޝުކުރު ދަންނަވަމެވެ. ތިޔަ ކިޔުންތެރިންގެ ފަރާތުން ވާހަކައަށް ލިބުނު ޚިޔާލުތަކުގެ ސަބަބުން، ވާހަކަ ނިންމައިލުމަށް އިތުރު ހިއްވަރެއް ލިބިގެން ދިޔަ ކަމުގައިވެސް މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. އެކަމަށްޓަކައި ވާހަކައަށް އެކި ގޮތްގޮތުން، ކޮމެންޓްކޮށްލި ހުރިހާ ކުދިންނަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އަޅުގަނޑުގެ އުއްމީދަކީ، ކުރިއަށް އޮތް ތަނުގައި ވެސް، އަޅުގަނޑުގެ ވާހަކަތަކަށް ތިޔަ ކިޔުންތެރިންގެ ފަރާތުން، ބިނާކުރަނިވި ފާޑުކިޔުންތަކެއް ލިބިގެން ދާނެ ކަމަށެވެ.

ކޮމެންޓް 0