ބުރުގަލުގެ އެއް ކޮނޑާއި ދިމާއިން ޖަހާފައިވާ ދަތި ނައްޓައިގެން މާދުރަށް ވިއްސައިގެން ދިޔަ އެވެ. އޭގެ ތޫނުކޮޅު ހެރުނީ އަހަރެންގެ ކޮނޑަށެވެ. ވީތަދުން ކޮނޑުގައި އަތް ޖައްސައިލެވުނެވެ. ލިބުނު އަނިޔާއަށްވުރެ ބޮޑަށް، އަހަންނަށް ވިސްނުނީ، އައުރަ ކަޝްފު ވެދާނެތީ އެކަމާއި މެދުގަ އެވެ. ބުރުގާގައި ދަތި ޖަހައި ހައްޔަރު ކުރެވިފައިވާ ކަން އެއީ ނަސީބެކޭ ހިތަށް އެރި އެވެ.

ދާރިޝްގެ ފޯނު ރިންގްވާން ފެށި އަޑަށް އޭނާގެ ސަމާލުކަން އެ ފޯނަށް ހުއްޓިއްޖެ އެވެ. އެ އަތްދަށުން މިނިވަން ވާން ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި ދޮރާއި ދިމާއަށް ދުއްވައިގަތީމެވެ. އަހަރެން ދޮރު ހުޅުވައިލި ވަގުތަކީ، ތަޅުގައި ހިފައިލުމަށް އަޒްމަން އޭނާގެ އަތް ދިއްކޮށްލި ވަގުތެވެ. ކުއްލިއަކަށް ދޮރު ހުޅުވުމުން، އަހަންނެކޭ އެއްވަރަށް އޭނާވެސް ސިހިއްޖެ އެވެ.

އަޒްމަންގެ ނަޒަރު އަހަރެންގެ މޫނުން ވަކިވެ، ކޮޓަރި ތެރެއަށް އަމާޒުވިތަން ފެނުނެވެ. ހިތް ތެޅިގަތެވެ. ބިރުވެރި އެއްޗަކަށް ބަލައިލާހެން ފަހަތުގައި ހުރި ދާރިޝް އާއި ދިމާއަށް ބަލައިލެވުނެވެ. އޭރު އަޒްމަން ފެނި، ދާރިޝް ވެސް ހުރީ ހުއްޓުން އަރާފަ އެވެ.

"ފާޚާނާއަށް ވަދެލަންވެގެނޭ މިއައީ..." ރަކި ހިނިގަނޑެއް ޖަހައިލަމުން ދާރިޝް ބުންޏެވެ.

އަޒްމަން އެއްޗެއް ނުބުނެ އެވެ. އޭނާ ހުރިތަނުން ގުޑިވެސް ނުލަ އެވެ. ދާރިޝްއަށް ބަލަން އޭނާ ހުރިއިރު، އެ މޫނުމަތީގެ އަސަރުތައް ތަރުޖަމާ ކުރާކަށް ނޭނގުނެވެ.

"ނީހާ އައިސް ދޮރު ލައްޕާނެ ކަމެއް ކިހިނެއް އެނގޭނީ..." އަހަރެން ކުށްވެރިކުރާ ފަދަ ގޮތަކަށް ދާރިޝް ބުންޏެވެ.

ކަންބޮޑުވެފައި އަހަންނަށް ބަލައިލެވުނީ އަޒްމަން އަށެވެ. އެ ނަޒަރު އަމާޒުވެފައި ވަނީ، ސީދާ އަހަރެންގެ ދެލޮލަށެވެ. ދާރިޝްގެ ވާހަކައަށް ދެކޮޅުހެދުމުގެ ގޮތުން، އަވަހަށް ދެފަރާތަށް ބޯ ހޫރާލީމެވެ. ދަނޑިވަޅުގެ ބޭނުން ހިފައި، ދާރިޝް އުޅުނީ އެތަނުން ނުކުންނާށެވެ. ދޮރުމަތީގައި ހުރި އަޒްމަން ހުރަސްކޮށް އޭނާއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ.

ދާރިޝް ލައިގެން ހުރި ގަމީހުގައި އަޒްމަން ހިފަހައްޓައިފި އެވެ. ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވައްދާފައި ދޮރު ޖެހި އެވެ. ހުރިހާ ކަމެއް ހިނގީ ހިނދުކޮޅެއްގެ ތެރޭގަ އެވެ. ލިބުނު ސިހުން ފިލައިގެން ދިޔައިރު ވެސް، އޭނާ ހުރީ ދާރިޝްގެ ގަމީހުގައި ހިފައިގަނެގެންނެވެ.

"ދާރިޝް ތީ ކުޑަކުއްޖެއް ނޫނެއްނު... ނީހާ އަކީ އެއީ މިހާރު އަހަރެންގެ އަނބިމީހާ އޭ... އަހަރެން ފިޔަވާ އިތުރު މީހަކު އެ ހަށިގަނޑުގަ އިނގިލިކުރި ޖައްސައިލަން ވެސް އަހަންނަކަށް ނުރުހެވޭނެ... ބަލާކަށް ވެސް ނުހުރެވޭނެ... އަހަރެން މީ އޭނަގެ ފިރިމީހާއަށް ވިޔަސް، އޭނަގެ ނުރުހުމުގަ، އެ ހަށިގަނޑުގަ އަހަރެން ވެސް އަތެއް ނުލާނަން... އެކަހަލަ މަންޒަރެއް އެހެން މީހެއްގެ ފަރާތުން ފެނިއްޖެއްޔާ އަހަރެން މަޑަކުން ވެސް ނުހުންނާނަން..." އަޒްމަން ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.

"ހަމަޖެހިބަލަ!... ހަމަޖެހިބަލަ، އަޒޭ ހާދަ ރުޅިއެކޭ ތި އައީ... އަހަރެން ނޫޅެމޭ ނީހާއަށް އެކަހަލަ ކަމެއް ކުރާކަށް..." ދާރިޝް ޖަހައިލީ ހިނިގަނޑެކެވެ. އޭނާ އަޒްމަންގެ އަތް ނައްޓުވައިލެވޭތޯ މަސައްކަތް ކުރި އެވެ.

ކުއްލިއަކަށް އިވުނީ، ކޮޓަރި ދޮރު ހުޅުވައިލި އަޑެވެ. އެންމެންގެ ނަޒަރު ދޮރާއި ދިމާއަށް ހުއްޓުނީ އެކުއެކީގަ އެވެ. އަޒްމަން އަވަސް އަވަހަށް ދާރިޝްގެ ގައިން ދޫކޮށްލި އެވެ.

"ކޮބާ އެންމެން؟..." ދޮރުމަތީގައި ހުރި ޝިމްނާ އެތެރެއަށް ވަންނަމުން، އަހައިލި އެވެ.

އޭނާ އައިސް ހުއްޓުނީ އަހަރެންގެ ކައިރީގަ އެވެ. އެންމެން ތިބިގޮތުން ކަންނޭނގެ އެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ އެވެ.

"ކިހިނެއް ވެފަޔޯ އެންމެން ތި ތިބީ؟..." ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އޭނާ ސުވާލު ކުރި އެވެ.

"ކަމެއް ނުވޭ..." ޖަވާބު ދިނީ ދާރިޝް އެވެ.

"ދާރިޝް ވެސް އެބަ ހުރިންތަ؟... ދެމަފިރިއެއްގެ ދެމެދަށް ވެއްޖެއްޔާ މީނާ ވަންނާނެ... ދެން އެމީހުން ހަމަޖެހިލަން ވެސް ވަގުތުކޮޅެއް ތި ނުލިބުނީނު..." ދާރިޝްގެ ކައިރިއަށް ގޮސް، އަތުގެ މުލައްދަނޑީގައި ބޮނޑިއެއް އަޅައިލަމުން ޝިމްނާ ބުންޏެވެ. "އަޒޭ!... މަންމަމެން އައިއްސި... ތިގޭ އެންމެން އެބަތިބި ސިޓިންރޫމް ފުރާލައިގެން..."

މަޖަލަކަށް ހަދާފައި ޝިމްނާ އެހެން ބުނި ނަމަވެސް، އޭނަގެ ވާހަކައިން ކަންކަން އެހާ ރަނގަޅު ނޫންކަން އަހަންނަށް އެނގުނެވެ. ބިރުވެރިކަމުން ހިތް ފުރިގެން އައީ، ކުރީ ދުވަހުގެ ހާދިސާ ހަނދާންވުމުންނެވެ.

ދާރިޝް އާއި ޝިމްނާ ނުކުތުމުން، އެމީހުންގެ ފަހަތުން އަހަރެން ވެސް އުޅުނީ ނުކުންނާށެވެ. އަޒްމަން އަހަރެންގެ އަތުގައި ހިފައިލުމުން، ސިހޭގޮތް ވިއެވެ. ފަސްއެނބުރި ބަލައިނުލަނީސް، އޭނާ އަހަރެންގެ އަތަށް ދަމާލައިފި އެވެ. ކައިވެންޏަށްފަހު، އެކަހެރި މާހައުލަކުން ދެމީހުން ބައްދަލުވި އެއީ ފުރަތަމަ ފަހަރުކަމުން، ހިތް ތެޅެން ފެށީ މާ ވަރަކަށެވެ.

"ދަނީތަ؟.." އަޒްމަން ސުވާލު ކުރި އެވެ. އޭނާގެ ރާގުން އަހަރެން އެތަނުން ނުދިޔުމަށް އެދުނު ކަހަލަ އެވެ.

އަހަރެން ބޯ ޖަހާލުމުން އަނެއްކާވެސް އަތަށް ދަމާލައިފި އެވެ. މިފަހަރު އަހަރެން ގޮސް ލައްވީ، އެ ހަށިގަނޑުގަ އެވެ. ފުރަގަސްދީގެން ހުރުމުން، އޭނާގެ މޭގައި ޖެހުނީ އަހަރެންގެ ބޮލުގެ ފުއްކިބަ އެވެ. އޭނާ ކުޑަކޮށް ކުރިއަށް ޖެހިލައި، ހުޅުވިފައިވާ ދޮރު ލައްޕައިލި އެވެ.

އަހަންނަށް ހިންދިރުވައިލެވުނެވެ. އޭނާ ކުރަން އުޅޭ ކަމެއް ނޭނގޭތީ، އަހަރެން ހުރީ ޖެހިލުންވެފަ އެވެ.

"އަހަރެން ނުދާށޭ ބުނެފިއްޔާ ވެސް ދާނަންތަ؟..." އަހަރެންގެ އުނަގަނޑާއި ދިމާއިން ދެއަތް ގެންގޮސް، ބަނޑުގައި ހިފަހައްޓާލަމުން އޭނާ އަހައިލި އެވެ.

ބުނާނޭ އެއްޗެއް ނޭނގުނެވެ. މުޅި ހަށިގަނޑަށް އަރައިގެން ދިޔައީ ހީލިގަނޑެކެވެ. ގައިގައި ހުރި ހުރިހާ ލޯލިތައް ކޮޅަށްޖެހިއްޖެ އެވެ. އޭނާއަށް ފުރަގަސްދީގެން ހުރެވުނުކަން އެއީ، އަހަރެންގެ ނަސީބެވެ. އެ ދިގު އިނގިލިތަކުގެ ކުޑަކުޑަ ބީހިލުމަކުން، އަހަރެންގެ ހިތަށް ވެގެންދިޔަގޮތް އެނގޭނީ، އޭނާއަށް އަހަރެންގެ މޫނު ފެނުނު ނަމައެވެ.

"އަހަރެން ބޭނުމެއްނުވޭ އެމީހުންގެ ތެރެއަށް ނުކުންނާކަށް..." އަޒްމަންގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު ވިއެވެ. "އެންމެ ރަނގަޅުތަ، މިހެން ހުއްޓަސް؟..."

ދެކޮޅު ހެދުމުގެ ގޮތުން، އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ. އަޒްމަން އޭނާގެ މައިންބަފައިންނާއި ދުރުވާކަށް ހިތެއް ނޭދުނެވެ. އެއީ ކޮންމެ ކަހަލަ މިޒާޖެއް ހުރި ބައެއް ނަމަވެސް، އެއީ އޭނާގެ އާއިލާ އެވެ. އާއިލީ ގުޅުން ކެނޑުމަކީ ރަނގަޅުކަމެއް ނޫނެވެ. އެފަދަ ކަމަކަށް ހިއްވަރުދޭ މީހަކަށް ވާކަށް އަހަރެން ބޭނުމެއް ނުވި އެވެ. އެކަމަކު އެއިން އެއްވެސް ވާހަކައެއް ބުނާކަށް ދޫ ހަރަކާތެއް ނުކުރި އެވެ.

"ނީހާ!... އަހަރެން ބޭނުމެއް ނޫން ނީހާއަށް އެއްވެސް ކަމެއް ފޮރުވާކަށް... އަހަރެން ކައިވެނި މިކުރީ ބައްޕަމެން ކައިރީ ނުބުނެ ސިއްރުން... ރަން ކީ މައްސަލާގައިވެސް ގޭތެރޭގެ ކަންކަން ވަރަށް ގޯސްވެފަ އޮތީ... މަންމަދެކެ ވެސް ބައްޕަ ހުރީ ހިތްހަމަނުޖެހިފަ... މި ކައިވެނީގެ ވާހަކަ އަހަރެން ބުނީ މަންމަ ކައިރީ އެކަނި... އާއިލާތެރޭގަ ބައްޕަ އާ ބޮޑުބޭބެގެ ނުފޫޒު ވަރަށް ގަދަ ވާނެ... އެމީހުން ހިފަހައްޓައިފި ގޮތެއް ދުލެއް ނުކުރާނެ... ބޭނުންވާ ގޮތް ނޫން ގޮތަކަށް ކަމެއް ހިނގައިފިއްޔާ، އެ ނިމުނީ... ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ... އަހަރެން ބޮޑަށް ޖެހިލުންވަނީ ބޮޑުބޭބެ ދެކެ..." އަޒްމަން ހާސްވެފައި ބުންޏެވެ.

"އެކަމަކު ނީހާ ހާސްނުވައްޗޭ..." އަހަރެން ބަލައިލުމުން އަޒްމަން ބުންޏެވެ "އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު، ނީހާ ޙިމާޔަތް ކުރާނަން..."

އަޒްމަން ވާހަކަ ދައްކަމުން އަހަރެންގެ ކޮނޑުގައި ދަތްދޮޅި ޖައްސައިލި އެވެ. އެއީ ޕިން ހެރިގެން ހަލާކުވި ދިމާ ކަމުން، ވީ ތަދުގައި ކުއްލިއަކަށް ދުރަށް ޖެހިލެވިއްޖެ އެވެ. އޭރު އަނގައިން މަޑު އާހެއްގެ އަޑު ވެސް ބޭރުވެގެން ގޮސްފި އެވެ.

އަޒްމަންގެ ނަޒަރު އަހަރެންގެ ކޮނޑާއި ދިމާއަށް އަމާޒުވިއިރު، އެ މޫނުން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. އޭނަ މަޑެއް ނުކުރި އެވެ. ބުރުގާ ކުޑަކޮށް ހިއްލައި ކޮނޑަށް ވީގޮތް ބަލާލައިފި އެވެ. ޒަޙަމު ފެންނަން ނެތުމުން ކަންނޭނގެ އެވެ. ހެދުމުގެ ކަރުވަޅުގައި ހިފައި ކޮނޑާއި ދިމާއިން ކުޑަކޮށް ތިރިކޮށްލައިފި އެވެ.

"ނީހާ!..." އަޒްމަން ގޮވައިލީ ކަންބޮޑުވެފައިވާ ރާގަކަށެވެ. އޭނާ އަހަރެންގެ ދެއަތުގެ މުލައްދަނޑީގައި ހިފައި އޭނާ އާއި ވީ ފަރާތަށް ސީދާ ކުރުވައިފި އެވެ.

"ދާރިޝް ކުރި ކަމެއްތަ މީ؟..." އަޒްމަންގެ އަޑުގައި ވީ ރުޅިވެރި ކަމެވެ. އޭނާ ހުރީ އަހަރެންގެ ޙާލާއިމެދު ކަންބޮޑުވެފަ އެވެ.

އަހަރެން އެއްޗެއް ނުބުނަމެވެ. އޭނާގެ އޯގާތެރިކަމުން، ހިތުގައި ޖެހުނެވެ. ރޮވެން އުޅޭހެން ހީވުމުން އިސްޖަހައިލީމެވެ. އެހާ ހިއްވަރު ކުރުމުން ވެސް ދެލޮލުން ކަރުނަ އޮހިގެންފި އެވެ.

"މާފުކުރޭ..." އަހަރެންގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން އަޒްމަން ބުންޏެވެ. "ދެން ދުވަހަކު ވެސް މިކަހަލަ ކަމެއް ވިޔަކަ ނުދޭނަން..."

އަޒްމަންގެ އަތުގެ ބީހުން ކޮނޑާއި ދިމާއިން އިހުސާސް ކުރެވުމުން، ދެލޯ މަރާލެވިއްޖެ އެވެ. އެއީ އެހެން ކަމަކަށް ދެވުނު ދަޢުވަތެއް ކަން އެނގުނުއިރު، ވަގުތު ފާއިތުވެއްޖެ އެވެ. އޭނާގެ ހޫނު ނޭވާގެ އަސަރު މޫނަށް ކުރެވެން ފަށައިފި އެވެ. ކުރިއަށްވުރެ ބޮޑަށް ދެލޯ މަރާލެވިއްޖެ އެވެ. ދެން އިހުސާސް ކުރެވިގެން ދިޔައީ އެ ތުންފަތުގެ ލުއި ބީހިލުންތަކެވެ. އަހަންނަށް ވީ މުޅީން އައު ތަޖުރިބާ އަކަށެވެ. އެއީ ދުވަހަކު އިހުސާސް ކުރެވިފައި ނުވާފަދަ އުފާވެރި ކަމެކެވެ. ކައިވެންޏެއްގެ ފޮނިމީރުކަމަކީ ކޮބައިކަން އެންމެ އަމަލަކުން އެނގި ހާމަވެއްޖެ އެވެ.

ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. ދެމީހުންނަށް ދުރަށްޖެހިނުލެވި އުޅެނިކޮށް، ދޮރު ހުޅުވާލާފައި އެމީހަކު އެތެރެއަށް ވަދެއްޖެ އެވެ. އެ އުފާވެރި ވަގުތުކޮޅު ނިމިގެންދާން ބޭނުން ނުވިނަމަވެސް، ޙާލަތު އެކަމަކަށް ތަނެއް ނުދިނެވެ.

ކުރިމަތީގައި ހުރީ ބޮޑުދައިތަ އެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑުދައިތައަށް އައިސްފައިވާ ބަދަލު ފާހަގަ ނުވެއެއް ނުދިޔަ އެވެ. މޫނުމަތީގައި ކުދި ރޫ ގިނަވެ، ދެލޯކައިރި ވަނީ ވަރަށް ބޮޑަށް ވަޅުވަދެފަ އެވެ.

"ކަލޭ ހިތުން ތިކުރީ ވަރަށް މޮޅު ކަމެއް... ތީގެ ހިތިރަހަ މާގިނައިރުތަކެއްނުވެ އަރުތެރޭގަ ލައިދާނެ..." ދެމާނަ އެކުލެވޭ ރާގަކަށް އެހެން ބުނެފައި ބޮޑުދައިތަ ނުކުމެގެން ގޮސްފި އެވެ.

އަހަރެން ހީކުރީ ބޮޑުދައިތަ އައީ ޙެޔޮ ހިތަކައިގެން ކަމަށެވެ. ދުވަސްކޮޅަކަށްފަހު ފެނުމުން، ލޯބިން އެހިތް ފުރިގެންދާނޭ ކަމަށެވެ. ހުރިހާ ކަމެއް ވީ އަހަރެންގެ ކުރިމަތީގައި ނަމަވެސް ޤަބޫލުކުރަން ހިތް ދެކޮޅު ހަދަމުން ދަނީ އެވެ. ހިތުގައި އުފެދެންފެށި ޝަކުވާތަކުގެ ސަބަބުން، ދެރަވަނީ އެވެ. އަމިއްލަ މަންމައެއްގެ މަޤާމުގައި މިއަދު ދުނިޔޭގައި ހުރި ހަމައެކަނި މީހާ، އަހަރެންގެ އަލަތު ކައިވެންޏަށް މަރުޚަބާ އެކީ، ކޮންފަދަ ހިތްދަތި ގޮތަކަށް ހެއްޔެވެ؟ އެއީ ދުވަހަކު ވެސް އަހަރެން އުއްމީދުކުރިފަދަ ގޮތެއް ނޫނެވެ. އެ ޖުމްލަތައް އަހަރެންގެ ހިތުން ދުވަހަކު ވެސް ފިލައިގެން ދާނޭ ހެއްޔެވެ؟

"އަޅާނުލާ..." އަޒްމަން ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

އަހަރެން ބޭރަށް ނުކުތީ މީހާ ހަމައަކަށް އެޅުމުންނެވެ. އަހަންނާއިއެކު، އަޒްމަން ނުކުތީ ދެމީހުންގެ އަތް ޖޯޑުކޮށްލައިގެން ތިބެ އެވެ. ލަދުގަތް ނަމަވެސް، ދެކޮޅު ހެދުމުގެ ގޮތުން އެއްޗެއް ބުނާކަށް ނުކެރުނެވެ.

ޝިމްނާ ބުނިހެން މުޅި ސިޓިންގްރޫމް ވަނީ ތޮއްޖެހިފަ އެވެ. އަޒްމަންގެ އާއިލާގައި ހަމަ އެހާ މީހުން ގިނައީބާއޭ ހިތަށް އެރި އެވެ. އަހަރެންގެ ދެލޯ ފުރަތަމަ ވެސް ހޯދައިލީ މިޝްރާ އެވެ. ތަންކޮޅެއް ދުރުގައި އެކުއްޖާ އިނީ އެކަންޏެވެ. އަތުގައި ފޮތަކާއި ފަންސޫރެއް އޮތެވެ.

އަހަރެން ފެނުމުން، އަޒްމަންގެ މަންމަ އައިސް ބުރަކަށީގައި އަތް ޖައްސާލައިފި އެވެ. އޭނާ ހުރީ ހިނިތުންވެލައިގެންނެވެ. އެ ހިނިތުންވުން ފެނި ހިތަށް ދިރުން ލިބިގެން ދިޔަ އެވެ.

"ދަރިފުޅު ދެން ދާނީ މަންމަ އާ އެކީ ގެއަށް... މިތާ އެކަނި އުޅޭނެކަމެއް ނެތް..." އަޒްމަންގެ މަންމަ ބުންޏެވެ. "ދަރިފުޅާ އަޒްމަން!... ދޭ ގޮސް ނީހާގެ އެއްޗެހިތައް ގެއަށްލާފަ އާދޭ... މަންމަ ބޭނުމެއް ނޫން މަންމަގެ ދަރިއަކު ދުރުގަ އުޅޭކަށް..."

އެ އެދުމަށް ދެކޮޅު ހަދަން ބޭނުންވި ނަމަވެސް، ދޫ ހަރަކާތެއް ނުކުރި އެވެ. އަޒްމަންގެ މަންމަގެ ޤަދަރަށް އުނިކަމެއް ލިބޭފަދަ ކަމެއް ކުރަން ހިތް ދެކޮޅު ހެދި އެވެ.

އެންމެންގެ ނަޒަރު އަމާޒުވެފައިވީ އަހަންނަށެވެ. ޖަވާބަކަށް އެއެންމެން ކެތްތެރިކަން ކުޑަވެފައިވާ ކަހަލަ އެވެ. ލަދުން މޮޔަވާވަރު ވިއެވެ. ނޭވާ ހާސްވާހެން ހީވި އެވެ. އަޒްމަންއަށް ބަލައިލުމަށްފަހު ބޯ ޖަހައިލީ، އަހަރެންގެ އެއްޗެހިތައް އެގެއަށް ގެންދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނުމުގެ ގޮތުންނެވެ.

އެންމެން ކެއުމާއިގެން މަސްޢޫލުވެ އުޅެނިކޮށް، ގެއަށް އައިސް ވަނީ މުސްކުޅި ފިރެހެނެކެވެ. އެމީހާ ފެނި، އަހަރެންގެ ދެލޯ ބޮޑު ވިއެވެ. އެ ސޫރަ އަކީ އަހަރެންގެ ހިތުން ދުވަހަކު ފިލައިގެން ދާނޭ ސޫރައެއް ނޫނެވެ. ހަނދާން ނެތޭނީ ވެސް ކިހިނަކުން ހެއްޔެވެ؟ އޭނާ އަކީ ކޮއްކޮގެ މުޅި ދިރިއުޅުން ބަނަކޮށްލި ނުބައި އިންސާނާ އެވެ. ޅައުމުރުގައި އެ ކޮއްކޮގެ އިއްފަތްތެރިކަން ގެއްލުނީ އެމީހާގެ ސަބަބުންނެވެ.

މިޝްރާ ދުވެފައި އައިސް އަހަރެންގެ ގައިގައި ބައްދާލައިފި އެވެ. އެއީ ކާކުކަން އެ ކުއްޖާއަށް އެނގުނީ އެވެ. ބިރުން އެ ހަށިގަނޑު ތުރުތުރު އަޅަ އެވެ. މިޝްރާ ގޮވައިގެން އަހަރެން ގޮސް ވަނީ ކޮޓަރި އަށެވެ. ތަޅުލީގޮތަށް ނުވެސް ހުޅުވަމެވެ. އަޒްމަން އައިސް ގޮވުމުންވެސް، ހުޅުވާކަށް ބޭނުމެއް ނުވި އެވެ. އެންމެފަހުން ގޮވަގޮވާފައި އޭނާ ދިޔައީ އެވެ.

ހިތަށް އެރި އެވެ. އެއީ އަޒްމަންގެ ކާކު ހެއްޔެވެ؟ ބައްޕަ ހެއްޔެވެ؟ ނޫނީ ބޮޑުބޭބެ ހެއްޔެވެ؟ އަހަންނަށް ކައިވެނި މިކުރެވުނީ، ކޮއްކޮގެ އިއްފަތް ފޭރިގަތް ނުބައި އިންސާނާގެ ލެޔާއި ހެއްޔެވެ؟ އަޒްމަން ކިތަންމެ ރަނގަޅަސް، އެހަށިގަނޑުގައި އެމީހެއްގެ ލޭ ހުންނާނެތާ އެވެ. އަނެއްކާ އަޒްމަން އަހަންނާއި ކައިވެނި ކުރީ، މާޒީގައި ވެފައި އޮތް ކަމެއްގެ ބަދަލު ހިފުމުގެ ގޮތުން ހެއްޔެވެ؟ ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިޔަ އެވެ. ކުރާނޭ ނުކުރާނޭ ކަމެއް ނޭނގި، މުޅި ކޮޓަރީގައި ހިނގެން ފެށުނެވެ.

(ނުނިމޭ)

ކޮމެންޓް 0