"އަހަރެން ނީހާ މިތަނަށް ގެނައީ، ނީހާ ދެރަ ކުރާކަށް ނޫނޭ... ނީހާ އުޅުނު ހާލު ފެނި ހިތަށް ކެތް ނުވީމަ... އަހަންނަށް އެ ޒިންމާ ނެގޭނެތީ އަހަރެން އެކަން ކުރީ... ދެން ނީހާ ހިތްހަމަނުޖެހޭ ކަމެއް އުޅެންޏާ، އެވާހަކަ އެއްވެސް އަހަރެން ކައިރީ ބުނީމަ އެއްނު، ހިތްހަމަޖެހޭގޮތެއް ހަދައިދޭން މަސައްކަތް ކުރެވޭނީ..." އަޒްމަންގެ އަޑުގައިވީ ޝަކުވާ އެވެ. އޭނާ ވަރަށް ބޮޑަށް ހިތުގައިޖެހިފައި ހުރިކަން އެނގުމުން، އަހަރެންގެ ހިތުގައި ވެސް ރިއްސާލައިފި އެވެ.
އަޒްމަންގެ ވާހަކަތަކުން، އޭނާ އަހަންނަށް ދެރައެއް ނުދޭނޭކަމަށް ހިތް ބުންޏެވެ. ކޮންމެ އަމަލަކުންނާއި ބަހަކުން ވެސް އަންގައިދެމުން ދަނީ، އޭނާ އަހަންނަށް އަޅާލާ މިންވަރެވެ. ވީއިރު، އޯގާތެރިކަމުން ފުރިގެންވި އެއިން ކޮންމެ ހެޔޮކަމެއްގެ ބަދަލު، އެފަދަ ހިތްދަތި ގޮތަކަށް ދީގެން ނުވާނެ އެވެ. އަހަރެން އޭނާ އާއިމެދު ގޯސްކޮށް ވިސްނައިގެން ވެސް ނުވާނެ އެވެ. އަޒްމަން ބޭނުންނަމަ، އަހަރެންގެ ނާޖާއިޒް ފައިދާ އެނޫން ގޮތަކަށް ވެސް ނެގުނީހެވެ. އަހަރެންގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ އިންސާނަކީ ވެސް ހުދު އެއީ އެވެ. ވީއިރު، އެހުރިހާ ދުވަހު ނުދެއްކި ކުލައެއް މިއަދު ދައްކަންވީ ކީއްކުރަން ހެއްޔެވެ؟ ވިސްނެމުންދިޔަ ވަރަކަށް ރޭގައި އަހަރެންގެ ކޮޓަރިއަށް ވަނީ އޭނާ ނޫން ކަމަށް ހިތް ބުނަމުން ދިޔަ އެވެ.
އަހަރެން ބޭނުންވީ ކަންތައް ވީގޮތުގެ ވާހަކަ ޚިއްސާ ކުރާށެވެ. އެއްޗެއް ބުނަން އަނގަ ހުޅުވައިލީމެވެ. ހީ ސަކަރާތްޖަހަމުން އެތެރެއަށް ވަން ޝަރުވާން އާއި ދާރިޝް ފެނި، އަހަރެންގެ އަނގަ ބަންދު ވިއެވެ.
"ހާދަ ވަސް ރަނގަޅޭ..." ނޭފަތް އެތެރެއަށް ދަމާލަމުން ޝަރުވާން ބުންޏެވެ.
އެންމެން އައިސް މޭޒު ކައިރީގައި އިށީނެވެ. މޭޒުގެ އެއްފަރާތުގައި ޝިމްނާ އާއި ޝަރުވާން ތިބިއިރު، އަނެއްފަރާތުގައި ތިބީ، ދާރިޝް އާއި އަޒްމަން އެވެ. މިޝްރާ ދުވެލާފައި އައިސް ކާގެ ތެރެއަށް ވަނެވެ. ޝިމްނާ އެކުއްޖާއަށް ގޮވައި ގެނެސް، ކައިރީގައި ބައިންދައިފި އެވެ. ހުސްކޮށް ހުރީ، ދާރިޝް އާއި އަޒްމަންގެ މެދުގައި ހުރި ގޮނޑި އެވެ. އަހަރެން ހުރީ، އެގޮނޑީގައި އިށީންނަން ބޭނުން ނުވެފަ އެވެ.
އަޒްމަން އޭނާ އިންތަނުން ތެދުވި އެވެ. އޭނާ ޖެހިލީ ދާރިޝްގެ ކައިރިއަށެވެ. ހުސްކޮށް ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން، އަހަރެންގެ ކައިރީގައި އިށީނުމަށް އެދުނެވެ.
އަޒްމަންގެ އެ އަމަލުން، ދިމާކުރާ ކަހަލަ ގޮތަކަށް، ޝިމްނާ ކަރުކެހެން ފެށި އެވެ. އޭނާ އަނގަމަތީގައި އަތް އަޅައިގެން އިނދެ ސިއްރުން ހެމުން ދިޔަ ކަން އަަހަންނަށް އެނގުނެވެ.
ކައި ނިންމާލިގޮތަށް ފިލްމެއް ބަލަން އެގޭގައި މަޑުކުރުމަށް، ޝިމްނާ ޚިޔާލު ފާޅު ކުރި އެވެ. އެ ޚިޔާލަށް އެންމެ ފުރަތަމަ ތާއީދުކުރީ ދާރިޝް އެވެ. އަޒްމަން ވަކި އެއްޗެއް ނުބުނެ ބަލައިލީ އަހަރެންގެ މޫނަށެވެ. އަހަރެންގެ ޚިޔާލަކަށް އޭނާ އެދުނު ކަހަލަ އެވެ.
"މިރޭ ދެން މާ ލަސްވެއްޖެ..." އަހަރެންގެ ހިތުގައި އޮތް އެއްޗެއް އަޒްމަންއަށް އެނގުނު ކަހަލަ އެވެ. "ހިނގާ ދަމާ..." ދޮރާއި ދިމާއަށް ހިނގައިގަންނަމުން އޭނާ ބުންޏެވެ.
"ކަލޭ ދަންޏާ ނައްޓާލާ... މިރޭ ފިލްމެއް ބަލާފަ ނޫނީ މަށެއް މިގެއަކުން ނުނުކުންނާނަން..." ސޯފާއަށް ވެއްޓިގަންނަމުން ދާރިޝް ބުންޏެވެ.
އަޒްމަންގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފެނުނެވެ. އެހެނަސް އެ އަސަރުތައް ފޮރުވަމުން، އޭނާ އިސާހިތަކު ހިނިތުންވެލައިފި އެވެ. ޝިމްނާވެސް ހަދަންވީ ގޮތެއް ނޭނގިފައިވާ ކަހަލަ ނަޒަރަކުން އަހަންނަށް ބަލައިލި އެވެ. ދެން އޭނާ ބަލައިލީ އަޒްމަން އަށެވެ. ދެމީހުން ދުރަށްޖެހިލައި ވާހަކަތަކެއް ދައްކަން ފެށި އެވެ. އޭރު، ދާރިޝް ޓީވީގެ ރިމޯޓު ނަގައިގެން ފިއްތަކަށް ފިތަމުން ދިޔަ އެވެ.
"ނީހާ ނިދަން ދިޔަސް އޯކޭ... ފިލްމު ނިމުނީމަ ގެ ތަޅުލާފަ އަހަރެމެން ގޮސްދާނަން... އެންމެ ރަނގަޅުތަ؟..." ޝިމްނާ އައިސް ވާހަކަ ދެއްކީ، ހަމައެކަނި އަހަންނަށް އަޑު އިވޭ ވަރަށެވެ.
އަހަރެން ބޯޖަހާލާފައި ކޮޓަރިއަށް ވަނީމެވެ. ހިތަށް އެރި އެވެ. އެއްގޮތަކުން އެވީ އެންމެ ރަނގަޅަށެވެ. ގޭގައި ގިނަ މީހުން އުޅެންޏާ، އަހަންނަށް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ނޫން ހެއްޔެވެ؟ ދެވަނަ ސިކުންތުގައި އެ ޚިޔާލު ބަދަލުވެއްޖެ އެވެ. މެހެމާނުންތަކެއް ދޫކޮށްލާފައި، ނިދަން އޮންނާކަށް ހިތް އެއްބަހެއް ނުވި އެވެ.
އަހަރެން ނުކުތްއިރު، ޝިމްނާގެ އުނގުގައި ބޯއަޅާލައިގެން ޝަރުވާން އޮތެވެ. ހުސްކޮށް ހުރި ސޯފާގައި އިނީ ދާރިޝް އެވެ. އަޒްމަން ހުރީ ކުޑަދޮރުގެ ކައިރީގައި ފޯނު ކަންފަތުގައި ޖައްސާލައިގެންނެވެ.
"އާދޭ އާދޭ..." އަހަރެން ފެނުމުން، ދާރިޝްގެ ތުންފަތް މަތީގައި ދުވެލީ ލުއި ހިނިތުންވުމެކެވެ. އޭނާ އަތުގެ އިޝާރާތުން ގޮވައިލާފައި، ސޯފާގައި އަތް ޖައްސައިލި އެވެ.
ޖެހިލުންވެ ހުރެ ނަމަވެސް، އަހަރެން ގޮސް އިށީނީމެވެ. ދާރިޝް އާއި ވީހާވެސް ދުރުގަ އެވެ. ދެމީހުންގެ މެދުގައި ދޮޅު ފޫޓުގެ ދުރުމިން ހުންނާނެކަން ޤައިމެވެ. ޓީވީއަށްވުރެ ބޮޑަށް އަހަރެންގެ ނަޒަރު ހުއްޓެމުން ދިޔައީ، ޝިމްނާ އާއި ޝަރުވާން އަށެވެ. ޝަރުވާން ދޭތެރެއަކުން ޝިމްނާގެ ކަނދުރާގައި އަތް އަޅުވައިލާފައި ގެނެސް ނިތްކުރީގައި ބޮސްދެ އެވެ. ދެމީހުންގެ ގައިގޯޅިކަން ފެނި އަހަރެން އިނީ އެތަނަށް އާދެވުނު މޮޔަ ހިތަށް އަރާފައެވެ. ނުބަލަން އުޅުނަސް ބެލެމުން ދިޔައީ އެ ދެމީހުންގެ ހަރަކާތް ތަކަށެވެ.
"ހާދަ ވަރަކަށް ތި ބަލަނީ... އަނެއްކާ އާކަމެއްތަ؟..." ދާރިޝް ވާހަކަ ދެއްކީ، ލާނެތް ރާގަކަށެވެ.
އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސިއްސައިގެން ދިޔަގޮތުން ފުންމައިގެން ނުތެދުވެވުނީ ވެސް ކިރިޔާ އެވެ. ދާރިޝްގެ އެ ޖެހިލުންކުޑަ ބަސްތަކުން، އަހަރެންގެ ހިތް އޭނާ އާއިމެދު ގޯސްވެއްޖެ އެވެ.
"އެއީ އަލަށް ކައިވެނިކޮށްގެން އުޅޭ ބައެކޭ... ނީހާ ވެސް މީހަކާ އިނީމަ އުޅޭނީ އެހެން... އެއަށްވުރެ ކަންތައް ގޯސް ކަންނޭނގެ ވާނީ..." ދާރިޝް އަނެއްކާވެސް ހޭން ފެށި އެވެ. އަހަރެންގެ މޭގަނޑު ގުޑައިގެން ދިޔަ އެވެ.
"ނީހާ ދެންހަމަ ތިހެން ހުސްކޮށް ހުންނަނީތަ؟.. މީހަކާ އިންނަނީ ކޮން ދުވަހަކުން؟... އަހަންނާ އިންނަންވީނު؟..." އެއްވެސް ޖެހިލުންވުމެއް ނެތި ދާރިޝް، އޭނާގެ ސުވާލުފަތި އަމުނައިލި އެވެ.
އަހަރެންގެ ނޭވާ ހީވީ އެތެރެހަށީގައި ތާށިވި ހެންނެވެ. ދެލޯ ބޮޑުކޮށްގެން، ދާރިޝްގެ މޫނަށް ބަލަން އިނދެވުނެވެ. މިއަދު ބައްދަލުވި މީހަކު އެފަދަ ގޮތަކަށް ވާހަކަ ދައްކާނީ ހާދަ އުޅުމެއް ނެތީމަ އެވެ. އަޒްމަން ކަހަލަ ރަނގަޅު މީހަކު އެކަހަލަ ރައްޓެއްސަކު ގާތް މީހެއްގެ ގޮތުގައި އިޙުތިޔާރު ކުރީ ކީއްވެ ހެއްޔެވެ؟
ކޮންމެވެސް ދުވަހަކުން ފިރެހެން ކުއްޖެއްގެ ދުލުން އަހަންނާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނެލާނެ އަޑު އަހައިލަން ބޭނުންވި ދުވަހެއް އައެވެ. އެހެނަސް، ދާރިޝްގެ ދުލުން އެ ޖުމުލަ ބުނާ އަޑު އިވުމުން، ހިތަށް އުފާވެރިކަމެއް ނުލިބުނެވެ. ބަދަލުގައި މުޅި ހިތް ނުތަނަވަސް ވެއްޖެ އެވެ. ނިތްކުރިމަތީން ދާ ހިއްލައިލީ ދާދި އަވަހަށެވެ. އަހަންނަށް ވީގޮތް ފެނުމުން، އޭނާ އަނެއްކާވެސް ހޭން ފެށި އެވެ.
"އެއްކަލަ ދާރިޝް... ތަނަކުން އަންހެނެއް ނުފެނިފަތަ ތިހުންނަނީ؟..." ޝިމްނާ ނުރުހިފައި ބުންޏެވެ. "ކޮންމެވެސް އެހެން ކަމަކާ އުޅޭ... ނީހާ!... އޭނަ ކިޔާ އެއްޗަކަށް އަޅާލާނެ ކަމެއް ނެތް..." ޝިމްނާ އޭނާގެ ފަހު ޖުމްލަ އާއިއެކު، އަހަންނަށް ބަލައިލާފައި ހިނިތުންވެލި އެވެ.
ގިނައިރުތަކެއްނުވެ، އަޒްމަން އައިކަން އެއީ އަހަރެންގެ ނަސީބެވެ. އެހެންނޫނީ، ދާރިޝްގެ ސަބަބުން އަހަންނަށް އެތަނުގައި ނޭވާ ނުލެވުނީސްކަން ޤައިމެވެ. އޭނަ އައިސް އިށީނީ އަހަރެމެން ދެމީހުންގެ މެދުގަ އެވެ. ދާރިޝް އިތުރު ވާހަކައެއް ނުދައްކަ އެވެ. ޓީވީއަށް ނަޒަރު ހުއްޓާލިގޮތަށް ދެން އަހަންނާއި ދިމާއަށް ބަލައެއް ނުލަ އެވެ.
ފިލްމު ނިމުނީ ދަންވަރު އެކެއް ވެސް ޖެހި ފަހުންނެވެ. އަހަރެން އިނީ ނިދި އައިސްގެން ތާއްޔާ ޖެހިޖެހި އެވެ. އެންމެން ގެއިން ނުކުތުމުން ބޮލަށް ލުއިވިހެން ހީވިއެވެ. އަހަރެން އުޅުނީ ބޭރު ދޮރު ތަޅުލާށެވެ. ދޮރާއި ހަމައަށް ދިޔަ ތަނައި، އަޒްމަން ދޮރު ހުޅުވާލައިފި އެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުއްޓައި ދޮރު ޖެހުނީ، އަހަރެންގެ މޫނުމަތީގަ އެވެ. މާ ބާރަށް ނުޖެހުނު ނަމަވެސް، މޫނުގައި އަތް ޖައްސާލެވިއްޖެ އެވެ.
"އޯހް ސޮރީ ސޮރީ..." އަޒްމަން ކަންބޮޑުވެފައި އަހަންނާއި ދިމާއަށް އައެވެ.
އޭނާ އައިސް، އަހަރެންގެ މޫނުގައި އަތް ޖައްސައި ކަމެއްވިތޯ ބަލަން ފެށި އެވެ. އެ އިނގިލިތަކުގެ ބީހުން އިހުސާސްވުމުން، މުޅި ހަށިގަނޑަށް އޭގެ އަސަރު ކުރުވައިފި އެވެ. ހިތުގެ ތެޅުން އިތުރުވެއްޖެ އެވެ. އަޒްމަން ހުރީ، އަހަރެންގެ މޫނާއި ދިމާއަށް ކުޑަކޮށް ގުދުވެލައިގެންނެވެ. އެ ނޭވާގެ އަސަރު ވެސް ކޮންމެވެސް ވަރަކަށް އަހަރެންގެ މޫނަން އިހުސާސްވަމުން ދިޔަ އެވެ. އެސްފިޔަ ޖަހައިލަން ވެސް ނޭނގިފައި، އެ ފިރެހެންވަންތަ މޫނަށް ބަލަން އަހަންނަށް ހުރެވުނެވެ. އަމިއްލަ ނަފުސުގެ މައްޗަށް އިޙުތިޔާރެއް ނެތް ވަގުތުކޮޅެކެވެ.
"ނަސީބެއްނު... ނެތް އެއްވެސް ކަމެއް..." އަޒްމަންއަށް ބުނެވުނީ، އެހިސާބަށެވެ.
ދެމީހުންގެ ހަތަރުކަޅި ބައްދަލުވެއްޖެ އެވެ. ލާންއުޅުނު ނޭވާ އެތެރެހަށީގައި ތާށި ވިއެވެ. އަޒްމަންގެ ހާލަކީވެސް އެއީތާއެވެ. އަހަރެންގެ މޫނުން ކޮންމެ ގުނަވަނަކަށް އޭނާ ބަލަމުން ދިޔަ އެވެ. ތަފާތު ބެލުމެކެވެ. ލަސްލަހުން ދަތުރު ކުރަމުންދިޔަ އެ ނަޒަރު މަޑުމަޑުން ތިރިވަމުން އައިސް، އަހަރެންގެ ތުންފަތާއި ހަމައިން ހުއްޓިއްޖެ އެވެ.
"ބިއުޓިފުލް..." އަޒްމަންގެ ދެތުންފަތް ފޫދުއްވާލާފައި ނުކުތް އެ ލަފުޒު އަހަރެންގެ ކަންފަތާއި ހަމައަށް ވާސިލު ވިއެވެ.
ހިތަށް އުފާވެރިކަމެއް ލިބުނުކަން އެނގުނެވެ. ހަމަ އެހާ އަވަހަށް، ހާސްވެގެން މުޅި މޫނު ރަތް ވެއްޖެ އެވެ. އަވަސްއަވަހަށް އެސްފިޔަޖަހަން ފެށުނެވެ. އެފަދަ ހާލެއްގައި ވަނިކޮށް، އޭނާ ކުރިއަށްވުރެ ބޮޑަށް އަހަންނާއި ގާތަށް ޖެހިލައިފި އެވެ. ކޯތާފަތުގައި ހިފަހައްޓައިލުމަށް އަތް އުފުލައިލިވެސް މެއެވެ.
"ސޮރީ..." ކުއްލިއަކަށް އަހަންނާއި ދުރަށްޖެހިލަމުން އަޒްމަން ބުންޏެވެ.
އޭނާ އަހަންނަށް ފުރަގަސްދީ، ދޮރާއި ދިމާއަށް ހިނގައިގެންފި އެވެ. ކުރެވެން އުޅުނު ކަންތަކާއި އޭނާ ލަދުވެތިވި ކަހަލަ އެވެ. ޖެހި ބުދެއްހެން އަހަންނަށް ހުރެވުނީ އެވެ. ހަރަކާތެއް ވެސް ކޮށްލަން ނޭނގިފަ އެވެ. ހިތަށް އެރި އެވެ. އަހަރެން އޭނާ ނުހުއްޓުވީ ކީއްވެ ހެއްޔެވެ؟ ދެންމެ ދެރަގޮތެއްވިނަމަ، އެކަމުގައި ކުށްވެރިވާނީ ކާކު ހެއްޔެވެ؟ އަޒްމަން ނުކުމެ ދޮރު ލައްޕައިލި އެވެ. އެ ހުރިހާއިރު، ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ، ދެނެވެ.
ކޮޓަރިއަށް ވަންއިރު، އަހަރެންގެ ހިތުގެ ތެޅުން ވަނީ އިތުރުވެފަ އެވެ. އެއްޗެހި ވެސް ބަދަލުނުކޮށް، އެނދު މައްޗަށް ވެއްޓިގަނެވުނެވެ. މޭގައި ދެއަތުން ހިފަހައްޓާލަމުން، ދެލޯ މަރާލީމެވެ. އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ ސިފަވާން ފަށައިފި އެވެ. އަޒްމަންގެ ގައިން ދުވި މީރުވަސް އޭރުވެސް އަހަރެންގެ ނޭފަތުގައި ހަރުލާފައި ހުއްޓެވެ. އިސާހިތަކު ތިރީ ތުންފަތުގައި ދަތްއަޅާލެވިއްޖެ އެވެ. ދެއަތުން މޫނު ފޮރުވާލެވުނީ ލަދުން މުޅި މީހާ ފިނިވާން ފެށުމުންނެވެ.
ޖެހިގެން އައި ދުވަހަކީ އަހަންނަށް ތަފާތު ދުވަހަކަށް ވިއެވެ. މުޅި ދުވަސް ދިގުވެފައި ވާހެން ހީވަނީ އެވެ. މެންދުރު ނުވެގެން ގަޑި ބެލުނު އަދަދެއް ނޭނގެ އެވެ. ކީއްވެ ހެއްޔެވެ؟ އަހަރެން މި އިންތިޒާރު ކުރަނީ އަޒްމަންއަށް ހެއްޔެވެ؟ އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ. އެހެން ކަމަކަށް ސަމާލުކަން ދެވޭތޯ ބެލިޔަސް، އެއްކަމެއްވެސް ނުކުރެވުނެވެ.
މެންދުރުވާން އުޅެނިކޮށް އަޒްމަން އައެވެ. މަޑު ނޫކުލައިގެ އަތްކުރު ޓީޝާޓަކާއި، ކަޅު ސޯޓުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަަމަ އެވެ. އިސްތަށިގަނޑު އޮތީ، އެއް އަރިމަތިން ގެނެސް ކޮޅަށްޖަހާލާފަ އެވެ. އެތެރެއަށް ވަނުމުން ދުވި ލުއި ސެންޓެއްގެ މީރުވަހުން، ފުލުފުލުގައި ފުން ނޭވާތަކެއް ލާން މަޖުބޫރު ކުރުވި އެވެ.
"ނެއްތަ ޖޫސްތައްޓެއް؟..." ލާނެތްގޮތަކަށް ހިނިތުންވެލަމުން އަޒްމަން ބުންޏެވެ.
އަހަރެން ހިނގައިގަތީ ބަދިގެ އާއި ދިމާއަށެވެ. ފަހަތުން އަޒްމަން އައިކަން އެނގުނީ، އޭނާ ކާގެއަށް ވަން ފަހުންނެވެ.
"ނީހާ!... އަހަންނަށް އެއްވެސް ކަމެއް ނުފޮރުވާ ތެދަށް ވާހަކައެއް ބުނެފާނަންތަ؟..." އަޒްމަންގެ އަޑުގައިވީ ކަންބޮޑުވުމުގެ އަސަރެވެ.
ސިންކާއި ދިމާއަށް ހިނގައިގަނެފައި ވެސް، އަހަރެން ހުއްޓުނީމެވެ. ފަސްއެނބުރި ބަލައިލިއިރު، އަހަރެންގެ ހިތަށް ތަފާތު އެއްޗެހި އަރަމުން ދިޔަ އެވެ. ހިތް ބުނީ އޭނާ ދައްކަން އުޅެނީ ރޭގެ ހާދިސާގެ ވާހަކަ ކަމަށެވެ. ގޭގައި ގެންގުޅޭ މީހާ ކާގެތެރެއަށް ވަންނަން އައިސްފައި، އަހަރެމެން ފެނުމުން، އެނބުރި ނުކުތްތަން ފެނުނެވެ.
"ކުރީ ރޭ އެއްވެސް މީހަކު ކޮޓަރިއަށް ވަންތަ؟..." އަޒްމަންގެ ސުވާލާއިއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.
އަހަންނަށް ވީގޮތް ފެނުމުން، އޭނާގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ވަގުތުން ހަށިގަނޑު ސީދާކޮށްލާފައި އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓިއްޖެ އެވެ.
"ވަންދޯ؟... ނީހާ ހީކުރީ އެއީ އަހަރެން ކަމަށްތަ؟..." އަހަންނަށް އެއްޗެއް ނުބުނެވި އުޅެނިކޮށް، ދެންވެސް ވާހަކަދެއްކީ އަޒްމަން އެވެ.
އޭނާއަށް ފާޑަކަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ އެވެ. އަޒްމަންއަށް އެކަން އެނގުނީ ކިިހިނެއް ހެއްޔެވެ؟
"އަހަރެންނަށް ހީވަނީ، އެއީ ކާކު ކަން އަހަންނަށް އެނގޭހެން... އަހަރެން އެމީހަކު ހޯދާނަން..." އަޒްމަންގެ އަޑުގައިވީ ޔަޤީން ކަމެވެ.
********
އިރު އޮއްސެމުން އައި ވަގުތު، އަހަރެންގެ ބޮލަށް އެނބުރުން އަރަން ފެށި އެވެ. މަޤުރިބު ނަމާދު ކުރަން ހުރިއިރު ހީވަނީ ދެންމެދެންމެ ވެއްޓިދާނޭ ހެންނެވެ. ސަޖިދައަށް އޮއްވައި، ކޮންމެވެސް މީހަކު ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. މިޝްރާ ދުވެފައި ގޮސް، ކޮޓަރި ދޮރު ހުޅުވައިލުމުން، އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ދޮރު ނުހުޅުވާށޭ ބުނަން ބޭނުން ވިއެވެ. އަވަސްއަވަހަށް ނަމާދުކޮށް ނިންމާލައިގެން ނުކުތީމެވެ. ބޭރު ދޮރު ހުރީ ހުޅުވާފަ އެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މިޝްރާ ކޮބައި ހެއްޔެވެ؟ ގެއަށް އައީ ކާކު ހެއްޔެވެ؟ ކުޑަކޮށް ބޭރަށް ނުކުމެ، ގޯޅިގަނޑުގެ ދެފަރާތް ބަލައިލީމެވެ. އެއްވެސް މީހަކު ނެތުމުން، އަނބުރާލާފައި ގޭތެރެއަށް ވަނީމެވެ.
"ޕޮއް..." ސޯފާގެ ފުރަގަހުން ނުކުންނަމުން ދާރިޝް އާއި މިޝްރާ އެހެން ބުނީ އެކުއެކީގައެވެ.
އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދުވަހަކު ވެސް އެވަރުގެ ސިހުމެއް ނުލިބެ އެވެ. ކަރު ހަލާކުވާހައި ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ފަހަތަށް އެއްލުނުގޮތަށް، ބޮލުގެ ފުއްކިބަ ޖެހުނީ ތަނބެއްގަ އެވެ. އެތަނުން ދުރަށްޖެހިލީމެވެ. މުޅި ތަން ހީވީ އެނބުރިގަތް ހެންނެވެ. ފަހަތަށް ދެފިޔަވަޅެއް އަޅައިލެވުނުކަން އެނގުނެވެ. އެއާއިއެކު ކޮންމެވެސް މީހެއްގެ ގައިގައި ލައިގަނެއްޖެ އެވެ.
"މާތްކަލާކޯ... ހާދަ ވަރެއް ތިވީ..." ދާރިޝް ހާސްވެފައި ބުނި އަޑު އިވުނެވެ.
ބޮލުގެ ފުއްކިބައިގައި ހިފަހައްޓަމުން ފަސްއެނބުރި ބަލައިލީމެވެ. ކައިރީގައި ހުރި އަޒްމަންގެ މޫނު ފެނުނީ، ފުސްކޮށެވެ. އިސާހިތަކު އޭނާގެ އަތުގެ ތެރެއަށް އަހަރެން ދެމިއްޖެ އެވެ.
އަހަރެން ހޭއެރިއިރު އިވެނީ ޒުވާބެއްގެ އަޑެވެ. ދެލޯ ހުޅުވައިވެސް ނުލައި އަޑުއަހަން އޮތީމެވެ. އެއީ އަޒްމަން އާއި ދާރިޝްގެ އަޑުކަން އެނގުމުންނެވެ.
"މަށަށް އެނގޭ އެއްޗަކީ، ޝަރުންއެއް ނާންނާނެ ކަން..." އަޒްމަން ނުރުހިފައި ބުނި އަޑު އިވުނެވެ.
"އަޒޭ ދެން ތިބުނަނީ އެއީ އަހަންނޭތަ؟..." ދާރިޝް ވެސް ވާހަކަ ދެއްކީ ހަމަ އެ ރާގުގަ އެވެ.
"އާނ! މިގޭގެ ތަޅުދަނޑި އަހަރެން ދިނީ، ކަލޭމެން ތިން މީހުންނަށޭ.. އަހަރެމެންގެ ތެރޭ ކަލޭ އުޅޭހެން އުޅޭ އެހެން މީހަކު ނޫޅޭނެ..." އަޒްމަންގެ އަޑު ކުރިއަށްވުރެ ބާރު ވިއެވެ.
"އަޖައިބެއް ނުވާނެތަ، ބަލަ އަހަރެން ކީއްކުރަންހޭ އޭނަ ކައިރިއަށް ވަންނަންވީ؟... އަންހެން ކުދިންނާ ފޮށި ހެދިޔަސް، އަހަންނަކީ މީ ތިހާ ވިޔާނުދާ މީހެއް ނޫނޭ... އަހަރެން ކުރާ ކަމެއް ކުރާނީ އަންހެންމީހާގެ ވެސް ރުހުމުގަ..." ދާރިޝް ރުޅި އައިސްފައި ބުންޏެވެ.
(ނުނިމޭ)