بِسْمِ ٱللَّٰهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ދިރިހުރި އިންސާނަކީމެވެ. ތަހަންމަލް ކުރަމުންމިދާ ވޭނާއި ހިތާމައަކީ ދިރިހުރީތީ، ލިބޭ ބަދަލެވެ. ވޭނާއި އުދާސްތަކުން، ހިތް އެކީ ފުނޑުފުނޑު ވަނީ އެވެ. ފާއިތުވަމުންދާ ކޮންމެ ދުވަހެއް، އަދި ސިކުންތެއްމެ، ނާއުންމީދުން ފުރެނީ އެވެ. ވޭނީ އަޑަކުން މި ހިތް ނުރޯ، ހަމަ އެންމެ ދުވަހެއް ވެސް މި ޙަޔާތުގައި ނާދެ އެވެ. ބޭރުފުށުން ލިބޭ އަނިޔާއަށްވުރެ، ހިތަށް ކުރަމުން މިދާ އަސަރު ބޮޑެވެ.

ހިތަށް އަރަ އެވެ. ލޯތްބަކީ ކޯއްޗެއް ހެއްޔެވެ؟ އަޅާލުމާއި އޯގާތެރިކަން އަހަރެމެން ކަހަލަ ނިކަމެތިންނަށް ޙައްޤު ނުވަނީ ހެއްޔެވެ؟ ވޭނާއި ކެކުޅުމަކީ، ހަމައެކަނި ނިކަމެތިން ތަހަންމަލް ކުރަން ޖެހޭ އެއްޗެއް ހެއްޔެވެ؟

ލަސްލަހުން ފިޔަވަޅު ނަގަމުން އައިސް އަހަރެން މަޑުކޮށްލީ، ގޭގެ ދޮރުމަތީގަ އެވެ. ކުރިމަތިން ފެންނަން ހުރި ގެއާއި ދިމާއަށް ބަލައިލީމެވެ. ޓިނާއި ފަނުގެ އިތުރުން ފިލާ ބޭނުންކޮށްގެން ހަދާފައިވާ އެ ކުޑަކުޑަ ގެއަކީ، އަހަރެން އުޅެ ބޮޑުވި ތަނެވެ. ދަބަރަށްވެ ފޫގޮސްފައިވާ ޓިނުތަކާއި، ފީވެ ނެތިދާން ކައިރިވެފައިވާ ފިލާތައް ފެނުމުން، ހިތަށް ތަދުވެ އެވެ. ޝުކުރު ނުކުރާތީކީ ނޫނެވެ. މީހުން ކުރާ މަލާމާތަށް ނުހޭނޭތީ އެވެ. ގަނާގެ ޝިކާރައަކަށް ވާތީ ވާ ދެރަ އަކުންނެވެ. އެހެންމީހުންގެ އަމާޒުފަތްގަނޑަކަށް ވާކަށް ނޭދެމެވެ. އެހެނަސް، ތަޤުދީރު އަހަންނަށް އެ ފުރުސަތު ނުދޭނެކަން ޤަބޫލު ކުރަމެވެ.

ގޭގެ އިން ވަކި ކުރުމަށް، ތެޅިގަލުން ރާނާފައިވާ ތިރި ފާރުކޮޅުގެ މަތީގައި އިށީނދެލީމެވެ. ގިނަ ދުވަސްވުމުގެ ސަބަބުން، އެ ފާރުގައި ޖަހާފައިވާ ފެއްސަކަށް ބެލުމެއް ނެތި އެވެ. ފާރުގެ ބޮޑު ބައެއް، ގޭތެރެއަށް ވާހެން ވެއްޓިފައި އޮތް ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަރިއަޅާލައިގެން ވެއްޓެން ކައިރިވެފައިވާ ފާރަށް ބަލައިލެވުނެވެ. ވެއްޓިފައިވާ ފާރުކޮޅުގެ މަތީގައި ހެދިފައިވާ ބޮޑު ދާގަނޑު ކެކުރި ވެލަށް އަހަރެންގެ ނަޒަރު ދަތުރުކޮށްލި އެވެ. ދޮންވެ ފައްކާވެފައިވާ ކެކުރިތަކުން އެ ވެލަށް ދިރުން ގެނެސްދީފައި ވާއިރު، އަހަރެންގެ ދިރިއުޅުމަށް އެފަދަ ދިރުމެއް ނާންނަނީ ކީއްވެ ހެއްޔެވެ؟ ވެއްޓިފައިވާ ފާރެއްގެ މަތީގައި އެ ވެޔޮ ރަސްކަން ކުރަމުންދާއިރު، ފުންމިން ނޭނގޭ އަޑިގަނޑަށް ވެއްޓިފައި މިވާ އަހަރެންގެ މި ދިރިއުޅުން އުޖާލާ ނުކުރެވެންވީ، ސަބަބަކީ ކޮބައި ހެއްޔެވެ؟

ދެލޯ ފެންކަޅިވާން ފެށުމުން، އަތުގެ ނުފުށުން ފޮހެލީމެވެ. މަގުމަތީގައި ހެދިފައިވާ ޗަކަ ފެންގަނޑުގެ ތެރޭގައި ފުންމަމުންދިޔަ ތިން އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ނަޒަރު ހުއްޓުމާ އެކު, ހިތް ލޯބިން ފުރިގެން އައެވެ. އެ ކުއްޖާގެ އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. ލައިގެން ހުރި އަންނައުނު ވަނީ، ޚަރާބު ވެފަ އެވެ. ތެމި ފޯވެފައި ހުރިއިރު، މުޅި ގައިގައި ހުސް ކިސަޑެވެ.

ދާދި ކައިރިން ސައިކަލެއްގެ އަޑު އިވުމުން، އަހަރެން ދިޔައީ ސިއްސައިގެންނެވެ. ތެޅިގަނެވުނު ގޮތަކުން، އަރި އަޅާލައިފި އެވެ. އިށީނދެގެން އިން ފާރުކޮޅުގައި އެއްވެސް ވަރެއް ނެތެވެ. ފާރުން ތަންގަނޑަކާ އެކު، ގޯތިތެރެއަށް އަހަރެން ވެއްޓުނީ، އުއްޑުންނެވެ. އިވުނީ ބަޔަކު ހީގަތް އަޑެވެ. އެބަޔަކު ގަސްދުގައި އަހަންނަށް ލަނޑެއް ދިނީ އެވެ. އެއީ އާދަ އެވެ. އަހަންނަށް ހިތްދަތިކަމެއް ދެވުމުން، އެމީހުންނަށް ލިބެނީ އުފަލެވެ. ނިކަމެއްޗަކަށްވީތީ، ޙައްޤުވަނީ، އަނިޔާ އެވެ.

ދެލޯ ހުޅުވައިލަން ވެސް ނުކެރިފައި އަހަންނަށް އޮވެވުނެވެ. އޭރު ކަރުނުން ދެލޯ ފުރި، އެސްފިޔަތައް ފޫދުއްވާލައިފި އެވެ. ކިތަންމެ ހިއްވަރު ކުރިޔަސް، ހުރިހާ ކަމެއް ނިމެނީ ކަރުނައިންނެވެ.

"ދޮންތީ!..."

އަހަންނަށް ދެލޯ ހުޅުވައިލަން މަޖުބޫރުވީ، ކަންފަތުގައި އައިސް ޖެހުނު ތުއްތު ކުއްޖާގެ އަޑުންނެވެ. ތިން އަހަރުގެ މިޝްރާ އިނީ އަހަރެންގެ ކައިރީގަ އެވެ. ތުންކޮޅު ފިއްތާލައިގެން އިންއިރު، ދެލޯ ވަނީ ކަރުނުން ފުރިފަ އެވެ. މުޅި ގައިގައިވާ ކިސަޑުތަކާ އެކު އަހަރެންގެ ގައިމަތީގައި މިޝްރާ އޮށޯވެލި އެވެ. ކޮލުގައި ބޮސްދީފައި، މޫނާއި ބޮލުގައި ފިރުމަން ފެށި އެވެ.

"ޗަކަ މިސްރާބު..." މިޝްރާ އާއި ދިމާކޮށްލުމުގެ ގޮތުން މީހަކު ބުނި އަޑު އިވުނެވެ.

އަހަންނަކަށް ކެތެއް ނުވި އެވެ. ފުންމައިގެން ތެދުވީމެވެ. ކޮއްކޮ އުރާލައި ގަޔާ ބޮނޑިކޮށްލެވުނެވެ. ކުރިމަތީގައި ޅަފުރައިގެ ދެތިން ފިރެހެން ކުއްޖަކު ތިއްބެވެ. އެކުދިން އޭރުވެސް ހެނީ އެވެ. މާ މަޖާކަމެއް ވެގެން އުޅޭ ކަހަލަ އެވެ.

އަމިއްލަ ނަފުސަށްވުރެ ބޮޑަށް މިޝްރާދެކެ އަހަރެން ލޯބި ވަމެވެ. އެ ކޮއްކޮ ދިފާއުގައި ކޮންމެ ފަދަ ފިޔަވަޅެއް އަޅަންވެސް އަހަރެންގެ ހިތް ގޮވަ އެވެ. އެހެނަސް، ކަމެއް ކުރެވޭ ވަރަށް ވުރެ އަހަރެންގެ ހިތް ބައްޔެވެ. ގަޔަކު ހިއްވަރެއް ނުހުރެ އެވެ. ދިފާއުގައި އެއްޗެއް ބުނަން އަނގަ ހުޅުވައިލިޔަސް، ނިމެނީ ކަރުނައިންނެވެ.

"ފެން ނުވަރާ ހަޑި ގިއްލާ ނަން ދެވުނޭ ކިފުޅި ދަލޭކަ... އޭތް! އޭތް! އަދި މަޑުކޮށްބަލަ..."

ގޭތެރެއަށް ވަންނަން ހިނގައިގަތުމާ އެކު، ކުއްޖަކު ބުނި އަޑު އިވުނެވެ. ހިތަށް އެރި އެވެ. އަހަރެންގެ ދެކަންފަތް ބީރުވި ނަމަ އެވެ. އޭރުން އެ އަޑުތަކެއް ނީވެނެ ތާއެވެ. ހިތަށް މިކުރާ އަސަރު، ގައިމު ކުޑަ ވާނެ ނޫން ހެއްޔެވެ؟

ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކު، ދޮރުމަތީގައި ހުރި ބޮޑުދައިތަ ފެނި، އަހަރެން ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ދެފިޔަވަޅެއް އަޅާލެވުނުވެސް މެއެވެ. ފެނިފެނި ބާވި ނަމަވެސް، އެ މަންޒަރަކަށް އަހަރެން ނުހޭނުނެވެ. އަހަރެމެންގެ ޒިންމާ ނަގަންޖެހޭތީ ބޮޑުދައިތައަށް އެކަން ބޮޑު ކަމަކަށް ވާކަން އަހަންނަށް އެނގެ އެވެ. ކޮއްކޮ ވިހާފައި މަންމަ ނިޔާވި ހާދިސާއަށް ހަމަސް ފުރުނު ދުވަހު، ބައްޕަ ނިޔައުވުން ވެގެން ދިޔައީ އަހަރެމެންގެ ދިރިއުޅުން ބަރުބާދުވުން ކަހަލަ ކަމަކަށެވެ. އަަހަރެމެން ބަލާނޭ އިތުރު މީހަކު ނެތުމާ އެކު، ބޮޑުދައިތައަށް ޒިންމާ ނަގަން ޖެހުނީ އެވެ.

"މުޑުދާރޭ ބުންޏަސް، މުޑުދާރޭ... ބަލާބަލަ ދޭތި ތިބި ސިފަ... މިހިރީ ވެސް ބޮޑު އަންހެނެކޭ، އަށާރަ އަަހަރުން މައްޗަށް ދިޔާމަވެސް ތިއުޅެނީ، ތުއްތު ބަބާއެއްހެން... ދޭ، ދޭ، ގޮސް ފެންވަރައިގެން އާދޭ..." ދެއަތް ހޫރަ ހޫރާފައި ބޮޑުދައިތަ ވާހަކަ ދައްކަމުން ދިޔަ އެވެ.

އަވަހަށް އިސްޖަހައިލީމެވެ. ބޮޑުދައިތަގެ މޫނުމަތީގެ ކުލަވަރަށް ބަލަން ހުންނާނޭ ހިތްވަރެއް ނުލިބުނެވެ. ބަސްއަހާ ކުއްޖަކު ފަދައިން ބޯ ޖަހާލާފައި ކުރިއަށް ހިނގައިގަތީމެވެ.

ގިފިލި ހުންނަނީ ގެއާ ވަކިންނެވެ. ގޭތެރެއިން ވަދެގެން ގޮސް، ގޭގެ އަނެއް ފަރާތަށް ނުކުމެވޭއިރު، އެންމެ ފުރަތަމަ ފެންނާނީ، ދޮންކެޔޮ ގަސްތަކެވެ. ތެޅިގަލުން ރާނާފައިވާ ކުޑަ ގިފިލި ހުންނަނީ، އެ ގަސްތަކުގެ އަނެއް ފަރާތުގަ އެވެ.

ވަޅާ ހަމައަށް ގޮސްފައި، ފައިވާން ބެހެއްޓީމެވެ. ވަޅު ކައިރީގައި އަޅާފައިވާ ކުޑަ ތަޅުން ކޮޅުގެ މައްޗަށް އަރާފައި، ލޯތަށި ތަޅުންގަނޑުގެ މަތީގައި ބެހެއްޓީ އެއަށް ފެން އެޅުމަށެވެ. ވަޅުގެ މަތީގައި ބާއްވާފައިވާ ދާނި ނަގައި ތައްޓަށް ފެންފުރަން ބަލައިލި އިރު، މިޝްރާ އިނީ ތަށީގެ ތެރޭގަ އެވެ. އެއީ ކޮއްކޮގެ އާދަ އެވެ. ތަށީގައި އިނދެ ފެންވަރަށް އެކުއްޖާ ހުންނަނީ މާ ފޯރި އެކެވެ.

ބޭނުންވި ވަރަށް ތައްޓަށް ފެން އަޅާފައި، އަހަރެން އިށީނީ ތަށީގެ ކައިރީގައި ބަހައްޓާފައިވާ ކުޑަ ގޮނޑީގަ އެވެ. ވަޅުގެ ދާރަ މަތީގައި ބާއްވާފައި އޮތް ސައިބޯނިގަނޑު ނަގައި، ދެއަތުގެ ތެރޭގައި އުނގުޅައިލީމެވެ. ހިތްފުރޭ ވަރަށް ފޮނު އެރުމުން، ކޮއްކޮގެ ގައިގައި ކާއްތަން ފެށީމެވެ.

"ދޮންތީ!... ކީއްވެ ކުދިން ތޮޅެނީ؟..." ސައިބޯނި ބޮކިތަކާ ކުޅެން އިނދެފައި މިޝްރާ ސުވާލު ކޮށްލި އެވެ.

އަހަރެންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ކޮއްކޮ މޫނަށް ބަލައިލެވުނީ، އެއީ އެފަދަ ސުވާލެއް ކޮއްކޮ ކުރި ފުރަތަމަ ފަހަރަށް ވީތީ އެވެ. މައުސޫމު ގޮތަކަށް ކޮއްކޮ އިނީ އަހަރެންގެ މޫނަށް ބަލާށެވެ. ޖަވާބެއް ނުދެނީސް، އެ ނަޒަރު އަހަންނާ ވަކި ނުވާނޭ ކަން އެނގުނެވެ.

"އެއީ ދޮންތިއަށް މިހާ ލޯބި ކޮއްކޮއެއް ލިބުނީމަ..." އަހަރެން ޖަވާބު ދިނީ، ކޮއްކޮގެ ބުރަކަށީގައި ފިރުމާލަމުންނެވެ.

"ދެން ކީއްވެ ދޮންތި ރޮނީ؟..." މިޝްރާގެ ސުވާލުތަކެއް ނުހުއްޓުނެވެ.

"އެއީ އުފަލުން... ކޮއްކޮދެކެ ލޯބިވާތީ..." ކޮއްކޮގެ ދެކޮލުގައި ހިފައިލަމުން އަހަރެން ބުނީމެވެ.

މިޝްރާ ފެންވަރުވައިގެން އަަހަރެން ނުކުތީ، އެކުއްޖާގެ އުނަގަނޑުގައި ތުވާލިކޮޅެއް އައްސާލައިގެންނެވެ. ގޭތެރެއަށް އައިސް ވަންއިރު، ބޮޑުދައިތަ ފެންނާކަށް ނެތެވެ. މެދުގޭ ތެރޭގައި ހުރި، ބޮޑާށި މަތީގައި ކޮއްކޮ ބައިންދާފައި ބިތުގައި އަޅުވާފައިވާ ތުވާއްޔާއި ހެދުން ހިފައިގެން ގިފިއްޔަށް ދިޔުމަށް ހިނގައިގަތީމެވެ. މުޅި ގައިގައި ކިސަޑުގެ އަސަރު ހުރުމުން، ފެން ނުވަރާ އެންމެ ސިކުންތު ކޮޅަކުވެސް މަޑުކުރަން އަހަންނަށް ކެތް ނުކުރެވުނީ އެވެ.

"ދޮންތި އަންނަންދެން ބަސްއަހައިގެން ތިތާ އިންނާތި އިނގޭ... ބޭރަށް ނުނިކުންނައްޗޭ... ތުވާލި ވެސް ނުނަގާތި އިނގޭ..."

އަހަރެން ނުކުތީ ކޮއްކޮ ބޯ ޖަހާލުމުންނެވެ. ހަށަން ބަނދެލައިގެން އެ ތުއްތު ކުއްޖާ އިނީ، އަހަރެން އެދުނީތީ ބަސްއަހައިގެންނެވެ.

ފަޅި ސިކުންތުކޮޅަކުން ވެސް ކަމެއް ބަދަލުވެދާނެތެވެ. އެކަމަކު، އެ ވަގުތެއް އަންނާނީ ކޮން އިރަކު، ކޮން ވަގުތަކު ކަމެއް އެނގޭނީ، ފަހެ، ކާކަށް ހެއްޔެވެ؟ އަންނަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް ވީނަމަ، ކޮއްކޮ އެކަނި ބައިންދާފައި ނުދިޔައީމުހެވެ. ކުރާނީ ކީއް ހެއްޔެވެ؟ ތަޤުދީރުގައި ވާން އޮތް ކަމެއް ބަދަލެއް ނުކުރެވޭނެ އެވެ.

އެހާ އަވަހަށް ފެންވަރައިގެން ނުކުތްއިރު، އަހަރެންގެ ދިރިއުޅުން ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވެއްޓިއްޖެ އެވެ. ގޭތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާ އެކު، އަހަރެންގެ ފައިދަށުން ހީވީ، ބިންގަނޑު ދެމިގަތް ހެންނެވެ. ލޯބިވާ ކޮއްކޮ އެއޮތީ ތަޅުންމަތީގަ އެވެ. އެ ތުއްތު ކުއްޖާގެ ގައިމަތީގައި ބޮޑު ފިރެހެނަކު އިނެވެ. ކޮއްކޮގެ އުނަގަނޑުގައި އައްސައިދިން ތުވާލިކޮޅު އޮތީ ތަޅުން މައްޗަށް އެއްލާލާފަ އެވެ.

ކޮއްކޮ އޮތް ދިމާއިން ތަޅުމުގައި ލޭގެ އަސަރު ހުއްޓެވެ. ދެލޯ މެރިފައި އޮތް ކޮއްކޮގެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ.

އަޑަށް ލެވުނުހާ ބާރެއް ލާފައި، ހަޅޭއްލަވައިގަތީމެވެ. ދުވެފައި ގޮސް އެ މީހާގެ ގައިގައި ފައިން ޖަހައި ދުރަށް ކޮއްޕައިލީމެވެ. ތަޅުމުގައި ޖެހުމާ އެކު، ނަފުރަތުގެ ބެލުމަކުން އަހަންނާ ދިމާއަށް އެމީހަކު ބަލައިލި އެވެ. އަހަރެންގެ ދެލޯ ބޮޑުވީ، އެމީހެއްގެ މޫނު ފެނުމުންނެވެ. ކޮއްކޮގެ އިއްފަތްތެރިކަން ފޭރިގަނެގެން އޮއޮތީ، ރަށުގެ އިއްޒަތްތެރި، ޤަދަރުވެރި އެކެވެ. އަހަރެންގެ ނަޒަރުގައި އެއީ، ވަލު ޖަނަވާރަކަށް ވުރެވެސް، ނުބައި އިންސާނެކެވެ. ގޮތެއް ފޮތެއް ނެތް މުޑުދާރު ނަޖިސްގަނޑެކެވެ.

ކޮއްކޮގެ ހަށިގަނޑު ނަގައި، ގަޔާލައި ބޮނޑިކޮށްލީމެވެ. ދެއަތް ތިރިއަށް އެލުނުގޮތުން، އަހަރެންގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ. ރޮއެރޮއެފައި ކޮއްކޮ ސަލާމަތް ކޮށްދިނުމަށް އެދި ހަޅޭއްލަވަން ފެށީމެވެ. އެތައް އަނިޔާއެއް ދީފައި އެއްވެސް ރަހުމެއްނެތި އެމީހާ ނުކުމެގެން އެދަނީ، ކޮއްކޮ އެ ހާލަށް ދޫކޮށްލާފަ އެވެ. މިނިވަންކަމާ އެކު ސަލާމަތްވެގެން އެދަނީ، އަހަރެންގެ ކުރިމަތީގަ އެވެ.

އެ ނުބައި އިންސާނާ އެ ފޭރިގަތީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮގެ މުޅި ދިރިއުޅުމެވެ. އެ ތުއްތު ޖިސްމުގައި ލައްވައިލީ ކޮންފަދަ ބޮޑު ލައްގަނޑެއް ހެއްޔެވެ؟ އެ އަނިޔާގެ އަސަރު ދުވަހަކު ވެސް އެ ހިތުން ފިލައިގެން ހިނގައިދާނެ ހެއްޔެވެ؟

ހިތުގައި އަޅަންފެށި ވޭނަށް ކެތެއް ނުވި އެވެ. ކޮއްކޮ ގެންގޮސް އަށި މަތީގައި ބާއްވާފައި، ފޮތިގަނޑަކުން އެ ހަށިގަނޑު ނިވާ ކުރީމެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތީމެވެ. އެފަދަ ފާހިޝް އަމަލެއް ކޮށްފައި، އެމީހާ ދިޔަދޭކަށް ހިތް އެއްބަހެއް ނުވި އެވެ.

"ނުބައި އިންސާނާ..." އަހަރެން ހަޅޭއްލަވައިގަތީމެވެ.

އެމީހާގެ ގައިގައި ހިފައިގަނެ، ވަކިއަޅައި، ހަންގަނޑު ނޮޅައިލީމެވެ. އަހަރެންގެ ގައިގައި ހުރިއްޔާ ހުރި ބާރެއް ހުސްކޮށްލީ، އެމީހާއަށް އެކަމުގެ ބަދަލު ދިނުމުގެ ގޮތުންނެވެ. އެހެނަސް، ހިތަށް ލިބިފައިވާ ޒަޚަމް ފިލައިގެން ނުދިޔަ އެވެ. ވަރުބަލިވި އިރުވެސް ދުލެއް ނުކުރަމެވެ. ކަށިން ހިއްވަރު ނެރެގެން، ކުރެވުނު ވަރެއް ކުރީމެވެ. ތަންގަނޑު މީހުން އެއްވާ ވަރަށް ހަޅޭއްލެވީމެވެ. އެމީހާގެ މުޅި ދިރިއުޅުން ބަރުބާދުވޭތޯ ހިތުގެ އަޑިން ދުޢާ ކުރާ ޙާލުގަ އެވެ.

އަވައްޓެރިންގެ ދެތިން މީހަކު އައިސް، އަހަރެމެން ދުރުކުރި އެވެ. އެންމެންވެސް ޤަބޫލުކުރީ، އެ ފާހިޝް މީހާ ދެއްކި ވާހަކަ ތަކެވެ. އަަހަރެންގެ ވާހަކަ އެކަކުވެސް އަޑެއް ނޭހި އެވެ. ފަޤީރަކަށް ވީތީ އެވެ. ނަފުސުގެ އެއްވެސް އަގެއް ނެތީމަ އެވެ.

ބޮޑުދައިތަ އައިސް ގެއަށް ވަންއިރު ކޮއްކޮގެ ގައިގައި ބައްދާލައިގެން އަހަރެން އިނީ ރޯށެވެ. ކުރާނޭ އެއްވެސް ކަމެއް އަހަންނަކަށް ނޭނގުނެވެ. ސިކުނޑި މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަހަލަ އެވެ. ސިހުން ލިބި، ބަސް ހުއްޓިފައި ބޮޑުދައިތަ އެތައް އިރަކު ހުއްޓެވެ. ފެނުނު މަންޒަރުން، އެ ހިލަ ހިތަށް ވެސް ރަޙުމު ވަނެެވެ. ސިއްޙީ މަރުކަޒަށް ކޮއްކޮ ގެންދެވުނީ ކިރިޔާ އެވެ. ނޫންނަމަ، އެކުޑަކުޑަ ފުރާނަ މިދުނިޔެ އަލްވަދާއު ކިޔުމުގެ ބިރު ބޮޑު ވީހެވެ.

އެ ހާދިސާއަށް މިއަދަށް މީ ދެ އަހަރު ފުރުނު ދުވަހެވެ. ކޮއްކޮއަށް އިންސާފު ހޯދުމަށް ކެނޑިނޭޅި އަހަރެން ކުރަމުން އައި މަސައްކަތައް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ކުރަމުންދިޔަ އެތައް މަސައްކަތަކަށްފަހުގައި ވެސް، އެ ނުބައި އިންސާނާ ކުށުން ބަރީޢަ ވަނީ އެވެ. އަހަންނާ އެއްކޮޅަށް އަރާނޭ މީހަކު ނެތެވެ. ކޮއްކޮގެ ދިރުން ނެތް މަސްގަނޑު ފެނި، ރަހުމުކުރި މީހަކު ނެތެވެ. އެވަރުން ވެސް އަހަރެންގެ ޢަޒުމަކަށް ބަދަލެއް ނައެވެ. ހިތުގެ ޢީމާންތެރިކަން އެއަށްވުރެ މާ ވަރުގަދަ އެވެ. މިއަދު އިންސާފު ނުލިބުނަސް، އިންސާފު ލިބޭނޭ ދުވަހެއް އަންނާނެކަން އެނގޭތީ، ހިތްހަމަޖައްސާލައިގެން ހުރެވޭތޯ ބަލަމެވެ.

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން، މިޝްރާ ގޮވައިގެން އަތިރިމައްޗަށް ނުކުމެލީމެވެ. ރަށުގެ ދޮންވެލި ތުނޑި އާއި ހަމައަށް ދެވުނުއިރު އަހަރެން ހަމަ ރަނގަޅަށްވެސް ވަރުބަލި ވެއްޖެއެވެ. ބޮލަށް އެނބުރުން އަރާހެން ހީވާން ފަށައިފި އެވެ. ކޮއްކޮގެ އަތުގައި ހިފާލައިގެން ގޮސް މަގޫ ގަހެއްގެ ކައިރީގައި ބޭންދީމެވެ. ކައިރީގައި ހުރި ބޯށިގަހުން މާކޯންޏެއް ބިނދެ ކޮއްކޮގެ އަތަށް ލައިދެމުން، ކައިރީގައި އިށީނީމެވެ. އަހަރެން އިނީ، ގުދުރަތީ ފުރިހަމަކަމުގެ ތެރެއަށް ގެއްލިފަ އެވެ.

"ދޮންތާ....މިޝީ ބޭނުން ބޮލިހޮވަން..." ރާޅުފަށަށް އިޝާރާތް ކުރަމުން މިޝްރާ ބުންޏެވެ

އަހަރެން ބޯޖަހާލުމާ އެކު މިޝްރާގެ މޫނުމަތިން ފެނުނު އުފާވެރިކަމެއްގެ ސަބަބުން، ހިތަށް ހަމަޖެހުން ގެނުވި އެވެ. ކޮއްކޮގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު، އަތުގައި އޮތް މާކޯނިން އެތިކޮޅުކޮޅު ނައްޓަމުން ދިޔައީމެވެ.

"ތިހާ ރީތި މަލަކަށް އަނިޔާ ކުރުމުގެ މާނައަކީ ކޮބާ؟..." އިވުނީ ފިރެހެންވަންތަ އަޑެކެވެ.

އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެންމެ ފުރަތަމަވެސް ބަލައިލެވުނީ، އަތުގައި އޮތް މާކޯންޏަށެވެ. އޮތީ ހަމައެކަނި ތަނޑުގަނޑެވެ. ބާކީ ބައި އޮތީ ބިންމަތީގަ އެވެ. އެއްވެސް ރަޙުމެއްނެތް އަހަރެންގެ އަތުގެ ތެރޭގައި ފިސްފިސް ކޮށްލެވިފަ އެވެ.

(ނުނިމޭ)

ކޮމެންޓް 0