"އަޒްމަންއާ އަހަރެންގެ ދަރި ނައިޝާއާ އިންނަން ހުރިހާ ކަމެއް އޮތީ ހަމަޖެހި ނިމިފަ... ދެންވެސް ތިޔަ ފޮނި ހުވަފެންތައް ނުދެކި ރަށަށް ދެވޭތޯ ބަލާ..." ޝަރުމީލާގެ އަޑުގައި ވަނީ މަލާމާތެވެ.
އަހަންނަށް ސިހުމެއް ލިބުނެވެ. ތަފާތު ވަސްވާސްތަކުން ހިތް ފުރާލި އެވެ. އަމިއްލަ ހިތުގެ ޖަޒުބާތުތައް ފޮރުވަމުން އިސްޖަހާލީމެވެ. އަހަންނަށް އަހަރެންގެ ފެންވަރެއް ނޯޅޭނެ އެވެ. އެފަދަ ކަމެއް ވިޔަ ނުދޭން، އަހަންނަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނަމެވެ. އަހަރެން އަޒްމަން އާއިއެކު މާލެ އައީ، އަމިއްލަ ފަސްގަނޑުގައި އުޅެވެން ނެތިގެންނެވެ. ފަހަރެއްގައި ވެސް އޭނާގެ ނާޖާއިޒް ފައިދާ ނަގާކަށް ނޫނެވެ. އަހަރެންގެ ހިތުގެ އީމާންތެރިކަން އެނގެނީ އަހަންނަށާއި، އަހަރެން ހެއްދެވި ފަރާތަށެވެ. އިތުރު މީހަކަށް އެންގުން އެއީ އަހަންނަށް މުހިއްމު ކަމެއް ނޫނެވެ.
ޝަރުމީލާއަށް ރައްދު ދިނުމުގެ ގޮތުން އެންމެ ލަފުޒެއް ވެސް ބުނާކަށް ބޭނުމެއް ނުވި އެވެ. އޭނާގެ ވިހަގަދަ ބަސްތަކުން ހިތަށް އަސަރު ނުކުރާތީކީ ނޫނެވެ. އެފަދަ މީހުންގެ ކުރިމަތީގައި ހަނު ހުރުން ވެސް މާ ބުއްދިވެރި ކަމުގައި ވިސްނުމުންނެވެ.
"މާ މާތް މީހަކަށް ވެގެން ހުންނާނެ ކަމެއް ނެތް... ހަފުތާއެއް ފަހުން މިގެ ވާނީ ނައިޝާގެ ގެއަކަށް... ތިކަހަލަ ތާކުންތާކު ނުޖެހޭ މީހުންނަށް މިކަހަލަ ރީތި ގެއަކުން ޖާގައެއް ނުދެވޭނެ... އެ މީހުން ކައިވެނި ކުރުމުގެ ކުރިން އަހަރެން ބޭނުން މިތަން ހުސްކުރަން... ހަތް ފެނުން ދޮވުނަސް ނޭނގެ މިތަން ދެން ސާފުވާނެ ކަމެއް..."
ޝަރުމީލާގެ ވިހަގަދަ ޖުމުލަތަކުން ހީވީ، އަހަންނާއި އަހަރެންގެ ކޮއްކޮއަކީ ނަޖިސްގަނޑެއް ހެންނެވެ. އެހާ ވަރަށް ނިކަމެތިކޮށްލުމުން، ހިތުގައި ޖެހުނެވެ. އޭނާ އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވެފައިވާވަރު ފެނުމުން، ކަންބޮޑު ވިއެވެ. އަމިއްލަ ނަފުސާއިމެދު ފަޚުރުވެރިވުމަކީ، ތިމާ ނުބައި އަނދަވަޅަކަށް ވެއްޓިގެން ހިނގައިދާނޭ ވަރުގެ ނުރައްކާތެރި ސިފަ އެކެވެ. އެވާހަކަ ބުނެދޭން ބޭނުންވި ނަމަވެސް، ދޫ ހަރަކާތެއް ނުކުރި އެވެ.
"މާދަމާ ރޭ ފުރާ ބޯޓުން ރަށަށް ދާން ތައްޔާރުވެގެން ހުރޭ..." އަހަންނާއި ދިމާއަށް ސަތޭކަ ރުފިޔާގެ ނޫޓުތަކެއް އުކައިލަމުން، އޭނާ އަމުރު ކުރި އެވެ.
އަހަރެން އެއްޗެއް ނުބުނެ ގަބުވެފައި ހުއްޓައި، މަލާމާތް ކުރުމުގެ ގޮތުން ލަވައެއް ކިޔަމުން، އޭނާ ނުކުމެގެން ގޮސްފި އެވެ. ކިތަންމެ ހިއްވަރުކޮށްގެން ހުރި ނަމަވެސް، ދެލޯ ފެންކަޅިވެގެން ކަރުނަތައް އޮހޭކަށް ގިނައިރެއް ނުނެގި އެވެ. ކޮންމެ ކަމަކުން އަހަރެންގެ ނިކަމެތިކަން އަންގައިދެނީ ކީއްވެ ހެއްޔެވެ؟ އުފަލެއް ލިބޭނޭހެން ހީވާ ކޮންމެ ވަގުތަކު، ބާކީވާ ކަމުގެ އިހުސާސުން ހަތަރުފަރާތް ވަށާލަނީ އަހަރެންގެ ކޮން ކުށަކުން ހެއްޔެވެ؟ ކުށެއް ކުރެވިފައިވާނަމަ، އެކަމެއް އެނގޭނޭ ނަމައޭ ހިތަށް އެރި އެވެ.
ހިތުގައިޖެހި ރޮވެން ފެށުނީ އޭނާ ދެއްކި ކޮން ވާހަކައަކުން ކަމެއް ނޭނގުނެވެ. ރޮމުން ގިސްލަމުން، ހުރިތަނަށް ތިރިވެވިއްޖެ އެވެ. މުށިތަކުގެ މަތީގައިވާ ނޫޓުތައް ފެނުމާއިއެކު އިތުރަށް ހިތުގައި ޖެހި، ރޮވެން ފަށައިފި އެވެ.
"ކީއްވެ، ކީއްވެ، ކީއްވެ... އަހަރެންގެ ކުށަކީ ކޮބާތަ؟..." ދެތުންފަތް ފޫދުއްވާލާފައި ޝަކުވާގެ އަޑު ބޭރުވެއްޖެ އެވެ.
އަމިއްލަ ނަފުސުދެކެ އާދެވުނު ރުޅީގައި ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. އިސްތަށިގަނޑުގައި ހިފައި ވާންކޮށްލެވުނީ، އަނިޔާކުރުމުގެ މަޤުސަދުގައެއް ނޫނެވެ. އެވަގުތު ސިކުނޑި މަސައްކަތް ކުރުން ހުއްޓާލުމުންނެވެ.
އޭގެ އިރުކޮޅެއް ކުރިން އަހަރެން ހުރީ އުފަލުންނެވެ. ޙަޔާތާއިމެދު އުއްމީދުތަކެއް ކުރެވުނެވެ. އެކަމަކު، އެ އުއްމީދުތަކުގައި ކުލަ ނުޖެހި، ހުވަފެނަކަށް ވެގެން ދަނީ ހެއްޔެވެ؟ ވިސްނަމުންދިޔަ ވަރަކަށް، އޭގެ އިރުކޮޅެއް ކުރިން އަޒްމަން ދެއްކި ވާހަކަތައް ކަންފަތް ދަށުގައި ތަކުރާރުވަމުން ދިޔަ އެވެ.
މުޅި ސިކުނޑީގައި ދައުރުވަމުންދިޔަ ހައިޖާނުގަނޑު ނިމުނުއިރު، އަހަރެންގެ ވިސްނުން ބަދަލުވެއްޖެ އެވެ. ޝަރުމީލާގެ ވާހަކަތަކުން އަހަރެންގެ ހިތަށް ފުން އަސަރުތަކެއް ކުރުވައިފި އެވެ. އަޒްމަންގެ މޫނުމަތީގެ އަސަރުތައް ހުރި ގޮތް ސިފަކޮށްލެވުމުން ވެސް ކަންތައްތައް ރަނގަޅު ނޫންކަން އިހުސާސް ވެއްޖެ އެވެ. އަޒްމަން ސީދާ ގޮތަކަށް އަހަރެންގެ ކައިރީގައި އެއްވެސް ވާހަކައެއް ނުބުނީ ކީއްވެ ކަމާއިމެދު ވިސްނައިލެވުނީ ވެސް ދެނެވެ.
********
އާ ދުވަހަކަށް އިރު އެރުމުގެ ކުރިން ގޭތެރޭގެ މަސައްކަތްތައް ނިންމާލައިފީމެވެ. ފަތިސް ނަމާދުން ދުވަސް ފެށުމުން، ސިކުނޑި ވަނީ ތާޒާ ވެފަ އެވެ. ނުތަނަވަސްކަން ފިލައިގޮސް، އުއްމީދުގެ ހުޅުކޮޅު ދިއްލިއްޖެ އެވެ.
ފެންވަރައި ތާޒާވެލައިގެން ނުކުމެ ސިޓިންގްރޫމު ސޯފާގައި އިންއިރު، އަހަރެންގެ ހިތް ތެޅެނީ އެވެ. ކޮންމެވެސް ސަބަބަކާއިހުރެ، އަޒްމަން ބުނި މީހުން އަންނާނެ ވަގުތަކަށް އިންތިޒާރު ކުރެވެން ފެށިއްޖެ އެވެ. މުޅި ހަށިގަނޑުގައި ދައުރުވަމުންދިޔަ އޮއެވަރުގެ އަސަރު ނުފިލާ ހުއްޓެވެ.
މިޝްރާ ހޭލައިގެން ނުކުތީ، އަހަރެން އެހެން އިންދަ އެވެ. އަހަރެން ފެނުމުން ދުވެލާފައި އައިސް އުނގުގައި ބޯއަޅާލައިފި އެވެ.
"މިޝީއަށް ބިރުވެރި ހުވަފެނެއް ފެނުނީ..." މިޝްރާ ވާހަކަ ދެއްކީ މައުސޫމު ރާގަކަށެވެ.
"ހުވަފެނަކީ ބިލާހެކޭ ދޮންތި ބުނީމެއްނު.." ކޮއްކޮގެ ބޮލުގައި ފިރުމާލަމުން އަހަރެން ބުނީމެވެ.
"ދޮންތީ!..." އަހަރެންގެ ވާހަކަ ނުނިމެނީސް މިޝްރާ ގޮވައިލި އެވެ.
މޫނު އުފުލާލަމުން އެކުއްޖާ އަހަރެންގެ މޫނަށް ބަލައިލީ ބޮޑު ވާހަކައެއް ބުނަން ކަން ޔަޤީން ވިއެވެ.
"މިޝީ އެކަނި ދޫކޮށްލާފަ ދޮންތި އެއްވެސް ތަނަކަށް ނުދައްޗޭ... މިޝީ ވަރަށް ބިރުގަނޭ..." އަހަރެންގެ އުނަގަނޑުގައި ދެއަތް ވަށައިލަމުން މިޝްރާ ބުންޏެވެ.
އަހަރެން ހިނިތުންވެލީމެވެ. ހިތަށް އެރި އެވެ. އެއީ މިޝްރާ ކީއްވެ ދެއްކި ވާހަކަތަކެއް ބާއެވެ؟ އަނެއްކާ އަހަރެމެންނަށް ހިތާމަވެރި ކަމެއް ދިމާވާން އުޅެނީ ހެއްޔެވެ؟ ސުވާލު ކުރަން ހިތަށް އަރާފައި ވެސް މިޝްރާ ހާސްވެދާނެތީ، އަހަރެން ބޭނުންވީ އެވާހަކަ އޮއްބައިލާށެވެ.
މިޝްރާ ގޮސް ކޮޓަރިއަށް ވަނުމުން، އަހަރެން ނުކުތީ ބާލު ޚާނާ އަށެވެ. އިރުގެ ދޯދިތައް މޫނަށް އެޅިގެން ދިޔުމުން ކުރެވުނީ ތަފާތު އިހުސާސެކެވެ. ތަފާތު އުފަލެއް ލިބުނުހެން ހީވި އެވެ. މާލެ އައިފަހުން، ގުދުރަތީ ރީތި މަންޒަރެއް ނުފެނެ އެވެ. ޤުދުރަތުގެ ފުރިހަމަ ރީތި މަންޒަރުތަކުން، ވީރާނާވަމުންދާ ޙަޔާތަށް ދިރުން ލިބި، އުއްމީދު އާވެގެން ދެއެވެ.
ދެލޯ މަރާލަމުން މައްޗަށް މޫނު އުފުލައިލީމެވެ. އެގޮތުގައި އެތައް އިރަކު ހުރެވުނެވެ. އަހަރެން ފަސްއެނބުރުނީ މީހެއްގެ ޙިލަމެއް ވިހެން ހީވެގެންނެވެ. ފަސްއެނބުރި ބަލައިލި ވަގުތު ދާދި ކައިރީގައި މީހަކު ހުރުމުން ސިހިއްޖެ އެވެ.
"ހާދަ ވަރަކަށް ސިހުނީ؟... އަހަރެންދެކެ ހަމަ އެހާ ބިރުގަނޭތަ؟..." ދެބުމަ އުފުލައިލަމުން އަޒްމަން ސުވާލު ކުރި އެވެ. އަހަންނަށް ޖެހިލެވުނީ ފަހަތަށެވެ.
"ތިހުރީ އަހަރެންގެ އިންތިޒާރުގަތަ؟..." އަހަންނާއި ދިމާއަށް ކުޑަކޮށް ގުދުވެލަމުން އޭނާ އަނެއްކާ ވެސް ސުވާލުކޮށްލައިފި އެވެ. ކުރިން ވެސް އޭނާ ސުވާލުކުރާ ލާނެތް ރާގުގަ އެވެ.
އަހަރެން ބޯ ހޫރާލީމެވެ. އަވަސްއަވަހަށް ފަހަތަށް ޖެހިލި ވަގުތު، ބުރަކަށި ޖެހުނީ ރެއިލިންގަ އެވެ. އަޒްމަން އަހަރެންގެ ގައިގައި ހިފަހައްޓައިލި އެވެ. އޭނާ ހުށިޔާރެވެ. އަހަންނަށް ވެދާނެ ކަމަކުން ސަލާމަތްކޮށްދޭން އޭނާ ތައްޔާރަށް ހުންނަ ކަހަލަ އެވެ. އޭނާގެ ބާރުގަދަ ދެއަތުގެ އެހީގައި އަހަރެން ރެއިލިން އާއި ދުރަށް ޖައްސާލައިފި އެވެ.
"އަހަރެން ފެނުނީމަ ނޭވާލާން ވެސް ހަނދާން ނެތެނީތަ؟..." ހަމަ އެ ރާގުގައި އޭނާ ސުވާލު ކުރި އެވެ.
ނޭވާ ލާންވެސް ހަނދާންވީ ދެނެވެ. ފުލުފުލުގައި ދެތިން ނޭވާއެއް ދޫކޮށްލެވިއްޖެ އެވެ. އެތަން ފެނި އޭނާ ޖަހައިލީ ލުއި ހިނިގަނޑެކެވެ. އަޒްމަންއަށް އެކަންވީ މަޖާ ކަމަކަށެވެ. ކުޑައިރުކޮޅަކު ސަމާސާކޮށްލާފައި އޭނާ ހިމޭންވެއްޖެ އެވެ. ދައްކަން އުޅެނީ، ވަރަށް ބޮޑު ވާހަކައެއް ކަން އެނގުނީ، އޭނާ އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލި ގޮތުންނެވެ.
"ނީހާ!..." ފުން ނޭވާއެއް ދޫކޮށްލަމުން އޭނާ އަހަންނަށް ގޮވާލި އެވެ. އަހަންނަށް ބޯ ޖަހާލެވުނީ، އޭނާ ބުނަން އުޅޭ އެއްޗެއް އެނގޭ ހިތުން ކެތްމަދުވެފައިވާ ހާލުގަ އެވެ.
"އަހަރެން ބުނީމެއްނު ދެމީހަކު އަންނާނެއޭ..." ސުވާލުކުރާ ރާގަކަށް އޭނާ އަހައިލި އެވެ. އަހަރެން ބޯ ޖަހައިލުމުން ހިނިތުންވެލައިފި އެވެ. "އެމީހުން އެބަތިބި ސޯފާގަ... ނީހާ ތައްޔާރުތަ؟..."
އަހަންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބިރެއް ފެނުމުން ބަލާހެން ސިޓިންގްރޫމާއި ދިމާއަށް ބަލައިލެވިއްޖެ އެވެ. ސޯފާގައި ދެމީހަކު ތިބިކަން އެނގުމުން، ހިތް ތެޅިގަތީ އެއެއް މިއެއް ބަލާފައެއް ނޫނެވެ. މުޅި ހަށިގަނޑަށް ޒާތެއްގެ ފިނިގަނޑެއް އަރައިގެން ދިޔަ އެވެ. ދެފައި ތުރުތުރު އަޅައިގަތެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅުވާނެ... ހާސްނުވޭ..." ފިނިވަމުންދިޔަ އަހަރެންގެ އަތްތިލައިގައި ހިފައިލަމުން އަޒްމަން ބުންޏެވެ.
"އަހަރެން މިތާ މަޑުކޮށްލާނަން... ނީހާ ދޭ..." ދޮރާއި ދިމާއަށް އިޝާރާތް ކުރަމުން އޭނާ ބުންޏެވެ.
އަތުގެ ނިޔަފަތިތައް ހަފަމުން އަހަރެން ފިޔަވަޅެއް އަޅައިލީމެވެ. ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއިއެކު، ހަތަރެސްފައި ތުރުތުރުއަޅައިގަނެ އެވެ. ސޯފާގައި ތިބީ، ޒުވާން ފުރައިގެ ދެ ފިރެހެނުންނެވެ. އެމީހުންގެ އަތުގައި ކަރުދާސްތަކަކާއި، ގަލަން އޮތެވެ. އަހަރެން ފެނުމުން، ދެމީހުން އެއްފަހަރާ ތެދުވި އެވެ. ހީވީ އިއްޒަތްތެރިއަކު ފެނުމުން، ތެދުވި ހެންނެވެ.
"ނީހާ ތޯ؟..." ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އެތަނުން އެކަކު ސުވާލު ކުރި އެވެ.
އަހަރެން ބޯޖަހާލީމެވެ. އެއާއިއެކު އެމީހުން އެދުނީ އިށީނުމަށެވެ. އެމީހުންގެ ވާހަކަ ފެށީ، ކުރު ތައާރަފެއް ދީފަ އެވެ. އަހަންނާއި ކުރީ ކިތަންމެ ޒާތީ ސުވާލުތަކަކަށް ވިޔަސް، އެއިން ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދިނީމެވެ. ތެޅެމުންދިޔަ ހިތް ހުއްޓުނުހެން ހީވީ، އެތަނުން މީހަކު ބުނެލި ޖުމުލައެއް އަޑު އިވުމުންނެވެ. އޭނާ ސުވާލުކުރީ އަޒްމަން އާއި ކައިވެނި ކުރަން ރުހޭނަމަ، ރަނުގެ އަދަދަކީ ކޮބައިތޯ އެވެ.
ދެލޯ ބޮޑުކޮށްލަމުން އަހަންނަށް ބަލައިލެވުނީ ބާލު ޚާނާ އާއި ދިމާއަށެވެ. ވަޔާއިއެކު ވިހުރެމުންދިޔަ ދޮރުފޮތިގަނޑުގެ ސަބަބުން، އަޒްމަންގެ މޫނު ފެންނަވަރެއް ނުވި އެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އިންދައި، އެމީހާ އޭނާގެ ސުވާލު ތަކުރާރުކޮށްލައިފި އެވެ. ދެތިން ފަހަރު ތަކުރާރު ކުރުމުން ހާސްވެގެން ބޯ ޖަހާލެވިއްޖެ އެވެ.
"ރަން ކިއިދާނެ ކޮންމެ އެއްޗަކަށް ވެސް... މިބުނީ ކޮންމެހެން ފައިސާ ނޫނަސް ރަނގަޅުވާނެއޭ..." އެތަނުން އެކަކު ބުނެލި އަޑު އިވުނެވެ.
"އެއްވެސް އެއްޗެއް ބޭނުމެއް ނޫން..." އަހަންނަށް ބުނެވުނެވެ.
އެއާއިއެކު ދެމީހުން އެކަކު އަނެކެއްގެ މޫނަށް ބަލާލައިފި އެވެ. ބުނެވުނީ ގޯސް އެއްޗެއްކަން އިހުސާސްވެގެން ކޮންމެވެސް އަދަދެއް ބުނެލައިފީމެވެ. ބުނެވުނީ ކީކޭ ކަމެއްވެސް ނޭނގުނެވެ. އެތައް ވާހަކައެއް ދައްކާފައި އެމީހުން ތެދުވި އެވެ. ޝުކުރު އަދާކޮށްފައި އެމީހުން ދިޔަ އިރުވެސް، އަހަންނަށް އިނދެވުނީ ޖެހި ބުދެއް ހެންނެވެ.
"ނީހާ!..." އަޒްމަންގެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރީ، އޭނާ ދެތިން ފަހަރު ގޮވާލި ފަހުންނެވެ.
ސިއްސައިގެން ގޮސްފައި ތެދުވެވިއްޖެ އެވެ. ހިނިތުންވެލައިގެން ހުރި އަޒްމަން ފެނުނީ ދާދި ގާތުގައި ހުއްޓަ އެވެ. ހިތަށް ގޮތްތަކެއް ވާން ފަށައިފި އެވެ. ލަދުން ގޮސް މަލެއްހެން މޯޅިވެއްޖެ އެވެ. އެއްޗެއް ބުނަން އުޅެފައި ވެސް އަޒްމަން އެ ޚިޔާލު ދޫކޮށްލިކަން އެނގުނީ އޭނާ ފުން ނޭވާއެއް ދޫކޮށްލި ގޮތުންނެވެ.
"ހަތާވީހަކީ މާ ޚާއްސަ އަދަދެއްތަ؟..." އަޒްމަންގެ މޫނުމަތިން ފެނުނީ ޝައުޤުވެރި ކަމެވެ.
އަހަރެން އެއްޗެއް ނުބުނުމުން އޭނާ އިތުރު ސުވާލެއް ނުކުރެ އެވެ. އެއީ އަހަންނަށް ރަނުގެ ގޮތުގައި ބުނެވުނު އަދަދުކަން އެނގުނީ ދެނެވެ. ތިރީ ތުންފަތުގައި ދަތްއަޅާލެވުނީ، ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ދުވަހަކީވެސް، އެމަހުގެ ހަތާވީސް ވަނަ ދުވަސްކަން އެނގުމުންނެވެ.
"އަހަންނަށް ވެސް ވަރަށް ޚާއްސަ..." އަޒްމަން ބުންޏެވެ. އޭނާ އެހެން ބުނީ، ކޮން މާނައެއްގައި ކަމެއް ނޭނގުނެވެ.
"އަހަރެން އަންނާނަން ހަތަރުގަޑި ބައި ހާއިރު.. މިޝީ އާ ދެކުދިން ތައްޔާރުވެލައްޗޭ..." އަޒްމަންގެ އަޑު މަޑެވެ. އެހެނަސް، އެ އަޑު އަހަރެންގެ ކަންފަތާއި ހަމައަށް ފޯރައިފި އެވެ.
އޭނާ ދިޔުމުން އަހަންނަކަށް އިތުރު ކަމެއް ނުކުރެވުނެވެ. އަބަދުމެ ބެލެމުން ދިޔައީ ގަޑި އަށެވެ. ރަނގަޅަށް ސައި ނުބޮވުނު ތަނުގައި މެންދުރަށް ކެއްކޭގޮތެއް ވެސް ނުވި އެވެ. ހީވަނީ ކުރިމަތިން އަޒްމަން ފެންނަ ހެންނެވެ. އޭނާގެ އަޑު ކައިރިން އިވޭހެން ވެސް ހީވެ އެވެ. އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ؟ ހިތުގައި އުތުރި އަރަމުން މިދަނީ ކޮން ޖަޒުބާތުތަކެއް ހެއްޔެވެ؟ އެ ޖަޒުބާތުތަކުގެ ސަބަބުން، އަހަރެންގެ ދިރިއުޅުމަށް ކުރާނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟
މެންދުރުން އަނބުރައި ދެގަޑި ބައިވީއިރު، އަހަރެން ހުރީ އިސްތިރި ކުރާށެވެ. އަތުގައި އެންމެ ރީއްޗަށް އޮތް ހެދުން، އެފަދަ މުނާސަބަތަކާއި ގުޅޭނެބާއޭ ހިތަށް އެރި އެވެ.
ދޮރުގައި ޓަކި ޖަހައިލުމުން، އަހަންނަށް ބަލައިލެވުނީ ގަޑި އަށެވެ. ގަޑިން ތިނެއް ވެސް ނުޖަހަ އެވެ. އެހާ އަވަހަށް އަޒްމަން އައިސްދާނެ ބާއޭ ހިތަށް އެރި އެވެ. ޖެހިލުންވެ ހުރެ ގޮސް، ކުޑަކުޑަކޮށް ދޮރު ހުޅުވާލާފައި ބަލައިލީމެވެ. ބޭރުގައި ހުރި މީހަކު ދޮރު ކޮއްޕާލާފައި އެތެރެއަށް ވަދެއްޖެ އެވެ. ގުދުވެގެން އޮތުމުން، ދޮރު ޖެހުނީ އަހަރެންގެ ނޭފަތުގަ އެވެ.
"ބަލާބަލަ ހުރެފަ ކޮށްލި ކަންތައް..." އިވުނީ ޝިމްނާގެ ލާނެތް އަޑެވެ.
ނޭފަތުގައި އަތުން ފިރުމަމުން ބަލައިލިއިރު، އޭނާގެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ، އުފާވެރިކަމެވެ.
"އަޅެ އަހަރެން ކައިރީ ބުނެލި ނަމަވެސް ދޯ... އަޒޭވެސް އެބުނީ ރަންކިޔާ ނިމުނީމަ... ހާދަ ވަގު ދެމީހުންނޭ..." އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ޝިމްނާ ޝަކުވާ ކުރަން ފެށި އެވެ.
"އަދި ފަހުން ދިމާކުރާނަން.. މިހާރު ވަގުތެއް ނެތް... މިއޮތީ ވާންއުޅޭ ފިރިކަލުން ދެއްވި ހެދުންކޮޅު، މި ލައިގެން ނުކުމެބަލަ އަވަހަށް..." ޝިމްނާގެ އަތުގައި އޮތް ކޮތަޅު ދިއްކޮށްލަމުން ބުންޏެވެ. "އަވަސް... އަވަސް... ވަގުތެއް ނެތޭ... އަދި ތައްޔާރުކޮށްދޭން ވެސް ޖެހެއޭ... ނީހާ ނުކުންނަންވާއިރަށް މިޝީ ތައްޔާރުކޮށްލާނަން..." ކޮޓަރި އާއި ދިމާއަށް އަހަރެން ކޮއްޕައިލަމުން އޭނާ ބުންޏެވެ.
"އިސްތިރިކޮށްފަ އިނގޭ އޮންނާނީ.." ކޮޓަރިއަށް ވަންނަނިކޮށް ޝިމްނާ ބުނި އަޑު އިވުނެވެ.
ކޮޓަރިއަށްވަދެ ކޮތަޅުގައި އޮތް އެއްޗެއް ބަލައިލުމުން، އަހަންނަށް ލިބުނީ ހައިރާން ކަމެވެ. އޭގައި އޮތީ، ކަޅުކުލައިގެ އަބާޔާ ހެދުމަކާއި، ކަޅު ހަރުވާޅެއްގެ އިތުރުން، ކަޅު ޝޯލް އެކެވެ. ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ. އަހަރެން ކުޑަގޮތަކަށް ތައްޔާރުވެލައިގެން ނުކުތުމުން، އަޖައިބުވެފައި ބަލަން ޝިމްނާ ހުއްޓެވެ. އޭނާގެ ތައުރީފުގެ ބަސްތަކުން، އަހަރެން ލަދުން ހަލާކުނުވީ ކިރިޔާ އެވެ.
(ނުނިމޭ)