މިއަދަކީ ސަވާނާގެ ކައިވެނި ކުރެވޭ ދުވަހެވެ. އެގޭތެރޭގައި ހަލަބޮލިކަން އިތުރުވެ އެކި މީހުން އެކި ކަންތައްތަކާއި އަވަދިނެތި އުޅޭތަންފެނެއެވެ. ސަވާނާ އެދުވަހަށްޓަކާ ސެލޫންއަށްގޮސް ޑައިމަންޑް ފޭޝަލްހަދާ ފުލްބޮޑީ ވެކްސްއެއް ކުރުވިއެވެ. މުށިކުލައަކަށްދާ އިސްތަށިގަނޑުގައި ރަތްކުލައިގެ ހީނާފަތް އަޅުވާ އެދުވަހަށް އޭނަ ތައްޔާރުވީ އެންމެ ފުރިހަމައަށެވެ. އޮމާންކަމުން ގައިގާ އިނގިލި ޖައްސާލިޔަސް ކައްސާލާވަރުވެއޭ އޭނަގެ ހިތަށްވެސް އެރިއެވެ. ސަވާނާ ބިއުޓީ ސެލޫންއަށް ދިޔަ ވާހަކަ ލިވިއާ ކައިރީ ނުބުނީ ލަދުންނެވެ. ލިވިއާ ދިމާކުރާނެ ވަރު އެނގޭތީއެވެ. މިއީ އަންހެންކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަހަށްވުމުން އަލަތު ކައިވެންޏަށްޓަކަ އެންމެ ފުރިހަމައަށް ތައްޔާރުވާން ޖެހޭނެކަމުގައި ސަވާނާ ގަބޫލުކުރެއެވެ.

ސަވާނާ ކާރުން ފުންމާލިއެވެ. ގަޔަށް ފިޓްކޮށްވާ ޑެނިމް ޖިންސަކާއިއެކު ޓޮޕަކާއި ވިކްޓޯރިއާ ބެކްޕެކެއް އަޅުވާލައިގެން ހުރިއިރު ސްޓައިލިޝްގޮތެއް ހުއްޓެވެ. ސަވާނާ ދުވަމުން ފުމެމުން އައިގޮތަށް ސިޓިންރޫމަށް ވަން ވަގުތު މީހެއްގެ ގައިގާ އަޅައިގަތެވެ. އެބާރުގަދަ އަތުގެ ހިމާޔަތް ނުލިބުނުނަމަ ސަވާނާގެ ހަށިގަނޑު ބެލެންސްވެސް ނުކުރެވުނީސްކަން ޔަގީނެވެ. އެއީ ކާކުކަން އެނގުމާއިއެކު ސަވާނާގެ މޫނު އަނގުރު އަލިފާންކޮޅެއްހެން ރަތްވިއެވެ. ނޭވާލާކަށްވެސް ހަނދާނެއްނުވިއެވެ.

"ވޯހް.....ކެއާފުލް..." ލުކުމާންއަށް ބުނެވުނެވެ. ސަވާނާ ދުރުވާން އުޅުނުއިރު އޭނަގެ އަތުގައި އޮތް ކެވެލިކޮޅު އެކަން މަނާކުރިއެވެ. ލުކުމާންގެ ޓީޝާޓުގައި އަޅައިގަތްގޮތަށް ދެމީހުން ތަތްކުރާ މަދަދުގާރެއްކަމުގައި ވިއެވެ. ލުކުމާން ދާދި ފަސޭހައިން ކެވެލި ނައްޓާލާފައި ތަންކޮޅެއް ދުރަށް ޖެހުނެވެ. އޭރު އޭނަގެ މޫނުމަތިން ފެންނަން ހުރީ ލާނެތްކަމެކެވެ.

"ލު...ލޫކް. މިގޭގައި މިހާރު..ކީއްކުރަނީތަ؟ " ސަވާނާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިޔަސް މޭގަނޑު ތެޅޭލެއް ބާރުކަމުން ބޭރަށް އަޑުއިވޭނެކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. އެހިތަށް ލުކުމާން ފެނުމާއިއެކު އެވަނީ ހާދަ ވަރެކެވެ. ލުކުމާން ފެނުމުން ބޫޓު ބާލާކަށްވެސް އޭނަ ހަދާނެއްނުވިއެވެ. ލައިގެން ހުރި ޓެނިހުގައި ޗަކަ ހުރިކަމެއްވެސް ހަދާނެއްނެތި އެތެރެއަށް ފިޔަވަޅެއްއެޅިއެވެ. މޫނަށް ހޫނުވެފައިވާވަރުން އަތުން މޫނަށް ވިހެންފެށިއެވެ.

"މިއައީ ހަމަ ސަވާނާއާއި މީޓްކޮށްލަން؟ ކެން ވީ؟ " ލުކުމާން ސިޓިންރޫމްގެ ސޯފާއަކަށް އިޝާރާތްކުރިއެވެ. ސަވާނާ މަޑު ކަފަކޮޅެއްފަދަ ކައުޗަށް ވެއްޓިގަތެވެ. ލުކުމާން ޓެނިސް ބާލަދޭން ފެށުމުން ސަވާނާ އޮތީ ދެލޯ ބޮޑުކޮށްގެން ބަލާށެވެ. ލުކުމާން އެއްލޯ މަރައިލަމުން ފިރިއެއްގެ ވާޖިބު މިހާރުއްސުރެން އަދާކުރަން ފެށީކަމުގައި ބުނިތަނާ ލިވިއާ ވަދެފައި ކަރަންޓު ޝޮކެއްޖެހުނު މީހެކޭ އެއްވަރުވިއެވެ. ލިވިއާ ހިތާހިތުން ލުކުމާންއާއި ދިމާލަށް ކުދި ކިޔަމުންގޮސް ނިކަން ފަރިކޮށް ކުރިމަތީގައި ހުރި ސޯފާގައި އިށީދެލިއެވެ.

"ޗީޑި ނަންނިވެސް އުޅޭގޮތެއް. ޗަކަހުރި ޝޫޒުން މިއޮތް ރީތި ކައުޗް ހަޑިކޮށްލައިފި..." ލިވިއާ ސަމާސާއަކަށް ހަދާފައި ބުނި ކަމުގައި ވިޔަސް އޭނަ އެ ހާމަކުރީ ހިތުގައިވާ އެއްޗެއް ދިމާލަށެވެ. ލުކުމާންއަށް އެއްޗެއް ވިސްނޭނެއެވެ. އޭނަގެ އަންހެން ކަމާއި ސަވާނާގެ އެހެރަ ގޮތްތައް އަޅާނުކިޔޭނެ އެއްވެސް ގޮތެއްނެތެވެ. އޭނަ އުޅޭހިތްވަނީ އެހާ ޝާހީ އުޅުމެކެވެ.

"ހޫމް. މި ސޮކްސް ގައި މިއޮތް ދުވާ ވަހެއް....ސްޓިންކިން. ސަވާނާގެ ނަން ސަފަރު ކައްދައަށް ބަދަލުކޮށްލާނީ........" ލުކުމާން ނޭފަތް ގުރުޑުކޮށްލުމުން ސަވާނާ ލަދުންގޮސް ހުރިތަނަށް ވިރިގެން ފައިބާވަރުވިއެވެ. ލަދުންގޮސް މުޅިމޫނަށް ހަށިގަނޑުގައިވާ ހުރިހާ ލޭތައް ޖަމާވެ ބަލަން އިންގޮތަކުން ލުކުމާން ހެވޭގޮތް ވިނަމަވެސް އޭނަ އެކަމެއް ނާންގައެވެ. ހަގީގަތަކީ ސަވާނާގެ ގައިގާ އަބަދު ހިފާފައި ހުންނަ ލުއި މީރުވަހަކީ ލުކުމާން ކަންބޮޑުކުރުވާ ކަމެކެވެ. އޭނަ އަބަދުވެސް ލުއި މީރުވަހަށް ލޯބިކުރެއެވެ. މާމެލާމެލީގެ މީރުވަހުން ސިކުނޑި ތާޒާކޮށްދޭތީއެވެ. ސަވާނާއާއި ކައިރިވެލާ ކޮންމެ ފަހަރަކު އެފަދަ ތާޒާ މަލެއްގެ މީރުވަސް ނޭފަތުގައި ހަރުލައެވެ. އެކަމަކު އޭގެ ދިމާ އިދިކޮޅަށް ބުނެލީ ސަމާސާކޮށްލާށެވެ. ނަމަވެސް ސަވާނާ ރަކިވީވަރު ފެނިފާ ހީކުރިވަރަށް ވުރެ މަޖާވިއިރު ލިވިއާއަށްވެސް ހެވިއްޖެއެވެ.

"އެކަމެއް ނޭގެއެއް ނު. ލޫކް އިންނަން ތިއުޅެނީ ސަފަރު ކައްދައާއި....." ލިވިއާ ބުނެލިއެވެ.

"އަހަރެން އިނީމަ ސަފަރު ދުވާލަކު އަށެއްކަފަހަރު ފެންވަރަން ޖައްސާނަމޭ.." ލުކުމާން ބުނެލިއެވެ. ލިވިއާގެ މޫނުމަތީގައިވާ ހިނިތުންވުން ވަގުތުން ފިލައިގެން ދިޔަތަން ލުކުމާނަށް ފެނުނެވެ. ލިވިއާ މިއޮތްވާ ހަސަދައެކެވެ. އެކަނިވެލާއިރަށް ލުކުމާނަށް އެތައް އިންޒާރެއް ޖަހާނެއެވެ. އޭނަ ބުނާ ކޮންމެ ޖުމްލައަކުން ލިވިއާ އެތައް މާނައެއް ނަގާނެއެވެ. ޚުދު ލުކުމާނަށްވެސް އޭނަ އެބުނި ޖުމްލައިން އެހެން މާނައެއް ނެގިދާނެކަން އެނގުނީ ލިވިއާގެ މޫނުގެ ކުލަ ބަދަލުވީ ގޮތުންނެވެ. ލުކުމާން ދެތިންފަހަރު ކިނބިހި އަޅާއިރަށް ލިވިއާ ޓިޝޫއެއް ނަގާ ދިއްކޮށްލައިފިއެވެ. ލުކުމާން އެއް ލޯ މަރާލާފައި ބުނީ އޭނަ ސަވާނާއަށް "އެލާޖިކް" ވަނީކަމުގައެވެ.

ސަވާނާ ކަންބޮޑުވެފައި ތެދުވެ އަވަހަށް ލައިލަކް އުއްބައްތިއެއް ދިއްލައިލީ އޭނަގެ ސަބަބުން އެހެންމީހުންނަށް އުދަގޫވެދާނެތީއެވެ. މީރުވަސް ދުއްވަން ވެގެންނެވެ. ސަވާނާގެ މައުސޫމްކަމާއިހުރެ ލުކުމާން އިނީ ހެވިފައެވެ. މޮޔަކަމުން މީހަކު ބުނާ ކޮންމެ އެއްޗެއް ގަބޫލުކުރަން ޖެހޭހެއްޔެވެ؟

"ސޯ ކީއްވެ އަހަންނާއި ބައްދަލުކުރަން ބޭނުންވީ؟ " ސަވާނާ ސުވާލުކުރިއެވެ. ލުކުމާންގެ އިޝާރާތް ވިސްނި ލިވިއާ އަވަހަށް އެތަނުން ނުކުތުމުން ދެމީހުންނަށް ފުރުސަތު ލިބުނެވެ.

"ހޫމް އެވާހަކަ ދޯ. ކުރިންވެސް ބުނަން ޖެހޭ ވާހަކައެއް އެންމެފަހު ވަގުތުގައި މިބުނެވުނީ. އަހަރެން ބުނަން އުޅުނީ ކައިވެންޏަށްފަހު ސަވާނާ އަހަރެން އުޅޭ އެޕާޓްމެންޓަށް ބަދަލުވާން ޖެހޭނެއޭ. އެހެންވީމަ ޕެކްކޮށްލައްޗޭ. ވަން މޯ ތިންގް. ހަނީމޫންވެސް ކުޑަކޮށް ޑިލޭކޮށްލާގޮތަށް ނިންމައިފިން. އޭގެ ކުރިން އޮފީސް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އަޅުވާލަންޖެހޭ. ބައްޕަގެ ދަރަނިތައް ބޮޑުކަން ސަވާނާއަށްވެސް އެނގެއެއްނު. ހޮޓަލުން އެއްވެސް ފައިދާއެއް ނުޖެހޭ. ވިއްޔާ ވަނީ ގެއްލުން. އެހެންވީމަ ރޭގަނޑު ނިދި ނަގާލައިގެންވެސް ކުންފުނި ބަގުރޫޓުން ސަލާމަތް ކުރަން އެބަ ވިސްނަން....ވަޓް ޑޫ ޔޫ ތިންކް؟ " ލުކުމާން ސުވާލުކޮށްލުމުން ސަވާނާ ކުޑަކޮށް ހީލަމުން ލުކުމާންއަށް ފެންނަގޮތަކަށް ވިޔަފާރި ކުރިއަށް ގެންދާން އެއްބަސްވިއެވެ. މިގެ ނޫން އެހެންތަނެއްގައި ދިރިއުޅޭކަށް ހިތެއް ނޭދެއެވެ. ހަނީމޫނަށް އަވަހަށް ދާން ބޭނުމެވެ. ނަމަވެސް އޭނަގެ ފިރިމީހާއާއި ދެކޮޅުހަދާކަށް ނުވާނެތާއެވެ. ފިރިމީހާއޭ ހިތަށް އަރުވައިލުމުންވެސް ގައިން ހީބިހި ނަގައިފިއެވެ. ލުކުމާންގެ އަންބަކަށް އޭނަ ވާކަށް މާގިނަ ވަގުތެއް ނެތެވެ. މިހުރިހާ ދުވަހު ހުރިހާ ތަނެއްގައި "ސިންގަލް" ޖަހަމުން އައި އައުން ދެން ބަދަލުވެގެންދާނެއެވެ. ދާދި އަވަހަށް އޭނައަށް ލުކުމާންގެ އަންހެނުންގެ ލަގަބު ލިބިދާނެއެވެ.

ކޮޓަރިއަށްވަދެފާ ސަވާނާ އުޅުނީ ޕެކްކުރުމާއިގެންނެވެ. ކޮންމެހެން ގެންދަން ޖެހޭ ހެދުންތަކާއި ރީތިވާން ގެންގުޅޭ ސާމާނު ދަބަހަށްލުމުގައި ލިވިއާވެސް އެހީތެރިވެދިނެވެ. ލުކުމާންއާއި އެކީ އެޕާޓްމެންޓެއްގައި އުޅޭނެ ދުވަސްތައް ހިތަށް އަރާފައި ސިފަވަނީ ހަމަ ފިލްމީ މަންޒަރުތަކެވެ. ލުކުމާންއާއިއެކީ ކައްކާ އެކީ ކައިގެން ފިލްމުބަލަން ކައުޗްގައި ތިބެފައި އެއް އެނދުގައި ނިދާނެކަން ހިތަށް އަރާފައި އުފާވެގެންގޮސް ނަށައިލެވެއެވެ. ހީވެސް ނުކޮށްހުއްޓާ އޭނަގެ ހަޔާތަށް އަންނަން މިއުޅެނީ އެންމެ އުފާވެރި ބަދަލެވެ.

ލިވިއާއާއި ސަވާނާ ޓެރެހަށް އަރާ ތިބިއިރު ބަގީޗާތެރެ ފެނެއެވެ. ލުކުމާން ފީލިކްސްގެ ދެއަތުގައި ހިފަހައްޓާލައިގެން ގަޔާއި ކައިރިކޮށްލައިގެން ހުރި މަންޒަރުން ސަވާނާގެ ހިތަށް ފިނިކަމެއްލިބުނެވެ. އޭރު ލިވިއާ އިނީ ސަވާނާގެ އަތުގައި ނެއިލް ޕޮލިޝް ޖައްސާލަދޭށެވެ. ސަވާނާގެ މޫނު އޮމާންކޮށް ހުއްޓަސް މިއަދު ވިދުންގަދަ ކަމުން ސެލޫނަށް ގޮސްފައިވާކަން ލިވިއާ ދެނެގަތެވެ. ސަވާނާ މިހިރީ ނިކަން ހެދިފައެވެ. ލުކުމާން އޭނައާއި ހެދި އުޅޭކަމުގެ ކުށްހީގައެވެ. ހިތާހިތުން އޭނަ ހަމްދަރުދީވެސްވިއެވެ. ސަވާނާ މިހާ އުފަލުން މިކަމަށް އެއްބަސްވެގެން އުޅެނިކޮށް ހަގީގަތް ފަޅާ އަރައިފިއްޔާ އޭނަދެކެ ނުރުހުން ނުވާނެބާވައެވެ. ސަވާނާ މިހިރީ އޮޅުމެއްގައި ބަދެވިފައެވެ. ތިމާދެކެ ލުކުމާން ލޯބިވާކަމަށް ހީކޮށް ނިކަން އުފަލުންނެވެ. އަބަދު ހެވިފައެވެ. ދުވަހަކު މިކަހަލަ ކުލައެއް ސަވާނާގެ މޫނުން އޭނަ ދެކެފައެއް ނުވެއެވެ. ހަމަ އިރުމަތީ އަލަތު އަންބެއްގެ މޫނުން ފެންނާނެ ލަދުވެތިކަމެވެ. އެކަމަކު މިއީ ލުކުމާންގެ ޓައިޕް އަންހެނެއްނޫނެވެ. ލުކުމާންއަށް ކަމުދަނީ އަންހެންވަންތަ އަންހެނުންނެވެ.

"ސޮރީ ނަންނި. ލޫކްގެ ހިތް އެނގޭނެނަމަ ނަންނިގެ ހިތުން ލޭގެ ކަރުނަ ފައިބާނެ." ލިވިއާ ހިތާހިތުން ބަހަކުން ޖެހިޔަސް އެ އަޑު ސަވާނާއަކަށް ނީވުނެވެ. ލިވިއާ އިނީ ސަވާނާގެ ނިޔަފަތިތަކަށް ހުރިހާ ސަމާލުކަމެއް ދީގެންނެވެ. އޭނަ މިހިރީ ސަވާނާގެ މޭކަޕް ކޮށްދޭންވެސް ސަވާނާގެ ކައިރީ ކިޔައިގެންނެވެ. ރީތިކަމަށް ލޯބިކުރުމަކީ އޭނަފަދަ ރީތި ކުދިންގެ ހުންނަ އެންމެ ރަގަޅު ސިފަކަމަށް އެނަދެކެއެވެ. ރީތިވެއްޖެއްޔާ އަދި މޭކަޕްކޮށް އެއަށްވުރެ ފުރިހަމަވާންޖެހޭނެއެވެ. އެހެންމީހުންގެ ލޯތަކަށް ފިނިކަން ގެނެސްދޭން ޖެހޭނެއެވެ.

"ސްޓިލް އައި ކާންޓް ބިލީވް ދިސް. ލިވީއަށްވުރެވެސް ކުރިން އަހަރެން މެރީ މިކުރަނީ...."

"ނަންނި ހަމަ ލަކީ ކުއްޖަކީއޭ. އަހަންނަށް މިކަހަލަ ފެންސީ ވެޑިންއަކާއިމެދު ހަމައެކަނި ޑްރީމް ކުރެވޭނީ. އަހަންނަށްވުރެ ކުރިން މެރީ ކުރީމަ ދެން ފޮނިވަނީ ހަމަ......" ލިވިއާ ބުނެލީ ހިނިތުންވުމަކާ އެކުގައެވެ.

"ފޮނިނުވާ ވަރެއްވެސް ނޫނެއްނު. އެހާ ގިނައިން ޗޮކްލެޓް ކެވޭ." ސަވާނާގެ ނަޒަރު އޭރުވެސް ހުއްޓިފައިވަނީ ގަސްތަކުގެ ތެރެއަށެވެ.

"ހޫމް މިރޭ މިއީ ސުހާގުރާތު ދޯ. އިންޑިއަން ސްޓައިލްއަށް ސާރީ އަޅުވާފައި ބައިންދާނީ. ލޫކް ގޮސް ގުންގަޓު އުފުލާލާއިރު ނަންނި އިންނާނީ އެސްފިޔަތައް އުފުލައިލަން ނުކެރިފަ. ހަހަ ހުވާ ހިނި އާދޭ. ދެން އެވައްތަރަށް އުޅޭ އަންހެންކުދިން ދެކެ ފިރިހެނުން ލައިކްވާނީ ކިހިނެއް. އެމީހުންނަށް ކޮން ހިތްހަމަޖެހުމެއްލިބޭނީ. އަހަރެމެން އެގޮތެއްނުވާނެ. ލަދުވެތިކަން ނަގާފައި އެއްލާލިތާ ކޮންދުވަހެއް. ނަންނި ބުނެބަލަ. ލޫކް ދެކެ ލޯބިވަންތަ؟ ޓެލްމީ ދަ ޓުރުތް. ހިތް ކިޔާތަ. ނަންނި އެހެން ބުންޏަސް މައްސަލައެއްނެތޭ. ލޫކް ކަހަލަ ރީތި މީހެއްވީމަ އެންމެން ހިތްކިޔާނެ. މިބުނީ ހިއްސުތައް ސަލާމަތުން ހުރި އަންހެނެއް ވެއްޖެއްޔާ....." ލިވިއާ ސަވާނާގެ ހިތް އޮތްގޮތެއް ބަލަން ބޭނުންވިއެވެ.

"ވެލް.....ހީޒް......" ސަވާނާ ހިންދިރުވައިލިއެވެ.

"ހޮޓް.. ހޮޓް ލައިކް ފަޔާ..........." ލިވިއާ ފުރިހަމަކޮށްލަދިނެވެ.

"ހަހަ....." ސަވާނާ ހިނިގަނޑެއް ޖަހައިލިއެވެ. އޭނަ ހިތުގެ އަޑިން އެއްބަސްވިއެވެ. ލުކުމާންގެ ރީތި ކަމުގެ ވާހަކަ ބަޔާންކޮށްދޭން އޭނަ ޝާއިރަކަށް ވި ނަމައެވެ. ޝާއިރަކަށްވެސް އެ ސިފަތައް ބަޔާންކޮށްދޭކަށް ފަސޭހައެއްނުވާނެއެވެ. ސަވާނާ ގަސްތަކުގެ ތެރެއަށް އަނެއްކާވެސް ނަޒަރު ހިންގައިލީ އެންމެ ހިތްއެދޭ ސޫރަ ދެކެލުމަށެވެ. ނަމަވެސް މިހާރު ލުކުމާން ފެންނާކަށްނެތެވެ. ލިވިއާގެ ހިތުގައި ބިރުވެރިކަން ވަކިއަޅަންފެށީ ސަވާނާގެ ދެލޮލުން ފެނުނު ޝުއޫރުތައް ތަރުޖަމާކުރެވުނީމައެވެ. އެދެލޮލުގައި ލުކުމާންއަށްޓަކާ ލޯބި ވާކަން ޔަގީނެވެ. އެއީ ލިވިއާއަށް ގަބޫލުކުރެވޭނެކަމެއް ނޫނެވެ. ސަވާނާ މިހުރިހާ ދުވަހު ދެއްކި ވާހަކަތަކުގެ އެއްވެސް މާނައެއް ނެތީބާވައެވެ. އެހިތުގައި ދުވަހަކު ފިރިހެންކުއްޖަކަށްޓަކާ ވިންދެއް ނުޖަހާނެއޭ ބުނެފައި އަދި އޭނަގެ ލުކުމާންއާއި ހިތާވެގެން ނުވާނެހެއްޔެވެ؟ މިއީ ވިޔަފާރިއެކެވެ. ހަގީގީ ކައިވެންޏެއްނޫނެވެ. އެންމެ ގާތް އެކުވެރިޔާއާއިވެސް އޭނަ ލުކުމާން ހިއްސާ ނުކުރާނެއެވެ. ލުކުމާންގެ ހިތަކީ އޭނަގެ ހައްގެކެވެ. އެހިތްވަނީ އަބަދަށްޓަކާ އޭނައަށް މިލްކޮށްދީފައެވެ.

ހަވީރު ތިނެއްޖެހިއިރު ސަވާނާ ކައިވެނީގެ ހެދުން ލައިފިއެވެ. އެއީ ހުދުކުލައިގެ މިޑީހެދުމެކެވެ. ހުދުކުލައިގެ ކުދި ޖަވާހިރުތަކެއްފަދަ ދަޅައަރާ އެސްތަކުން ޖަރީކުރެވިފައިވާއިރު ހެދުމާއި ގުޅޭގޮތުން މުތުގެ ގަހަނާއިން ހަށިގަނޑު ފަޅުފިލުވާލާފައިވުމުން ވަރަށް ލޯތްބެވެ. ލިވިއާ ސަވާނަގެ މޭކަޕް ކޮށްލަދީ ނިންމާފައި ލޯގަނޑު ކުރިމަތީގައި ބޭންދިއެވެ.

"މިހާރު މީނީ އެހެން ކުއްޖެއް. ޗައިނީޒް ޑޯލްއަކާ ތަފާތެއް ނެތް. ޕްރިޓީ................."

ސަވާނާއަށްވެސް ބަލައިލެވުނީ އިސްކޮޅު ސައިޒުގެ ބޮޑު ލޯގަނޑާއި ދިމާލަށެވެ. އެއާއިއެކު ސިއްސައިގެން ދާކަހަލަ ގޮތެއްވިއެވެ. ލިވިއާގެ މޭކަޕްއާއިމެދު އެއްވެސްވަރަކަށް ހިތްހަމަޖެހޭގޮތެއް ނުވިއެވެ. އޭނަގެ މޫނުގައި ކުލަތައް އުނގުޅައިލިވަރުން ގުދުރަތީ ކަމެއް ނެތެވެ. ބުދަކާއި ވައްތަރުވުމުން ރީތިކަން އެއްކޮށް ގެއްލިފައިވާތަން ފެނިފާ ސަވާނާގެ ކަރުއެލިއްޖެއެވެ. ލިވިއާ މޭކަޕްކޮށްލާފައި ހުންނަގޮތް ރީތިކަމުން އިތުބާރުކުރެވުނު ކަމާއިމެދު ހިތާމަކުރިއެވެ. ނަމަވެސް ލިވިއާ ދެރަވެ ހިތުގައި ޖެހިދާނެތީ ސަވާނާ އެކަން ފާޅުނުކޮށް ލިވިއާގެ މޭކަޕާއިމެދު ހިތް ހަމަޖައްސާލައިފިއެވެ. އެހެންނޫނަސް އޭނަ ލިވިއާ ހާ ރީއްޗެއްވެސް ނޫނެވެ. ވީއިރު ލިވިއާގެ މޫނު މޭކަޕް ކުރާގޮތަކަށް އޭނަ ނުހުންނާނެތާއެވެ. ވިސްނެނީ އެންމެ ކަމަކާއެވެ. ލުކުމާންއަށް އޭނަ ފެނިފާ ފޫހިނުވާނެބާވައެވެ. ހަޔާތުގައި އަންނަ އެންމެ ޚާއްސަ ހަނދާނީ ދުވަހު މިގޮތަށް ލުކުމާންއަށް ފެނިގެން ނުވާނެއެވެ. ފޮޓޯތައް މުނިމާމަ ދަރިންނަށް ވެސް ފެންނާނެއިރު އޭނަގެ ސިފަ މިހެން ގެއްލުވާލައިގެން ކަމަކުނުދާނެއެވެ. މިއަދު ތައްޔާރުވާން ވާނީ އެންމެ ރީތިކޮށެވެ. އެންމެ ފުރިހަމައަށެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ލިވިއާގެ ހިތުގައި ޖައްސާކަށް ނުކެރުނެވެ. އެއަށްވުރެ ސަވާނާގެ ހިތް މާ މަޑެވެ. އޭނަގެ ހިތްފަދައިން ލިވިއާގެ ހިތް އޭނަގެ މައްޗަށް ސާފުވާނެކަމުގައި ސަވާނާ ޔަގީންކުރިއެވެ. ލިވިއާއަށްޓަކާ އެހިތުގައި އަމިއްލަ އެދުމެއްނެތް ލޯތްބެއް ވިއިރު ލިވިއާ ދިމާ އިދިކޮޅެވެ. ލިވިއާ ހީކުރިގޮތާއި ޚިލާފަށް ކަންތައް ވަމުންދާގޮތް ފެނި މިކުރެވެނީ ރަގަޅުކަމެއް ބާވައޭ ސުވާލު އުފެދި ހިތް ބިރުގަނެފައިވިއެވެ.

ލިވިއާ ގަސްތުގައި ސަވާނާއަށް ދިން ލަނޑެއްކަމެއް ސަވާނާއަކަށް ނޭގުނެވެ. ސަވާނާ ރީތިވެދާނެތީ މައުސޫމްކަން ގެއްލުވާލާފަދަ ގޮތަކަށް މޭކަޕްކުރިއިރު އެކަނި ހަރުފާޑު ހުރީއެއް ނޫނެވެ. ސިފަ އެއްކޮށް ބަދަލުކޮށްލައިފިއެވެ.

"ޔޫ ލުކް މޯ މެޗުއާ......" ލިވިއާ މަޑުމަޑުން ބުނެލިއެވެ.

ނަބީލާ އެތަނަށް ވަދެފާ ސަވާނާ ކޮބާހެއްޔޭ އަހާލުމުން ސަވާނާ ޖަވާބުދިނެވެ. މަންމަ ގަސްތުގައި ނޭގުނުކަމަށް ހެދީބާވައެވެ. ނޫނީ އެނގިގެންވެސް ޖެއްސުމަކަށް އެހެން ބުނީމަމަށް ވެދާނެއެވެ. ނަބީލާ ސިހުމާއިއެކު ފާޑަކަށް ބަލަން ހުރިތަން ފެނިފާ ލިވިއާގެ ހިތް ފިނިވާގޮތްވިއެވެ. ނަބީލާއަށް ސަވާނާ މޭކަޕްކޮށްފައި ހުރިވަރުން ސިފަގެއްލިފައިވާ ތަން ފެނުމުން ނުރުހުމުގެ ކުލަ މޫނަށްވެރިވިއެވެ.

"ސުބުހާނަﷲ. މީހާގެ ސިފަ ގެއްލޭވަރަށް މޭކަޕް ކުރީމަ މީހުން މަލާމާތްކުރާނެ. ޕެއިންޓްކޮށްފައި ހުރި ބުދެކޭ ސަވާނާގެ ކޮންތަފާތެއް ހުރީ. ކިހާ ރީތި ވާނެ ބުރުގާ އެޅިނަމަ. ކިހާވަރަކަށް ބުނެވުނު ކައިވެނީގެ ކުރިން ބުރުގާ އަޅާށޭ. އެންމެ ކުޑަވެގެން އެހާވަރު ކުޑަ ކަމަކު އެދުނީމަވެސް ދަރިފުޅަކަށް އެކަމެއް ކޮށްނުދެވުނު. މަންމަ ހަމަ ސަވާނާއަށް ރަގަޅަށް އެހެންބުނީ. ދެން އަޅާނުލާ. ތައްޔާރުވެ ނިމުނީތަ.... " ނަބީލާ އަހައިލީ ލިވިއާގެ މޫނަށް ނަޒަރު ހުއްޓާލަމުންނެވެ.

"މި ނިމެނީ ދެން....." ލިވިއާ ޖަވާބުދިނެވެ.

"ހަތަރެއް ޖަހާއިރަށް ގާޒީން ދުރުވާނެ. މިހާރުވެސް އާއިލާ މީހުން އަންނަން ފަށައިފި. އޮފީސްކުދިންވެސް އެބައުޅޭ. ތަންކޮޅެއް އަވަސްކޮށްލައްޗޭ......" ނަބީލާގެ މޫނުމަތިން ކުޑަކޮށްވެސް އުފާވެރިކަމުގެ އަސަރެއް ނުފެނެއެވެ. ކޮންމެވެސް ކަމަކާއި ހިތާމަކުރާކަހަލައެވެ. އެދެލޮލަކީވެސް ހިތާމައިގެ ތަސްވީރެކެވެ. ނަބީލާ ދޮރު ލައްޕައިލުމުން ލިވިއާ ބުނީ މަންމަމެން ދެކޭގޮތާއި އަޅާނުލުމަށެވެ. އޭނަދެން އުޅެގަތީ ސަވާނާގެ އިސްތަށިގަނޑު ރީތިގޮތަކަށް ހަދާށެވެ. ކުރިމަތީގައި ވާ މަޖައްލާގައިވާ މޮޑެލުންގެ ފޮޓޯތަކަށް ބަލަން އިނދެ އެތަނުން ލިވިއާއަށް ކަމުދިޔައީ އެއްފަރާތަކަށް ހުޅިއެއްޖަހާފައި ހުރި ފޮޓޯއެވެ. އެގޮތަށް ހަދާލުމުން ސަވާނާއާއި ގުޅޭނެކަމަށް ބުނެފައި ލިވިއާ އިސްތަށިގަނޑު އޮމާންކޮށްލީ އޭނަ ބޭނުންވާގޮތަށެވެ. ނިމުނުއިރު ސަވާނާއަށް އޭނަ ފެނުނީ ކާޓޫނެއްހެންނެވެ. ސަވާނާ ހިތްހަމައެއް ނުޖެހުނެވެ. މޮޅިވެރިކަން އޭނަގެ ހިތުގައި ވަކި ހިއްޕާލައިފިއެވެ. ޕްރޮފެޝަނަލް މީހެއްގެ ކައިރިން މޭކަޕް ކުރެވުނުނަމައެވެ. އަދި ކިތައް ކަންތައްތައް މި ކައިވެނީގައި ގޯސްވާނެބާވައޭ ހިތަށް އެރިއެވެ. ރަގަޅު ވެޑިންޕްލޭނާ އެއްގެ ބޭނުމަކީ ކޮބައިކަން ސަވާނާއަށް މިހާރު ވިސްނިއްޖެއެވެ.

"ލިވީ. ކުރީ ދުވަހު އަހަރެން އޮފޭލިއާ މޯލަށް ގޮސްފައި ލިވީ މަތިން ހަދާންވެގެން ގަތް ގިފްޓެއް އެބައޮތް. ލިވީއަށް ކަމުދާނެކަމަށް ހީކުރަން..." ސަވާނާ އަލަމާރި ހުޅުވާފައި ޕާރުސަލެއް ނަގާދިއްކޮށްލިއެވެ. ލިވިއާއަށް ކެތްނުކުރެވިގެން ވަގުތުން ކަނޑާލުމާއިއެކު ސިހުނެވެ. ލަދުވެސް ގަތެވެ. އެތައް އިހުސާސްތަކެއް އެއްފަހަރާ އޭނަގެ ދެލޮލަށް ވެރިވިއެވެ.

އެއީ ގަޑިއެކެވެ. އޭނަ އަޅަނީ އޭގެ ނަގުލީ ގަޑިއެއްކަން ސަވާނާއަށް އެނގިގެން މިއޮތީ އަގުބޮޑު ބްރޭންޑެޑް ގަޑިއެއް ހަދިޔާކޮށްފައެވެ. ލިވިއާ އިނީ ބަސްހުއްޓިފައެވެ. އޭނަ ސަވާނާއަށް މިހާ ބޮޑު ލަނޑެއްދިންއިރު މި އަންހެންކުއްޖާ ކިހާ މާތްހެއްޔެވެ؟ އަމިއްލައަށް ލިބޭ ޖީބުފައިސާއަށް އޭނައަށް މިދިނީ ހާދަ އަގުހުރި ހަދިޔާއެކެވެ. އޭނައަށް ހައްގެއް ނޫނެވެ. ނަމަވެސް ރައްދުކުރާކަށް ނުކެރޭނެއެވެ.

ހަތަރެއް ޖަހަންވާ އިރަށް އެންމެން މޭޒުދޮށަށް ޖަމާވާންފެށިއެވެ. އޭރުވެސް ލުކުމާންގެ ޚަބަރެއްނުވެއެވެ. ގަޑިއަށް ލުކުމާން އަންނާނެކަމުގެ ޔަގީންކަން ލިވިއާއަށް ލިބިފައިވާއިރު އެހެން މީހަކުވެސް ލުކުމާންއަށް ޝައްކެއްނުކުރެއެވެ. ގާޒީން ދުރުވެ މޭޒުދޮށަށް ޖަމާވިއެވެ. ސަވާނާގެ އާއިލާގެ މީހުންނާއި ދައުވަތު ލިބުނު އެންމެން އެއްވާންފެށިއިރު ލިވިއާވެސް ސަވާނާ ގޮވައިގެން އެކަމަށް ތައްޔާރުކޮށްފައިވާ ކޮޓަރިއާއި ހަމަވިއެވެ.

"ސަވާނާ ލަސްވަނީއޭ. ކޮބާ ލުކުމާން؟ ގުޅާބަލަ.......އޭނަގެ އާއިލާ މީހެއްވެސް އަދި ނުފެނޭ. އަންނާނެއޭ ބުނި. ރާއްޖެތެރޭ ބަޔެއްކަމަކު އަންނަން ބޭނުން ބަޔަކަށް ގަޑިއަށް އާދެވެން ޖެހޭނެ........" ނަބީލާ ހުރީ ރުންކުރުވެފައެވެ. އަޑުވެސް ތަންކޮޅެއް އަވަހެވެ.

"ލޫކް ނާންނަނީތަ؟ " ލިވިއާގެ މޫނުމަތިންވެސް ހާސްކަމުގެ އަސަރު ފެނިލައިފިއެވެ.

"އަދި އެއް ނެތް. ގާޒީން ދުރުވިތާ އިރުކޮޅެއްވެއްޖެ. އެންމެން އެތިބީ އިންތިޒާރުގައި. މިކަހަލަ ބޮޑެތި ކަންތައްތަކުގައި ގަޑިއަށް ހާޟިރުވާން ޖެހޭނެހެން މަށަށް ހީވަނީ..." ނަބީލާ ގަޑިއަށް ބަލާލައިފިއެވެ. ސަވާނާވެސް ކަންބޮޑުވެފައި ލިވިއާގެ މޫނަށް ބަލައިލީ ޔަގީންކަން ހޯދުމުގެ ގޮތުންނެވެ. ލުކުމާންއަށް ގަޑިއަށް އެތަނަށް ނާދެވެންވީ ސަބަބަކީ ކޮބާބާވައެވެ.

ލިވިއާ ގުޅިއިރު ލުކުމާންގެ ފޯނު ނިއްވާލާފައި އޮތުމުން ހީކުރީ ޗާޖުހުސްވެފައި އޮތީކަމަށެވެ. ތަކުރާރުކޮށް ދެތިންފަހަރު ގުޅައިލުމުންވެސް ލިބެނީ އެއް މެސެޖެކެވެ. ލިވިއާ ސްޕީކަރަށް ލައިގެން ހުރުމުން ނަބީލާއާއި ސަވާނާގެ އިތުރުން އެތަނަށް ނުކުތް އިމާދުއްދީންއަށްވެސް އެ އަޑު އިވި ވެގެން އުޅޭގޮތް އަހާލައިފިއެވެ. ލުކުމާން ލަސްވަނީ ކީއްވެހެއްޔޭ އަހާލައިފިއެވެ. ޖަވާބު ދިނީ ލިވިއާއެވެ. ލުކުމާންއަށް އަދި ނުގުޅޭކަމުގައި ބުނެލުމުން އިމާދުއްދީންވެސް ހުރީ ހުއްޓުން އަރާފައެވެ. އެހެން ނަމްބަރެއް ނެތްހެއްޔޭ އަހައިލީ ސަވާނާގެ މޫނަށް ނަޒަރު ހުއްޓާލަމުންނެވެ. އާއިލާ މީހުންގެ ނަމްބަރުވެސް އޮންނަންވާނެ ނޫންހެއްޔެވެ؟ ލުކުމާންގެ އެކުވެރިންނާއިވެސް ސަވާނާގެ ގުޅުން އޮންނަންވާނެއެވެ. ސަވާނާ އިސްޖަހައިލީ ނުތަނަވަސްވެފައިވާ ހާލުގައެވެ.

"އަނެއްކާ އެކްސިޑެންޓެއް ދިމާވީބާ..." ކަންފަތުގައި އެމްބިއުލެންސްގެ އަޑުޖެހުމުން ލިވިއާގެ މެޔަށް ފިނިފެން އެއްޗެއް އޮއްސައިލެވުނުފަދަ ނުބައި އިހުސާސެއްކުރެވިއްޖެއެވެ.

"ލޫކް އޮފީހަށްވެސް އެހާ ބަރާބަރު ގަޑިއަށް އަންނަކަމުގައިވަނީ. އޭނައަށް ބޮޑު ކަމެއް ދިމާނުވާނަމަ ނައިހެއް ނުހުންނާނެ......" ލިވިއާ ފިނި ދެއަތްތިލަ އުނގުޅައިލިއެވެ.

"އޭނަ ދިރިއުޅޭ ތަނެއް އެނގޭތަ؟ "އިމާދުއްދީން އަހައިލިއެވެ.

"ލައްބަ..." ލިވިއާ ބޯ ޖަހައިލިއެވެ.

"ނިކަން އަވަހަށް ކާރުގައި ދޭބަލަ. އެންމެން ކުރިމަތީގައި ބޮޑު ލަދެއް ގަންނާކަށްނު މި ޖެހެނީ...." އިމާދުއްދީން ހާސްކަމާއިއެކު ކޮރިޑޯގައި ދެކޮޅަށް ހިގަންފެށިއެވެ.

"ހީ ވިލް ޑެފިނިޓްލީ ކަމް..." ލިވިއާ އިންޝާﷲ ނުލާ އެހާ ޔަގީންކަން ދިނުމުން ނަބީލާ އެތަންކޮޅު ފާހަގަކުރިއެވެ. ފަހުން ވާން ހުރި އެއްވެސް ކަމަކަށް އެފަދަ ޔަގީންކަމެއް ދެވޭނެ އިންސާނެއް ބިންމަތީގައި ލައްވާފައެއް ނުވެއެވެ. ވީއިރު އިރާދައާއި ނުލާއި މުސްލިމުން އެގޮތަށް ވާހަކަދެއްކުމަކީ ހުއްދަކަމެއްނޫނެވެ. ކިތަންމެ އާދައިގެ ކަމަކަށް ނިސްބަތްކުރިޔަސް އިރާދަކުރެއްވިއްޔާއޭ ބުނަން ޖެހޭނެއެވެ. އިމާދުއްދީން ޑްރައިވަރަށް ގުޅާފައި ކާރުގައި ލިވިއާ ބުނާތާކަށް ގެންގޮސްދޭން އެންގިއެވެ. ކައިވެންޏަށްޓަކާ ފުރިހަމަކޮށް ތައްޔާރުކޮށްފައިވާ ކޮޓަރިއަށް ވަންގޮތަށް ލުކުމާންއަށް ކަމެއް ދިމާވެގެން ބައިގަޑިއިރު ތެރޭގައި އަންނާނެކަމަށް އިމާދުއްދީން އެންގިއެވެ. ގާޒީންގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ބައެއްފަހަރު ފައިސާއާއި ނުފޫޒުގެ ސަބަބުން ތިމާމެން ބޭނުންވާ ކަންތައްކުރުމަށް މަގު ފަހިވެއެވެ. ފައިސާވެރިންގެ ބޭނުންވާ ކަންތައްތައް ކޮށްދޭނެ މީހުން މަދުން ނަމަވެސް ތިބުމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެއެވެ. އެހެންނޫނަސް އެހާ ބޮޑުކަމެއް ދިމާވުމުން އެކަން ގަބޫލުކުރެވެން ވާނެ ނޫންހެއްޔެވެ؟ ގަޑިއަށް ހާޟިރުވެ ތިބި އޮފީސްކުދިންތައްވެސް މަޑުމަޑުން ވާހަކަދައްކާލަން ތިބިއިރު މިވާން އުޅެނީ ކީއްކަމެއް އެކަކަށްވެސް އޭރަކު ނުވިސްނުނެވެ. އެންމެނަށް ހީކުރެވުނީ ލުކުމާންއަށް ކުޑަ އެކްސިޑެންޓެއް ދިމާވެގެން ގަޑިއަށް ނާދެވުނީކަމުގައެވެ. ވަރަށް އަވަހަށް ލުކުމާންވެސް އެހަފްލާއަށް އަންނާނެ ކަމުގައެވެ.

ލިވިއާ ލުކުމާން އުޅޭ އެޕާޓްމެންޓަށް ގޮސް ބެލިއިރު އެތާގައި މީހަކު އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ލުކުމާން މަސައްކަތްކުރަން އުޅޭ ކެފޭއަށްވެސް ލިވިއާ ދިޔައީ ހަދާނެ ގޮތް ހުސްވެ ސިކުނޑީގައި ސުވާލު މާކުތަކެއް ޖެހިފައި ހުރެއެވެ. ލުކުމާންއަށް ބަޔަކު ހަމަލާދިނީބާވައެވެ. ނޫނީ އެކްސިޑެންޓެއްވީބާވައެވެ. ގޭގައި އެކަނި އިންދާ ނުރައްކާތެރި ހާދިސާއެއް ހިނގީކަމަށްވެސް ވެދާނެއެވެ. ކޮންމެވެސް ކަމެއް ދިމާނުވާނަމަ ލުކުމާން ނައިހެއް ނުހުންނާނެއެވެ. އޭނަ އެއަށްވުރެ ލުކުމާންއަށް އިތުބާރުކުރެއެވެ. ލިވިއާ ލުކުމާން ހުރެދާނެކަމަށް ލަފާކުރެވޭ ތަންތަނަށް ދިޔައީ ތެޅިތެޅިވާ ހިތަކާއި އެކުގައެވެ. އެ ފޯނަށް ގުޅުނު އަދަދެއްވެސް ނޭގެއެވެ. ޚަބަރެއްނުވުމުން ލިވިއާ އެނބުރިއައީ މާޔޫސްވެފައިވާ ހިތަކާއިއެކުގައެވެ. ގޭގެ ދޮރުމަތީގައި ހުރި އިމާދުއްދީންއަށް ލިވިއާ އެކަނި އަންނަތަން ފެނުމާއިއެކު މޭގައި ރިއްސާލައިފިއެވެ. ލިވިއާ ފެންނަ ކޮންމެ ފަހަރަކު އިމާދުއްދީންއަށް ލިވިއާގެ މޫނަށް ދެތިންފަހަރު ބަލަން މަޖުބޫރުކުރުވައެވެ. އެއީ ކީއްވެކަމެއް އިމާދުއްދީންއަކަށް ނޭގުނަސް ލިވިއާއާއި މެދު އެހިތުގައި އިހުސާސެއް އުފެދެން ފަށައިފިއެވެ.

"އޭނަ ކޮބާ؟ " އިމާދުއްދީން އަހައިލީ އާދައިގެ ވަރަށް ވުރެ ބާރަށެވެ.

"ނުފެނުނު. އަޅުގަނޑު ވަރަށް ހޯދައިފިން. ނޭގޭ ލުކުމާން އެންމެފަހު ވަގުތު އެގޮތަށް ފިލަންވީ ކީއްވެކަން.....އައިމް ސޮރީ.." ލިވިއާ ސާފުބަހުން ހަގީގަތް ކިޔައިދިންއިރު ހޮނު ގުގުރިއެއްހެން އެއަޑު އިވުނީ ހަމައެކަނި އިމާދުއްދީންގެ ކަންފަތަކަށް ނޫނެވެ.

ކޮމެންޓް 0