ދާރިޝްގެ އަސްލު ކުލަ ދައްކައިލީ ދެނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން ގެންގޮސް އޭނާގެ މޭގައި ޖައްސާލައިފި އެވެ. ބޮލުގައި ހިފައި ބާރުކޮށްލީ ގުޑިވެސް ނުލެވޭނޭ މިންވަރަށެވެ. އޭނާ ދެން ފެށީ، އަހަރެންގެ ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބީހޭށެވެ. އަހަރެން ގަދަ ހަދަމުން ދިޔައީމެވެ. ރޮއެ އާދޭސް ކުރަން ފެށީމެވެ. އެހެނަސް، އޭނާ ދިނީ ބީރު ކަންފަތެކެވެ. އަހަރެންގެ ކޯތާފަތުގައި ހިފައި، ގަދަކަމުން މައްޗަށް އުފުލައިލި އެވެ. އެއަށްފަހު އަހަރެންގެ މޫނާއި ދިމާއަށް ގުދުވާން ފެށި އެވެ.
"މިހާރު އިހުސާސްވޭތަ އަހަންނަށް ވާނެގޮތް؟... އޭނ؟..." އަހަރެން ދުރަށް ކޮއްޕައިލަމުން އޭނާ ހަޅޭއްލަވައިގަތެވެ. "އަހަރެން ހީކުރީ ތީ ވަރަށް އަޚުލާޤު ރަނގަޅު ކުއްޖެއް ކަމަށް..."
ފިރުކެމުން ކަހަލަ ގޮތަކަށް ދާރިޝް އާއި ދުރަށް ދިޔުމަށް އަހަރެން މަސައްކަތް ކުރަމުން ދިޔައީމެވެ. ދެބުމަ ގޮށްޖަހައިގެން އަހަންނަށް ބަލަން އޭނާ އިނެވެ. ކަރުގެ ނާރުތަކަށް ލޭއަރައި ފުފިފައި ހުރިގޮތުން ބިރުން ސިހޭވަރު ވެއެވެ.
"ހުރިހާ ކަމެއް އެނގިހުރެ، އަޒޭގެ ޙަޔާތުން ތިކަހަލަ މީހަކަށް ޖާގައެއް ދިނަކަ ނުދޭނަން..." ދާރިޝް ދިނީ އިންޒާރެކެވެ.
އޭނާ ކޮޅަށް ތެދުވިތަން ފެނިފައި، އަހަރެންގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާ އެވެ. ތެދުވެގެން ދުއްވައިގަނެވުނު ގޮތްވެސް ނޭނގުނެވެ. އަަހަންނަށް ކޮޓަރި އާއި ހަމައަށް ނުދެވެނީސް، އޭނާ ގޮސް ކޮޓަރި ދޮރުމަތީގައި ހުއްޓިލައިފި އެވެ. ވަގުތުން ހުއްޓެން މަޖުބޫރު ވިއެވެ. ފަސްފަހަތަށް ފިޔަވަޅު ނަގަމުން ދަނިކޮށް، ކޮންމެވެސް މީހެއްގެ ގައިގައި ލައިގަނެއްޖެ އެވެ. އެމީހަކު ހުށިޔާރެވެ. އަހަންނަށް އިތުރު ހަރަކާތެއް ނުކުރެވި އުޅެނިކޮށް، ދާރިޝް އާއި ދިމާއަށް އަހަރެން ކޮއްޕާލައިފި އެވެ.
ނުބައި ގޮތަކަށް ހިނިތުންވެލައިގެން ހުރި ދާރިޝް، އޭނާގެ އަތުގެ ތެރޭގައި އަހަރެން ހައްޔަރުކޮށްލީ ދާދި ފަސޭހައިންނެވެ. ފަހަތުގައި ހުރީ ކާކުތޯ ބަލައިލާނޭ ފުރުސަތެއް ވެސް ނުލިބުނެވެ. ދާރިޝް އޭނާގެ އެއް އަތުން އަހަރެންގެ އުނަގަނޑުގައި ހިފަހައްޓައިގެން ހުރިއިރު، އަނެއް އަތުން ބޮލުގެ ފުއްކިބައިގައި ހިފައި ގެންގޮސް، އޭނާގެ މޭގައި މޫނު ޖައްސުވައިފި އެވެ. ސަލާމަތްވުމަށް ގަދަހަދަމުންދިޔަ ވަރަކަށް އޭނާގެ އަތުގެ ތެރޭގައި އަހަރެން ފިތެމުން ދިޔަ އެވެ. ނޭވާ ނުލެވިދާނޭހެން ހީވި ކިތަންމެ ވަގުތުކޮޅެއް ދިޔަ އެވެ. އެއިން ކޮންމެ ފަހަރަކު އެގޮތުގައި ހުރުމަށްވުރެ މަރުވުންވެސް މާ ރަނގަޅޭ ހިތަށް އެރި އެވެ.
"އަހަރެން ވެސް މީ ފިރެހެނެކޭ..." ދާރިޝްގެ އަޑުގައިވީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
އޭނާގެ ޖުމްލަ ނުނިމެނީސް، އަންހެނަކު ހީގަތް އަޑު އިވުނެވެ. އަޑު އައީ، އަހަރެންގެ ފަހަތުންނެވެ. އެމީހަކު ދިޔައީ، ދާރިޝް ކުރަމުންދިޔަ ކަންތަކަށް ހިއްވަރު ދެމުންނެވެ. ދަންނަ އަޑަކާއި ވައްތަރު ވިއެވެ. އެކަމަކު ކާކު ކަމާއިމެދު ވިސްނައިލެވޭ ވަރަށްވުރެ، އަހަރެންގެ ހާލު ބޮޑެވެ.
"ކޮންމެ ފިރެހެނެއް ވަރިހަމަ މީހަކަށް އަހަރެން ކަމުނުދާންވީ ކީއްވެ ކަމެއް ނޭނގުނޭ... ފައިސާތަ ބޭނުންވަނީ؟... އޭނ؟..." ދާރިޝް ވާހަކަދެއްކީ އޭނާ ކުރިންވެސް ވާހަކަ ދެއްކި ރާގުގަ އެވެ. ސަމާސާގެ އެއްވެސް އަސަރެއް އެ އަޑުގައި ނުވެ އެވެ.
އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް އަހަރެން އަނެއް ފަރާތަށް އަނބުރުވައިލި އެވެ. ދެކޮނޑުގައި ހިފައި ގެންގޮސް އޭނާގެ މޭގައި، އަހަރެންގެ ބުރަކަށި ޖެއްސުވި އެވެ. އެއަށްފަހު، ކަރާއި ދިމާއިން އަތް ހުރަސްކޮށް، ގުޑި ނުލެވޭނޭހެން ކޮނޑުގައި ހިފަހައްޓާލި އެވެ. ކިރިޔާ ގުޑިލިޔަސް، ކަރަށް ވާންވާނެކަން ޤައިމެވެ. ކުރިމައްޗަށް ނަޒަރު ސީދާވުމާއިއެކު، އަހަންނަށް ސިހުމެއް ލިބުނެވެ. ފެންނަން އެހުރީ، އަހަންނަށް އައު މޫނެއް ނޫނެވެ.
"އެއީ ކާކު ކަން އެނގޭތަ؟..." ދާރިޝް ސުވާލު ކުރީ، އެމީހަކަށް އަތުން އިޝާރާތް ކޮށްލަމުންނެވެ.
"އެއީ މި ނީހާގެ ހުރިހާ ހަޤީޤަތެއް އެނގޭ މީހެއް..." އަހަރެންގެ ކަންފަތްދަށުގައި ވައި އަޑުން އެހެން ބުނެފައި، ކާމިޔާބީގެ ރާގަކަށް އޭނާ ހީގަނެފި އެވެ. "ނައިޝާ!... މީތަ ތިބުނާ ނީހާ އަކީ؟... ފިރެހެނުންގެ ޚިދުމަތުގަ ސައުވީސް ގަޑިއިރު ޚިދުމަތްކޮށްދޭ މީހަކީ މީތަ؟..." ހުނުން ހުއްޓައިލަމުން، ދާރިޝް ސުވާލު ކުރި އެވެ.
ނައިޝާ އެއްޗެއް ބުނަން އަނގަ ހުޅުވައިލި އެވެ. ބޭރު ދޮރަށް ތަޅުދަނޑި ކޮށްޕައިލި އަޑު އިވުމުން، ނައިޝާ އާއި ދާރިޝް އެކަކު އަނެކެއްގެ މޫނަށް ބަލައިލީ، ކަންބޮޑުވެފަ އެވެ. އަހަރެން ތެޅިފޮޅިގަތީމެވެ. ދާރިޝްގެ އަތުގެ ތެރެއިން މިންޖެއް ނުވި އެވެ. ތެޅިގަންނަ ކޮންމެ ފަހަރަކު ކަރަށް ވާންވެގެން، ނޭވާ ނުލެވޭވަރު ވެއެވެ.
ކޮޓަރި ދޮރު ހުޅުވައިލާފައި ދާރިޝް އެތެރެއަށް ދެމިގަތީ، އަހަރެން ވެސް ގޮވައިގެންނެވެ. އޭނާ އުޅުނީ، އެތެރެއިން ދޮރު ތަޅުލާށެވެ. އޭގެ ކުރިން ބޭރުން އައި މީހަކު ފައިން ޖެހި ޖެހީނުން ދޮރު ހުޅުވާލައިފި އެވެ. ދާރިޝް އާއިއެކު އަހަރެން ވެސް ފަހަތަށް އެއްލިގެން ދިޔަ އެވެ. އެވަރުން ވެސް އޭނާ އަހަރެންގެ ގަޔަކުން ދުލެއް ނުކުރެ އެވެ.
"އަޒްމަން..."
ކުރިމަތީގައި ހުރި އަޒްމަން ފެނި، އަހަރެންގެ ދެލޯ ވިދައިގަތެވެ. މުތީތަކެއް ފަދައިން ދެލޮލުގައި ބަބުޅަމުންދިޔަ ކަރުނަތިކިތައް ކޯތާފަތް މައްޗަށް ފައިބައިގަތީ، ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އޭނާ ކުރިމަތީގައި ހުރުމުން އިހުސާސް ކުރެވުނީ، ރައްކާތެރިކަމެވެ.
އަޒްމަން މަޑެއް ނުކުރެ އެވެ. ގަދަކަމުން ކަހަލަގޮތަކަށް ދާރިޝްގެ ދެއަތް އަހަރެންގެ ހަށިގަނޑުން ވަކިކޮށްލި އެވެ. އަހަރެންގެ އަތުގައި ހިފައި ގެންގޮސް ދުރުގައި ބެހެއްޓި އެވެ. އެއަށްފަހު އޭނާ އެރީ އަހަރެންގެ ކުރިމައްޗަށެވެ.
"އަޒޭ!... އަޑުއަހާބަލަ... މަ ކިޔައިދީފާނަމޭ ވީގޮތް..." އަޒްމަން އާއި ދިމާއަށް ފިޔަވަޅެއް އަޅައިލަމުން، ދާރިޝް ބުންޏެވެ. "އަހަރެން ކުރާ ކަމެއް މިކުރަނީ އޭނާގެ ވެސް ރުހުމުގަ... އަޒޭއަށްޓަކައޭ މިކަން ކުރަން މަޖުބޫރު ވީވެސް..." ދާރިޝްގެ މޫނުމަތިން ފެނުނީ ތަފާތު ކުލަ އެކެވެ. މިހާރު އެ މޫނުމަތީގައި ވަނީ ހިތާމައިގެ އަސަރެވެ. އެހެނަސް، އަހަންނަށް ސިފަވީ، މަކަރުވެރިއެއްގެ ގޮތުގަ އެވެ.
އަޒްމަންގެ ފުރަގަހުން އޭނާ ލައިގެން ހުރި ގަމީހުގައި ހިފަހައްޓާލެވުނެވެ. ދާރިޝް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، އަހަންނަށް އަޒްމަން އާއި ގާތަށް ޖެހެވެމުން ދިޔަ އެވެ. ދާރިޝް އާއިމެދު ނަފުރަތުން ހިތް ފުރިފައި ވިޔަސް، އެހާ ވަރަށް ޖެހިލުން ވެވެނީ އޭނާގެ ކިބައިން ފެނުނު ނުރައްކާތެރި އަމަލުގެ ސަބަބުންނެވެ.
"އަޒޭ މާ ގާތްކޮށްގެން ތި ގެންގުޅެނީ މަކަރުވެރިއެކޭ... ތިކަހަލަ މަކަރުވެރިން އެންމެ ފަހުވަގުތު އަތުގަ ދަތްއަޅާތަން ފެންނާނީ... އޭނަ އެއުޅޭނީ އަޒޭގެ ބޮލަށް އެރިގެން މި ތަނަވަސްކަން ހޯދަން ވެގެން... ވަގުތު ފާއިތު ނުވަނީސް، އަވަހަށް ތިކަމުން ސަލާމަތްވެވޭތޯ ބަލާ..." ދާރިޝް މަސައްކަތްކުރީ އަޒްމަންއަށް ވިސްނައިދޭށެވެ.
އެވަރުންވެސް އަޒްމަން ހުރީ ހަނެވެ. އޭނާ އެއްޗެއް ނުބުނި ތަނުގައި، ދާރިޝް އާއި ދިމާއަށް ބަލައިވެސް ނުލި އެވެ. ފުންކޮށް ނޭވާލަމުން ދިޔަގޮތުން، ހީވަނީ، އޭނާގެ ރުޅިގަނޑު ދެންމެދެންމެ ފަޅައިގެން ހިނގައިދާނޭ ހެންނެވެ.
"އަޒޭ ޤަބޫލު ނުކުރަންޏާ ނައިޝާ ކައިރީ އަހާބަލަ..." އަޒްމަން އެއްޗެއް ނުބުނުމުން، ދެންވެސް ވާހަކަ ދެއްކީ، ދާރިޝް އެވެ.
"އެއީ ތެދެއް އަޒްމަން... އަހަންނަށް ތި ނީހާ ވަރަށް ރަނގަޅަށް އެނގޭ... ފިރެހެނެއް ވެއްޖެއްޔާ އޭނައަށް އެ ނިމުނީ، މުސްކުޅިއެއް، ކުޑަކުއްޖެއް ނޯވޭ..." އެހުރިހާއިރު ބޭރުގައި ހުރެފައި، އެތެރެއަށް ވަންނަމުން ނައިޝާ ބުންޏެވެ. އޭނާ އައިސް ހުއްޓުނީ އަޒްމަންގެ ކުރިމަތީގަ އެވެ.
"ހުއްޓާލާ!... އަހަރެން ބޭނުމެއް ނޫން އިތުރު އެއްވެސް ވާހަކައެއް އަޑު އަހާކަށް..." އަޒްމަންގެ އަޑު މަޑު ނަމަވެސް، އެ އަޑުގައިވި ނުރުހުން ސިއްރެއް ނުވި އެވެ. "ދޮގު ވާހަކަތައް ނުދައްކާ، ދެމީހުންވެސް މިތަނުން ދިޔެއްޔާ ވަރަށް ރަނގަޅު..."
"އަޒްމަން!..." ނައިޝާއަށް ރޮވެން އުޅުނެވެ. "އަހަރެން އެވަރަކުން މާލެ މިއައީ ވެސް އަޒްމަންއަށްޓަކައޭ..." ނައިޝާގެ އަޑު ކުރެހުނެވެ. އަޒްމަން އެއްޗެއް ނުބުނުމުން، އޭނާ ދެބުމަ ގޮށްޖަހައިލަމުން އަހަންނަށް ބަލައިލި އެވެ.
"އެކުވެރިން ބުނާ އެއްޗެއް އަޒޭއަށް ޤަބޫލު ނުކުރެވެނީ ކީއްވެތަ؟... ނީހާއަކީ އަޒޭގެ ކާކުތަ؟... ތިވަރަކުން އޭނައާ ހެދި ތިއުޅެނީ، ކޮންކަމެއް ވާތީ؟... ނައިޝާ ކިޔައިދޭން އެއުޅެނީ، އޭނަގެ ދެލޮލަށް ފެނުނު ކަންތައްތަކެއްގެ ވާހަކައޭ..." ދާރިޝް ނުރުހިފައި ބުންޏެވެ.
"އެއީ އަހަރެން ނީހާދެކެ ލޯބިވާތީ..." އެއްވެސް ފޮރުވުމެއްނެތި އަޒްމަން ބުންޏެވެ.
އަހަންނަށް ލިބުނީ ސިހުމެކެވެ. އަޒްމަންގެ ގައިން އަތް ދޫކޮށްލެވުނީ، އިޙުތިޔާރުން ބޭރުގަ އެވެ. ފަސްފަހަތަށް ދަމުން ގޮސް ފާރުގައި ޖެހިފައި މަތަވެއްޖެ އެވެ. އޭރުވެސް، އަހަރެންގެ ޚިއްސުތައް މަސައްކަތް ކުރާކަށް ނުފަށަ އެވެ.
އަހަންނަށް ވާނުވާ އެނގުނުއިރު އެންމެން ނުކުމެގެން ގޮސްފި އެވެ. ލޯބިވާކަމަށް އަޒްމަން އެބުނީ ކީއްވެ ބާއެވެ؟ އެއީ އެމީހުންގެ ދޫތަކުގައި ކަސްތޮޅު އެޅުވުމަށް އޭނާ ބޭނުންކޮށްލި ހަތިޔާރަކީ ހެއްޔެވެ؟ ނޫނީ، އެއީ ހަމަ ހަޤީޤަތުގައި ވެސް އަހަންނާއިމެދު އޭނައަށް އިހުސާސް ކުރެވޭ ގޮތް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް، އެ ޖުމުލައިން އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފި އެވެ. ހިތުގައި ޖަހަމުން އައި ވިންދު ދެގުނައަށް އިތުރުވެއްޖެކަން ޤައިމެވެ.
********
ދެދުވަސް ފާއިތުވެގެން ދިޔައީ އަމާން އޮމާން ކޮށެވެ. ގެއަށް އިތުރު އެއްވެސް މީހަކު ނުވަދެ އެވެ. އަޒްމަން ވެސް މެއެވެ. އޭނާގެ ޚަބަރެއް ނުވެގެން އަހަރެން ހުރީ، ކަންތައް ބޮޑުވެފަ އެވެ. ލޯބިވާކަން ހާމަކޮށްފައި، އޭނާ އަހަރެންގެ ކުރިމައްޗަށް ނާންނަނީ ކީއްވެ ހެއްޔެވެ؟ އެކަން ވީ ހިތުގައި ޝައްކާއި ވަސްވާސްތައް އުފެދުނު ކަމަކަށެވެ. އަނެއްކާ ދާރިޝް އާއި ނައިޝާ ދެއްކި ވާހަކަތައް އޭނާ ޤަބޫލުކުރީ ހެއްޔެެވެ؟ އަހަންނަކީ ގޯސް މީހެއް ކަމަށް ނިންމައި، ވާހަކަ ދައްކަން ވެސް ބޭނުން ނުވީ ހެއްޔެވެ؟ ނޫނީ އެކަން ހާމަކުރެވުނީތީ، ލަދުން އަހަރެންގެ ކުރިމައްޗަށް އަންނަން ނުކެރުނީ ހެއްޔެވެ؟ ވިސްނާ ވިސްނައި އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ޤަބޫލު ކުރަންވީ ގޮތެއް ނޭނގުނެވެ.
ހަވީރުގެ ވަގުތެވެ. އަހަރެން ހުރީ ގޭތެރެ ކުނިކަހާށެވެ. ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނު ނަމަވެސް، ދޮރު ހުޅުވާކަށް ނުކެރުނެވެ. އަހަރެން ބަލަހައްޓައިގެން ހުއްޓައި، މިޝްރާ ގޮސް ދޮރު ހުޅުވާލައިފި އެވެ. ދޮރުމަތީގައި ހުރި އަޒްމަން ފެނި، އަހަރެންގެ ހަރަކާތްތައް ހުއްޓިއްޖެ އެވެ. އެސްފިޔަ ޖަހައިލަން ވެސް ހަނދާން ނެތިފައި ހުރެވުނީ އެ މޫނަށް ބަލާށެވެ.
އަޒްމަންގެ ތާޒާ މޫނު ވަނީ މިލާފަ އެވެ. އެދެލޮލުގައި ރިހުމުގެ އަސަރު ވިއެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅި ހާމަކޮށްދިނީ، ވޭތުވެދިޔަ ދެދުވަހު އޭނާ އުޅުނީ އުފަލުގައި ނޫން ކަމެވެ. އަހަންނަށް ބަލަހައްޓައިގެން ހުރިއިރު، އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދެމުން ދިޔަ އެވެ.
ލަސް ފިޔަވަޅުތަކެއް ނަގަމުން އޭނާ އަހަންނާއި ދިމާއަށް އައެވެ. ކޮންމެ ފިޔަވަޅަކާއިއެކު، އަހަރެންގެ ހިތުގެ ތެޅުމަށް ބަދަލު އަންނަމުން ދިޔަ އެވެ. މުޅި ހަށިގަނޑުގައި ޒާތެއްގެ އޮއެވަރެއް ދަތުރުކުރަން ފެށި އެވެ.
"ނީހާ އަހަންނަށް އިތުބާރު ކުރަންތަ؟..." އަޒްމަން ސުވާލު ކުރި އެވެ.
އަހަރެންގެ ހިތުގެ އެންމެ ފުންމިނަށް އެ އަޑުގެ އަސަރު ކުރުވައިފި އެވެ. ވަގުތުން ބޯ ޖަހާލެވިއްޖެ އެވެ.
"މާދަމާ ހެނދުނު އަންނާނެ ދެ ފިރެހެނުން..." އަޒްމަންގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނައި، އަހަރެންގެ ދެލޯ ބޮޑުވެއްޖެ އެވެ. "ހާސްނުވައްޗޭ... އެމީހުން އައިސް ކުރާނީ ސުވާލުތަކެއް... ނީހާއަށް ޖެހޭނީ، ނީހާ ބޭނުންވާގޮތް އެމީހުން ކައިރީ ބުނެދޭން..." އޯގާތެރި އަޑަކުން އަޒްމަން ބުންޏެވެ.
ކޮން ކަމެއްކަން ނޭނގުނަސް، އަހަންނަށް ބޯ ޖަހާލެވިއްޖެ އެވެ. އަހަންނަށް ދެރަވާނެ ފަދަ ގޮތަކަށް އަޒްމަން ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ. އެތަން ފެނި، އަޒްމަން ހިނިތުންވެލި އެވެ.
"ކޮން ކަމެއްތޯ ވެސް ނާހާނަންތަ؟... ނީހާ އަހަންނަށް ހަމަ އެހާ ވަރަށް އިތުބާރު ކުރަންތަ؟..." އަޒްމަން ސުވާލު ކުރި އެވެ. އަހަރެން ބޯ ޖަހާލުމާއިއެކު، އޭނާގެ ތުންފަތް މަތީގައިވި ހިނިތުންވުން ފުންވެއްޖެ އެވެ.
"މިސާލަކަށް އެމީހުން އެހީޔޯ، ނީހާ މިގޭގަ ތިހުރީ އުފަލުންހޭ؟... ކީކޭ ބުނާނީ؟... އުފަލުންނޭތަ؟..." އަޒްމަންގެ ސުވާލަށް ކުޑަކޮށް ވިސްނައިލާފައި، އަަހަރެން ބޯ ޖަހާލީމެވެ.
"ކިތަންމެ ދުވަހެއް ވިޔަސް، ނީހާ އަޒްމަންގެ ބެލުމުގެ ދަށުގަ އުޅެން ބޭނުންވޭހޭ އަހައިފިއްޔާ؟... ބުނާނީ، ބޭނުނުް ވެއޭތަ؟..." އަޒްމަން އޭނާގެ ދެވަނަ ސުވާލު ކުރި އެވެ. އެ ސުވާލުގެ ޖަވާބެއްގެ ގޮތުގައި ވެސް އަހަންނަށް ބޯ ޖަހައިލެވުނެވެ.
"ނީހާ އަޒްމަން ކިޔާ މީހަކާ އިންނަން އެއްބަސްހޭ އަހައިފިއްޔާ، ކީކޭ ބުނާނީ؟... އާނއެކޭތަ؟..." އަޒްމަން އޭނާގެ ސުވާލުތައް ކުރަމުން ދިޔައީ ވަރަށް ހަލުވިކޮށެވެ. ކީ އެއްޗެއް ސާފު ނުވަނީސް، އަހަންނަށް ބޯޖަހާލެވިއްޖެ އެވެ.
އެކަން އެނގުމުން، ލަދުން މުޅި މޫނު ރަތްވާކަށް ގިނައިރެއް ނުނެގި އެވެ. އެ ސުވާލާއިމެދު ވިސްނައިލެވުމުން، ތަފާތު ނަޒަރަކުން އަޒްމަންއަށް ބަލައިލެވިއްޖެ އެވެ. އޭނާގެ ބެލުން ވެސް ތަފާތުވިކަން ޤައިމެވެ. އަހަންނާއި ކައިރިއަށް ޖެހިލައި، އަހަރެންގެ އަތުގައި ހިފާލައިފި އެވެ.
"ނީހާ!... ނީހާއަށް ދެރަގޮތެއް ވާކަށް އަހަރެން ބޭނުމެއް ނޫން..." އަޒްމަންގެ ދެލޮލަށް ކަރުނަ ޖަމާވާން ނެގީ ހިނދުކޮޅެކެވެ.
އޭގެ ކުރިން އެ މޫނުމަތިން ފެނުނު އަސަރެއް މިހާރު އެ މޫނަކުން ނުފެނެ އެވެ. މާޔޫސްކަމާޢި އެއްވަރަށް، ހިތާމަައިގެ އަސަރު ވެސް އެ މޫނުން ފެންނަމުން ދިޔަ އެވެ. އަޒްމަން ދިޔައީ، އަހަރެން ހާސްކަމެއްގެ ތެރެއަށް ވައްޓައިލާފަ އެވެ. ވިސްނަންވީ ގޮތެއް ވެސް ނޭނގިފައި އަހަންނަށް ހުރެވުނީ ކޮޅަށެވެ.
އަޒްމަން ދިޔަތާ ދިހަވަރަކަށް މިނެޓުވެސް ނުވަނީސް ކޮންމެވެސް މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. އަހަރެން ހީކުރީ، އަޒްމަން ކަމަށެވެ. އަވަހަށް ގޮސް ދޮރު ހުޅުވައިލީމެވެ. ދޮރުމަތީގައި ހުރި ޝަރުމީލާ ފެނި، އަހަންނަށް ލިބުނީ ސިހުމެކެވެ.
"ކަލޭ ހިތުން އަޒްމަން ކަލެއާ އިންނާނެ ކަމަށް ދޯ ތިއުޅެނީ؟..." އަހަރެންގެ މޭގައި ޝަހާދަތް އިނގިލި ޖައްސައި ދޮރުމަތިން ދުރަށް ކޮއްޕައިލަމުން ޝަރުމީލާ ބުންޏެވެ. އޭނާ ގޭތެރެއަށްވަދެ، އަހަންނާއި ކުރިމަތި ލިއެވެ. "އަޒްމަން ނީންނާނެ ކަލެއަކާ..." އަކުރުތަކަށް ދަމައިލަމުން އޭނާ ބުންޏެވެ.
"އަޒްމަންއާ އަހަރެންގެ ދަރި ނައިޝާއާ އިންނަން ހުރިހާ ކަމެއް އޮތީ ހަމަޖެހި ނިމިފަ... ދެންވެސް ތިޔަ ފޮނި ހުވަފެންތައް ނުދެކި ރަށަށް ދެވޭތޯ ބަލާ..." ޝަރުމީލާގެ އަޑުގައި ވަނީ މަލާމާތެވެ.
(ނުނިމޭ)