ޝަހާމާއަށް އަދިވެސް ހުރެވުނީ ހުއްޓުން އެރިގޮތަށް ގުޑުމެއްވެސް އަރުވާލަން ނޭނގިފަ އެވެ. ނަޖީބުގެ މަކަރުވެރިކަމާއި ނުލަފާކަން ހިތަށް އަރާފައި ބުނާނޭ އެއްޗެއް ނޭނގި އާޝޯޚުވެފަ އެވެ. ހިތަށް އެރި އެވެ. ދުނިޔޭގައި މަކަރުވެރި ފިރިހެނުން އުޅޭވާހަކަ އަޑު އަހަމެވެ. އެކަމަކު މިވަރުގެ ކަމެއް ނުދެކެމެވެ.
"މޮޅު ދޯ!" ނަޖީބު އައިސް ޝަހާމާގެ ދިގު، ފަން އިސްތަށިގަނޑުން ބައެއް މޫނު މައްޗަށް ވައްޓާލުމަށްފަހު ގޭން ނިކުތުމަށް ހިނގައިގެންފި އެވެ.
ނަޖީބަށްޓަކައި ޝަހާމާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން އެތައް ގުނައަކަށް އަރައިފި އެވެ. އޭނާގެ ނުބައި ނުލަފާކަން ޝަހާމާއަށް ރަނގަޅަށް ވަޒަން މި ކުރެވުނީ އަދި މިއަދު އެވެ. އެވަރުގެ މީހެއް ކަމަކަށް ކުރިއަކުން އޭނާ ހިޔެއް ނުކުރެ އެވެ. ޔަހޫދީ ކަމާއެކު މީހުންގެ ބޮލުތެރެއަށް އެރެގަނެ ރޭގަނޑު ދުވާލުގެ ސިފައިގައި ދެއްކުމަކީވެސް އޭނާއަކަށް ދަތިކަމެއް ނޫންކަންނޭނގެ އެވެ.
ހާސްވެ ފިކުރު ބޮޑުވިވަރުން އެ ހުރިހާ ވާހަކައެއް އާތިފާއަށް ޝަހާމާ އެދުވަހު ކިޔައިދިނެވެ. އާތިފާއަށް ލިބުނީ ވަރަށް ބޮޑު ޙައިރާން ކަމެކެވެ. ރަމީޒުގެ އެހާ ގާތް ރައްޓެއްސަކަށްވެ ހުރެ، އެގޮތަށް ކަންތައް ކޮށްފާނޭ ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިއެއް ނުކުރެ އެވެ. އެހެންކަމުން އާތިފާ ލަފާދިނީ ލަސްނުކޮށް ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައިދިނުމަށެވެ.
"ތިކަމާ އަހަރެންވެސް އެބަ ވިސްނަން. އެކަމަކު ރަމީޒަށް އަހަރެންގެ ވާހަކަ ގަބޫލު ނުކުރެވިދާނެހެން ހީވާވަރުން........" ޝަހާމާ ހުރީ މުޅިން ގޮތް ހުސްވެފަ އެވެ.
"ކީއްވެ ތިހެންވާންވީ؟ ތީ ރަމީޒުގެ އަންހެނުންނެއްނު." އާތިފާއަކަށް އެގޮތް ކަމަކު ނުދިޔަ އެވެ.
"ތިކަން އެނގެޔޭ. އެކަމަކު މިބުނީ މިއަދުވެސް އޭނާ ވާހަކަ ބަދަލު ކޮށްލިލެއް މޮޅުކަން. އެވަރުގެ މީހަކާ ހަނގުރާމަ ކޮށްގެން ކިހިނެއް ކުރި ހޯދާނީ." ޝަހާމާ ހުރީ މުޅިން އުއްމީދު ގެއްލިފަ އެވެ.
"ޝަހާއަށް ނުކެރެންޏާ މަ ތިކަން ކޮށްފާނަން. މަށަށް ކެރޭނެ ދައްކަން." އާތިފާ ހުރީ އެކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. ހަގީގަތުގައި އެއީ އެހާ އާދައިގެ ގޮތަކަށް ދޫކޮށްލެވޭ ވަރުގެ ކަމެއްވެސް ނޫނެވެ.
"ނޫނޭ! އާތި ދައްކާނެކަމެއް ނެތް."
"އެހެން ވިއްޔާ ޝަހާ ވާނެ މިއަދު ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައިދޭން." އިންޒާރުގެ ރާގުގައި އާތިފާ ބުންޏެވެ. "އަހަންނަކަށް ޝަހާގެ ދިރިއުޅުން ހަލާކުވަމުން ދާތަން ބަލަން ހުންނާކަށް ފަސޭހައެއް ނުވާނެ!"
އެ ވާހަކަތައް ރަމީޒަށް ކިޔައިދޭން އެންމެފަހުން ޝަހާމާ އެއްބަސް ވެއްޖެ އެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިއަކަށް އެކަމަކުން ހަމަޖެހުމެއް ނުލިބެ އެވެ. އެވާހަކަ ދެއްކުމުން ކަންތައް ވާނޭގޮތެއް ނޭނގޭތީ އެވެ. އެވާހަކަތައް ރަމީޒު ގަބޫލުކުރާނެކަމެއް ނޭނގެ އެވެ. ނަޖީބުގާތު އެހުމުން އޭނާ ޖަހާނީ ކޮންކަހަލަ މަޅިއެއް ކަމެއް ވެސް އެނގެނީއެއް ނޫނެވެ.
މާބޮޑަށް ސިކުނޑިއަށް ބުރަވާންފެށުމުން އެންމެފަހުން ޝަހާމާ ނިންމީ ﷲ އަށް ވަކީލުކޮށްފައި ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައި ދިނުމަށެވެ. އިރާދަކުރެއްވިއްޔާ ކުށެއް ނެތް މީހަކަށް ﷲ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ އެވެ. ސިކުނޑީގައި އަބަދުވެސް ބާއްވަންވީ އެއްޗަކީ އެއީ އެވެ. މާޔޫސް ނުވާންވީ އެވެ. ކޮންމެ ކަމެއްވެސް ކުރިމަތިވާނީ އެންމެ ރަނގަޅަށެވެ.
މެންދުރު ކައިގެން ރަމީޒު ދިޔައީ މަސްބާނާށެވެ. ހަބީބާއި ނަޖީބާ އެކުގަ އެވެ. ޝަހާމާގާތުވެސް ދާން ކިޔެވެ. އެހެނަސް އަތިފާ އަންނާނޭ ކިޔާފައި ޝަހާމާ މަޑުކުރީ އެވެ. ދާން ބޭނުން ނުވާތީ އެވެ. އެކަހަލަ ނުލަފާ މީހުންނާއެކު ތަންތަނަށް ދާން ހެޔޮވާނެ ހެއްޔެވެ؟ ދެރައީ ރަމީޒަށް އެވަރު ނުވިސްނޭތީ އެވެ. ދިރިއުޅުމުގައި ހުޅުޖަހާ އަންދަމުން ދާއިރު އެ އުދާސް ކުޑަކޮށްވެސް އިޙުސާސް ނުކުރެވޭތީ އެވެ.
ހަވީރުގެ ވަގުތެވެ. އާތިފާ ގެއަށް ދިޔުމުން ޝަހާމާ މަޑުކޮށްލައިގެން އިނީ ބޭރު ޖޯލިފަތީގަ އެވެ. ރަމީޒުގެ އިންތިޒާރުގަ އެވެ. މިހާރު ދެފަހަރަކަށް ގުޅާވެސް ލެވިއްޖެ އެވެ. ކޮންމެ ފަހަރަކުވެސް މިއަންނަނީއޭ ބުނެއެވެ. ރަމީޒު ހުރީ އަންނަން ބޭނުން ވެފަ އެވެ. ނަޖީބުމެންގެ ސަބަބުން ނާދެވިގެން އުޅެނީ އެވެ.
ރަމީޒު ގެއަށް އައި އިރު ހަވީރު ހަތަރެއް ޖަހާ ބޮޑުވެއްޖެ އެވެ. ފެންވަރާލައިގެން ދެމީހުން ޖައްސާލީ ކޮޓަރީގަ އެވެ.
"ކޮންއިރަކުން ސައި ބޯން ދާނީ؟"
"ތަންކޮޅެއް ލަސްކޮށްލާފަ ދާނީ. އަނެއްކާ ޝަހާ މާ ބޮޑަށް ބަނޑުހައި ވީތަ؟"
"އުނހު. ރަމީޒު ބަނޑުހައި ވެފައި ހުރެދާނެހެން ހީވާތީ."
ޝަހާމާގެ މޫނުމައްޗަކުން އުފާވެރިކަމެއް، ހިތްހަމަޖެހުމުގެ ކުލައެއް އެއްވެސް ވަރަކަށް ރަމީޒަކަށް ނުފެނެ އެވެ. އެހެންކަމުން ރަމީޒު ގަސްދުކުރީ ކޮންމެވެސް ގޮތަކުން ޝަހާމާ ހެއްވާލެވޭތޯ އެވެ. ހުނުމަކީ ބައެއް ފަހަރު، ބައެއް ކަހަލަ ކަންކަމަށް، މޮޅު ހަކީމީ ބޭހަކަށްވުރެވެސް އަގުހުރި ފަރުވާ އެކެވެ.
ނަޖީބު އޮތީ އޭނާ ނިދާ ކޮޓަރީގަ އެވެ. އެކޮޓަރީގައި އޮންނައިރު، ރަމީޒާއި ޝަހާމާ ދައްކާ ވާހަކަ މުޅިން ސާފު ނުވިޔަސް އަޑުއިވެ އެވެ. އެއްފަހަރަކު ޝަހާމާ ހީލި އަޑު އިވުމާއެކު، ނަޖީބުގެ ހަތަރެސްފައިން ހީބިހި ނަގައިގަތެވެ. ދެއަތް މުށްކަވާލެވުނީ ބޭއިޚުތިޔާރުގަ އެވެ. މޫނުމައްޗަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔަ އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ފެނުނީ އެ ނުތަނަވަސްކަމުގެ ތެރެއަށް ނުރުހުމާއި ރުޅިވެރިކަން އަތްގަދަކުރަން ފެށިތަނެވެ. އޭނާއަށް ނުލިބުނު ނަސީބެއް އެހެންމީހަކަށް ލިބެމުންދާތީ، އެކަމުގެ ހަސަދަ ހުޅުފަޅައިގެން ދާންފެށި ކަހަލައެވެ.
އިރުކޮޅަކުން ފެނުނީ ނަޖީބު ފުންމައިގެން އެނދުން ތެދުވިތަނެވެ. އޭރު އޭނާގެ މޫނުމަތިން ވަނީ ދާކިތައް އުފުލެން ފަށާފަ އެވެ. ދެއަތުން މޫނު ފޮހެލަމުން އޭނާ ހިނގައިގަތީ ދޮރާ ދިމާއަށެވެ. ބާރުބާރަށެވެ. ހީވަނީ އައިސްފައި ހުރި ރުޅިއެއްގެ ގަދަކަމުން އެއްޗެހިތަކެއް ފުނޑު ފުނޑު ކޮށްލަން ހިނގައިގަތް ހެންނެވެ.
"ކާކު ނިކުމެގެން ދިޔަ އަޑެއް އެ އިވުނީ؟" ޝަހާމާ ބަލަންފެށީ ކޮޓަރީ ދޮރާ ދިމާއަށެވެ.
"ފުރޭތަ އަރަނީ ކަންނޭނގެ." ރަމީޒު ހިނިގަނޑެއް ޖަހައިލި އެވެ. ޝަހާމާގެ މޫނުމަތިން ނުތަނަވަސްކަމުގެ އެއްވެސް ކުލައެއް ފެންނާކަން ރަމީޒު ނޭދެ އެވެ.
"ހޫނ. ދެން ރަމީޒު..." ޝަހާމާއަށް ބޭއިޚުތިޔާރުގައި ރަމީޒާ ގާތްވެލެވުނެވެ.
"ސާބަހޭ! އެއީ ނަޖީބޭ." ޝަހާމާގެ ގައިގައި ބައްދާލަމުން ރަމީޒު ހީލިއެވެ.
ނަޖީބުގެ ނަން ބުނުމާއެކު ޝަހާމާގެ މޫނުމަތީގައި ޖެހުނީ މުޅިން ތަފާތު ކުލައެކެވެ. ހިތަށް ވެރިވެގެން ދިޔައީ އިތުރު ނުތަނަވަސްކަމެކެވެ. ފާޑަކަށް ބޮލުގައި ވެސް ރިއްސަން ފަށައިފި އެވެ. ހިތަށް އެރި އެވެ. މި ނަޖީބެއްގެ ކަންތައް މަށަށް ދެން ހާދަ ބޮޑުވެއްޖެ އެވެ. މިކަމަކުން ސަލާމަތެއްވެސް ނުވެވުނެވެ. ހައްތާ ވަނީ ގާތެވެ. އާތިފާ ބުނިގޮތް ހަދަންވީ އެވެ. ލޯ މަރާލާފައި ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައިދޭންވީ އެވެ. މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތެވެ.
"އެބަ އަންނަން ފާޚާނާއަށް ވަދެލާފައި." ޝަހާމާ ވާހަކަ ފަށާނޭ ގޮތަކާމެދު ވިސްނަން އިންދާ، ރަމީޒު އެނދުން ފައިބައިގެން ހިނގައިގެންފި އެވެ. ޝަހާމާ ހަމަޖެހިލި އެވެ. އެކަމަށް ހިތާއި ނަފުސު ތައްޔާރުކޮށްލަން ރަނގަޅު ފުރުޞަތެއް ލިބުނުކަމަށް ނިންމައިގެންނެވެ.
ހަމަ އެވަގުތެވެ. ހަބީބުމެންގެއާ ދިމާ މަގުމައްޗެވެ. ނަޖީބާއި ހަބީބު ތިބީ ކޮންމެވެސް ވާހަކައެއްގަ އެވެ. ދެމީހުންގެ މޫނުމައްޗަށް އަންނަމުން ދިޔަ ބަދަލުތަކާއި، ހަރަކާތްތަކުން އެނގެނީ، އެ މީހުން އެ ތިބީ ވަރަށް މުހިންމު ވާހަކައެއްގައި ކަމެވެ. އެހެނަސް މާގިނައިރަކު އެ ވާހަކައިގައި ތިބޭކަށް އެމީހުން ނުހެދި އެވެ. ދެމީހުންނަށް އެއްބަސްވުމަކަށް އާދެވުނީކަންނޭގެ އެވެ. ނަޖީބު އަތް ދިއްކޮށްލުމާއެކު އެއަތުގައި ހަބީބު ޖަހައިލައިފި އެވެ. އޭރު އެ ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ސިއްރުން ފެރިގެންވާ ހިނިތުންވުމެއްގެ ކުލަވަރެވެ. ކޮންމެވެސް މަކަރުވެރި ރޭވުމެއް ރާވައިލީހެން ހީވެއެވެ.
ރަމީޒު އައިސް ކޮޓަރިއަށް ވަންއިރު ޝަހާމާ އޮތީ އެނދުގަ އެވެ. އޭނާ މިހާރު އެއޮތީ އޭނާ ދައްކަން އެ އުޅޭ ވާހަކައަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. މިއަދު އޭނާ ހުރިހާ ވާހަކައެއް ރަމީޒަށް ކިޔައިދޭނެ އެވެ. އެކަމުގައި އޭނާއަށް ކާމިޔާބު ލިބުނަސް ނުލިބުނަސް ރަމީޒަށް އެހުރިހާ ވާހަކައެއް މިއަދު ކިޔައިނުދީ އޭނާ ކޮޓަރިއަކުން ނުނިކުންނާނެ އެވެ.
ޝަހާމާ ހަމަޖެހިލި އެވެ. ފުން ނޭވާއެއް ދޫކޮށްލި އެވެ. ހިތްވަރު ލިބިގަތުމަށްޓަކައި ހިން ދިރުވައިލި އެވެ. އެއަށްފަހު ރަމީޒާ ގާތްވެލި އެވެ. ޝަހާމާއަށް ވާހަކަ ފެށޭވަރެއް ނުވި އެވެ. ރަމީޒުގެ ފޯނެއް އަތުވެއްޖެ އެވެ. ރަމީޒު ފޯނުނެގި އެވެެ.
"ހަބީބު އެ ގުޅަނީ." ރަމީޒު ފޯނު ނަގައި ކަންފަތުގައި ޖައްސާލި އެވެ.
"ހަލޯ"
"މީ ހަބީބޭ. ކޮންތާކު ތި އުޅެނީ؟"
"ކިހިނެއްވީ؟ ހާދަ ހާސްވެފަ."
"ވަރަށް އަވަހަށް ބައްދަލުކޮށްލަން ބޭނުންވެގެން މި އުޅެނީ."
"މިހާރު؟" ރަމީޒު ބަލައިލީ ޝަހާމާގެ މޫނަށެވެ. ޝަހާމާ އިނީ ރަމީޒާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަނެއްކާވެސް ދާންޖެހުނީހޭ އަހައިލާ ކަހަލަ ބެލުމެކެވެ.
"ރަނގަޅީ މިހާރު."
"އަނެއްކާ ކިހިނެއްވީ؟ ސުރުޚީ އަޅާލަބަލަ!"
"ފޯނަކީ ކޮންމެ ކޮންމެ ވާހަކައެއް ދައްކަން ހުންނަ އެއްޗެއް ނޫނެއްނު. އައިސްބަލަ އަހަރެމެން ގޭދޮށަށް!"
"ކޮބާ ނަޖީބު؟"
"އޭނަ ވީތަނެއް މަށަކަށް ނޭނގެ."
"އާނ، މިދަނީ." ރަމީޒު ފޯނު ކަނޑައިލި އެވެ. "ހަބީބު އެގުޅީ. ވަރަށް އަވަހަށް އެގޭ ދޮަށަށް އައިސްބަލާށޯ! ހިނގާ ޖައްސާލަން." ޝަހާމާގެ އަތުގައި ހިފަމުން ރަމީޒު ބުންޏެވެ.
"ރަމީޒު ގޮސްފައި އާދޭ! އަހަރެން ކޮޓަރިތެރެ ރީތިކޮށްލަން މަޑުކޮށްލާނަން." ޝަހާމާ ތެދުވި އެވެ. ހަބީބަކީ ނަޖީބުގެ "އަޚެ"ކެވެ. އެހެންކަމުން ހަބީބަކާވެސް ވާހަކަދައްކާހިތެއް ޝަހާމާ ނުވެއެވެ.
"އެހާ ލަސްނުވައްޗޭ!" ރަމީޒު ހިނގައިގަތުމުން ޝަހާމާ ބުންޏެވެ.
ޝަހާމާގެ މޫނަށް ބަލައިލުމަށްފަހު ހިނިތުންވެލަމުން ރަމީޒު ބޯ ޖަހައިލި އެވެ. އެއަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ނަޖީބު ނިދާ ކޮޓަރި ބަލައިލި އެވެ. ދެފަހަރަކު ނަޖީބަށް ގޮވައިލި އެވެ. ރަމީޒު ގަސްދުކުރީ ނަޖީބު އުޅެންޏާ ގޮވައިގެން ދާށެވެ. އެހެންނަމަވެސް އެ ކޮޓަރިއަކު ނަޖީބެއް ނެތެވެ.
ރަމީޒު ދިޔައިރު ހަބީބު ހުރީ އޭނާގެ އިންތިޒާރުގައި ނިކުމެ މަގުމަތީގަ އެވެ. ރަމީޒު ދިޔުމާއެކު އޭނާ ހިނގައިގަތީ މަގު އޮތްގޮތަށް ހުޅަނގަށެވެ. ރަމީޒުގާތު އަންނާށޭ ކިޔާފަ އެވެ. ހަބީބުގެ މޫނުމަތިން ރަމީޒަށް ފާހަގަކުރެވުނީ ވަރަށް ތަފާތު ކުލައެކެވެ. ކަމަކާ ވަރަށް ފިކުރު ބޮޑުވެފައި ހުރިހެން ހީވެއެވެ.
"ކޮންތާކަށް މިދަނީ؟" ތަންކޮޅަކަށް ގޮސްފައި ރަމީޒު އަހައިލި އެވެ. އޭނާ ހުރީ ސުވާލު އުފެދިފަ އެވެ.