ސަވާނާ ވާހަކަދައްކަން ހުރެފައި ބާރުބާރަށް ރޯންފެށިއެވެ. ރެއިލިންގައި ބޯ ޖައްސާލައިގެން ހުރިއިރު އެ ރުއިމުގެ އަޑު މުޅި ހިސާބުގައި ހިފާލާފައިވިއެވެ. އެ އަޑު އެހި ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާހާ ގަދަޔަށް ސަވާނާ ރުޔެވެ. ރޮމުން ރޮމުން ޓެރެހުގެ ކުޑަކަކޫމައްޗަށް ތިރިވީ އިރުވެސް ލުކުމާން ހުރީ ހިމޭނުންނެވެ. ސަވާނާ އޭނަގެ މަންމަ މަރުވީދުވަހުވެސް މިހާ ހިތާމައެއްނުކުރެއެވެ. ވާނީވެސް އެހެންނެވެ. އޭނަ ގެންގުޅެ ބޮޑުކުރީ އެ މަންމައާއި ނުލައެވެ. އެހިތުގައިވާނަމަ ވާހާ ލޯތްބެއްވަނީ ހަމައެކަނި ބައްޕައަށްޓަކައެވެ.

"އައި ކާންޓް ޓޭކް ދިސް އެނީ މޯ. ކިތަންމެ ވަރަށް ކެތްކުރަން މަސައްކަތްކުރިޔަސް އަބަދު ދެރަކުރަނީ..............." ސަވާނާ ކަރުނުން ފުރިފައިވާ ދެލޮލުން ލުކުމާންއާއި ހަތަރުކަޅިހަމަކޮށްލިއެވެ. ލުކުމާން ވަގުތުން ބަލަންފެށީ ދުރަށެވެ. ސަވާނާ ކުއްލިއަކަށް ފުންމައިގެން އައިގޮތަށް ލުކުމާންގެ ދެފައިގާ އޮޅުލައިގަތެވެ.

"ކޮންމެ ގޮތެއް އަހަންނަށް ހެދިޔަސް އެންމެ ރަގަޅޭ. އެކަމަކު ބައްޕައަށް ތިހެން ނަހަދާ. އައި ބެގް ޔޫ. ޕްލީޒް ޕްލީޒް................." ސަވާނާ އާދޭސްކުރިއެވެ. ހިތަށް ބިރުވެރިކަން ވަނީ މަންމަފަދައިން ބައްޕަވެސް އޭނައާއި ވަކިވެދާނެކަމުގެ ބިރުހީވެފައެވެ. ލުކުމާން ބައްޕަގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވާތަން ބަލާކަށް އޭނައަށް ކުޅަދާނައެއްނޫނެވެ. ދެފައިގާ ހިފާ ސަލާމްޖަހައިގެންވެސް މިކަން ހުއްޓުވާކަށް އޭނަ ލަދެއްނުގަނެއެވެ.

"ރޮއިގެން އެއްވެސް ކަމެއް ބަދަލެއްނުވާނެ. ހާޓް ޕޭޝަންޓެއްކަން ދަނެގެން އެވައްތަރަށް ނޫޅެން ބައްޕަ ކައިރީ ބުނިނަމަ. ކުށްކުރުމުން ބަލިމީހެކޭ ކިޔާފައި އެކްސްކިއުޒެއް ނުދެވޭނެ ދޯ. އެމީހަކު ކުރި ކުޑަ ބޮޑުކަމެއްގެ ސަޒާ ދެދުނިޔެއިންވެސް ލިބޭނެ. ސަވާނާ ގޮތަށް އެންމެން އިނޮސެންޓެއްނޫނޭ. އެއީ ކުށްވެރިއެއް. ގާތިލެއް........."

ސަވާނާ އެވަރުންވެސް ދޫކޮށްލާކަށް ނޫޅުނެވެ. ތަކުރާރުކޮށް އާދޭސްކޮށްފައި ލުކުމާންގެ ފަހަތުން ހިނގަންފެށުމުން ލުކުމާން އެންމެފަހުން ކެތްތެރިކަން ކޮޅުލައިގެންދިޔައެވެ. ސަވާނާގެ ގައިގާ ޖަހަން އަތްމަޅައިލުމުން ސަވާނާ ބިރުން ދެލޯ ބޮޑުކޮށްލަމުން ފަހަތަށް ފިރުކެމުންގޮސް ރެއިލިންގާ ބުރަކަށި ޖައްސާލަމުން މޫނުގައި އަތްއެޅިއެވެ. ގޮސްހުސްވެ މާޔޫސްވެފައިވާ ކުޑަކުއްޖެއްފަދައިންނެވެ. ސަވާނާގެ ހުރިހާ އުއްމީދެއް އޮޔާލުމުން ކުރެވުނު ކަމަކީ ރުއިމެވެ.

"މިހާރު ވާވަރުވެއްޖެ. އޭނަ މަރުވިޔަސް ސަވާނާ ރޯނެ ވަރަށް ރޮއިފި. ވަރުބަލިވުން ނޫންކަމެއް ނުވާނެ. ހުއްޓާލާ..." ލުކުމާން ސަވާނާގެ ހެދުމުގެ އަތުކުރީގައި ހިފާ ކުޑަކޮށް ދަމާލިއެވެ. އޭނަގެ ގައިގާ އަތް ނުލާންވެގެން ކުރިކަމެކޭ ހިތަށް އަރުވާފައި އަދި ވަކިންބޮޑަށް ހިތަށް އަސަރުކޮށް ރުޅިގަދަވިއެވެ.

"ޑޯންޓް....ޓަޗް މީ...." ސަވާނާ އަތަށް ލައްކިއެއް ޖަހާލާފައި ތެދުވެގެން ދާން ކުރިއަށް ފިޔަވަޅެއްއެޅިއެވެ. ލުކުމާން ސަވާނާގެ އަތުގެ މުލައްދަނޑީގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވާލިއިރު އަތަށް ތަދުވާގޮތްވިއެވެ. އެދެލޮލުގައިވަނީ ނުރުހުން ވިޔަސް އެދެލޮލަށް ބަލާލަން ނުކެރޭފަދަ ގޮތެއް ހުއްޓެވެ. ނަމަވެސް ރުޅިގަދަވެފައިހުރުމުން ބައެއްފަހަރު ހިތުގައިވާ އެއްޗެއް ނޭނގިނަމަވެސް ބޭރުކޮށްލެވެއެވެ. ހިތަށް ކުޑަނަމަވެސް ލުޔެއްލިބޭތޯއެވެ.

"ވަރިކުރިކަން ހަދާނެއްނެތީމަ ހަދާންކޮށްދިނީ. އެހެންވެ އަތް ނުލާށޭ ބުނީ. އައިމް ނޮޓް ޔޯ ޕްރޮޕަޓީ............"

"ރިއަލީ؟ އެކަމަކު ދީން ކިޔެވިނަމަ އެނގޭނެ ދޯ. އިސްލާމް ނުކިޔަވާ ވަގުހެދިކަން މިއެގުނީ. ވަރިކުރިކަމަށް ތިހާ ގަދަ އަޅާ ކިޔާއިރު އަދި ތިންމަހެއް ނުފުރެއެއްނު. ތިންމަސްވާންދެން އަނބިމީހާ އިންނާނީ ފިރިމީހާގެ އިއްދައިގާ. މިހާރުވެސް ބޭނުމިއްޔާ ކައިވެނި ރުޖޫއަ ކުރެވިދާން. ބޭނުންވަރަކަށް އަތްލެވިދާނެ............" ލުކުމާންގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ސަވާނާގެ އަނގަޔަށާއި ލޮލަށް ހެދިގޮތް މަޖާވެސްވިއެވެ. އެހާ ހައިރާންކަމެއް ލިބި އަނގަ ހުޅުވޭވަރުގެ އެއްޗެއް އޭނައަށް ބުނެވުނުބާވައެވެ. ސަވާނާ އެހެރީ ވަރިކުރިކަމަށް ނިންމައިގެންނެވެ. އޭނަ އެފަދަ ބަހަކަށް އިޒިކް ކައިރީ ބުނީ އެންމެ ޖުމްލައެކެވެ. "ޔޫ އާ ފްރީ ޓު ގޯ"އޭ ބުންޏަސް ވަރިކުރުމުގެ ނިޔަތެއް އޭނަގެ ނެތެވެ. ސަވާނާ ހަދަހަދައިގެން އެވާހަކަ ދެއްކިޔަސް އަދި ވަރިނުކުރާކަން އެނގެނީ އޭނައަށް ނޫންހެއްޔެވެ؟ ސަވާނާ އެހެރީ އޭނައަކީ ހިލޭ ދުރުމީހެއްކަމަށް ނިންމައިގެންނެވެ. ހަގީގަތަކީވެސް އެއީއެވެ. ނަމެއްގައި ދެމަފިރިންނަށް ވުމުން މި ގުޅުމުގައި ޖެއްސޭނެ އެއްވެސް ކުލައެއްނެތެވެ.

ސަވާނާ ރޯން ދޫކޮށްލާފައި ލުކުމާން ބާރުބާރަށްގޮސް ސިޑިން ތިރިއަށް ފޭބިތަން ދެކެން ސަވާނާއިނީ މާޔޫސްވެފައެވެ. ލުކުމާންގެ އަޅާލުމެއްނެތް ކަމާއި އޭނައަށްޓަކާ އެހިތުގައި އެއްވެސް މަގާމެއްނެތްކަން ޔަގީންވެ ހިތަށް ބާރުކޮށް މޭގައި އަތް ޖައްސައިލެވުނެވެ. ލުކުމާންގެ ބޭނުމަކީ އޭނަގެ ބައްޕައައިއެކު އޭނަ މިގެއިން ނުކުތުމެވެ. އޭނަގެ ހިތުގައި ނަފްރަތުގެ އޮށް އިންދަން ލުކުމާން އެހުރިހާ މަސައްކަތްކުރައިރުވެސް އެކަން ކާމިޔާބެއްނުވެއެވެ.

"އެހާ ވަރަށް އާދޭސްކުރީމަވެސް ހިތެއްވެސް ނެތް. ދެރަކޮށްލާފައި އެދިޔައީ. އެކަމަކު ބައްޕަ ބުނިފަދައިން މިގެއަކުން ނުދާނަން. މިއީ ކުޑައިރުއްސުރެން އުޅެ ބޮޑުވި ގެ. ހުރިހާ މެމޮރީސްތަކެއް ހުރީ މިތާގައި. އެހާ އަވަހަށް ބަލި ގަބޫލުކޮށްގެން އަމިއްލަ ގެއިން ނުކުމެގެން ދާކަށް ނުޖެހޭނެ. އައި ވިލް ނޮޓް ގިވް އަޕް. ލޫކް މަރައިލިޔަސް ހަމަ މިގޭގައި ހުންނާނީ. އެންމެ ފަހު ނޭވައާއި ޖެހެންދެން ފައިޓްކުރާނަން. ނޭގޭ މިހާވަރަށް ލޫކް އަހަރެމެންދެކެ އެ އަންނަ ރުޅިއެއް. އެސިކުނޑީގައި ހިގަނީ ކޮންކަމެއް ކަމެއްވެސް ނޭގޭ....." ސަވާނާ ތެދުވާން އުޅުމުން އަރިއަޅާލާ ގޮތްވިއެވެ. ހިތްވަރު ބަލިވެ ހަށިގަނޑު އުފުލާލާނެ ވަރެއްވެސް އެނިކަމެތި ކުއްޖާގެ ނެތީއެވެ. އަމިއްލަ ނަފުސާއި ވާހަކަދައްކައިގެން ހައްލުކުރާނެގޮތެއް ނެތެވެ. ކޮޓަރިއަށްވަދެ ފޯނު ނަގައިގެން އެންމެ ފުރަތަމަ ގުޅީ ބައްޕައަށެވެ. ނަމަވެސް ފޯނު ނުނެގުމުން ހިތަށް ބިރުވެރިކަން ވަންލެއް ބޮޑުވިއެވެ. ޚިޔާލު ހޯދާނެ ފަރާތެއްވެސް ނެތެވެ. ވިސްނިވަރަކަށް މިއީ ހީކުރިވަރަށްވުރެ ބޮޑުކަމެއްކަން އެނގުނެވެ. ލުކުމާން ގެ ޖުމްލަތައް އޭނަގެ ސިކުނޑީގައި ވަކިއަޅަންފެށިއެވެ. އެނަގެ ބައްޕަ ދުޝްމަނެއްގެ ކަމުގައި ނިންމާފައިވާއިރު ބައްޕަ އިދަޖައްސާލާފާ ނޫނީ އޭނަ ނޭވައެއްވެސް ނުލާނެކަން ގައިމެވެ.

ކާރެއް ބަރުގޮނު އަޅާލިޔަސް ފުލުހުން އަންނަނީ ކަމުގައި ހީކުރެވުނެވެ.

"އައި ވިލް ފައިޓް ބެކް. ލޫކް ބައްޕައަށް ދެރަގޮތެއް ހަދައިފިއްޔާ. ނޫން ލޫކް އެހާ ހިތް ހަރެއްނުވާނެ. އެގޮތަށް ތްރެޓްކުރިޔަސް ބައްޕަ ފުލުހުންނާއި ހަވާލެއްނުކުރާނެ. އަހަރެން ބިރުގަންނަވަން ރޮއްވާލަން ކިޔާ އެއްޗަކަށްވާނީ..........." ސަވާނާ އެކިގޮތްގޮތަށް ވިސްނިއެވެ. ކުރެވޭނެ ކަމަކާއި ކުރަންވީ ކަމެއް އެއްގޮތަކަށްވެސް ވިސްނުމަކަށް ނައެވެ. ޔަގީންކޮށް އެނގެނީ މިގެއިން އޭނަ ނެރެލަން ލުކުމާންއަށް ފަސޭހަނުވާނެކަމެވެ. އަމިއްލަވަންތަކަން އިހުސާސްކުރެވޭ އެހެން އެއްވެސް ތަނެއް މިއޮތް ބޮޑު މާލޭ ފަސްގަނޑަކު ނެތެވެ.

 

ލުކުމާން ކެމްޕެއިން އޮފީހަށް ވަންއިރު ޕާޓީ ލަވައެއް އަޑުގަދަކޮށް ޖަހާލާފައި ހުރުމުން ކަންފަތަށް އުދަގޫވެ ނިއްވާލަން އެންގިއެވެ. އަވަށްޓެރިންނަށް އުދަގޫވާވަރަށް ލަވަނުޖެހިޔަސް މަގުތަކަށް ނުކުމެ މުޒާހަރާ ނުކުރިޔަސް ކާމިޔާބުކުރާނެ އެހެން ގޮތްގޮތް އެބަހުއްޓެވެ. އެހެން ޒުވާނުންގެ ނުރުހުން ލިބުނަސް އޭނަގެ ފަރުވާލެއްނެތެވެ. އޭނަ މި ކެމްޕޭންގެ ރައީސަކަށް ހުރިއްޔާ އޭނަ ބުނާގޮތަށް ހެދެން ޖެހޭނެއެވެ. މަސައްކަތް ނިންމާލާފައި އަމްރާންގެ ޚަރަދުގައި އެންމެން ކޮފީއަކަށް ރެސްޓޯރެންޓަކަށް ޖައްސައިލިއެވެ. މަތީބައިގާ ތިބިއިރު ތިރިން މޫދު ފެންނަން އޮތުމުން ފިނިފިނި ވައިރޯޅިތަކުން ގުދުރަތީ އޭސީއެއްލެވިފައިވި އެވެ. އެހެން އެންމެން ހުސްވެ ލުކުމާން އެކަނިވުމުން ކައިދަން އިން މޭޒުން ތެދުވެގެންގޮސް ލުކުމާންގެ ކުރިމަތީގައި ހުއްޓުނެވެ.

"ލޫކް އައިމް ސޮރީ......."

ލުކުމާންގެ އަލިފާނުގެ ބެލުން ކައިދަންއާއި އަމާޒުވިއެވެ.

"އެކަހަލަ އަންހެނަކާއި ހެދި ލޫކްއާއި ވަކިވާކަށް ބޭނުމެއް ނޫން" ކައިދަން ފުންނޭވައެއް ދޫކޮށްލަމުން ޖިންސްގެ ޖީބަށް އަތްޖެހިއެވެ. އޭރު އެހެން މޭޒުތަކުގައިވާ އަންހެންކުދިންގެ ނަޒަރު އެމީހުންނަށް ހުއްޓިފައިވުމުން ކައިދަން ކުޑަކޮށް ރަކިވާގޮތްވިއެވެ.

"ތިވާހަކަ ދައްކައިގެން އަހަރެންގެ މުޅި ދުވަސް ޚަރާބު ކުރަން ނޫޅޭ. އެކަހަލަ އަންހެނަކާއިއެކު ސްލީޕްކުރުން ހަމަ އޯކޭ ދޯ............" ލުކުމާން ތެދުވެގެން ދާން ހިނގައިގަތުމުން އަންހެންކުދިންތަކެއްގެ ހުނުމުގެ އަޑުން ކައިދަންގެ މޫނުރަތްވިއެވެ. އެއަންހެންކުދިން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ ޝައިތާނީ ވިސްނުމެވެ. އޭނައާއި ލުކުމާންގެ އޮންނަ ގާތް ގުޅުން އެހާ ނުބައިކޮށް ސިފަކުރާތީ ހައިރާންވެ ރުޅިވެސް އާދެވެއެވެ. ކައިދަން އެންމެފަހުން ރައްޓެހިވި އަންހެންކުއްޖާއާއި ރުޅިވާން ޖެހުނީވެސް އެ މައްސަލައިގައެވެ.

 

 

ލިވިއާ ކައިދަންއަށް ގުޅަ ގުޅާ ފޯނު ނުނެގުމުން ހިތަށް ނުބައި އަސަރުތަކެއްކުރިއެވެ. އާދޭސްކޮށްފައި މެސެޖް ފޮނުވުނު އަދަދެއްވެސް ނޭގެއެވެ. ލުކުމާންގެ ހިތްހަރުކަމާއި ގޮތްދޫނުކުރާވަރު އެނގޭތީ ލުކުމާންއަށް "ސޮރީ" ބުނެލަން އޭނަވަނީ ފަސްޖެހިފައެވެ. އެހެންނޫނަސް ލުކުމާންގެ ފަރާތުން ލިބޭނެ މާ ބޮޑު ފައިދާއެއް އޮތީއެއް ނޫނެވެ. ކައިދަން އަތުން ފައިސާ އަތުލައިގެން ރޫބީ އަނގޮޓީތައް ގަނެދިނަސް އޭނަ އުފަލުގައި ގެންގުޅެވޭފަދަ ފެންވަރެއް ލުކުމާންގެ ނެތެވެ. އެހެންވެ އަދިވެސް އާދޭސްކުރެވެނީ ކައިދަންއަށެވެ.

"ފަހަރެއްގަ ލޫކްއާއި ނަންނި ގުޅުވުނީމަ އަހަންނަށް ކާމިޔާބުވެދާނެ. ކައިދަން ލިބިދާނެ. ނަންނި ކައިރިން މާފަށް އެދެންވީ" ލިވިއާ އެންމެފަހުން ގަސްތުކުރީ ސަވާނާއާއި ބައްދަލުކުރަން މޭޕްލްވިލާއަށް ދާށެވެ.

ސަވާނާ ފޯނު ޖެއްސިތަނާ ލިވިއާގެ ވައިބާ މެސެޖެއް ލިބިފައިއޮތެވެ. މާފަށް އެދިފައި އަލުން އެކުވެރިކަން ބާއްވަން ބޭނުންވާކަމަށް ބުނެފައެވެ. އޭނަ ލުކުމާންއާއި ރުޅިވެއްޖެކަމަށާއި ބޯއިފްރެންޑަކީ ކައިދަންކަމުގައި ބުނެފައި އޮތުމުން ސަވާނާ އިނީ ހައިރާންވެފައެވެ. ލުކުމާންއާއި ލިވިއާ އުޅުނުގޮތްތައް ފެނުނީ އޭނަގެ ދެލޮލުންނެވެ. އެހާ ފަސޭހައިން ލުކުމާންގެ ބެސްޓްފްރެންޑްއާއި ދެމީހުން ހަމަ ރައްޓެހިވީހެއްޔެވެ؟ ލިވިއާގެ މިޒާޖުގައި އެހެރީ އެއްގޮތަކަށްވެސް އޭނަ ގަޔާވާ ސިފަތަކެއްނޫނެވެ. ސަބަބަކީ ސަވާނާއަށް ހަޔާތުގައި ރީތިވީ އެންމެ ފިރިހެނެކެވެ. ހިތުގައި ވިންދު ޖެހީ އެންމެ މީހަކަށްޓަކައެވެ. ހިތުގެގެ ވެރިޔަކީ އެކެކެވެ. ލޯބިވަނީ އެންމެ މީހެއްދެކެއެވެ. އިތުރު އެއްވެސް މީހަކު އޭނަގެ ހަޔާތަށް އައުމަކަށް ނޭދެވެއެވެ. އުފަލަކީ ހިތުގެ ހަމަޖެހުމަކީވެސް އެއެވެ. ދެވަނަ މީހެއް ހަޔާތަށް ގެންނާނަކަށް އޭނަގެ ހިތަކު ނެތެވެ. ކެހިދިނަސް ރޮއްވިޔަސް އަދިވެސް ހިތުގައިވަނީ ހަމައެކަނި ލުކުމާންއެވެ.

 

"މާފުދީފިން އެކަމަކު އަލުން ލިވިއާއާއި އެކުވެރިވާކަށް ބޭނުމެއްނޫން. އެކުވެރިއެއްނަމަ އެންމެ ހިތާމައިގާ އުޅުނުއިރު އެކުގާ ވީސް. އެހުރިހާ އިތުބާރަކާއި ގާތްކަމެއް ލިވިއާ ކަނޑާލައިފި.........." ސަވާނާ ވަރަށް ވިސްނާފައި ޖަވާބެއްލިޔުނެވެ. ސަވާނާގެ ޖަވާބަކީ އޭނައަށް ކުރި މަލާމާތެއްކަމުގައި އޭނަދެކުނެވެ. ސަވާނާ ހާދަ ގަދަކޮށްލާފައި މޫނުމަތީގައި ބަސްބުނަން ކެރިއްޖެއެވެ. އެފަދަ ހިތްވަރެއް ލިބުނީ ކޮންތާކުންބާވައޭ ހިތަށް އެރިއެވެ. އެފިނޑި މޮޔަކުއްޖާ މިހާ ބޯ ރަގަޅުވީ ކޮންއިރަކުހެއްޔެވެ. މާމަގަނޑެކޭ އެއްފަދައެވެ.

ލުކުމާންއާއި ސަވާނާ ގުޅުވަން އޭނަ ނިންމި ނިންމުން އަނބުރާ ގެނެސް ލުކުމާން ދުރުކޮށްލަން ހިތާ ހިތުން ރާވަން ފެށިއެވެ. ރުޅިއާއި ހަސަދައިގެ އަލިފާން ހިތުގައި ރޯވެގެން އަނދަންފެށީ ސަވާނާ އޭނަގެ އެކުވެރިކަން އަލުން ގަބޫލުކުރަން ތައްޔާރަށް ނެތްކަން އެނގިއެވެ. އޭނަގެ މޫނުމަތީ ޖެހިޔަސް މިވަރުގެ ތަދެއް ހިތަކަށް ނުވާނެއެވެ. އޭނަ އެކަމުގެ ބަދަލު ސަވާނާގެ ފަރާތުން ހިފާނެއެވެ.

 

އިމާދުއްދީންއާއި ރިޒާ ގެއަށް ވަންތާ ބައިގަޑިއެއްހާއިރު ވެއްޖެއެވެ. ޓެރެސްގައި ހުރެފާ ސަވާނާ ތިރިއަށް ފައިބަން އުޅެނިކޮށް ޖިޕެއް މަޑުކޮށްލިތަން ފެނިފާ ހިތަށް ނުބައިގޮތެއްވިއެވެ. ގެއަށް ވަދެގެން އަންނަނީ ފުލުހުންގެ ފައުޖެކެވެ. މިފެންނަނީ ބިރުވެރި ހުވަފެނަކަށް ވާނެނަމައޭ ހިތަށް އެރިނަމަވެސް އޭނަ ދުވަން ދުވަމުން ގޮސް ގޭގެ ދޮރާއި އަރާހަމަވީއިރު އެމީހުން ބެލްޖެހި އަޑުއިވުނެވެ. ހުޅުވާކަށް ނުކެރޭނެއެވެ. ހުޅުވައިފިއްޔާ އެމީހުން ވަދެ ބައްޕަ ހައްޔަރުކޮށްފާނެ ނޫންހެއްޔެވެ؟ ސަވާނާ އަނބުރާލާފައި ދާން އެޅި ފިޔަވަޅާއިއެކު ގޮސް ޖެހުނީ ލުކުމާންގެ ގައިގައެވެ.

"ޕޮލިސް.....ޕްލީޒް ނުހުޅުވާ..." ބިރުންގޮސް ތެޅިތެޅިވާ ހިތަކާއިއެކު ލުކުމާންގެ ޓީޝާޓުގައިދެއަތުން ހިފާ ބޮނޑިކޮށްލަމުން ވައިއަޑަކުން ސަވާނާ ކިޔައިލިއެވެ. ކަރުނުން ފުރެމުންދިޔަ ލޮލުގައިވީ އާދޭހެވެ.

"ގާނޫނަކަށް ނުފިލޭނެ. ސަވާނާ ބޭނުމީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވީކަމުގެ ކުށުގައި އަހަރެން ހައްޔަރުކުރުވަންތަ............." ލުކުމާން ސަވާނާ ދުރުކޮށްލާފައި ގޮސް ދޮރު ހުޅުވައިލުމާއިއެކު ފުލުހުންގެ މީހަކު ކުރިއަށް ޖެހިލާފައި ކޯޓު އަމުރުދިއްކޮށްލައިފިއެވެ. ލުކުމާން ހުރީ ފުލުހުންނަށް އެއްބާރުލުން ދޭން އަތުކުރި އޮޅާލައިގެންނެވެ. ސަވާނާ ރޯލަ ރޯލާ އެއްފަރާތުގައި ހުރީ ގޮތް ހުސްވެފައެވެ. ފުލުހުން އެގެ ފާސްކޮށްފައި ނުކުތީ ކޮތަޅަކަށް އެއްޗެހިތަކެއް އަޅައިގެންނެވެ. އަދި އިމާދުއްދީންއާއި ރިޒާގެ އަތުގައި ބިޑި އަޅުވައިގެންނެވެ. ބައްޕަ އިސްޖެހިފައިވާތަން ފެނުމުން ސަވާނާގެ ހިތަށް އަސަރުކޮށް ބައްޕައަށް ގޮވައިލެވުނެވެ. އިމާދުއްދީން އަނގުރުކޮޅެއްފަދަ ރަތް ދެލޮލުން ލުކުމާންއަށް ބަލައިލީ ނަފްރަތުން ފުރިގެންވާގޮތަށެވެ. އެދެލޮލުން ލުކުމާން ފިއްސާލަފާނެފަދައެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި ފަޟީހަތްވެދާނެތީ ލުކުމާންއާއި ދިމާލަށް އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއްނުވިއެވެ.

"ސަވާނާ. ކޮންމެވެސް މީހަކު ބައްޕަ ފްރޭމްކުރީ. ބައްޕަގެ އެއްވެސް ކުށެއް އޮވެގެނެއްނޫން ހައްޔަރުކުރީ. ނުރޮއި ދަރިފުޅާ. ހުރިހާކަމެއް ރަގަޅުވާނެ. ކޮންމެ ހާލެއްގައިވެސް މިގެއިން ނުދައްޗޭ......."އިމާދުއްދީން ފުލުހުންގެ ކައިރިން ހުއްދަ ހޯދައިގެން ސަވާނާ އާއި ކައިރިވެލާފައި ވާހަކަދެއްކިއެވެ.

"ދުށިން ބައްޕަގެ ވީޑިއޯއެއް. ބައްޕަ މަންމަ ކޮށްޕައިލި މަންޒަރު......." ސަވާނާއަށް ބުނެވުނެވެ. އިމާދުއްދީންގެ ދެލޯ ބޮޑުވިގޮތާއި ގަނޑުވިގޮތް އެހެންމީހަކަށް ފެނުނުނަމަ އެއީ އޭނަ އެކަން ކުރިކަން ސާބިތުވީކަމުގެ އިޝާރާތެއްކަމަށް ދެކޭނެއެވެ. ސަވާނާގެ މައުސޫމްކަމާއި ހާސްވެފައި ހުރިވަރުން ބައްޕައަށް އެއައި ބަދަލުން އެއްވެސް އެއްޗެއް ދެނެގަންނަން ނުކުޅެދުނެވެ. އިމާދުއްދީންއަށް އޮޅިގެން ކިޔެން އުޅުނީވެސް ލިވިއާގެ ނަމެވެ. އޭނަ ދެނެހުރިގޮތުން އެބުނާ ވީޑިއޯވީ ލިވިއާގެ އަތުގައެވެ.

"އެ ލިވި............ދަރިފުޅާ. ބައްޕަ މިބުނީނު މީހަކު ބައްޕަ ފްރޭމްކުރީއޭ. އެނގެއެއްނު އެހެރަ މީހާ ދަރިފުޅާއި ކައިވެނިކުރީ ކީއްވެކަން. މިގެއާއި މުދަލަށް ވެރިވެގެން އޭގެ ފަހުން ލިވިއާއާއި ކައިވެނިކުރަން އެދެމީހުން ޕްލޭންކުރީ. އޭނައަށް އިތުބާރުނުކުރާތި ދަރިފުޅާ. އެމީހުން ދައްކާ އެއްވެސް ވާހަކައެއް ގަބޫލުނުކުރޭ. ބައްޕަ ހުވާކޮށްފައި މިބުނަނީ ބައްޕަ މަންމަ ބެލްކަނީއިން ވައްޓައެއްނުލަން. ދަރިފުޅު ބައްޕައާއި ބެހޭގޮތުން ފަތުރާ ދޮގު ވާހަކަތައް އަޑުނާހައްޗޭ ނޫސް ނުބަލާތި..........."އިމާދުއްދީން ސަވާނާގެ ފަރާތުން އެތައްކަމަކަށް އެދުނެވެ. ސަވާނާގެ ކޯތާފަތްމަތިން ކަރުނަތައް ތިރިއަށް ދެމެމުން ދިޔައީ ހިފެހެއްޓުމެއްނެތިއެވެ. އޭނަގެ ލޯބިވާ ބައްޕަ މިގޮތަށް ޖަލަށް ގެންދާތަން ފެނުމުން ހިތަށް ދުވަހަކު ނުކުރާވަރަށް އަސަރުކޮށްފިއެވެ. ލުކުމާންއާއިމެދު ހިތް ޝަކުވާއިން ފުރުނެވެ.

"ބައްޕާ ގުޅައްޗޭ ވަރަށް ދެރަވޭ...." ސަވާނާ ރޮމުން ރޮމުން ބުނެލިއެވެ.

ފުލުހުން ގޮސް ނިމުމުން ލުކުމާން ދޮރު ލައްޕާލުމަށްފަހު ސަވާނާއަށް ސަމާލުކަން ދިނެވެ.

"މިހާރު ހިތް ފުރިއްޖެތަ. ބުނެބަލަ ކޮންކަމެއް ބޭނުމީ. މި އާއިލާގެ އެންމެންގެ ދިރިއުޅުން ހަލާކުކޮށްލާފައި އަދިވެސް އިތުރުކަމެއް ބޭނުންވަނީތަ. ވަޓް ޑޫ ޔޫ ވޯންޓް...."އެންމެ ފަހު ޖުމްލަތައް ބުނެވުނީ ހަޅޭއްލެވުމާއިއެކުގައެވެ. އޭރުވެސް ލޮލުން އަންނަ ކަރުނަތަކަށް ނިމުމެއްނެތެވެ.

ލުކުމާން ޖަވާބެއް ނުދެއެވެ. އޭނަ ސަވާނާގެ ކައިރީ ގައި ހިތުގައިވާ ޝުއޫރުތައް ހާމަކުރާކަށް ނެތެވެ. ތެދެކެވެ. އޭނަ އިމާދުއްދީންގެ ދިރިއުޅުން ބަރުބާދުކުރުމަށް ހިތަށް އަރުވައިގެން މިގެއަށް ވަން މަގުސަދު ފުދިއްޖެއެވެ. އޭނަ އެންމެންގެ ދިރިއުޅުން އަދަވަޅަކަށް ވައްޓާލައިފިއެވެ. އިމާދުއްދީން ފުލުހުންނާއި ހަވާލުކޮށްފިއެވެ. ބޮޑެތި ތުހުމަތުތަކަކާއި އެކުގައެވެ. އޭނަ ކުރި ކުށުގެ ސަޒާ މިދުނިޔެއިންވެސް ލިބެންޖެހޭނެއެވެ. އެވަރުންވެސް ހިތެއް ނުފުރެއެވެ. ފުރޭނީ ކިހިނެއްހެއްޔެވެ؟ އޭނަގެ މާޒީގެ އެދުވަސްތައް ނުވާކަމަކަށް ހެދޭނެހެއްޔެވެ؟ އޭނަގެ މަންމައާއި ދޭތެރޭ އެއަނިޔާވެރި އިންސާނާ ކަންތައްކުރިގޮތަކީ ދުވަހެއްގެ ކޮޅުންވެސް ހިތުން ނުފިލާނެ ބިރުވެރި ހަނދާންތަކެކެވެ. އޭނަގެ ސިކުނޑީގައިވާ ލަކުނުތައް ދުވަހަކު ފޮހެވިގެން ނުދާނެއެވެ. އެ ހަނދާންތައް އޭނަ ފެންކަޅިކޮށްލައިފިއެވެ. އަނެއް ފަރާތަށް އެނބުރުނީ ލޮލުން ވެއްޓުނު ކަރުނަ ތިކި ސަވާނާއަށް ފޮރުވަންވެގެންނެވެ.

ލުކުމާންގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ސަވާނާއަށް އެނގުނުއިރު ކޮންމެވެސް ވަރަކަށް އިހުސާސްތައް ފިނިވެއްޖެއެވެ. އެކަނިވެރިކަން ބޭނުންވިޔަސް ކޮޓަރިއަށް ވަންނަހިތެއްނުވެ ގޮސް އެރީ ޓެރެހަށެވެ. އޭނަގެ ބައްޕަ މަންމަ ކޮށްޕައިލިކަމަށް ބުނާ ދިމާލަށް ތިރިއަށް ބަލައިލުމުން މެޔަށް ގޮތެއްވިއެވެ. މަންމަ އެތާ އޮތްތަން ލޮލަށް ފެނުނުފަދައެވެ. މަންމައަށް އިންސާފު ހޯދައިދޭން ލުކުމާން އުޅުނީ ކޮންމެގެން މަންމައަށް ހެޔޮއެދިގެނެއްނޫނެވެ. ބައްޕަ ފްރޭމްކުރަންވެގެން ކުރާނެކަމެއް ނެތިގެންނެވެ. އަނެއްކާ މަންމަ މަރައިލީ ލުކުމާންބާވައެވެ. ސިކުނޑީގެ ކަނަކުން ވައިއަޑަކުން މީހަކު އިއްވައިލިފަދައެވެ. އެއާއިއެކު ގައިން ހީބިހި ނެގުމާއިއެކު އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. ލުކުމާން އާއިމެދު އެހާ ނުބައިކޮށް ވިސްނުމުން ރުޅިއާދެވިއްޖެއެވެ. ލުކުމާން ގެ ފަރާތުން ކިތަންމެ ގޯސް ސިފަތައް ފެނުނަސް އޭނަ ގާތިލަކަށް ނުވާނެއެވެ.

"ސަވާނާ........" ލުކުމާންގެ އަޑު އިވުމުން ސަވާނާ ދެލޮލުގައިވާ ކަރުނަތައް ފޮހެލިއެވެ.

"އިމާދުއްދީން ސަވާނާގެ މަންމަ މިތަނުގައި ހުރެ ކޮށްޕާ ވައްޓާލާފައި މަރައިލީކަމަށް ގަބޫލުކުރާކަށް ބޭނުމެއްނުވެއެއްނު. ސަވާނާގެ ލޮލުން އެމަންޒަރު ނުފެނުނީމަ އެހެން ވާނެކަންއެނގޭ. އެމީހެއްގެ ލޮލުން ނުދެކޭކަމެއް ވިއްޔާ އެކަން ގަބޫލުކުރާކަށް ފަސޭހައެއްނުވާނެ. އެބުނާހެން ވީޑިއޯ އެޑިޓްކުރުމަކީ އެއްވެސް ކަމެއްނޫނެއްނު. މިސާލަކަށް އަހަރެން މިވަގުތު ސަވާނާ މިތަނުން ކޮށްޕާލައިފިއްޔާ ވާނީ ކިހިނެއް. އެކަކަށްވެސް ނުފެންނާނެ. ވީޑިއޯ ކުރާކަށްވެސް މީހަކު ނެތް. ފުލުހުންނަށް ފެނުނު ސަވާނާ ރުއިވަރާއި އުޅުނުގޮތް. އަދި ކުރިން ސުއިސައިޑްކުރަން އުޅުނުކަމުގެ ރިކޯޑުވެސް އެބައޮތް. އަހަރެން ބުނީމެއްނު އަހަރެންގެ ހިތް ނުފުރެއޭ....." ލުކުމާން ސަވާނާއާއި ދިމާލަށް އަޅަމުން އަންނަ ކޮންމެ ފިޔަވަޅަކުން ހިތް އަވަސްވިއެވެ.

"ވަޓް؟ "ސަވާނާ ބިރުގަންނަގޮތްވިއެވެ.

"ކޮންކަމެއް ހެއްޔޭ ބޭނުންވަނީ އެހީމެއްނު. އެނގޭތަ އަހަރެން ބޭނުންވާކަން. ހަމަ މިތަނުން ސަވާނާ ކޮށްޕާ ވައްޓާލާނީ.........." ލުކުމާން ކުރިއަށް ޖެހިލާފައި ސަވާނާގެ ކަރުގައި ހިފެހެއްޓިއެވެ. އެ ނާޒުކް ކަނދުރާގައި އެ އަތް ވަށައިލެވުމާއިއެކު ސަވާނާގެ ހިތް ހުއްޓުނުފަދައެވެ. އޭރު ލުކުމާންގެ ނޭވާ އޭނަގެ މޫނަށް އެޅޭހާ ކައިރިއެވެ. އާވި އަދި ކޮފީގެ ހިތްގައިމު ވަހެވެ. ހުދު ހުދު ދަތްތައް އެހާ ކައިރިން ވިދާލިއެވެ. ހަޔާތުގެ އެންމެ ފަހު ސިކުންތުތަކެވެ. އެންމެ ލޯބިވާ މީހާގެ އަތުން އޭނަގެ ހަޔާތުގެ އުއްބައްތި ނިވައިލަނީއެވެ. މިފަދަ އަނިޔާވެރިއެއް ދުނިޔޭގައި ވާނެބާވައެވެ.

ސަވާނާގެ ދެލޮލުން ކަރުނަ ހިކިއްޖެއެވެ. އެ މައުސޫމްކަމުގެ ދެވަނައެއްނެތް ފަދަ ސާފު ދެލޯ ލުކުމާންގެ ލޮލާއި ގުޅުނުއިރު ދުރު ބަލައިލާކަށްވެސް ނޭގުނެވެ. އެލޮލުގައިވަނީ އާދޭހެވެ. އެމިނިޓް ނޭވާވެސް ލާކަށް ނުކެރުނެވެ. ލުކުމާންގެ އެބިރުވެރި އިންޒާރު ފިނިފިނި ރާޅުތަކެއްފަދައިން ހަށިގަނޑުގައިވާ ހާ ސެލްތަކެއްގައި ދައުރުކޮށްލިއިރު ޖިސްމު ގަނޑުވެ އޭނައެކޭ ބަހައްޓާފައިހުރި އުއް ބުދެކޭ ތަފާތެއްނެތެވެ.

"ބިރުންތަ؟ އެނގޭތަ އަހަރެން މިހާ ރަހުމް ކުޑަވީ ކީއްވެކަން؟ އިމާދުއްދީން ދުޝްމަނަކަށްވީ ކިއްވެކަން؟ އޭނަގެ ދަރިއަކަށް އަހަރެން ވަކި ރަހުމް ކުރާނެތަ. ނުކުރާނެ. ގުޑްބައި ސަވާނާ......... " ލުކުމާން ކުއްލިއަކަށް ސަވާނާ ނުވިސްނާ ހުއްޓާ އަތްދަނޑި މައްޗަށް އުފުލައިލިގޮތަށް މިތަނުން ބޭރަށް ހޫރާނާކަމުގައި ބުނެލީ އިންޒާރުގެ ރާގަކަށެވެ. ކިރިޔާ ދޫކޮށްލިޔަސް އޭނަގޮސް ޖެހޭނީ ތިރީގައިވާ ގާތަކުގެ މަތީގައެވެ. މިވަގުތު އެހެން އެއްވެސް މީހަކު އަންނާނެކަމަށް އުއްމީދެއްވެސް ނުކުރެވެއެވެ. ސަވާނާފަދަ ކުއްޖެއްގެ ބަރުދަން އިރުކޮޅަކަށް ހިފަހައްޓަން ލުކުމާންއަށްވެސް ކުޅަދާނައެއް ނުވާނެއެވެ.

ކޮމެންޓް 0