"އާނ، ތިހެން ބުނީމަ މި ހަނދާންވީ." ނަޖީބުވެސް އައިސް ހަބީބުގާތު ޖައްސައިލި އެވެ. ރަމީޒު ހުރީ އެމީހުންގާތު ކޮޅަށެވެ.
"ކޮން ކަމެއް ހަނދާންވީ؟" ރަމީޒު އަހައިލި އެވެ. 
"ޝަހާ ހާދަ ފާޑަކަށް މިއަދު އެ އިންނަނީ. އަނެއްކާ ގޯހެއް ހެދީތަ؟" 
"އާނ. ތި ވާހަކަ އަދި ނަޖީބުގާތު ބުނަންވެސް އެބަޖެހެއޭ." ރަމީޒުވެސް އެމީހުންގާތު ޖައްސައިލި އެވެ. "އެނގޭތަ؟ ނަޖީބު ރޭ ކިޔައިދިން ވާހަކަތަކެއްގެ ސަބަބުން އެފަކީރު ހާދަ ހާލެއްގައޭ ރޭ އުޅުނީ. ބިރުވެރި ހުވަފެން ފެންނަވަރުން ނިދޭވަރުވެސް ނުވި."
"ދޮގުނަހަދާ!"
"ހަމަތެދެއް."
"މުޅިން ގޯހެއްނު. އެހެންވެ ދޯ މާ ފާޑަކަށް އެއިންނަނީ؟" 
"އާނ. މިހާރު އެބަ ހިތަށް އަރާ ބޮޑުދައިތަގެއަށް ބަދަލުވާންވީއޭވެސް." 
"އާނ، މާ ބިރުން އުޅެންޏާ ދެން އޮތީ ތިގޮތް." ރަމީޒުގެ ބަހަށް ނަޖީބު ތާޢީދު ކުރި އެވެ.
"އެކަމަކު އަދިވެސް އަހަރެން އުޅެން ބޭނުންވަނީ އެގޭގައި. ޗުއްޓީއެއްގެ މަޖާކަން ބޮޑަށް އިޙުސާސްވާނީ މިނިވަން މާޙައުލެއްގައި އުޅެލީމައެއްނު. ކީކޭ ހަބީބު ބުނަނީ؟" ހަބީބާ ދިމާއަށް ރަމީޒު ބަލައިލި އެވެ.
"ރަނގަޅު ވާހަކައެއް ތީ. އެބައޮތް ގޮތެއް." ޚިޔާލެއް ދޭން ހަބީބު ގަސްތުކުރި އެވެ. 
"ކޮން ގޮތެއް؟"
"ނަޖީބު މިދުވަސްކޮޅު އެގެއަށް ނިދުން ބަދަލުކޮށްލަންވީނު. އިތުރު މީހަކު ގޭގައި އޮންނަންޏާ ޝަހާއަށް ލިބޭ ހިތް ހަމަޖެހުން ތަންކޮޅެއް ބޮޑުވާނެހެން މަަށަށް ހީވަނީ." ބޮލުގައި އޮތް ތޮފި ހެޔޮކޮށްލަމުން ހަބީބު ބުންޏެވެ.
"ތީ ވަރަށް ރަނގަޅު ޚިޔާލެއް." ރަމީޒު ބަލައިލީ ނަޖީބުގެ މޫނަށެވެ. 
"އެކަމަކު އޭރުން ތިދެމަފިރިންގެ މިނިވަން ކަމަކަށްނު ހުރަސް އެޅޭނީ." ނަޖީބު އެއުޅެނީ ގަދަކުރަން ކަންނޭނގެ އެވެ.
"ދައްކާ ވާހަކަ! ނަޖީބު ކަހަލަ ގާތް އެކުވެރިއަކު ގޮސްގެން އަހަރެމެންގެ މިނިވަންކަމަށް ކޮން ހުރަހެއް އެޅޭނީ؟"
"މިހާރު ބުނާނެ ތިހެން. މާދަމާ ބުނާނެ، ނަޖީބާހެދި އަހަރެމެންގެ ދިރިއުޅުން ހަލާކުވެއްޖޭ." ނަޖީބު ޖަހައިލީ ހިނިގަނޑެކެވެ. 
"މާ ގިނަ ވާހަކަ ދައްކާނެކަމެއް ނެތް. މިރެއިން ފެށިގެން އަހަރެމެންގެ އަށް ނިދުން ބަދަލުކުރޭ!"
"ހުކުން އިއްވީ ދޯ!" ރަމީޒާ ދިމާއަށް ހަބީބު އަތް ދިއްކޮށްލި އެވެ. އެ އަތުގައި ރަމީޒު ޖަހައިލި އެވެ.
"ކީކޭ؟ ނަޖީބު މިރޭ މިގެއަށް ނިދަން އަންނަނީއޭ؟" ޝަހާމާއަށް ފާޑަކަށް ތެޅެގަނެވުނެވެ. 
"އާނ. ޝަހާ ބިރުން އުޅޭތީ ހިތަށް އެރީ، އިތުރު މީހަކު ނިދަން އަންނަންޏާ ތަންކޮޅެއް ރަނގަޅުވާނޭ."
ޝަހާމާ ބޭނުންވީ އެކަމަށް އިންކާރު ކުރާށެވެ. ކަނޑައެޅިގެން ދެކޮޅު ހަދާށެވެ. ނަޖީބު ގެއަށް ގެނެސް އެހާ ގާތްކުރާކަށް އޭނާ އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއެވެ. އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް މިނިކާވަގެކެވެ. އޭނާ ހުންނާނީ ބަލަބަލަ އެވެ. ކިތަންމެ ކުޑަކުޑަ ފުރުސަތެއް ލިބުނަސް އަރައިގަންނާނެ އެވެ. ނޮޅައިލާނެ އެވެ. ކަށިކޮޅާއެކު ހަފާ، ކައިލާނެ އެވެ. 
ރަމީޒަށް އޭނާގެ ޙަޤީޤަތް ނޭނގެނީ އެވެ. އެނގޭނެނަމަ ޖެހިލުންވާނެ އެވެ. ބިރުގަންނާނެ އެވެ. އެއްމަގަށް އަރަންވެސް ނުކެރޭނެ އެވެ. އެއީ އަހަރެމެންގެ ޙަޔާތަށް ހުރި ބިރެއްކަން ރަމީޒަށް ވިސްނޭނެނަމަ ކޮންފަދަ ހެއްޔެވެ؟ ނަޖީބާ ދޭތެރޭ ރަމީޒު ދެކޭލެއް ރަނގަޅުކަމުން، އޭނާގެ ޙަޤީޤަތް ހާމަކުރުމަށް ހަލުވާލަން އޮތް، ޝަހާމާގެ ދުލުގައި ވަނީ ވަރުގަދަ ތަޅެއް އެޅުވިފަ އެވެ. 
މެންދަމުގެ ހަމަހިމޭން ވަގުތެވެ. މިރޭވެސް ޝަހާމާ އެއޮތީ ނުނިދިފަ އެވެ. ކުރީރެއާ ޚިލާފަށް މިރޭ އޭނާގެ ސިކުނޑިއަށް ދެ ބިރެއް ވަނީ ސަވާރުވެފަ އެވެ. މިގެއާ ގުޅިފައިވާ ރޫޙާނީ ބިރުވެރިކަމާއި އެއަށްވުރެ ނުބައި މީހަކު ގޭގައި ބާއްވައިގެން ނިދަން ޖެހުނުކަމުގެ ބިރެވެ. އެހެންކަމުން ރަމީޒު ނިދާ މަރުވިއިރު ވެސް ޝަހާމާގެ ލޮލަކަށް ނިދީގެ ކުޑަ ކުޑަ ކަންފުޅެއްވެސް ވެރިއެއް ނުވި އެވެ. 
ގަޑިން ދޭއް ޖަހައިފި އެވެ. ކުއްލިއަކަށް ޝަހާމާގެ ކަންފަތުގައި ޖެހުނީ އާދަޔާޚިލާފު އަޑެކެވެ. ހީވީ ކޮންމެވެސް އެއްޗެއް ތަނެއްގައި ވަކި އަޅުވާ ދަމައިގަތް ހެންނެވެ. ހަމަ އެންމެ ފަހަރަކު އެވެ. އަޑު އައީ ކޮން ދިމާއަކުން ކަމެއް އޭނާއަކަށް ލަފާކޮށްލާކަށް ވެސް ނޭނގުނެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން ވީގޮތެއް ކަންނޭނގެ އެވެ. 
ޝަހާމާއަށް އޮވެވުނީ ދެލޯ ބޮޑުކޮށްގެން އެކި ދިމަދިމާއަށް ކަޅި ހޫރަ ހޫރަ އެވެ. ރަމީޒަށް ގޮވަންވީއޭ ހިތަށް އަރާފައި ބަލައިލިއިރު، އޭނާ ނިދާފައި އޮތްލެއް އަރާމުކަމުން އުނދަގޫ ކުރާކަށް ނުކެރުނެވެ. މިއަދު ދަތުރު ގޮސް ތެޅި ތެޅި އޭނާ އޮންނާނީ ނުލާހިކު ވަރުބަލިވެސް ވެފަ އެވެ. އެހެންކަމުން ޝަހާމާއަށް ކުރެވުނު ކަމަކީ ރަމީޒާ ވީހާވެސް ގާތަށް ޖެހުމެވެ. އެހެނަސް ދެލޯ މަރާކަށް ނުކެރުނެވެ. 
ޝަހާމާ އޮތީ ބިރުން ކުރާނޭ ކަމެއް ނެތިފަ އެވެ. އެކިކަހަލަ ވަސްވާސްތަކުން އޭނާގެ ސިކުނޑި ވަނީ ބަރުވެފަ އެވެ. އެކި ފަހަރު އޭނާއަށް ހީވަނީ އެކި ގޮތަށެވެ. ކަޅު ހިޔަންޏެއްގެ ސިފައިގައި ކުރިމަތިން މީހަކު ހުރަސްކޮށްލާހެން ހީވެދާނެ އެވެ. ކަންފަތް ދޮށުގައި މީހަކު ވައި އަޑުން އެއްޗެއް ބުނާހެން ވެސް ހީވެދާނެ އެވެ. ފިނިފިނި އަތަކުން ހަށިގަނޑުގެ ކޮންމެވެސް ތަނަކު ބީހިލާހެން ހީވެދާނެއެވެ. އެއްވެސް މީހަކު ފެންނާކަށް ނުހުރެ އެވެ. 
މިފަދަ ޙާލެއްގައި އެފަކީރު އޮއްވާ ކުއްލިއަކަށް މުޅި ގެއިން އެ ދިޔައީ ކަރަންޓެވެ. ކެތް ކޮށްގެން ވެސް އޮވެވުނީ އެހާތަނަށެވެ. ދެނެއް ނޯވެވުނެވެ. އަޑުގައި ނެތް ތަނަށް ހަޅޭއް ލަވައިގަނެވިއްޖެ އެވެ.
"ކިހިނެއްވީ؟" ރަމީޒަށް ސިހިފައި ހޭލެވިއްޖެ އެވެ.
"ކަރަންޓު...... ކަރަންޓު...... ދިޔައީ." ޝަހާމާ އޮތީ ރަމީޒުގެ މޭގައި މޫނު ޖައްސާ ބާރުކޮށްގެން ދެލޯ މަރާ ފިއްތައިގެންނެވެ. 
"ޝަހާ! ހަމަޖެހިބަލަ! ކަރަންޓެއް ނުދޭއޭ. އެހެރީ ބޮކިވެސް ދިއްލިފައެއްނު. ފަންކާވެސް އެހެރަ އެނބުރެނީނު." 
ޝަހާމާ ބޯ އުފުލައިލި އެވެ. ދެލޯ ހުޅުވާ މައްޗަށް ބަލައިލި އެވެ. އާއެކެވެ. ރަމީޒު އެބުނީ ތެދެކެވެ. ކަރަންޓެއް ނުދެއެވެ. ބޮކި އެހެރީ ދިއްލިފަ އެވެ. ފަންކާވެސް އެބަ އެނބުރެ އެވެ. ދެން އެވީ ކިހިނެއް ބާވަ އެވެ؟ ދެންމެ ބޮކިވެސް ނިވުނެވެ. ފަންކާވެސް ނިވުނެވެ. ހަމަ ޔަގީނެވެ. އޭނާއަށް އެހާ ބާރަށް ހަޅޭއް ލަވައިގަނެވުނީ އެހެން ވެގެންނެވެ. ޝަހާމާއަށް އިނދެވުނީ، ބުނާނޭ އެއްޗެއް ނޭނގިފަ އެވެ. އެހެނަސް ހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމަކަށް ލުޔެއް ނުލިބެ އެވެ. 
"އަހަރެން ހާދަ ބިރެއް ގަތޭ. އެކަމަކު ރަމީޒަށް ހޭލެވުނު އިރު ކަރަންޓު ހުރި." ޖެހިގެން އައި ދުވަހު އާތިފާ އައުމުން ޝަހާމާ އެވާހަކަތައް ކިޔައިދިނެވެ. އާތިފާވެސް އެވާހަކަތައް ގަބޫލު ކުރާކަށް ބޭނުމެއް ނުވި އެވެ. އޭނާވެސް ބުނީ ހަމަ ރަމީޒު ބުނި ކަހަލަ އެއްޗެކެވެ. މާ ބޮޑަށް ބިރުން އުޅޭތީ ހީވާ ގޮތެއް ކަމަށެވެ. 
މެންދުރު ފަހުގެ ވަގުތެވެ. ގެއިން ނިކުމެގެން ރަމީޒު ހިނގައިގަތީ މިސްކިތާ ދިމާއަށެވެ. ޝަހާމާ އުޅެނީ ކޮޓަރީގަ އެވެ. ކޮޓަރި ތަރުތީބުކޮށް ކުނިކަހާ ކަންކަން ކުރުމުގަ އެވެ. އެނދު ތަންމަތި އަޅާލުމަށްފަހު އޭނާ ހިނގައިގަތީ މޭޒާ ދިމާއަށެވެ. އެތަނުގައި ހުރި، ރީތިވާ ސާމާނު ތަރުތީބު ކޮށްލުމަށެވެ. މި ކަންކަމުގައި އޭނާ ހަރަކާތްތެރިވަމުން އައި ނަމަވެސް އޭނާ ހުރީ މުޅިން ހަމަޖެހިފައެއް ނޫނެވެ. އެކަނި މާއެކަނި ގޭގައި ވަގުތު ހޭދަކުރާކަށް އޭނާއަކަށް އެހާ ފަސޭހައެއް ނޫނެވެ. 
މޭޒުމަތި ފޮހެލުމަށްފަހު ފުޅި ތަކާ އެއްޗެހި ތަރުތީބު ކުރަން ފެށިތަނާ، ކޮންމެވެސް މީހަކު ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑު އިވިއްޖެ އެވެ. ޔަގީނެވެ. އާތިފާ އައީ އެވެ. ދެންމެ ގުޅާފައި، އިރުކޮޅަކުން އެބަ ދަމޭ އޮތީ ބުނެފަ އެވެ. ޝަހާމާ ހުރީ އާތިފާ އަންނާނޭ އިރެއްގެ އިންތިޒާރުގަ އެވެ. 
"މަޑުކޮށްލާ! މި ހުޅުވަނީ." ޝަހާމާ އަވަސް އަވަހަށް ދޮރާ ދިމާއަށް ހިނގައިގަތެވެ. 
ދޮރު ހުޅުވާލުމާއެކު ޝަހާމާއަށް ލިބުނީ ވަރަށް ބޮޑު ސިހުމެކެވެ. ތަޅުންގަނޑުގައި ދެފައި ތަތްވި ކަހަލަ އެވެ. ވާނީވެސް އެހެންތާ އެވެ. ކުރިމަތީގައި އެހުރީ އޭނާގެ ލެޔަށް ފެން ބޮވައިގަނެގެން އުޅޭ ނަޖީބެވެ. 
"ހާދަ ވަރަކަށް ތި ސިހުނީ." ނަޖީބުގެ ތުންފަތް މަތީން ފާޅުވާން ހުރީ މަކަރުވެރިކަމުގެ ކުލައިން ކަޅިވެފައިވާ ނުލަފާ ހިނިތުންވުމެކެވެ. އެ ހިނިތުންވުން އިސާހިތަކު އޭނާގެ މުޅި މޫނަށް ފެތުރިއްޖެ އެވެ.
"ކި... ކީއް....ކީއް....." 
"ކޮން ކި.... ކި....ކީއެއްތަ؟" ކަންބޮޑުވިލެއް ބޮޑުކަމުން ޝަހާމާއަށް އެއްޗެއް ނުވެސް ބުނެވިގެން އުޅެނިކޮށް ނަޖީބު ފަށައިގަތެވެ. މަލާމާތުގެ ފާޑަކަށެވެ. ދަށް ކޮށްލުމުގެ އުޞޫލުންނެވެ.
ޝަހާމާ އުޅުނީ އަވަސް އަވަހަށް ކޮޓަރީ ދޮރު ލައްޕާށެވެ. އެހެންނަމަވެސް އެކަމެއް އޭނާއަކަށް ނުވި އެވެ. ދޮރުފަތުގައި ނަޖީބު ހިފެހެއްޓީ ފިސާރި ފިރިހެން ކަމާއެކުގަ އެވެ.
"ކީއްކުރަން ތި އުޅެނީ.........؟" ނަޖީބު ނުލަފާ ފާޑަކަށް ހިނިގަނޑެއް ޖަހައިލި އެވެ."ތީތަ މަށާދޭތެރޭ ކަންތައްކުރަން ރަމީޒު އަންގާފަ އޮތް ގޮތަކީ؟"
"ރަމީޒެއް ނެތޭ ގެއަކު. ހެޔޮނުވާނެ! އިހަށް މިތަނުން ގޮސްބަލަ!" ހާސްވެ ކަންބޮޑުވިލެއް ބޮޑުކަމުން ޝަހާމާއަށް އާދޭސް ކުރަން ފެށުނެވެ.
"އެނގެޔޭ. ތިކަން އެނގިގެންނޭ މިއައީވެސް. އޭނާ މިސްކިތަން އެރިތަން ފެނިފައި ޗާންސްގެ ބޭނުން ހިފާށޭ މިއައީ."
ޝަހާމާ ދޮރު ލެއްޕޭތޯ މަސައްކަތް ކޮށްކޮށް ހުއްޓާ ގަދަ ބާރުން ނަޖީބު ކޮޓަރިއަށް ވަދެއްޖެ އެވެ. 
"ހަމަ މިހާރު މިކޮޓަރިން ނިކުމޭ!"
"އަމުރު ކުރަނީތަ؟" ނަޖީބު ކުއްލިއަކަށް ހިފީ ޝަހާމާގެ އަތުގަ އެވެ. "މަށަށް އަމުރުކުރަން ކަލޭ ތީ ކާކު؟ މީ ރަމީޒެއް ނޫނޭ!" ޝަހާމާ ގަދަ ދައްކަ ދައްކާ ހުއްޓާ، ގެނެސް ގައިގައި ފާޑަކަށް ލައްކޮށްލައިފި އެވެ. 
ޝަހާމާ މަސައްކަތް ކުރަމުން ގެންދިޔައީ ނަޖީބުގެ އަތްދަށުން މިންޖުވެވޭތޯ އެވެ. އެހެނަސް ނަޖީބު އެއަށްވުރެ މާ ބާރުގަދަ އެވެ. ޝަހާމާ ތެޅި ތެޅި ހުއްޓާ، އަތުގައި ހިފާ ދަމާ ކަހާފައި ކަހަލަ ގޮތަކަށް ގެންގޮސް އެނދުމައްޗަށް ވައްޓާލައިފި އެވެ. އިދިފުށަށް ކަހަލަ ގޮތަކަށެވެ. ޝަހާމާއަށް ރޮވޭގޮތް ވެއްޖެ އެވެ. ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އޭނާ ވަގުތުން ފުންމައިގެން ތެދުވެއްޖެ އެވެ. އުޅުނީ ދޮރާދިމާއަށް ދުއްވައި ގަންނާށެވެ. އެހެނަސް އެކަމެއް ނުވި އެވެ. ނަޖީބު އޭނާގެ މަގަށް ހުރަސް އެޅުމުންނެވެ. 
"އަދިވެސް މައިތިރިވާކަށް ހިތަކަށް ނާރާ ދޯ!" ނަޖީބުގެ ދެލޯ ހުރީ ބޮޑުވެފަ އެވެ. މިހާރު އޭނާގެ މޫނުމަތިން ފެންނަމުން ދަނީ ރުޅިވެރިކަމެވެ. ވަގުތުން ޝަހާމާގެ ގައިގައި ބައްދައިފި އެވެ. އެއްފައިން ކޮޓަރީގެ ދޮރު ލެއްޕި އެވެ. ތެޅި ތެޅި އޮތް ޝަހާމާ ގޮވައިގެން އެ ހިނގައިގަތީ އެނދާ ދިމާއަށެވެ.

މިސްކިތުން ފައިބައިގެން ރަމީޒު ހިނގައިގަތީ ގެއާ ދިމާއަށެވެ. އޭނާ ހުރީ ވަރަށް ބަނޑުހައިވެފަ އެވެ. ހެނދުނު ހެނދުނާ ސައި ބުއިގޮތަށް އެއްވެސް އެއްޗެއް ބަނޑަކަށް ނުލަ އެވެ. ޝަހާމާ ނުދިނީއެއް ނޫނެވެ. ކުޅުމުގެ ފޯރީގައި އެއްޗެއް ކާނެ އަވައްޖެއް ނުވީ އެވެ. ހެނދުނު ސައި ބޮއިގެން ނަޖީބާއެކު ބެޑްމިންޓަން ކުޅެން ފެށިގޮތަށް ހުއްޓައިލީ މެންދުރު ބަންގި ގޮވި ފަހުންނެވެ. 
ރަމީޒު ގެއާ ދިމާއަށް ހިނގާފައި އައީ ތަންކޮޅެއް ބާރަށެވެ. އަވަހަށް ކާން ދިޔުމަށެވެ. ކުޅެ އުޅޭއިރު ބަނޑުހައިވާ ކަމުގެ އިހުސާސެއް ނުކުރެވެ އެވެ. އެ އިހުސާސް މި ކުރެވެނީ ކުޅެ ނިންމާލުމުންނެވެ. އެހެންކަމުން ވަކި ހިސާބަކަށް އައިސްފައި ޖީބުން ފޯނު ނެގި އެވެ. ޝަހާމާގާތު ނިކުންނަން ބުނުމަށެވެ. އޭރުންވެސް ތަންކޮޅެއް އަވަސްވާނެ ކަމަށް ބަލާފަ އެވެ. އެހެންނަމަވެސް އެގޮތަށް އެކަން ވާކަށް ނެތެވެ. ފާޚާނާއަކަށް ވަދެލާފައި ނޫނީ ކާން ދެވެން ނެތުމުންނެވެ. 
ރަމީޒު އައިސް ގެއަށް ވަދެއްޖެ އެވެ. ކޮޓަރިއާ ދިމާއަށް ހިނގައިގަތް ތަނާ، އޭނާގެ ލޮލުގައި އަޅައިގަތީ ކޮޓަރީ ދޮރުމަތީގައި ހުރި ފިރިހެން ފައިވާނެވެ. އެ ފައިވާން ފެނުމާއެކު އެއީ ނަޖީބުގެ ފައިވާންކަން އޭނާއަށް އެނގިއްޖެއެވެ. ރަމީޒުގެ ފިޔަވަޅަށް ހުއްޓުންއެރި އެވެ. ސިކުނޑީގައި ސުވާލުމާކުތަކެއް ޖެހުނެވެ. ހަމަ އެވަގުތު ކުއްލިއަކަށް ކޮޓަރީ ދޮރު ހުޅުވުމަށްފަހު ވުސް ޖަހާފައި ނިކުތްތަން ފެނުނީ ޝަހާމާ އެވެ. އޭނާ ހުރީ ކޮންމެވެސް ވަރަކަށް ދާވެސް ހިއްލާފަ އެވެ. ވަރުބަލިވެފައި ހުރިހެންވެސް ހީވެ އެވެ.
ކޮޓަރިން ނިކުތުމާއެކު ޝަހާމާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުއްޓި ހުރި ރަމީޒެވެ. ރަމީޒު ފެނުމާއެކު އޭނާގެ ފިޔަވަޅަށާއި މުޅި ހަށިގަނޑަށްވެސް ހުއްޓުން އަރައިފި އެވެ. ނޭވާވެސް ހުއްޓިފައިވާ ކަހަލަ އެވެ. ހަމަ އެސިކުންތުގައި ނަޖީބުވެސް ކޮޓަރިން ނިކުމެއްޖެ އެވެ. ނަޖީބުގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ރަމީޒެވެ. އެހެންނަމަސް ރަމީޒު ފެނުނު ކަމަކަށް އޭނާ ނުހަދަ އެވެ. 
"ޝަހާއަށް ހަމަ ސާބަސް. އެތާކު ނެތޭ." ނަޖީބު ހިނިތުން ވެލަމުން ޝަހާމާއާ ދިމާއަށް ބަލައިލި އެވެ. "ބިރުގަތަސް ތީ ބޮޑުވަރު އިނގޭ!" ނަޖީބު ހިނގައިގަތީ ޝަހާމާއާ ދިމާއަށެވެ. އޭރު ޝަހާމާއަށް ހުރެވުނީ ހަދާނޭގޮތް ބޮޑުވެފަ އެވެ. އެއްފަހަރު ނަޖީބާ ދިމާއަށް، އަނެއްފަހަރު ރަމީޒާ ދިމާއަށް ބަލައިލަ ބަލައިލަ އެވެ.
"އަނހަ. ރަމީޒުވެސް އައިސް ދޯ މިހިރީ!" ކުއްލިއަކަށް ރަމީޒު ފެނިގެން ބުނާ ކަހަލަ ގޮތަކަށް ނަޖީބު ބުންޏެވެ.
"ކިހިނެއް ވެގެން ތިއުޅެނީ؟" ރަމީޒު ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާ ހުރީ ވާނުވާ ނޭނގިފައެވެ.
"ކޮޓަރީގައި އޮވެފައި ޝަހާ ރޮއިގަތް އަޑަށް އަހަރެންވެސް މިއައީ. މަހީކުރީ ރޮލާ ހިފާ ކަނީކަމަށް. އައިހައިރުން ބުނީ ކޮޓަރީގައި ކުރަތްޕެއް އުޅެނީޔޯ. އެކަމަކު މަށަކަށް ނުފެނުނު އެބުނާ ކުރަތްޕެއް." ނަޖީބު ހީނ ހީނ ފައި ކިޔައިދިނެވެ.
"އެއީ ހަމަ އާދަ. ބިރަކީ މިހާރު ޝަހާގެ އެންމެ ގާތް އެކުވެރިޔާއޭ ދޯ." ރަމީޒު ގޮސް ޝަހާގެ ބޮލުގައި ލޯތްބާއެކު ފިރުމައިލި އެވެ. ލޯތްބާއެކު ހިނިތުން ވެލަމުންނެވެ. "ނަސީބެއްނު ނަޖީބަށް އެވަގުތު ގޭގައި ހުރެވުނުކަން." ނަޖީބާ ދިމާއަށް ރަމީޒު ބަލައިލި އެވެ. "މިހާރު ކައިފިންތަ؟"
"އާނ، ތިކަން ނިންމައިފިން." 
"އަދި ނުވެސް ކައޭ މަ މިއުޅެނީ. އަންނާނަން ފާޚާނާއަށް ވަދެލާފައި." ރަމީޒު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
ޝަހާމާއަށް އަދިވެސް ހުރެވުނީ ހުއްޓުން އެރިގޮތަށް ގުޑުމެއްވެސް އަރުވާލަން ނޭނގިފަ އެވެ. ނަޖީބުގެ މަކަރުވެރިކަމާއި ނުލަފާކަން ހިތަށް އަރާފައި ބުނާނޭ އެއްޗެއް ނޭނގި އާޝޯޚުވެފަ އެވެ. ހިތަށް އެރި އެވެ. ދުނިޔޭގައި މަކަރުވެރި ފިރިހެނުން އުޅޭވާހަކަ އަޑު އަހަމެވެ. އެކަމަކު މިވަރުގެ ކަމެއް ނުދެކެމެވެ.

ކޮމެންޓް 0