އޭނާގެ އެންމެ ބޮޑު ސުވާލަކަށް ވެފައި ވަނީ އެ މެސެޖު އޭނާއަށް ކުރި މީހަކާ ބެހޭގޮތުން އުފެދިފައިވާ ސުވާލެވެ.
ހައްޓަށް ނޭވާ ނުފެތޭ ހާލު، ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ، ރަމީޒުގެ ފޯނަށް ފޯނެއް އަތުވެއްޖެ އެވެ. އޭނާ ފޯނުނެގިއެވެ. ގުޅީ އެ މެސެޖުކުރި ނަންބަރުންނެވެ. 
"ތީ ކާކު؟" ފޯނު ނެގިގޮތަށް ރަމީޒަށް ކުރެވުނީ އެ ސުވާލެވެ.
"އާތިފާ." އާތިފާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. 
"އާތިފާއޭ؟"
"އާނ، އާތިފާ."
"ޝަހާގެ އެކުވެރިޔާތަ؟" ރަމީޒަށް ހަމަ ޝައްކުވަނީ އެވެ.
"މެސެޖެއް ލިބުނުތަ؟"
"އާނ އާނ."
"އަޑުއަހައިފިން؟"
"އާނ."
"އެހެންވިއްޔާ ވަށައިގެން އޮތް ތިން ފޫޓަށްވުރެ ދުރު މިހާރު ފެންނަންވާނެ!"
"އެއީ ޑްރާމާއެއްތަ؟ ނޫނީ..."
"ޙަގީގަތް. ގަބޫލުކުރަން ދަތި އެހެނަސް ޙަގީގަތް."
"އެ ވަރުގެ ކަމެއް ތި ކުރީ ކިހިނެއް؟" ރަމީޒުގެ އަޑުގައި އަދިވެސް ތުރުތުރެއް އެކުލެވިފައި އެބަ ހުއްޓެވެ. ވާހަކަ ދައްކާކަށް ވެސް އޭނާއަކަށް ފަސޭހައެއް ނޫނެވެ.
"ކޮންމެ އަނިޔާވެރިކަމަކަށް ވެސް ނިކުމެއް އައުމަށް ކޮންމެވެސް ގޮތެއް މެދުވެރިކުރައްވާނެ. ޝަހާ މިއަދު އަހަންނަށް އެ ވާހަކަތައް ކިޔައިދިނީމަ، އައި ރުޅީގައި އަހަރެން ދިޔައީ ނަޖީބާދިމާއަށް އެއްޗެހިކިޔަން އެގޭދޮށަށް. ދިޔައިރު އޭނާއެއް ނޫޅޭ. އެހެންވެ އަނެއްކާ މިރޭވެސް ދިޔައީ. އޭރު ހަބީބާ ދެމީހުން އެގޭ ބޭރުގައި ހުރި ޖޯލިފައްޗެއްގައި މާ އޮލަ ވާހަކައެއްގައި ތިބިތަން ފެނިގެން އަހަރެން ގޮސް ސިއްރުން އަޑުއެހީ. އެ ވާހަކަތައް އަހަންނަށްވީ ރަނަށްވުރެވެސް އަގުހުރި ވާހަކަތަކަކަށް. އެހެންވެ ފޯނަށް ރެކޯޑުކުރީ."
"އަލްޙަމްދު ﷲ! ﷲ އަށް ޝުކުރު ހުރި." ރަމީޒަށް ލޯ މަރައިލެވުނެވެ. "ވަގުތު ފާއިތު ވުމުގެ ކުރިން އަހަރެން މި އަނދިރިގަނޑުން ނެރެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ!"
"ކޮންތާކު މިހާރު ތިހުރީ؟"
"ދޯންޏަށް އައިސް މި ހުރީ."
"ކިހާއިރަކު ފުރުން އޮތީ."
"ނަޖީބު ބުނި ބާރަޖަހާއިރު ފުރާ ވާހަކަ. އެކަމަކު އަދި އެކަކުވެސް ނާދޭ!" 
"އެއީ ހަމަ ހުސް ދޮގު. ދޯނި ފުރާނީ ފަތިހު. ނަޖީބު ރާވާފައި އޮތީ ރަމީޒު ދޯންޏަށް އަރުވާފައި، ޝަހާއަށް އުނދަގޫ ކުރަން އެގެއަށް ދާން. އޭނާއަތު އެގޭ ތަޅުދަނޑިއެއްވެސް އެބަ އޮތް." މިހާހިސާބުން އާތިފާގެ ފޯނު ކެނޑިއްޖެއެވެ. ފޯނު ނިވުނީކަމެއް ކަނޑައިލީކަމެއް ނޭނގެ އެވެ. 
ރަމީޒަށް ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. ބާރަ ޖަހަނީ އެވެ. އޭނާ ހުރީ ހަދާނޭގޮތެއް ނޭނގިފަ އެވެ. އާތިފާއަށް ގުޅަންވީބާވަ އެވެ؟ ގެއަށް ދާންވީ ބާވަ އެވެ؟ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިފައި ހުރެ އޭނާއަށް ގުޅުނީ އާތިފާއަށެވެ. އެހެންނަމަވެސް ނުގުޅުނެވެ. ފޯނު އޮތީ ނިވިފަ އެވެ.
ރަމީޒަށް ހިނގައިގަނެވިއްޖެ އެވެ. އެއްގަމަށް އެރުމަށެވެ. ދެފައިކޮޅަށް ބާރުލާފަ އެވެ. އެއްގަމަށް އަރައިގެން ދިޔައިރު އޭނާގެ ހިތަށް އަރައެވެ. ބައެއްގެ ނުބައި ރޭވުންތަކެއްގެ ސަބަބުން ޝަހާއަށް މި ދެވުނީ ހާދަ ބޮޑު އަނިޔާއެކެވެ. ހާދަ ބޮޑު ނިކަމެތި ކަމެކެވެ. ހާދަބޮޑު ވޭނެކެވެ. އެއްވެސް އަސްލެއް ހަގީގަތެއް ނެތި އެފަދަ ބޮޑު އިލްޒާމެއް އޭނާގެ ބޮލުގައި އެޅުވުމުން ކިހާ ހިތާމައެއް ކުރާނެ ހެއްޔެވެ؟ ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ އޭނާ ހާދަ އާދޭހެއް ކުރި އެވެ. އެކަމަކު އެއިން އެއްވެސް އަޑެއް ނޭހުނެވެ. ނިކަމެތި ކޮށްލާފައި އާދެވުނީ އެވެ. ރަމީޒުގެ ލޮލުން ކަރުނަ ހިލުނެވެ. 
އެވަގުތު ރަމީޒުގެ ލޮލުގެ ކުރިމައްޗަށް އައީ ހަބީބާއި ނަޖީބުގެ މުޑުދާރު ސޫރަ އެވެ. ގޮތް ނޭނގޭ މީހަކަށް، އެވަރުގެ ބޮޑު އިތުބާރެއް ކުރެވުނީތީ، އަމިއްލަ ނަފުސުވެސް ކުށްވެރި ކުރެވިއްޖެ އެވެ. އެވަގުތު ރަމީޒަށް ދަތްކުނޑި ވިކައިގަނެވުނެވެ. ނުބައި ނުލަފާ ދެ ޝައިތާނެވެ. މިހާރު އެމީހުން ޝަހާގެ ލޭފޮދު ބޮއިލަން އެގެއަށް ނުވަންނަކަމެއް ވެސް ނޭނގެ އެވެ. މިކަން ހިތަށް އެރުމާއެކު ރަމީޒުގެ ފިޔަވަޅަށް އިތުރު ހަލުވިކަމެއް އަތުވެއްޖެ އެވެ. 
ރަމީޒަށް ގޮސް ގެއަށް ވަދެވުނު އިރު، އޭނާ ހުރީ ވަރުބަލިވެފަ އެވެ. އޭނާއަށް ފުރަތަމަވެސް ގޭތެރެއަށް ނަޒަރު ހިންގައިލެވުނީ އެވެ. ނަޖީބު ފެނޭތޯ ކަންނޭނގެ އެވެ. އެހެނަސް އެކަހަލަ އެއްވެސް ނުރައްކަލެއް އަދި ހުރިހެނެއް ހިއެއް ނުވެއެވެ. ގޭތެރެއަށް ވެރިވެފައި ވަނީ ހަމަހިމޭން ކަމެވެ. 
ރަމީޒު މަޑުމަޑުން ގޮސް ކޮޓަރީ ދޮރުގެ ތަޅުގައި ހިފައިލި އެވެ. ހުރީ ތަޅު ނުލަ އެވެ. އޭނާ ވަރަށް ސިއްރުން ދޮރުން ކުޑަ ތަންކޮޅެއް ހުޅުވާލި އެވެ. އެތެރެއަށް ބަލައިލިއިރު ޝަހާމާ އެނދުގައި އޮތެވެ. ނިދާފައި ކަމެއް، ހޭލާކަމެއް ނޭނގެ އެވެ.
ރަމީޒަށް ރަނގަޅަށް ދޮރު ނުލެއްޕެ އެވެ. ބޭރުން ފިޔަވަޅެއްގެ އަޑު އިވިއްޖެ އެވެ. އަޑު އަންނަ ގޮތުން އެނގެނީ އެމީހަކު އެ އަންނަނީ ގެއާ ދިމާއަށް ކަމެވެ. ރަމީޒު އަވަސް އަވަހަށް ފާރުކައިރީގައި ހުރި މޭޒުގެ ތަންދޮށަށް ވަނެވެ. އޭނާއަށް އެތަނުގައި ރަނގަޅަށް ހަމަޖެހިލެވޭވަރު ވެސް ނުވި އެވެ. ގޭ ދޮރު ހުޅުވިއްޖެ އެވެ. ފުރަތަމަ ވަރަށް ކުޑަކޮށެވެ. މަޑުމަޑުން ގޮސް އެއްކޮށް ހުޅުވިއްޖެއެވެ. މީހަކު ވަދެއްޖެ އެވެ. ދޮރު ލައްޕައިފިއެވެ. ރަމީޒަށް ފެންނަނީ އެމީހެއްފައިކޮޅެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
މިހާރު އެމީހަކު އެހުރީ ރަމީޒުގެ ކުރިމަތީގައި ހާމައަށް ފެންނާށެވެ. ރަމީޒުގެ މުޅި ގައިން ހީބިހި ނަގައިގެންފި އެވެ. ހަށިގަނޑު އެކީ އެކައްޗަށް ރޫރޫ އަޅައިގެންފި އެވެ. އެއީ ނަޖީބެއް ނޫނެވެ. އިންސާނެއް ވެސް ނޫނެވެ. ކޮންމެވެސް އެހެން ކަހަލަ މަޚުލޫގެކެވެ. ބިރުވެރި ސިފައަކަށް ހުރި އެއްޗެކެވެ. ޝަހާމާއަށް ކުރީރޭ ފެނުނު އެއްޗަކީ މިއީބާވައެވެ؟ 
ރަމީޒުގެ މޭ ތެޅެނީ އެވެ. އޮބިއޮންނަ ވަރަށްވުރެ މާބާރަށެވެ. އެހެނަސް އެންމެ ސިކުންތަކަށްވެސް އޭތީގެ ހަށިގަނޑުން ރަމީޒުގެ ނަޒަރު ކަސިޔާރުކޮށް ނުލަ އެވެ. އޭތީގެ ކޮންމެ ހަރަކާތަކަށް އޭނާ ވަކިވަކިން ބަލަމުން ގެންދިޔައެވެ. 
އޭތި އެދިޔަގޮތަށް ގޮސް ހުއްޓުނީ ކޮޓަރީ ދޮރު ކައިރިއަށެވެ. އޭތީގެ ހަރަކާތް ހުރިގޮތުން ރަމީޒަށް ޔަގީނާ ގާތަށް އެނގެނީ، އޭތި އެއުޅެނީ ކޮޓަރިއަށް ވަންނަން ކަމެވެ. ކޮޓަރި ހުރީ ތަޅުނުލާކަން ޔަގީނެވެ. ޝަހާމާ އޮތީ ކޮޓަރީގަ އެވެ. އެކަނިމާ އެކަންޏެވެ. އޭތި ކޮޓަރިއަށް ވަދެއްޖެނަމަ..... އެފަކީރުގެ ހާލު......
ރަމީޒަށް ބަލާކަށް ނީދެވުނެވެ. ޝަހާމާއަކީ ކުށެއް ނެތް އަންހެން ކުއްޖެކެވެ. އޭނާގެ ވަފާތެރި، ތެދުވެރި އަނބި މީހާއެވެ. އެފަދަ ހެޔޮލަފާ އަންބަކަށް މިފަދަ ނުރައްކަލެއް ކުރިމަތިވާތަން ދެކެން އިންނަން، ލޯބިވާ ފިރިއަކަށް ކެރޭނެ ހެއްޔެވެ؟
މޭޒު ދަށުން މަޑުމަޑުން ނިކުމެގެން ރަމީޒު ހިނގައިގެންފި އެވެ. އެ ބިރުވެރި އެއްޗާ ދިމާއަށެވެ. އޭނާއަށް އެ ދިމާއަށް އެ ދެވެނީ ޝަހާމާދެކެ އޭނާ ވާ ތެދުވެރި ލޯބީގެ ބާރުގައިކަން ކަށަވަރެވެ. އެހެންނޫންނަމަ އެފަދަ ބިރުވެރި އެއްޗަކާ ކުރިމަތިލާން ކެރޭނީ ކޮން ފަދައަކުން ހެއްޔެވެ؟ 
އޭތި ކޮޓަރީ ދޮރު ހުޅުވައިފި އެވެ. ވަންނަން ހިފާލައިފި އެވެ. ރަމީޒަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ވިދާލި ވިދުވަރެއްހެން ފުންމައިގެން ގޮސް، ފުރަގަހުން އޭތީގެ ކަރުގައި ބައްދައިފި އެވެ. ބެއްދުނުހާ ބާރަކަށެވެ. ބިރެއް ސިހުމެއް ނެތިއެވެ. އޭއްޗަށް ލިބުނީ ކުއްލި ސިހުމެކެވެ. ނޭނގި ހުއްޓާ އެފަދަ ހަމަލާއެއް އައުމުން އަމިއްލަ ނަފުސު ދިފާޢެއް ނުކުރެވުނެވެ. އިދިފުށަށް ކަހަލަ ގޮތަކަށް ވެއްޓިއްޖެ އެވެ. 
ރަމީޒު ހުރީ އެގޮތަށް އެކަން ވާނޭ ކަމަށް ވިސްނައިގެން ނެވެ. އެހެންކަމުން އޭތި ވެއްޓި ތަޅުންގަނޑުގައި ޖެހުނު އިރު ރަމީޒު އިނީ އޭތީގެ މޭމަތީގަ އެވެ. މޭމައްޗަށް އެރީއެއް ނޫނެވެ. ޖެހިގަތީ އެވެ. އެވަގުތު އޭތީގެ ކަރުބުޑުން ނިކުތް ވަރުގަދަ ހަޅޭކެއްގެ އަޑުން މުޅި ގޭތެރެ ގުގުމައިގެންފި އެވެ. 
ކޮޓަރީގައި ކަރުނައިގެ ދާނެއްގައި އޮތް، ޝަހާމާއަށް އިވުނު މި އަޑުފަށްގަނޑާއެކު ފުންމައިގެން ތެދުވެވުނެވެ. އޭނާއަށް ފެނުނީ ކޮޓަރީ ދޮރު ހުޅުވިފައި ހުރި ތަނެވެ. ތަޅާ ފޮޅާ އަޑާއި ބާރު ބާރަށް ނޭވާލާ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރަންފެށި އެވެ. ޝަހާމާއަށް އަވަސް އަވަހަށް ހިނގައިގަނެވުނީ ކޮޓަރީ ދޮރާ ދިމާއަށެވެ. 
ދޮރުމައްޗަށް އެރުމާއެކު ޝަހާމާ ދިޔައީ ސިއްސަިގެންނެވެ. ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. މޭތެޅިގަތެވެ. ހަތަރެސް ފައިން ހީބިހި ނަގައިގަތެވެ. ފުރާނަ ނަގައި އަތަށް ލައިގެންއިންދެ، ރަމީޒު ހަނގުރާމަކުރަމުން އެދަނީ އިންސާނަކާ ނޫނެވެ. އެއީ ކުރީރޭ ގިފިލީ ފާރުމަތިން އޭނާއަށް ފެނުނު ބިރުވެރި ސޫރަކަން ޔަގީނެވެ. 
ރަމީޒު އަދިވެސް އިނީ އޭތީގެ ގައިމަތީގަ އެވެ. ހިފާފައިވަނީ ކަރުގަ އެވެ. އޭތި މަސައްކަތް ކުރަމުން ގެންދިޔައީ ރަމީޒުގެ ކިބައިން ސަލާމަތް ވެވޭތޯ އެވެ. އެހެނަސް އެ ފުރުސަތެއް އޭއްޗަކަށް ރަމީޒެއް ނުދެއެވެ. އޭނާ މަސައްކަތް ކުރަމުން ގެންދިޔައީ އޭތީގެ ބާރު ކަނޑުވައިލެވޭތޯ އެވެ. ބަލިކޮށްލެވޭތޯ އެވެ. އެއްއަތުން ކަރުގައި ހިފައިގެން އިނދެ އަނެއް އަތުން އެތީގެ މޫނުމަތީގައި ވަރުހުރި އެތިފަހަރެއް އަޅާލައިފި އެވެ. އެއާއެކު އަނެއްކައިވެސް ބިރުވެރި އަޑަކުން އޭތި ހަލޭއްލަވައިގެންފި އެވެ. 
މިހާހިސާބުން ރަމީޒަށް ކުއްލިއަކަށް ކޮންމެވެސް ބަދަލެއް އަތުވެއްޖެ އެވެ. ހަރަކާތަށް ކުޑަ ހުއްޓުމެއް އަތުވެއްޖެ އެވެ. އެހެނަސް މިގޮތުގައި ހޭދަވީ ވަރަށް ކުޑަ ހިނދުކޮޅެކެވެ. ކުއްލިއަކަށް ފެނުނީ އެއްލި އެންމެ އަތަކުން، އޭތީގެ މޫނުމަތީގައި ހިފިތަނެވެ. ޝަހާމާއަށް ހުރެވުނީ ބަލާށެވެ. ރަމީޒު ކުރަން އުޅޭ ކަމެވެ. އޭރު އޭތި ވަނީ ވަރަށް ބޮޑަށް ބަލިވެފައިކަން އެނގެ އެވެ. 
ކުއްލިއަކަށް ޝަހާމާއަށް ފެނުނީ އޭތީގެ މޫނުގެ ހަންގަނޑު ރަމީޒު ދަމައިގަތް ތަނެވެ. މިތަން ފެނިފައި ޝަހާމާއަށް ވީ ގޮތްވެސް ނޭނގުނެވެ. ހަޅޭއް ލަވައިގަނެވުނެވެ. ޝަހާ އެތަނުގައި ބަލަން ހުރިކަން ރަމީޒަށް އެނގުނީ ދެނެވެ. 
ނޫނެކެވެ! ނޫނެކެވެ! ރަމީޒަށް އެ ދަމައިގަނެވުނީ އޭތީގެ މޫނުގެ ހަންގަނޑެއް ނޫނެވެ. މޫނުގައި އަޅާފައި އޮތް މާސްކެކެވެ. މިހާރު އެތަނުގައި ފެންނަން އެއޮތީ ބިރުވެރި އެއްޗެއް ނޫނެވެ. އެއީ އިންސާނެކެވެ. ޝަހާގެ ލެޔަށް، ފުރާނައަށް ފެންބޮވައިގެން އުޅޭ މަކަރިވެރި އަނިޔާވެރިޔާ އެވެ. ނަޖީބެވެ. މިމަންޒަރު ރަމީޒަށާއި ޝަހާމާއަށް ފެނުނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ދެމީހުންނަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ރަމީޒުގެ ދެލޯ ބޮޑުވި އެވެ. ޝަހާމާއަށް ޖެހެވުނީ ފަހަތަށެވެ. ލިބުނު ބިރުވެރި ސިފައެއްޖަހާ މާސްކެއް އަޅައިގެން އައިސް ރޭގަނޑު އޭނާ ބިރުގަންނުވާ މި ހަދަނީ ނަޖީބުތާ އެވެ.
ނަޖީބުގެ މޭމަތިން ރަމީޒު ތެދުވި އެވެ. އިރުކޮޅަކު ނަޖީބާ ދިމާއަށް ބަލަން ހުރެފައި ރަމީޒު ނެގީ ފޯނެވެ. ވޮއިސް މެސެޖް ޕްލޭ ކޮށްލި އެވެ. ހަބީބާއި ނަޖީބުގެ މަކަރުވެރިކަމާއި ނުބައިކަމުގެ ވާހަކަތައް ޚުދު އޭނާ އަޑުއަހަމުން ގެންދިޔައީ ލަދުވެތިކަމާއެކުގައި ކަންނޭނގެ އެވެ. 
އިރުކޮޅަކުން ފެނުނީ ރަމީޒު ބޮޑު ރޯނުގަނޑެއް ހިފައިގެން އައި ތަނެވެ. ބަލާކަށް ނުހުރެ ނަޖީބުގެ ހަތަރެސްފައި ވަރުގަދައަށް ބަނދެލައިފި އެވެ. ނަޖީބު ގަދަހެދި އެވެ. އެހެންނަމަވެސް ރަމީޒުގެ ކުރިމަތީގައި އޭނާއަކަށް ފިރިހެންކަމެއް ނުދެއްކުނެވެ. 
ނަޖީބު ބަނދެލުމަށްފަހު ރަމީޒު ބަލައިލީ ޝަހާއާ ދިމާއަށެވެ. ޝަހާމާގެ ދެލޮލުން ކަރުނަ އޮހިގެންފި އެވެ. އޭނާއަށް ރަމީޒުގެ ގައިގައި އޮޅުލައިގަނެވުނެވެ. ދެމީހުން އެއް ހިޔަނީގެ ގޮތުގައި ފަސްވަރަކަށް މިނެޓު ހޭދަވިއިރު، ނަޖީބު އޮތީ މި މަންޒަރު ބަލަން ބޭނުން ނުވެގެން ދެލޯ މަރާ ތަގުޅި ކޮށްގެންނެވެ. 
"އަހަރެންގެ ދުޢާ ﷲ ޢިޖާބަކޮށްދެއްވައިފި." ރަމީޒުގެ ކަންފަތުގައި ޖެހުނީ ޝަހާމާގެ އަޑެވެ. އެއަޑުގައި ތުރުތުރެއް އެކުލެވިފައި ހުރިނަމަވެސް އުފާވެރިކަމުގެ ރަހަ ހުއްޓެވެ. ރަމީޒަކަށް އެއްޗެއް ނުބުނެވުނެވެ. އަނެއްކާވެސް ޝަހާމާގެ ގައިގައި ބައްދާލެވުނީ އެވެ.
ފަތިހުގެ ފިނިކަމުން މުޅި ދުނިޔެ ހީކަރުވައިގެންފައިވާ ވަގުތެވެ. ފުރަން ދިއުމަށްޓަކައި ދަބަސް ހިފައިގެން ރަމީޒު ގެއިން ނިކުތްއިރު، އޭނާގެ ފަހަތުން އެނިކުތީ އޭނާގެ ލޯބިވާ އަންހެނުން ޝަހާމާއެވެ. އެ ދެމަފިރިންގެ އިންތިޒާރުގައި އާތިފާއާއި ހަފީޒާގެ އިތުރުން ޝިހާމުވެސް މަގުމަތީގައި ތިއްބެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަލިކުލައެވެ. 
"އެވަރުގެ ކަމެއް ކުރީމާވެސް ކަމާބެހޭ ފަރާތާ ހަވާލުނުކޮށް އެދެމީހުން ދޫކޮށްލަން ތި ނިންމީ ކީއްވެ؟" އަހައިލި ގޮތުން ޝިހާމަށް އެގޮތް ކަމުދިޔަހެނެއް ހިއެއް ނުވެއެވެ.
"އެމީހަކު ކުރިކަމެއް އޮންނާނީ އެމީހަކަށް. އެމީހުންގެ ސަބަބުން އަހަރެމެންނަށް ވެސް ފައިދާއެއް ކޮށްފި. ދޯ ޝަހާ!"
ޝަހާމާ ބޯ ޖަހައިލީ ހިނިތުންވުމާ އެކުގަ އެވެ.
"ކޮން ފައިދާއެއް؟" ހަފީޒާ ޖެހިލީ ޝަހާމާ ގާތަށެވެ.
"ޝަހާމާއަށް އަހަރެންކުރާ އިތުބާރު އެތައް ގުނައަކަށް އިތުރުވެއްޖެ. މީ ކިހާބޮޑު ފައިދާއެއް. އިރާދަކުރެއްވިއްޔާ މީގެފަހުން އަހަރެމެން ދެމީހުންގެ ދެމެދަށް އެކަކަށްވެސް ނުވަދެވޭނެ." ޝަހާމާ ގެނެސް ގަޔާ ކައިރިކޮށްލަމުން ރަމީޒު ބުންޏެވެ. ޝަހާމާ އުފަލާއެކު ރަމީޒުގެ ކޮނޑުގައި ބޯއަޅައިލި އެވެ. 
"ތި ކޮށްދިން ހެޔޮކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!" އެންމެ ފަހުން ރަމީޒު ސަލާންކޮށްލީ އާތިފާއާ އެވެ. 
"ޗުއްޓީ ލިބޭއިރަށް އާތި މާލެ އަންނަންވާނެ." އާތިފާގެ ގައިގައި ޝަހާމާ ބައްދާލި އެވެ. ދެން ފެނުނީ ރަމީޒާއި ޝަހާމާ ދޯޏަށް އެރިތަނެވެ. އިރުމަތީ ފަރާތް ދޮންކުރަމުން ދިޔައިރު ދޯނި ފަޅުން ނިކުންނަނީ އެވެ. އާދުވަހަކާ ދުނިޔެ ކުރިމަތިލަނީ އެވެ. ރަމީޒާއި ޝަހާމާގެ ހަޔާތުގެ އާ ބާބެއް ވެސް ފެށެނީ އެވެ.

ނިމުނީ

ކޮމެންޓް 0