"ނީހާއަށް ހީވޭތަ އަޒްމަން އަކީ މަކަރުވެރިއެއް ހެން؟... އެހާބޮޑު އޮޅުވާލުމެއް އޮޅުވާލައިގެން އަޒްމަންއަށް މާބޮޑު އުފަލެއް ލިބޭނެހެން ހީވޭތަ؟..." ޝިމްނާގެ ޖުމްލަތަކުން އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ.

އެ ވާހަކަތަކާއިމެދު ވިސްނައިލުމުން، އެއީ ރަނގަޅު ވާހަކައެއް ކަމަށް ހިތް ބުންޏެވެ.

********

"ދުވަހަކުވެސް އަޒްމަން އާ ދޭތެރޭ ގޯސް ގޮތަކަށް ހީކުރާކަށް ބޭނުމެއް ނޫން..." އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. "އަހަންނަށް އުފަލެއް ލިބުނީ އަޒްމަންގެ ފަރާތުން... އެކަމަކު މިހެން ކަންތައް ވީމަ، ފާޑުފާޑުގެ އެއްޗެހި ހިތަށް އަރަނީ... ހިތަށް އަރަނީ އެހެން މީހުން ހެން އަޒްމަން ވެސް..."

އަހަރެންގެ ހިތުގެ ޙާލު ޝިމްނާގެ ކުރިމަތީގައި ބަންޑުން ކޮށްލީމެވެ. ވޭތުވެދިޔަ ދުވަސްތަކުގައި ކަންތައް ހިނގައިދިޔަގޮތް ކިޔައިދީ ނިމުނު އިރު، ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިއްޖެ އެވެ.

"ލޯބިވާ މީހުންނާ ދުރުވާން ޖެހުމަކީ ހިތަށް ވަރަށް އަސަރު ކުރާ ކަމެއް..." ޝިމްނާ ދޫކޮށްލީ ފުން ނޭވާ އެކެވެ. "ޝަރުވާން ހަނދާނަށް އަންނަ ކޮންމެ ފަހަރަކު، އެއްވެސް އިންސާނަކަށް އިތުބާރު ނުކުރަން ހިތަށް އަރާ.... އެކަމަކު، އަމިއްލަ ނަފުސަށްވުރެ ބޮޑަށް، އަޒޭއަށް އިތުބާރު ކުރެވޭ... އެ ހުރިހާ ދުވަސް ވީއިރުވެސް އަޒޭގެ ފަރާތުން އެއްވެސް ބަދަލެއް ފާހަގައެއް ނުވިއެއްނު... ކުއްލިއަކަށް އެހެން ވީމަ، ނީހާ އަކަށް އެއްޗެއް ނުވިސްނޭތަ؟... ހިއެއް ނުވޭތަ މިކަމުގަ ގޯހެއް އުޅޭހެން؟..."

ޝިމްނާގެ ވާހަކަތަކުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔަ އެވެ. ސޯފާއިން ތެދުވެގެން ކުޑަ ދޮރާއި ދިމާއަށް ހިނގައިގަތީމެވެ. ހުޅުވާފައިވާ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރެވުނެވެ. އެ ވާހަކަތަކާއިމެދު ވިސްނެމުން ދިޔަ ވަރަކަށް، އަޒްމަންގެ ކުށެއް ނެތް ކަމަށް ހިތް ބުނަމުން ދިޔަ އެވެ. ފިކުރުތަކުގެ ތެރޭގައި ވަނިކޮށް، ޝިމްނާ އައިސް ކައިރީގައި ހުއްޓިލައިފި އެވެ.

"ޝިމޫ ބުނެބަލަ... އަޒްމަން އަހަންނަށް އެހެން އެ ހަދަނީ ކީއްވެތަ؟... އަހަރެންގެ ސަބަބުން، އަޒްމަންއަށް ގެއްލުން ލިބޭ ކަހަލަ ކަމެއް ވަންޏާ، އަހަރެން އޭނަ އާ މާ ދުރަށް ގޮސްދާނަމޭ..." އަހަންނަށް އަނެއްކާ ވެސް ރޮވެން ފެށުނެވެ.

ހިތަށް އެރި އެވެ. އަޒްމަންއަށް ހުރިހާ ހިތާމައެއް ލިބެނީ އަހަރެންގެ ސަބަބުންނެވެ. އަހަންނަކީ އެއްވެސް ނަޞީބެއް ނުވާ މީހެކެވެ. އަހަންނާއި އެކީ އުޅޭ މީހަކަށް ވެސް ކުރިމަތިވާނީ ބަދު ނަޞީބެވެ.

"ނީހާ!... ތިގޮތަށް ނުވިސްނާ..." ޝިމްނާ ބުންޏެވެ.

"ދެން ކޮން ގޮތަކަށް ވިސްނާނީ؟..." އަހަންނަށް ގޮތް ހުސްވި އެވެ. މަޑު ގިސްލުމުގެ އަޑާއި އެކުވެގެން ނުކުތް އަހަރެންގެ އަޑު ކުރެހިއްޖެ އެވެ. ޝަކުވާ ކުރާނޭ ހިއްވަރެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. އެހެނަސް، ހިތް އެދުނީ އަދިވެސް އެތައް ޝަކުވާއެއް ކުރުމަށެވެ.

"ނީހާއަށް ފަހަރެއްގަ ނޭނގި އޮވެދާނެ، އަޒޭގެ ބައްޕަ އާ ބޮޑުބޭބެ ވަރަށް ނުފޫޒު ގަދަވާނެ... ތި ދެމީހުންގެ ގުޅުމަށް ވެސް ނުފޫޒު ފޯރުވަނީ އެމީހުން... މުޅީން މަކަރުން އެމީހުން އަޒޭ ބޭރަށް ގެންދިޔައީ ވެސް... އެފަކީރު ހުރީ ވިސްނާ ވިސްނާ ހަލާކުވާން ކައިރިވެފަ... ވަރަށް ހިތާމައިގަ އޭނަ އުޅުނީ... އެހާލުގަ ވެސް ކޮންމެ ދުވަހަކު އަހަރެންގެ ދައްތައަށް ގުޅައިގެން ނީހާ އާ މިޝްރާގެ ހާލު ބަލާނެ... ނީހާ ބުނެބަލަ... ނީހާއާ ދުރުގަ ހުރެގެން އަޒޭ އުފާވާނަމަ، ނީހާމެންގެ ހާލު ބަލާނެހެން ހީވޭތަ؟..." ޝިމްނާ ހީވީ އަހަރެން ލައްވައި ޖަވާބު ހޯދަން އުޅުނު ހެންނެވެ.

އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަޒްމަންގެ ދެލޮލުން ފެނުނު ރިހުން ހަނދާނަށް އައީ އެވަގުތު އެވެ. ހުރިހާ ކަމެއް ގުޅުވައިލެވުމުން ހިންދިރުވައިލެވިއްޖެ އެވެ. ޝިމްނާ އާއި ދިމާއަށް ބަލައިލެވުނީ، އާދޭހުގެ ނަޒަރަކުންނެވެ. ވީގޮތެއް އޮޅުން ފިލުވަން އަހަރެން ހުރީ ކެތްމަދު ވެފަ އެވެ. މާޒީއަށްވުރެ ބޮޑަށް މިއަދު އަހަންނަށް އިސްކަން ދެވުނީ އަޒްމަން އަށެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އަހަރެންގެ އުފާތަކާއި ގުޅިފައިވާ ހަމައެކަނި އިންސާނަކީ އެއީ ކަމަށް ވާތީ އެވެ.

"އަޒޭގެ ބޮޑުބޭބެ އަކީ، މިޝީގެ..." ޝިމްނާގެ އަޑުގައި މަޑު ތުރުތުރުލުމެއްގެ އަސަރު ވިއެވެ. އޭނައަށް ވާހަކަ ދައްކަން އުނދަގޫވެގެން ހުއްޓާލައިފި އެވެ.

އަހަރެންގެ ދެލޯ ބޮޑުވި އެވެ. ސީދާސީދާ ނުބުނި ކަމުގައި ވިޔަސް، ޝިމްނާ އެބުނި އެއްޗެއް އަހަންނަށް އެނގިއްޖެ އެވެ. އަޒްމަންގެ ބޮޑުބޭބެ އަކީ އަހަރެންގެ ކޮއްކޮގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ނުބައި އިންސާނާ އެވެ. އެހެން ހުރިހާ އިހުސާސެއް އެއްފަރާތްވެ، ވަގުތުން ދެއަތް މުށްކެވިއްޖެ އެވެ. ނާރުތަކަށް ލޭއަރައި ފުފުނީ، ކުޑަ ހިނދުކޮޅެއްގެ ތެރޭގަ އެވެ.

"ބޮޑުބޭބެ ކުރި ނުބައި ފާފަ ފޮރުވަން އެހީވި މީހަކީ އަމިއްލަ ބައްޕަ ކަން އެނގުނު ހިސާބުން، ނީހާމެންނާ ދޭތެރޭ ވީ ހުރިހާ ކަމެއްގަ އަޒޭ ކުށްވެރި ކުރީ، އޭނާގެ އަމިއްލަ ނަފުޞު..." ޝިމްނާ ދެރަވެލާފައި ބުންޏެވެ.

އަހަންނަށް ދޮރުގެ ދާރައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ދެފައިން ވަރު ދޫވާހެން ހީވި އެވެ. ހިތަށް ހީވީ ތޫނު ކަށިތަކެއް ހަރާލި ހެންނެވެ. ހުރިހާ ކަމެއް އައިސް މި ނިމުނީ ކިހިނެއް ހެއްޔެވެ؟ އަހަރެން މި ހައްޔަރުވީ، ކޮންފަދަ ދަލެއްގައި ހެއްޔެވެ؟ އެ ނުބައި އިންސާނާ ކުރި ފާފަ ފޮރުވުމަށް އަޒްމަންގެ އާއިލާއިން އެހީވިއިރު، އަހަންނާއި އަހަރެންގެ އާއިލާގެ ޙައްޤު ކޮބައި ހެއްޔެވެ؟

"ނީހާ!... މިކަމުގަ އަޒޭގެ އެއްވެސް ކުށެއް ނެތް... ނީހާގެ ކޮއްކޮއަށް އެހެން ދިމާވި އިރުވެސް، އަޒޭގެ އާއިލާ ދިރިއުޅުނީ މާލޭގަ... އޭނަގެ ބޮޑުބޭބެ ތިރަށަށް ދިޔައީ، މީހަކާ އިނދެގެން... މިޝީއަށް އެހެން ހަދާފަ، އާއިލާ ގޮވައިގެން އޭނަވެސް މާލެ ބަދަލުވީ... އެމީހުންނަކީ އާދައިގެ ބައެއް ނޫން... ފައިސާ ހުރިއްޔާ ކޮން ކަމެއް ދޯ ނުވާނީ؟... އެ މައްސަލަ ވެސް އެމީހުންގެ ނުފޫޒުން އަޑި އަޑިން އޮއްބާލީކަމަށް ވަނީ..." ޝިމްނާ އިސްޖަހައިލި އެވެ.

އަހަންނަކަށް އެކައްޗެއް ވެސް ނުބުނެވުނެވެ. ބުނާނީ ވެސް ވަކި ކީކޭ ހެއްޔެވެ؟ ފައިސާ އަކީ ކިހާ ބާރުގަދަ އެއްޗެއް ކަން އަހަންނަށް އޮޅިފައެއް ނެތެވެ. ފިކުރުތަކުން ސިކުނޑި ސުމަކަށް ދަނީ އެވެ. އެ ހަމަހިމޭންކަންދެކެ ވެސް ބިރުގަތެވެ. އިތުބާރުކޮށްފައި ނުކުރަންވީ ކާކަށް ކަން ނޭނގޭ ވަރަށް ކަންކަން އެވަނީ ގޯސްވެފަ އެވެ.

"އަޒޭ ތިރަށަށް ދިޔައީ ހުރިހާ ހަޤީޤަތެއް އެނގި ހުރެ... އޭނަ ނީހާ އާ ބައްދަލުކުރީ ވެސް ގަސްދުގަ..." ޝިމްނާ ދެން ހާމަކޮށްލި ހަޤީޤަތަކުން އަހަރެންގެ ކަންފަތް ކައިރީގައި ހީވީ، ބޮމެއް ގޮއްވައިލި ހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އެމޫނަށް ބަަލައިލެވިއްޖެ އެވެ.

އަޒްމަންގެ ކިހާ ސިއްރެއް އަހަންނަށް ނޭނގި އޮވެދާނެ ހެއްޔެވެ؟ އެއްފަހަރާ އެނގުނު ހަޤީޤަތްތަކެއްގެ ސަބަބުން އަހަރެންގެ ސިކުނޑި މަސައްކަތް ކުރުން ހުއްޓާލި އެވެ.

"އޭނަ ބޭނުންވީ، ނީހާ މެންނަށް އިންސާފު ހޯދައިދޭން..." އަހަންނަށް ވީގޮތް ފެނުމުން ކަންނޭނގެ އެވެ. ޝިމްނާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށި އެވެ. "އޭރު އަޒޭ އުޅުނީ، ޝާހާ އާއި ރައްޓެހިވެގެން... އެ ދެމީހުން ދުރުވާން މެދުވެރިވި ސަބަބަކީވެސް އެއީ... ޝާހާ ބޭނުމެއް ނުވި، އަޒޭ އެހެން އަންހެން ކުއްޖަކަށް އެގޮތަށް އެހީވާކަށް... އަޒޭގެ އެ އިހުސާންތެރިކަމުން އޭނައަށް ނެގުނީ މުޅީން ގޯސް މާނައެއް... އެންމެފަހުން އޭނަ އަޒޭ ދޫކޮށްލާފަ ރާއްޖެއިން ބޭރަށް ދިޔައީ... އެ ހިތާމަތަކުން އަރައިގަންނަން އަޒޭއަށް ހާދަ ދުވަހެއް ނެގިއޭ... އަމިއްލަ ނަފުސު ހަމައަކަށް އެޅުނުހާ އަވަހަށް، ހުރިހާ އުފާތައް ދޫކޮށްލާފަ އޭނަ ނީހާގެ ރަށަށް ދިޔައީ، ނީހާގެ އާއިލާއަށް ގެއްލުނު އުފާވެރި ޙަޔާތް ހޯދަދޭންވެގެން... އެއީ އޭނައަށް އޭނަގެ އަމިއްލަ ނަފުޞު ކުށްވެރި ކުރެވިފައިވާލެއް ބޮޑު ކަމުން..." ޝިމްނާ އޭނާގެ ވާހަކަ ހުއްޓާލާފައި އަހަރެންގެ ބުރަކަށީގައި މަޑުމަޑުން ޖަހައިލި އެވެ.

"އަހަންނަށް ހަމަ ޔަޤީން އަޒޭ ނީހާދެކެ ލޯބިވާ ކަން... އޭނަ ބޭނުމެއް ނުވޭ ނީހާ ދޫކޮށްލާކަށް... ލަންކާއަށް ގޮސް އަހަރެމެން ދެމީހުން ތިބީ އެއް ގެޔަކު... އަޒޭ ބުނި ބޮޑުބޭބެމެން ބޭނުންވަނީ އޭނަ ނައިޝާ އާ ކައިވެނި ކުރާށޭ... ނީހާ ވަރިކުރާށޭ ކިޔައިގެން ކިޔަންފެށީމަ އޭނަ ބުނީމޯ، އެނޫން އެހެން ކަމެއް ބުނެފިއްޔާ އެކަމެއް ކުރާނަމޭ... ނީހާ ހާދަ ނަޞީބު ރަނގަޅޭ... އަޒޭ އަކީ ނީހާއަށް ލެއްވި ރަޙުމަތެއް ކަމުގަ ބަލާ..." ޝިމްނާ ހިނިތުންވެލި އެވެ.

ޝިމްނާ ދިޔައީ އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފައްދާފަ އެވެ. ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއްގެ ތެރޭގައި ނަފުޞު ބަނދެވިފައިވާހެން ހީވި އެވެ. އަޒްމަން އަހަރެންދެކެ އެވަރަށް ލޯބިވީ ކީއްވެ ހެއްޔެވެ؟ މީހުން ބުނާތީ އަޑު އަހަމެވެ. ހަޤީޤީ ލޯބި ވެވޭނީ އެއް ފަހަރު އެވެ. ވީއިރު، ޝާހާ މަތީން ހަނދާން ނައްތައިލާފައި އަޒްމަން އަހަރެންދެކެ ލޯބި ވެދާނޭ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންދެކެ އެވަނީ ލޯތްބެއް ނޫނެވެ. އެއީ ހަމްދަރުދީ އެވެ. އަހަރެންގެ ޙާލާއިމެދު އެ ހިތުގައި ހަމްދަރުދީ ފިޔަވައި އިތުރު އެއްޗެއް ނުވާ ކަމުގައި ޤަބޫލު ކުރެވުނެވެ.

އަޒްމަންގެ މަންމަ އައީ އަހަރެން އެހެން ހުއްޓަ އެވެ. މަންމަ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމައިލި އެވެ. ފިކުރުތަކުގެ ތެރެއިން ބޭރުވެވުނު ނަމަވެސް، ހިތް ވަނީ ނުތަނަވަސްކަމުން ފުރިފަ އެވެ.

"ދަރިފުޅާ!... އަޒްމަންއަށް މަޢާފުކޮށްދީ... އެހެންނޫނީ ތި ދެމީހުންނަކަށް ވެސް އުފަލެއް ނުލިބޭނެ... އަޒްމަން ޤަބޫލުކުރަނީ، ވެދިޔަ ހުރިހާ ކަމެއްގަ އޭނަގެ ކުށްވެސް އޮތް ކަމަށް... އޭނަ އާ އެކީ އުޅޭހާ ހިނދަކު ނީހާއަށް އުފާވެރި ޙަޔާތެއް ނުލިބޭނެ ކަމަށް... އެއީ އެ ނައިޝާ ވެސް އޭނައަށް ވިސްނައިދެމުން އަންނަ ގޮތް... މަންމަ އެއްގޮތަކަށް ވެސް ހިތްހަމަޖެހޭ ކުއްޖެއް ނޫން އެއީ..." މަންމަ ހުރީ ކަންބޮޑު ވެފަ އެވެ. ހިތްހަމަނުޖެހުމުގެ ކުލަވަރު ވެސް އެ މޫނުން ފެންނަމުން ދިޔަ އެވެ.

އަހަންނަށް މަންމަގެ ކޮނޑުގައި ބޯ އަޅާލެވުނެވެ. އެ އޯގާތެރި އަތުގެ ފިރުމުންތަކުން، ހިތަށް ލިބުނު ތަސައްލީ އާއި އެއްވަރަށް، ފެންކަޅިވެސް ވެއްޖެ އެވެ.

"ދަރިފުޅާ!... ތިހެން ހުއްޓާ ވަގުތު ފާއިތު ވެދާނެ... އަޒްމަންއަށް ވިސްނައިދީ... ނައިޝާގެ ކައިރިން އޭނަ ސަލާމަތް ކުރޭ..." އަހަރެންގެ ބުރަކަށީގައި ފިރުމައިލަމުން މަންމަ ބުންޏެވެ.

އަހަންނަށް ދެލޯ މަރާލެވުނެވެ. ހިތުގައި ދިލަ ރިހުމެއް އުފެދެމުން ދިޔަ އެވެ. ކަންތައް ވީގޮތުން އަހަންނަށް އަޒްމަންގެ ކުރިމައްޗަށް އަރަން ކެރިދާނޭ ހެއްޔެވެ؟ އެ ހުރިހާ ދުވަހު، އަޒްމަން ވި މަތިވެރި ޤުރުބާނީ އެނގުމުން ހިތް ފަޅައިގެން ދާހެން ހީވަނީ އެވެ. އަހަންނަށް ވަނީ އޭނަ އާއި ދިމާއަށް ހިތަށް އައިހާ އެއްޗެއް ގޮވިފަ އެވެ. ޖަޒުބާތުގައިޖެހި، އެ ހިތުގައި ވެސް ޖެއްސިއްޖެ އެވެ.

މަންމަ ނުކުމެގެން ދިޔައީ، އަގު ނުކުރެވޭނޭ ވަރުގެ ހަދިޔާއެއް ދީފަ އެވެ. އެއީ ވަގުތުގެ މުހިއްމު ކަން ވިސްނައިދިނުމެވެ. އަގުބޮޑު ޖަވާހިރެއް އަތުން ބީވުމުގެ ކުރިން އެ ސަލާމަތް ކުރާނޭ ގޮތް ބުނެދިނުމަކީ، މަދު މީހަކު ކުރާނޭ ކަމެއްކަން ޤައިމެވެ. ހިތުގެ އަޑިން އެ މަންމައަށް ޝުކުރުއަދާ ކުރެވުނެވެ.

އަހަންނަށް އެގޮތުގައި ހުރެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. އަޒްމަންގެ ކައިރިއަށް ދާނީ ކޮން މޫނަކައިގެން ކަމެއް ނޭނގުނެވެ. ފިރިމީހާ އާއި ދޭތެރޭ ޝައްކުގެ ނުބައި ހީތައް ކުރެވުމުން، އަމިއްލަ ނަފުޞު ކުށްވެރި ކުރެވުނީ މާ ވަރަކަށެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ފިރިމީހާ އެވެ. އަނތްބެއްގެ ހައިސިއްޔަތުން، އޭނަ އާއި ބައްދަލުކުރުމުގެ ޙައްޤު އަހަންނަށް އޮންނާނެ އެވެ.

އަހަރެން ގެއިން ނުކުތީ، އައު އަޒުމަކައިގެންނެވެ. އަޒްމަންގެ ގެއާއި އަރައި ހަމަވި އިރު، ހިތުގެ ތެޅުން ދެގުނައަށް އިތުރުވެއްޖެ އެވެ. ކުރި ހިއްވަރު އެލިއްޖެ އެވެ. އެތެރެއަށް ވަންނާނޭ ހިއްވަރު ނުލިބިފައި ދޮރުމަތީގައި އިރުކޮޅަކު ހުރެވުނެވެ.

ކޮނޑުގައި ދަބަހެއް އަޅުވާލައިގެން އަޒްމަން އޭނާގެ ގެއިން ނުކުތީ، އަހަރެން އެހެން ހުއްޓަ އެވެ. އަހަރެން ފެނުމުން އެ ފިޔަވަޅުތައް ހުއްޓިއްޖެ އެވެ. ފަސްއެނބުރި ބަލައިލާފައި އަނެއްކާވެސް އަހަރެންގެ މޫނަށް ނަޒަރު ހުއްޓާލައިފި އެވެ.

އެ ދޮލުގައިވި ރަތްކަން ފެނި ވަރަށް ރޮއެފައި ހުރިކަން އެނގުނެވެ. އަހަރެންގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ، އަޒްމަންގެ ފަހަތުން ނުކުތް އަންހެން ކުއްޖާ ފެނިފަ އެވެ. އެކުއްޖާ އެއްފަހަރު އަހަންނަށް އަނެއް ފަހަރު އަޒްމަންގެ މޫނަށް ބަލައިލި އެވެ. ނުރުހުމުގެ އަސަރު ފެންނަމުންދިޔަ އެ މޫނުމަތިން އިންޒާރެއް ދިން ކަހަލަ އެވެ. އިރުކޮޅަކު ބަލަން ހުރެފައި އޭނަ އެތެރެއަށް ވަދެގެން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ.

"އަހަރެން ދޫކޮށްލާފަ ދަނީތަ؟..." އަހަރެންގެ ނަޒަރު އަމާޒުވީ އަޒްމަންގެ ކޮނޑުގައި އަޅުވައިލެވިފައިވާ ދަބަހަށެވެ. ހިތް ބުނީ އަޒްމަން ކޮންމެވެސް ތަނަކަށް ދާން އުޅެނީ ކަމަށެވެ. ހިތުގައި ޖެހުނު ވަރުން، އަޑު ކުރެހިއްޖެ އެވެ.

އަޒްމަން އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. އޭނަގެ އަތުގެ މުލައްދަނޑީގައި ހިފައިލެވުނީ ކިރިޔާ އެވެ. ދެފައިން ވަރު ދޫވެއްޖެ އެވެ. އެކަން އިހުސާސްވުމުން ކަންނޭނގެ އެވެ. އަޒްމަން އަހަރެން ގޮވައިގެން ގޭތެރެއަށް ވަނެވެ.

"އަހަރެން ޤަބޫލު ކުރަމޭ އަހަރެން މީ ކުށްވެރިއެއް ކަމަށް... ވަރަށް ބޮޑު ކުށްވެރިއެއް ކަމަށް... އެކަމަކު ވެސް އަހަރެން ދޫކޮށްލާފަ ނުދޭ... ތިހެން ހުރީމަ، އަަހަރެން ވަރަށް ދެރަވޭ..." އަހަންނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ބޭއިޚްތިޔާރުގައި މަޢާފަށް އެދެވުނެވެ.

އަޒްމަން އަހަރެންގެ ދެކޮނޑުގައި ހިފައި ނެގި އެވެ. އެ ދެލޯ ވަނީ ފެންކަޅިވެފަ އެވެ. އެއްޗެއް ނުބުނި ނަމަވެސް އެ ދެލޮލުން ފެންނަމުންދިޔަ ރިހުން އެތައް ވާހަކަތަކެއް ބުނެދެމުން ދިޔަ އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ހޭދަވީ ފަޅި ސިކުންތު ކޮޅެކެވެ.

"ނީހާ!... އަހަންނަކީ..." އަޒްމަން އެއްޗެއް ބުނަން އުޅުނެވެ.

"ނޫން.. އެއްވެސް އެއްޗެއް ނުބުނާތި..." އަހަރެންގެ ހިތް ތެޅިގަތެވެ. ބިރުވެރިކަމުން ހަތަރު ފަރާތް ވަށާލިހެން ހީވި އެވެ. އަޒްމަން އެއުޅެނީ އަހަރެން ދޫކޮށްލާފައި ދާށޭ ހިތަށް އެރި އެވެ.

"އަހަރެން ދޫކޮށްލާފަ ދާން ހިތަށް ވެސް ނާރުވާތި... އަޒްމަން ފިޔަވާ އަހަރެންގެ ހުރީ ވެސް ވަކި ކާކު؟..." ކިތަންމެ ހިއްވަރާއިއެކީ ފެށި ނަމަވެސް، އަރުތެރެ ބެދޭގޮތް ވެއްޖެ އެވެ. "ތިގޮތަށް އަހަރެން ދޫކޮށްލާފަ ދިޔާމަ، އަހަންނަށް ހަމަޖެހިގެން އުޅެވިދާނެހެން ހީވޭތަ؟... އަޒްމަންގެ އާއިލާގެ މީހަކު ކުރި ކަމަކަށް، އަޒްމަން ޒިންމާ ނަގާކަށް ނުޖެހޭނެއޭ..." އަހަރެން ރޮއެރޮއެފައި ވާހަކަ ދެއްކީމެވެ.

"ނީހާ!... ހުރިހާ ހަޤީޤަތަކާއިއެކު، އަހަންނަށް ނީހާ އާ ކުރިމަތިލާން ފަސޭހައެއް ނޫނޭ..." އަޒްމަން ބުންޏެވެ.

އަހަރެން ކުއްލިއަކަށް އަޒްމަންގެ ގައިގައި ބައްދައިލީމެވެ. ދުވަހަކު ވަކިވެގެން ދާން ނޭދެމޭ ބުނާ ފަދައިންނެވެ. އިރުކޮޅަކުން އެ ދެއަތުގެ ތެރޭގައި އަަހަރެންގެ ހަށިގަނޑު ޤައިދުކޮށްލައިފި އެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން، ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލެވިއްޖެ އެވެ.

އަޒްމަން އަކީ އަހަރެންގެ ޙައްޤެކެވެ. އެހެން މީހަކު އެ ޙައްޤު ނިގުޅައިގަތަކަ ނުދޭނަމެވެ. ދިރިއުޅުމުގައި އަހަންނަށް އެތަކެއް ފިލާވަޅުތަކެއް ދަސްވެއްޖެ އެވެ. ކެރިގެން ކަންކަމާއި ކުރިމަތިލުމަކީ އެންމެ މުހިއްމު އެއް ކަންތަކެވެ. މިއަދު އެ އަތުގެ ޙިމާޔަތް ލިބުމުން، ދުވަހަކު ވެސް އެ އުފާތަކާއި ދުރަށްދާން ހިތް ދެކޮޅު ހަދަން ފަށައިފި އެވެ. ދެން އޮތީ ކެރިގެން ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލުމެވެ. ލޯތްބަށްޓަކައި އެކަން ކުރަން ވެސް އަހަރެން މިހުރީ ތައްޔާރަށެވެ.

(ނުނިމޭ)

ކޮމެންޓް 0