ކޮޓަރިއަށްވަދެ ކޮތަޅުގައި އޮތް އެއްޗެއް ބަލައިލުމުން، އަހަންނަށް ލިބުނީ ހައިރާން ކަމެވެ. އޭގައި އޮތީ، ކަޅުކުލައިގެ އަބާޔާ ހެދުމަކާއި، ކަޅު ހަރުވާޅެއްގެ އިތުރުން، ކަޅު ޝޯލް އެކެވެ. ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ. އަހަރެން ކުޑަގޮތަކަށް ތައްޔާރުވެލައިގެން ނުކުތުމުން، އަޖައިބުވެފައި ބަލަން ޝިމްނާ ހުއްޓެވެ. އޭނާގެ ތައުރީފުގެ ބަސްތަކުން، އަހަރެން ލަދުން ހަލާކުނުވީ ކިރިޔާ އެވެ.

"ނީހާ ބުރުގާ އެޅީމަ ހާދަ ރީއްޗޭ... ތިހާ ދިގު ހެދުމެއް ލީމަ ހީވޭ ކުރިއަށްވުރެ ދިގު ހެންވެސް... ކަޅު ކުލަ ނީހާއާ ހާދަ ގުޅެއޭ... އަޒޭއަށް ފެނިއްޖެއްޔާ އޭނަ މޮޔަ ނުވާނެ ކަމެއްވެސް ނޭނގެ..." އަހަރެން އަޅައިގެން އިން ޝޯލްގެ ޕިންތައް ރަނގަޅުކޮށްލަދެމުން ޝިމްނާ ވާހަކަ ދެއްކި އެވެ.

ޝިމްނާ ހިތްހަމަޖެހޭ ވަރަށް އަހަރެން ތައްޔާރުކޮށްދޭން ވަގުތު ނެގި އެވެ. އަހަރެން ބޭނުން ނުވާތީ، މޫނުގައި އެއްވެސް ކުލައެއް ނުހާކަ އެވެ. އެކަމަކު ކުރުނުކޮށް ކިޔަން ފެށުމުން، ތުންފަތުގައި ކުލަކޮޅެއް ޖައްސައިލިޔަސް އެންމެ ރަނގަޅު ކަމުގައި ބުނީމެވެ.

ތައްޔާރުވެ ނިމުނުއިރު އަޒްމަން ބުނި ގަޑި ޖެހިއްޖެ އެވެ. ޝިމްނާ އަހަންނާއިއެކު ދޮރާއި ހަމައަށް ދިޔަ އެވެ.

"މިޝްރާ ބަހައްޓާފަ ދާންވީނު... ތިގޮތަށް ތަންތަނަށް ދާއިރު ކުޑަކުދިން ގެންދިޔުން އެހާ ރަގަޅެއް ނުވާނެ... އަނެއްކާ އެހާ ޚާއްސަ ދުވަހަކު..." ލާނެ ރާގަކަށް ޝިމްނާ ބުންޏެވެ.

ކުއްލިއަކަށް ހަނދާނަށް އައީ ކޮއްކޮ ދެއްކި ވާހަކަ ތަކެވެ. އެކަނި ބަހައްޓާފައި ނުދިޔުމަށް އެދުނު ހަނދާންވުމުން، ހިތް ތެޅިގަތެވެ. އެގޮތާއި އެއްބަހެއް ނުވެވުނެވެ. އެވާހަކަ ޝިމްނާގެ ކައިރީގައި ބުނަން ނުކެރިގެން އަހަރެން ހުރީ ހަދަންވީ ގޮތެއް ނޭނގިފަ އެވެ.

"ދޮންތި ދޭ... ޝިމްނާ ދައްތަ އާ އެކީ ޓީވީ ބަލަން ކޮއްކޮ އިންނާނީ..." މިޝްރާ ގެއިން ބޭރަށް ދާކަށް ބޭނުމެއް ނުވި އެވެ. އޭނާ އިނީ ޓީވީއިން ދައްކަމުންދިޔަ ކާޓޫނެއްގެ ތެރެއަށް ގެއްލިފަ އެވެ.

"އަހަރެން ވަޢުދުވަން، މިޝްރާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..." އަހަރެން ހާސްވެފައި ހުރިތަން ފެނުމުން ކަންނޭނގެ އެވެ. އަހަރެންގެ ކޮނޑުމަތީގައި އަތް ބާއްވައިލަމުން ޝިމްނާ ބުންޏެވެ.

ގޭގެ ދޮރުމަތީގައި އަހަރެން ހުންނަތާ މާ ގިނައިރެއްނުވެ، ކުރިމައްޗަށް އައިސް ހުއްޓައިލީ ރަތްކުލައިގެ ކާރެކެވެ. ދޮރު ހުޅުވާލާފައި އަޒްމަން ނުކުތް ތަން ފެނުނެވެ. އޭނާ ހުރީ ހުދުކުލައިގެ އަތްދިގު ގަމީހަކާއި، ނޫ ޖީންސެއްގަ އެވެ. އަތުކުރި އުޅަބޮއްޓާއި ހަމައަށް އޮޅާލާފައި އޮތުމުން، އަޅައިގަންނަ ގޮތެއް ހުއްޓެވެ. އެ ނަޒަރު އަހަންނަށް ހުއްޓުނު ތަން ފެނުމުން، ލަދުން އިސްޖަހާލެވުނެވެ.

"މާޝާﷲ..." އަޒްމަންގެ އަޑު އިވުނީ ދާދި ގާތުންނެވެ. އަހަރެންގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހޭހައި އެ އަޑު ހިތްގައިމެވެ. ދުވި ލުއި ސެންޓްގެ މީރު ވަހުން، ސިކުނޑި ތާޒާ ވެއްޖެ އެވެ.

މިޝްރާ ކޮބައިތޯ އަޒްމަން ސުވާލު ކުރުމުން ކަންތައް ވީގޮތް ކިޔައިދިނީމެވެ. އޭނާ ދެކޮޅެއް ނުހަދަ އެވެ. ކާރަށް އެރުމަށް އެދިފައި ގޮސް ދޮރު ހުޅުވާލަދީފި އެވެ. ދެމީހުންގެ މެދުގައި އިތުރު ވާހަކައެއް ނުދެކެވެ އެވެ. ދާން އުޅެނީ ކޮން ތަނަކަށް ކަން ވެސް އޭނާ ނުބުނެ އެވެ. ފިނިވަމުންދިޔަ ދެއަތްތިލަ ޖޯޑުކޮށްލައިގެން އިންއިރު، އަހަރެންގެ މުޅި ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދެމުން ދިޔަ އެވެ. ކާރު ދުއްވަން އިންއިރު، އަޒްމަންގެ ނަޒަރު ދޭތެރެއަކުން އަހަންނަށް ހުއްޓޭކަން އެނގޭތީ، އަހަރެން އިނީ ލަދުން އިސް އުފުލައިލަން ވެސް ނުކެރިފަ އެވެ.

ކާރު ގޮސް ހުއްޓައިލީ، ރެސްޓޯރެންޓެއްގެ ކުރިމައްޗަށެވެ. އެއިން ފައިބަން އުޅެފައި ވެސް އަޒްމަން މަޑުކޮށްލި އެވެ. އޭނާގެ ނަޒަރު ހުއްޓައިލީ ވާނުވާ ނޭނގިފައި އިން އަހަރެންގެ މޫނަށެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވި ވަގުތު އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔަ އެވެ.

"ނީހާ!..." އަޒްމަން ގޮވައިލީ ބޮޑު ވާހަކައެއް ބުނަން އުޅޭފަދަ ގޮތަކަށެވެ.

"އަހަރެން ކުރަން މިއުޅޭ ކަންތައް އެނގިއްޖެއްޔާ ނީހާ ކަންބޮޑުވެދާނެތީ، އަހަރެން ވަރަށް ޖެހިލުންވޭ..." އަޒްމަން ދޫކޮށްލީ ފުން ނޭވާ އެކެވެ.

އަހަރެން ހާސްވެފައި އަޒްމަންގެ މޫނަށް ބަލަން އިނީ އެވެ. އޭނާ އަހަރެންގެ އަތުގައި ހިފައިލީ ކުރަން އުޅޭ ކަމަކަށް ހިއްވަރު ދިނުމުގެ ގޮތުން ކަމެއް ނޫނީ އަހަރެންގެ ފަރާތުން އެ ހިއްވަރު ހޯދަން ކަމެއް ނޭނގުނެވެ.

"ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، ނީހާ އަހަންނާ އެކީ ހުރެދޭނަން ދޯ؟..." އަޒްމަންގެ ސުވާލާއިއެކު، އަހަރެން ކުރިއަށްވުރެ ބޮޑަށް ހާސް ވިއެވެ. ކުރިމަތިލާން މިޖެހެނީ ކޮން ކަންތައްގަނޑަކާއި ބާއޭ ހިތަށް އެރި އެވެ.

ދެފިކުރެއްގައި އިނދެފައި ބޯ ޖަހާލީމެވެ. އަޒްމަން ހަދިޔާކޮށްލީ ލުއި ހިނިތުންވުމެކެވެ. އޭނާ ކާރުން ފައިބައިގެން އައިސް އަހަރެން އިން ޝީޓާއި ދިމާއިން ދޮރު ހުޅުވާލަ ދިނެވެ.

އެތެރެއަށް ވަންއިރު، ހާސްވެގެން ނޭވާ ލާންވެސް އުނދަގޫ ވެއްޖެ އެވެ. ތަނުގެ ދެފަރާތުގައި ބަހައްޓާފައިވާ ހުރިހާ މޭޒުތަކެއްގެ ކައިރީގައި ވެސް މީހުން ތިއްބެވެ. ބައެއް މީހުންގެ ނަޒަރު އަހަރެމެންނަށް އަމާޒުވަމުން ދިޔަ އެވެ. އިސްޖަހާލައިގެން ހުރެ ހިނގަމުންދިޔަ ނަމަވެސް، އަހަންނަށް އެ މަންޒަރު ފެނެ އެވެ.

އަޒްމަން ދިޔައީ ކުރިމަތިން ފެންނަން ހުރި ސިޑި އާއި ދިމާއަށެވެ. ސިޑިން އަރައިގެން މައްޗަށް ގޮސްފައި، އަހަރެންގެ އިންތިޒާރުގައި އޭނާ މަޑުކޮށްލި އެވެ. ސިޑީގެ ހަރުފަތްތައް ގިރާކޮށް އޭނާ އާއި ހަމައަށް ދިޔަތަނައި، އަހަންނާއި ދިމާއަށް އަތް ދިއްކޮށްލަމުން އެ އަތުގައި ހިފައިލުމަށް އެދިއްޖެ އެވެ.

"މިއަތުގަ ހިފަން ވާނީ ދޫކޮށްނުލާ ގޮތަށް..." ހިނިތުންވެލަމުން އަޒްމަން ބުންޏެވެ.

އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ. އަޒްމަން ދިއްކޮށްލި އަތުގައި ހިފައިލުމުގެ ކުރީން، އޭނާ އަހަރެންގެ އަތުގައި ހިފާލައިފި އެވެ. އެ އަތްތިލަ ވެސް ވަނީ ފިނިވެފަ އެވެ. އަހަންނަށް ކުރެވޭ އިހުސާސްތައް އޭނައަށް ވެސް ކުރެވެނީތާއޭ ހިތަށް އެރި އެވެ.

ކުރިއަށް ހިނގައިގަތް އަޒްމަންގެ ފިޔަވަޅުތައް ވަކި ހިސާބަކުން ހުއްޓިއްޖެ އެވެ. އޭނާ ދައްކައިލީ ކުރިމަތިން ފެންނަން ހުރި ބިއްލޫރިގަނޑެވެ. އެތަން ބިއްލޫރި ޖަހައި ބައްދާފައިވާއިރު، އެތެރެއަށް ވަދެވޭނޭހެން ހަދާފައިވާ ދޮރުވެސް ހަދާފައި ވަނީ ބިއްލޫރިންނެވެ. އެތަނުގެ އެތެރޭގައި ބަހައްޓާފައިވާ ބޮޑު މޭޒުގެ ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ދެޖިންސުގެ އެކި އުމުރުގެ މީހުންނެވެ.

"އެއީ އަހަރެންގެ އާއިލާ... އެންމެން އެތިބީ އަހަރެންގެ އިންތިޒާރުގަ..." އަޒްމަން ބުންޏެވެ.

އޭނާ އަހަރެންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އަހަރެންގެ މެޔަށް ފިނިވެގެން ދިޔަ އެވެ. ދެފައިގައި ހީވީ ކަސްތޮޅު އެޅުނު ހެންނެވެ. ކުރިއަށް ދާކަށް ނުކެރުނެވެ.

"ނީހާ ހާސްނުވޭ.. އަހަރެން މިހުރީނު..." އަހަރެންގެ އަތަށް ފިތައިލަމުން އަޒްމަން ބުންޏެވެ.

ދެމީހުން އެކީގައި ގޮސް އެތެރެއަށް ވަނީމެވެ. އޭރުވެސް އަޒްމަން ހުރީ އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. ހެމުން ސަކަރާތްޖަހަމުންދިޔަ އެންމެންގެ ނަޒަރު އަހަރެމެންނަށް ހުއްޓިއްޖެ އެވެ. އަހަރެންގެ މޫނުން ފެށިގެން އަހަރެމެންގެ ގުޅި ލާމެހިފައިވާ އަތަށް އެމީހުންގެ ނަޒަރު ދަތުރު ކުރި ތަން ފެނުނެވެ. އަހަންނަށް ބަލައިލެވުނު ކޮންމެ މީހެއްގެ މޫނުމަތިން ފެނުނީ ހައިރާން ކަމެވެ. އަހަރެމެން އެތަނަށް އަންނާނެ ކަމަށް އެމީހުން ކުޑަކޮށް ވެސް އުއްމީދު ނުކުރާ ކަހަލަ އެވެ. ތަނުގައި ގުގުމާލާފައިވި ހުނުމުގެ އަޑު ކެނޑުނެވެ. މަޖާކަން ކެނޑި ތަން ހިމޭންވީ ވެސް ކުއްލިއަކަށެވެ.

އަހަރެން ގޮވައިގެން އަޒްމަން ގޮސް މޭޒުގެ އެއް އަރިމަތީގައި ހުއްޓުނެވެ. އަހަރެން ހުރީ އިސްޖަހައިލިގޮތަށް އިސް އުފުލައިލަން ވެސް ނުކެރިފަ އެވެ.

"އަޒްމަން!... ދަރިފުޅާ!... ތީ ކޮން ކަމެއް؟..." އިވުނީ މުސްކުޅި ފުރައިގެ އަންހެނެއްގެ އަޑެވެ.

އަޒްމަންގެ މަންމަ ކަން ޔަޤީންވީ އޭނާ ވާހަކަ ދެއްކިލެއް ގާތް ކަމުންނެވެ. އެއީ ލޯބިވާ މައިން އެމީހުންގެ ދަރިންނާއި މުޙާތަބު ކުރާނޭ ގޮތްކަމަށް ހިތް ބުންޏެވެ.

"މަންމާ!... މީ އަހަރެން ކައިވެނި ކުރަން މިއުޅޭ ކުއްޖާ... ނީހާ..." އެއްވެސް ޖެހިލުންވުމެއްނެތި އަޒްމަން ބުންޏެވެ.

އަހަރެންގެ ހިތް ތެޅިގަތެވެ. މޭފަޅާފައި ނުކުމެދާނެ ހެން ހީވީ، ގޮނޑި ދުރުކޮށްލާފައި ކޮންމެވެސް މީހަކު ތެދުވި އަޑު އިވުމުންނެވެ.

"ނުވާނެ ތިކަމެއް... އަޒްމަންގެ ކައިވެނި އޮތީ ނައިޝާ އާ ހަމަޖެހި ނިމިފަ..." އިވުނީ މުސްކުޅި ފުރައިގެ ފިރެހެނެއްގެ އަޑެވެ. ބަލައިލަން ބޭނުންވިޔަސް، އިސް އުފުލައިލާކަށް ނުކެރުނެވެ.

"ބައްޕާ!... ލޯބިނުވާ މީހަކާ ކައިވެނި ކުރާނީ ކިހިނެއްތަ؟..." އަޒްމަންގެ އަޑު ކުރެހުނެވެ. އޭނާގެ އަޑު މަޑެވެ. ރިހުން އެކުލެވިފައިވި އެ އަޑު އިވުމުން، އަހަރެންގެ ހިތަށް ގޮތެއް ވެލައިގެން ދިޔަ އެވެ.

"ކޮން ލޯތްބެއް؟... އަހަރެމެން ވެސް ކައިވެނިކޮށްގެން މިތިބީ ތިޔަ ބުނާ ލޯތްބެއް ވެގެނެއް ނޫނޭ... އެކީގަ ނޫޅެވޭތަ؟... ޤައިމު އުމުރު މި ހުސްވަނީ، ހަމަ އަޒްމަންގެ މަންމަ އާ އެކީގައޭ..." މިފަހަރު އޭނާގެ އަޑު ކުރިއަށްވުރެ ބާރު ވިއެވެ. "އިރުކޮޅަކުން ނައިޝާ އާ އޭނަގެ އާއިލާ މިތަނަށް އަންނާނެ... އޭގެ ކުރިން ތި އަންހެނާ ގެނައި ތާކަށް އޭނަ ގެންގޮސް ލާފަ އާދޭ..."

"ބައްޕާ!... އަހަރެން ކައިވެނި ކުރަން ބޭނުން ވަނީ ނީހާ އަށޭ... ނީހާ އަކީ މިހާރު އަހަރެންގެ ޒިންމާއެއް... އަހަރެމެން ކައިވެނި ކުރަން މިހާރު ރަން..." އަޒްމަންއަށް ބުނެވުނީ އެހިސާބަށެވެ.

ފަހަތުން އިވުނީ އަންހެނަކު ރޮއެގަތް އަޑެވެ. އެއީ ނައިޝާގެ އަޑުކަން އެނގުނީ، އެ އަޑާއިއެކު ޝަރުމީލާގެ އަޑު އިވުމުންނެވެ.

"އަހަންނަށް މި އިވުނީ ކޮން ކަހަލަ ވާހަކަތަކެއް؟..." ޝަރުމީލާ ހާސްވެފައި ސުވާލު ކުރި އަޑު އިވުނެވެ.

"ދައްތާ!... އަހަރެން ނައިޝާދެކެ ލޯތްބެއް ނުވޭ... އަހަރެން ކައިވެނި ކުރަން ބޭނުންވާ ކުއްޖަކީ މީ.." އަހަންނަށް އިޝާރާތް ކުރަމުން އަޒްމަން ބުންޏެވެ.

ޝަރުމީލާއަށް މޫނު ފެނިދާނެތީ، އަހަރެން ކުރިއަށް ވުރެވެސް ބޮޑަށް އިސްޖަހައިލީމެވެ. ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނު ޝަރުމީލާ ހިމޭނުން ހުއްޓެވެ.

"އިސްމާލް!... މީތަ އަހަރެމެން މިތަނަށް ގެނައި ބޭނުމަކީ؟... މިގޮތަށް ކަންތައް ކުރަންތަ ކައިވެނި ހަމަޖެއްސީ؟.. ނައިޝާގެ ހިތަށް ކިހާ އަސަރެއް ކުރާނެ ކަމެއް ނޭނގޭތަ؟..." ޝަރުމީލާ ނުރުހިފައި ބުންޏެވެ.

ތަނުގެ ތެރޭގައި އަޑު ގަދަވެއްޖެ އެވެ. ނައިޝާގެ ރުއިމުގެ އަޑާއި ޝަރުމީލާގެ ވިހަގަދަ ބަސްތައް މެދުނުކެނޑި އިވިއިވި ހުއްޓެވެ. އަމިއްލަ އާއިލާގެ ދިފާއުގައި އަޒްމަންއަށް ވިސްނައިދޭން އެމީހުން މަސައްކަތް ކުރި އެވެ. އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. އެތަނަށް އާދެވުނު މޮޔަ ހީވި އެވެ. ދުވެ ފިލަން ހިތަށް އެރި ކިތަންމެ ވަގުތެއް ދިޔަ އެވެ. އަޒްމަން އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރުމުން، ދުރަށް ޖެހިލާކަށް ނުކެރުނެވެ. އެހެން ހުއްޓައި ޝަރުމީލާ އައިސް، އަހަރެންގެ ދަތްދޮޅީގައި ހިފައި އުފުލާލައިފި އެވެ.

"ކަލޭ؟..." ޝަރުމީލާގެ ދެލޯ ބޮޑުވެގެން ދިޔައީ އަހަރެން ފެނުމުންނެވެ. ނަފުރަތުގެ ބެލުމަކުން އަހަންނަށް ބަލަހައްޓައިގެން އޭނަ އިރުކޮޅަކު ހުއްޓެވެ.

"ކަލޭ ބުރުގާ އަޅައިގެން ހުއްޓަސް، ހަޤީޤަތެއް ބަދަލެއް ނުވާނެ އިނގޭ... އިސްމާލް!... އަޒްމަން އެހުރީ މި އަންހެނާގެ ޖާދޫގަ ހަމަ ރަނގަޅަށް ވެސް ޖައްސާފަ... ބަޑި ކޫޑިއެއް މީ..." ޝަރުމީލާ ހަޅޭއްލެވީ އަހަންނާއި ދިމާއަށެވެ. ދެންމެ ދެންމެ ހީވަނީ އަހަރެންގެ ގައިގައި ހިފައިގަނެދާނޭ ހެންނެވެ.

އެވިހަގަދަ ބަސްތަކުން ހިތުގައި ކޫރުމެއް އަޅުވައިލި އެވެ. އެ އެންމެންގެ ކުރިމަތީގައި، އަގު ވެއްޓުނު ކަމުގެ އިހުސާސް ކުރެވުނެވެ. ހިތް ފަޅައިގެން ދާނެނަމަަ، އެވަގުތު އެކަން ވާނެ ކަން ޤައިމެވެ. ލައިގެން ހުރި ހެދުމުގައި ބާރަށް ހިފަހައްޓާލެވުނުއިރު، ދެލޯ ފުރުނު ކަރުނަތައް، އިހުތިޔާރަކާއި ނުލާ އޮހިގެންފި އެވެ. އަޒްމަންގެ ހިތަށް ވެސް އެ ޖުމްލަތަކުން އަސަރު ކޮށްފިކަން އެނގުނެވެ. އަހަރެން އޭނަ އާއި ގާތަށް ދަމާލައިފި އެވެ. އުނަގަނޑުގައި ހިފަހައްޓައިލީ ކޮންމެ ޙާލެއްގައި ވެސް ޙިމާޔަތުގައި ވަމޭ ބުނާ ފަދައިންނެވެ.

"ބައްޕާ! މަންމާ!... މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން... އަހަރެން ކައިވެނި ކުރާނީ ނީހާ އާ... މި ކައިވެންޏާ އެންމެން ނުރުހުނަސް، އަހަރެންގެ ފަރުވާލެއް ނެތް... އަހަރެން މިތަނަށް މިއައީ، މިކަން ކުރުމުގެ ކުރިން ބުނެލަން ބޭނުންވާތީ..." އަޒްމަން އޭނާގެ ފަހުގެ ނިންމުން އިއްވި އެވެ.

އިތުރަށް މަޑުނުކޮށް، އޭނާ އަހަރެންގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ހިނގައިގެންފި އެވެ. އަޒްމަންގެ ބައްޕަ ގޮވާލި ނަމަވެސް، އޭނާ ނުހުއްޓެ އެވެ. އެ އަޑު އިވުނު ކަމަކަށް ނުހެދި އެވެ. ސިޑި އާއި ހަމައަށް ދިޔަ އިރުވެސް، ޝަރުމީލާގެ ހަޅޭކުގެ އަޑު އިވެމުން ދިޔަ އެވެ.

އަހަންނަށް ހަމަނޭވާ އެއް ލެވުނީ އެ އިމާރާތުން ވެސް ނުކުމެވުމުންނެވެ. ކާރަށް އަރައަރައި ހުއްޓައި ފަހަތުން އައި މީހަކު އަހަރެންގެ އަތުގައި ހިފައި ހުއްޓުވައިފި އެވެ. އަހަރެން ބަލައިލިއިރު، ކައިރީގައި ހުރީ އަޒްމަންގެ މަންމަ އެވެ. އަހަންނަށް ބަލައިލެވުނީ އަޒްމަން އާއި ދިމާއަށެވެ. ކާރުގެ ދޮރު ހުޅުވައިލިގޮތަށް އޭނާވެސް ހުރީ އަހަރެމެންނާއި ދިމާއަށް ބަލާށެވެ.

"ނީހާ!... އެކަކު ޤަބޫލު ނުވިޔަސް، މި މަންމަ ތި ކައިވެންޏާ ޤަބޫލު... މަންމައަށް މި މައުސޫމު މޫނުން ފެންނަނީ ތެދުވެރިކަން... އޯގާތެރިކަމާއި ހިތްހެޔޮ ކަން..." އަހަރެންގެ ކޯތާފަތުގައި އަތް ޖައްސައިލަމުން އޭނާ ބުންޏެވެ. "ދަރިފުޅާ، އަޒްމަން!... ނީހާ ގޮވައިގެން ގެއަށް އަންނައްޗޭ... ދަރިފުޅުގެ ހޮވުން ގޯސްނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މަންމައަށް އެބައޮތް..."

އަހަރެން އެއްޗެއް ނުބުނެ ހުއްޓައި، އަހަރެންގެ ބޮލުގައި ފިރުމައިލާފައި އޭނާ ގޮސް ރެސްޓޯރަންޓްގެ ތެރެއަށް ވަދެއްޖެ އެވެ. ހިތަށް ލިބުނު އުފާވެރިކަން ހެކިދިނީ، އަހަރެންގެ ދެލޮލަށް ޖަމާވި ކަރުނަތަކުންނެވެ. މަޔެއްގެ ލޯތްބަށް އެދި ފެންބޮވައިގަނެފައި ހުއްޓައި، އެ އުފާ ލިބުނުހެން ހީވި އެވެ. ލޯބިން ހިތް ފުރިގެން އައެވެ. އިރުކޮޅަކު ބަލަން ހުރެފައި، ކާރަށް އަރައި އިށީނދެލީމެވެ. އޭރު އަޒްމަން ކާރު އިސްޓާޓު ކޮށްލައިފި އެވެ.

"މަންމަ ވަރަށް ރަނގަޅުވާނެ... އަހަންނަށް ޔަޤީން ނީހާދެކެ ލޯބިވާނެ މަންމައަކަށް އަހަރެންގެ މަންމަ ވާނެ ކަން... ބައްޕަމެން ރުޅި އައިސް ތިއްބަސް، އަޅާލާނެ ކަމެއް ނެތް.. ކައިވެނި ކުރީމަ އެމީހުން ވެސް ހަމައަކަށް އެޅިދާނެ..." ކާރު ދުއްވައިލުމުގެ ކުރީން އަޒްމަން ބުންޏެވެ.

ގެއަށް ދިޔުމުގެ ކުރިން އަހަރެން ގޮވައިގެން އޭނާ އެހެން ރެސްޓޯރަންޓަކަށް ދިޔަ އެވެ. މިޝްރާއަށް ނުދީ ކާން ބޭނުން ނުވާތީ، ކާއެއްޗެހި ބަންދުކޮށްގެން ގެއަށް ގެންނަން އެންމެ ރަނގަޅު ކަމުގައި ބުނީމެވެ. އަހަރެން ގެއަށް ލާފައި އަޒްމަން ދިޔައީ ފަހުން އަންނާނެ ކަމަށް ބުނެފަ އެވެ. ގެއަށް އައިސް ވަންއިރު، ޝިމްނާ އޮތީ ސޯފާގައި ނިދާފަ އެވެ. މިޝްރާ އޭރުވެސް އިނީ ޓީވީ ބަލާށެވެ. އަހަރެން ފެނުމުން ދުވެލާފައި އައިސް ގައިގައި ބައްދާލައިފި އެވެ.

ޝިމްނާ ހޭލައިގެން އައީ ރެސްޓޯރަންޓުން ގެނައި ކާއެއްޗެހިތައް މޭޒު މައްޗަށް ނަގައި، ކެއުން ތައްޔާރުކޮށް ނިންމައިލި ތަނާ އެވެ. އޭނަ ދެލޯ އުނގުޅަމުން އައިސް ގޮނޑިއެއްގައި އިށީނދެއްޖެ އެވެ.

"ހާދަ މީރު ވަހޭ... ކުޅުދިޔާވެއްޖެ..." މޭޒުމައްޗަށް ނަޒަރު ހިންގައިލަމުން ޝިމްނާ ބުންޏެވެ. "ހާދަ އަވަހަކަށޭ ތިއައީ؟... ކިހިނެއް ކަންކަން ދިޔައީ؟... އެގޭ މީހުންނާ ދިމާވިތަ؟... އިސްމާލުބޭ ހުރި ދޯ؟..." ޝިމްނާ ޝައުޤުވެރިވެފައި އޭނާގެ ސުވާލުފަތި ކޮށްލައިފި އެވެ.

އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ ހަނދާންވުމުން، އަހަރެންގެ ހިތް ރޮއެގަތެވެ. އަޒްމަންގެ މަންމަ އެކަނި އަހަރެމެންނާއިއެކު ހުރި ނަމަވެސް، މުޅި އާއިލާ އެކީގައި އެ އޮތީ، އަހަރެމެންނާއި އިދިކޮޅަށެވެ. ކުރިމަތިވާން އުޅެނީ ކިހާ ވަރެއްގެ ތޫފާނެއް ކަމެއް ނޭނގެ އެވެ. އަހަރެންގެ ހިތް ތެޅެންފެށީ މާ ވަރަކަށެވެ. އަޒްމަންގެ އާއިލާގެ މީހުން، އަހަރެން އެގޭގައި ދިރިއުޅުނަކަ ނުދޭނެއޭ ވެސް ހިތަށް އެރި އެވެ. ހާސްކަން ފޮރުވަމުން ހިނިތުންވެލީމެވެ. އެހެނަސް، އަހަރެންގެ އިހުސާސްތައް ޝިމްނާއަށް އެނގިއްޖެ އެވެ. އޭނަ އައިސް އަހަރެންގެ ގައިގައި ބައްދާލައިފި އެވެ.

(ނުނިމޭ)

ކޮމެންޓް 0