ހަބީބާއި ނަޖީބާ ދެމީހުން ވެގެން ރަމީޒު އެތަނަށް ވައްދައިފި އެވެ. ކޮފީވެސް ގެނުވައިފި އެވެ. ސިގިރެޓުގެ ދުމުން މުޅިތަން ބަނަކޮށްލައިފި އެވެ. ރަމީޒަށް އިނދެވުނީ ނޭވާނުލެވިފަ އެވެ. ބޮލުގައި ރިއްސާގެންފައި އިންދާ އިތުރަށް ބޮލުގައި ރިއްސާގޮތް ވެއްޖެ އެވެ.
"ބިލް ދައްކާ!" ރަމީޒާ ދިމާއަށް ބިލް އެއްލަމުން ނަޖީބު ބުންޏެވެ. ކޮފީ ބޮއި ނިމުނީ އެވެ.
ރަމީޒު އަވަސް އަވަހަށް ބިލް އަދާކޮށްފި އެވެ. އޭނާ ބޭނުންވަނީ ވީ އެންމެ އަވަހަކަށް އެތަނުން ނިކުންނާށެވެ. އެހެންކަމުން ބިލް ދައްކާފައި އޭނާ ތެދުވި އެވެ. މާ ބޮޑު ދެކޮޅު ހެދުމެއް ނެތި ނަޖީބާއި ހަބީބުވެސް ތެދުވެއްޖެ އެވެ.
ނުވައެއް ޖެހިއިރު ރަމީޒު ދޯންޏަށް އަރުވައިފި އެވެ. ހަބީބާއި ނަޖީބާ ސަލާންކޮށްފައި ރަމީޒު ދޯންޏަށް އެރީ މީހަކަށް ނޭނގުނަސް ރޮމުން ނެވެ. ގިސްލަމުންނެވެ. ޝަހާ ދޫކޮށްފައި އޭނާ އެދަނީ ފަހަރެއްގައި ވެސް އޭނާ ދާ ހިތަކުންނޫނެވެ. އޭނާދެކެ ޝަހާ ލޯބި ނުވާތީ އެކަމުގެ ހިތާމައިގަ އެވެ. މިރަށަށް ނާދެވުނު ނަމައޭ މިހާރު އޭނާގެ ހިތަށް އަރަ އެވެ. އޭރުން ޝަހާގެ ހިތުގައި ރައްކާކޮށްފައި އޮތް ލޯބި، ރަމީޒުގެ ކުރިމަތީގައި އޮންނާނީ ވަންހަނާވެފަ އެވެ. ނުބީހެންޏާ ވާނީ ހަމަ ކަނޑެކޭ އެއްފަދަ އެވެ.
ރަމީޒު ދޯންޏަށް އެރުމުން ހަބީބާއި ނަޖީބު ހިނގައިގަތީ އެއްގަމަށެވެ. އޭރު ނަޖީބުގެ މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ތުންފަތްމްތީގައި ދުވެލަ ދުވެލާ ހުރީ ވިހަ ހިނިތުންވުމެކެވެ.
"ތިހިރީ ވަރަށް އުފާވެފަ ދޯ!" ހަބީބު ބަލައިލީ ނަޖީބުގެ މޫނަށެވެ.
"ވަރަށް. ވަރަށް ބޮޑަށް. މީގެ ފަސް އަހަރު ކުރިން މަގޭ ކޯތާފަތް މަތީގައި ރިހެމުން ދިޔަ ރިހުމަށް ދާއިމީ ފަރުވާއެއް ލިބިއްޖެ." ނަޖީބު ކުއްލިއަކަށް ހުއްޓިއްޖެ އެވެ.
"ކިހިނެއްވީ؟" ހަބީބަށް އަހައިލެވުނެވެ.
"އަނެއްކާ ޝަހާ ވަރިކުރިބާ؟ ނުކުރަންޏާ މި ރިހުމަކަށް ދާއިމީ ލުޔެއް ނުލިބޭ. އަދިވެސް އެބަ ރިއްސާ." ކޯތާފަތް މަތީގައި ނަޖީބު ފިރުމައިލި އެވެ.
"ހުރިހާ ކަމެއްވެސް އެދަނީ ނަޖިބު ބޭނުންވާ ގޮތަކަށްނު. ތިކަންވެސް ހަމަޖެހޭނެ!" ހަބީބު ހިނގައިގަތެވެ. ފަހަތުން ނަޖީބުވެސް ހިނގައިގަތެވެ.
ރަމީޒު އޮތީ ދޯނީގަ އެވެ. އިންޖީނުގެ މަތީގައި ބޯދަށަށް އަތްލައިގެން އޮށޯވެލައިގެންނެވެ. އޭނާގެ ލޮލަކުން އަދިވެސް ކަރުނައެއް ނުހިކެ އެވެ. ވިސްނެނީ ދިރިއުޅުމަށް ކުއްލިއަކަށް ކުރިމަތިވި ބޮޑު ތޫފާނާ މެދުގަ އެވެ. އެފުށް މިފުށަށް ޖެހިގެން ދިޔަ ނާކާމިޔާބު ދިރިއުޅުމާމެދުގަ އެވެ.
ގަޑިން އެގާރަޖަހައިފި އެވެ. ރަށުތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެ އެވެ. ރަމީޒު އެކަނިމާ އެކަނި ދޯނީގައި އޮތެވެ. ފުރާވަގުތު ކައިރިވަމުން އައި ނަމަވެސް އެއްވެސް މީހަކު ދޯންޏަކަށް ނާދެ އެވެ. މީހުން އަންނާނީ ގަޑިއަށް ކަންނޭނގެ އެވެ. އެހެންކަމުން ފިކުރުތަކުން ސިކުނޑި ސާފު ކޮށްލައިގެން ނިދާލެވޭތޯ ރަމީޒު މަސައްކަތްކުރި އެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބު ނުވެގެން އުޅެނިކޮށް ފޯނަށް މެސެޖެއް އަތުވެއްޖެ އެވެ. ފޯނު ނަގައި ބަލައިލި އިރު އައީ ވޮއިސް މެސެޖެކެވެ. ނުދަންނަ ނަންބަރަކުންނެވެ.
މިވަގުތު މެސެޖެއް ކިޔާ، އަޑުއެހުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބަޔަކުނެތެވެ. އެހެންކަމުން ފޯނު ޖީބަށް ލުމަށްފަހު، އަނެއްކައިވެސް ޖައްސައިލީ އެވެ. ފިކުރުތަކުން ބަރުވެފައިވާ ސިކުނޑިއަކާ އެކުގަ އެވެ. އެހެނަސް ގިނައިރަކު ނޯވެވުނެވެ. ތެދުވެއްޖެ އެވެ. ޖީބުން ފޯނު ނަގައިފި އެވެ. ޚިޔާލު ބަދަލުވީކަންނޭނގެ އެވެ. އާއެކެވެ. މެސެޖު ޕްލޭކޮށްލުމަށްފަހު އަޑުއަހަން ފަށައިފި އެވެ.
އިވެނީ ދެ ފިރިހެނެއްގެ އަޑެވެ. އެއީ ކޮން ދެމީހެއްކަން ދެނެގަންނާކަށް ރަމީޒަކަށް ގިނަ ވަގުތެއް ބޭނުމެއް ނުވި އެވެ. އެއީ ނަޖީބާއި ހަބީބުގެ އަޑެވެ.
"އެކަލޭގެ ގެއަށް ގޮސް ވަރަށް ކަންތައް ހިންގާލި ދޯ!" ހަބީބު ބުނި އަޑު އިވުނެވެ.
"ސުބުޙާނަﷲ! ކަންތަކޭ! ހީވީ ތޫފާނެއް އައިހެން." ދެން އިވުނީ ނަޖީބު ހިނިގަނޑެއް ޖަހާލި އަޑެވެ. "އެކަމަކު ބުނަން! މަގޭ ބަސް ރަމީޒު ގަބޫލު ނުކޮށްފާނެތީ ފުރަތަމަ ކުޑަކޮށް ޖެހިލުންވެސްވި. އެކަމަކު......"
"ޝައްކެއްވެސް ނުކުރި ދޯ!"
"އާނ، ހަމަ ބަރާބަރަށް ގަބޫލުކުރި."
"މަ އެވަރަށް އަޅާފައޭ ފޮނުވީ. އަސްލު ހުރިހާވެސް އެއްޗަކީ ހަމަ އެ މެސެޖު އިނގޭ! އޭތި ނުދެއްކިނަމަ އޭނަ ގަބޫލެއް ނުކުރާނެ."
"އެހެން ވެގެން ރޭވިކަމެކޭ އެއީ؟" ނަޖީބުގެ އަޑުގައި ހުރީ ބޮޑާގޮތެކެވެ.
"ކިހިނެއް އަތުލައިގަތް މެސެޖެއްތަ އެއީ؟" ހަބީބު ސުވާލު ކުރިއެވެ.
"ހަބީބަށް އަދިވެސް މި ނަޖީބެއް ދަހެއް ނުވޭދޯ!" ނަޖީބު ޗޮކެއް ކަނޑައިލި އެވެ. "އެދުމެއްނެތި އަހަރެން ވެދުމެއް ކުރާނެހެން ހީވޭތަ؟ ފުރަތަމަ އެ ރަމީޒުގެ މަންއައަށް އަހަރެން އެހީތެރިވީވެސް ހަމަ މި ދުވަސް ޝަހާމާއަށް ދައްކަންވެގެން. އަހަރެން އޭނާދެކެ ވީ ލޯބީގައި ކޮޅުފައިން ޖަހާފައި، އަދި ނުވީތަނަށް އަހަރެންގެ މޫނުމަތީގައި އެތިފަހަރެއް އަޅާފައި ގޮސް ހަމަޖެހިގެން އުޅޭތަން ދެކެން އަހަންނަށް ކެތް ކުރެވޭނޭހެން ހަބީބަށް ހީވޭތަ؟"
"ނުވާނެ." ހަބީބު އެއްބަސްވި އެވެ.
"އޭނާ ރަމީޒާ ރައްޓެހިވިކަން އަހަންނަށް އެނގުނީ މީހެއްގެ ފުށުން. އޭރު މަ ނުވެސް ދަންނަން ރަމީޒެއް. އެ ޚަބަރު ލިބުމުން އަހަރެން މާލެގޮސް މަސައްކަތްކުރީ އެގޭމީހުންނާ ގުޅުން ބަދަހިކުރެވޭތޯ. ނުބައި ކަންކަން ކުރަން އުޅޭއިރު ނަސީބުވެސް އެހީވެއޭ ބުނެއެއްނު. އެގޮތުން އަހަންނަށް މީހެއްގެ ފަރާތުން އެނގުނީ އޭނާގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭކަން."
"ވަގުތުން ހޮސްޕިޓަލަށް ގޮސް މާ ހެޔޮވެގަނެގެން އުޅެގަތީ ދޯ!" ހަބީބު ހިނިގަނޑެއް ޖަހައިލި އަޑު އިވުނެވެ.
"އެހެންޏަ. ލޭވެސް ދިނިން. ދަމަށްވެސް އިނިން. ގާތުން ޚަރަދުކޮށްފައި ބޭސްވެސް ގަނެދިނިން."ނަޖީބު އިތުރުކޮށްލި އެވެ.
"ކަމަކަށް ގިލި އަޅައިގެން އުޅޭ މީހަކަށް ތިވަރު ވެދާނެ."
"އާނ. ވެދާނެ! ކުރީދުވަހު ދިޔަ ދަތުރަކީވެސް އަހަރެން ރޭވި ދަތުރެކޭ. ރަނަށްވުރެ އަގު ބޮޑު އެ މެސެޖަކީ، އެ ދަތުރުގެ ހަދިޔާ. މޮޅެއްނޫންތަ؟"
"އާނ، ތި ވާހަކަ ކިޔައިދީބަލަ! ކިހިނެއް ހޯދި މެސެޖެއްތަ އެއީ؟"
"ރަމީޒު ބުނެގެން އަހަރެން ކެމެރާބަލާ ދިޔަ ހަނދާން ވޭތަ؟"
"އާނ، އެއްކަލައިރު އާނުގަނޑު ކައިރިއަށް ގޮއްސަ ދޯ!" ހަބީބުގެ ހަނދާނަށް އަތުވެއްޖެ އެވެ.
"އާނ، އަހަރެން ދިޔައިރު ކެމެރާ ވީ އާތިފާ ގެންގޮސްފަ. އަހަރެން ގޮސް ކެމެރާގެ ވާހަކަ އަހައިލާއިރަށް ކެމެރާ ބަލައޭ ކިޔާފަ، ޝަހާ ހިނގައްޖެ."
"ބޮޑު ބިރެއް ފެނިގެން ދިޔަހެން ދޯ ހީވީ." ހަބީބު ބުނި އަޑު އިވުނެވެ. ތަންކޮޅެއް ނުސާފު ކޮށެވެ.
"ތިބުނީ ހަމަ ރަނގަޅަށް. ހާދަ ބިރެއްވެސް ގަނެޔޭ މަދެކެ. މީގެ މޮޅު ކަމަކީ އަވަހަށް ދާން ހަދައިގެން އޭނާގެ ދަބަސް މަތީގައި ބާއްވާފައި އޮތް ފޯނުވެސް ބާއްވާފައި ދެވުނުކަން. ފޯނު ފެނުމާއެކު މަގޭ ބޮލަށް ވަގުތުން އިބިލީސް ސަވާރުވެއްޖެ. އެކަހަލަ ބަލިކަށި އަންހެނަކަށް އަހަރެމެންނާ ކުޅެލެވޭނެތަ؟"
"ނުކުޅެވޭނެ ދޯ!"
"އެހެންޏަ. ވަގުތުން އެ ފޯނުގައި މެސެޖު ލިޔެލާފަ މި ފޯނަށް ސެންޑުކޮށްލީ. މި ކުޅިގަނޑަށް ނިމުމެއް ގެންނާނީ ތި ޝަހާމާއާ އިނދެލާފައި. ހަބީބު ހުރޭ ބަލަން."
އިތުރަކަށް އެންމެ ލަފުޒެއް އަޑު އަހާނެ ހިއްވަރެއްވެސް ރަމީޒަކަށް ނުލިބުނެވެ. އޭނާ އިނީ ދާހިއްލާ ފޯވެފައެވެ. ބޯ ހީވަނީ ފަޅައިގެން ހިނގައިދާނޭހެންނެވެ. ނޭވާލާންވެސް ދަތިވެއްޖެ އެވެ. އޭނާއަށް ބޭއިޚުތިޔާރުގައި ތެދުވެވިއްޖެ އެވެ. ދޯނިން ފައިބާ ފާލަންމަތީގައި ދެކޮޅަށް ދެކޮޅަށް ހިނގަން ފެށިއްޖެ އެވެ. އެގޮތަށް ހިނގަމުން ދިޔައިރު އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔައީ ކޮންފަދަ އިހުސާސްތަކެއް ކަމެއް ނޭނގެ އެވެ. އޭނާގެ އެންމެ ބޮޑު ސުވާލަކަށް ވެފައި ވަނީ އެ މެސެޖު އޭނާއަށް ކުރި މީހަކާ ބެހޭގޮތުން އުފެދިފައިވާ ސުވާލެވެ.