އަނެއްކޮޅުން ނަޖީބުގެ ސިކުނޑީގައި އެވަނީ ބަދަލު ހިފުމުގެ ވަރުގަދަ އޮއިވަރެއް ފެތުރުފަ އެވެ.
"މިކަހަލަ ރީތި ތުނޑިތައް ހުއްޓާ ޝަހާ ކީއްކުރަން މާލެގޮސް ތިއުޅެނީ؟" އިށީނދެ ހަމަޖެހިލަމުން ރަމީޒު އެހިއެވެ.
"ރަމީޒާ އިންނަހިތަކުންނު. އޭރުންތާ މާލޭ ބޭފުޅަކަށް ވެވޭނީ، ދޯ ޝަހާ!" ނަޖީބުގެ މާނައިން ފުރިފައިވާ މަލާމާތުގެ މި ބަސްތަކުން ރަމީޒުގާތަށް އައީ ހިންޏެވެ. ވީ މަޖަލެވެ. އެހެންނަމަވެސް ޝަހާގާތަށް އައީ ރުޅިއެވެ. ދަތްކުނޑި ވިކައިގަނެވުނެވެ. އެ ޖުމުލަތަކުގައި ހުރި މަލާމާތާއި ފުރައްސާރައިގެ ރަހަ ކިތަންމެ ރަނގަޅަކަށް ވެސް ޝަހާމާގެ އަރުގައި ހިފައިފި އެވެ.
"އޭ ނަޖީބު، ދެން ކޮންމެވެސް ވާހަކައެއް ފަށާބަލަ! ނެތްތަ މަޖާ ވާހަކައެއް؟" ދޮންވެލި ތުނޑީގައި ދެފައި ވަށްކޮށްލުމަށްފަހު ރަމީޒު ހަމަޖެހިލި އެވެ.
"މަށަކަށް ނޭނގޭނެ މަޖާވާހަކަ ކިޔާކަށް."
"ދެން ކޮންކަހަލަ ވާހަކައެއް އެނގެނީ؟"
"އެއްގަމު ކެޔޮޅުކަމު ގޮސް އުޅޭ މީހުން މަގުމަތި އަޅައިގެން އުޅޭއިރު އަންނަ ހޫނު އެތިފަހަރުގެ ސަބަބުން އެމީހުންގެ ސިކުނޑިއަށް އަރާ ލޮޅުމުގެ ވާހަކަ ކިޔައިދީފާނަން."
"ތިކަހަލަ މަޢުޟޫއަށް މީހުން ލިޔެއުޅެނީ ރިޕޯޓެއްނު." ރަމީޒު ޖަހައިލީ ހިނިގަނޑެކެވެ. "ބިރުވެރި ވާހަކައެއް ނޭނގޭތަ؟"
"ނޫނޭ! ބިރުވެރި ވާހަކަ ކިޔާފާނަން ކިތަންމެ ވަރަކަށް ވެސް."
"އަވަހަށް ފަށާ!" ރަމީޒު ހަމަޖެހިލި އެވެ. ބިރުވެރި ވާހަކަތަކަށް ރަމީޒު ވަރަށް ގަޔާވާހެން ހީވެއެވެ.
ނަޖީބު ވާހަކަ ފަށައިފި އެވެ. ނަޖީބުގެ ޗާލާކީކަން ފެނިފައި ޝަހާމާ އިނީ ފޫހިވެގެން ގޮސް އަވަދިވާވަރު ވެފަ އެވެ. އޭނާގެ އެ ގޮތް ދެއްކުމުގެ ޖާދޫގައި ރަމީޒު އެ އިނީ ރަނގަޅަށް ހައްޔަރުކޮށްފަ އެވެ. ޝަހާމާ އެންމެ ކަންބޮޑުވަނީ އެކަމާ އެވެ. ނަޖީބުގެ ޙަޤީޤަތް ރަމީޒަށް ކިޔައިދޭން ޝަހާމާ ބޭނުންވެ އެވެ. އެކަމަކު އޭގެ ނަތީޖާ ނިކުންނާނޭ ގޮތް ހިތަށް ނުގެނެވޭތީ އެ ވާހަކަ ރަމީޒުގެ ކުރިމަތީގައި ފަށަން އޭނާ ޖެހިލުންވަނީ އެވެ.
ޝަހާމާ އިނީ ގެއަށް ދާން ބޭނުންވެފަ އެވެ. އޭނާ މިތަނަށް އައީވެސް އަންނަ ހިތަކުން ނޫނެވެ. ނަޖީބާ އެއް ޖަމާޢަތެއްގައި އެންމެ ސިކުންތަކުވެސް އިނުމަކީ އޭނާގެ ހިތް ރުހޭނޭ ކަމެއް ނޫނެވެ. އެހެން އިންއިރު އޭނާގެ ހިތަށް ޒާތެއްގެ ބިރުވެރިކަމެއް ވެސް ވަންނަމުން ދިޔައެވެ. ހަނީމޫނަށްޓަކައި ރޭވި މި މުހިއްމު ދަތުރު މިއުޅެނީ މުޅިން ޚަރާބުވާން ބާވައެވެ؟
"ޝަހާ! ނިދިއަންނަނީތަ؟" ޝަހާމާ ފާޑަކަށް އިންނާތީ ރަމީޒު އެހިއެވެ.
"އުނހު." ރަމީޒު އެހާ ގަޔާވެގެން ވާހަކަ އަޑުއަހަން އިންދާ އެކަމަށް ހުރަސްއަޅާކަށް އޭނާ ބޭނުމެއް ނޫނެވެ.
"ޝަހާ މިހާރު އޭނދީ ބިރުން ކަންނޭނގެ." ކިޔައިދެމުން ދިޔަ ވާހަކަ މެދުކަނޑައިލާފައި ނަޖީބު ބުންޏެވެ.
ނަޖީބު އެބުނީ ތެދެކެވެ. އޭނާ އެ އިނީ ވަރަށް ބިރުންނެވެ. އެހެންނަމަވެސް އޭނާ ބިރުގަންނަނީ ނަޖީބު ކިޔައިދެމުން ގެންދާ ވާހަކައިގެ ސަބަބަކުން ނޫނެވެ. އެ ވާހަކައެއް އޭނާ އަޑެއް ވެސް ނާހައެވެ. އަޑުއަހާކަށް ބޭނުމެއްވެސް ނޫނެވެ. އޭނާ ބިރުގަންނަނީ ނަޖީބު ދެކެއެވެ. އެ ކިޔައިދޭ ވާހަކައިގައި ބިރުވެރި އެއްޗެއް އުޅޭނަމަ، އެ އެއްޗަށް ވުރެ، ނަޖީބުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އޭނާއަށް މާ ބޮޑުވާނެކަން އެނގޭތީ އެވެ.
ރަމީޒާއި ޝަހާމާއަށް ގެއަށް އާދެވުނުއިރު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ޝަހާމާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެ ނިދިއައިސްފަ އެވެ. ރަމީޒުވެސް ހުރީ އެފަދަ ޙާލެއްގަ އެވެ. އެހެންކަމުން ދެމީހުންވެސް އަވަސްވެގަތީ ނިދުމައިގެންނެވެ.
ގިފިއްޔަށް ވެރިވެފައިވާ ހަނދުވަރުގެ ރިހި އަލީގެ ސަބަބުން، ދިއްލާފައިވާ ފަނަރަ ވޯޓު ބޮކީގެ އަލި ވަނީ ފަނޑުވެފަ އެވެ. ޖެހޭ މަޑުމަޑު ވައިރޯޅީގެ ސަބަބުން، ގަސްތަކަށް ވަނީ ދިރުން ގެނެސްދީފަ އެވެ. ގިފިލީގެ ވަށައިގެން ކަހަލަ ގޮތަކަށް ހެދިފައި ހުރި ބޮޑެތި ބަނބުކެޔޮ ގަސްތަކާއި ދުނބުރި ގަސްތަކާއި ކަށިކެޔޮ ގަސްތަކުގެ ސަބަބުން އެ ހިސާބު ފެންނަނީ ނާމާން ގޮތަކަށެވެ.
މިއިން ކަމަކަށް މާ ބޮޑު ފަރުވާލެއް ނެތި، ޝަހާމާ ވަނީ އަވަސް އަވަހަށް ގިފިއްޔަށެވެ. ނިދަން ތައްޔާރުވެލުމަށްޓަކަ އެވެ. ގިފިއްޔަށް ވަނުމާއެކު ގައިގައި ޖެހުނު ފިނި ފިނި ވައިރޯޅީގެ ސަބަބުން އޭނާގެ ފިޔަވަޅަށް ހުއްޓުން ގެނުވައިފި އެވެ. އެވަގުތު އޭނާއަށް ގިފިލީތެރެއަށް ނަޒަރު ހިންގައިލެވުނެވެ. މާބޮޑު ފިކުރެއް އޮވެގެނެއް ނޫނެވެ.
އިރުކޮޅަކު އެހެން ހުރެފައި ޝަހާމާ ހިނގައިގަތީ ވަޅާދިމާއަށެވެ. އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެކެވެ. ކުއްލިއަކަށް ފިޔަވަޅަށް ހުއްޓުން އަރައިފި އެވެ. މޭ ތެޅިގެންފި އެވެ. ހަތަރެސްފައި ތުރުތުރު އަޅައިގެންފި އެވެ. އޭނާއަށް ކަޅި ޖަހައިނުލައި ބަލަންހުރެވުނީ ފާރުމަތިން ބޯ ހިއްލައިގެން ގިފިއްޔާ ދިމާއަށް ބަލަންހުރި ބިރުވެރި މޫނާ ދިމާއަށެވެ. އޭނާއަށް ފެންނަމުން ދަނީ އެގޮތް މިގޮތަށް ހޭވިފައި އޮތް، ނީކުނޑި ކުލައިގެ ދިގު އިސްތަށިގަނޑަށެވެ. ހަނދުވަރުގެ ތެރެއިން އެ މޫނު ފެންނަނީ ރަތް ދޮން ކުލައެއްގަ އެވެ. އަނގަ ބޮޑުވެފައި ދެލޯ ކަޅެވެ. ނޭފަތް ހީވަނީ، އެތަނަށް ޖަހާފައި ހުރި ކުރު ފަލަ ކެރެޓެއް ހެންނެވެ. މޫނުގެ ހަންގަނޑު ވަނީ ދޫޖެހި، ރުލުން ފުރިފަ އެވެ.
ކުއްލިއަކަށް އެމޫނަށް ކޮންމެވެސް ވަރެއްގެ ޙަރަކާތެއް އަތުވެއްޖެ އެވެ. އެސްފިޔަ ޖަހައިލިހެންވެސް ހީވިއެވެ. ދެނަކާ ދެނެއް ނެތެވެ. ޝަހާމާއަށް ހަޅޭއް ލަވައިގަނެވުނީ އަޑުގައި ނެތް ތަނަށެވެ. އެނބުރި ގެއާ ދިމާއަށް ދުއްވައި ގަނެވުނީ ވަކި ގޮތެއް ބަލައިގެނެއް ނޫނެވެ.
"ކިހިނެއްވީ؟" ރަމީޒު އައިސް ޝަހާމާގެ ގައިގައި ހިފެހެއްޓިއިރު އޭނާގެ ހަށިގަނޑު ހީވަނީ، މަރަށް ތެޅޭ ރޯމަހެއް ހެންނެވެ. އަނގައަކުން ނުބުނެވެއެވެ. ދެލޯ މަރާ ފިއްތައިގެން ހުރެ، އިޝާރާތްކުރެވެނީ ގިފިއްޔާ ދިމާއަށެވެ. ވީގޮތް ރަމީޒަށް ވިސްނުނީ ކަންނޭނގެއެވެ. ޝަހާމާ އެނދުގައި ބައިންދާފައި އޭނާ ގިފިއްޔާ ދިމާއަށް ހިނގައިގެންފި އެވެ. ގެންގުޅޭ ކުޑަ ޓޯޗު ހިފައިގެންނެވެ.
ގިފިއްޔަށް ވަދެ ގިފިލީގެ އެތައްމިތަނަށް އަލިކޮށް ބެލިއިރުވެސް އޭނާއަކަށް، މީހަކު ބިރުގަންނަން ޖެހޭ ފަދަ އެއްވެސް ކަމެއް ނުފެނުނެވެ. އެހެންކަމުން އެނބުރި އައިސް ގެއަށް ވަދެއްޖެ އެވެ. ކޮޓަރިއަށް ވަންއިރު ޝަހާމާ އެނދުގައި އިނެވެ. އޭރުވެސް އޭނާ މުޅިން ހަމައަކަށް ނޭޅެއެވެ.
"ކޮންކަމަކާތަ އެހާ ބިރެއް ތި ގަތީ؟" ރަމީޒުއައިސް ޝަހާމާ ގާތުގައި އިށީނދެ ބޮލުގެ އިސްތަށިގަނޑުގައި ފިރުމާލަމުން އަހައިލި އެވެ.
"ފާޑެއްގެ އެއްޗެއް ފާރުމަތިން ބޯ ހިއްލައިގެން ބަލަން ހުރީ." ޝަހާމާގެ އަޑު ތުރުތުރު އަޅައެވެ. އޭނާއަކަށް އަދިވެސް ވާހަކަ ދައްކާކަށް ފަސޭހައެއް ނޫނެވެ.
"ތީ ހީވިގޮތެއް ކަންނޭނގެ. ނެތް އެއްވެސް އެއްޗެއް."
ރަމީޒު އެހެން ބުންޏަސް ޝަހާއަކަށް ގަބޫލެއް ނުކުރެވެ އެވެ. ވާނީވެސް އެހެންތާ އެވެ. އޭނާއަށް ވަނީ ފެނިފަ އެވެ. އޭގެ ކުލައާއި ސިފައެވެ. ހަރަކާތް ކުރިތަންވެސް ފެނުނެވެ. އެހެންކަމުން އެރޭ އޭނާއަށް ނިދުނީވެސް އެ ބިރުވެރިކަމުގެ ތެރޭގައި އޮއްވައެވެ. ނިދުނުތާ މާ ގިނައިރެއް ނުވެ ސިހިފައި ހޭލެވިއްޖެ އެވެ. ހީވީ މީހަކު ކޮއްޓައިލި ހެންނެވެ. ހޭލެވުމާއެކު ފުރަތަމަވެސް ސިފަވެގެން ދިޔައީ ގިފިލި ތެރެއިން ފެނުނު ބިރުވެރި ސޫރަ އެވެ. އެވަގުތު އޭނާގެ މޭ ތެޅިގަތެވެ. ފުންމައިގެން ތެދުވެވިއްޖެ އެވެ. ކޮޓަރީގައި ދިއްލާފައި ހުރި ފަސް ވޯޓު ބޮކީގެ ފަނޑު އަލިކަމުގެ ތެރެއިން ކޮޓަރީގެ އެކި ދިމަދިމާއަށް ބަލައިލެވުނެވެ. އެވަގުތު ދެން ލިބުނު ސިހުން އަދި މާ ބޮޑުވެއްޖެ އެވެ. އެނދަކު ރަމީޒެއް ނެތެވެ.
"ރަމީޒު" ޝަހާމާއަށް އަވަސް އަވަހަށް ރަމީޒަށް ގޮވައިލެވުނެވެ. އެހެނަސް އޭނާގެ ކަރުތެރެއިން ނިކުތީ އޭނާގެ އަޑެއް ނޫނެވެ. ބަރު ފިރިހެން އަޑެކެވެ.
ބިރުން ހަދާނޭގޮތް ނޭނގިފައި އިން ޝަހާމާއަށް ވީގޮތްވެސް ނޭނގުނެވެ. އެނދުން ފުންމައިލެވިއްޖެ އެވެ. ކޮޓަރީގެ އެކި ދިމަދިމާއަށް ކަޅި ހޫރަން ފެށުނެވެ. ކޮޓަރިއަކު ރަމީޒެއް ނެތެވެ. ގަތް ބިރާއި ލިބުނު ނުތަނަވަސްކަމެއްގެ ބޮޑުކަމުން އޭނާއަށް ހިނގައިގަނެވުނީ ދޮރާ ދިމާއަށެވެ. ކޮޓަރިން ނިކުތުމަށެވެ. ރަމީޒު ހޯދާށެވެ.
ކޮޓަރީ ދޮރު ހުޅުވާލާފައި ޝަހާމާ ބޭރަށް ނިކުމެއްޖެ އެވެ. ސިޓިން ރޫމަށެވެ. އެތަނަށް ވެސް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ކުއްލިއަކަށް ޝަހާމާގެ ލޮލުގައި އަޅައިގަތީ ރަމީޒެވެ. އޭނާ ހުރީ ޝަހާމާއަށް ފުރަގަސް ދީގެން ތަންކޮޅެއް ދުރުގައެވެ. ވަލުފަރާތަށް ނިކުންނަން ހުރި ދޮރު ކައިރީގަ އެވެ. އިރުކޮޅަކު ބަލަން ހުރެފައި ޝަހާމާ ހިނގައިގަތެވެ. ރަމީޒާ ދިމާއަށެވެ. ރަމީޒު އެއުޅެނީ ޝަހާމާ ބިރުގަންނުވާށެވެ. އޭނާއަށް އެކަން އެނގެ އެވެ. އެކަމަކު މިއީ އެފަދަ ސަމާސާއެއް ކުރަން އެންމެ އެކަށީގެންވާ ދަނޑިވަޅުބާވަ އެވެ؟
"ރަމީޒު." ފުރަގަހުން ގޮސް ރަމީޒުގެ ގާތަށް ހުއްޓިފައި ޝަހާމާ ގޮވައިލި އެވެ. ރަމީޒު ބަލައެއް ނުލިއެވެ. އަޑު އިވޭހެންވެސް ހީނުވެ އެވެ. އޭރު ޝަހާމާހުރީ ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތް ވެފައެވެ. އެފަދަ ސަމާސާއެއް މިވަގުތު އޭނާއަކަށް ކަމަކު ނުދެއެވެ.
"ރަމީޒު! ސަމާސާ ކުރަން މީދެން ކޮން ވަގުތެއް؟" ރަމީޒުގެ އަތުގެ މުލައްދަނޑީގައި ޝަހާމާ ހިފެހެއްޓި އެވެ. ތަޅުވައިގަތެވެ. އެވަގުތު ހަމަ ކުއްލިއަކަށް ރަމީޒު އޭނާއާ ދިމާއަށް އެނބުރިއްޖެ އެވެ. ރަމީޒުގެ މޫނު ފެނުމާއެކު ޝަހާމާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ތެޅިގެންފައި ފަހަތަށް ޖެހެވުނެވެ. ދެލޯ ބޮޑުވެ ގައިން ހީބިހި ނަގައިގަތެވެ. މާތްކަލާކޯ އެވެ. އެއީ ރަމީޒެއް ނޫނެވެ. ގިފިލީ ފާރުމަތިން މިރޭ ފެނުނު ބިރުވެރި ސޫރައެވެ. އެއީ ހަމަ އެ ބިރުވެރި މޫނެވެ.
އޭތި ހުރީ ޝަހާމާއާ ދިމާއަށް ކަޅި ޖަހާނުލާ ބަލާށެވެ. އިރުކޮޅަކުން ފެނުނީ އޭތި ދަތްޕިލަ ދިލުވައިލި ތަނެވެ. ހީނގަތީކަންނޭނގެ އެވެ. އެކަމަކު އަޑެއް ބޭރެއް ނުވެއެވެ. އެވަގުތު ލިބުނު ކުއްލި ސިހުމާއެކު، ގަތް ބިރެއްގެ ބޮޑުކަމުން ޝަހާމާއަށް އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. ކޮޓަރިއާއަށް ދިމާއަށް ދުއްވައިގަތުމަށް ކުރި މަސައްކަތް ވީ ބޭކާރެވެ.
ރަމީޒަށް ހޭލެވުނީ ސިހިފަ އެވެ. ޝަހާމާ ހަޅޭއްލަވައިގަތް އަޑަށެވެ. ރޮއިގަތް އަޑަށެވެ. ރަމީޒަށް ފުންމައިގެން ތެދުވެވުނެވެ. އޭރުވެސް ޝަހާމާ ދެލޯ މަރާ ފިއްތައިގެން އޮވެ ތެޅި ފޮޅެނީ އެވެ. ހަޅޭއްލަވަނީ އެވެ.
"އޭތް! ޝަހާ!" ރަމީޒު އަވަސް އަވަހަށް ޝަހާމާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ. "ޝަހާ! ކިހިނެއް ތިވަނީ؟"
ޝަހާމާއަށް ހޭލެވުނީ އެވަގުތު އެވެ. ހޭލެވުމާއެކު ފުންމައިގެން ތެދުވެ ރަމީޒުގެ ގައިގައި އޮޅުލައިގެންފި އެވެ. އޭރު އޭނާގެ މުޅި ހަށިގަނޑު އެކީ އެކައްޗަކަށް ރޫރޫ އަޅައެވެ. ރޯމަހެއްހެން ތެޅެއެވެ.
"ކިހިނެއްވީ؟ ހުވަފެނެއް ފެނުނީތަ؟"
ޝަހާމާ ބޯ ޖަހައިލި އެވެ. ރަމީޒުގެ ކޮނޑުގައި މޫނު ޖައްސާ ފިއްތައިގެން އިނދެއެވެ.
"ތީ ބިރުން އޮވެ ނިދީމަ ވީގޮތެއް ކަންނޭނގެ!" ޝަހާމާ ބާލީސްމަތީގައި ބޭއްވުމަށްފަހު ބޮލުގައި ފިރުމާލަމުން ރަމީޒު ބުންޏެވެ.