ޝައިތާނާ އިންސާނުންގެ ސިކުނޑީގެ ލަގަން އަތުލަނީ އެންމެ ބަލިކަށިވާ ވަގުތުތަކުގައެވެ. ބިރު ހިތާމަ ނޫނީ ރުޅިވެރިކަންފަދަ ވަރުގަދަ ޖަޒުބާތުތައް އެންމެ ވަރުގަދަވާއިރު ޝައިތާނާ ބޭނުން ގޮތްގޮތް ހަދައިލަން ފަސޭހަވާނެއެވެ. އީމާންތެރިކަން ވަރުގަދަ މީހުން އޮޅުވާލުމުގައި ކާމިޔާބުކުރާއިރު ސަވާނާފަދަ ކުއްޖަކަށްވާނީ ކިހިނެއްހެއްޔެވެ؟ ސަވާނާގެ ސިކުނޑިއާއި ޝައިތާނާ ކުޅެލީ ދާދި ފަސޭހައިންނެވެ. ވިސްނައިދިނީ ސަވާނާގެ އަމިއްލަ ނަފުސްގެ އަގެއް ނެތްކަމާއި އެންމެން ރުޅިއަންނައިރު ދުނިޔޭގައި ހުންނަންވީ ސަބަބަކީ ކޮބާތޯއެވެ. މިފަދަ ހިތްދަތި ދިރިއުޅުމަށްވުރެ މަރުވުންވެސް މާ ފަސޭހައެވެ. މީހުންނާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. އެންމެ މޮޅުގޮތްކަމަށް ޝައިތާނާ ވިސްނައިދިން ގޮތް ސަވާނާ ގަބޫލުކުރިއެވެ.

ސަވާނާ އަލަމާރީގައި އޮތް ކަޓަރު ނެގިއެވެ. މިޔަ ތޫނުކަމާއި ދަޅައެޅިވަރުން ލޯވެސް ތަރަތަރަޖަހައިލާވަރުވިއެވެ. އޭގެއިން އަތަށް ޒަޚަމެއްދޭހާ ހިތްވަރެއްނުކުރެވުނެވެ. މަތީގައި އެނބުރި އެނބުރި އޮތް ފަންކާއާއި ދިމާލަށް ބަލައިލެވުނެވެ. ދަންޖެހިގެން މަރުވީމަ މީހާ އޮންނާނެ ސިފަ ހިތަށް އަރާފައި އެއީ ކުރުން ރަގަޅުކަމަކަށް ނުފެނުނެވެ. ޚިޔާލުތަކުގެ ތެރޭގައި ހުރެފާ ސަވާނާ ޓެރަހަށް އަރަން ދިޔައިރު އޭނަގެ ބައްޕައާއި މަންމަ ކޮންމެވެސް ކަމަކާއި އަރައިރުންވާން ތިބިތަން ފެނުނެވެ. ދެމީހުންގެ އަޑު އެހާގަދައެވެ. އުދަގޫވީވަރުން ދެކަންފަތުގައި އަތް އަޅައިގެން ދުވެފައިގޮސް ޓެރެސްއަށް އެރިއިރު އަވި ގަދަކަމުން ލޯ ހުޅުވައިލަން ކެރޭވަރެއްވެސް ނޫނެވެ.

"ދެޓްސް އިޓް. މިހާ ވަރުން ދުނިޔޭގައި އުޅުމުގެ އެއްވެސް މާނައެއް އަހަންނަކަށް ނުފެނޭ. ޕޭރެންޓުންގެ ފަރާތުން އެއްވެސް ހިތްހަމަޖެހުމެއް ލިބެނީއެއް ނޫން. ކޯންޗެއް ހޯދަން މިދުނިޔޭގައި ހުންނަންވީ. ހިތާމައާއި ހިތްދަތިކަން އަދި މޮޅިވެރިކަމަށް ނިމުމެއްނެތް. އެއްވެސް އުފަލެއްގައި ހުރުމުގެ ނަސީބެއް ދުވަހަކު ހައްގުނުވާނީ ބާ. ކޮންމެ އުފަލެއްލިބޭއިރަށް މިހެން ދިމާވަނީ ކީއްވެކަމެއްވެސް ނޭގުނު. މި ޕެއިން ފިލައިގެން ދާނީ އެންމެ ގޮތަކުންހެން މިހާރު އަހަންނަށް ހީވާން ފަށައިފި. އުފާވެރިކަން ހޯދުން ވެފައިވަނީ އަވާމެންދުރުގެ ފަހަތުން ދަތުރުކުރުންފަދަ ކަމަކަށް ނޫނީ ނުވޭ. މިނޫން ދުވަހެއް ނުފެންނާނެކަން ޔަގީން. މަރުވީމަ ދެން އައި ކެން ރެސްޓް އިން ޕީސް......." ސަވާނާގެ ހިތަށް އެތައް އެއްޗެއް އަރާފޭބިއެވެ.

ސަވާނާއަށް ނޭގި އޮޅުން ނުފިލާ އޮތީ އަމިއްލަ ފުރާނަ ނަގައިލުމުން އެއްވެސް އެއްޗެއް އޭނައަށް ލިބެން ނެތްކަމެވެ. މާތް ﷲ ގެ ރަހުމަތް މެދުކެނޑުމެއްނެތި ލިބެމުން އަންނަނިކޮށް އެކަމަށް ފަސްދީ ދުރުވެގަތީ އަމިއްލައަށް ކަމެވެ. އަމިއްލައަށް މަރުވެގަންނަ މީހުންނަށް ތައުބާވުމުގެ ފުރުސަތުވެސް ގެއްލިދާކަމެވެ. ހެއްދެވި ފަރާތުގެ ރަހުމަތުން މާޔޫސްވެ ނާއުއްމީދުވެގެން މަރުވެގަތަސް އަދި އެހިސާބުން އަރާމުކޮށް ނިދާލެވެނީއެއް ނޫނެވެ. އެހެން ފާފަތައްކޮށްފައި ތައުބާވުމުގެ ނަސީބާއި ފުރުސަތި ލިބޭއިރު އަމިއްލައަށް މަރުވުމުން އެހުރިހާ ކަމަކުން މަހުރޫމްވަނީއެވެ. ތައުބާވުމުގެ ދޮރުވެސް ބަންދުވީއެވެ.

ތިރިއަށް ބަލަން ހުރެފާ ސަވާނާ ރެއިލިން މައްޗަށް އެރީ ފުންމައިލުމުގެ ނިޔަތުގައެވެ. ހިމަކޮށް ހަދާފައިވާ ރެއިލިން މަތީގައި ބެލެންސްކުރުން ފަސޭހައެއްނުވިއެވެ. ފައި ތުރުތުރުލައިގަތެވެ. ނުކައި ހުރުމުގެ ސަބަބުން ހަށިގަނޑުގައި އެއްވެސް ހަކަތައެއްވެސް ނެތި މޫނަށް އަނދިރިވާންފެށިއެވެ. ވެއްޓިދާނެހެން ހީވި ފަޅި ސިކުންތުކޮޅު ސަލާމަތްވާން ބޭނުންވެ އެތަނުން ފައިބަން އޭނަ ގަސްތުކުރިއެވެ. ނަމަވެސް އެކަމަކަށް ފުރުސަތެއް ނުލިބި އަރިއަޅައިލުމާއިއެކު ކަރުތެރެއިން ތޫނު ހަޅޭކެއްގެ އަޑު ފަޒާގައި ހަރުލިއެވެ.

ޒުވާބުގަނޑު އެންމެ ހޫނުވެލި ވަގުތު އިމާދުއްދީންއާއި ނަބީލާއަށް ދަރިފުޅުގެ އަޑު ކަންފަތުގައި ޖެހި ދުއްވައިގަނެވުނީ އަޑު އައި ދިމާލަށެވެ. އެދިމާލުގައި ހުރި ގާ ފުންޏެއްގެ މަތީގައި ޖެހުނުގޮތަށް ހަރަކާތެއް ނެތި އޮތް ސަވާނާ ފެނިފައި ދެމީހުންނަށް ދުއްވައިގަނެވުނީ ސަވާނާއަށް ގޮވަމުންނެވެ.

"މަގޭ ދަރި........." ސަވާނާގެ ނޭފަތުން ފައިބާ ލޭތައް ފެނި ނަބީލާގެ ހެޔަށް ގޮތެއްވާން އުޅުނެވެ. ނަމަވެސް ވަރަށް އަވަހަށް ހަމަޔަކަށް އެޅި ކެތްތެރިކަން އިސްކުރީ އިންސާނަކަށް ކެތްކުރެވޭނެ އެންމެ މައްޗަށެވެ. ނަމަވެސް ދަރިފުޅު އޮތް ހާލު ފެނި ދެލޮލުން ކަރުނަ އޮހިގަތީ ހިފެހެއްޓުމެއްނެތިއެވެ.

"ޔާ ﷲ............" ނަބީލާ އާދޭހާއިއެކު އެފަރާތަށް ދެންނެވީ ހުރި އެންމެ ދަރިފުޅުގެ ފުރާނަ ސަލާމާތްކޮށް ދެއްވުމަށެވެ. ގަނޑުވެ ޝޮކެއްގައި ހުރި އިމާދުއްދީން ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލާފައި އެމްބިއުލެންސަށް ގުޅައިފިއެވެ. ހިތާމައާއިއެކު ރުޅިވެރިކަންވެސް އޭނަގެ ސިކުނޑީގައި ގަދަވެގަތީ ވަކިގޮތެއް ބަލާފައެއްނޫނެވެ. ގުދުވެ އަތުކުރީގައި ހިފަހައްޓާލިއިރު ފަނޑުކޮށް ވިންދުޖަހާކަން އެނގި ސަވާނާ އަދި މަރުނުވާކަން އެނގުނެވެ. ނަމަވެސް އިމާދުއްދީންގެ ހިތުން ބިރުވެރިކަމެއް ނުފިލިއެވެ. ސަވާނާ ދުނިޔެއަށް ނޭވާލިކަމުގައި ވިޔަސް އެކުއްޖާގެ ހާލު ސީރިޔަސްކަން މިއޮތީ ލޮލަށް ފެންނާށެވެ. މޫނު ކަފަކޮޅެއްހާ ހުދެވެ. އެއްވެސް ދިރުމެއްނެތެވެ. ލޭވެސް ބޮކިޖަހާފައި އަންނަގޮތުން ސިކުނޑިއަށް ގެއްލުންވިކަން ޔަގީނެވެ. ޖެހުނުގޮތަށް ހޭނެތި ޚަބަރުހުސްވެފައި އޮތްގޮތުން މަންމައާއި ބައްޕައަށް ކެތްކުރެވޭނީ ކިހިނެއްހެއްޔެވެ؟ އެންބިއުލެންސްގެ ސައިރަންސް އަޑު އިވޭކަށް މާ ގިނައިރެއް ނުނެގިއެވެ.

އާއިލާ މީހުންނާއި އެކުވެރިން ހޮސްޕިޓަލަށް އޭނަގެ ހާލު ބަލައިލަން އައިއިރު ލިވިއާވެސް ހުރީ އެ ޚަބަރު ލިބި އިންތިހާއަށް ކަންބޮޑުވެފައެވެ. ދެލޮލުން އޮހެމުންދިޔަ ކަރުނަ ކޯތާފަތުން ތިރިއަށް ދެމެމުން ދިޔައީ ހުއްޓުމެއްނެތިއެވެ.

"އަހަރެން އެހިން. ސަވާނާ ސުއިސައިޑްކުރަން އުޅުނީ...." އޮފީސްކުއްޖެއް ކަމަށްވާ ދީމާ ލިވިއާ ކައިރީ ހުއްޓުނެވެ.

"ވަޓް؟ " ލިވިއާ ސިހޭގޮތްވިއެވެ.

"ޔާ. އެގޭގައި ވޯކް ކުރާ މީހެއް ބުނީ......"

"އަހަންނަށް އެނގިފައެއްނެތް. އަޑުއެހީ އެކްސިޑެންޓަލީ އެތަނުން ވެއްޓުނީކަމަށް...."

"ނޫނޭ. ރެއިލިން މައްޗަށް އަރާފައި ހުއްޓާ ފެނުނޯ. އިޓް މޭކްސް ސެންސް. މެރީކުރަން އުޅުނު ކުއްޖާ ކަންތައްކުރިގޮތުން މަ ނަމަވެސް އެކަހަލަ ގޮތެއްވާނީ. ކިހާ ކަޑަވާނެ. މާޔޫސީ ނުވެވޭނެ ވަރެއްނޫން. ރީތި މީހަކު ފެނުނޭ ކިޔާފައި އިންނާކަށް ނުވެސް ވާނެ. އަހަރެންގެ ފްރެންޑެއް ބުނި އޭނަ އަކީ ކޮންމެވެސް ކެފޭއެއްގެ ވޭޓަރެކޭވެސް............" ދީމާ ވާހަކަދެއްކީ ފާޑަކަށެވެ. އެއަޑުގައި މަލާމާތުގެ އަސަރު ހުރިހެން ހީވިއެވެ. ލިވިއާ ދެރަވެފައި ހުއްޓަސް ރުޅިން އެތެރެހަށި ކެކިގަތެވެ. ލުކުމާން ވޭޓަރެކޭ ކިޔުމުން އެމަލާމާތް އޭނައަށްވެސް ރައްދުވެއްޖެ ވިއްޔާއެވެ.

"ނަންނި ރެއިލިން މައްޗަށް ނާރައެކޭ ނުބުނަން. އެކަހަލަ ކިޑީކަންތައް އޭނަ ކުރާނެ. އޭގެ މާނައަކީ ކޮންމެހެން ސުއިސައިޑްކުރާކަށެއް ނޫން. ތި މީހުންނަށް ޔަގީންނުވާކަމެއް ކޮންމެހެން ހަދައިގެން ނުދެއްކިޔަސް ވެދާނެ ދޯ..ލުކުމާން ނުވާނެ ވޭޓަރަކަށް. އެހާ މޮޅަށް ކިޔަވައިގެން ހުރެ އެކަހަލަ ވަޒީފާއެއްގައި ހުންނަންވީ. ކޮސް ވާހަކަ ނުގޮވާ ދީމާ.އެއް ކަމަކު............."

ލިވިއާ ވީ ފޫއްސެވެ. އެހާ ދެރަ ގޮތެއްވީމަވެސް ދީމާމެންގެ ހިތުގައި ރަހުމެއް ހަމްދަރުދީއެއްވާ ހެނެއް ހިޔެއްނުވެއެވެ. ޔަގީންނުވާ ކަމެއްގެ ތުހުމަތު ސަވާނާގެ ބޮލުގައި އަނެއްކާ އެޅުނީއެވެ. ސަވާނާ އެހާ ފިނޑިވާނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. އޭނަ ޑިޕްރެސްވިޔަސް އެފަދަ ފިނޑި އަމަލެއްނުކުރާނެއެވެ. ލިވިއާ ހުރީ ދީމާގެ ވާހަކަ ގަބޫލުކުރަން ތައްޔާރަކަށް ނޫނެވެ. ލުކުމާން ދެކެވެސް އޭނަ އައިސްފައިވާ ގަދަ ރުޅިއެއްގެ ސަބަބުން އެދުވަސްފަހުން ބައްދަލުކުރާކަށްވެސް މަސައްކަތެއްނުކުރެއެވެ. ލުކުމާން އޭނައަށްވެސް އެފަހުން ނުގުޅައެވެ. ޚުދު އޭނަވެސް ހުރީ ލުކުމާންއާއި އިސްވެ ވާހަކަ ނުދައްކަން ހިތާހިތުން ހުވާކޮށްގެންނެވެ. ނަމަވެސް ލުކުމާންގެ މަތިން ހަދާންވާވަރުން ހިތަށް ކެތްވަނީއެއްވެސް ނޫނެވެ.

ލުކުމާން އޭނައަށްވެސް އޮޅުވައިލީއެވެ. އޭނައަށް ކެހިދިނީއެވެ. ސަވާނާމެންގެ އާއިލާގެ ކުރިމަތީގައި އޭނަގެ އަގު ވެއްޓޭނެކަމާއި އެމީހުން އޭނަވެސް ދުރުކޮށްލާނެކަން ލުކުމާންއަށް ނޭގެނީހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ސަވާނާއަށް ދެރައެއްދޭކަށް އޭނަގެ ހިތަކު ނެތެވެ. ސަވާނާއާއި ވަކިވުމަކީ އަދި ލިވިއާގެ ހިތަށް ކުޅަދާނަކަމެއް ނޫނެވެ.

އެހެން އެންމެން ތިއޭޓަރުގެ ބޭރުގައި ކަރުނައޮއްސަން ތިބިއިރު ނަބީލާ އިނީ މުސައްލަމަތީގައެވެ. ދެ ރަކުޢަތް ނަމާދެއްކުރުމަށްފަހު އޭނަ އިނީ ދަރިފުޅަށް ހެޔޮ ދުޢާކުރުމުގައެވެ. ސަޖިދައިގާ އޮވެ ދުޢާކުރީ އެދަރިފުޅަށް ފާފަ ފުއްސަވާ ރަހުމަތްލެއްވުމަށެވެ. އުމުރުގައި ބަރަކާތްލެއްވުމަށެވެ. އަމިއްލައަށް މަރުވެގަތް ދަރިއަކަށްޓަކާ މަންމައަކު ކުރާނެ ހިތާމަ އިހުސާސްކުރެވޭނީ އެފަދަ ކަމެއް ކުރިމަތިވި އަންހެނަކަށެވެ. ތިމާގެ ފުރާނަކަމުގައިވާ ދަރިފުޅު އެފަދަ ހިތްދަތިގޮތަކަށް ދުނިޔެއާއި ވަކިވާން އެދޭނީ ކާކުހެއްޔެވެ؟ ނަބީލާއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ. ދަރިފުޅަށް ރަގަޅު އިސްލާމީ ތަރުބިއްޔަތެއް ދީ ސާލިހު އަންހެންދަރިއަކު ބޮޑުކުރި އަންހެނަކަށް ހުރީ ސުވަރުގެ ކަމުގައިވާ ހިނދު އޭނައަށް ފަރުވާކުޑަކޮށްލެވުނީއެވެ. މަޑުމޮޅިކަމާއި ހިތްދަތިކަމާއިއެކު ރޮމުން އާދޭސްކުރަމުން ދިޔައިރު ނަބީލާގެ ކަރުނަތަކުން މުސައްލާ ތެމުނެވެ.

ސަވާނާގެ ސިކުނޑިއަށް އެޅިފައިވާ ލޭނަގަން އޮޕަރޭޝަން ކޮށްފާ އޭނަ ބޭއްވީ އައިސީޔޫގައެވެ. ހާލަތު ނާޒުކް ކަމުން އަދި އެއްވެސް މީހަކު އޭނައާއި ބައްދަލުކުރާކަށް އަމުރެއްނެތެވެ. ލިވިއާ ގަސްތުކުރީ ސަވާނާގެ ގެއަށް ޒިޔާރަތްކޮށް އާއިލާއަށް ހިތްވަރުދޭށެވެ. ވެގެން އުޅޭގޮތް ރަގަޅަށް އޮޅުން ފިލާނީވެސް އެގެއަށް ދިޔައީމަކަމުގައި އޭނަ ބުންޏެވެ. އެމީހުންގެ ހިތް ނުސާފުވެފައި އޮތަސް ހިތްހެޔޮވާނީ މިފަދަ ދަނޑިވަޅެއްގައި އޭނަ އެމީހުންނަށް އެހީތެރިވެ އަޅާލީމައެވެ.

ގޭގެ ފެންޑާއާއި އަރާހަމަވުމާއިއެކު ނޭފަތުގައި ހަރުލީ ހިތަށް އަރާމުކަން ގެނެސްދޭފަދަ މީރުވަހެކެވެ. އެހިސާބުގައިވާ ހުސްނުހީނާ އަދި ޖޭސްމިނާއި ތަނޑިރަތްމާ ފަދަ މާތަކުން މީރުވަސް އަރައަރާ ހުއްޓަސް އަގުބޮޑު ސެންޓެއްގެ މީރުވަހުން ލިވިއާގެ ހިތް އިތުރަށް ފުރުނެވެ. އިމާދުއްދީން ހުންނަނީ އަބަދު އެ ސެންޓްޖަހާފައެވެ. ޒުވާނެއްފަދައިން އަދިވެސް އޭނަ ހުންނަނީ ރީތިވެގެންނެވެ. ޒުވާންއިރު އޭނަގެ ރީތިކަން ލިވިއާއަށް ހާމަވީ އެގޭ ޓީވީރެކްމަތީގައި ހުންނަ ފޮޓޯތައް ފެނިފައެވެ. ސަވާނާ އުރާލައިގެން ހުރި ފިރިހެނާ އެންމެ ވައްތަރުވާން އުޅެނީ ފިލްމީތަރިއަކާއެވެ. އަދިވެސް އިމާދުއްދީން މިއުޅޭ ޒުވާނުންނަށްވުރެ މާ ހިތްގައިމުގޮތެއް ހުރެއެވެ. އެހެން މުއްސަދިންފަދައިން އޭނަގެ ބަނޑެއްލާފައެއް ނުހުރެއެވެ. ސްމާޓެވެ. ލިވިއާ ބެލްއަޅާލުމާއިއެކު ދޮރު ހުޅުވައިލީ އިމާދުއްދީން ފިޔަވާ ދެވަނަމީހެއްނޫނެވެ.

"އަނހަ ލިވިއާތަ؟ " އިމާދުއްދީންގެ ދެލޯވަނީ ރަތްވެފައެވެ. ދަރިފުޅާއިމެދު ހިތާމަކުރަމުންގޮސް ވެފައިވަނީ ހާދަ ވަރެކެވެ.

"އިށީދޭ. ކޮފީއެއް ބޯލަންވީނު........"

"ތޭންކިއު ނަންނި ބައްޕާ....." ލިވިއާ މޭޒުމަތީގައި ހުރި ޖަގުން ކޮފީއެއް އަޅައިގެން ޖައްސައިލީ އިމާދުއްދީންގެ ކުރިމަތީގައި ހުރި ސޯފާގައެވެ.

"އަޅުގަނޑު ވާހަކައެއް އަހައިފިން....ނަންނި ސުއިސައިޑްކުރަން އުޅުނީއޯ. އެވާހަކަ ގަބޫލެއްވެސް ނުކުރެވޭ........" ލިވިއާ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިށީދެގެން އިނީ މޮޑެލްއެއް ފަދައިންނެވެ.

"އަމިއްލައަށް މަރުނުވާވަރުގެ ކަމެއް ނޫނެއްނު އެފިރިހެނާ އެކުރީ. އޭނަ އެކުރި ކަންތައް ދުވަހަކު މިހިތުން ނުފިލާނެ. ލުކުމާންގެ ސަބަބުން އަހަރެންގެ ދަރިފުޅު ނުގެއްލުނީ ކިރިޔާ.............." އިމާދުއްދީންގެ ދެލޯ އިތުރަށް ރަތްވީ ރުޅިގަދަވެ ކެތްނުވާވަރުވީމައެވެ. އޭނަ ލުކުމާންގެ ފުރާނަ ރޮއިގަންނަވަރުގެ ސަޒާއެއް ދޭނެއެވެ. ހުރި އެންމެ އަންހެންދަރިފުޅު މަރުގެ ތުންފަތްމަތީގައި އެއޮތީ ލުކުމާންއާއިހެދިއެވެ. އޭނަ އެކަން ފަހަރެއްގައިވެސް ހަދާން ނައްތައެއްނުލާނެއެވެ. އެކަމުގެ ބަދަލު ހިތިގޮތަކަށް ހިފާފައި ނޫނީ އޭނައަށް ހަމަޖެހިލައިގެން ނުވެސް ނިދޭނެއެވެ. އޭނަގެ ފުރާނައިގެ ދުޝްމަންކަމުގައި ލުކުމާންވެއްޖެއެވެ.

"އޭނަގެ ފަރާތުން އަޅުގަނޑު މާފަށް އެދެން. ހިތަކަށްވެސް ނާރާ ލުކުމާން އެކަހަލަ ކަމެއްކޮށްފާނެއޭ. ކުރިން އެކަހަލަ މީހެއްވެސް ނޫން. އެހެން އުޅެންވީ ސަބަބެއްވެސް ނުވިސްނޭ. ހަމަ ކަމެއް ދިމާވީއޭ ހިތަށް އަރަނީ. ފަހަރެއްގައި ބަލިވީކަމަށްވެދާނެ..........." ލިވިއާ އިމާދުއްދީންއާއި ހަތަރުކަޅިކަމަކުރިއެވެ. އިމާދުއްދީންއަށްވެސް ބަލަން އިނދެވުނެވެ. ކޮންމެވެސް ވަރަކަށް ރުޅި ފިނިވާގޮތްވިއެވެ. މި މައުސޫމް އަންހެންކުއްޖާދެކެ ރުޅިއައުން ހައްގެއްނޫނެވެ. އެކަމާއި އެންމެ ހިތާމަކޮށް ރުއި އެކަކީ ލިވިއާއެވެ.

"އޭނަގެ ދިފާއުގައި ވާހަކަ ނުދެއްކިއްޔާ ރަގަޅީ. އެނީވޭސް ލިވިއާގެ ކުށެއްނެތް. ތިދެކުދިންނަކީ ނުލާހިކު ގާތްކޮށް އުޅޭދެކުދިން. ނަންނިއަށް ލިވިއާ އެނގިހުރެގެން ދެރަގޮތެއް ނަހަދާނެކަން އެންމެ ބޮޑަށް އެނގޭނީ އަހަންނަށްތާ. އެކަމާއި ނުވިސްނާ. ނަންނި ހޮސްޕިޓަލުން ދޫކޮށްލާ އިރަށް އޭނައަށް އެންމެ ބޭނުންވާނީ ކައުންސެލިން ދިނުން. އަހަރެންނަށް ފެންނަގޮތެއް ބުނެފާނަން. ލިވިއާ މިގެއަށް މޫވްކުރޭ. އޭރުން ނަންނިއަށް ލިބޭ ހިތްވަރަކަށްވާނެ. އެންމެ ގާތް އެކުވެރިޔާގެ ސަޕޯޓް ދޯ ބޭނުންވާނީ. އެއްފަހަރު ސުއިސައިޑްކުރަން އުޅެފިއްޔާ ދެންވެސް އެކަހަލަކަމެއްކުރުމުގެ ފުރުސަތު އޮވެދާނެ. އެކުވެރިއަކު ކައިރީގައި ހުރީމަ އެފަދަ ނުބައި ޚިޔާލުތައްކުރާކަށް ވަގުތެއްނުވާނެ. ކީކޭ ލިވިއާ ބުނަނީ؟ " އިމާދުއްދީން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނުބަލަން އިނަސް ލިވިއާގެ މޫނަށް ބެލެނީއެވެ. އެމޫނުން ދަންނަ ވައްތަރެއް ޖަހާކަމުގެ އިހުސާސްކުރެވި ލޯ ކުޑަކޮށްލައިގެން އިނީ ހަނދާން ކުރަން އުޅޭފަދަ ގޮތަކަށެވެ. ވިސްނަ ވިސްނާވެސް ހަނދާނެއްނުވިއެވެ. އެހާވަރަށް ބަލަން ފެށުމުން ލިވިއާ އިނީ ލަދުގެންފައެވެ. ކަންބޮޑުވެފައެވެ. މިއީ އޭނަގެ އެންމެ ގާތް އެކުވެރިޔާގެ ބައްޕަކަން އޭނަ ފަހަރެއްގައިވެސް ހަނދާން ނައްތައެއްނުލައެވެ. އެއުމުރުގެ ކޮންމެ މީހަކާއިމެދު ބައްޕައެއްގެ ނަޒަރުން ނޫނީ ނުވެސް ދެކެވެއެވެ.

"އަޅުގަނޑު ތިކަމާ ވިސްނާނަން...."ލިވިއާ އިސްޖެހިއެވެ. އިމާދުއްދީން އިނީ ބަލަހައްޓައިގެންނެވެ. އެހެން އިނދެލާފައި ހީލީ ކޯނޗެއް ވިސްނާފައިކަމެއްވެސް ނޭގުނެވެ.

ލިވިއާއަށް އެލިބުނު ދައުވަތު ގަބޫލުކުރީ ހިތުން ރުހުމުންނެވެ. އެވަރުގެ އުފަލެއް މިއިން ދުވަހަކުވެސް ލިބުނުކަމެއް ނޭގެއެވެ. ގެއަށް ދިޔަގޮތަށް އޭނަ ޕެކްކުރަންވެގެން ހުރިހާ ހެދުންތައް އެނދުމައްޗަށް އަޅާލައިފިއެވެ. ފަތްޖަހަން ފެށިއެވެ. ގެންގުޅޭ އެހެން ސާމާނުތައްވެސް ބިންމަތީގައި އަތުރާލާފައި ހުރިއިރު ތަނުގެ ތަރުތީބުވަނީ ގެއްލިފައެވެ.

"ހައި...." ލުކުމާންގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ޖެހުމާއިއެކު ލިވިއާ ސިހިފައި ކޮޅަށް ތެދުވެއްޖެއެވެ.

"ބޭބީ ޔޫ ލުކް ސޯ ބިއުޓިފުލް. މި ލެވެންޑާ ހެދުމާއި ހާދަ ގުޅެއޭ....ކޮންތާކަށް ދާން ދަތުރު ތިހަދަނީ؟ "ލުކުމާން ބުމައަރުވައިލަމުން ކައިރިއަށް ޖެހިލިއެވެ. ލިވިއާގެ އޮމާން ދެއަތުގައި މަޑުމަޑުން ފިރުމައިލަމުން މޫނާއި މޫނު ޖައްސައިލިއިރު އެނޭވާގެ މީރުވަހުން ލިވިއާއަށް ދެލޯ މަރައިލަން މަޖުބޫރުކުރުވިއެވެ. ހިތް ކޮންޓްރޯލް ނުވެދާނެހެން ހީވުމުން އަވަސްއަވަހަށް ދުރަށް ޖެހިލައިފިއެވެ.

"ދުރުގައި ހުރޭ...." ލިވިއާ އަމުރުކުރިއެވެ.

"އޯ......" ލުކުމާން އެނދުގެ ފަޑިއަށް ލެނގިލައިގެން ހުއްޓި ހަށަން ބަދެލިއެވެ. ގަމީހުގެ އަތުކުރި އޮޅާލާފައިވީއިރު ފިރިހެންވަންތަ އަތުގެ ހިތްގައިމުކަމުން އަތުގައި ހިފާލާހިތްވާނެއެވެ. ލިވިއާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. ލުކުމާންއާއި ކައިރިވާން ޖިސްމު އެދޭއިރުވެސް އޭނަ ބޭނުންވީ ލުކުމާންއަށް އެއްޗެއް ވިސްނާދޭށެވެ. ކުރެވުނު ކުށް ގަބޫލުކުރާނީ ލިވިއާ ހަރުކަށިވެގެންނެވެ.

"އަހަރެން ލޫކް ކައިރިން ރީތިކޮށް އެދުނީ ނަންނިއާއި އިންނަން. ވަން މަންތުފަހުން އަހަރެން ލޫކްގެ އަންބަކަށް ވާނެކަމަށް އަހަރެން ޕްރޮމިސްކުރިން. ޔޫ ބްރޯކް ދަ ޕްރޮމިސް......." ލިވިއާ އެންގިއެވެ.

"ރިއަލީ؟ " ލުކުމާން ދަތްދޮޅީގައި އިނގިލިތައް ހާކާލީ އެއްޗެއް ވިސްނާފަދަ ގޮތަކަށެވެ.

"އެންޑް މައި ހާޓް......" ލިވިއާ ޖުމްލަ ފުރިހަމަކޮށްލައިފިއެވެ.

"އަހަރެން ހާޓް މެންޑް ކޮށްދީފާނަން. ލެޓް މީ ......" ލުކުމާން ހީލިއެވެ. ނަމަވެސް ގަދަކަމުންނެވެ. އޭނައަށް ލިވިއާ ދަސްނުވާހެން ހީވާންފަށައިފިއެވެ. އެކުވެރިޔާ ކައިދަން ދޭތެރެއަކުން އޭނައަށް އިންޒާރުކުރެއެވެ. ލިވިއާއާއިހެދި ލުކުމާން އުޅެނީ ކޮން ސިފައެއް ފެނިގެންހެއްޔޭ އަހާނެއެވެ. އޭނަ ބުނާނީ ކީކޭހެއްޔެވެ؟ ހަމައެކަނި ރީތިކަން ނޫނީ މިހާރަކަށް އައިސް ލިވިއާގެ ފަރާތުން ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ލިވިއާގެ ފަރާތުން ލޯބީގެ އެއްވެސް ކަހަލަ ހޫނުކަމެއް ނުފެނި ފިނި ހިތެއްގެ ވެރިއަކަށްވެއްޖެއެވެ. އެދެލޮލުން ލުކުމާންއަށްޓަކާ ލޯބީގެ އެއްވެސް އަސަރެއް ނުފެންނަތާގައި އަމިއްލަ ހިތުގައިވާ އެއްޗަކާއިމެދު ވެސް ލުކުމާންއަށް ސުވާލުކުރެވުނެވެ. އޭނަގެ ހިތުގައި ލިވިއާއަށްޓަކާ ވާ ލޯބިވެސް ފަނޑުވާން ފެށީބާވައެވެ. ލޯބިން ދިއްލައިލި ފާނޫޒްގެ ހުޅުކޮޅު މަޑުމަޑުން ކަނިލަމުންގޮސް ނިވެން ކައިރިވީފަދައެވެ. ޔަގީނުންވެސް ކުރިން ލިވިއާ ފެނުމުން އެލިބޭފަދަ ފޮނިމީރުކަމެއް އޭނަގެ ހިތަކަށް ނުލިބުނެވެ. އެއިހުސާސްތައް ވަނީ ފިނިވެފައެވެ.

"ދެން ތިހެން ކިޔާނެކަމެއްނެތް........" ލިވިއާ ގަދަކޮށްލާފައި ވާހަކަ ކުރިއަށް ގެންދިޔައެވެ. އެބްރޯންޒް ކުލައަރާފައިވާ މޫނުގައި ވާ ފުރިހަމަކަމަކުން ލިވިއާއަށް އިރުކޮޅެއްވާންދެން ބަލަން ހުރެވުނުއިރު މިހާ ރީތި އިންސާނެއް ދުނިޔޭގައި ވާނެބާވައޭ ހިތަށް އެރިއެވެ. ނަމަވެސް ލުކުމާން އޭނައަށް ފައިދާވާނެކަހަލަ އެއްވެސްކަމެއް ކުރާކަށް ނޫޅެއެވެ. ރީތި ހުވަފެންތައް ދައްކައިގެން އަބަދަށް އޭނައަށްވެސް ނުހުރެވޭނެއެވެ.

"އެއްވެސް ކަމެއްނުވާ ކަމަށް ހަދައިގެން އަދި ވާހަކަދައްކަން ކެރިއްޖެއެއްނު. ވަރަށް ފޫހިވެއްޖެ ކަންތައްކުރިގޮތުން. އެނގޭތަ ނަންނި ލަދުގަތްވަރު؟ އެކުއްޖާގެ އެއްވެސް ކުށެއްނެތި އެހެން ހެދީމާ އަހަންނަށްވެސް އެމީހުން ފޫހިވާނެކަމެއް ނޭގުނީތަ؟ އެޓްލީސްޓް އެކަހަލަ ގޭމެއް ކުޅެންޏާ އަހަރެން ކައިރީ ވެސް ބުނެލެވިދާނެ......"ލިވިއާ ފޫހިވާކަމަށް ބުންޏަސް އެހިތުގައި ލުކުމާންއަށްޓަކާ ވާ ލޯތްބަށް ބަދަލެއްނާދެއެވެ. ލުކުމާން ފެނުމުން ހިތުގައި އުތުރިއަރައިގަތް ލޯބީގެ ވަރުގަދަކަން ޚުދު ލިވިއާވެސް ހައިރާން ކުރުވިއެވެ. ނަމަވެސް އޭނަ ހުރީ އިހުސާސްތައް ފޮރުވައިގެންނެވެ. ނޫނީ ދިރިއުޅުމެއް ނުހޯދޭނެއެވެ. ހަމައެކަނި ލޯތްބަކުން ދުނިޔެއަކު އުޅެވިދާނެކަމަށް ލިވިއާ ގަބޫލެއްނުކުރެއެވެ.

"އަހަރެންގެ ޕްރިންސެސް ވަރަށް ރުޅިގަދަވެފައިތަ؟ " ލުކުމާން އާދައިގެ ގޮތަކަށް އަހައިލިއެވެ. ލިވިއާގެ މިހިރަ މިޒާޖު ދެނެގަތުމުގައި ނުކުޅެދިފައިވާއިރު އޭނަގެ ހިތަށް ތަދުވާފަހަރުވެސް އަންނަނީ މަދެއްކޮށްނޫނެވެ. ލިވިއާ އޭނަދެކެ ހަގީގީ ލޯބިވާކަމާއިމެދު މިވީހާތަނަށް ޝައްކުކޮށްފައި އޭނަ ނުވެއެވެ. އެއީ އޭނަ އަބަދުވެސް ބޭނުންވަމުން އައިފަދަ އަންހެންކުއްޖެކެވެ. އޭނަގެ ހުވަފެންތަކުގެ ރާނީއެވެ. ރީތި ފަރި އަންހެންކުއްޖެކެވެ. އޭނަދެކެ ހިތާއި ފުރާނައިން ލޯބިވި އޭނަގެ ހަޔާތުގެ ބައިވެރިޔާކަމުގައި އޭނަ ސިއްކަޖަހާފައިވާ އަންހެންކުއްޖާއެވެ. ނަމަވެސް ގާތް އެކުވެރިޔާއާއި އިންނަން އެދުނީއްސުރެން އެލޯތްބާއިމެދު އޭނަގެ ހިތް ކިލަބުވެއްޖެއެވެ.

"ރުޅި ނާންނަ ވަރެއް ނޫނެއްނު..." ލިވިއާ ހެދުންތައް ފޮށްޓަށް ލާންފެށިއެވެ.

"އެންމެން އާ ފެށުކަމުން ފަށަންވީ. އަހަންނާއިއެކު ޕެރިހަށް ދާން ހިނގާ. އެއީނު ލިވީގެ ޑްރީމަކީ...." ލުކުމާން ފުންނޭވަޔެއްދޫކޮށްލިއެވެ. ލިވިއާގެ ރުހުން ހޯދަން މަސައްކަތްކޮށްކޮށް އޭނަ ވަރުބަލިވާގޮތް ވެއްޖެއެވެ.

"ލޫކް ތިދައްކާ ހުވަފެން ބަލާ ބަލާ އަހަރެން މިހާރު ފޫހިވެއްޖެ. އަހަންނަށް ކެއާ ކުރާނަމަ އަހަންނަށް އަޅާލާނަމަ އަހަރެން އެދުނު ކަންތައް ކޮށްދިނީސް........." މޫނުމަތީ އެތިފަހަރެއް ޖެހިޔަސް އެހާ ތަދުވާނެކަމެއް ނޭގެއެވެ. އެހާބޮޑަށް ލުކުމާންގެ ހިތުގައި ރިއްސައިލިއެވެ. ލިވިއާގެ ވާހަކަ މިހިރީ ހާދަ ފަރުވާކުޑަކޮށެވެ.

"އަހަރެން އެކަންތައް ކުރީ އަހަންނަށް ފެނުނު އެންމެ ރަގަޅުގޮތަށް ލިވީ. ސަވާނާއަށްވެސް އެންމެ ރަގަޅުގޮތް އެއީ. އެކައިވެނި ކެންސަލްކުރީ އަހަރެން ސަވާނާދެކެ އެއްވެސް ވަރަކަށް ލޯބި ނުވާތީ. ދޮގެއްގެ މައްޗަށް އެފަދަ މާތް ގުޅުމެއް ނުފެށޭނެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއްނޫން. ލޯބިވާ ދެމީހުންނަށް އިނދެވޭނީ. މުއްސަދި އަންހެންކުއްޖަކަށް ހަޔާތުގެ ލޯބިވާ ބައިވެރިޔެއް ހޯދުމަކީ ކިހާ ފަސޭހަކަމެއްކަން މީހަކު ބުނެނުދިނަސް ލިވީއަށް އެނގޭނެ. އޭނައަށް ހެޕިނެސް ޑިޒާވްވާނެ ދޯ. އަހަރެންގެ އަތަކު ސަވާނާއަށް ދޭނެ އެއްވެސް އެއްޗެއްނެތް. ނަމެއްގައި ކުރެވޭ ކައިވެންޏަކުން އެކުއްޖާއަށް އުފަލެއް ނުލިބޭނެ. ސޯ އެކަންތައް ހަދާން ނައްތާލާ ލިވީ....." ލުކުމާން އެއް އަތް ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރިއިރު ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

"އެހެންވެ އޭނަ ސުއިސައިޑްކުރަން އުޅުނީ؟ އެހެންވެ އައިސީޔޫގައި އެއޮތީ؟ " ލިވިއާ ދެލޯ އަޅައިލިއެވެ.

"ސުއިސައިޑް؟ އައިސީޔޫ؟ ސަވާނާތަ؟ ނުވާނެ އެހެނެއް..." ލުކުމާން ހައިރާންވިއެވެ.

"އާނ. އެހެންވެފައި އޮތީ . އެނގޭތަ. ކައިވެނި ކެންސަލްވީމަ ލިބުނު ހިތާމައިގާ އެފަކީރަށް ކެތްނުވެގެން އެންމެފަހުން ޓެރެސްމަތިން ފުންމައިލީ. ހެޑް އިންޖަރީ ރިބް ފްރެކްޗާ އަދި ލިވާ ލެސެރޭޝަނެއްވެސް ހުރި ވާހަކަ ޑޮކްޓަރ ބުނުއްވީ....."

"އޯ މައިގޯޑް. އައިމް ސޮރީ. އަހަރެން ހިތަށް ނާރާ. ހާދަ ދެރައޭ. އަހަރެން ދާނަން މާފަށް އެދެން. ޕުއަރ ގާލް. އެކުއްޖާއަށް ދެރައެއްދޭކަށް ނޫން ކޮންމެހެން. ކީއްވެ އެހެންވާންވީ.........." ލުކުމާން ބޯ ހޫރާލަމުން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އަނެއް ފަރާތަށް އެބުރުނެވެ. ދެލޯ މަރައިލެވި ތުންފަތުގައި ދަތްއަޅާލެވިއްޖެއެވެ. އޭނައަށް އެއިވުނު ޚަބަރަކުން ވަރަށް އަސަރުކޮށްފިއެވެ. ސަވާނާ އަމިއްލައަށް މަރުވާން އުޅެފާނެކަމަކަށް އޭނަ ހީކޮށްފައެއްނެތެވެ. އޭނަގެ ސަބަބުން ސަވާނާ މަރުގެ ތުންފަތް މައްޗަށް ވެއްޓުމަކީ އަމިއްލަ ނަފުސް އިންތިހާއަށް ކުށްވެރިވެ ލައުނަތް ދެވުނުކަމެކެވެ.

"ނަންނި ނޫން ކޮންމެ ކުއްޖަކު ހުރިނަމަވެސް ލަދުންގޮސް އަމިއްލައަށް މަރުވުން ނޫން ޗޮއިސްއެއް ނޯންނާނެ. އެތައް ބަޔަކު އެ ހަފްލާއަށް އެޓެންޑްވިއޭ. ފެމިލީ މީހުންނާއި އޮފީސް ކުދިން. އެންމެންވެސް މަލާމާތްކުރި. އެޓްލީސްޓް އަހަރެން ކައިރީ ކައިވެންޏަށް ނާންނާނަމޭ ބުނެލިނަމަވެސް ލޫކްގެ ގައިން ބަޔެއް މަދެއްނުވާނެ. އަހަންނަށްވެސް އޮޅުވައިލީ. އަހަރެން ކިހާ ހާސްވާނެ. އަހަރެންދެކެ އެމީހުން ފޫހިވިނަމަ ޔޯ؟ " ލިވިއާ ފޮށި ލައްޕައިލިއެވެ.

"ނަސީބެއްކަން ނޭގޭ. އެއީ ވަރަށް އަންޑަސްޓޭންޑިން ފެމިލީއެއް. އަމިއްލަ ދަރިފުޅު ފުރާނައިން އަތް ދޮވެލާން އުޅުނުއިރުވެސް އެމީހުން އަހަރެން ކުށްވެރިއެއް ނުކުރި. އެނގުނު އަހަރެންގެ އަތެއް އެކަމުގައި ނުވާކަން. އަހަންނަށްވެސް ލިބުނީ ޝޮކެއް. އެޝޮކްގައި ހުއްޓާ އަދި ނަންނި ސުއިސައިޑްކުރަން އުޅުނީ. އަހަންނަށް ކިރިޔާވެސް ރޭކާލިނަމަ ލޫކް އެހާ ވިޔާނުދާ ކަމެއްކުރިޔަކަ ނުދޭނަން. އަންހެންކުއްޖަކު ލަދުގަންނަވާލެވޭނީ އެހާކަށްހާ ވަރަށް. އެވަރަށް ހިއުމިލިއޭޓްކުރެވޭނީ. ކިހާ ލަދުގަންނާނެ. ލޫކް އަމިއްލަ އަންހެންކޮއްކޮއަކަށް ނޫނީ ގާތް މީހަކަށް އެފަދަ ލަނޑެއް ލިބެން ބޭނުންވާނެތަ. ނުވާނެ. ނަންނި ދުވަހަކު ދެން ލޫކްއަށް މާފެއްނުކުރާނެ. އުމުރުދުވަހުވެސް. ދުވަހަކު ތި ލޫކްއާއި އިންނާކަށް އެއްބަހެއްނުވާނެ."

"އަހަރެން މިއުޅެނީ އެގެއަށް ބަދަލުވާން. ނަންނިގެ ބައްޕަ ދައުވަތުދިނީ...." ލިވިއާ ލުކުމާންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ލިވިއާ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް ކެތްތެރިކަމާއިއެކު އަޑުއަހަން އޭނަ ހުރީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. ދެރަވެފައެވެ. ހިތުގައި ޖެހިފައެވެ. އޭނަ ލިވިއާގެ ފަރާތުން އުއްމީދުކުރީ މިފަދަ ޖަވާބަކަށް ނޫނެވެ. އަދިވެސް ލިވިއާ އެވިސްނަނީ އެ އާއިލާއާއި ގުޅުން ވަރުގަދަކުރުމަށެވެ. އެގެއަށް ބަދަލުވުމަށެވެ. އެވެސް ފިރިހެނެއްގެ ދައުވަތަކަށެވެ.

ކުއްލިއަކަށް ލުކުމާންގެ ނަޒަރު އެއް ދިމާލަކަށް ހުއްޓުމުން ލިވިއާއަށްވެސް ބަލައިލެވިއްޖެއެވެ.

ކޮމެންޓް 0