ކުއްލިއަކަށް ޝަހާމާގެ ސިކުނޑިއަށް ވެރިވެގަތް ޚިޔާލުތަކެއްގެ ސަބަބުން ހިތް ތެޅެލައިފި އެވެ. ނަޖީބަކީ މަކަރުވެރިކަމުގެ އިންތިހާގައި ހުންނަ މީހެއްކަން ޝަހާމާ އަބަދުވެސް ހަނދާން ހުރެއެވެ. އޭނާ ރަމީޒުގެ ބޮލަށް އެރިލާނީ މާ ބުރަ މަސައްކަތެއް ކޮށްގެނެއް ނޫނެވެ. އެއީ ހަމަ އެންމެ މިނެޓެއްގެ ކަމެކެވެ. ފަހަރުގައި ރަމީޒު އަތުން ބޭރު ދޮރު ތަޅުދަނޑި ހިފައިގެންވެސް އޭނާ އަތުވެދާނެ އެވެ.
ޝަހާމާ ގަސްދުކުރީ އަވަސް އަވަސް ކޮށްލައިގެން އެކޮޓަރިން ނިކުންނާށެވެ. ބެޑުޝީޓު ނަގައި ފޮޅައިލުމަށްފަހު، އަޅަންފެށިތަނާ ކަހަލަ ގޮތަކަށް ކުއްލިއަކަށް އެނދު ތަންދޮށުން މީހެއްގެ ބޯ ފެންނަން ފަށައިފި އެވެ. އެމީހަކު މަޑުމަޑުން އެނދު ދަށުން ނިކުންނަން ފަށައިފި އެވެ. ސުބުޙާނަﷲ އެވެ. އެއީ ނަޖީބެވެ. އޭނާ އެ އޮންނަނީ މާކުރިން އައިސް އެނދު ތަންދޮށަށް ވަދެއެވެ.
ޝަހާމާއަކަށް ނަޖީބެއް ނުފެނެ އެވެ. އޭނާ އަތްމަތި އަވަސްކޮށްލާފައި ބެޑުޝީޓު އަޅާ ނިންމާލެވޭތޯ ބަލަމުން ގެންދިޔަ އެވެ. އަނެއްކޮޅުން ނަޖީބު އެނދު ދަށުން ނިކުމެ ހިންދެމިލައިފި އެވެ. އޭރު އޭނާ ހުރީ ފޯނެއް ކަންފަތުގައި ޖައްސާލައިގެންނެވެ. އެއީ ހަބީބުގެ ފޯނެވެ. އޭނާ އެއްވެސް ޖަވާބެއް ނުދެ އެވެ. ފޯނު ޖީބަށް ލުމަށްފަހު އައިސް މަޑުކޮށްލީ ޝަހާމާގެ ފުރަގަހުގަ އެވެ.
ޝަހާމާއަށް ކުއްލި ސިހުމެއް ލިބުނީ ފުރަގަހުން މީހަކު އައިސް އޭނާގެ ގައިގައި ބެއްދުމުންނެވެ. ތެޅިގެންފައި ބަލައިލިއިލެވުނެވެ. ފެނުނީ ނަޖީބުގެ ސިފަ ހުތުރު މޫނެވެ. ގަތްބިރުން ޝަހާމާއަށް ތެޅިގަނެވުނެވެ. މުޅިހަށިގަނޑު ރޫރޫ އަޅައިގަތެވެ. އެގޮތަކުން މިގޮތަކުން ނަޖީބުގެ އަތުން ވީއްލިއްޖެ އެވެ. ވުސް އަޅާފައި ގޮސް ކޮޓަރިން ނިކުމެއްޖެ އެވެ. އެއާއެކު ދެން ލިބުނު ސިހުން އަދި ވަކިން ބޮޑުވެއްޖެ އެވެ. އޭނާއަށް ނިކުމެވުނީ ސީދާ ރަމީޒުގެ ކުރިމައްޗަށެވެ.
ރަމީޒު ފެނުމާއެކު ޝަހާމާ ހުރިތަނަށް ގަނޑުވިކަހަލަ އެވެ. އޭރު ނަޖީބުވެސް ފަހަތުން ނިކުމެ އެވެ. އޭނާގެ މޫނު މަތީގައި ވަކި ހިއްޕާފައި ހުރި ދަހިވެތިކަމުގެ ކުލަވަރު، ވަގުތުން ބަދަލުކޮށްލައިފި އެވެ. ރަމީޒު ފެނުމުންނެވެ.
"ރަމީޒު!" ނަޖީބު ވަގުތުން ރަމީޒާ ދިމާއަށް ހިނގައިގަތެވެ. އޭނާގެ އަޑާއި ރާގުގައި ހުރީ ނިޔަނެތިކަމެވެ. މަޑުމައިތިރިކަމެވެ.
"އަހަރެން މިގެއަށް ނިދަން ނާންނަން އުޅުނު ސަބަބަކީ މީ. އަހަންނަށް މާފުކުރޭ ރަމީޒު!"
ނަޖީބު ވާހަކަ ދައްކަންފެށި ގޮތުން ޝަހާމާއަށް ހުރެވުނީ ކަޅި ޖަހައި ނުލާ ނަޖީބުގެ މޫނަށް ބަލާށެވެ. އޭރުވެސް އޭނާގެ މޭ ނެގި ނެގިފައި ޖެހެމުން ދެއެވެ. އެހެނަސް އެ ތެޅުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް އަންނަން އުޅޭހެން ވެސް ހީވެއެވެ. ނަޖީބު އެ އުޅެނީ އޭނާއަށް ހެދުނު ގޯހުގެ މައްޗަށް ހިތާމަކޮށް، މާފަށް އެދެން ކަންނޭނގެ އެވެ. އޭނާ އެހެން ހަދައިފިނަމަ ކިތަންމެހާވެސް ރަނގަޅެވެ.
"އަހަންނަށް މިހާރު ހުރިހާ ކަމެއް އޮތީ އެނގިފައި."
ރަމީޒުގެ އަޑު ކަންފަތުގައި ޖެހިފައި ޝަހާމާ ސިހުނެވެ. މޭ ތެޅިގަތީ ކުރިއަށްވުރެ މާ ބާރަށެވެ. ރަމީޒުގެ އަޑު ޝަހާމާއަށް ވީ މުޅިން އައު އަޑަކަށެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ރަމީޒުގެ ކިބައިން ޝަހާމާއަށް އިވުނު އަޑެއް ނޫނެވެ. އެއަށްވުރެ އެއަޑުގައި ހުންނަ އޯގާވެރިކަމާއި މަޑުމައިތިރިކަން މާބޮޑެވެ. އެކަމަކު މިއަދު އެ އަޑަކު އޯގާވެރިކަމެއް، މަޑުމައިތިރިކަމެއް ނެތެވެ. އޭގެ ބަދަލުގައި ހުރީ ރުޅިވެރިކަމެވެ. ހަރުކަށި ކަމެވެ. އޭނާ އެ ބުނީ އަނެއްކާ ކޮން ކަމެއް އެނގުނު ވާހަކައެއް ބާވަ އެވެ؟
"ރަމީޒު! އަހަންނާ ދޭތެރޭ ގޯސްކޮށް ހީނުކުރައްޗޭ!" ނަޖީބު ގޮސް ރަމީޒުގެ ކުރިމައްޗަށް ހުއްޓުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ޝަހާމާއަށް ހުރެވުނީ ނަޖީބު ކިޔަން އެ އުޅޭ އެއްޗަކަށް ވިސްނާށެވެ.
"ދެންމެވެސް އަހަރެން މިތާ އެނދުގައި ޖައްސާލައިގެ އޮއްވާ ޝަހާ އައިސް.............."
"ދެން ހެޔޮ! ހުއްޓާލާ! ބުނެފީމެއްނު އަހަންނަށް މިހާރު ހުރިހާކަމެއްވެސް އެނގިއްޖެއޭ!" އައިސްފައި ހުރި ރުޅިއެއްގެ ބޮޑުކަމުން ކަންނޭނގެ އެވެ. ރަމީޒުގެ މުޅި ހަށިގަނޑު ތުރުތުރު އަޅާމުންދާކަން ޝަހާމާއަށް އެނގުނެވެ. އަނެއްކޮޅުން ނަޖީބު އެހެދި ބޮޑު ދޮގުގެ ސަބަބުން ޝަހާމާގެ ބޮލަށް އެނބުރުން އަރައިގަތް ކަހަލަ އެވެ. އަރި އަޅާލައިގެން ނުވެއްޓުނީ ކިރިޔާ އެވެ.
"ނޫން، ރަމީ! އެއީ ހުސްދޮގު! އޭނާ އެ ހަދަނީ ހުސް ދޮގު." ޝަހާމާއަށް ރޮއި ގަނެވުނެވެ.
"ދޮގޭ؟" ރަމީޒުގެ ދެލޮލުން އަލިފާން ކަނި ބުރަންފެށި ކަހަލަ އެވެ. "ތީ ވަރަށް މުޑުދާރު އަންހެނެއް. ގޮތެއް ފޮތެއް ނެތް، ހަޔާތްކުޑަ އަންހެނެއް. މަ ދާއިރަށް ގެ ތަޅުލައިގެން ނިކަން ހާވާ ހަޑި ދެކިބަލަ! ހިތަށް އަރާތަ ތީ މީހެއްގެ އަންބެކޭ؟!" ރަމީޒުގެ މުޅި ހަށިގަނޑު ތުރުތުރު އަޅަ އެވެ. ނަޖީބު އިސް އޮބައިލިގޮތަށް އަނގައިންވެސް ނުބުނެ ހުއްޓެވެ.
"ތިހެން ނުބުނޭ ރަމީ. އަހަރެން ކުށެއް ނުކުރަން. އޭނާ އެހަދަނީ ހުސް ދޮގު." ދިފާޢުގައި ވާހަކަ ދެއްކޭތޯ ޝަހާމާ މަސައްކަތްކުރިއިރު، އޭނާގެ އަޑު ހީވަނީ ބެދެން އުޅޭހެންނެވެ. ދެލޮލުން އޮހެމުން ދާ ކަރުނަތައް ހުއްޓުމެއްނެތި އޮހެމުންދެ އެވެ.
"ކުށެއް ނުކުރަމޭ ބުނާއިރު، ހިލޭ ފިރިހެނުންގެ ގާތު ލޯތްބަށް އެދި އާދޭސްކުރުމަކީ ކުށެއް ނޫންތަ؟" ރަމީޒު ބޭނުންވީ އޭނާއަށް ހުރިހާކަމެއް އެނގޭކަން ޝަހާމާއަށް އަންގާށެވެ.
"ކީކޭ ތިކިޔަނީ؟ އަހަންނަކަށް ނުވިސްނުނު." ޝަހާމާގެ ދެލޯ ބޮޑުވި އެވެ. ސުވާލުމާކުތަކުން ސިކުނޑި ތޮއްޖެހުނެވެ. ދެލޮލުން އޮހެމުން ދިޔަ ކަރުނައަށްވެސް ވަގުތުން ހުއްޓުން އެރި ކަހަލަ އެވެ.
"އެނގޭ ނުވިސްނޭނެކަން. ހިތަކަށް ނާރާ ދޯ ދުވަހަކުވެސް އަހަންނަށް މިކަންކަން އެނގޭނެއެކޭ. ތިވަރުގެ ގޮތްކުޑަ މީހަކާ އިނދެގެން އުޅޭކަށް އަހަރެން ބޭނުމެއް ނޫން."
"ނޫން! ރަމީޒު!" ޝަހާމާއަށް ރޮއިގަނެވުނެވެ. އޭނާ އައިސް ރަމީޒުގެ ފައިބުޑަށް ވެއްޓިގަތެވެ.
ރަމީޒު އަޅައެއް ނުލަ އެވެ. ޖެހިލީ ދުރަށެވެ. ފޫއްސާއި ރުޅިއާއެކުގަ އެވެ. އެއަށްފަހު އޭނާ ބަލައިލީ ނަޖީބާ ދިމާއަށެވެ.
"ނަޖީބު!" ރަމީޒު މަޑުމަޑުން ގޮވައިލި އެވެ. އަމިއްލަ ނަފުސަށް ލަދުވެތިވާ ހާލުގަ އެވެ. "އަހަރެންގެ އަންބެއްގެ ފަރާތުން ނަޖީބަށް ކުރިމަތިވި އުނދަގޫތަކަށް ވަރަށް ބޮޑަށް މާފަށް އެދެން. ދެން މިގެއަށް ނިދަން އަންނާނެކަމެއް ނެތް. މިކަހަލަ ގޮތްކުޑަ މީހުން އުޅޭ ތަންތަނަށް ވަނުމަށްވުރެ ރަނގަޅުވާނީ ނުވަނިއްޔާ."
ނަޖީބު އެއްވެސް އެއްޗެއް ނުބުނެ އެވެ. އިރުކޮޅަކު ހުރެފައި، މަޑުމަޑުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. އިރުކޮޅަކުން ފެނުނީ އޭނާގެ ސާމާނުކޮޅު ހިފައިގެން ކޮޓަރިން ނިކުތްތަނެވެ. އެއްވެސް މީހަކާ ދިމާއަށް ބަލައިލުމެއްވެސް ނެތި، ގެއިން ނިކުތުމަށްޓަކައި ހިނގައިގެންފި އެވެ. ނަޖީބުގެ ފަހަތުން ކަހަލަ ގޮތަކަށް ރަމީޒުވެސް ހިނގައިގަތެވެ. ގެއިން ނިކުތުމަށެވެ. މިތަން ފެނިފައި ޝަހާމާއަށް ރޮއި ގަނެވުނީ އެއްވެސް އިޚުތިޔާރެއް ނެތި އެވެ. އޭނާ އެ އިންގޮތަށް އިނދެ ތަޅުންގަނޑުމަތީގައި ބޯޖެހި އެވެ. ގިސްލަ ގިސްލާފައި ރޮމުން ގެންދިޔައިރު އޭނާގެ އެރުއިމުގެ އަޑު އަހާނެ ހަމަ އެކަކުވެސް ނެތެވެ.
ހިތަށް ލިބުނު ވޭނާއި ކެކުޅުމުގެ ބޮޑުކަމުން، ސިކުނޑި ސުމަކަށް ގޮސްފައިހުރި ރަމީޒަށް ގެއިން ނިކުމެގެން ދެވުނީ ހަފީޒާމެންގެ ގެއަށެވެ. ރަމީޒު ފެނުމާއެކު ހަފީޒާގެ ސިކުނޑީގައި އެތައް ސުވާލެއް އެއްފަހަރާ އުފެދުނެވެ. ރަމީޒުގެ މޫނުމަތީގެ ކުލަވަރު ފެނިފަ އެވެ. ދެލޮލުގައި ހުރި ކަރުނަ ފެނިފަ އެވެ.
"ކިހިނެއްވީ؟" ހަފީޒާއަށް އަވަސް އަވަހަށް އަހައިލެވުނެވެ.
"އަހަރެން މިއުޅެނީ މާލެދާން ބޮޑުދައިތާ!" ރަމީޒުގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ.
"މާލެ ދާށޭ؟ ކިހިނެއްވީ އަނެއްކާ؟ ގޭމީހަކަށް ކަމެއް ވީތަ؟" ވެގެން އުޅޭގޮތެއް ލަފާކޮށްލަން ވެސް ހަފީޒާއަކަށް ނޭނގުނެވެ.
"އިރާދަކުރެއްވިއްޔާ ތިކަހަލަ އެއްވެސް ކަމެއް ނުވޭ!"
"ދެން ކިހިނެއްވީ؟ ކުއްލިއަކަށް މާލެދާން ތި ގަސްދުކުރީ؟ ކޮބާ ޝަހާމާ؟" ހަފީޒާގެ ސިކުނޑީގައި އިތުރު ސުވާލުތަކެއް އުފެދުނެވެ.
"ޝަހާ ވަރިކޮށްފަ ދާނީ؟"
"ކީކޭ؟!" ހަފީޒާގެ ދެލޯ މުދުނަށް އެރި އެވެ. އޭނާއަށް ހީކުރެވުނީ ކަމުގައި އޮތް އެންމެ ގޯސް ގޮތަށެވެ. އޭނާގެ ހިތް ބުނީ ރަމީޒު އެހުރީ ހަމަހެއަކު ނޫންކަމަށެވެ. އެހެންވެސް ގިނަ ޒުވާނުންނެކޭ އެއްފަދައިން ރަމީޒުވެސް މަސްތުވާތަކެތި...... ހަފީޒާގެ ހިތް ތެޅިގަތީ އޮބި ނޯންނަ ދަރަޖައަށެވެ.
"ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ތި ދެއްކެނީ އިހައްދުވަހު ކުރި ކައިވެންޏެއް ރޫޅާލާ ވާހަކައޭ. ނިކަން ހަމަހޭވެރިކަމަށް އައިސްބަލަ!" ހަފީޒާގެ އަޑު ތަންކޮޅެއް ބާރުވި އެވެ.
"އަހަރެން މިހުރީ ހަމަހޭގައޭ ބޮޑުދައިތާ!" ރަމީޒުގެ ދެލޮލުން ކަރުނަ އޮހިގަތެވެ.
"ދެން ކީއްވެތަ ތިކަހަލަ ހަމަނުޖެހޭ ވާހަކަ ތި ދައްކަނީ." ހަފީޒާއަށް ހުރެވުނީ ސުވާލު ފުންޏެއްގެ ތެރޭގަ އެވެ.
"ޝަހާއަކީ ބޮޑުދައިތަ ތި ހީކުރާ ކަހަލަ ކުއްޖެއް ނޫން! ފިރިމީހާއަށް ވަފާތެރި ވުމަކީ އޭނާގެ ކިބަޔަކު ހުރި ސިފައެއް ނޫން." ރަމީޒުގެ އަޑު ތުރު ތުރު އަޅަ އެވެ.
"ތި ކިޔާ އެއްޗެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނިގެން މިއުޅެނީ."
"އެނގޭ ބޮޑުދައިތައަށް ނުވިސްނޭނެކަން ވެސް. އެކަމަކު މީ ހަގީގަތް. ޝަހާ އަހަންނަށް ބޭވަފާތެރިވެއްޖެ." ރަމީޒުގެ ލޮލުން އަނެއްކައިވެސް ކަރުނަ އޮހިގަތެވެ. އަޑު ކުރަކިވެގެން ދިޔަ އެވެ. އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ.
"އެކަމަކު ތީ އަހަރެން ގެންގުޅެ ބޮޑުކުރި ޝަހާމާގެ ކިބައިގައި ހުންނާނެ ސިފައެއް ނޫން." ހުއްޓުން އަރާފައި އެތައް އިރަކު ހުރުމަށްފަހު ހަފީޒާއަށް ބުނެވުނެވެ.
"އަހަރެންވެސް އެދޭ ގޮތަކީ ތީ. އެކަމަކު ހެއްކާއެކު ފެނުނީމަ ޖެހޭނީ ގަބޫލުކުރަން."
"އެމަންޖެ ކީއްތަ ކޮށްގެން ތި އުޅެނީ؟"
ރަމީޒު ގަސްދުކުރީ ހުރިހާ ވާހަކައެއް ބޮޑުދައިތައަށް ކިޔައިދޭށެވެ. ޝަހާމާގެ އެންމެ ގާތް މީހަކަށް ހުންނާނީ ބޮޑުދައިތަ އެވެ. އޭނާގެ ކިބައިގައި ރަނގަޅު ސިފައެއް ހުއްޓަސް، ގޯސް ސިފައެއް ހުއްޓަސް އޭނާ ގާތު ބުނަން ޖެހޭނެ އެވެ. އެއީ ރަމީޒު ދެކޭ ގޮތެވެ.
އިރު އޮއްސުމުގެ ވަގުތު ކުޑަތަން ވަނީ އެވެ. އާ ރެއަކާ ދުނިޔެ ކުރިމަތިލަނީ އެވެ. ފެންވަރާލައިގެން އާތިފާ އައީ ޝަހާމާ ހޯދަން އެގެއަށެވެ. ޝަހާމާ އުފުލަމުން ގެންދާ ހިތި ހިތާމައެއް އެއްގޮތަކަށް ވެސް އާތިފާއަކަށް އިހުސާސެއް ނުކުރެވެ އެވެ. އެހެންކަމުން އޭނާގެ ސިކުނޑީގައި ފިރުމަމުން ގެންދިޔައީ ފޮނިކަމާއި މީރުކަމެވެ.
ޝަހާމާމެންގޭގެ އޮޅިގަނޑު ގިރާކޮށްލުމާއެކު އާތިފާއަށް ތަފާތު އިހުސާސެއް ކުރެވިއްޖެ އެވެ. ފަޅު ގެއަކަށް ވަނުމުން ކުރެވޭފަދަ އެކަނިވެރި އިޙުސާސެކެވެ. ގޭތެރެގައި ވަކި ހިއްޕާފައި ވަނީ އެކަނިވެރިކަމުގެ ހަމަހިމޭން ކަމެކެވެ. ރޭގަނޑުގެ އަނދިރިކަން ދުނިޔެއަށް އަތްގަދަކުރަމުން ގެންދިޔައިރު، ގޭތެރޭގައި ވަނީ އެއަށްވުރެ ވެސް ބޮޑު ކަޅުކަމެކެވެ. ހޮޅިބުރިއެއް ބޮތްކެއް އެއްޗެއް ދިއްލާފައެއް ނެތެވެ. ސުވިޗު ޖައްސާލުމާއެކު ގޭތެރެ ހުދުވެގެން ދިޔަ އެވެ.
ކޮޓަރީ ދޮރުމަތީގައި ޝަހާމާގެ ފައިވާން އެބަހުއްޓެވެ. ކޮޓަރީގައި ޝަހާ އުޅޭކަން އާތިފާއަށް ކަށަވަރެވެ. އެހެންކަމުން އޭނާ ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. މަޑުމަޑުން ޓަކި ޖަހާލި އެވެ. ދެފަހަރަކު ޓަކި ޖަހާލުމުންވެސް ޚަބަރެއް ނުއްވެވެ. ތަޅުގައި ހިފާ އަނބުރާލި އެވެ. ކޮޓަރި ހުރީ ތަޅުލާފައެއް ނޫނެވެ. ހުޅުވިއްޖެ އެވެ. އާތިފާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެނދުގައި ބަނޑުވަތަށް ކަހަލަ ގޮތަކަށް އޮށޯވެ އޮތް ޝަހާމާ އެވެ.
"މީ ދެން ކޮންގަޑިއެއް ނިދަން." އާތިފާ ކޮޓަރިއަށް ވަނެވެ.
"ކަންނެތް ކަމުގެ ވެސް ހައްދެއް ނެތް."
އާތިފާ އުޅުނީ ޝަހާމާއާ ސަމާސާ ކޮށްލާށެވެ. އޭނާ ގޮސް އެނދުމަތީގައި އިށީނދެ، ޝަހާމާގެ ގައިގައި ކޮއްޓާލި އެވެ.
"އޭތް! ތެދުވެބަލަ! މިއައީ ސައިބޯން ބަލައޭ. ކޮބާތަ ފިރިސޮރު؟"
އާތިފާގެ ތުންފަތް މަތީގައި ދުވެލަ ދިވެލާ ހުރި ލުއިލުއި ހިނިތުންވުމަށް ކުއްލިއަކަށް ނިމުން އަތުވެއްޖެ އެވެ. ޝަހާމާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.
"ޝަހާ! ރޮނީތަ؟" އާތިފާއަށް އަވަސް އަވަހަށް އަހައިލެވުނެވެ. އެއީ ވެދާނޭ ކަމަށް އެއްގޮތަކަށް ވެސް އޭނާ އުއްމީދު ކުރި ގޮތެއް ނޫނެވެ. ގެއަށް އަންނައިރު ޝަހާ އެގޮތަށް ރޯން އޮވެދާނޭ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. އެކަމަކު މި ވީ އެހެންނެވެ.
"ޝަހާ! ކިހިނެއްވީ؟ ކޮންކަމަކާ ތި......."
އާތިފާގެ ޖުމުލައަށް ހުއްޓުން އައީ ޝަހާމާގެ ރުއިމުގެ އަޑު އިހުނަށްވުރެ ބާރު ވުމުންނެވެ. އޭނާ ގިސްލަ ގިސްލާފައި ރޯންފެށި އެވެ. އާތިފާއަކަށް ކެތެއް ނުވި އެވެ.
"ކިހިނެއްތަވީ؟ ކޮންކަމަކާތަ ތި ރޮނީ؟ ކޮބާ ރަމީޒު؟"
އާތިފާގެ އެއްވެސް ސުވާލަކަށް ޝަހާމާގެ ފަރާތަކުން ޖަވާބެއް ނުލިބެ އެވެ. ރުއިމާއި ގިސްލުން ފިޔަވަ އެވެ. އެހެންކަމުން އާތިފާގެ ހާސްކަން އައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ.
"ޝަހާ! ވީގޮތެއް ބުނެބަލަ!"
ޝަހާމާ ބޯ އުފުލައިލި އެވެ. އާތިފާގެ މޫނަށް ބަލައިލި އެވެ. ކަރުނައިން ފޯވެފައި ދެލޮލުންނެވެ. އެ ދެލޯ ހީވަނީ ފާރުވެފައި ވާހެންނެވެ. އޭނާ އިރުކޮޅަކު އާތިފާއާ ދިމާއަށް ބަލަން އޮވެފައި އާތިފާގެ ގައިގައި އޮޅުލައިގަތެވެ. އެއާއެކު އޭނާއަށް ބާރަށް ރޮއި ގަނެވުނެވެ. މިހާތަނަށް ދިޔުމުން އާތިފާއަކަށް ވެސް ކެތެއް ނުކުރެވުނެވެ. ދެލޮލުން ކަރުނަ ފާއްދާލައިފި އެވެ.
"ޝަހާ! ކިހިނެއް ތިވަނީ؟" އާތިފާގެ އަޑުގައި ތުރުތުރެއް އެކުލެވިފައި ހުއްޓެވެ. "ކޮންތާކަށް ރަމީޒު ދިޔައީ؟ ރަމީޒަށް ގުޅަންތަ؟"
އާތިފާ ފޯނު ނަގާ އަތަށް ހެޔޮވަރުކޮށްލި އެވެ. އެނާ އުޅުނީ ރަމީޒަށް ގުޅާށެވެ. އެހެންނަމަވެސް ޝަހާމާ އެކަން މަނާކުރި އެވެ. އަތާއި ބޮލުގެ އިޝާރާތުންނެވެ. އޭނާ ބުނީ ރަމީޒަށް ނުގުޅުމަށެވެ. ނަތީޖާއަކަށްވީ އާތިފާގެ ސިކުނޑީގައި އިތުރު ސުވާލުތަކެއް އުފެދުމެވެ. އޭނާއަށް އެއްވެސް އިޚުތިޔާރެއް ނެތި، ރޮއި ރޮއި އޮތް ޝަހާމާއާ، އެހުރިހާ ސުވާލެއް އަމާޒު ކުރަން ފެށުނެވެ.
އާތިފާ އެތައް ވަރަކަށް އަހައި އާދޭސް ކުރުމުންވެސް ޝަހާމާގެ ކިބައިން އެއްވެސް ކަމެއް އޮޅުންފިލާގޮތެއް ނުވި އެވެ. އޭނާގެ ކަމަކީ ރުއިމެވެ. ގިސްލުމެވެ. އެންމެފަހުން އާތިފާއަށް ވެސް ރޮވޭގޮތް ވެއްޖެ އެވެ. އެހާތަނަށް ދިޔުމުން އާތިފާ ގަސްދުކުރީ މަޖުބޫރު ކޮށްގެން ނަމަވެސް ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާށެވެ.
"ޝަހާ ނުބުނަންޏާ އަހަރެން ރަމީޒަށް ގުޅާފަ މި އަހަނީ."
އާތިފާ ފޯނު ނެގުމާއެކު ޝަހާމާގެ ރުއިން ވީ އިތުރެވެ. އޭނާ އަނެއްކާވެސް އަތާއި ބޮލުގެ އިޝާރާތުން އެދެންފެށީ ރަމީޒަށް ނުގުޅުމަށެވެ. އާދޭސް ކުރާ ފަދަ ގޮތަކަށެވެ. އާތިފާއަކަށް ޝަހާމާ ރޯ ރުއިން ބަލާކަށް ނީނދެވުނެވެ. އަނެއްކާ ވެސް ފޯނު ބޭއްވުނީ އެވެ.
"އެހެންވިއްޔާ ވެގެން ތިއުޅޭ ގޮތެއް ކިޔައިދީބަލަ! ހެޔޮ ނުވާނެ!" އާތިފާގެ ހިތް ވަނީ ޝަހާމާއަށް ޓަކައި ހަމްދަރުދީން ފުރިފަ އެވެ.
"ކިޔައިދޭނަންތަ؟"
ޝަހާމާ އަނގައަކުން ނުބުނެ އެވެ. އަދިވެސް ބަލަހައްޓައިގެން އިނީ އެވެ. ދެލޮލުން ކަރުނަ އޮހެމުން ދިޔަނަމަވެސް ރުއިމަށް ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.
އާތިފާ ދުލެއް ނުކުރެ އެވެ. ހަމަ ތަކުރާރުކޮށް އެސުވާލު ކުރަންފެށި އެވެ.
"ކިޔައިދޭނަންތަ؟ ތި ވެގެން އުޅޭ ގޮތެއް މަށަށް ކިޔައިދޭނަންތަ؟"
އެންމެފަހުން ޝަހާމާ ބޯ ޖަހާލައިފި އެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. އާތިފާ ވަގުތުން ޝަހާމާ ގާތަށް ޖެހިލި އެވެ. ޝަހާމާގެ ވާހަކަ އަޑުއަހަން ރަނގަޅަށް ތައްޔާރުވެލީ ކަންނޭނގެ އެވެ. އެވަގުތުވެސް ޝަހާމާގެ ދެލޮލުން އޮހިގަތީ ކަރުނަ އެވެ. އަނެއްކައިވެސް ރޮވޭން ފަށައިފި އެވެ.