"ނީހާ!... އަހަންނަށް މަޢާފު ކުރޭ..." އަޒްމަންގެ އަޑު ކުރެހުނެވެ.

އަހަރެން އަޒްމަން އާއި ދުރަށް ޖެހިލީ އެގޮތް ބޭނުންވެގެނެއް ނޫނެވެ. އެ މޫނަށް ފަރުވާތެރި ކަމާއިއެކު ބަލައިލުމަށެވެ. އޭނަ މަޢާފަށް އެދުނީ ކީއްވެކަމާއިމެދު ހިތުގައި އެތައް ސުވާލެއް އުފެދިގެން ދިޔަ އެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަމުގައި ހިތް ބުންޏެވެ. ކަމެއް ނުވަނީސް، އަޒްމަން އެފަދަ ގޮތަކަށް އަހަރެންގެ ކިބައިން މަޢާފަކަށް ނޭދޭނެ އެވެ.

އަހަރެން ބަލަހައްޓައިގެން އިނުމުން، އަޒްމަން ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލީ އެވެ. ރީތި ހިނިތުންވުމެއްގެ ފަހަތުގައި ބޮޑު ސިއްރެއް ފޮރުވިފައިވެދާނެއޭ ހިތް ބުނީ އެވަގުތު އެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ އަނެއްކާ އަޒްމަން ވެސް އަހަންނަށް އޮޅުވައިލީ ހެއްޔެވެ؟ އެހެން މީހުން ގޮތަށް އަހަރެންގެ ފައިދާ ނެގީ ހެއްޔެވެ؟ ނޫނީ މިއީ އަހަންނަށް ކުރެވޭ ޝައްކުތަކެއް ހެއްޔެވެ؟

"ނީހާ!..." އަޒްމަން އެއްޗެއް ބުނަން އުޅުނެވެ.

ދެމީހުންގެ ނަޒަރު ބައްދަލުވެގެން ހޭދަވި މަދު ވަގުތުކޮޅު ވެސް އަހަންނަށް ހީވީ ގަރުނަކަށް ދިގުދެމިގެން ދިޔަ ހެންނެވެ. އަޒްމަން ބުނަން އުޅުނު ވާހަކަ އަޑު އަހާ ހިތުން ކެތްތެރިކަން ކުޑަވެގެން ދިޔަ އެވެ. އެހެނަސް، އެ އިންތިޒާރަށް ނިމުން އައީ މާޔޫސްވާފަދަ ގޮތަކަށެވެ. އަޒްމަން އޭނާގެ ނަޒަރު އެހެން ދިމާއަކަށް ހުއްޓާލިގޮތުން، އޭނަ އެވާހަކަ ދައްކަން ބޭނުން ނުވާކަން އެނގިއްޖެ އެވެ.

"މިގަޑީ ނިދާކަށް ނުވާނެ... ނީހާއަށް އެކަން އެނގޭތަ؟..." އަޒްމަން އޭނާގެ ރާގު ބަދަލުކޮށްލީ ދާދި އަވަހަށެވެ.

ގަސްދުގައި މައުޝޫޢު ބަދަލުކޮށްލިކަން އެނގުމުން އަހަރެންގެ ހިތުގައި ޖެހުނެވެ. ޝަކުވާއިން ހިތް ފުރިގެން އައެވެ. ހަމަ އެހާ އަވަހަށް މޫނުމަތި މިލައިގެން ދިޔަ އެވެ.

"މަންމަ ވެއްޖެ އިނގޭ މިޝީ ގޮވައިގެން މިތާ ކައިރި ފިހާރައަކަށް ވަދެ..." އަޒްމަން ތެދުވި އެވެ. ދާން ހިނގައިގަތުމުގެ ކުރިން އޭނަ ދެއަތް މައްޗަށް ނަގައި ހަށިގަނޑު ސީދާކޮށްލައިފި އެވެ. "މިދަނީ ޖައްސާލަން..."

"އަޒްމަން!..."

އަހަރެންގެ އަޑު ކިތަންމެ މަޑު ނަމަވެސް އަޒްމަންގެ ކަންފަތާއި ހަމައަށް އެ އަޑު ފޯރައިފި ކަން ޤައިމެވެ. ފަސްއެނބުރި ބަލައި ނުލި ނަމަވެސް، އަޒްމަންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައިސްފި އެވެ. އަހަރެން ތެދުވެގެން ގޮސް އޭނަގެ ކުރިމައްޗަށް އެރީމެވެ. އެއީ އެފަދަ ގޮތަކަށް އަހަރެން ކަމަކަށް އިސްނެގި ފުރަތަމަ ފަހަރެވެ.

"އެއްވެސް ކަމެއް ވީތަ؟..." އަޒްމަންގެ ފަރާތުން ޖަވާބެއް ނުލިބޭނޭ ކަން އެނގުނު ނަމަވެސް އަހައިލެވުނެވެ.

ކަންތައްވީ އަހަރެން އުއްމީދުކުރި ގޮތަށެވެ. ޖަވާބެއް ނައެވެ. އަހަރެންގެ ނަޒަރުން ސަލާމަތްވުމަށް އޭނާ އިސްޖަހާލައިފި އެވެ.

"ނީހާ!... އެއްކަމެއް ޔަޤީން ކުރައްޗޭ... ނީހާއަށް ދެރައެއް ލިބޭ ކަހަލަ ގޮތަކަށް ކަމެއް ވިޔަ ނުދޭން އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން..." އަޒްމަންގެ އަޑުގައި ނޭނގޭ ރިހުމެއްގެ އަސަރު ވިއެވެ.

އަހަރެން ބަލަހައްޓައިގެން ހުއްޓައި އަޒްމަން އެތަނުން ދިޔުމަށް ހިނގައިގެންފި އެވެ. ޖެހި ބުދެއްހެން އަހަންނަށް ހުރެވުނީ ދެން ހަދަންވީގޮތެއް ނޭނގިފަ އެވެ. ކަންތައް އެވީ އަހަރެން ކުޑަކޮށްވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. އަޒްމަންގެ އެ ޖަވާބަށްފަހު އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ވެސް ވަކި ކިހިނަކުން ހެއްޔެވެ؟ ކަމެއް ވީކަން އެނގި އެކަމެއް ނޭނގުމުން، މާ ބޮޑަށް ހިތް ނުތަނަވަސް ވާން ފަށައިފި އެވެ.

ހިތާއި ސިކުނޑި އަރާރުންވަމުން ދިޔަ އެވެ. ހިތް އެދުނީ އަޒްމަންގެ ދުލުން ހުރިހާ ހަޤީޤަތެއް ބޭރު ކުރުވުމަށެވެ. އޭނަގެ ފަހަތުން ގޮސް، އާދޭސް ކުރާށެވެ. އެކަމަކު އަހަންނަކީ ކަންކަމަށް އިސްނަގަން ނުކެރޭ ފިނޑި އެކެވެ. އެކަން އިހުސާސްވުމުން ދުވަހަކު ނުކުރެވޭ ވަރަށް އަމިއްލަ ނަފުސު ކުށްވެރި ކުރެވެން ފެށުނެވެ.

ގަދަކަމުން ކަހަލަ ގޮތަކަށް ފިޔަވަޅު ނަގަމުން ގޮސް، އަޒްމަންގެ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެންގެ ނަޒަރު އަމާޒުވީ ރޫޖެހިފައިވާ އެނދަށެވެ. އަޒްމަން ވީ ފާޚާނާގައި ކަން އެނގުމުން، އެތެރެއަށް ވަދެ، މަޑުމަޑުން ދޮރު ލައްޕައިލީމެވެ. އެނދުގެ ފޮތިގަނޑު ރީތިކުރަން ގުދުވެލައިގެން އޮއްވައި ފާޚާނާގެ ދޮރު ހުޅުވައިލި އަޑު އިވުނެވެ. ކުއްލިއަކަށް ތެދުވަމުން ފަސްއެނބުރި ބަލައިލީމެވެ.

އަޒްމަން ހުރީ، ހަމައެކަނި ކުރު ސޯޓުކޮޅެއްގަ އެވެ. ތުވާއްޔަކުން ބޮލުގެ އިސްތަށިގަނޑުން ފެން ހިއްކަމުން ނުކުތްއިރު، އަނގައިން މަޑު ރާގެއްގެ އަޑު ލައްވަމުން ދިޔަ އެވެ. އަހަރެން ފެނުމުން އަޒްމަންގެ ހަރަކާތްތަކަށް ލަސްކަމެއް އައެވެ. އޭނާ މަޑުމަޑުން އަހަންނާއި ދިމާއަށް ހިނގައިގަތެވެ. އަހަންނަށް ޖެހިލެވުނީ ފަހަތަށެވެ. އޭރުވެސް ހުރީ އެނދުގެ ފަޑީގައި ލެނގިލައިގެން ކަމުން، އިސާހިތަކު އެނދުމައްޗަށް ވެއްޓިއްޖެ އެވެ.

އަޒްމަން އައިސް، އޭނާގެ އަތުގައި އޮތް ތުވާލި އެނދުމަތީގައި ބާއްވައިލި އެވެ. އަހަރެންގެ ދެފަރާތުން އެނދުގައި ދެއަތް ވިއްދައި އަހަންނާއި ދިމާއަށް ގުދުވެލައިފި އެވެ. ހިތުގެ ތެޅުން އެތައް ގުނައެއް އަވަސް ވިއެވެ. ދެލޯ މަރައި ބާރުކޮށްލެވުނީ ހިތަށް ވެރިވި ވަސްވާސްތަކެއްގެ ސަބަބުންނެވެ.

ކުޑަ އިރުކޮޅެއް ފަހުން ދެލޯ ހުޅުވައިލިއިރު ވެސް އަޒްމަން އޮތީ އެހެންނެވެ. އޭނާގެ އެއް އަތް އޮތީ އަހަރެންގެ ބޮލާއި ދިމާގައި އޮތް ފޯނުގައި ޖައްސާލައިގެންނެވެ. ވީގޮތް އެނގުނީ ދެނެވެ. އަޒްމަން އައީ އޭނާގެ ފޯނު ނެގުމަށެވެ. އޮޅުނީ އަހަންނަށެވެ. އަހަންނަށް ނުބައި މާނައެއް ނެގުނީ އެވެ. ލަދުން މޮޔަވާވަރު ވިއެވެ. މޫނު ރަތްވެގެން ދިޔައީ އެސްފިޔަ ޖަހާލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.

އަހަރެން ހީކުރީ ފޯނު ހިފައިގެން އަޒްމަން ތެދުވާނީ ކަމަށެވެ. އެކަމަކު ކަންތައްވީ އެހެނެއް ނޫނެވެ. އަހަރެންގެ އެ އަމަލުން އޭނާގެ ނިޔަތް ބަދަލުވީ ކަހަލަ އެވެ. ތެދުވަން އުޅެފައި ވެސް، ކުރިއަށްވުރެ ބޮޑަށް އަހަންނާއި ގާތަށް ޖެހިލައިފި އެވެ. ފިރިމީހާއަށް ދަޢުވަތު ދެމުން ދެލޯ މަރާލެވުނީ، ކައިވެނީގެ ފޮނި މީރުކަން ހާސިލުކުރުމަށް އެދި ހިތް ބޭޤަރާރު ވެފައިވާލެއް ބޮޑުކަމުންނެވެ.

އިހުސާސް ކުރެވިގެންދިޔައީ އަޒްމަންގެ ލުއި ބީހިލުން ތަކެވެ. އެއީ ދުރަށްޖެހިލަން ހިތް ނޭދޭވަރުގެ އުފާވެރި އިހުސާސެކެވެ. ކުޑަ ވަގުތުކޮޅެއް ފަހުން، އަޒްމަން ކުއްލިއަކަށް އަހަންނާ ދުރަށް ޖެހިލައިފި އެވެ. ހަމަ އެހާ އަވަހަށް އަނެއްކާވެސް ކައިރިއަށް ޖެހިލައިފި އެވެ. ހީވީ ހިތުގެ އެދުމަށް ދެކޮޅު ހަދާނޭ ހިއްވަރު އެ ހަށިގަނޑުގައި ނެތް ހެންނެވެ.

ދެން ހޭދަވެގެން ދިޔައީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ވަގުތުކޮޅެވެ. ދުވަހަކު ވެސް އެވަރުގެ އުފާވެރި ކަމެއް އަހަރެންގެ ޙަޔާތުގައި އިހުސާސް ކުރެވިފައެއް ނުވެ އެވެ. ލަދުވެތިކަން އެއްފަރާތްވެ، ފިރިމީހާއަށް މުޅި ޖާނާއި މާލު ހަދިޔާ ކުރެވުނެވެ. ދުވަހަކު ވަކިވުމަށް ނޭދޭ ހާލު، ހިތުގެ އަޑިން އެތައް ވައުދެއް ވެވުނެވެ.

ނިދީގެ ފޮނިފޮނި އާލަމުގެ ތެރެއަށް ގެނބިގެން ދިޔައިރުވެސް އަޒްމަންގެ އަތުގެ ތެރެއިން ދުރަކަށް ނުދެވުނެވެ. ކައިވެނީގެ ހަޤީޤީ ފޮނި މީރުކަން ހާސިލުވުމަށްފަހު، މުޅި އުމުރު އެ އަތުގެ ތެރޭގައި ހުސްކޮށްލުމަށް ހިތް އެދެނީ އެވެ. ލޯބީގެ ވިންދު ހިތުގައި ޖަހަން ފެށީ، ދުވަހަކު އެ އިހުސާސް ފިލައިގެން ނުދާނޭ މިންވަރަށެވެ.

ދަންވަރުގެ ވަގުތެވެ. އަހަންނަށް ހޭލެވުނީ، ކަރު ހިއްކައިގަނެގެންނެވެ. ފުރަތަމަ ވެސް ބަލައިލެވުނީ ފާރުގައި ހަރުކޮށްފައިވާ ގަޑި އަށެވެ. މެންދަމުން އަލިވެ ދޭއް ޖެހީ އެވެ. އަހަރެންގެ ދެލޯ ބޮޑުވީ އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ ހަނދާން ވުމުންނެވެ. ލަދުން މުޅި މޫނު ރަތްވެގެން ދިޔައީ އަޒްމަން އެކޭ އެއްވަރަށް އޭނާގެ ކޮންމެ ހަރަކާތެއްގައި އަހަންނަށް ވެސް ބައިވެރި ވެވިފައިވާކަން އެނގުމުންނެވެ.

އަހަރެންގެ ދެލޯ ހޯދައިލީ ލޯބިވާ ފިރިމީހާ އެވެ. އެނދުގައި އޮތީ އަހަރެން އެކަންޏެވެ. އަޒްމަން އެއް ނެތެވެ. އަހަރެން ހީކުރީ ފާޚާނާގައި ކަމަށެވެ. އެކަމަކު އެތައް އިރެއް ފާއިތުވެދިޔަ އިރުވެސް، ނުނުކުތުމުން، އެތަނުގައި ނެތްކަން އެނގިއްޖެ އެވެ. ދަންވަރުގެ ވަގުގައި އަޒްމަން ދާނެ ތަނެއް ނޭނގޭތީ، އަހަރެން ހާސްވި އެވެ. މިޝްރާގެ މަތީން ހަނދާންވީ ވެސް ދެނެވެ. އަވަސް އަވަހަށް ގޮސް، އަހަންނާއި ކޮއްކޮ ނިދާ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ކޮއްކޮގެ އެނދުގައި އެކުއްޖާ ނިދާފައި އޮތްއިރު، އަހަރެން ނިދާ އެނދުގައި ނިދާލާފައި އޮތީ، އަޒްމަންގެ މަންމަ އެވެ.

އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ދެނެވެ. މަޑުމަޑުން ދޮރު ލައްޕާފައި ކާގެއަށް ގޮސް އައިސް އަލަމާރި ކައިރީގައި ހުއްޓުނީމެވެ. ފެންތައްޓެއް ހިފައިގެން ގޮސް ގޮނޑީގައި އިށީންއިރު ވެސް އަހަންނަށް ވިސްނެމުން ދިޔައީ، އޭގެ އިރުކޮޅެއް ކުރީގެ ހާދިސާ އާއި މެދުގަ އެވެ. އެ ރޭގެ ބާކީބައި ހޭދަކުރާނެ ގޮތަކާއިމެދު ވިސްނަން އިނދެވުނީ ކިހާ އިރަކު ކަމެއް ނޭނގުނެވެ.

އަހަރެން އެނބުރި ކޮޓަރިއަށް ވަންއިރު ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އެނދާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު، ހުރިހާ މަންޒަރެއް ލޮލަށް ފެންނަހެން ހީވަނީ އެވެ. އެނދުގެ ފޮތިގަނޑު ރީތިކޮށް ނިންމައިލާފައި އޮށޯވެލީމެވެ. އަޒްމަންއަށްޓަކައި އިންތިޒާރުގެ ވަގުތުތައް ގުނަގުނައި އެތައް އިރަކު އޮވެވުނެވެ. ލޮލަކަށް ނިންޖެއް ނައެވެ.

އަހަންނަށް ނިދުނު އިރުވެސް ނޭނގުނެވެ. ހޭލެވުނީ މެންދުރުވާން އުޅެނިކޮށެވެ. އޭރުވެސް އަޒްމަން އެއް ނެތެވެ. އޭނާ އައިކަމުގެ ނިޝާނެއް ވެސް ފެންނާކަށް ނެތެވެ. ފުންމައިގެން ތެދުވިގޮތަށް ދުވެފައި ގޮސް ވަދެވުނީ ފާޚާނާ އަށެވެ. ފެންވަރާލައިގެން ނުކުމެ ފެން ހިއްކަން ޖެހުނީ އަޒްމަންގެ ތުވާލިންނެވެ. އެވަގުތުގައި ވެސް ހިތަށް ސިފަވީ ރޭގެ މަންޒަރުތަކެވެ.

އަހަރެން ބޭރަށް ނުކުތްއިރު، ބަދިގެ ތެރެއިން ދުވި މީރު ވަހުން، ކުޅު ދިޔާވި އެވެ. ބަނޑުހައިވެގެން ބަނޑުން އަޑު ކިޔަން ފެށި އެވެ. ލަސްލަހުން ގޮސް ބަދިގެއަށް ނަޒަރު ހިންގައިލިއިރު، ލޮނުމެދުތަކެއް ނޮޅަން މިޝްރާ އިނީ މޭޒު ކައިރީގަ އެވެ. އުނދުން ކައިރީގައި ހުރީ އަޒްމަންގެ މަންމަ އެވެ.

"އަހަނ ދަރިފުޅުމެން ހޭލީތަ؟..." އަހަރެން ފެނުމުން، މަންމަ އަހައިލި އެވެ.

އަހަރެން ހިނިތުންވެލަމުން ގޮސް އުނދުން ކައިރީގައި ހުއްޓުނީމެވެ. މިޝްރާ ތެދުވެގެން އައިސް އަހަރެންގެ ގައިގައި ބައްދާލައިފި އެވެ.

"މިޝްރާ ވަރަށް ބަސްއަހައޭ... ރޭގަ މިޝްރާ ގޮވައިގެން މަންމަ އައިއިރު ދަރިފުޅުމެން ފެންނަން ނެތީމަ މިކޮޅުގަ މަޑުކުރީ... ބޮޑާހާކާލާފަ ވެސް މަންމަ ދެފަހަރަކު ބުނީމަ މިޝްރާ އެއްބަސްވެއްޖެ މަންމަ އެ ކޮޓަރީގަ އޮންނަން..." އުނދުން ނިއްވައިލަމުން މަންމަ ބުންޏެވެ.

"އަޒްމަން ކޮބާ؟... އަދި ނުހޭލަނީތަ؟..." ސިންކު ކައިރިއަށް ޖެހިލަމުން މަންމަ ސުވާލުކުރީ ދޮރާއި ދިމާއަށް ބަލައިލަމުންނެވެ.

އަހަރެން އެއްޗެއް ބުނަން އުޅެނިކޮށް، މޭޒުމައްޗަށް ކާން ތައްޔާރުކޮށްލުމަށް އެދުނެވެ. ކެއްކި ރިހަ އެތިން ބޯތައްޓެއްގެ ރިހަ ހިފައިގެން މަންމަ ދިޔައީ، ފަހުން އަންނާނެ ކަމަށް ބުނެފަ އެވެ. މިޝްރާއަށް ކާންދީފައި، އަޒްމަން އަންނާނެ އިރަކަށް ނުކައި އަހަރެން މަޑުކުރީ އެވެ. މެންދުރު ފަސްވީ އިރުވެސް ނައުމުން، އަހަރެން މާޔޫސް ވިއެވެ. ހިތް ވަސްވާސްތަކުން ފުރިގެން އައެވެ. ނޭނގި ހުއްޓައިވެސް ދެލޮލުން ކަރުނަ އޮހެނީ އެވެ. އަހަންނަށް ކުރެވުނު ކަމަކުން އަޒްމަން އަހަރެންދެކެ ފޫހިވީއޭ ހިތް ބުނަން ފެށުމުން، މުޅީން މާޔޫސް ވިއެވެ.

ދުވަސް ނިމި އާދުވަހަކަށް، އަލިވިލުނު އިރުވެސް، އަޒްމަންގެ ޚަބަރެއް ނުވި އެވެ. ފާއިތުވަމުންދިޔަ ކޮންމެ މިނެޓަކާއިއެކު، އަހަރެންގެ ހިތް މަރާލަ އެވެ. އަޒްމަންގެ ޚަބަރެއްވޭތޯ އަހަރެން ކުރަމުންދާ އިންތިޒާރަށް ނިމުމެއް ނައެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުން ދިޔަ ނަމަވެސް، އުއްމީދު ގެއްލުވައެއް ނުލަމެވެ. ކޮންމެވެސް އިންސާނަކަށްވެސް ކެތްވާނީ ވަކި ވަރަކަށް ނޫން ހެއްޔެވެ؟ އަހަރެން ދިއްލި އުއްމީދުގެ ހުޅުކޮޅު ނިވުމަކާއި ގާތްވެއްޖެ އެވެ.

އަހަރެންގެ ކަންތައްތައް އަޒްމަންގެ މަންމަ ނުހަނު ގާތުން ބަލައި ހަދަ އެވެ. އެއީ އަހަންނަށް ލެއްވި ރަޚުމަތެކެވެ. ދިރިހުރުމަށް ލިބިގެންދިޔަ އިތުރު ހިއްވަރެކެވެ. އަމިއްލަ ދަރިފުޅުވީ ތަނެއް ބުނެދޭކަށް ހުދު އެ މައިމީހާއަށް ވެސް ނޭނގުނެވެ. މަންމަގެ އަޅާލުމާއި އޯގާތެރި ބަސްތަކުގެ އެހީގައި އަހަރެންގެ ހިތަށް ތަސައްލީއެއް ހޯދައިދެވޭތޯ މަސައްކަތް ކުރެ އެވެ. އަޒްމަން އަންނާނެ ކަމަށް ބުނަމުން ދިޔައީ ހުދު އެ ހިތް ވެސް ފޮތިފޮތި ވެެފައިވާ ހާލުގައި ކަން އެންމެ ރަނގަޅަށް އެނގޭ މީހަކީ އަހަންނެވެ. ނުބުންޏަސް އެ ދެލޮލުން ފެންނަމުން ދާ ރިހުމާއި، އަޑުގައިވާ އަސަރުތަކުން އެކަމަށް ހެކިދެ އެވެ.

މާޔޫސްވެފައިވާ ހިތަކައިގެން ކޮންމެ ދުވަހެއްގެ އެތައް ވަގުތަކު ފިރިމީހާއަށް އިންތިޒާރު ކުރަމެވެ. ދިރުންނެތި އަހަރެންގެ މުޅި ހަށިގަނޑު މި ދުނިޔެއަށް ގިނަވެފައިވާ ކަހަލަ އެވެ.

ހަމަސް ދުވަސް ފާއިތުވެގެން ދިޔައިރު އަހަންނަށް ހީވީ ހަ ގަރުނު ވީ ހެންނެވެ. އާދައިގެ މަތިން މިއަދު ވެސް އަހަރެން ހުރީ ބެލްކަނީގަ އެވެ. އަޒްމަންގެ މަންމަ ދިރިއުޅެމުންދާ ގޭގެ ދޮރު މައްޗަށް ކާރެއް މަޑުކޮށްލި ތަން ފެނުމާއިއެކު، އަހަރެންގެ ޝައުޤުވެރިކަން އެ ކާރު އަތުލައިފި އެވެ. އަހަރެންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ، ހިތްއެދޭ ސޫރަ ކުރިމަތިން ފެނުމުންނެވެ. އެތައް ދުވަހަކު ކުރަމުން އައި އިންތިޒާރަށް ނިމުން އައީ އެވެ. އަޒްމަން އެހުރީ އަހަރެންގެ ދެލޯ ކުރިމަތީގަ އެވެ.

ދުވެފައި ކޮޓަރިއަށް ވަނީމެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓި، ބުރުގާ ރީތިކޮށްލީމެވެ. ލައިގެން ހުރި ހެދުން ރަގަޅުތޯ ބަލައިލެވުނެވެ. އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އަޒްމަން އަންނާނެ ވަގުތަކަށެވެ. އުފަލުން އުދުއްސައިގަނެވިދާނޭހެން ހީވި ވަގުތުކޮޅެއް ވެސް ދިޔަ އެވެ.

ގޭގެ ދޮރުގައި ޓަކި ޖަހައިލި އަޑު އިވުނެވެ. އަހަރެންގެ ދެލޯ ވިދައިގަތެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވައިލީމެވެ. އޭރު ތުންފަތް މަތީގައިވީ ފުޅާ ހިނިތުންވުމެކެވެ. އަހަރެންގެ އެ އުފާވެރިކަން މާ ގިނަ އިރަކަށް ދެމިގެނެއް ނުދިޔަ އެވެ. ދޮރުމަތީގައި ހުރީ އަޒްމަންގެ މަންމަ އެވެ. އެ މަންމަގެ މޫނުމަތި ވަނީ މިލާފަ އެވެ. ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އެނގުނެވެ. މަންމަގެ ފަހަތަށް ބޯ ދިއްކޮށްލަމުން ބަލައިލެވުނީ ފަހަތުގައި އަޒްމަން ހުރިކަމަށް ހީކޮށެވެ. އަޒްމަން އެއް ނެތެވެ. އެތައް އިރެއް ވީއިރު ވެސް ނައެވެ.

އެއްވެސް ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ އޮހިގެންފި އެވެ. ދުވެފައި މަގުމައްޗަށް ނުކުމެވުނެވެ. އެއިން ހިސާބެއްގައި ވެސް އަޒްމަން އެއް ނެތެވެ. ގެއަށް އައިސް އެތައް އިރަކު ރޮވުނެވެ. އަޒްމަން އަަހަރެން މަތީން ހަނދާން ނައްތާލީ ހެއްޔެވެ؟ ނޫނީ އަހަރެންގެ ކިބައިން ހިތްހަމަޖެހޭ ސިފައެއް ނުފެނުނީ ހެއްޔެވެ؟ އެގޮތަށް ކަންތައް ކުރަނީ އަހަރެންގެ ކޮން ކުށަކުން ހެއްޔެވެ؟

"ދަރިފުޅާ ނުރޮއެ... އަޒްމަން އެބައުޅޭ ގޭގަ... މަންމަ ކިޔާކިޔާ ވެސް ނައި... ތިޔަ ކަންތައް ހައްލުވާނީ ކޮންމެވެސް އެކަކު އިސްނަގައިގެން... ދަރިފުޅު ހިނގާ މަންމަ އާ އެކީ..." އަހަރެންގެ ބުރަކަށީގައި ފިރުމައިލަމުން މަންމަ ބުންޏެވެ.

ކަރުނަތައް ފޮހެލަމުން ހަމަޖެހިލެވޭތޯ މަސައްކަތް ކުރީމެވެ. ހިތަށް އެރި އެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ކުރެވުނު ކުށް އިސްލާހު ކުރަން އެނގޭނީ ވެސް އެކަމެއް އެނގިގެން ނޫން ހެއްޔެވެ؟

މަންމަ އާއި އެކުގައި އަހަރެން އެގެއަށް ދިޔައީ، މަންމަ ކުރުނުކޮށް ކިޔަން ފެށުމުންނެވެ. އަޒްމަން އުޅުނީ ކޮޓަރީގަ އެވެ. މަންމަ ގޮސް ދޮރު ހުޅުވައިލުމަށްފަހު އަހަރެން އެތެރެއަށް ވައްދައި ދޮރު ޖަހައިފި އެވެ.

ކޮޓަރި ތެރެއިން ފެނުނު މަންޒަރަކުން އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދެމިގަތް ހެންނެވެ.

(ނުނިމޭ)

ކޮމެންޓް 0