މެދު އުނޑުން ލަނބައިލި އިރުގެ ދިލަ ހޫނުން ގަސްތަކާއި މަގުތައް މާލެވެމުންދާ ވަގުތެވެ. ކަނޑުން ނަގާ ރާޅުތައް ލަވަކިޔަމުން ނަށަމުން އައިސް ރަށުގެ ގޮނޑުދޮށަށް ބީއްސާލުމަށްފަހު، ހުދު ދޮން ފަސްގަނޑުގައި ފިރުމާލާފައި އެދަނީ، އެކަމުގެ އަގު ހިފައިގެންނެވެ. ގޮނޑު ދޮށުގައި ހުރި ރިހި ކުލައިގެ ހިމުން ވެލި ތަކުންނެވެ. އަތިރި މައްޗަށް އެއްވެފައި ތިބި މީހުންގެ ތެރެއިން އެކަކުވެސް މިކަމަށް ވިސްނައިލާހެނެއް ހިއެއް ނުވެއެވެ. ކޮންމެ މީހެއްގެ ނަޒަރުވެސް ހުއްޓިފައިވަނީ، ނެރުން ވަދެގެން ފާލަމާ ދިމާއަށް ހޭރިޔާ ކުރަމުން އަންނަ ދޯންޏަށެވެ. މަޑު ފެހިކުލައިގެ ބޮޑު ފަޅުގައި ދުވެލާފައި އަންނަ ދޯނީގެ އިންޖީނުގެ އަޑު، ހިނދެއް ހިނދަކަށް ގަދަވަމުން އާދެއެވެ. ހަމައެއާއެކު ފާލަން މައްޗަށް ޖަމާވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.
ދޯނި ފާލަމާ ކައިރިކޮށްފިއެވެ. މީހުންތައް ފައިބާން ފަށައިފިއެވެ. އެކި މީހުން އެކި އެއްޗެހި ހިފައިގެންނެވެ. ދަބަހެވެ. ފޮށިގަނޑުގަނޑެވެ. އަދިވެސް މިފަދަ ކޮންމެވެސް އެއްޗެކެވެ.
ފާލަމާ މާދުރު ނޫން ހިސާބެއްގައި ހުރި މިދިލި ގަހެއްގެ ދޮށުގައި، ދޯންޏާ ދިމާއަށް ކަޅި ހުއްޓާލައިގެން ހުރި ހަފީޒާއާއި އާތިފާގެ ލޮލުގައި ކޮންމެވެސް މުހިންމު މީހަކު އަޅައިގެންފިކަން އެމީހުންގެ ހަރަކާތުންނާއި މޫނުމައްޗަށް ވެރިވި އުފާވެރިކަމުގެ ކުލަވަރުން އެނގުނެވެ. އެމީހުންގެ ނަޒަރާ ނަޒަރު ދިމާކޮށްލުމުން ފެނުނީ، ޒުވާން އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ފެންނަފެނުމަށް ދެމަފިރިން ފާޑުޖަހައެވެ. ފިރިހެން ކުއްޖާގެ ކޮނޑުގައި އާދައިގެ ކަޅުކުލައިގެ ދަބަހެއް އޮތެވެ. އެމީހުން އައިސް ފާލަމުން ފޭބިއިރު، ހަފީޒާއާއި އާތިފާ އައިސް އެމީހުންނާ އަރާ ހަމަކޮށްފިއެވެ.
"ޝަހާ!" އާތިފާ އައިސް ޝަހާމާގެ ގައިގައި އޮޅުލައިގަތެވެ.
"އާތި!" އާތިފާ ފެނުމާއެކު ޝަހާމާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. "މީ ރަމީޒު! މަގޭ ފިރިމީހާ." ޝަހާމާ، އާތިފާއަށް ރަމީޒު ތަޢާރަފުކޮށްދިނުމަށްފަހު، ރަމީޒަށް އާތިފާވެސް ތަޢާރަފުކޮށްދީފި އެވެ. އާތިފާއަކީ އޭނާގެ ވަރަށް ގާތް އެކުވެރިއެއްކަމަށް ބުނަމުންނެވެ. އެއަށްފަހު ދެން އޭނާ ޖެހިލީ ބޮޑުދައިތަ ގާތަށެވެ. މަންމައަކާ ދިމާއަށް ބަލައިލާފަދަ ލޯބިވެތި ނަޒަރަކުން ހަފީޒާއާ ދިމާއާށް ބަލައިލުމަށްފަހު އައިސް އަތުގައި ހިފަހައްޓައިލި އެވެ. ހަފީޒާއަށް ޝަހާމާގެ ގައިގައި ބައްދައިލެވުނެވެ.
"ދަރިފުޅާ! ހާލު ކިހިނެއް؟"
"ރަނގަޅު. ބޮޑުދައިތަގެ ހާލު ކިހިނެއް؟"
"ﷲ އިރާދަކުރެއްވީތީ ރަނގަޅު." ހަފީޒާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ހީވަނީ އެތައްދުވަހަކު ބައްދަލުނުވެ ހުރި އުފަން ދަރިއަކާ ބައްދަލުވެގެން އުޅޭހެންނެވެ.
"ބޮޑުދައިތާ! މީ ރަމީޒު!" ހަފީޒާއަށް ރަމީޒު ތަޢާރަފުކޮށްދިނުމުގެ ގޮތުން އޭނާ ބުންޏެވެ. "ރަމީޒު! މީ މަގޭ ބޮޑުދައިތަ"
ރަމީޒާ ދިމާއަށް ބަލައިލަމުން ހަފީޒާ ހިނިތުންވެލިއެވެ. ރަމީޒުވެސް ހިނިތުންވެލަމުން ސަލާމަށް އަތްދިށްކޮލިއެވެ. އެއަތުގައި ހިފާ ހަފީޒާ ސަލާން ކޮށްލިއެވެ. އެހައިތަނުން ދެން ފެނުނީ އެމީހުން އެއްގަމާދިމާއަށް ހިނގައިގަތްތަނެވެ.
ޝަހާމާގެ އުމުރުން ބާރަ އަހަރުގައި އޭނާގެ މަންމަ ވަނީ ނިޔާވެފައެވެ. އޭގެފަހުން މާގިނަދުވަހެއްނުވެ ބައްޕަވެސް ވަނީ ނިޔާވެފައެވެ. އެހާތަނުން ފެށިގެން އޭނާ ގެންގުޅުނީ ހަފީޒާގެ ދެމަފިރިންނެވެ. އެ ދެމަފިރިންގެ ދަރިއަކު ނުހުންނާތީއާއެކު ޝަހާމާދެކެ އެމީހުން ނިހާޔަތަށް ލޯބިވެއެވެ. ރަށުން އެކަށީގެންވާ ތަޢުލީމެއް ދެވެން ނެތުމުން، ކިޔަވައިދިނުމުގެ މަގުސަދުގައި، އެމީހުން ޝަހާމާ މާލެ ފޮނުވީ މީގެ ފަސްއަހަރު ކުރިންނެވެ. އޭގެ ފަހުން އޭނާ ރަށަކަށް ނާދެއެވެ. އަންނަ ހިތް ނުވާތީއެއް ނޫނެވެ. ބޮޑުދައިތަމެން ދެކޭހިތް ނުވާތީއެއް ވެސް ނޫނެވެ. ރަށަށް އައުމުން ލިބޭ ހިތްހަމަޖެހުމަށް ވުރެ، ލިބިދާނެ އުނދަގޫ ބޮޑުވާނެހެން ހީވާތީއެވެ. ކައިވެންޏެއްކޮށްގެން އޭނާ ރަށަށް އައި ސަބަބަކީވެސް އެއީއެވެ.
އެމީހުންނަށް ގެއާ ހަމައަށް ފޯރީ ފަނަރަވަރަކަށް މިނެޓުގެ ހޫނުގަދަ ދަތުރަކަށްފަހުއެވެ. ގެއާ ހަމައަށް ދެވުނުއިރު ތިބީ ބުރާންތި ވާވަރު ވެފައެވެ. ގެއަށް ވަންއިރު ގޭތެރެއިން ތަނެއް ދޮރެއް ވަކިވާވަރެއް ނުވެއެވެ. ގަދަ އަވީގައި ހިނގާފައި އައިސް ގެއަށް ވަނިމާ ވާނީވެސް އެކަހަލަ ގޮތެކެވެ.
"ކޮންމެވެސް ފިނިއެއްޗެއް ބޯލަމާ ހިނގާ ދޯ!" ހަފީޒާ ހިނގައިގަތީ ކާގެއާ ދިމާއަށެވެ.
މެންދުރު ފަހުގެ ވަގުތެވެ. ކައިހަދައިގެން ޝަހާމާއާއި ރަމީޒު ދިޔައީ ޝަހާމާގެ މައިން ބަފައިންގެ ގެ ބަލައިލާށެވެ. އެ ގެ ހުންނަނީ ފަޅަށެވެ. އުޅޭނެ މީހަކު ނެތުމުންނެވެ. ގެ ބަލަހައްޓަނީ ޚަދީޖާއެވެ. ގޭތެރެ ފޮޅާ ސާފުކޮށް ގޯތިތެރެ ކުނިކަހާ ހެދުމަކީ އޭނާ އާދަކޮށް ކުރާކަމެކެވެ. އެހެންކަމުން ފަޅަށް ހުއްޓަސް އެ ގޭތެރެ އޮންނަނީ ސާފުތާހިރުކޮށެވެ.
އެއީ ހަމަ އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެކެވެ. ހުންނަނީ ދެ ކޮޓަރިއާއި ސިޓިން ރޫމެވެ. މަތި ހާމައަށް ހުރި ބޮޑު ގިފިއްޔެއް ހުރެއެވެ. އެނދު އަލަމާރި ކަބަޑު ފަދަ ހުރިހާ އެއްޗެއް ހަމައަށް އެބަހުއްޓެވެ. އެ އެއްޗެހި ފެނުމުން ޝަހާމާގެ ހަނދާނުގައި ކޮށައިގަތީ މައިންބަފައިންގެ ހަނދާން ތަކެވެ. ރީތި ދިރި އުޅުމަކަށްޓަކައި މައިންބަފައިން ކޮށްފައިވާ ބުރަ މަސައްކަތެވެ. އެހެނަސް އެ ދެމަފިރިންނަށް އެފަދަ ދިރިއުޅުމެއް ނުލިބުނެވެ. މާ އުމުރު ކުރީއެވެ. މިޚިޔާލުތައް ޝަހާމާގެ ދެ ލޮލަށް ކަރުނައިގެ އަސަރު ވެރި ކުރުވައިފި އެވެ.
ރަމީޒު ހުރީ ގެއާދިމާއަށް ބަލާށެވެ. އޭނާ ބޭނުންވަނީ ޗުއްޓީ އެގޭގައި ހޭދަކޮށްލާށެވެ. އޭނާ އެކަން ޝަހާމާއަަށް ހުށައެޅި އެވެ. އެހެނަސް ޝަހާމާއަކަށް އެގޮތެއް ކަމަކުނުދިޔަ އެވެ. އޭނާ ބޭނުންވަނީ ބޮޑުދައިތަ މެންގޭގައި މަޑުކުރާށެވެ. އައީ ދެ ހަފުތާއެއްހާ ދުވަހަށް ކަމަށްވެފައި، އެގެއަކީ ފަޅަށް ހުންނަ ގެއަކަށް ވާތީ އެވެ. އަނެއްކޮޅުން އެހެން ހަދައިފިއްޔާ ބޮޑުދައިތަވެސް ވަރަށް ދެރަވާނެކަން އެނގޭތީ އެވެ.
"ބޮޑުދައިތަ ގާތު ރީތިކޮށް ބުނާނީއޭ. ޝަހާއަށް ނުކެރެންޏާ މަ ވެސް ބުނެފާނަން. މިތާ ކިހާ މިނިވަންކޮށް އުޅެލެވޭނެ."
ޝަހާ އަކަށް ރަމީޒުގެ ކުރިމަތީގައި މާބޮޑަކަށް އިދިކޮޅު ހަދާކަށް ނުކެރެއެވެ. އޭނާ ކޮންމެ ކަމެއްގައިވެސް ރަމީޒަށް ދޫކުރެއެވެ. ލޯބިވާތީއެވެ. ފިރިއަކަށް ވާތީއެވެ. އެގޮތުން މިކަމުގައިވެސް އޭނާ ގަސްދުކުރީ ހަތިޔާރު ބަހައްޓާށެވެ. ހިތާ ދެކޮޅަށް ނަމަވެސް އެގެއަށް ބަދަލުވާށެވެ. އެހެންކަމުން ބޮޑުދައިތަގާތު އެ ވާހަކަ ދެއްކިއެވެ.
"ބޮޑުދައިތަގެ މައްސަލައެއް ނެތް! ތި ކުދިން ބޭނުން ގޮތެއް ހަދާ. އެކަމަކު މިގޭގައިވެސް ތިކުދިންނަށް ދައްޗެއް ނެތި ތިބެވޭނެ." ބޮޑުދައިތަ އެއްބަސްވިއެވެ. ހިތުން ރުހުމަކުން ނޫނެވެ. އެކުދިންގެ އުފަލަށް ހުރަސް ނާޅާށެވެ.
ގެއަށް އެއްޗެހި ބަދަލުކޮށް ކަންކަން ހަމައަކަށް އަޅުވާލެވުނުއިރު ހަވީރު ފަހެއްވެސް ޖަހައިފިއެވެ. އެހެންކަމުން ރަމީޒު ބޭނުންވީ ފެންވަރައިގެން ރަށުތެރެ ބަލައިލަން ނިކުމެލާށެވެ. އެހެންނަމަވެސް އެއީ ޝަހާމާ އެހާ ބޭނުންވާކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ގޭގައި އިނދެ، ޗުއްޓީ ނިންމައިލާށެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އެކަމަކު ޖެހުނީ ނިކުންނާށެވެ. ރަމީޒަށްޓަކައެވެ.
އިރުއޮއްސި އަނދިރިކަން ވެރިވަމުން ދިޔަ ވަގުތެވެ. ޝަހާމާ އާއި ރަމީޒު ހިނގަމުން ދިޔައީ ރަށުގެ ބޮޑުމަގުން އިރުން ހުޅަނގަށެވެ. ރަށުގެ ކޮންމެ މަގެއް، ކޮންމެ ގޯޅިއެއް، ކޮންމެ ގެއެއް އެއީ ރަމީޒަށް މުޅިން އާ ތަންތަނެވެ. ކޮންމެ މޫނަކީ އާ މޫނެކެވެ. އެހެންނަމަވެސް ކޮންމެ މީހަކު ފެނުނަސް އޭނާ ހިނިތުންވެލައެވެ. މީހުންނާ ރައްޓެހިކަން އުފެއްދުމަކީ އޭނާގެ ޠަބީޢަތުގައި ހުންނަ ސިފައަކަށް ވާތިއެވެ.
ރަމީޒާއި ޝަހާމާ ހިނގަމުން ދިޔައީ ރަށުގެ ބޮޑުމަގުން ހުޅަނގަށެވެ. ވަކިހިސާބަކަށް ދިޔަ ތަނާ، ޖެހިގެން އޮތްގޯޅިން އެމީހުންގެ ކުރިމައްޗަށް ނިކުތްތަން ފެނުނީ ޒުވާން ފިރިހެނެކެވެ. ބޮލަށް ބަލައިލުމުން ހީވަނީ ވެލިގަލަށް ގޮސް އުޅޭ މީހެއްހެންނެވެ. މޫނުމަތީގައި ބޮލާކީނި އުނގުޅާފައި ހުރި ކަހަލަ އެވެ. ދެލޮލުގެ ހުދުކަޅިއަށް، ހުދު ކަޅިއެކޭ ކިޔުމަށްވުރެ ރަނގަޅުވާނީ ރަތްކަޅިއެކޭ ކިއްޔާއެވެ. ރަމީޒަށް އެއީ ކާކުކަން ނޭނގިދާނެ އެވެ. އެހެނަސް ޝަހާމާއަށް އެއީ ކާކުކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެ އެވެ. އެއީ މިރަށުގެ ރަތްލާޖެހި ޒުވާނުންގެ ތެރެއިން ޒުވާނެކެވެ. ނަޖީބެވެ.
ނަޖީބު ފެނުމާއެކު ޝަހާމާގެ ފިޔަވަޅަށް ވަގުތުން ހުއްޓުން އަރައިފިއެވެ. ބިމުގައި ދެފައި ތަތްވި ކަހަލައެވެ. ނަޒަރު ހުއްޓިފައިހުރީ އޭނާގެ އޮފު އަރައަރާ ހުރި މޫނަށެވެ. އެވަގުތު ޝަހާމާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ މީގެ ފަސްއަހަރު ކުރީގެ ހަނދާނެކެވެ. އެއީ އޭނާ މާލެ ދާން ފުރަން އޮތް ރޭގެ އިރާކޮޅުގެ ވަގުތެވެ. އޭނާ އައީ އާތިފާމެންގެ ގެއިން ނިކުމެގެން ގެއަށެވެ. ނަޖީބު އޭނާއާ ފޮށެން ފެށީ މަގުމަތިންނެވެ. އޭނާގެ އާދައިގެ މަތިން އެވެ.
"މާލެ ދާންތަ ތިއުޅެނީ؟" ނަޖީބު އެހިއެވެ.
"ކަލެއަށް ކީއް؟" ޝަހާމާ ވަގުތުން ޖަވާބު ދިނެވެ. އެއީ އޭނާ ކުރާ ކަމެއްވެސް ނޫނެވެ. އެކަމަކު މިރޭ މާ ބޮޑަށް ރުޅިއައީއެވެ.