ޝަހާމާއަށް ހޭލެވުނީ އެވަގުތު އެވެ. ހޭލެވުމާއެކު ފުންމައިގެން ތެދުވެ ރަމީޒުގެ ގައިގައި އޮޅުލައިގެންފި އެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު އެކީ އެކައްޗަކަށް ރޫރޫ އަޅައެވެ. ރޯމަހެއްހެން ތެޅެއެވެ.
"ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟"
ޝަހާމާ ބޯ ޖަހައިލި އެވެ. ރަމީޒުގެ ކޮނޑުގައި މޫނު ޖައްސާ ފިއްތައިގެން އިނދެއެވެ.
"ތީ ބިރުން އޮވެ ނިދީމަ ވީގޮތެއް ކަންނޭނގެ!" ޝަހާމާ ބާލީސްމަތީގައި ބޭއްވުމަށްފަހު ބޮލުގައި ފިރުމާލަމުން ރަމީޒު ބުންޏެވެ.
ރުއްގަނޑު ހުރާގެ ގޮނޑުދޮށަށް ކުޑަ ދޯނި ބީއްސާލުމާއެކު އެންމެ ފުރަތަމަ ދޯނިން ފުންމައިލީ ނަޖީބެވެ. އޭނާގެ ފަހަތުން ރަމީޒާއި ޝަހާމާ އެވެ. އާތިފާއާއި އޭނާގެ ދެކޮއްކޮ އެވެ. އެންމެ ފަހުން ފޭބީ ހަބީބެވެ. ހަބީބަކީ ނަޖީބުގެ އެންމެ ގާތް އެކުވެރިޔާ އެވެ.
ރުއްގަނޑު ހުރާއަކީ ހުދު ފަސްގަނޑަކާއި ސާފު މޫދެއް އޮތް އާދައިގެ ރަށަކަށްވުރެ ބޮޑު ފަޅު ރަށެކެވެ. ގަސްގިނަ ވާ ބޯ ރަށެކެވެ. މަގުލާއި ކުރެދިގަހުގެ އިތުރުން މިރިހީގެ ހިމަ ހޯލި ގޮފިތަކުން ގެތިފައިވާ ހޭޅިފަށުގައި މަޑުމަޑު ވައިރޯޅިފަށް އައިސް ޖެހިލުމާއެކު ގަސްތަކަށް އަންނަ ލުއިލުއި ހަރަކާތް އެއީ ބަލާމީހަކަށް ހިތްހަމަޖެހުން ގެނުވާނެ ހަރަކާތެއްކަން ޔަގީނެވެ. އެހެނަސް އެއިން ކަމަކުން ޝަހާމާގެ ހިތަކަށް ނަފުސަކަށް ލިބޭ އެއްވެސް ލުޔެއް ނެތެވެ. ހިތަށް ވެރިވަމުން އައީ ނުތަނަވަސްކަމެވެ. ކަންބޮޑުވުމެވެ.
މޫދަށް އެރުމާއި ތަފާތު ކުޅިވަރުތައް ކުޅުމުގައި ރަމީޒު އުޅެމުން ދިޔައީ ފޯރިއާއި މަޖަލުގަ އެވެ. ޚިޔާލެއް ފިކުރެއް ނެތި އެވެ. އެރަށުގައި އޭނާ ކުރަމުން ގެންދިޔަ ކޮންމެ ކަމަކީ، ކޮންމެ ތަޖުރިބާއަކީ އޭނާގެ ހަޔާތުގައި ކުރެވޭ އާ ކަމެކެވެ. އާ ތަޖުރިބާ އެކެވެ. އެހެންކަމުން އެ ކުޑަ ކުޑަ ރަށުގައި އޭނާ ހޭދަކުރަމުން ގެންދިޔަ ކޮންމެ ސިކުންތަކީ ޢީދެކެވެ.
އުފަލާއި މަޖަލުގައި ތޮށިމައްޗާއި ފަޅުތެރެއާއި ގޮނޑުދޮށާއި ހޭޅިތެރޭގައި ރަމީޒު ވަގުތުތައް ގުނަމުން ގެންދިޔައިރު، ޝަހާމާ އިންނަނީ ފާޑަކަށެވެ. އެއްވެސް ކަމެއްގައި ގަޔަކާ ނުވެ އެވެ. މޫދަށް އެރުމެއް ނެތެވެ. ސައިވެސް ބުއީ ނަމަކަށެވެ. ވެގެން އެ އުޅެނީ ކީއްކަން ރަމީޒަށް އެނގެ އެވެ. ހުރިހާވެސް މައްސަލައަކީ ރޭ ފެނުނު ހުވަފެނެވެ. ހުވަފެނުގެ ހަނދާންތަކުން ހިތް ނުތަނަވަސް ކުރުވަނީ އެވެ. އެހެންކަމުން ރަމީޒު ގަސްތުކުރީ އެކަމާ އަޅާނުލާށެވެ. މަޑުމަޑުން ގޮސް ހަމައަކަށް އެޅިދާނެ އެވެ.
"ޝަހާ! ކީއްވެފަ މާ ފާޑަކަށް ތި އިންނަނީ؟" އާތިފާހީވަނީ ދޮންވެލީގެ މާއްޔެއް ހެންނެވެ. މުޅި ގަޔާއި މޫނަށް ދަންދެން ހުރީ ދޮން ވެއްޔެވެ.
"ކަމެއް ނުވޭ!" ޝަހާމާ ފުރަތަމަ ބަލައިލީ އޭނާ އެގަހެއްގެ ދަށުގައި އިށީނދެ އިން ފުނަގަހާ ދިމާއަށެވެ. އެއަށްފަހު އާތިފާގެ މޫނަށެވެ. މަސައްކަތްކުރީ ހިނިތުން ވެލާށެވެ. އެހެނަސް އެކަމެއް މާ އެދެވޭ ގޮަތަކަށް ނުވި އެވެ.
"އެނގޭ ތިހެން ބުނާއިރުވެސް ކަމެއް ވެގެންކަން ތި އިންނަނީ. އެކަމަކު ދެން އެކަން ހިތުން ފޮހެލަން މަށަށް ފެންނަނީ. އެއީ ދެން މާ ކުރީގެ ކަމެއްނު. މިހާރު އޭނަވެސް ނުލާހިކު ރަނގަޅަށްތާ އެ އުޅެނީ."
"ކިހާ ރަނގަޅު. އާތި ތިބުނަނީ އޭނަ މަގޭ ހަށިގަނޑުގައި ހުރި ލޭ ފޮދު ބޮއި ނުލާ ވާހަކަ ދޯ!"
ޝަހާމާ ބޭނުންވީ ކިޔައިދޭށެވެ. ހުރިހާ ވާހަކައެއް އާތިފާއަށް ކިޔައިދޭށެވެ. ކުރިންވެސް ކަންކަން ހިއްސާ ކުރާ ގޮތަށެވެ. އެހެންނަމަވެސް އެފަދަ އެންމެ ޖުމުލައެއްވެސް އޭނާގެ ދުލާހަމައަކަށް ނައެވެ.
"ހިނގާ މޫދަށް ދާން! ކޮއްކޮމެންވެސް އެބަ އުޅޭ މޫދަށް އެރި." އާތިފާ ތެދުވި އެވެ.
"އާތި ދޭ! އަހަރެން ފަހުން ދާނަން."
"އަންނާނަމޭ ކިޔާފައި ނައިސް އިންނާނީއެއް ނޫން! އަންނަންވާނެ!" އާތިފާ ހިނގައިގެންފި އެވެ. "ހަނދާން ނެތިގެންނޭ އަދި މި ދެވެނީ." އާތިފާ އެނބުރި ޝަހާމާއާ ދިމާއަށް ބަލައިލި އެވެ. "އެބައޮތްތަ ކެމެރާ؟ ވަރަށް ރީތި މާތަކެއް ފެނިގެން މިއުޅެނީ." ކުރަން އައި ކަންތައް އާތިފާ ހަނދާންވީ މާ ފަހުންނެވެ.
"އާނ." ޝަހާމާ ތެދުވެ ދަބަހުން ކެމެރާ ނަގައި އާތިފާ އަތަށް ދިނެވެ.
"އިރުކޮޅަކުން އަންނައްޗޭ!" ކެމެރާ ހިފައިގެން އާތިފާ ހިނގައިގަތެވެ. ޝަހާމާ އިނީ ކަޅި ޖަހައިނުލާ އާތިފާއާ ދިމާއަށް ބަލާށެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ގޮށް ޖެހެމުން ދަނީ ކޮންފަދަ ޚިޔާލުތަކެއް ކަމެއް ނޭނގެ އެވެ.
ރަމީޒާއި ނަޖީބާއި ހަބީބު މޫދުން އެރީ ބާރަޖަހަން ކައިރިވެފައި ވަނިކޮށެވެ. ރަށުގެ އިރުމަތީ ފަރާތުގައި މާ ރީތި އާނުގަނޑެއް އޮތްވާހަކަ ނަޖީބު ބުނެގެން އެތަން ބަލައިލަން ދިޔުމަށެވެ. އެމީހުން މޫދުން އަރައިގެން ހިނގައިގަތް ވަގުތު ގަސްދޮށުގައި އިން ޝަހާމާ ފެނިފައި ރަމީޒު ހިނގައިގަތީ ޝަހާމާއާ ދިމާއަށެވެ.
"އެފުޅު ނުލާ އެއްވެސް ތާކަށް ނުދެވޭނެ ދޯ!" ނަޖީބު ހިނިގަނޑެއް ޖަހައިލި އެވެ. ނަޖީބާ ދިމާއަށް ބަލައިލަމުން ރަމީޒުުވެސް ހިނިތުންވެލި އެވެ.
"ކެމެރާ ހިފައިގެނެއްނު ދާންވާނީ."
"ކީއްކުރާ ކެމެރާއެއްތަ؟ އައިސްބަލަ!" ނަޖީބު ދެކޮޅުހެދި އެވެ.
"ނޫނޭ! ކެމެރާ ވަރަށް މުހިއްމުވާނެ."
"ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވައިއެޅިލަންވާނެ ވިއްޔަ. ދޯ!" ނަޖީބުގެ އަޑުގައި ހުރި މަލާމާތުގެ ގޮތްގަނޑު ކިތަންމެ ރަނގަޅަކަށްވެސް ހާމަވި އެވެ. އެހެނަސް އެވަރަށް ވިސްނައިގެން ނެތުމުން ރަމީޒަށް އެކަން ނަގައިގަނެވުނުހެނެއް ހިޔެއް ނުވެއެވެ.
"ލަސްވެއްޖިއްޔާ އާނުގަނޑުގެ ރީތިކަމެއް ނުފެންނާނެ އިނގޭ! މިހާރު އެއޮތީ ދިޔަވަރު ބޮޑުވާން ޖަހާފަ. ތި ކުރާ ކަމެއް ކޮށްގެން އަވަހަށް އަންނާތި!" ހަބީބު ތަންކޮޅެއް ބާރަށް ބުންޏެވެ. ރަމީޒަށް އިވޭވަރަށެވެ. އޭރު ރަމީޒު ޝަހާމާއާ އަރާ ހަމަވަނީ އެވެ.
ނަޖީބު ހުރީ ކަޅި ޖަހާނުލައި ރަމީޒާ ދިމާއަށް ބަލާށެވެ. ރަމީޒު ގޮސް ޝަހާމާގާތު ވާހަކަދައްކަން އިން އިރު ނަޖީބުގެ ކަޅިއަކަށް އެއްވެސް ހަރަކާތެއް އަންނަ ކަމަކަށް ނުފެނެ އެވެ. މިގޮތުގައި އިރުކޮޅެއް ވޭތުވެއްޖެ އެވެ. ދެން ފެނުނީ ހަބީބު ގާތު ކޮންމެވެސް ވާހަކައެއް ނަޖީބު ދައްކަންފެށި ތަނެވެ.
"ކޮބާ ކެމެރާ؟" ރަމީޒު އައުމުން ހަބީބު އެހި އެވެ.
"ނެތޭ! އާތި ހިފައިގެން ގޮހޯވީ."
"ކޮންމެހެން ކެމެރާ ބަލާ ދިޔައީއެއް ނޫނޭ!" ނަޖީބު ބަހަކުން ޖަހައިލާ ކަހަލަ ގޮތަކަށް ބުނެލި އެވެ. އެހެނަސް ރަމީޒު ސީރިޔަސްކޮށެއް ނުނަގަ އެވެ.
ޝަހާމާ އިނީ ރަމީޒުމެން ހިނގަމުން ދިޔައިރު އެދިމާއަށް ބަލާށެވެ. އެހެން އިންއިރު އޭނާގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަންނަމުން ދެއެވެ. ނަޖީބަކީ ރަނގަޅު މީހެއް ނޫނެވެ. އޭނާ އެހުންނަނީ ޝަހާމާގެ ކިބައިން ބަދަލު ހިފަން ފެން ބޮވައިގެންފަ އެވެ. ރަމީޒު ގޮވައިގެން އެ ދެމީހުން އެދަނީ އަނެއްކާ އޭނާއަށް ކަމެއްކުރަން ނޫންބާވަ އެވެ؟
ރަމީޒުގާތު ނުދާށޭ ބުނަންވެސް ޝަހާމާގެ ހިތަށް އެރި އެވެ. އެކަމަކު އޭނާއަކަށް އެ ހިތްވަރެއް ނުލިބުނެވެ. ރަމީޒަށް ލިބޭ އެފަދަ އެއްވެސް އުފަލަކަށް ހުރަހެއް އަޅާކަށް ޝަހާމާ ބޭނުމެއް ނުވެ އެވެ. އޭނާ ރަމީޒު ގޮވައިގެން ރަށަށް އައީ ރަމީޒަށް އުފަލާއި ހިތްހަމަޖެހުން ހޯދައިދޭށެވެ. ވީއިރު އޭނާ އުފަލަކަށް ކުރަން އުޅޭ ކަމަކަށް ހުރަސް އަޅަން ކެރޭނީ ކޮންފަދައަކުން ހެއްޔެވެ؟
ރަމީޒުމެން މިހާރު އޭނާގެ ލޯމަތިން ގެއްލިއްޖެ އެވެ. ޝަހާމާގެ ހިތުގެ ނުތަނަވަސްކަން ވަކީން ބޮޑުވާން ފަށައިފި އެވެ. ރަމީޒު ބުނުމުން އޭނާއާއެކު ދެވުނުނަމައޭ މިހާރު ހިތަށް އަރަ އެވެ. އެކަމަކު އޭރު ނޫނެކޭ ބުނެވުނީ، ނަޖީބު ހުންނަ ޖަމާޢަތެއްގައި ހުންނަން ހިތް ނޭދޭތީ އެވެ.
މެންދުރުގެ އަލިފާން އިރު މެދު އުޑުގަައި އިނދެ އެންމެންގެ ތަލަ ފިއްސަމުން ދިޔައިރު، ކަނޑުގައި ފިރުމާލާފައި އަންނަ ވައިރޯޅިތައް މަސައްކަތް ކުރަމުން ގެންދަނީ އެ ހޫނުކަން ކުޑަކޮށްދެވޭތޯ އެވެ. ގުދުރަތީ ނިޒާމުގެ ތެރެއިން ހިނގަމުން އަންނަ މި ކަންތައްތަކާމެދު މާބޮޑު ޚިޔާލެއް ފިކުރެއްނެތި ރަމީޒުމެން ހިނގަމުން ދިޔައީ ރަށުގެ ހުޅަނގުން އިރަށެވެ. އެބުނާ އާނުގަނޑު އޭރު އޮތީ ފެންނާށެވެ. މާ ދުރަކު ނޫނެވެ.
"އެންމެން އަނގައިން ނުބުނަން ހުވާކޮށްގެންތަ މި ތިބެނީ؟"
ރަމީޒުގެ މި ސުވާލާއެކު ނަޖީބާއި ހަބީބު ފެށީ ހޭށެވެ. ރަމީޒު ހުރީ ވާނުވާ ނޭނގިފަ އެވެ.