"ކަލެއަށް ކީއް؟" ޝަހާމާ ވަގުތުން ޖަވާބު ދިނެވެ. އެއީ އޭނާ ކުރާ ކަމެއްވެސް ނޫނެވެ. އެކަމަކު މިރޭ މާ ބޮޑަށް ރުޅިއައީއެވެ.
"އެހެންތަ ހީކުރީ؟ މަގޭ ސުވާލަށް ޖަވާބު ނުދީ މިރޭ ގެއަކަށް ނުދެވޭނެ." ނަޖީބު ހިފެހެއްޓީ ޝަހާމާގެ އަތުގައެވެ. ޝަހާމާގެ ގާތަށް އައީ އިންތިހާ ދަރަޖައިގެ ރުޅިއެކެވެ. ވަގުތުން އަނެއް އަތްތިލަ ހުރިގޮތަށް ނަޖީބުގެ ކަންކަށި މަތީގައި ބަހައްޓާލައިފިއެވެ. ވީ ތަދުން ކަންނޭނގެއެވެ. އޭނާއަށް ޝަހާމާގެ އަތުން ދޫކޮށްލެވިއްޖެއެވެ. ޝަހާމާ އަވަސް އަވަހަށް ގެއާ ދިމާއަށް ދުއްވައިގަތެވެ. އެރޭގެ އެ ހާދިސާއަށްފަހު ފާތުވެދިޔަ ފަސްއަހަރު ދުވަހުގެ ތެރޭ، އޭނާއަށް ނަޖީބު ފެނުނު މިއީ ފުރަތަމަ ފަހަރެވެ.
ރަމީޒަށް ހުރެވުނީ ވާނުވާ ނޭނގިފައި ހުރި ކަހަލަ ގޮތަކަށް އެއްފަހަރު ޝަހާމާގެ މޫނަށް އަނެއް ފަހަރު ނަޖީބުގެ މޫނަށް ބަލާށެވެ. ޝަހާމާއާ ދިމާއަށް ހުއްޓިފައި ހުރި ނަޖީބުގެ ކަޅި މަޑުމަޑުން ކެހިގެން ގޮސް ރަމީޒުގެ މޫނަށް ހުއްޓިއްޖެއެވެ. ރަމީޒު ފެނުމާއެކު ނަޖީބުގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ އެވެ. ފެނުނީ ހިނިތުން ވެލިތަނެވެ. ވަގުތުން ރަމީޒާދިމާއަށް ހިނގައިގެންފި އެވެ.
"އެނގިއްޖެތަ އަހަރެން؟" ސަލާމަށް އަތްދިއްކޮށްލަމުން ނަޖީބު އެހިއެވެ.
ރަމީޒުގެ ނަޒަރުގައި ފުރަތަމަ ހުރީ ސުވާލު މާކުތަކެކެވެ. އެހެނަސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ސުވާލު މާކުތައް ފިލައިފި އެވެ.
"ނަޖީބުދޯ!" ރަމީޒަށް ވެސް ހިނިތުން ވެލެވުނެވެ. ނަޖީބުގެ އަތުގައި ހިފާ ސަލާންކޮށްލި އެވެ.
"އާނ، މަހީކުރީ ނޭނގޭނެކަމަށް. މަންމަ ކޮބާ؟"
"މަންމަ އޭރު ބަލިވެ އުޅެފައި އެންމެ ފަހުން ނިޔާވީ." ރަމީޒުގެ އަޑަށް ބަދަލު އައެވެ. އެހެނަސް ހަމަ އެ ސިކުންތުގައި އޭނާ ހަމަޖެހިލެވޭތޯ މަސައްކަތްކުރި އެވެ. ކީއްކުރަން މިރަށަށް އައިސް ތިޔަ އުޅެނީ؟" ރަމީޒު ސުވާލުކުރަން ފެށިއެވެ.
"މީ މަގޭ ރަށޭ. ދޯ ޝަހާ." ޝަހާމާއާ ދޯ ދެމުން ނަޖީބު ޝަހާމާއާ ދިމާއަށް ބަލައިލި އެވެ. ޝަހާމާ އަޑު އިވޭކަމަކަށް ނުހަދަ އެވެ.
"އެހެންތަ؟ ނުވެސް ދެނަހުރިން. މަންމަ މަރުދުވަހަށްވެސް ނަޖީބުގެ ހެޔޮކަމުގެ ވާހަކަ ދެއްކި. ނަޖީބަށް ހެޔޮކޮށް ހިތަން ވަސިއްޔަތްވެސް ކުރި. ވަރަށް އުފާ ވެއްޖެ ނަޖީބާ ދިމާވީމަ."
ނަޖީބާއި ރަމީޒު ހިނގައިގަތުމުން ފަހަތުން ޝަހާމާވެސް ހިގައިގަތެވެ. އޭނާ ހުރީ ފާޑަކަށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސް ކަމެވެ. ނަޖީބާއި ރަމީޒާ ދެމެދު ގުޅުމެއް އުފެދޭކަށް އެއްގޮތަކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. ނަޖީބުގެ ގޮތް އެނގޭތީ އެވެ.
"ކޮންތާކު ތިބެނީ؟" ރަމީޒުގާތު ނަޖީބު އެހި އެވެ.
"ޝަހާމެންގޭގައި. އަމިއްލަ ގެއެއް ހުއްޓާ އެހެން ގެއަކު އުޅެންވީ ކީއްކުރަން."
"އެއީ ފަޅަށް ހުންނަ ގެއެއް. ފާޑުފާޑުގެ ބިރުވެރި ކަންތައްތައް އެގެއިން ފެނެއޭވެސް މީހުން ކިޔާ. އަހަރެމެންގެއަށް ބަދަލުވާންވީނު."
"މީހުން ކިޔާ އެއްޗެހި އަޑުއަހަންޏާ އުޅެންޖެހޭނީ ދުނިޔޭގެ އެއް ފަޅީގައި. އަނެއް ފަޅިއެއް ދުވަހަކުވެސް ނުފެންނާނެ." ރަމީޒު ހާހެއް ނުވެއެވެ.
އެރޭގެ އަށްގަޑިބައި އެހައިކަންހައި އިރެވެ. ކައިގެން އައިސް ރަމީޒާއި ޝަހާމާއާއި ނަޖީބު މަޑުކޮށްލީ ހަފީޒާމެންގޭ ބަދިގެފަރާތުގައި ހުރި ޖޯލިފައްޗެއްގަ އެވެ. ޝިހާމްވެސް އެމީހުންގާތު ވާހަކަދައްކާލަން އިރުކޮޅަކު އިނދެފައި ހިނގައްޖެ އެވެ.
"އޭތް ދެން މިތާ ހުސް އަނގަ ތަޅަން ތިބެނީތަ؟ ހިނގާބަލަ ތުނޑިއަށް ދާން. ވަރަށް ހަނދުވަރުވެސް ރީއްޗެއްނު." ނަޖީބު އެދުނެވެ.
"ތީ ވަރަށް ރަނގަޅު ޚިޔާލެއް. އަންނާނަން ފާހާނާއަށް ވަދެލާފައި." ރަމީޒު ތެދުވެގެން ހިނގައިގަތެވެ.
ޝަހާމާ އާއި ނަޖީބު އެކަނި ވެއްޖެ އެވެ. ނަޖީބު ފުރަތަމަވެސް ބަލައިލީ ޝަހާމާއާ ދިމާއަށެވެ. ބަނޑުހައިވެފައި އޮތް ބުޅަލެއް ދަހިވެތިކަމާއެކު މަސްގަނޑަކަށް ބަލައިލި ކަހަލަ އެވެ. ހީވީ މިފަދަ ފުރުސަތަކަށް މާކުރިއްސުރެ ފެން ބޮވައިގެންފައި އިންހެންނެވެ.
"އަދިވެސް ވަރަށް ލޯބިވޭ، އިނގޭ!"
ޝަހާމަ އަނގައަކުން ނުބުނެ އެވެ. އަޑުއިވޭ ކަމަކަށްވެސް ނުހަދަ އެވެ. ދުރަށް ބަލަހައްޓައިގެން އިނީ އެވެ. އޭނާ ރަމީޒާ ކިތަންމެ ގާތްކޮށް އުޅުނަސް ބަދަލު ނުވާނެކަން ޝަހާމާއަށް މާކުރިންވެސް އެނގެ އެވެ. އެހެންކަމުން އެފަދަ އެއްޗެއް ބުނުމަކުން އޭނާ ހައިރާނެއް ނުވެ އެވެ.
"އެކަމަކު ބުނަން. މީގެ ފަސްއަހަރު ކުރިން ވިހެލި ތަނުން އަދިވެސް ދިލަ ނުކެނޑޭ." ނަޖީބު މޫނުގައި އަތް ފިރުމާލިއެވެ. "މީހަކާ އިނދެގެން ތި އައީ ހިތުން މަގޭ އަތްދަށުން ސަލާމަތް ވާނޭ ކަމަށް ދޯ! ހަމަ ހިލާ އެހެނެއް ނުވާނެ. ތި ދެލޮލުން ލޭ ހިލުވައި ނުލެވެއްޖިއްޔާ މަގޭ ނަމަކަށް ނަޖީބެއް ނުކިޔާނެ. އެހެނޭ ކިޔާފައި އޮޅިގެންވެސް މަށޭ ކިޔައިގެން ރަމީޒުގާތު ވާހަކައެއް ނުދައްކައްޗޭ! އޭނާ ގަބޫލެއް ނުކުރާނެ. އޭރުން އެވާނީ ކަލެއަށް އެޅޭ ދެވަނަ ޅައެއްޗަށް. " ނަޖީބު ވާހަކަ ދައްކަމުން ގެންދިޔައީ ނުބައި ފާޑަކަށް ހިނިއައިސްފައި އިނދެއެވެ.
"ދެމީހުން އޮލަކޮށްލާފައި ކޮން ވާހަކައެއް ފަށައިގެން ތިއުޅެނީ؟" ރަމީޒު އައިސް ހުއްޓުނީ އެވަގުތު އެވެ.
"މި ދައްކަނީ މާދަމާ ދަތުރު ދާ ވާހަކަ." ނަޖީބު ވަގުތުން ވާހަކަ ބަދަލުކޮށްލި އެވެ. ޝަހާމާއަށް ދަތްކުނޑި ވިކައިގަނެވުނެވެ. ހިތަށް އެރި އެވެ. މީދަ ނުލަފާ ފިރިހެނެކެވެ. އޮޅުވާލަންވެސް ހާދަ ހުޝިޔާރެވެ.
"ރުއްގަނޑުހުރާ ކިޔާ ވަރަށް ފައްކާ ރަށެއްވެސް އޮންނާނެ. އަހަރެން ދަތުރު ހަމަޖައްސާނަން. ހެނދުނު ހެނދުނާ ފުރޭގޮތަށް ތައްޔާރުވެގެން ތިބޭތި."
"މައްސަލައެއް ނޯންނާނެ." އެކަންވީ ރަމީޒަށްވެސް ވަރަށް ކަމުދާ ކަމަކަށެވެ.
"އެހެންވިއްޔާ ހިނގާ ތުނޑިއާ ދިމާއަށް ހިނގާލަން ދާން." ނަޖީބު ތެދުވެއްޖެ އެވެ. ރަމީޒުވެސް ވަރަށް ދާހިތުން ތެދުވާކަހަލަ ގޮތަކަށް ތެދުވެއްޖެ އެވެ. ޝަހާމާއެއް ނުތެދުވެ އެވެ. އޭނާ އަށް އިނދެވުނީ ހުއްޓުން އަރާފަ އެވެ. ހިތް ބިރުގަންނަނީ އެވެ. ނަޖީބުގެ ގޮތް ރަމީޒަށް ވަންހަނާވެފައި އޮތް ނަމަވެސް އޭނާއަށް އެނގެ އެވެ. މިއޮތީ ރޭގަނޑެވެ. އެ ރާވަނީ ތުނޑިއަށް ދާށެވެ. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ އެވެ.
"ޝަހާ! އާދޭ ދާން!" ރަމީޒުގެ އަޑަށް ޝަހާ ތެދުވި އެވެ.
"އަހަރެން ރަމީޒަށް ކަމެއް ކޮށްފާނެތީ މިހާރު ޝަހާ އޭނދީ ބިރުން ކަންނޭނގެ." ނަޖީބު ޖަހައިލީ ހިނިގަނޑެކެވެ. ރަމީޒަށް ވީ ސަމާސާއަކަށެވެ. އެކަމަކު ޝަހާމާގެ ހާސްކަން ވީ އިތުރެވެ.
"ކީއްވެފަ ތި އިންނަނީ؟ ހިނގާ ދާން! ތުނޑިއަށް ދާށޭ މިއުޅެނީ." ރަމީޒު އައިސް ޝަހާމާގެ އަތުގައި ހިފެހެއްޓި އެވެ. ޝަހާމާ ތެދުވީ މަޖުބޫރު ވެގެންނެވެ. ނަޖީބުގެ ނުބައި ނުލަފާކަމުން ސަލާމަތް ކުރެއްވުމަށް އެދި ހިތާ ހިތުން ދުޢާ ކުރަމުންނެވެ.
ދުރުދުރަށް ފެތުރިފައިވާ ހުދުކުލައިގެ ދޮންވެލިތުނޑިއަށް ހަނދުވަރުގެ ރިހިއަލި އެޅިފައި ވާއިރު، އެމަންޒަރުގައި އެކުލެވިފައި އެހެރީ ކޮންފަދަ ޖާދޫގެ އަސަރައެއްހެއްޔެވެ؟ އެ ހިތްގައިމު އަސަރުގައި ޖެހިފައި ތިބި ކިރުކަކުނި ތަކުގެ ހިމަ ފައިތަކުން އުފެދިފައިވާ ލުއި ލުއި އަޑުތަކާއި، ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތައް، ހޭޅިފަށުގައި ހެދިފައި ހުރި ކުރެދި ގަސްތަކުގައި ބީހިލުމުން އެ އުފެދޭ އަޑާ އެކުވެގެން، ކަންފަތާ ހަމައަށް ފޯރަމުން އެދަނީ ކޮންފަދަ އުފާވެރި މިޔުޒިކެއް ހެއްޔެވެ؟
ރަމީޒާއި ޝަހާމާއާއި ނަޖީބު އައިސް ތުނޑިއަށް ފައިބައިފި އެވެ. އެ ހިތްގައިމު ދޮންވެލި ތުނޑިމަތީގައި އެމީހުން ޖައްސައިލިއިރު ދެމީހެއްގެ ސިކުނޑީގައި އެއް ޚިޔާލެއް ނެތެވެ. ރަމީޒުގެ ހިތަށް ލިބެމުންދަނީ ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުމެކެވެ. ހަލަބޮލި ދުނިޔެއަކުން ހަމަހިމޭން ވެއްޓަކަށް ހިޖުރަ ކުރާމީހަކު ކުރާނެ ހުރިހާ އުފަލެއް މިވަގުތު އޭނާ އެދަނީ ކުރަމުންނެވެ، އެހެނަސް ޝަހާމާގެ ހިތަށް ހެރެމުން ދަނީ ވިހަގަދަ ކަށި ތަކެކެވެ. މުޅި މީހާ ވަށާލާފައި ވަނީ ފޫއްސާއި ނުރުހުމުގެ ބޯ ވިލާތަކެވެ. ރަން ހަނދުވަރުން ރަމީޒު ފެންވަރަމުން ދާއިރު، ޝަހާމާއަށް ކުރެވެމުން ދަނީ ނުރައްކާތެރި ކަސްތޮޅެއްގައި ހައްޔަރުވަމުން އަންނަ ކަމުގެ ބިރުވެރި އިހުސާސެކެވެ. އަނެއްކޮޅުން ނަޖީބުގެ ސިކުނޑީގައި އެވަނީ ބަދަލު ހިފުމުގެ ވަރުގަދަ އޮއިވަރެއް ފެތުރުފަ އެވެ.