ލުކުމާންއާއި ސަވާނާ ކޯޓަށް ހާޟިރުވީއިރު ލުކުމާން ހުރީ ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއްގައެވެ. މުޅިން ކަޅުކުލައިގެ އެއްޗެއްގައި ހުރީ އޭނަގެ އެތެރެހަށީގައިވާ ހިތާމައާއި ރުޅިވެރިކަން ހާމަކުރުމަށެވެ. އެއްވެސް އެއެއްޗެއް ނޭގިހުރެ ކެހިވެރިކަމުގެ މަޅިއެއް ކަރުގައި އަޅުވަން ތައްޔާރުވި ސަވާނާގެ ދެލޮލަށް ބަލައިލިޔަސް އޭނަގެ އުފާވެރިކަން ހުރީ ފެންނާށެވެ. އެހާވެސް ދެލޮލުގެ ވިދުން ގަދައެވެ. ކްރީމްކުލައިގެ މެކްސީއެއްގޮތަށް ފަހާފައިވާ ހެދުމާއިއެކު ހައިހީލްއަކަށް އަރައިގެން ހުރުމުން އިސްކޮޅުން ތަންކޮޅެއްދިގުކަމަށް ދެއްކިއެވެ. ލެޔަސްކޮށް ކޮށާލާފައިވާ އިސްތަށިގަނޑު އޮތީ މޫނުގައި ހުރި ހުތުރު ލަކުނު ފޮރުވަން އެއްފަރާތަކުން ވައްޓާލާފައެވެ. މޭކަޕްކޮށްފައި ހުރީވެސް އޭނަ ބޭނުންވާގޮތަށް އެންމެ ހިތްހަމަޖެހޭގޮތަށެވެ.
ސަވާނާގެ މަންމައާއި ބައްޕަ ފިޔަވާ އެހެން މީހަކަށް މިކައިވެނި ކުރެވުނު ކަމެއް އަދި ނޭގެއެވެ. ލިވިއާއަށްވެސް ސަވާނާ ސިއްރުކުރީ ސަޕްރައިޒެއް ދޭށެވެ.
"އަނބި ގަބޫލުކޮށްފިން....." ލުކުމާން އެ ޖުމްލަ ބުނެލިވަގުތު ސަވާނާގެ ހިތް އުފަލުން އުދުއްސައިގަތެވެ. މުޅިހަށިގަނޑަށް ލުއިވެ ފަތެއްހެން އުފުލި އުދުހެވޭފަދަ އިހުސާސްތަކަކީ ކޮންފަދަ ތަފާތު އުފަލެއްހެއްޔެވެ؟ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނިރައިލިއެވެ. ލުކުމާންގެ އަތަށް ބާރުކޮށްލެވުމުން ބަދަލުގައި ލުކުމާންގެ ފަރާތުން އެއްވެސް އިޝާރާތެއްނުވިއެވެ. އޭނަގެ "ބޮޑީ ލެންގުއޭޖް" ހުރިގޮތުން ސަވާނާއަށް އެކައްޗެއް ދޭހަނުވިއެވެ. ދަންނަ މީހަކަށް ލުކުމާންގެ ހިތުގައި ސަވާނާއަށްޓަކާ ލޯބީގެ ކުނޑިފަށެއްވެސް ނެތްކަން އޮޅުންފިލާހާވެސް އޭނަ ހުރީ އެކަން ފާޅުކޮށްލައިގެންނެވެ. ސަވާނާގެ މޫނަށް ބަލައިލުމެއްނެތި އަތުގައި ހިފާވެސް ނުލާ ގޮސް ކާރަށް އަރައިފިއެވެ.
ލިވިއާ ސަވާނާގެ ފޯނަށް ގުޅީ އޭނަ ކާރަށް އަރަންވެގެން ފައި އެތެރޭގައި އެޅި ވަގުތުކޮޅުއެވެ. ލިވިއާ ދެއްކި ވާހަކަތަކުން ސަވާނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިލިއެވެ.
"ނަންނި. ލޫކްއާއި ނަންނިގެ ކައިވެނި ކެންސަލްވިކަމީ ހަމަ އެންމެ ރަގަޅަށް ދިމާވިގޮތެއް. ޔޫ ނޯ ވަޓް؟ ލޫކް ނުވި އަހަރެން ހީކުރިހާ ތެދުވެރި ފިރިހެނަކަށް. ވަރަށް އަންހެނުންގެ ކަންތައް ބޮޑު މީހަކަށް އޭނަ މިވީ. މިހާރުވެސް އޭނަގެ ހުރޭ ސިއްރު ލޯބިވެރިޔެއް. ނުބުނެ ހުރެގެން ނަންނިއަށް ދެރަގޮތެއްވެދާނެތީ މިބުނީ. ނަންނި އޭނައާއި ރުޅިވޭ. ކައިވެނި ނުކުރައްޗޭ. ބުނޭ އަދި ދުވަސްކޮޅެއް ބޭނުމޭ. ނޫނީ ނަންނިގެ ހިތް ދެވަނަ ފަހަރަށް ކީއްކުރަން ތިންވަނަ ފަހަރަށްވެސް ހަލާކުކޮށްލާނެ. ހީޒް ނޮޓް ދަ ގައި ފޯ ޔޫ............" ލިވިއާގެ ވާހަކަތައް އަހަން ހުރެފައި ސަވާނާ ހިންދިރުވައިލިއެވެ.
ސަވާނާ ކާރުގެ ސީޓަށް ވެއްޓިގަތް ގޮތަށް ދެލޯ މަރާލައިފިއެވެ. އެވާހަކަ ސިއްރުކުރާކަށް އޭނަ ނޫޅުނެވެ. އެކުވެރިޔަކު ދެއްކި ވާހަކަތައް ކަމަށް ހަދާފައި ލިވިއާގެ ވާހަކަކޮޅު ލުކުމާންގެ ކަންފަތަށް ފޯރުކޮށްދިނުމުން އޭނަ ހީގަތީއެވެ. ހަސަދަވެރިން ގެ ހަސަދަވެރިކަން ދުވަހަކު ރަގަޅުނުވާނެއޭ ބުނެލިއެވެ. އެހެން އިވޭހާ ވާހަކަތައް ގަބޫލުކުރަންވެއްޖެއްޔާ ކައިވެނީގެ މާތް ގުޅުމަށް އަސަރުކޮށްފާނެކަމުގައި ބުނިގޮތުން ސަވާނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާޒީގައި ލުކުމާންގެ ލޯބިވެރިން ގުނާ އަދަދު ނުކުރެވުނަސް އޭނައާއި އިންނާނީ އެމީހުންނާއި ރުޅިވީމަ ނޫންހެއްޔެވެ؟ ނޫނީ އެމީހަކާއި އޮތް ގުޅުމެއް ކިލަބުވީމަތާއެވެ.
ލުކުމާން އެޕާޓްމެންޓާއި އަރާހަމަވިއިރު އެތަން ތައްޔާރުކޮށްފައިވާލެއް ފުރިހަމަކަމުން ހައިރާންވެފައި މިވަރުގެ ކަމެއްކޮށްލީ ލިވިއާ ބާވައޭ ހިތަށް އެރިއެވެ. އޭނަ އެޕާޓްމެންޓްގެ ތަޅުދަނޑިތައް ފޮރުވާތަން އެގޭނީ އެންމެ ދެމީހަކަށެވެ. ލިވިއާއާއި ކައިދަންއަށެވެ. ހުރިހާތަނެއް ވަނީ ޑިޒައިން ފާނޫޒުތަކުން ހުޅުދާންކޮށްލާފައެވެ. ރަތްފިނިފެންމަލުގެ ފިޔަތަކުގެ ބޯ ދޫލައަކުން މުށިތައްވެސް ފޮރުވާލާފައިވާއިރު އާޝޯޚުވެ ތަލިން ކުޅުހިކޭހާވެއެވެ. ތަރިތައް ފިޔަޖަހާފަދައިން ސީލިންގައި ސްޓިކާތައް ހަރުކޮށްފައިވާއިރު ގުދުރަތީ ސީލިންއެއް ބޯމަތީގައިވާ ފަދައެވެ. ލުއި އިޝްގީ މިއުޒިކެކެވެ. ލިވިއާ އޭނައަށްޓަކާ މިހާ ފުރިހަމައަށް މިތަން ތައްޔާރުކުރީ އެކުވެރިޔާއަށްޓަކާ އެހިތުގައި ކޮންފަދަ ލޯތެއްބެއްވާތީ ހެއްޔެވެ؟ އޭނަވަނީ އޭނަ ނުރުހޭވަރު ލުކުމާން ކައިރީ ފާޅުކޮށްފައެވެ. އެކައިވެނި ކޮށްފިއްޔާ މަރުވާނެކަމުގެ އިންޒާރުވެސް ކޮށްފައެވެ. ލުކުމާންއަށް ލިވިއާ އެއަށްވުރެ ދަސްވެފައިވިއެވެ. ލިވިއާގެ ހިތުގައި ދުނިޔޭގެ ލޯބި ޖެހިފައިވަނީ މާވަރަށެވެ. ދުނިޔޭގެ ދަހިވެތިކަމާއި ދެކޭ ހުވަފެންތަކުގައި ކުލަ ނުޖައްސާ މަރުވާކަށް އޭނަ ޚިޔާލެއް ނުކުރާނެއެވެ.
"އަހަރެން ހިޔެއްނުކުރަން މިހާވަރު ކޮށްލާނެކަމަށް......" ލިވިއާކަން ޔަގީންކޮށްފައި ލުކުމާން ބުނެލީ ފައިދަށުގައި ޝަހީދުވަމުންދިޔަ މާފިޔަތަކަށް ނަޒަރު ހުއްޓާލަމުންނެވެ.
ކޮޓަރީގެ ތެރެއިން ކައިދަން ނުކުމެގެން އައީ ހީލަމުންނެވެ. މާކަސް ދުނިޔެއާއި ވަކިވިފަހުން އެ ހިތާމަވެރި ދެލޮލުން ފުރަތަމަފަހަރަށް ހަގީގީ އުފާވެރިކަން ވިދާ ބަބުޅައެވެ. ކައިދަން އޭނަގެ އެންމެ ގާތް އެކުވެރިޔާއާއި އަންހެނުންނަށް މަރުހަބާ ކިޔަމުން ސަލާމްކޮށްލިއިރު ސަވާނާގެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ.
"ބްރޯ އައިމް ސޯ ހެޕީ ފޯ ޔޫ..." ކައިދަން ލުކުމާންގެ ގައިގާ ހިފައިގަތީ ޖޯޝާއިއެކުގައެވެ.
"ޑޯންޓް ބީ...." ލުކުމާން ބުނެލިއެވެ.
"ކޮންކަހަލަ ފްރެންޑެއްތަ؟ އަހަރެން މިހާ ބުރަ މަސައްކަތުން ޑެކަރޭޓްކޮށްލީމަ ޝުކުރު އަދާކުރާކަށްވެސް ނުކެރުނު. އަދި ހުންނާނެ ޑިނާ ތައްޔާރުކޮށްފައި. ޔޯ ފެވެރިޓް ސީ ފުޑް އަދި ޑްރިންކްސް....އަހަންނަކަށް ސަވާނާގެ ޗޮއިސްއެއް ނޭގުނަސް ކަމުދާނެކަމަށް ހީކުރަން. ޓެރެސްއަށް ހިނގާ....." ކައިދަން ބުނެލިއެވެ.
ސަވާނާ ލުކުމާންގެ ކޮޓަރި ބަލައިލަންވެގެން އެތަނަށް ގެންގޮސްފާ ދެމީހުން ބޭރަށް ނުކުތްގޮތަށް ލުކުމާން ކޮންމެވެސް ވަރަކަށް ކައިދަންއަށް ހަގީގަތް ކިޔައިދިނެވެ. އޭނަގެ ލޯބިވެރިޔާ އެންމެ ކުރިން މިކައިވެންޏަށް ހިތްވަރުދީފައި މިހާރު ދިމާއިދިކޮޅުކަމަށާއި އޭނަ މިކައިވެނިކުރީ ހިތުގައި ހިލަ ބަހައްޓައިގެން ކަމުގައި ބުނެލުމުން ކައިދަން ހުރީ ހިމޭނުންނެވެ. އޭނައަށްވެސް ހަގީގަތް އެނގޭކަހަލައެވެ. ލުކުމާން ދީވާނާވެފައި ހުންނަނީ ފައިސާއާއި މުދަލަށް ބޫތު ކައި ދެލޯކަނުވެފައި ހުރި ލިވިއާއަށެވެ. ކައިދަން ވަކި އެއްޗެކޭ ނުބުނެ އެކުވެރިޔާގެ ވާހަކަތައް އަހަން ސިޓިންރޫމްގައި އިނެވެ.
"އަހަރެންގެ އޮތީ އެންމެ ބޭނުމެއް. އެންމެ އެދުމެއް. ސަވާނާގެ ބައްޕަގެ ފަރާތުން ރިވެންޖްނެގުން. ކައިއަށް އެނގޭތަ. އޭނަ އަހަރެން ކުޑައިރު މަންމަ ރޭޕްކުރީ އަހަރެންގެ ކުރިމަތީގައި. ބޮޑު ފިރިހެނަކާއި ކުރިމަތިނުލެވޭނެކަން އެނގިހުރެ މަންމަގެ ދިފާއުގައި ނުކުތްކަމަށްޓަކާ އޭނަ މަށަށްވެސް އަނިޔާކުރީ. އަހަންނަށް ކޮންމެ ގޮތެއް ހެދިޔަސް އޯކޭ. މާފުކުރެވިދާނެ. ނަމަވެސް ކެތްނުކުރެވުނީ މަންމައަށް އެ މީހާ ކުރި ރަހުމެއް ހަމްދަރުދީއެއްނެތް އަނިޔާތަކުން. މަންމަ އަހަރެން ދޫކޮށްފައި ދިޔުމަށްފަހު ހުރެވުނީ އޮޅުމެއްގެ ތެރޭ. އަހަރެންގެ ނަޒަރުގައި މަންމަވެސް ކުށްވެރިއަކަށްވި. އޭރު މަންމައާއި ދިމާވި ހާދިސާތަކެއް ނޭގޭ. މަންމަ ދުރަށް ދާންޖެހުނު ސަބަބެއް ނޭގޭ. މާޒީގެ އެކަޅުކަން އަހަރެންގެ ހިތުގައި ފޮރުވާފައި ކުރިމަގާއި ދޭތެރޭ ވިސްނަންފެށީ. އަނެއްކާ އެ އަނިޔާވެރި ސަފްހާތައް ހުޅުވާލަން މަޖުބޫރުވެއްޖެ. މަންމައަށް އަނިޔާވެރިވީމީހާކަން އެނގުނީ އިމާދުއްދީންގެ ހަ އިނގިލި ފެނުމުން. އެ އިނގިލިތަކާއި ހުރިހާ ކަށިތަކެއް ވަކިވަކިން ބިންދާލަން ބޭނުމީ. ދިރިހުއްޓާ ވަޅުލާން އެދެނީ. އެނޫން ބޭނުމެއް ދުނިޔެއަކު ނެތް. ހަމައެކަނި ރިވެންޖް....." ލުކުމާންގެ އަތް މުއްކެވިފައިވާއިރު ދެލޮލުންވެސް ފެނުނީ ރުޅިވެރިކަމުގެ އިންތިހާއެވެ.
"އެކަމަކު.......ކޮބާ ސަވާނާގެ ކުށަކީ؟ " ކައިދަން ވިސްނާދޭން އުޅުނެވެ.
"އިމާދުއްދީންގެ ދަރިއަކަށްވިކަން..." ލުކުމާން ފަރުވާކުޑަގޮތަކަށް ބުނެލީ ކައިދަންގެ ލޮލަށް ނުބަލާހުރެއެވެ.
"އިނޮސެންޓް ގާލްއެއްގެ ލައިފް ހަލާކުކުރާކަށް ނުވާނެ.."
"އޭރުން އިމާދުއްދީންގެ ހިތް ހަލާކުވާނެ. އޭނަގެ ދިރިއުޅުން ނަރަކައަކަށް ހަދާލާފައި ނޫނީ އަހަންނަށް ހަމަޖެހިގެން ނިދާލެވޭނެކަމެއް ނޭގޭ. އެނައިޓްމެއާސްތަކުން އަދި އަދަށްދާންދެން އަރައިނުގަނެވޭ. އޭނަ ކުޑަކަކޫ މައްޗަށް ތިރިކުރުވާ އާދޭސްކުރުވާނަން......." ލުކުމާންގެ އަޑުގައި ސާބިތުކަމެއްވިއެވެ. ކައިދަން ވަކި ބުނާނީ ކޮންކަމެއްހެއްޔެވެ؟ ކިތަންމެ ވިސްނާދިނަސް ލުކުމާން ގެ ގޮތްދޫނުކުރުމާއި ރުޅިވެރިކަން އެންމެ ދަންނަ އެކަކީ ކައިދަންއެވެ. ކިތަންމެ ރަގަޅު ސިފަތަކެއް ހުއްޓަސް އިންސާނަކު އެންމެ ފުރިހަމައެއް ނުވާނެއެވެ. ބައެއްފަހަރު އެންމެ އުނި ސިފައަކުންވެސް އެންމެ ދަށު ދަރަޖައަށް ވެއްޓިދާނެއެވެ. ނޫނީ ފަހުން ހިތާމަކުރާވަރުގެ ބޮޑު ގޯހެއް ހެދިދާނެއެވެ.
ޓެރެސް ހަދާފައިވާލެއް އެހާ ފުރިހަމައެވެ. އެހާ ކުޑަވަގުތުކޮޅެއްގައި ކައިދަން ކޮށްފައިވާ މަސައްކަތަށް ސާބަސްދެވޭވަރުވެއެވެ. ނޭގުނަސް އެދެމީހުންނަށް ކައިވެނިކުރެވުނީ ހަނދު އޭގެ އެންމެ ފުރިހަމަގޮތުގައި ފަލަކުގައި ރަނިކަން ކުރަމުން ދިޔަ ރެއެއްގައެވެ. ސުޕަމޫން އޭގެ އެންމެ ފުރިހަމަގޮތުގައި ކާއިނާތަށް އަލި ފޯރުކޮށް ދެމުންދާއިރު ހިނިތުންވެލައިގެން އިންފަދައެވެ. ތަރިތައް ފިޔަޖަހާލަ ޖަހާލާވާއިރު އުޑުގެ ފުރިހަމަކަމަކީ ކުރެހުންތެރިއަކަށް ފިހިގަނޑުންވެސް އެ މަންޒަރު ސިފަކޮށްދެވޭވަރުގެ ކަމެއްނޫނެވެ. އެއަށްވުރެ މާ ފުރިހަމައެވެ. ކައިދަން ވަކި ހިސާބަކުން ދެމަފިރިންނަށް އެކަނިވެރިވަގުތު ދީފައި އެތަނުން ދިޔުމުން ކެއުން ކުރިއަށް ދިޔައިރު ވަކި ހިސާބަކުން ލުކުމާންގެ ސަމާސާއާއި އަތްލުންތައް އިތުރުވާންފެށިއެވެ. އެގޯނާތައް ސަވާނާއަށް ކަމުދިޔައެވެ. ލަދުވެތިކަމުން މޫނު ރަތްވެފައިވީއިރުވެސް ލުކުމާންއަކީ އޭނަގެ ފިރިމީހާކަން ހަދާންކޮށްލަދިނެވެ. އޭނައަށް އެހުރިހާ ހައްގެއް އޮންނާނެއެވެ.
ލުކުމާންއަށް ހޭލެވުނީ ކޮޓަރީގެ ދޮރުފަތްތަކުގައި ދަމާފައިވާ ތުނި ލޭސްތައް ވަޔާއިހެދި ކޮންމެވެސް ވަރަކަށް ފޭވެ ތޫނު އިރުގެ އަލި މޫނަށް އެޅި ލޮލަށް އުނދަގޫވާ ގޮތްވެގެންނެވެ. ކޮންމެވެސް ވަރަކަށް ބޮލަށް ބަރުވެ ކަންނެތްވެފައިވާ ވަރުން ދެލޯ ހުޅުވައިލެވުނީވެސް އެސްފިޔަތާއި ހަގުރާމަކޮށްގެންނެވެ. ފުރަތަމަ ސިކުނޑި މަސައްކަތް ނުކުރިޔަސް ދެލޯ ހުޅުވާލުމާއިއެކު ރޭގެ ހާދިސާތައް އޭނަގެ ހަދާނަށް އެއްފަހަރާ އައުމުން ހުވަފެނަކަށްވާނެ ނަމައޭވެސް ހިތަށް އެރިއެވެ. ނަމަވެސް ބޯ ރަޖާދަށުގައި ފޮރުވިގެން އޮތް ސަވާނާ އެއީ ހަގީގަތެއްކަން ސާބިތުކޮށްދީފިއެވެ.
"ވަޓް ދަ ހެލް....އަހަރެން މީ އެހާ ބަލިކަށިމީހެއްތަ؟ ލިވިއާ ނޫން މީހަކާއިއެކު ސްލީޕްކުރާކަށް ދުވަހަކު ހިތަކަށް ނާރާ............" ލުކުމާން އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. އޭނަ ހުރީ ވަފާތެރިއަކަށްވެގެން ލިވިއާއަށްވީ ވައުދުމަތީގައެވެ. ނަމަވެސް އޭނަވެސް މިވީ ހަމަ ފިރިހެނަކަށެވެ. ފިރިހެނަކަށް އަންހެނަކު ފެނިއްޖެއްޔާ ލޯތްބެއް ދުނިޔެއެއް ހަދާނެއް ނުހުންނާނެއެވެ. ލުކުމާން ރަޖާ އެއްފަރާތަށް އެއްލާލާފައި ފާޚާނާއަށްވަދެ ޝަވަރަށް ދޫކޮށްލައިފިއެވެ.
އަދި ލިވިއާއަށް އޭނައާއި ސަވާނާ ކައިވެނިކުރިކަމެއް ނުވެސް އެނގޭނެއެވެ. އެނގުނުއިރަކުން އަދި އޭނައާއި ދިމާލަށް އަމާޒުވާނެ ބަސްތަކާއި ހަމަލާތައް އެނގެނީއެއްވެސް ނޫނެވެ. ދުންއަރަ އަރާހުރި ކޮފީގެ ހޫނުކަން މޫނަށް އިހުސާސްވިއިރު އޭނަހުރީ ދަތްކުނޑިވިކިފައެވެ. ލޯތްބާއި ކުލުނަށް ހިތުގައި ޖާގަދޭނެކަމެއް ނެތެވެ. އޭނަ ކާމިޔާބުކުރަންޏާ ޖެހޭނީ އެހެން ހުރިހާ އިހުސާސްތައް ވަޅުލާށެވެ. އިމާދުއްދީންގެ ހިތުން ނުފިލާވަރުގެ ދެރައެއްދީފައި އެއާއިލާއާއި ވީހާވެސް ދުރަށްދާން އޭނަވަނީ ރާވާފައެވެ.
ސަވާނާ ފެންވަރާހަދާލައިގެން ކުރު ޓޮޕަކާއިއެކު ސޯޓެއްލައިގެން ތެތް އިސްތަށިގަނޑު ހިކެން ދޫކޮށްލިއެވެ. ތާޒާކަމުން މޫނުމަތި ފެންނަނީ ފިނިފެންމަލެއްހެންނެވެ. އޭނައަށް ފެނުނީ ލުކުމާން ފުރަގަސްދީގެން ހުރެ ކޮންމެވެސް މީހަކާއި ވާހަކަދައްކަން ހުއްޓައެވެ. ސަވާނާއަށް ހީވީ އޭނަގެ ކަންފަތް ކުށްކުޅައީ ހެންނެވެ. "ޔޫ ޓޫ ބޭބީ" އެހެން އެބުނީ ކާކާއި ދިމާލަށްބާވައެވެ. މީހަކަށް ކިޔާ ނަމަކަށްވެސް ވެދާނެއެވެ. ލުކުމާންގެ ލޯބިވެރިޔަކު ހުރެދާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އެއީ އަންހެންކުދިންނާއިހެދި މޮޔަވާ ޒާތުގެ ފިރިހެނެއްނޫނެވެ. އެހާ އަވަހަށް ޝައްކުކުރާން ވެއްޖެއްޔާ ކައިވެނީގައި ރެނދުލާކަށް މާގިނަ ދުވަހެއްނުވާނެއެވެ.
"މޯނިން ލޫކް....." ސަވާނާ ފުންމައިގެން އެރީ ލުކުމާންގެ ކޮނޑަށެވެ.
"ނޮޓް ނައު.........ފުރަތަމަ އެއްޗެއް ކައިބަލަ. އޮފީހުން އެބަގުޅާ. އެމީހުންނަކަށް ނޭގޭނެއްނު އަހަރެމެން ހަނީމޫން ހަދާކަމަކާއި އޮފީހަށް ނާންނާނެކަމެއް. އަހަރެން ކޮންމެހެންވެސް އެބަޖެހޭ ކްލައިންޓަކާއި ބައްދަލުކޮށްލަން. އަހަރެން ކޮފީއެއް ބޮއިފިން. ސޯ މަށަށް އެއްޗެއް ތައްޔާރުކުރާނެ ކަމެއްނެތް އިގޭ..." ލުކުމާން ވާހަކަދައްކަމުންގޮސް ކޮޓަރިއަށް ވަންތަން ފެނިފާ ސަވާނާއަށް މޮޅު ޚިޔާލެއް އައެވެ. ހަނީމޫންދުވަސްކޮޅު އޮފީހުގައި އަވަދިނެތި މަސައްކަތްކުރަން ވެއްޖެއްޔާ އެދުވަސްކޮޅު ޚަރާބުވެދާނެއެވެ. ލުކުމާން ތައްޔާރުވެގެން ނިކުންނަންދެން އޭނަ ހުރީ ގަނޑުފެނުން ފުރިފައިވާ ޖަގެއް ހިފައިގެން ދޮރާއި ނިވާވެގެންނެވެ. ނުކުތުމާއިއެކު އޭނަގެ ގަޔަށް ފެންޖެހުމުން ލިބުނު ސިހުމާއިއެކު ބުމަ ގޮށްޖަހާލެވިއްޖެއެވެ.
ސަވާނާ މަޖާވެގެން ހީހީހުރިއިރު އެމޫނަށް ރަތްކަމެއްވެރިވެފާ ހުއްޓެވެ.
ލުކުމާންގެ ހިތުގައި އޭނައަށްޓަކާ ފޫހިކަން އުފެދިފައިވާކަމުގެ ހިލަމެއްވެސް ނުވެ ހުރެއެވެ.
"ތި ދެން ކޮންކަމެއްތަ؟ " ލުކުމާން ނޭފަތް ގުރުޑުކޮށްލިއެވެ.
"އޮނެސްޓްކޮށް ބުނަންޏާ މަޖާކުރާ މޫޑެއްގައެއް ނޫންމިހިރީ. ތިހެން ހެދީމަ ހައްތަހާ ލަސްވާގޮތް މިވީ..."
ޅަ ޚިޔާލުތަކާއިއެކު އެކަހަލަ ކަންތައްކޮށް އުޅޭ އަންހެންކުއްޖެއްކަމުގައިވިޔަސް ލުކުމާންގެ އަޑުގައި ހުރި ހަރުކަށިކަން އިވި ސަވާނާ ލަދުގަންނަގޮތްވިއެވެ. ލުކުމާން އެހާ ކުޑަ ކަމަކާއި އެ އައީ ހާދަ ގަދަ ރުޅިއެކެވެ. ރުޅިގަދަ ފާޑުޖަހާ މީހެއްވެސް ނޫނެވެ. ސަވާނާ ފެން ހޫނުކުރަން ޖަގު ޖައްސާލައިގެން ހުރިއިރު އެކަމާއި ބެހޭގޮތުން ވިސްނެމުން ދިޔައެވެ. ދެރަވެސްވާންފެށިއެވެ. މޮޅިވެރިވެފައި ހުއްޓާ ލުކުމާން ތައްޔާރުވެލައިގެން ނުކުމެ ދޮރާއި ހަމަޔަށްގޮސްފައި ކޯންޗެއް ވިސްނާލާފައި ކަމެއް ނޭގުނެވެ. ކައިރިވެލާފައި ސަވާނާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ. ނިތްކުރީގައި ބޮސްދިނެވެ.
"ދެރަ ނުވައްޗޭ....ވީ ވިލް ހޭވް ފަން އެކަމަކު ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް އޮންނަންވާނެ.........."
ލުކުމާން ދިޔުމުން ސަވާނާ އުފަލުން ފުންމައިގަތީ ކުޑަކުއްޖެއްހެންނެވެ.
އޮފީހަށް ގޮސްފާ ގެއަށް ވަދެނުލާ އޭނައައީ އެންމެ ގާތް އެކުވެރިޔާއާއިއެކު ކޮފީއަކަށެވެ. މަތީބައިގާ ތިބިއިރު މޫދުގެ މަންޒަރު ފެންނަލެއް ހިތްގައިމުކަމުން ބަލާބަލާ މީހަކު ފޫއްސެއްނުވާނެއެވެ. ކައިދަން އިނީ ލުކުމާން ފެށި ވާހަކަ އަޑުއަހާފައި ނިކަން ހިމޭނުންނެވެ.
"ތިހާވަރަށް ތިމާގެ އަންހެނުންދެކެ ހޭޓްކުރަން ޖެހޭތަ؟" ކައިދަން ހީލާފައި ކިޔާލައިފިއެވެ.
"އިޓްސް ނޮޓް ދެޓް އައި ހޭޓް ހާ. އޭނަ އެއީ އަހަރެންގެ ޓައިޕް ކުއްޖެއްނޫން. ޅަކުއްޖެއްހެން އުޅުން ހުރީމަ ވަރަށް ބޮލަށް އުދަގޫވޭ. ސީރިޔަސްލީ އެހާވަރުން ކޯޓުލާ ތައްޔާރުވީތަނާ ފިނިފެން އެއްޗެއް ގެނެސް ޖަހާލީމަ މަގޭ އެހިސާބުވެސް ފްރީޒްނުވީ ހަމަ ކިރިޔާ......." ލުކުމާން އަދިވެސް އިނީ މޫޑު ޚަރާބުވީގޮތަށެވެ.
"ލިވިއާއަށް އެނގޭތަ؟ " ކައިދަން ކުރީ އެހެން ސުވާލެކެވެ.
"އަދި ނޭގޭނެ."
"އޭނަ ދަންޖެހިގެން މަރުވާނެ...."
"އެހާ ފިނޑިއެއް ނުވާނެ. ލިވީއަށް ރަގަޅަށް އެނގޭނެ އަހަރެން ސަވާނާއާއި އިނީ ލޯތްބަކުން ނޫންކަން...." ލުކުމާން ގޮނޑީގައި ރީއްޗަށް ލެނގިލިއެވެ. ލުކުމާން ދެން އަހައިލީ ކައިދަންގެ އާއިލާއާއި ބެހޭގޮތުންނެވެ. ކައިދަން ބުނީ މަޑުމަޑުންގޮސް މަންމައާއި ބައްޕަ ހަމަޔަކަށް އެޅެމުން އަންނަކަމުގައެވެ. ކައިދަން ދެން ބުނީ އާއިލީ ސިއްރެކެވެ. އޭނަގެ މަންމަވެސް ކެންސަރުގެ ޝިކާރައަކަށްވެފައި ވާ ކަމުގައެވެ. ކުރިން ކެންސަރުޖެހިގެން ފަރުވާކުރުމަށްފަހު ދެވަނަފަހަރަށް ހަށިގަނޑުން ކެންސަރު ފެނިފައިވާކަމުގައެވެ. މަންމަ އިތުރު ފަރުވާއެއް ބޭނުމެއްނުވެއެވެ. ކީމޯއާއި ރޭޑިއޭޝަންގެ ސަބަބުން އިތުރު އަނިޔާ ހަށިގަނޑަށް ލިބުން ފިޔަވާ އިތުރުކަމެއް ނުވާކަމުގައި މަންމަވަނީ ބުނެފައެވެ. މަންމަ އުޅުނު ހާލު ފެނި އޭނަ ކިތަންމެ ދުވަހު ރުއިކަމުގައި ބުނިއިރު ކައިދަންގެ ލޮލުން ކަރުނައިގެ އަސަރު ފެންނާން ހުއްޓެވެ. ލުކުމާން ހިތްވަރު ދިނުމުގެ ގޮތުން އެކި ވާހަކަދެއްކިއެވެ. އަސުރަށް ބަންގިދިން އަޑު އިވުމުން ލުކުމާން މިސްކިތަށް ދާން އުޅުމުން ކައިދަންވެސް އޭނައާއިއެކީ ނަމާދަށް އެރިއެވެ. އެތައް އަހަރެއްފަހުން ކައިދަން ނަމާދެއްކޮށްލީ އަލަށެވެ.
ނަބީލާއާއި ރާފިޔާ ދިމާވުމުން އަނގަ ތަޅަމުންގޮސް އޭނަ މިފަހުން ޗައިނާއަށް ޒިޔާރަތްކުރިކަމަށް ބުނެ ފޯނުގައި ލޮކް ކޯޑު ޖެހިއެވެ. ފޮޓޯ ގެލެރީ އިން ފޮޓޯތައް ދައްކަމުންގޮސް ރާފިޔާ ދެއްކި ފޮޓޯއަކުން ނަބީލާގެ ބޮލަށް އެނބުރުން އަރާގޮތްވެ އަދި ރަގަޅަށް ބަލައިލިއެވެ. ތަންކޮޅެއް ދުރުން ފެނުނަސް އެއީ އޭނަގެ ފިރިމީހާއާއި ލިވިއާކަން އެނގި އެމީހުންނާއި ބެހޭގޮތުން ސުވާލުކުރިއެވެ. ރާފިޔާ ބުނީ އޭނަ ހުރީ އެވާހަކަ ނުވެސް ބުނަން ކަމަށެވެ. އިމާދުއްދީންގެ އުޅުން ރަގަޅުވެފައިވާކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ކަށީގައި ހިފާފައިވާ އާދަ ދޫކޮށްލުމަކީ ވާނެކަމެއް ނޫންކަން އެތައްފަހަރު އިމާދުއްދީން އެވަނީ ސާބިތުކޮށްދީފައެވެ. މިފަހަރު އަދި ދުވަހަކުވެސް އޭނަ ރައްޓެހިނުވާފަދަ ޅަ އަންހެންކުއްޖަކާއި އެކީގައެވެ. ނަބީލާ ދަންނަ މީހުންގެ ކުރިމަތީގައި އިމާދުއްދީން އޭނަ ބޭޒާރުކުރަންވެގެން ދެވަނަ ފަހަރަށް ކައިވެނިކުރުމުގެ ބޭނުމަކީ ކޮބާހެއްޔެވެ؟ ގަތްލަދުންގޮސް ނަބީލާގެ މޫނުމަތި ރަތްވެ އިސްއުފުލައިލާނެ ހިތްވަރެއްވެސް ނުލިބުނެވެ. އާޚިރަތުގެ އަޒާބަށްވުރެ ދުނިޔޭގެ ލަދު މާބޮޑުކަމުގައި ބުނެއުޅޭ ސަބަބަކީ މިއީކަމުގައި އޭނައަށް އިހުސާސްކުރެވުނެވެ.
ތުނިތުނިކޮށް ވެހެމުން ދިޔަ ވާރޭގެ ތެރޭގައި ހަރު ހިނގުމެއްގައިގޮސް ލުކުމާން ފެންޑާއާއި އަރާހަމަވިއެވެ. ސަވާނާ ލުކުމާންއާއި އެއްވަރުކުރަން ދުވަމުންގޮސް ވަންއިރުވެސް އޭނަގެ މޫނުމަތީ ފެންތިކިތައް ހަރުލާފައި ހުރިއިރު ވަރަށް ލޯތްބެވެ. ބަގީޗާ ތަކުގައި ވާ ރީތި ކުލަކުލައިގެ މާތަކުގެ މަތީގައި ވާރޭތިކިތައް ވިދާބަބުޅާއިރު ހިތްގައިމުކަމުން ލޯތަކަށް ފިނިކަން ލިބޭހާވެއެވެ. ސަވާނާ ސަލާމް ގޮވާލާފައި ގެއަށް ވަނެވެ.
"ކޮޓަރީގެ ތަޅުދަނޑިވެސް ބާއްވާފައި މިއާދެވުނީ. މަންމަގެ އަތުގައި ޑަބަލް ކީ ވާނީ....." ސަވާނާ ލުކުމާންގެ އަތުގައި ހިފާލަމުން ހީލިއެވެ.
ސަވާނާ އޭނަގެ މަންމަ ހުރިތަނެއް ބަލައިލަން ގުޅަގުޅާފައި އެންމެފަހުން ގޭތެރޭގައި ބުރެއްޖެހިއިރުވެސް މަންމަގެ ހިލަމެއްނުވިއެވެ. ގޭތެރޭގައި ވާ ހިމޭންކަން މުގުރާލާފައިވަނީ ވެހެމުންދާ ވާރޭގެ އަޑުންނެވެ. ބައްޕައަށް ގުޅިއިރު އޭނަ ހުންނެވީ ރިޒޯޓުގައެވެ. ސަވާނާ ދެން ވަނީ ގަސްތަކުގެ ތެރެއަށެވެ. މަންމަ ލޯބިވާ ގަސްތަކުގައި ފިރުމަން މި ވާރޭގެ ތެރޭގައިވެސް ހުރެދާނެކަމުގައެވެ. ވަކި ހިސާބަކަށްގޮސްފައި ސަވާނާ މެދުކެނޑުމެއްނެތި ކަރުފަޅައިގެންދާހާ ބާރަކަށް ހަޅޭއްލަވަންފެށުމުން ލުކުމާންވެސް އަވަސްވެލީ އެދިމާލަށެވެ. ފެނުނު މަންޒަރަކުން ލުކުމާންގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ. ގިސްލާފައި ރޮމުން ދިޔަ ސަވާނާގެ ދެފައި ބިންމަތީގައި ހަރުނުލައެވެ.