"އެއީ؟ ކީއްވެ ކުރިން އަރަންވީ؟" ރަމީޒަށް އަހައިލެވުނެވެ.
"އެހެންނޫނީ ރަނގަޅު ޖާގައެއް ނުލިބޭނެ. ޖައްސާލެވޭ ކަހަލަ ތަނެއްގައެއްނު އޮންނަންވާނީ. މަށަށް ފެންނަނީ ތަންކޮޅެއް ކުރިން ދާން."
"އާނ، ދެން ތިހެން ހަދާނީ. މިހާރު މިދަނީ އެއްޗެހި ޕެކް ކޮށްލަން. ނިންމާފަ ގުޅާނަން. އިނގޭ!"
ރަމީޒު ގެއަށް ވަނެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. ޝަހާމާ އެނދުގައި އޮތެވެ. ރަމީޒު ވަނުމާއެކު އޭނާ ބޯ އުފުލައި ބަލައިލި އެވެ. ރަމީޒަށް ވެސް ބަލައިލެވުނީ އެވަގުތު އެވެ. އެވަގުތު ވީގޮތްވެސް ނޭނގުނެވެ. ރަމީޒުގެ ހިތުން ލޭ ކަރުނަ އޮހިގަތް ކަހަލަ އެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެއީ އޭނާ ދެލޯ ނޭދި އެދޭ، އޭނާ ނުހަނު ބޮޑަށް ލޯބިވާ އޭނާގެ އަނބި މީހާ އެވެ. އެފަކީރުގެ ދެލޯ އެވަނީ ރޮއި ރޮއި ފާރުވާވެފަ އެވެ. މޫނުމަތި ވަނީ ރަތްވެފަ އެވެ.
ރަމީޒުގެ ޚިޔާލު ވަގުތުން ބަދަލު ވެއްޖެ އެވެ. އޭނާ ގެއަށް ވަނީ އެއްޗެހި ފޮށްޓަށް އަޅައި ފުރަން ދާން ތައްޔާރުވާށެވެ. އެހެނަސް ޝަހާމާ ބަލައިލި ނިކަމެތި ގޮތާއި، އެމޫނު މަތީގައި ހުރި ހިތާމައިގެ އަސަރު ފެނިފައި، ރަމީޒަށް ވަގުތުން ހަތިޔާރު ބެހެއްޓިއްޖެ އެވެ. ޝަހާމާ އެހާލަށް ދޫކޮށްލާފައި ފުރައިގެން ދިޔުމަކީ އޭނާއަށް ކުރެވޭވަރުގެ ކަމެއް ނޫނެވެ.
ރަމީޒަށް ބޭއިޚުތިޔާރުގައި ހިނގައިގަނެވުނީ ޝަހާމާއާ ދިމާއަށެވެ. އޭނާ ބޭނުންވަނީ ޝަހާމާގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮހެދޭށެވެ. ލިބެމުން އެދާ ހިތާމަތަކަށް ނިމުމެއް ގެނެސްދޭށެވެ. ހިތަށް ހެރެމުން ދާ ކަށިތައް ލުހެލައި، އެ ޒަޚަމްތަކަށް ފަރުވާއެއް ހޯދައި ދޭށެވެ.
ރަމީޒު ގޮސް ޝަހާމާގެ ގާތަށް ހުއްޓުނެވެ. ޝަހާމާ ތެދުވި އެވެ. ރަމީޒުގެ ނޭވާ އޭނާގެ މޫނަށް އެޅޭހާ ކައިރިގައި ހުއްޓުނެވެ އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ރަމީޒުގެ މޫނަށެވެ. އޭރު އެހިތުގައި އުފެދި ކެކި އަރަމުން ދަނީ ކޮންފަދަ އިޙުސާސްތަކެއްކަމެއް ނޭނގެ އެވެ. ދެލޮލުގައި ހުރި ކަރުނަތަކަށް ވަނީ ހުއްޓުން އައިސްފަ އެވެ.
ރަމީޒުގެ ލޮލުންވެސް ކަރުނަ އޮހޮގެންފި އެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ކަހަލަ ގޮތަކަށް ޝަހާމާގެ ގައިގައި އޮޅުލައިގަނެވިއްޖެ އެވެ. ޝަހާމާއަށް ވެސް ވީ އެވަރެވެ. އުފާވެރިކަމުގެ ރަނގަބީލެއް ޝަހާގެ ހިތުގައި ޖެހިގެންފި އެވެ. އޭރު ދެމީހުންނަށް ވެސް ވަނީ ރޮވިފަ އެވެ. އެކަކުގެ ކަރުނައިން އަނެކަކުގެ ކޮނޑުމަތި ފޯވަންފަށައިފި އެވެ.
"ރަ.... ރަމީޒު.... އަހަންނަށް މާފު......"
"މާފޭ؟" ޝަހާމާގެ ތުރު ތުރު އަޅަމުން ދިޔަ އަޑު ކެނޑުނީ، ރަމީޒުގެ ބާރު އަދަށެވެ. ޝަހާމާގެ ގައިން ދޫކޮށްލުމަށްފަހު ރަމީޒު ފަހަތަށް ޖެހުނެވެ. ދެމީހުންނަށް ވެސް ތިބެވުނީ އެކަކު އަނެކެއްގެ މޫނަށް ބަލާށެވެ.ކުއްލިއަކަށް ޝަހާމާ ފަހަތަށް ޖައްސާލަމުން ރަމީޒު ކުރި ސުވާލާއެކުގަ އެވެ. އެ އަޑުގައި ވަނީ ރިހުމެވެ.
"ޝަހާ މާފަށް އެދެނީތަ؟"
"ނޫން! އަދި ނޭދެން. އެކަމަކު މި އެދެނީ. އަހަންނަށް މާފު ކުރޭ!" ޝަހާ ބޭނުންވަނީ އެދެމެދަށް ހުރަސްވެފައިވާ ފާރު ކޮންމެ ގޮތަކުން ނަމަވެސް ފޫދުއްވާލާށެވެ.
"މާފުކުރާށޭ!" ރަމީޒުގެ އަޑު ގުގުމައިގަތް އިރު ޝަހާ އޮތީ އެނދުމައްޗަށް ވެއްޓިފަ އެވެ. ރަމީޒަށް ކޮއްޕާލެވުނީ އެވެ. ޖެހުނު ގޮތުން ތަދުނުވާކަމެއް ވެސް ނޭނގެ އެވެ. "މާފަށް އެދުމަކީ ކުށަށް އިޢުތިރާފުވުން. އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން......."
ރަމީޒަށް ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ބާރަށް ހިފެހެއްޓުނެވެ. އޭނާ ގޮސް ފާރުގައި ބޯޖަހައިގެން ހުރެ ރޮމުން ގެންދިޔައިރު، ޝަހާ ހުރީ އާދޭސް ކުރާށެވެ. ރޮއި ރޮއިފަ އެވެ. ގިސްލަމުންނެވެ. އެއީ އޭނާ ނުކުރާކަމެއްކަން ސާބިތު ކޮށްދެވޭތޯ އެވެ. އެހެންނަމަވެސް ޝަހާގެ އާދޭހުގެ އެންމެ ލަފުޒެއް ކީއްކުރަން ހެއްޔެވެ؟ އަކުރެއްވެސް ރަމީޒުގެ ކަންފަތާ ހަމައަކަށް ފޯރާކަމެއް ނޭނގެ އެވެ.
އިރުކޮޅަކު އެހެން ހުރެފައި ރަމީޒު ހިނގައިގެންފި އެވެ. ޝަހާއާ ދިމާއަށް ބަލައިލުމެއް ވެސް ނެތި، އެދިޔަ ގޮތަށް ގޮސް ނެގީ ފޮށްޓެވެ. އަލަމާރި ހުޅުވާލުމަށްފަހު، އޭނާގެ އެއްޗެހިތައް ނަގާ ހުރިގޮތަށް ފޮށްޓަށް އަޅަންފެށި އެވެ. ޝަހާއަށް މި މަންޒަރު ބަލާކަށް ކެތެއް ނުވި އެވެ. އެނދުމައްޗަށް ބަނޑުވަތަށް ވެއްޓިގަތުމަށްފަހު، އަޑުން އަޑު ނަގައި ރޮއިގެންފި އެވެ.
ރަމީޒަކަށް އެއަޑެއް ނީވެ އެވެ. ދެލޮލުން ކަރުނަ ފޮހެމުން ފޮށްޓަށް އެއްޗެހި އަޅަމުން ގެންދިޔަ އެވެ. މިހާރު އޭނާގެ އަޒުމަކީ ވީ އެންމެ އަވަހަކަށް އެގެއިން ނިކުތުމެވެ. ބާރަ ޖަހާއިރު ދޯނި ފުރިނަމަވެސް ވީ އެންމެ އަވަހަކަށް ދޯންޏަށް ދިޔުމެވެ. އެހެންކަމުން ޝަހާމާ ރޮއި ރޮއި އޮއްވާ ބަލައިލުމެއް ވެސް ނެތި، ފޮށި ހިފައިގެން އޭނާ އެގެއިން ނިކުމެއްޖެ އެވެ.
ޝަހާމާގެ ދުލުން އެކަމަށް އިޢުތިރާފުވުން ރަމީޒަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވީ އެވެ. އޭނާ ޝަހާމާދެކެ އިންތިހާއަށް ލޯބިވެއެވެ. ދުވަހަކުވެސް ވަކިވާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ޝަހާމާ އޭނާ ދެކެ ލޯބިނުވާއިރު، އިނދެގެން އުޅުނެއްކަމަމު އޮތީ ކޮން އުފަލެއް ހެއްޔެވެ؟ އޭނާ އަބަދުވެސް ހުންނާނީ ފުރުޞަތަކަށް ބަލަ ބަލަ އެވެ. ނަޖީބުގެ ކޮންމެ އިޝާރާތަކަށް ބޯ ލަނބަން ތައްޔާރަށެވެ. މިއީ ރަމީޒު ދެކޭ ގޮތެވެ. ގަބޫލު ކުރެވޭ ގޮތްވެސް މެއެވެ.
ރަމީޒު ނިކުމެގެން ދިޔަކަމެއް ޝަހާއަކަށް ނޭނގެ އެވެ. އޭނާ އެތައް އިރަކު އެގޮތަށް ރޯން އޮތުމަށްފަހު ބޯ އުފުލާ ބަލައިލި އެވެ. ރަމީޒު ކޮބައިތޯ އެވެ. ރަމީޒެއް ނެތެވެ. ފޮއްޓެއް ވެސް ނެތެވެ. ޝަހާމާ ތެދުވި އެވެ. ރަމީޒު ހަމަ ދިޔައީ ހެއްޔެވެ؟ ބުނެވެސް ނުލަ އެވެ. ސަލާންވެސް ކޮށްނުލަ އެވެ. އެންމެ ކުޑަމިނުން ހިތްހެޔޮ ކުރާށޭވެސް ބުނެނުލަ އެވެ.
ޝަހާމާގެ ދެލޮލުން އޮހެމުން ދިޔަ ކަރުނަ އިތުރުވެއްޖެ އެވެ. ހިތުގައި އަޅަމުން ދިޔަ ވޭން އޭގެ ދެގުނައަށް އެރި ކަހަލަ އެވެ. ރަމީޒަށް ހަމަ އެހެން ހަދަން ކެރިދާނެބާވަ އެވެ؟ ގޮތް ނޭނގޭ މީހަކު އެގޮތަށް ބުނެލާ ބުނެލުމަކަށް އިތުބާރުކޮށް، އެފަދަ ފިޔަވަޅެއް އަޅައިފާނެ ބާވަ އެވެ؟ އޭނާ ޝަހާމާދެކެ ވީ ހަމަ އެހާ އަގުދަށް ލޯތްބެއް ހެއްޔެވެ؟ ނުވާނެ އެވެ. އެހެނެއް ނުވާނެ އެވެ. އޭނާ އަދި އަންނާނެ އެވެ. ޝަހާމާ ދޫކޮށްލާފައި ފުރައިގެން ދާހާ ހިތްވަރެއް އޭނާއަކަށް ނުލިބޭނެ އެވެ.
ޝަހާމާއަށް ގޮސް އެނދުގައި އިށީނދެވުނެވެ. ދެލޮލުން ކަރުނަ ފޮހެލި އެވެ. ހިން ދިރުވާލި އެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ އެގެއަކުން ނުދާނެ އެވެ. އޭނާ ބަލާ ރަމީޒު އަންނާނޭކަން އެނގޭތީ އެވެ. ރަމީޒު އަންނައިރު އޭނާ ގޭގައި ނެތިއްޔާ، ރަމީޒު ދެރަވާނެތީ އެވެ. މިރޭ އޭނާ ބިރެއްވެސް ނުގަނެ އެވެ. މެއެއްވެސް ނުތެޅެއެވެ. ހިތަކަށް އެފަދަ ޚިޔާލެއް ނުވެސް އާދެއެވެ. އޭނާގެ މުޅި ހިތާއި ނަފުސުގެ އިތުރުން ހުރިހާ ނާރުތަކަކަށް ވެސް ވެރިވެފައިވަނީ ހަމަ އެންމެ ޚިޔާލެކެވެ.
ގެއިން ނިކުތްގޮތަށް ރަމީޒު ގުޅީ ނަޖީބަށެވެ. އެއަށްފަހު ހަބީބަށެވެ. އެ ދެމީހުންނާ އޭނާއާ ދިމާވީ ހަބީބުމެންގޭ ކައިރިންނެވެ. އެމީހުންނާއެކު އޭނާ ދިޔައީ އަތިރިމައްޗަށެވެ. އޭނާ ބޭނުންވަނީ މިހާރުން ފެށިގެން ދޯންޏަށް އަރާށެވެ. މިރަށުގެ ފަސްގަނޑުން ފައި އުފުރާލާށެވެ. ވީ އެންމެ އަވަހަކަށް މާލެދާށެވެ.
"މިހާރު އެއްޗެއް ކައިފިންތަ؟" އަތިރިމައްޗަށް ދިޔަ މަގުމަތީގައި ނަޖީބު އެހި އެވެ.
"އަހަރެން ދެން ކައި އެއްޗެއް ކާނީ މާލެ ގޮއްސަ."
"ކަމަކު ނުދާނެ! އެއްޗެއް ކައިގެން ދޯންޏަށް އަރަންވާނީ."
ނަޖީބު ގޮތް ދޫނުކުރުމުން ރަމީޒަށް ޖެހުނީ އެއްބަސްވާށެވެ. ދޯންޏަށް ފޮށި ލުމަށްފަހު ތިން މީހުން މިޞްރާބުޖެހީ "ކޮފީ ޕޮއިންޓް" އަށެވެ. ކޮފީ ޕޮއިންޓާ އަރާ ހަމަވި ވަގުތު ރަމީޒުގެ ފިޔަވަޅަށް ހުއްޓުން އެރި އެވެ. ނަޖީބު މެންނަށް އެއީ ހިތްފަސޭހަކަން ގެނެސްދޭ "ޕޮއިންޓެއް" ކަމަށް ވިޔަސް ރަމީޒަށްޓަކައި އެއީ ހުރަގެއެއް ފަދަ ތަނެކެވެ. އެއީ އޭނާގެ ހަޔާތް އެފުށް މިފުށަށް ޖަހައިލި ތަނެވެ. އެތަނުގެ އޮޅިގަނޑު އެންމެ ފަހަރަކުވެސް ގިރާކޮށްލާކަށް އޭނާ ބޭނުމެއް ނޫނެވެ.
"މަށެއް ނުވަންނާނަން ތި ތަނަކަށް." ރަމީޒު ވަގުތުން އިންކާރު ކުރި އެވެ.
"ކީއްވެ؟" ނަޖީބުގެ ހިތުގައި ސުވާލުމާކެއް ޖެހުނެވެ.
"ތީ މަށަށްޓަކައި ވަރަށް ސުންޕާ ތަނެއް. ތިތަނަށް ވަންނަން ބިރުގަނޭ!"
"ސާބަސް!" ވީގޮތް ނަޖީބަށް ވިސްނިއްޖެ އެވެ.
"ތީ ވަރަށް ރަނޑު ގޮތެއް. އެއީ މިތަނުގެ ސަބަބުން ރަމީޒަށް ދިމާވިކަމެއް ނޫނޭ!" ހަބީބު ހިފީ ރަމީޒުގެ އަތުގަ އެވެ.
ހަބީބާއި ނަޖީބާ ދެމީހުން ވެގެން ރަމީޒު އެތަނަށް ވައްދައިފި އެވެ. ކޮފީވެސް ގެނުވައިފި އެވެ. ސިގިރެޓުގެ ދުމުން މުޅިތަން ބަނަކޮށްލައިފި އެވެ. ރަމީޒަށް އިނދެވުނީ ނޭވާނުލެވިފަ އެވެ. ބޮލުގައި ރިއްސާގެންފައި އިންދާ އިތުރަށް ބޮލުގައި ރިއްސާގޮތް ވެއްޖެ އެވެ.