އެއް ރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ އާދަޔާ ޚިލާފަށް ހޫނުވާތީ އެވެ. ހަށިގަނޑުގެ އެކި ހިސާބުތަކުގައި ބީހޭ ކަމުގެ އިހުސާސް ވެސް ކުރެވެމުން ދިޔަ އެވެ. ނިދީގައި އޮތުމުން، ކަންކަން ފަހުމުވާން އިރުކޮޅެއް ނެގި އެވެ. އަހަންނަށް ފުންމައިގެން ތެދުވެވުނީ، ކައިރީގައި މީހަކު އޮތްހެން ހީވެގެންނެވެ. އެނދުން ފުންމާލައިގެން، ދުވެފައި ގޮސް، ކޮއްކޮގެ އެނދު ކައިރީގައި ހުއްޓުނީމެވެ. އޭރު ހިތް ތެޅޭ ވަރުން، މޭފަޅާފައި ނުކުންނަން އުޅޭހެން ހީވަނީ އެވެ. ފަސްއެނބުރި ބަލައިލިއިރު، ބިރުވެރިކަމުން ހަތަރު ފަރާތް ވަށާލާފައި ވިއެވެ. އަހަރެން ހީކުރި ފަދައިން، އަހަރެންގެ އެނދުގައި މީހަކު އެބަ އޮތެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި ވެސް އެއީ ފިރެހެނެއްކަން ޔަޤީން ވެއްޖެ އެވެ. އެމީހަކު އޮތީ ސީދާ އަހަންނަށް ބަލަހައްޓައިގެންނެވެ. ބިރުން ގޮސް، ކަރު ހަލާކުވާހައި ބާރަށް ހަޅޭއްލަވައިގަނެވިއްޖެ އެވެ.

މިޝްރާއަށް ހޭލެވިގެން ރޯން ފެށި އެވެ. އަހަރެންގެ ފުރަގަހުން، ގައިގައި ދެއަތް ވަށާލިއިރު، އެކުއްޖާއަށް މާނޭވާ ލެވެ އެވެ. ކޮއްކޮއަށް އަޅާލެވޭ ވަރަށްވުރެ އަހަރެންގެ ހާލު ބޮޑެވެ. ބިރުން ގޮސް، މުޅި މީހާ ތުރުތުރު އަޅަމުން ދިޔަ އެވެ.

އަހަރެން ހަޅޭއްލަވައިގަތުމުން ކަންނޭނގެ އެވެ. އެމީހަކު ކުއްލިއަކަށް ތެދުވެއްޖެ އެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕައިލި އެވެ. އިސްކޮޅުން ދިގު މީހެކެވެ. ސިފަ ވަކިކުރަން ނޭނގުނު ނަމަވެސް، ޒުވާނެއްކަން ކަށަވަރު ވިއެވެ.

ދުވެލާފައި ގޮސް ކޮޓަރި ދޮރު ތަޅުލީމެވެ. އެންމެ ފަހަރަކު ނޫނެވެ. ދެފަރަށް ތަޅުލެވުމުން ވެސް ހަމަޖެހުމެއް ނުލިބުނެވެ. ދޮރުގައި ބުރަކަށި ޖައްސައިލިއިރު، އަހަރެންގެ މުޅި ހިތް ވަނީ ބިރުވެރިކަމުން ފުރިފަ އެވެ.

އެމީހަކު ކޮޓަރިއަށް ވަން ގޮތަކާއިމެދު ހިތުގައި ސުވާލު އުފެދުނެވެ. އަހަރެން ނިދަން އޮށޯތީ ދޮރު ތަޅުލާފަ އެވެ. ވީއިރު، އެމީހަކު ކޮޓަރިއަށް ވަނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި އަހަންނާއި ކޮއްކޮ ދިރިއުޅެމުންދާ އެ ގެއަށް، އިތުރު މީހަކު ނާންނާނެ ވާހަކަ އަޒްމަން އޮތީ ބުނެފަ އެވެ. އަނެއްކާ އެމީހަކީ، އަޒްމަންއަށް ވެދާނޭ ހެއްޔެވެ؟

އިންސާނުންގެ ހިތަކީ ބަދަލުވާ އެއްޗެއް ކަން އަހަންނަށް ވެސް އެނގެ އެވެ. ކިތަންމެ ރަނގަޅު މީހަކު ވެސް މަގުފުރެދިގެން ހިނގައިދާނެކަމީ އަހަރެން އަބަދުވެސް ޤަބޫލުކުރާ ހަޤީޤަތެކެވެ. ވިސްނަމުންދިޔަ ވަރަކަށް އަހަރެންގެ ބޮލުގައި ރިއްސަން ފެށި އެވެ. އެމީހަކީ އަޒްމަން ކަމުގައި ޤަބޫލު ކުރާކަށް ހިތް އެއްބަހެއް ނުވި އެވެ. އިސާހިތަކު ގިސްލާފައި ރޮވެން ފެށުނެވެ. އަހަރެން މާލެ އައީ، ފިކުރުތަކުން ދުރުވެ، އަމިއްލަ ނަފުސަށާއި ކޮއްކޮއަށް ހަމަޖެހުމެއް ހޯދުމުގެ މަޤުސަދުގަ އެވެ. މާލޭގައި ހޭދަވި ކުޑަ ދުވަސްކޮޅުގައި އަހަންނަށް ހީކުރެވުނީ ވެސް އެހެންނެވެ. އެކަމަކު އޭގެ ކުޑަ ހިނދުކޮޅެއް ކުރީގެ ހާދިސާއިން އަހަރެންގެ ވިސްނުން ބަދަލު ކުރުވައިފި އެވެ.

އަމިއްލަ ނަފުސާއި އަބަދުމެ ކުރެވޭ ސުވާލުތަކެއް ވެއެވެ. މިއަދުވެސް ހިތަށް އައީ އެ ސުވާލުތަކެވެ. އަހަންނަށް މިހެން މިދިމާވަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް ކުޑަވެސް އުފަލެއް ނެތީ ހެއްޔެވެ؟ ބިރުވެރިކަމުން ހަތަރުފަރާތް ވަށާލުން ނޫން ކަމެއް އަހަރެންގެ ހަޔާތުގައި ނުވަނީ ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ބާވައެވެ؟

ކަކުކުލުގައި ނިތްކުރި ޖައްސާލިގޮތަށް އިރު އެރި އިރުވެސް އަހަރެން އިނީ، ދޮރުގައި ލެނގިލައިގެންނެވެ. ވަރުބަލިކަން އިހުސާސް ކުރެވެމުން ދިޔަ އެވެ. އެހެނަސް، ނިދީގެ ކުޑަވެސް މިންވަރެއް އަހަރެންގެ ދެލޮލުގައި ނުވެ އެވެ.

އަހަރެން ހުރީ ކޮޓަރިން ނުކުންނަން ވެސް ބޭނުން ނުވެފަ އެވެ. އެންމެފަހުން ނުކުންނަން މަޖުބޫރުވީ، ކޮއްކޮ ބަނޑުހައިވެގެން އެވާހަކަ ދައްކަން ފެށުމުންނެވެ. އޭރު ދިހައެއް ޖަހާ ބޮޑުވެއްޖެ އެވެ. ފެންވަރާ ރީތިވެލައިގެން ބޭރަށް ނުކުތްތަނައި، ސިޓިންގްރޫމު ސޯފާގައި އޮތް އަޒްމަން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅެއް އަޅާލެވުނު ވެސް މެއެވެ.

އަހަރެން ފެނުމުން، ގޭގައި ގެންގުޅޭ މީހާ، ހަލުވި ފިޔަވަޅުތަކެއްގައި އައެވެ. އޭނާގެ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސައި، އަޑެއް ލައްވައި ނުލުމަށް އެދުނެވެ.

"ބޭބެ ނިދާފަ ހުންނަނީ..." އޭނާ ވާހަކަ ދެއްކީ ވައި އަޑުންނެވެ.

ގޭތެރެއިން އަޒްމަން ފެނުމުން، އަހަރެންގެ ޝައްކު އިތުރު ވިއެވެ. ރޭގައި އަހަރެންގެ ކޮޓަރިއަށް އެވަނީ ހަމަ އަޒްމަން ބާއެވެ؟ ޤަބޫލުކުރަން ދަތިވެގެން ބޭރު މީހާ އާއި ސުވާލު ކުރީމެވެ. އަޒްމަން އައީ ކޮން އިރަކު ކަން އޭނާއަށް އެނގޭނެ ކަމުގެ އުއްމީދުގަ އެވެ.

"އަހަރެން އައި އިރުވެސް ބޭބެ ނިދާފަ ހުންނަނީ..." އޭނާ ޖަވާބު ދިނެވެ. މާ ބޮޑަށް ދިވެހި ނޭނގޭތީ، އޭނާ ދައްކާ ވާހަކަ އަހަންނަށް ސާފުވަނީ ވެސް ކިރިޔާ އެވެ.

އޭނާ ބުނި އެއްޗެއް ފަހުމުވުމުން، އަހަރެންގެ ދެލޯ ބޮޑު ވިއެވެ. ގޭގައި ގެންގުޅޭ މީހާ، ކޮންމެ ދުވަހަކުވެސް ހެނދުނު ހައެއް ނުޖަހަނީސް، މަސައްކަތަށް ހާޟިރު ވެއެވެ. މިއަދުވެސް އެ ގަޑީގައި އޭނާ އައިއިރު، އަޒްމަން ނިދާފައި އޮތް ވާހަކަ ބުނުމުން، ހައިރާން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އޭގެ ކުރިން އެހާ ހެނދުނާ އަޒްމަން ދުވަހަކު ވެސް އެގެއަށް އައިސްފައެއް ނުވެ އެވެ. އަހަރެން ގަބުވެފައި ހުއްޓައި، މިޝްރާ ދުވެލާފައި ގޮސް ސޯފާއަށް އަރައިފި އެވެ. ކުޑަކޮށް ފުރޮޅިލަމުން، އަޒްމަން އޭނާގެ ދެލޯ ހުޅުވައިލިތަން ފެނުނެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އޭނާއަށް ފުރަގަސް ދިނީމެވެ. ހިތް ތެޅިގަތީ، އޮބި ނޯންނަ ވަރަށެވެ. އުޅެވުނު ގޮތުން، ހިތުގައި އިންދުނު ޝައްކުގެ އޮށުގައި މޫލައިގެން ހެދެން ފަށައިފިކަން ޤައިމުވެއްޖެ އެވެ. އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ހާލުގައި ޖެހިފައިވަނިކޮށް، އަޅާލި މީހަކީ އެއީ ކަމަށް ވީތީ އެވެ. މުޅި ދުނިޔެއިން ވެސް މިހާރު އަހަރެން އެންމެ ޤަދަރު ކުރަން ބޭނުންވާ އިންސާނަކީ އެއީ އެވެ.

އަޒްމަން ތެދުވެގެން، މިޝްރާ އާއި ސަމާސާކޮށްލި އަޑު އިވުނެވެ. ޓީވީއިން ކާޓޫނެއް އަޅުވައިދީފައި، އޭނާ އަހަންނަށް ގޮވާލައިފި އެވެ. އާދައިގެމަތީން ވާހަކަ ދައްކާ ރާގުގަ އެވެ. އެއްވެސް ތަފާތުކަމެއް އެ އަޑުގައި ނުވެ އެވެ. އެކަމަކުވެސް، އަހަރެންގެ ދެފައި ތުރުތުރު އަޅައިގަތެވެ. ދުވެފައި ގޮސް ކޮޓަރިއަށް ވަންނަން ހިތް ގޮވި އެވެ. އަހަންނަށް ހުރިތަނުން ގުޑިއެއް ނުލެވުނެވެ. އޭނާ އައިސް އަހަރެންގެ ކުރިމައްޗަށް އަރަންދެން ވެސް ހުރެވުނީ އެވެ. އޭނަ ކުޑަކޮށް ގުދުވެލާފައި އަހަރެންގެ މޫނަށް ބަލާލައިފި އެވެ.

"ރޭގަ ނުނިދަނީތަ؟..." އަޒްމަން ކުރީ އާދައިގެ ސުވާލެކެވެ. އެހެނަސް، އެ ސުވާލުން އަހަރެންގެ ތަބީއަތު އިހުނަށްވުރެ ބޮޑަށް ގޯސްވެއްޖެ އެވެ. ބިރެއް ފެނުމުން ބަލާހެން އޭނާގެ މޫނަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟... އަނެއްކާ ނުނިދާ އޮވެ، އަހަންނާ ދޭތެރޭ ވިސްނީތަ؟..." އަޒްމަން ސުވާލު ކުރީ، ލާނެތް ރާގަކަށެވެ.

އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. ޝައްކު ޔަޤީނަށް ބަދަލުނުވަނީސް، މީހެއްގެ ބޮލުގައި ބޮޑު އިޒްލާމެއް އަޅުވާކަށް ބޭނުމެއް ނުވި އެވެ. ލުއި ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން އަވަހަށް ގޮސް ކާގެއަށް ވަނީމެވެ.

ހެނދުނު ސައި ބުއިގޮތަށް އަހަރެން އޮތީ ކޮޓަރީގަ އެވެ. ކޮއްކޮ ވެސް ކޮޓަރިއަށް ލައި ތަޅުލައިގެންނެވެ. އަޒްމަން ދެތިން ފަހަރަކު ގޮވުމުންވެސް އަޑު އިވޭ ކަމަށް ވެސް ނުހަދަމެވެ. އަހަރެން ނުކުތީ، އޭނާ ދިޔުމުންނެވެ. އެވަރުވުމުން، އޭނާގެ ހިތަށް އެއްޗެއް އަރާނޭ ކަން އެނގުމުން އެކަމާއި ވިސްނެން ފެށި އެވެ.

އިރު އޮއްސެން އުޅެނިކޮށް އަޒްމަން އަތުވެއްޖެ އެވެ. އެ އުމުރުގެ ދެ ފިރެހެނުންނާއި އަންހެނަކާއި ވެސް އެކުގަ އެވެ. އެމީހުންގެ އަތުގައި ކޮތަޅުތަކެއް އޮތެވެ. އަހަރެން އުޅުނީ، އަވަހަށް ގޮސް ކޮޓަރިއަށް ވަންނާށެވެ. އަޒްމަން ގޮވާލުމުން، މަޑުކުރަން މަޖުބޫރު ވިއެވެ.

"ނީހާ!... މީ އަހަރެންގެ އެންމެ ގާތް އެކުވެރިން... ޝަރުވާން، ދާރިޝް، ދެން ޝިމްނާ..." އަޒްމަން ހުރީ ހަމަޖެހިފަ އެވެ. އަހަރެން ހީކުރީ އޭނާ ހުންނާނީ އަހަރެން ކަންތައް ކުރިގޮތުން ހިތްހަމަނުޖެހިފައި ކަމަށެވެ. "އެންމެން ތައާރަފް ކޮށްދޭން ވާނެނު..." ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އޭނާ ބުންޏެވެ.

ކޮންމެ މީހެއްގެ މޫނަށް ވަކިވަކީން ބަލައިލަމުން އަހަރެން ވެސް ހިނިތުންވެލީމެވެ. އެ އެންމެން ވެސް ތިބީ ހިނިތުންވެލައިގެންނެވެ.

"އަޒްމަން އަބަދު ދައްކާނީ ނީހާގެ ވާހަކަ... އެހެންވެ އެހާ ޚާއްސަ ކުއްޖެއްވީމަ، އަހަރެމެން ވެސް ބޭނުންވީ، ބައްދަލުކޮށްލަން... ދޯ ޝަރުން..." ޝިމްނާ ވާހަކަ ދައްކަމުން ގޮސް، އަތުގައި އޮތް ކޮތަޅުން ކައިރިީގައި ހުރި ޝަރުވާންގެ ގައިގައި ޖެހިތަން ފެނުނެވެ.

ދެމީހުން ހީހީފައި މުޅި ގޭތެރޭގައި ދުވަން ފެށި އެވެ. އަޒްމަން ވެސް ދެފަރާތަށް ބޯ ހޫރާލަމުން، އަތުގައި އޮތް ކޮތަޅުތައް ހިފައިގެން، ބަދިގެއަށް ވަދެއްޖެ އެވެ.

"ކިހިނެއްތަ؟... މާލެ މީ ކަމުދާ ތަނެއް ނޫންދޯ؟..." ޝިމްނާގެ ހަރަކާތްތަކަށް ބަލަން ހުރި ދާރިޝް، އަހަރެންގެ ކައިރިއަށް ޖެހިލި އެވެ. "ހަމަ ގައިމުވެސް، އަހަރެން ވަރަށް ފޫހިވާ ތަނެއް މީ..." އޭނާ ޖަހައިލީ ލުއި ހިނިގަނޑެކެވެ.

އަހަރެން ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީ އެވެ. ވާހަކައެއް ބުނަން ބޭނުންވިޔަސް، ބުނާނޭ އެއްޗެއް ނޭނގުނެވެ.

"އަޒްމަން އެއީ ނީހާގެ ކާކުތަ؟... ބިޓުތަ؟..." ދާރިޝް ސުވާލު ކުރީ ވައި އަޑުންނެވެ. އޭނާ ކުރިއަށްވުރެ ކައިރިއަށް ޖެހިލިހެން ހީވުމުން، އަހަންނަށް ދުރަށް ޖެހިލެވިއްޖެ އެވެ.

އަޒްމަން ބަދިގެ ތެރެއިން ނުކުމެގެން އައީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ. އޭނާ އައިގޮތަށް އަހަންނާއި ދާރިޝްގެ ދެމެދަށް ވަދެއްޖެ އެވެ. ދާރިޝްގެ ސަބަބުން އަހަންނަށް އުނދަގޫވެފައި ހުރިކަން އޭނާއަށް އެނގުނު ކަހަލަ އެވެ.

"ޝިމޫ ދޭބަލަ ނީހާ އާ އެކީ... މީރު ބަތްގަނޑެއް ހަދާލައްޗޭ... ވަރަށް ހައިވެފަ މިހުރީ..." ޝިމްނާއަށް އަޑު އިވޭ ވަރަށް އަޒްމަން ވާހަކަ ދެއްކި އެވެ. އޭނާ އެގޮތަށް ކަންތައް ކުރީ، އަހަރެން އެތަނުން ފޮނުވައިލަންކަން އެނގުމުން، ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވާ އެކެވެ. އެއީ އަހަރެން ހުރީ އެތަނުން ދާން ބޭނުންވެފައި ކަމަށް ވީތީ އެވެ.

"ނޭވާ ލައިގެން ހުންނައްޗޭ..." އަހަރެން ހިނގައިގަތުމުން، ލާނެތް ރާގަކަށް އަޒްމަން ބުންޏެވެ. އޭނާ ވާހަކަ ދެއްކީ ހަމައެކަނި އަހަންނަށް އަޑު އިވޭ ވަރަށެވެ.

އަހަރެންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އަޒްމަންގެ އަދާތަކުން، އަހަރެންގެ ހިތް އޭނަ އާއި ދިމާއަށް ލަންބާލަމުން ދަނީ، އަހަންނަށް ކުޑަވެސް އެނގުމެއް ވެސް ނުވާ ހާލުގަ އެވެ.

ޝިމްނާ ވީ އަހަރެން ހީކުރި ވަރަށްވުރެ ރަނގަޅު ކުއްޖަކަށެވެ. ގާތް އެކުވެރިއެއް ފަދައިން އަހަންނަށް ކަންކަން ކޮށްދެމުން ދިޔަގޮތުން، ހިތުގައި އެ އަންހެން ކުއްޖާއަށް ޚާއްސަ ޤަދަރެއް ދެވުނެވެ. އެ މަޖާ މިޒާޖާއި، ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން، އަހަރެންގެ ލަދު އެއްފަރާތްވެ، ވާހަކަ ދައްކަން ކެރުނެވެ.

"މިފަހަރު މާލެ އައީއްސުރެ، އަޒްމަން އަބަދު ދައްކަނީ ނީހާގެ ވާހަކަ... ހާދަ ދުވަހެއް ވެއްޖެއޭ އޭނަ އަންހެން ކުއްޖަކާ ދިމާއަށް ބަލާވެސް ނުލާތާ... ކުރިން ވަރަށް ދެރަގޮތަކަށް އޭނަ އާ ދޭތެރޭ ކަންތައް ވީ... އެހެންވެ ދެން މީހުންނަށް އިތުބާރު ވެސް ނުކުރަނީ ކަންނޭނގެ... އޭނަ މަންމަމެން އެވަރަށް ކިޔާ އިރުވެސް، މީހަކާ އިންނާކަށް ގަސްތެއް ވެސް ނުކުރެއޭ..." ސިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި ޝިމްނާ އޭނާގެ އަނގަ ހުއްޓައި ނުލަ އެވެ. އަތުގައި އޮތް ތަށި އަހަންނާއި ދިއްކޮށްލަމުން އޭނާ އަހަރެންގެ މޫނަށް ވަރަށް ފުން ނަޒަރެއް ދިނެވެ.

ޝިމްނާ ދެއްކި ވާހަކަ އާއިމެދު ނުވިސްނަން އުޅުނަސް، އަހަންނަށް ވިސްނެން ފެށި އެވެ. އޭނާ އެދެއްކީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ؟ އަޒްމަންގެ ހަޔާތަށް އަންހެން ކުއްޖަކު އައި ވާހަކަ ހެއްޔެވެ؟ އެހެން ހިތަށް އެރުމުން، ހިތުގައި ޖެހުނެވެ. ހަސަދައިން ހިތް ފުރިގެން އައީ ކީއްވެ ކަމެއް ނޭނގުނެވެ. ހިތުގެ އަޑިން އެ އަންހެން ކުއްޖާ އާއި ދިމާއަށް އެއްޗެހި ކިޔަމުން ދަނިކޮށް، ޝިމްނާ ކުރި ކަމަކުން އަތުގައި އޮތް ތަށި ދޫވެގެން ނުވެއްޓުނީ ކިރިޔާ އެވެ.

"ތި ދެ މީހުންގެ ކަންތައް ހަބިއްތައަށް އެނގިއްޖެއްޔާ، ހުންނާނެ އިނގޭ ފޯރިއެއް... ޔަޤީން އުފަލުން އުދުއްސާލާނެކަން... އަހަރެން މިހުރީ ކެތްނުލަވާފަ އެވާހަކަ ބުނާހިތުން..." ކުއްލިއަކަށް އަހަރެންގެ ކަންފަތް ކައިރިއަށް ގުދުވެލަމުން، ޝިމްނާ ބުންޏެވެ.

އަހަރެން އެއްޗެއް ނުބުނެ ތަށިތައް ކަބަޑަށް ލަމުން ދިޔައީމެވެ.

"ތިދެމީހުން އުޅެނީ ހަމަ އަސްލުވެސް ރައްޓެހިވެގެންދޯ؟..." ޝިމްނާ ކުރި ސުވާލަކުން އަހަރެން ކޮށިއަރާ ގޮތް ވިއެވެ.

އޭނާ އަހަރެންގެ ބުރަކަށީގައި ދެފަހަރަކު ޖަހައިލި އެވެ. ކެއްސުންގަނޑު މައިތިރިވުމުން، ދެލޮލުން އައި ފެންތައް ވެސް ފޮހެލަ ދިނެވެ.

"ދެން ބުނެބަލަ... ރައްޓެހިވެގެން އުޅޭ ވާހަކަ ބުނުން އެއީ މައްސަލައެއް ނޫނޭ..." އަކުރުތަކަށް ދަމާލަމުން ޝިމްނާ ބުންޏެވެ. "އަހަރެން ކައިރީ ބުނެބަލަ.. ނުބުނާނަމޭ އެއްވެސް މީހެއް ކައިރީ... ހަމަ ޔަޤީން..." ޝިމްނާ ހުރީ މޫނަށް ގޮތެއް ހަދާލައިގެންނެވެ.

އަހަރެން ދެފަރާތަށް ބޯ ހޫރާލީ އެކަން ދޮގު ކުރުމަށެވެ. އެފަދަ އެއްވެސް ގުޅުމެއް އަހަރެމެން ދެމީހުންގެ މެދުގައި ނެތޭ ބުނާ ފަދައިންނެވެ.

"ޝިމޫ މިހާރު އޭނަގެ ބޯ ގޮއްވާލަނީ ދޯ؟..." ބަދިގެ ތެރެއަށް ވަން އަޒްމަން އައިސް ހުއްޓިލީ އަހަރެންގެ ކައިރީގަ އެވެ. "އޭނަ ކައިރީ ފާޑުފާޑު ވާހަކަ ނުދައްކައްޗޭ..."

ޝިމްނާ ދެލޯ އަޅާލަމުން އެތަނުން ދިޔަ އެވެ. އަޒްމަން އާއިއެކު އެކަނިވުމުން، އަހަރެންގެ ނޭވާ ހާސްވާން ފެށި އެވެ. ވަށައިގެން އައިސް ފިތެމުންދާ ކަމުގެ އިހުސާސް ކުރެވުނެވެ. އަވަހަށް އެތަނުން ދާން އުޅުނީމެވެ. އެވަގުތު، އޭނާ އަހަރެންގެ އަތުގައި ހިފަހައްޓައިފި އެވެ.

"ނީހާ ހިތްހަމަނުޖެހޭ ކަހަލަ ކަމެއް ވީތަ؟..." އޭނާ ސުވާލު ކުރި އެވެ. އެ އަޑުގައި ސަމާސާގެ އެއްވެސް އަސަރެއް ނެތެވެ.

"އަހަންނަށް އެނގޭ ނީހާއަށް ކަމެއް ވެއްޖެކަން... ކޮންމެވެސް ކަމެއް ވީމަ، ކުއްލިއަކަށް އަހަންނާ ތިހާ ދުރުން އުޅޭނީ... އަހަރެންދެކެ ކަމަކާ ހިތްހަމަނުޖެހިފަ ދޯ ތިހުރީ؟... އެހެންވިއްޔާ ވެސް، ވީގޮތެއް ބުނީމަ އެއްނު އަހަންނަށް އެކަމެއް ރަނގަޅު ކުރަން ވެސް އެނގޭނީ..." އަޒްމަން ދެރަވެލާފައި ބުންޏެވެ.

ދެންވެސް އަހަރެން އަނގަޔަކުން ނުބުނަމެވެ. އެއްޗެއް ބުނަން ބޭނުން ނުވާތީކީ ނޫނެވެ. އެހާ ހިއްވަރު އަހަރެންގެ ހަށިގަނޑުގައި ނެތުމުންނެވެ. އަޒްމަން ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. އޭނާ މަޑުމަޑުން އަހަރެންގެ އަތުން ދޫކޮށްލި އެވެ.

"އަހަރެން ނީހާ މިތަނަށް ގެނައީ، ނީހާ ދެރަ ކުރާކަށް ނޫނޭ... ނީހާ އުޅުނު ހާލު ފެނި ހިތަށް ކެތް ނުވީމަ... އަހަންނަށް އެ ޒިންމާ ނެގޭނެތީ އަހަރެން އެކަން ކުރީ... ދެން ނީހާ ހިތްހަމަނުޖެހޭ ކަމެއް އުޅެންޏާ، އެވާހަކަ އެއްވެސް އަހަރެން ކައިރީ ބުނީމަ އެއްނު، ހިތްހަމަޖެހޭގޮތެއް ހަދައިދޭން މަސައްކަތް ކުރެވޭނީ..." އަޒްމަންގެ އަޑުގައިވީ ޝަކުވާ އެވެ. އޭނާ ވަރަށް ބޮޑަށް ހިތުގައިޖެހިފައި ހުރިކަން އެނގުމުން، އަހަރެންގެ ހިތުގައި ވެސް ރިއްސާލައިފި އެވެ.

(ނުނިމޭ)

ކޮމެންޓް 0