"އެންމެން އަނގައިން ނުބުނަން ހުވާކޮށްގެންތަ މި ތިބެނީ؟"
ރަމީޒުގެ މި ސުވާލާއެކު ނަޖީބާއި ހަބީބު ފެށީ ހޭށެވެ. ރަމީޒު ހުރީ ވާނުވާ ނޭނގިފަ އެވެ.
"ކިހިނެއްވީ ތިހެނީ؟" ރަމީޒުގާތަކަށް ހިންޏެއް ނާދެއެވެ. އޭރުވެސް އެ ދެމީހުން ބިނދި ބިނދިފައި ހެނީ އެވެ. ވީގޮތެއް ނޭނގެ އެވެ.
އާނުގަނޑާ ހަމައަށް ދެވުނު އިރުވެސް އެމީހުންގެ ހުނުމަކަށް ބަދަލެއް ނާދެއެވެ. ހީވަނީ ދެމީހުން މޮޔަވެފައި ތިބިހެންނެވެ. އެމީހުން އުޅެންފެށިގޮތުން ރަމީޒު ކުޑަކޮށް ޖެހިލުންވާންވެސް ފަށައިފި އެވެ.
"އޭތް! ކީއްވެތަ ތި ހެނީ؟ ވާހަކަ ދައްކަބަލަ! މިހާރު ބިރު........"
ކުއްލިއަކަށް ހަބީބު އައިސް ރަމީޒުގެ ފުރަގަހުން ބައްދައިފި އެވެ. "ނަޖީބު ފައިގައި ހިފަހައްޓާ!" ހަބީބު ގޮވައިލި އެވެ. ހަމަ އެއާއެކު ނަޖީބު އައިސް ފައިގައި ދެއަތުން ބައްދައިފި އެވެ. އޭރު އެދެމީހުންވެސް ހުނުން ހުއްޓާލައިފި އެވެ. ވާނުވާ ނޭނގިފައި އޮތް ރަމީޒު މިހާރު އެވަނީ އެދެމީހުންގެ އަތް ދަނޑިމައްޗަށް އުފުލާލާފަ އެވެ. އެމީހުން ހިނގައިގަތީ އާނުގަނޑާ ދިމާއށެވެ.
"ކީއްކުރަން ތި އުޅެނީ؟" ރަމީޒު ތެޅިގަތެވެ.
"ވާހަކަ ނުދައްކާ އޮވޭ! މިއަދަކު ދެން ސަލާމަތެއް ނުވެވޭނެ." ނަޖީބުގެ އެ ޖުމުލައިގައި ހުރީ ކޮންކަހަލަ އަސަރެއްކަމެއް، ކޮންކަހަލަ ކުލައެއްކަމެއް ރަމީޒަކަށް ވިސްނައެއް ނުގަނެވުނެވެ.
އެމީހުން އޭނާ ގޮވައިގެން ގޮސް އާނުގަނޑު މައްޗަށް އަރައިފި އެވެ. ރަމީޒުގެ ހިތުގެ ބިރުވެރިކަން ވަކިން ބޮޑުވެއްޖެ އެވެ. ހާސްވެ ކަންބޮޑުވިވަރުން ހަޅޭއްވެސް ލަވަންފެށުނެވެ. އެމީހުންގެ އަތްދަށުން ސަލާމަތް ވެވޭތޯ ތެޅި ފޮޅެން ފެށުނެވެ. ދޫކޮށްލުމަށް އެދި އާދޭސް ކުރަންފެށުނެވެ. އެހެންނަމަވެސް އެ ދެމީހުންނަށް އެއަޑު އިވޭހެންވެސް ހީނުވެ އެވެ. އެމީހުންގެ މަޤުޞަދަކީ އާނުގަނޑުގެ ބޭރަށް ރަމީޒު އެއްލައިލުން ކަންނޭނގެ އެވެ. އެދިމާ ވަރަށް ފުނެވެ. އޮއިވަރުވެސް ވަރަށް ގަދަހެން ހީވެއެވެ.
"އާދޭސްކޮށްފައި މިބުނީ. އަހަންނަށް ތިހެން ނުހަދާ! އަހަރެން ދޫކޮށްލާ!" ތެޅި ތެޅި ރަމީޒު އޮތީ ވަރުބަލިބެފަ އެވެ. ދާހިއްލާ ފޯވެފަ އެވެ.
ކުއްލިއަކަށް މުޅި ސަރަހައްދުގައި ގުގުމައިލީ ނަޖީބާއި ހަބީބުގެ ހުނުމުގެ އަޑުފަށްގަނޑެވެ. ރަމީޒުގެ ހަޅޭކުގެ އަޑާއި އާދޭސްތަކުގެ އަޑު ކެނޑިއްޖެ އެވެ. މިހާރު ރަމީޒު އެހުރީ އާނުގަނޑު މަތީގައި ކޮޅަށެވެ. ނަޖީބާއި ހަބީބު އެތަނުގައި ތިނބެ ބިނދެ ބިނދެފައި ހެނީ އެވެ. ރަމީޒަށް ހުރެވުނީ ވާނުވާ ނޭނގިިފައި ހުންނަ ކަހަލަ ގޮތަކަށެވެ. އެކަމަކު މޫނުމަތީގައި އަދިވެސް ހުރީ ބިރުވެރިކަމާއި ހާސްކަމުގެ އަސަރެވެ.
"މީހަކު ބިރުގަންނުވާ ލެވިއްޖެ އިނގޭ!" ހެމުން ހެމުން އައިސް ރަމީޒުގެ އަތުގައި ނަޖީބު ހިފެހެއްޓި އެވެ.
"ފުރަތަމަ ވާހަކަ ދެއްކި މީހާއަށް އޮތް ހުކުމް އެއީ."
ވީގޮތް ރަމީޒަށް އެނގުނީ ދެނެވެ. ހަބީބުގެ އެ ޖުމުލައިންނެވެ. އެއީ އެ ދެމީހުންގެ ލާނެއްކަމުގެ ފުރިހަމަ މިސާލެކެވެ. އެމީހުން ރޭވި ސިއްރު ރޭވުމެކެވެ. ފުރަތަމަ ވާހަކަ ދައްކާ މީހަކު މޫދަށް ލުމެވެ. އެމީހުން ފަހުން އެވާހަކަ ކިޔައިދިނެވެ. ރަމީޒު ބިރުގަތްވަރުން އެމީހުންގެ މަގުޞަދު ރަނގަޅަށް ހާޞިލު ނުކުރެވުނީ އެވެ.
"ކިރިޔައޭ އަހަރެން ބިރުން ހަލާކުނުވީ. ތިކަހަލަ ސަމާސާއެއް ދެން ނުކުރައްޗޭ!" މިހާރު ރަމީޒަށް ވެސް މަޖާ ވެއްޖެ އެވެ.
"އެކަހަލަ މަޖާވެސް ކޮށްލަން ވާނެ. އޭރުންތާ މާލެ ދިޔާމަވެސް އަހަރެމެން މަތިން ހަނދާންވާނީ." އާނުގަނޑުމަތީގައި ހަބީބު ޖައްސައިލި އެވެ. "މައްސަލައަކީ ޝަހާމާ މިތަނަށް ނައިމަ. އޭނަ އައިނަމަ އަދި ވަކިން ފޯރި ގަދަވީސް. ހުންނާނެ ރޮއިލާފަ."
"އާނ، ތިހެން ބުނީމަ މި ހަނދާންވީ." ނަޖީބުވެސް އައިސް ހަބީބުގާތު ޖައްސައިލި އެވެ. ރަމީޒު ހުރީ އެމީހުންގާތު ކޮޅަށެވެ.
"ކޮން ކަމެއް