އެންމެފަހުން ޝަހާމާ ބޯ ޖަހާލައިފި އެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. އާތިފާ ވަގުތުން ޝަހާމާ ގާތަށް ޖެހިލި އެވެ. ޝަހާމާގެ ވާހަކަ އަޑުއަހަން ރަނގަޅަށް ތައްޔާރުވެލީ ކަންނޭނގެ އެވެ. އެވަގުތުވެސް ޝަހާމާގެ ދެލޮލުން އޮހިގަތީ ކަރުނަ އެވެ. އަނެއްކައިވެސް ރޮވޭން ފަށައިފި އެވެ.
ކުޑަކޮށް ހަމަޖެހިލުމަށްފަހު ދެލޯ ފޮހެލާފައި ޝަހާމާ ވާހަކަ ފެށި އެވެ. ވަރަށް ހިތްވަރުކޮށްފަ އެވެ. ނަޖީބުގެ ނުލަފާ ރޭވުމާއި، އެ މަކަރުވެރި ދަލުގައި ރަމީޒު ޖެހުމުލެއް ފަސޭހަކަމާއި، އޭނާގެ ބޮލުގައި އެޅުނު ޙަޤީޤަތެއް ނެތް ބޮޑު އިލްޒާމާއި ރަމީޒުގެ އެންމެ ފަހުގެ ނިންމުމާއި މިހުރިހާ ވާހަކައެއް އާތިފާއަށް ޝަހާމާ ކިޔައިދިނެވެ. ރޮމުން ގިސްލަމުންނެވެ. އެ ވާހަކަތައް އަޑުއަހަން އިން އާތިފާއަށް ވެސް ވަނީ ފާޑަކަށް ރޮވިފަ އެވެ. އޭނާއަށް އިނދެވުނީ ނަޖީބުގެ މަކަރުވެރިކަމާއި، ނުބައި ހަދައިލަން މޮޅުކަމުގެ މައްޗަށް ހައިރާންވެ އަންތަރީސްވެފަ އެވެ.
އިރު އޮއްސި އަނދިރި ވެއްޖެ އެވެ. އަތިރިމަތީގައި ހުރި ދިގު ރުއްތަކާއި ބިޔަ ގަސްތަކަށް ވަނީ ލުއި ލުއި ހަމަހިމޭންކަމެއް އައިސްފަ އެވެ. ވައިރޯޅީގެ ސަމާސާކުރުންތަކަށް ނިމުމެެއް ގެނައުމުން އެކަމުގެ ފޫހީގައި ތިބި ކަހަލަ އެވެ. އިރުމަތީ ފަރާތު އުދަރެސް އަލިކުރަމުން މިރޭގެ ރާނީ އެހެރަ ބޯ ދިއްކޮށްލަނީ ފަޚުރާއެކުގަ އެވެ. މަންޒަރު ކިތަންމެ ރީތިވެފައި ހިތަށް ފިނިކަން ލިބޭފަދަ ކުލަތަކަކަށް ވީނަމަވެސް އެއިން މިވަގުތު ރަމީޒުގެ ހިތަކަށް ފިތަކަށް ލިބޭ އެއްވެސް ރާޙަތެއް ނެތެވެ.
ރަމީޒު އިނީ އެ ހަމަހިމޭން އަތިރިމަތީގައި އެކަނިމާ އެކަންޏެވެ. އެތަނުގައި ހުރި ދިގު ރުކެއްގައި ލެނގިލައިގެން ހަރަން ބަނދެލައިގެންނެވެ. ހަނދުގެ ދޯދިތައް އޭނާގެ ގައިގައި ޖެހިލުމާއެކު ދެލޮލުން ވިދަން ފެށި އެވެ. ދެލޮލުގައި ހުރި ތެތްކަމާ އެ ދޯދިތައް ބައިވެރިވި ކަހަލަ އެވެ.
ރަމީޒު ހުރީ ހަދާނޭ ގޮތް ހުސްވެފަ އެވެ. ހަތަރު އުދަރެސް ފެނުޖެހިފަ އެވެ. އޭނާގެ ސިކުނޑީގައި ވަނީ ވަރުގަދަ ހައިޖާނެއް އުފެދިފަ އެވެ. ތަފާތު އެކި ގޮތް ގޮތަށް އޭނާ ވިސްނަމުން ގެންދިޔަ އެވެ. އެ ހިތަށް ހަމަޖެހުމެއް ގެނެވޭތޯ އެވެ. އެހެނަސް އެކަމެއް ވާގޮތެއް ނުވި އެވެ. ދެލޮލުން އޮހޭ ކަރުނައަކަށް ބަދަލެއް ނާދެ އެވެ. ހިތުގެ ރިހުމަކަށް ލުޔެއް ނުލިބެ އެވެ. މޭގެ ވޭން ކުޑައެއް ނުވި އެވެ.
އިރުކޮޅަކުން އިވުނީ ރަމީޒުގެ ފޯނުގެ މަޑުމަޑު ރީނގުގެ އަޑެވެ. ރަމީޒު ފޯނަށް ބަލައިލި އެވެ. އެއީ ނަޖީބެވެ. ރަމީޒު މިހާރު ނަޖީބާ ވާހަކަ ދައްކަން ލަދުގަނެ އެވެ. އޭނާގެ އަންބެއްގެ ކިބައިން، އެ ފަދަ ދަށުދަރަޖައެއްގެ ސިފައެއް ފެނުމަކީ، އޭނާގެ ނުކުޅެދުންތެރިކަން ހާމަވާ ސަބަބެއްކަމަށް އެހެންމީހުން ދެކޭނެ އެވެ. އަންބަކު ހަމަ މަގުގައި ހިފަހައްޓާލެވޭހާ ކުޅަދާނަކަމެއް، ގާބިލުކަމެއް އޭނާގެ ކިބައިަގައި ނެތީ ކަމަށް ގަބޫލު ކުރާނެ އެވެ. ނަޖީބަށް ވެސް ނިންމޭނީ އެފަދަ ގޮތަކަށެވެ. އެހެނަސް އޭނާގެ އަމިއްލަ ނަފުސު އެކަން ގަބޫލެއް ނުކުރެ އެވެ. ޝަހާ އެފާޑަށް އެ އުޅެން ފެށީ ރަމީޒުގެ ކިބައިން އެއްވެސް ކަމެއް އުނިވެގެނެއް ނޫނެވެ.
"ކޮންތާކު ތި އުޅެނީ؟" ރަމިޒު ފޯނު ނެގުމާއެކު ނަޖީބު އެހި އެވެ. ވަރަށް ގާތް ގޮތަކަށެވެ.
"ނަޖީބު! ހިނގައި މިދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހެއްގާތު ނުކިޔައްޗޭ!" ރަމީޒުގެ އަޑު ތުރުތުރު އަޅަ އެވެ.
"އަަހަންނަކީ ރަމީޒުގެ އާއިލީ ރައްޓެއްސެއްކަން ހަނދާން ބަހައްޓާ!" ނަޖީބުގެ ޗާލާކީކަން ރަމީޒަށް އެނގޭނެނަމަ ކޮންފަދަ ހެއްޔެވެ؟
"ކޮންކަމަކު ތިގުޅީ؟" ރަމީޒު މަޑުމަޑުން އަހައިލި އެވެ.
"ކޮންތާކު ތި އުޅެނީ؟" ނަޖީބު އަނެއްކައިވެސް ސުވާލު ކުރި އެވެ.
"ހިތަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރަނީ."
"ތިކަމާއޭ މި ގުޅީވެސް. ބުނަންތަ ވާހަކައެެއް؟"
"ބުނޭ!"
"އިންސާނުންނަށް ކުށް ވެސް ކުރެވޭނެ. އެކުށަށް މާފު އެދުމާއި މާފު ދިނުމަކީ ވެސް ހަމަ އިންސާނުންގެ ކިބައިގައި ހުންނަން ޖެހޭނެ ސިފައެއް."
"ކީކޭ ބުންނަ ތި އުޅެނީ؟"
"ބުނަން މިއުޅެނީ ޝަހާއަށް މާފުކޮށްފަ އަލުން......."
"ނުވާނެ! އިތުރަށް ތި ވާހަކަ ދައްކާނެކަމެއްވެސް ނެތް!" ނަޖީބުގެ ވާހަކަ މެދުކަނޑައިލަމުން ރަމީޒު ބުންޏެވެ. "އަހަންނަކީވެސް ކޮންމެވެސް ވަރެއްގެ އަގަކާއި އަބުރެއް ހުރި މީހެއް ކަމަށް އަމިއްލަ ނަފުސު އަދިވެސް ގަބޫލު ކުރޭ! އެކަމަކު އެހެންމީހުންގެ ކުރިމަތީގައި އަހަރެންގެ އަބުރު ނަގާލަން މަސައްކަތް ކުރި މީހަކަށް ކިހިނެއް މާފު ކުރާނީ؟ އެއީ އޭނާ ކުރި ވަރަށް ދަށް ފެންވަރުގެ ކަމެއް. އަހަންނަކަށް އެކަހަލަ މީހަކާއެކު ނޭޅެވޭނެ." ރަމީޒު އެއްނޭވާއިން އަމުނައިލި އެވެ.
"ތީގެ މާނައަކީ ޝަހާމާ ވަރިކޮށްފައި ފުރައިގެން ދިޔުމަށް މުޅިން ނިންމީއޭތަ؟"
"އާނ. މީ އަހަރެންގެ އެންމެ ފަހުގެ ނިންމުން. މި ނިންމުމަށް ބަދަލު ގެނެވޭނެ އޮންނާނީ އެންމެ ގޮތެއް. އެކަމަކު އެއީ ނެތް ގޮތެއްހެން ހީވަނީ."
"އެކަމަކު ޝަހާދެކެ ރަމީޒު ތިވާ ލޯތްބަށްޓަކައިވެސް ތިގޮތް ބަދަލު ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް ކަންނޭނގެ.
"ރަނގަޅު ވާހަކައެއް ތީ. އަހަރެން ޝަހާދެކެ އަދިވެސް ލޯބިވޭ. އެކަމަކު ލޯބީގެ ހައްގުގައިވެސް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންކަން ހުންނާނެ. އެހެންނޫނަސް މި ލޯތްބަށް ޝަހާ ކުރީ ކޮން ގަދަރެއް؟"
"ދެން ކުރާނެކަމެއް ނެތް." ނަޖީބު ފުން ނޭވާއެއް ދޫކޮށްލި އެވެ. "ރަމީޒުގާތު މި ވާހަކަ ދެއްކުނު މޮޔަ މިހާރު ހީވޭ!"
"އެއީ ނަޖީބު ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެއް. ނަޖީބު ދެންވެސް އަހަންނަށް ކަމެއް ކޮށްދެންޏާ މާލެ ފުރާ އެއްޗެއް އޮތް ދުވަހެއް ބަލާލަދީ!"
"ދެން ހަމަ ދާންތަ ތި ގަސްދުކުރަނީ؟" ދެރަވާ ކަމަށް ހަދައިގެން ނަޖީބު ވާހަކަ ދައްކަމުން ގެންދިޔަ އެވެ.
"އާނ، އަދި މި އުމުރުގައި އިންނާނެ ރަނގަޅު ކުދިން ލިބޭނެ. ލޯބި ނުވިޔަސް، އިތުބާރު ހިފޭ ކުއްޖަކާ އިނދެގެން ރަނގަޅު ދިރިއުޅުމެއް ފެށީމަ، މި ހިތާމައަށް ވެސް ލުޔެއް ލިބިދާނެ. ނަޖީބުވެސް އަހަރެންގެ މި މަގަށް ހުރަސް އަޅަަން މަސައްކަތް ނުކުރޭ!" މި ހުރިހާ ވާހަކަ ދެއްކި އިރުވެސް ރަމީޒުގެ އަޑުގައި ހުރި ތުރުތުރަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
"ދެން ކުރާނެކަމެއް ނެތް! ތިގޮތް ބަދަލު ނުކުރަންޏާ މާލެ ފުރަން އަވަަށް ތައްޔާރުވޭ! އެބައޮތް މިރޭ ފުރާ ދޯންޏެއް. އެކަމަކު އެމީހުން ބާރަ ޖަހާއިރު ފުރާނެ." ހިތާ ދެކޮޅަށް ބުނާ ކަހަލަ ގޮތަކަށް ނަޖީބު ބުންޏެވެ.
"ރަނގަޅީވެސް ތިގޮތް. މިހާރު ބޭނުންވަނީ ވީ އެންމެ އަވަހަކަށް މިރަށުން ފުރަން. މަގޭ ހިތަށް ދެން ކުޑަވެސް ހަމަޖެހުމެއް ލިބޭނީ މިރަށުގެ ފަސްގަނޑުން ފައި އުފުރައިލެވިގެން ކަންނޭނގެ."
"އާނ، ރަމީޒުގެ ތި ނިންމުމަކަށް ބަދަލެއް ނުގެންނާނެވިއްޔަ. ދެން އަވަހަށް ގޮސް ދަތުރަށް ހަދާ! އަހަރެން ދޯނީ މީހުންނާ ވާހަކަ ދައްކާނަން."
ނަޖީބު ފޯނު ކަނޑާލައިފި އެވެ. ރަމީޒު އިރުކޮޅަކު އިނދެފައި ތެދުވި އެވެ. ހިނގައިގަތީ ގެއާ ދިމާއަށެވެ. ބޭނުންވަނީ ގެއަށް ގޮސް ދަތުރަށް ހަދާށެވެ. ކިތަންމެ ހިތް ނޭދުނަސް ޝަހާމާ ދޫކޮށްލާފައި މާލެ ދިޔުން ނޫން ގޮތެއް ދެނެއް ރަމީޒަށް އޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ރަމީޒު އެންމެ ކަން ބޮޑުވަނީ މާލެ ދިޔުމުން ބައްޕަގެ ކިބައިން ކުރިމަތިވާނެ ސުވާލުތައް ހިތަށް އަރާފަ އެވެ. ޝަހާ ބަހައްޓާފައި ދިޔުމުން ވީ ގޮތަކާމެދު ބައްޕަ ސުވާލު ކުރާނޭކަމީ މެންދުރުގެ އިރުފަދައިން ޔަގީންވާ ކަމެކެވެ.
ކޮންމެ ގޮތެއް ވިޔަސް މިކަން ބައްޕައަށް ވެސް ޖެހޭނީ އަންގާށެވެ. ކިޔައިދޭށެވެ. ޢާއިލާގެ އެހެނިހެން މެންބަރުންނާއި ހުރިހާ ރައްޓެހިންގެ ފަރާތުންވެސް ކުރިމަތިވާނީ ހަމަ އެއްކަހަލަ ސުވާލުތަކެކެވެ. އެ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދޭހާ ހިތްވަރު ރަމީޒަށް ލިބޭނެބާވަ އެވެ. ކޮންމެ މީހަކުވެސް ދެކޭނީ ރަމީޒުގެ ފިރިހެންކަމެއް ނެތްކަމަށް ކަންނޭނގެ އެވެ. ހުރިހާ މަލާމާތެއް ރައްދުވާނީ ރަމީޒަށް ކަންނޭނގެ އެވެ.
މިކަހަލަ ސިކުނޑި ހާސްކުރާފަދަ ފިކުުރުތަކެއްގައި ހުރެ ގެއާ ހަމައަށް އާދެވުނު އިރުވެސް ރަމީޒަކަށް ނޭނގުނެވެ. އޭނާއަށް ރޭކާލީ ކުއްލިއަަކަށް ހަފީޒާގެ މޫނު ފެނުމުންނެވެ. ސިހިފައި ކަހަލަ ގޮތަކަށް ބަލައިލެވުނު އިރު ހަފީޒާ އެގެއިން ނިކުންނަނީ އެވެ. ފަހަތުން އާތިފާވެސް ނިކުތެވެ. ރަމީޒު މަޑުކޮށްލި އެވެ.
"ބޮޑުދައިތާ! މިރޭ ބާރަ ޖަހާއިރު ފުރަން މި އުޅެނީ. ޝަހާ ތިގެއަށް ގެންދަންވީނު." ރަމީޒު މަޑުމަޑުން ބުންޏެވެ.
"ތިކަން އެނގިގެން އޭނަ ބަލާ މިއައީވެސް. އޭނާ ދާކަށް ބޭނުމެއް ނުވި." ހަފީޒާ ބުންޏެވެ.
"އެކަމަކު އޭނާ އެކަނި ބާއްވާކަށް ނުވާނެ."
"ދެން ރަމީޒު އެކަމާ ނުވިސްނާ!" ހަފީޒާ ހިނގައިގަތެވެ.
"އާތި! ފުރަނީ އިނގޭ!" އާތިފާއާ ދިމާއަށް ރަމީޒު އަތް ދިއްކޮށްލި އެވެ. ސަލާން ކޮށްލުމަށް ޓަކަ އެވެ.
"ބޭނުމެއްނޫން ސަލާން ކުރާކަށް." އާތިފާ ވެސް ހަފީޒާގެ ފަހަތުން ހިނގައިގަތެވެ.
ރަމީޒަށް ހުރެވުނީ ހުއްޓުން އަރާފަ އެވެ. މިކަމުގައި އޭނާގެ ކުށަކީ ކޮބައިބާވަ އެވެ؟ ކުށް ކުރީ ޝަހާ އެވެ. އެކަމަކު ބޮޑުދައިތަ ވެސް އާތިފާވެސް ރުޅިއައީ ރަމީޒު ދެކެ އެވެ. މިހެން ވާންވީ ކީއްވެގެން ހެއްޔެވެ؟ އާއެކެވެ. އެހެން ވެދާނެ އެވެ. ޝަހާއަކީ އެމީހުންގެ މީހާ އެވެ. ލޭގެ ގުޅުމެވެ. އެކުވެރިކަމުގެ ބަދަހިކަމެވެ. ރަމީޒަކީ ކާކުހެއްޔެވެ؟ އޮތް ގުޅުމެއް އޮންނާނީ ޝަހާއާ ގުޅިގެން އުޅޭ ދުވަހަކު އެވެ. ވަރިކުރުމާއެކު އެ ގުޅުން ކެނޑިގެން ދާނެ އެވެ.
ރަމީޒަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެނާއަށް އެނބުރި ބަލައިލެވުނެވެ. ހަފީޒާއާއި އާތިފާ ދިޔަ ދިމާއަށެވެ. މަގަށް ވެރިވެފައިވާ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އެ މީހުން ވަނީ އޮބިފަ އެވެ. މިހާރު އެއިން އެކަކުވެސް ފެންނާކަށް ނެތެވެ. ރަމީޒު ހިނގައިގަތީ ގެއަށް ވަނުމަށްޓަކައި ދޮރާ ދިމާއަށެވެ. ފޮށްޓަށް އެއްޗެހި އަޅާ ތައްޔާރު ވުމަށެވެ. ފޯނު ރިންގުވާންފެށީ އެވަގުތު އެވެ. ގުޅީ ހަބީބެވެ. ރަމީޒު ފޯނު ނެގި އެވެ.
"އޭތް، ކޮބާ ކިހިނެއް ތިހަދަނީ؟ ނަޖީބު ބުނި ޝަހާ ވަރިކޮށްފަ ރަށަށް ދާން އުޅޭ ވާހަކަ. ތެދެއްތަ؟" ހަބީބު ފުރަތަމަ ވެސް ފެށީ އެވާހަކައެވެ.
"ހަބީބު މިމަގާމުގަ ހުރި ނަމަ ހަދާނީ ކިހިނެއް؟" ރަމީޒު އެހީ ހަބީބުގެ ޚިޔާލަކަށެވެ.
"ޖަވާބުދޭން ވަރަށް ދަތި ސުވާލެއް." ހަބީބު ދޫކޮށްލީ ފުން ނޭވާއެކެވެ.
"އާނ، މިކަހަލަ ކަމެއް ކުރިމަތި ނުވާ މީހަކަށް، މިކަހަލަ ކަމެއްގައި ހުންނާނެ އަސަރެއް އިޙުސާސެއް ހަމަ ނުކުރެވޭނެ."
"އަހަންނަކަށް ވެސް ތިކަހަލަ ކުށަކަށް މާފެއް ނުކުރެވޭނެ ކަންނޭނގެ." ހަބީބު މަޑުމަޑުން ބުނެލި އެވެ.
"އެހެންވީމާ އަހަންނަށް މި އެޅޭ ފިޔަވަޅު ގޯހެއް ނޫނެއްނު. ދެން އެވާހަކަ ބާއްވަމާ. ކޮންކަމަކު ތި ގުޅީ؟"
"ނަޖީބު ބުނީ މިރޭ ބާރަޖަހާއިރު ދޯނި ފުުރާވާހަކަ. އެހެންވީމަ ތަންކޮޅެއް ކުރިން ދޯންޏަށް އަރަންވާނެއެއްނު."
"އެއީ؟ ކީއްވެ ކުރިން އަރަންވީ؟" ރަމީޒަށް އަހައިލެވުނެވެ.