"އާން ލުގުމާން. މި ދުވަސްކޮޅު ތަންކޮޅެއް މީހުންމަދުކޮށް މިއުޅެނީ ކައިރީގައި އިތުރު ކޮފީވިއްކާތަނެއް ހުޅުވާލީމަ...." ލުގުމާންގެ ބައްޕަގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ލުކުމާން ބައްޕައަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ސާފުކުރަންފެށިއެވެ. ބައްޕައަށް އޭނަގެ ހަގީގަތް އަންގައިދޭންވީ ވަގުތުޖެހުނީ ބާވައޭ ހިތަށް އަރާފައިވެސް ހިމޭންވިއެވެ. ވަޒީފާއެއް ނުލިބެނީސް ބައްޕައަށް އެކަމުން ލިބޭނީ ކޮން އުފަލެއްހެއްޔެވެ؟ ވަޒީފާއަށް ސިޓީ ލީގޮތަށް ޖަވާބެއް ލިބުނީއެއްވެސް ނޫނެވެ. ހުރިހާކަމެއްގައި ނިކަމެތިންނަށް އޮންނަނީ ވަކިގޮތެއްހެއްޔެވެ؟ ހުރިހާ ދިމާލެއްގައި ކޮރަޕްޝަން އޮވެދާނެކަމަކަށް އޭނަގެ ހިތް ގަބޫލެއް ނުވެސްކުރެއެވެ. ކިޔަވައިގެން އައުމަށްފަހު ވަޒީފާ ނުލިބެންވީ އެއްވެސް ސަބަބެއްނެތެވެ.

"އަހަންނަށް ރަގަޅު ޚިޔާލެއް ލިބިއްޖެ. ބައްޕަވެސް މިއަށްވުރެ ބޮޑުތަނެއް ހޯދައިގެން ވިޔަފާރި ފުޅާކުރަންވީ......"

"ކޮންމެ ކަމަކަށް ފައިސާ ބޭނުންވާނެ ދަރިފުޅާ. ލޯނެއް ނަގާކަށް ބައްޕަ ބޭނުމެއް ނޫންކަން އެންމެ ރަގަޅަށް ލުގުމާންއަށް އެނގޭނީ. ހަލާލުގޮތުގައި ކައިބޮއި އުޅެން ބޭނުމީ......"

ލުކުމާންގެ ފޯނު ރިންގުވާން ފެށިއެވެ. ބަލައިލިއިރު އެއީ ނުދަންނަ ނަމްބަރެކެވެ. ކޮންމެވެސް މީހަކު އޭނައާއި ބައްދަކުރަން ބޭނުންވާކަމަށާއި ވަރަށް މުހިއްމުކަމަށް ބުނެލިއެވެ. ފަހުން ގުޅާނެކަމަށް ބުނެފައި ލުކުމާން އޭނަގެ ބައްޕަ ގެ ވާހަކައަށް ސަމާލުކަން ދިނެވެ. ދީނުގެ ނަމުގައި ލޯނު ނުނަގާކަމަށް ބުންޏަސް ދުވަހަކުވެސް ބައްޕަ މިސްކިތަށް ދާތަނެއް އޭނަ ނުދެކެވެ. ދީނީ އެއްވެސް ކަމަކަށް ފަރުވާލެއް ނުބެހެއްޓިޔަސް ނަސޭހަތް ދިނުމުގައި ބައްޕަ ވަރެއްނެތެވެ. ނަމަވެސް ލުކުމާން ދީނާއި އެހާ ދުރުވީ އޭނަގެ ބައްޕަގެ ސަބަބުންނެވެ. އެކުވެރިއެއްގެ ގޮތުގައި ބެލުނު ކައިދަންވެސް ދީނީގޮތުން ހައްދު ފަހަނަޅާފައިވާ މީހުންނަށް ހަޖޫޖަހާކަށް ފަހެއް ނުޖެހެއެވެ. ލުކުމާންއަށްވެސް އެކަން މައްސަލައަކަށް ނުވިއެވެ. އެފަދަ ސްޓޭޓަސްތަކަށް އެންމެ ގިނައިން ލައިކްދޭ މީހަކަށް އިންނަނީ ލުކުމާންއެވެ.

ލުކުމާން ބުނީ އޭނަ ވިޔަފާރި ފުޅާކުރަން ވިސްނީވެސް ބައްޕައަށްޓަކާ ކަމަށެވެ. އަމިއްލަ ނަފުސާއިމެދު ނުވިސްނާކަމަށެވެ. ބައްޕަ ދެކެނީ އޭނަގެ ބުރަ މަސައްކަތުން ލުކުމާންއަށް ރަގަޅު މުސްތަގުބަލެއް ހޯދަނުދެވުނީ އޭނަގެ ބަދުނަސީބުކަމުގައެވެ. ބައެއްފަހަރު ލުކުމާންއާއި ދިމާލަށް ބަލަހައްޓައިގެން އިންނައިރު ކޮންމެވެސް ކަމަކާއި ވިސްނާހެން ހީވިއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން އުޅޭހެންވެސް ހީވެއެވެ. ބައްޕަވެސް ކޮންމެވެސް ކަމެއް ސިއްރުކުރާކަން އޭނައަށް ޔަގީނެވެ. ނޭގެނީ އެއީ ކޮންކަމެއް ކަމެވެ. މަންމަގެ ސިއްރެއްބާވައޭވެސް ހިތަށް އަރާފަހަރު އާދެއެވެ.

ބައްޕަ ވަރުބަލިވެއްޖެ ކަމުގަޔާއި ނިދަން ދާގަޑި ޖެހިއްޖެ ކަމުގައި ބުނެ ކެފޭ ލައްޕާލަދޭން އެދުނެވެ. އޭނަ "ކްލޯޒް" ބޯޑު އެޅުވިތަނާ އޭނަގެ ގާތް އެކުވެރިޔާ ކައިދަން ވަދެލާފައި ކޮފީއަކަށް އެދުނެވެ. ލުކުމާން ދެކޮފީ ހިފައިގެން އައުމަށްފަހު މޭޒެއްގައި ހަމަޖެހިލިއެވެ.

"ލޫކް އަދިވެސް އެ ފޭކް ގާލްގެ ޕަޕެޓެއްގެ ގޮތުގައި؟ ޓްރަސްޓް މީ. ކޮންމެވެސް ދުވަހަކުން އެކުއްޖާ ބިޓްރޭ ކޮށްފައި ދާނެ..........." ކައިދަން ކޮފީތަށީގައި ތުނބުޖެހިއެވެ. ކައިދަންއަކީ ލުކުމާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނައަކީ ލުކުމާން ލޯނު ނަގަން ބަހައްޓާފައި ހުންނަ ބޭންކޭ ކިޔައިގެންވެސް ބައެއްފަހަރު ދިމާކުރާނެއެވެ. އެތައް ފަހަރު ކައިދަން ލުކުމާންއަށް އެހީވެދީފިއެވެ. ކިޔެވުމުގެ އިތުރުން ލޯބިވެރިޔާގެ ޚަރަދުތައް ކުރުމަށްވެސް ލުކުމާން އެދެނީ ކައިދަންގެ އެހީއަށެވެ. ލުކުމާން އެހުރިހާ ދަރަންޏެއް ފޮތެއްގައި ނޯޓުކޮށްފައިވަނީ ކޮންމެވެސް ދުވަހަކުން އަދާކުރާނަމޭ ބުނެ ޔަގީންކަން ދެއެވެ. އެންމެގާތުގައި ވިޔަސް ލުކުމާން ކޮންމެވެސް ކަމެއް ސިއްރުކުރާކަން ކައިދަން ދަނެއެވެ.

"ރިލްކެސް ކައި. މިއުޅެނީ ކައި ހިތްހަމަޖެހޭ ފަދަ ކުއްޖަކު އިންނަން އަހައިގެން...." ލުކުމާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ފައިނަލީ އަހަރެން ބުނި އެއްޗެއް ތިހިރަ ބޯ ނާށިގަނޑު ފުރާނާލާފައި ވަނީ ދޯ. އެ ބަދުނަސީބުވެރިޔަކީ ކާކުތަ؟ " ކައިދަން އަނގަޔަށް ގޮތެއް ހަދައިލިއެވެ. ލުކްމާން އެހާ ފަސޭހައިން އެހެން އަންހެންކުއްޖަކާއި އިންނާނީ ކޮންމެވެސް ކަހަލަ ރޭވުމެއްގެ ދަށުންނެވެ. ނޫނީ ލިވިއާ އެހާ އަވަހަށް ބޭވަފާތެރިވީބާވައެވެ. ކައިދަން އިނީ ޝައުގުވެރިވެފައެވެ.

"އެނގޭތަ އިމާދުއްދީން؟ "

"އޯ........" ކައިދަން އެއްޗެކޭ ބުނަން އުޅެފައި ކަރުކެހިލިއެވެ.

"ވަރަށް މުއްސަދި މީހެއް. އޭނަގެ ހުރި އެންމެ އަންހެން ދަރިފުޅު ސަވާނާ...."ލުކުމާން ހީލިއެވެ.

"އެފެމިލީ އިން އެކްސެޕްޓްކުރީތަ؟ ހާދަ ހީނުވެއޭ. އިމާދުއްދީން ކަހަލަ ބޮޑާ މީހަކު އޭނައާއި އެއް ފެންވަރެއްގެ މީހަކާއި ނޫނީ ގަބޫލުވެދާނެ ކަމަކަށް ހިޔެއްނުކުރަން...."

"ހޫމް. އިންތިޒާރު މިކުރަނީ އެމީހުންގެ ޖަވާބަކަށް. ވެލް. މިހާރު ކައިގެ ނަޒަރުގައި އަހަރެން ގޯލްޑްޑިގާ އަކަށް ދޯ ވާނީ. އައި ނޯ އާއްމުކޮށް އަންހެންކުދިންނަށް އެ ނަން ނިސްބަތްވަނީ. ސްޓިލް ލިވީ އެކަހަލަ މީހަކަށް ކައި ހަދައިގެން އުޅެނިކޮށް އަހަރެން އެންމެފަހުން މުއްސަދި އަންހެންކުއްޖަކާއި އިންނަން މިޖެހުނީ..........." ލުކުމާންގެ ވާހަކަ އަޑުއަހަން ކައިދަން އިނީ ފަރުވާތެރިކަމާއިއެކުގައެވެ. ލިވިއާގެ އަތެއް އެކަމުގައި ވާނެއޭ އޭނަގެ ހިތް ބުނީ ކީއްވެކަމެއް ނޭގުނެވެ. ލުކުމާން ލިވިއާއާއިހެދި އެހާ ވަރުވެފައި ހަމަ ކުއްލިއަކަށް މުއްސަންޖަކާއި އިންނަން އުޅުމުން ކައިދަންގެ ސިކުނޑިއަށް ނަގައިގަންނާކަށް ފަސޭހައެއްނުވިއެވެ.

ކައިދަން އިނީ ފާޑަކަށް ހިނިއައިސްފައެވެ.

"ވަޓް؟ " ލުކުމާން ހިތްހަމަނުޖެހޭގޮތްވިއެވެ.

"ދެމީހުން ބްރޭކްއަޕްވީ އަހަރެން ބުނާ ބުނުމަކަށްތަ؟ "

ލުކުމާންވެސް ހީލުމަކުން ފުއްދައިލީއެވެ. އަދި އެ އާއިލާގެ ޖަވާބު އަންނާނެ ގޮތެއްވެސް ނޭގޭ ނޫންހެއްޔެވެ؟ އޭނަ އުއްމީދުކުރަނީ ސަވާނާގެ ބައްޕަ ދެކޮޅުހެދުމެވެ. އޭނަ ކޮފީޝޮޕްގައި މަސައްކަތްކުރާ މީހެކޭ ބުނެފިއްޔާ ޔަގީނުންވެސް އިމާދުއްދީން މޫނު އަނބުރާލާނެއެވެ. މަހުޖަނެއްގެ ހުރި އެންމެ ފިރިހެންދަރިއަކާއި އޭނަފަދަ ޒުވާނަކާއި ގުޅެން އެދޭނެ ބައްޕައަކު ވުމަކީ އެކަށީގެންވާކަމެއް ނޫނެވެ. އެކައިވެންޏާއި ގަބޫލުނުވެއްޖެއްޔާ ލިވިއާއަށްވެސް އޭނަގެ ކުށެއްނެތްކަން އެނގިދާނެއެވެ. އޭނައަށް ކުރެވޭނެކަމަކީ ކައިވެންޏަށް އެހުމެވެ. އެކައިވެންޏާއި ސަވާނާގެ އާއިލާއިން ގަބޫލުވަންޏާ ޔޫރަޕާއި އެމެރިކާއާއި ދޭތެރޭ ފާލަމެއް އެޅޭނެއެވެ. އެހާވެސް ވުން ދުރުކަމެކެވެ.

ސަވާނާގެ ބައްޕަގެ އެދުމުގެ މަތިން ލުކުމާން ބައްދަލުކުރަން ދިޔުމުގެ ކުރިން ސަވާނާ އޭނައަށް ފޯނުން ގުޅާފައި ބުނި އެއްޗަކުން ލުކުމާން ހައިރާންވިއެވެ. ސަވާނާ އާއިލާ ކައިރީ ބުނެފައިވަނީ ލުކުމާން މަސައްކަތްކުރަނީ އޭނަގެ އޮފީހުގައި ކަމުގައެވެ. ލުކުމާންއަކީ އޮފީހާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް އެނގޭމީހެއްވެސް ނޫނެވެ. ލުކުމާން ހުރީ އޭނަ ބައްޕަގެ ކޮފީ ފިހާރައިގާ މަސައްކަތްކުރާވާހަކަ ބުނަން ނިންމައިގެންނެވެ. ނަމަވެސް އެއާއިލާގެ ކައިރީގައި ސަވާނާގެ އަގު ވައްޓާލާކަށްވެސް ދެން ނުކެރޭނެއެވެ.

ލުކުމާންއާއި ސަލާމްކޮށްލުމާއިއެކު އިމާދުއްދީންގެ ލޮލަށް ބަލަން އިރުކޮޅެއްވާންދެން ލުކުމާންއަށް ހުރެވުނީ ދުރަށް ބަލަންވެސް ނޭގިފައެވެ. ކޮންމެވެސް ތާކުން ދުށް ލޮލަކާއި ވައްތަރުވީއެވެ. ސިކުނޑިއަށް ބާރުލާން އުޅުމުން ބޮލުގައި ރިއްސުން ނޫންކަމެއްނުވިއެވެ. އިމާދުއްދީން ލުކުމާންގެ ބުރަކަށީގައި އަތް ޖައްސާލުމަށްފަހު އެދުނީ އޭނައާއިއެކު އެތެރެއަށް ވަނުމަށެވެ.

އެގޭގެ ޚާއްސަކޮޓަރިއެއްގައި ދެކެވުނު ވާހަކަތަކަށްފަހު އިމާދުއްދީން އޭނަގެ ދަރިފުޅު ސަވާނާއަށް ގުޅާފައި އަންނަން އެދުނެވެ. ސަވާނާ އެތަނަށް ވަނުމުންވެސް ލުކުމާން އިނީ އިސްއުފުލާ ނުލާ ތިރިއަށް ބަލާށެވެ.

"ދަރިފުޅާ. ދެކުދިން އަވަހަށް ޑޭޓެއް ނިންމާ. ވީހާ އަވަހަށް މިކައިވެނި ކުރުވަން ބައްޕަވެސް ބޭނުން..." އިމާދުއްދީން ދަމުން ލުކުމާންގެ ކޮނޑުގައި މަޑުމަޑުން އަތުން ފިރުމައިލިއެވެ. ސަވާނާގެ ފިޔަވަޅުތައް ކައިރިވަމުން އައިސް ލުކުމާން އިށީދެލައިގެން އިން ސޯފާއާއި އަރާހަމަވިއެވެ.

"އައި ކާންޓް ބިލީވް ދިސް..." ލުކުމާން ހާސްކަމާއިއެކު ފިނިވެފައިވާ ދެއަތްތިލަ މޮޑެލަމުން ހިތާހިތުން ކިޔާލިއެވެ. އޭނަ އިނީ ހަމަ ހައިރާންވެފައެވެ. އިމާދުއްދީން އެހާ ފަސޭހައިން މިކައިވެންޏަށް އެއްބަސްވީ ކީއްވެހެއްޔެވެ؟ އޭނަގެ އެއްވެސް ކަމެއް އެނގެން ބޭނުންނުވި ސަބަބަކީ ކޮބާބާވައެވެ. ލުކުމާން އަތުގައި ހުރި ކޮފީތަށި ބިއްލޫރި މޭޒުމަތީގައި ބޭއްވުމަށްފަހު ލަސްލަހުން ކޮޅަށް ތެދުވުނެވެ.

"ސަވާނާ......" ލުކުމާން އުދަގޫގޮތަކަށް ހީލިއެވެ. ސަވާނާގެ ހިތް އޭރުވެސް ތެޅެނީ އާދަޔާ ޚިލާފުބާރަށެވެ. ބައްޕަ ތާރީޚެއް ނިންމަން ބުނެފައި ދިޔުމާއެކު މެޔަށް ފިނިވީގޮތަށް އޭނަ ވެއްޓިދާނެހެން ހީވި ވަގުތުކޮޅެއްވެސް އައެވެ. ހިތްވެސް އޭނަގެ ކޮންޓްރޯލުން ނެއްޓިފައިވާފަދައެވެ. އޭނަގެ ކުރިމަތީގައި މިހިރަ ރީތި ޒުވާނާ އޭނަގެ ހިތަށް މި ކުރުވާ އަސަރަކާއިމެދު ވެސް އަޖައިބުވިއެވެ. ރީތި އެހެންމީހުން ފެނުނަސް ދުވަހަކު ހިތަށް ގޮތެއް ވެފައެއް ނެތެވެ. މިގޮތަށް ހަތަރެސްފައި ފިނިވެ ގަނޑުވާގޮތެއް ނުވެއެވެ. ލުކުމާން އަކީ ސިހުރުވެރިއަކީހެއްޔެވެ؟ ނޫނޫ ޖާދޫހަދާމީހެއް ހެއްޔެވެ؟ އެދެލޮލުން ބަލާލާގޮތުން ސަވާނާ ލަދުން މަރުވާވަރުވިއެވެ. އެތޫނު ރީތި ދެލޮލާއި ކަޅިރަވައިގެ ފުރިހަމަކަމުން އޭނައަށް މިކުރުވާ އަސަރުތައް ލުކުމާންއަށް ނޭގުނިއްޔާ ރަގަޅެވެ. އަދި ޖިންސް އިޝްތިހާރެއްފަދައެވެ. ޑެނިމް ޖިންސަކާއިއެކު އަޅިކުލައިގެ ޓީޝާޓެއްލާފައި ހުރިއިރު ހާދަ ގުޅެއެވެ.

"ބައްޕަ އެބުނުއްވީ އާއެކޭ.....ދެން.." ސަވާނާ ހިންދިރުވައިލިއެވެ.

"ނޭގޭ....އަހަރެން.." ލުކުމާންވެސް ހީވަނީ ދެން ހަދަންވީ ގޮތް ހުސްވެފައި ހުރިހެންނެވެ. ޖިންސްގެ ޖީބަށް ފިނި އަތްތިލަ ޖަހައިލަމުން ފުންނޭވައެއް ދޫކޮށްލުމަށްފަހު ފޯނުނެގިއެވެ. އޭނަ ހުރީ ލިވިއާއަށް ގުޅައިގެން ވާހަކަދައްކަން އިންތިހާއަށް ބޭނުންވެފައެވެ. ލިވިއާގެ ބަސް ގަބޫލުކުރަން ހަދައިގެން މިއޮތީ މާކަނޑަކަށް ވެއްޓިފައެވެ. ފަތަން އެނގުނަސް މަންޒިލަކަށް ފޯރާނެ ގޮތެއް ނުފެނިފައެވެ. ވަށައިގެންވާހާ މަގެއް ބެދިއްޖެއެވެ. ހަމައެކަނި ލިވިއާ ކުށްވެރި ކުރެވޭކަށްވެސް ނެތެވެ. އޭނަ އަކީ ބޮޑު ފިރިހެނެކެވެ. ކުޑަ އަންހެންކުއްޖެއްގެ ވާހަކަ ނާހާ އަމިއްލައަށް ގޮތެއް ނިންމުނު ނަމައެވެ.

"ސަވާނާ. މެރީ ކުރުމުގެ ކުރިން އަހަރެން ވާހަކައެއް ބުނެލަން ބޭނުން..." ލުކުމާން މަޑުމަޑުން ބުނެލިއެވެ.

"ކޮން ވާހަކައެއް؟ " ސަވާނާ އަތުގެ ނިޔަފަތިތަކާއި ކުޅެންފެށިއެވެ.

"އަހަރެންގެ އެބަހުރި މައްސަލައެއް...." ލިވިއާ ދަސްކޮށްދީފައިވާ ގޮތަށް އޭނަ ވާހަކަ ގެންދިޔައެވެ.

ސަވާނާ ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލައިލިއެވެ. ލުކުމާން ދެން ބުނެލި ޖުމްލައިގެ ސަބަބުން ސަވާނާގެ ދެލޯ ބޮޑުކޮށްލިގޮތުން އެކައިވެންޏާއި ވަގުތުން ދެކޮޅުހަދާނެ ކަމުގައި ލުކުމާން ހީކުރިއެވެ. ވީ އެހެނެއްނޫނެވެ. ހީވާގޮތުން އެދެލޮލުން ފެނުނީ ހަމްދަރުދީއެވެ.

"އިޓްސް އޯކޭ........ބުނެލަދިނީތީ ތޭންކްސް..." ސަވާނާ ކުޑަކޮށް ހީލަމުން އެއްފިޔަވަޅު ކުރިއަށް އެޅިއެވެ. އަދި ސޯފާގައި އިށީދެ ކުޝަންއެއް އުނގުމަތީ ބާއްވައިގެން ކުޅެންފެށިއިރު އެވިސްނަނީ ލުކުމާން ދެންމެ ބުނި އެއްޗަކާއިމެދުކަން ލުކުމާންއަށް ޔަގީނެވެ. ނަމަވެސް މިހާރު ސަވާނާއާއި ގުޅުމެއް ނުބާއްވާ ފަރުޖެހިދާނެ ނޫންހެއްޔެވެ؟ ލުކުމާން ވިސްނާލާފައި ސޯފާގެ އަނެއްކޮޅުގައި އިށީންއިރު އެދޭތެރޭގައި އަދި ދެމީހުންނަށް ތިބެވޭނެ ޖާގަ ހުއްޓެވެ. ލުކުމާން ދެން ދެއްކީ ކައިވެނީގެ ވާހަކައެވެ. އެހާ ބޮޑު ޕާޓީއެއް ބާއްވާކަށް އޭނަ ބޭނުމެއްނޫނެވެ. ކޯޓަށްގޮސްވެސް ކައިވެނި ކުރެވިދާނެއެވެ. ނަމަވެސް ސަވާނާ ބޭނުމިއްޔާ ގޭގައި ކުޑަ ހަފުލާއެއް ބޭއްވިދާނެއެވެ. އާއިލާއާއި އެފަދަ އުފާވެރިކަމެއް ހިއްސާކުރެވެންވާނެއެވެ.

ލުކުމާން ކައިދަންއާއިއެކު ކޮފީއަށްގޮސް އެޚަބަރު ދިނުމުން ކައިދަންވެސް ހުރީ ޝޮކެއްގައެވެ. ލުކުމާން ތިކުޅެނީ ކޮންކަހަލަ ގޭމެއްބާވައޭވެސް އެހިއެވެ. ކައިދަންއަށް އެނގެނީ އެންމެ އެއްޗެކެވެ. މި ކައިވެންޏާއިމެދު ލުކުމާން އުފާނުވާކަމެވެ. އޭނަ ކޮންމެވެސް ކަމަކާއި ކަންބޮޑުވެ ވިސްނުމެއްގައި ހުންނަކަމެވެ. ލުކުމާން ފޮރުވަނީ ކޮންކަމެއްބާވައޭ ހިތަށް އެރިއެވެ. ކައިދަންގެ އާއިލާގައި މިކަހަލަ ކަމެއް ދިމާވިއެވެ. އޭނަގެ އަންހެންކޮއްކޮ ޖިލް ބަލިވެއިނީއެވެ. ރައްޓެހިވެގެން އުޅުނު މީހާ އެކްސިޑެންޓެއްގައި ނިޔާވީއެވެ. ބަދުނާމުވެދާނެތީ ފައިސާ ދީފައި ޒުވާނަކު ގަނެލާފައި ބައްޕަ ޖިލް އާއި އެ ޒުވާނާ ކައިވެނިކުރުވީއެވެ. އެކަން އެނގުމުން އެ ޒުވާނާ ޖިލްދެކެ ރުޅިއައިސްގެން ދުވަހަކު މާފު ނުދޭނެކަމަށް ބުނެ ކެނޑުނެވެ. އެތައް ކޯޅުމަކަށްފަހުގައިވެސް އާޚިރުގައި އެދެމީހުން ގުޅުނެވެ. ވީއިރު ސަވާނާވެސް ވާނީ އެފަދަ އަންހެންކުއްޖަކަށެވެ. އެކުއްޖާ ބަލިވެއިނީމަ ލުކުމާންއަށް ގުޅައިގެން ބައްޕަ މިކައިވެނި ހަމަޖެއްސީކަމަށް ވެދާނެއެވެ. ދުނިޔެއަކީ ކުޑަތަނެކެވެ. އޭނަގެ ގެއިން ހިނގާފައިވާކަމެއް ހަމަ އެހެން ތަނެއްގައި ނުވާނެކަމަށް ހީކުރެވުނަސް އެހެން ދިމާވުމަކީ ހަމަ އެކަށީގެންވާކަމެކެވެ.

ލުކުމާން ހަތަރު އުދަރެސް ފެނުޖެހުނުކަމަށް ނިންމިއިރު ލިވިއާ ހުރީ ހެވި ދިއްލިފައެވެ. އެކުވެރިއެއްގެ ކައިރީ ބުނެގެން ކައިވެނީގެ ފޯމުވެސް ގެނުވިއެވެ. ސަވާނާއާއި ބައްދަލުކޮށް އެހަފްލާއަށް ލާންޖެހޭ ހެދުން ފައްސަން މިން ޖަހާ ހަފްލާ ބާއްވާނެގޮތާއި ޑިޒައިންތައް ނިންމާ އުޅުނީ ވެޑިން ޕްލޭނާއެއް ފަދައިންނެވެ. އެދުވަހަށް ސަވާނާގެ މޭކަޕްކޮށްދޭނެ ކަމުގައިވެސް ލިވިއާވަނީ ބުނެފައެވެ. އެހުރިހާކަމެއް ނިންމަމުން ދިޔައިރު އިމާދުއްދީން ވަނީ ދެފަހަރެއްގެ މަތިން ލުކުމާންއާއި ބައްދަލުކޮށްފައެވެ. އެގޭގެ ހިތްގައިމު ޓެރެސްގައި ވާހަކަދައްކާލަން ތިބިއިރު އިމާދުއްދީންވަނީ ލުކުމާން ކައިރީ ސަވާނާ ރަގަޅަށް ބަލާދޭން އެދިފައެވެ.

"ލުކުމާން ފެނުމާއިއެކު އަހަންނަށް ޔަގީންވިކަމެއް އޮތް. ލުކުމާންއަށް ނަންނި އުފަލުގައި ގެންގުޅެވޭނެކަން. އެއީ އަހަރެން ލުކުމާން ކައިރިން އެދޭ ހަމަ އެކަނި އެދުމަކީ. ނަންނި އުފަލުގައި ގެންގުޅުން. ސަބަބަކީ ނަންނިގެ މައިންބަފައިން އޭނަ ކުޑައިރު ވަކިވުމުން ދޮންމަންމަމެންނާއިއެކު އުޅެން ޖެހުމުން ނޭގުނަސް ނަންނިއަށް ހުންނާނީ ނަފްސާނީ އަސަރުތަކެއްކޮށްފައި. ކުޑަކުއްޖެއްގެ އުޅުން ނަންނިގެ ހުރީ. ދީނާއި އެހާ ދުރު. ނަންނި ބުނިގޮތުން ލުކުމާން ހުރިހާ ނަމާދެއްވެސް ގަވާއިދުން ކުރޭ. ދީނަށް އުޅެން ބާރު އަޅާ ރަގަޅު ޒުވާނަކާއި ނަންނި ގުޅުވުމަކީ އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. އަހަރެން އުއްމީދުކުރަނީ ނަންނި ހަރުދަނާ ރަގަޅު ބައިވެރިޔަކަށް ހަދާ އުފާވެރި އާއިލާއެއް ބިނާކުރުން. އަހަރެންފަދަ މުއްސަދި ޒުވާނަކާއި ނަންނި ގުޅިއްޖެއްޔާ އަހަރެން ފަދައިން ބޭވަފާތެރިވެ އެހެން އަންހެންކުދިންގެ ފަހަތުން ދުވަން ޖެހިދާނެއޭ ހިތްބުނަނީ. ހުރިހާ ގޮތަކުން ވިސްނާފައި އަހަރެން ދަރިފުޅަށް އެންމެ އެކަށީގެންވާ ބައިވެރިޔާ ޚިޔާރުކުރީ....." އިމާދުއްދީންގެ ޔަގީންކަން ލުކުމާންގެ ހިތް ހާސްކުރުވިއެވެ. އޭނައަށް އިސްޖަހައިލެވުމާއިއެކު ކޮފީތަށީގައި ހިފާ ބާރުކޮށްލެވުނެވެ. އިމާދުއްދީންއާއި ހަތަރުކަޅި ހަމަކުރުން އުދަގޫވިއެވެ. ހަގީގަތް އެނގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭގެއެވެ. އޭނަ ސަވާނާއާއި އިންނަނީ ރަގަޅު މަގުސަދެއްގައެއް ނޫނެވެ. ލޯބިންނެއް ނޫނެވެ. މިއަށްވުރެ ބޮޑު އޮޅުވައިލުމެއް އޮޅުވާލެވޭނެ ކަމެއްވެސް ނޭގެއެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާ އޭނަ ފަހަތަށް ދާންވީއެވެ. ކައިވެނި ކެންސަލްކުރުވާނީއެވެ. އޭރުން އިތުރަށް ވިސްނާކަށް ނުޖެހޭނެއެވެ.

ލުކުމާން އޭނަގެ ބައްޕަގެ ލަފާ ހޯދަންވެސް ބޭނުންވިއެވެ. ނަމަވެސް އެފަދަ ހިތްވަރެއް ނުލިބުނެވެ. ކެހިވެރި އަމަލެއްގެ ވާހަކަދައްކައިގެން ބައްޕައަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއްނެތެވެ.

އެރޭ ހަތަރުދަމު ދެއަތަށް ފުރޮޅިވެސް ލޮލަށް ނިދި ނައުމުން ލުކުމާން ލިވިއާއަށް ގުޅައިގެން ކައިވެނި ކެންސަލްކުރާ ވާހަކަދެއްކިއެވެ. ލިވިއާ ދެކޮޅުހެދިއެވެ. ހީވީ ރޮއިގެންފާނެހެންނެވެ. އާދޭސްކުރަންފެށިއެވެ. ފޯމުފުރާ ހުރިހާކަމެއް ކުރުމަށްފަހު ކައިވެނި ކެންސަލްކުރުމުން ސަވާނާއަށް ލިބޭނެ ހިތާމައާއި ލަދުވެތިކަމާއިމެދު ވިސްނާލަން އެދުނެވެ. ލުކުމާންގެ ލޯބިވެރިޔާއަކީ ލިވިއާއެވެ. އޭނަ މިހިރީ ލުކްމާންއާއި އެކުގައެވެ. ވީއިރު ލުކްމާން ހިތްވަރު ބަލިވާންވީ ކީއްވެހެއްޔެވެ؟ ސަވާނާއަށް ދެރައެއް ލިބޭނީއެއް ނޫނެވެ. ލުކްމާން ހުންނާނީ ދެ އަންހެންކުދިންގެ ފިރިމީހާގެ ގޮތުގައެވެ. ލިވިއާ އެގޮތަށް ވިސްނާދިނަސް ލުކުމާންގެ ހިތް އެކަން ގަބޫލެއްނުކުރެއެވެ. އޭނައަށް ހީވަނީ ސަވާނާއަށް ދެވޭ ދެރައެއްހެންނެވެ. ޒުވާން އަންހެންކުއްޖަކު އޭނަފަދަ މީހަކާއެކު އުޅެން ބޭނުންވާނީ ވަކި ކީއްވެހެއްޔެވެ؟ އޭނަ ހެދި ބޮޑު ދޮގަށްފަހުގައެވެ.

ލުކުމާންގެ ބައްޕަ މޭމައްޗަށް ތަދުވާތީ ހޮސްޕިޓަލަށް ގެންދިޔުމުން ޑޮކްޓަރު އީސީޖީ ނެގުމަށްފަހު އިތުރު ޓެސްޓްތަކެއް ހަދަން ދިނެވެ. ނަސީބަކުން ހިތުގެ މައްސަލައެއް އަދި ނެތެވެ. ނަމަވެސް ޑޮކްޓަރު ލަފާދިނީ ކަސްރަތުކުރުމަށާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށެވެ. ނޫނީ ލޭ ހޮޅިތައް ބެދި ހާޓްއެޓޭކް ނުވަތަ ސްޓްރޯކްޖެހުން ފަދަ ދެރަގޮތެއް ވެދާނެކަމުގެ އިންޒާރުދިނެވެ.

ކުރީދުވަހަކު ގުޅި ނަމްބަރުން ގުޅާފައި މިފަހަރުވެސް އެ މީހާ ދިނީ ހަމަ އެމެސެޖެވެ. މީހަކު ލުކުމާންއާއި ބައްދަލުކުރަން ބޭނުންވާކަމުގައެވެ. އެބުނާ ޚާއްސަ މެހުމާނަކާއި ބައްދަލުކުރާށޭ ކިޔާފައި ގުޅިމީހާ ލުކުމާން ގެންދިޔައީ "އޮފޭލިއާ" އަށެވެ. ލުކުމާންއަށް ހައިރާންކަމެއް ލިބުނެވެ. މާލޭގެ އެންމެ މުއްސަދި ޚާންދާނަށް ނިސްބަތްވާ ގެއަކުން މީހަކު އޭނައާއި ބައްދަލުކުރަން ބޭނުންވީ ސަބަބަކީ ކޮބާހެއްޔޭ ހިތާހިތުން ސުވާލުކުރެވުނެވެ. ލުކުމާން އެހުމުން އެ މީހާ ބުނީ އެސުވާލުގެ ޖަވާބު ވަރަށް އަވަހަށް ލިބިގެން ދާނެކަމުގައެވެ.

ހުދު މާބްލްއިން ހަދާފައިވާ އެގެއަށް ވަނުމުގެ ޝަރަފެއް ލުކުމާންއަކަށް ނުލިބުނެވެ. ވަށައިގެންއޮތް ފެހިކަން ގަދަ ވިނަގަނޑާއިއެކު އެހިސާބުގައިވާ ތަފާތު ވައްތަރުގެ މާގަސްތަކުން އަރާ މީރުވަހުން މާހައުލުއޮތީ ސެންޓްވެލާފައެވެ. އުޑުމަތީގައި ކޮންމެވެސް ވަރަކަށް ވިލާ އެއްވެ އިރުގެ އަލިން ދުނިޔެ މަހުރޫމްވެފައިވި ކަމުގައިވިޔަސް މިތަނަށް ވަދެވުމުން ލޮލަށް ފިނިކަން ލިބުނެވެ. ބަގީޗާ ތެރޭގައި ހިނގަން އޮތް ހަނިމަގުގެ ދެފަރާތުގައިވެސް ލެވެންޑާ ގަސްތަކާއި ލައިކަކް ސަންފްލާވާ އަދި ފިނިފެންމާ ހައްދާފައިވާއިރު ކޮންފަދަ ފުރިހަމަހެއްޔެވެ؟ ލިވިއާވެސް މޮޔަވާނެއެވެ. މިއީ ލިވިއާ އެންމެ ބޭނުންވާނެ ހުވަފެނީ ގެއެވެ. މާތަކަކީ ދުނިޔޭގެ ހިނިތުންވުމޭ ބުނެވޭއަޑު އޭނަ އަހައެވެ. އެއީ ދޮގެއްނޫނެވެ. ހުރިހާ މާތައްވެސް ހިނިތުންވާފަދައެވެ.

ފިނިވެފައިވާ އަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިގެން ހުރެ ގަސްތަކުގެ ތެރެއިން ހިނގާލާފައިދިޔައީ އެމީހާގެ ފަހަތުންނެވެ.

"މިގެއިންވެސް އެހެން އަންހެންކުއްޖަކު ޕްރޮޕޯސްކުރަނީ ކަމަށްވާނީ. މިޖެހުނީ އަނެއް ކަންތަކާ. މިހާ އަދަބުވެރިކޮށް މި ފިރިހެނާ ވާހަކަދައްކާނީ އެކަހަލަ ކަމެއްވީމައެއްނު...." ލުކުމާންގެ ސިކުނޑިއަށް ވަން އެއްޗަކުން ހިނި އަންނަގޮތްވިއެވެ. އިތުރު އަންހެނަކާއި ޖެހިއްޖެއްޔާ އޭނަގެ ބޯ ގޮވާފާނެއެވެ. އޭރުން ލިވިއާ ސަވާނާ އެއްފަރާތްކޮށްލާފައި އޮފޭލިއާ ޕްރޮޕޯސަލް ގަބޫލުކުރާނެ ކަމީ ޝައްކެއް ހުރިކަމެއް ނޫނެވެ. ލިވިއާގެ ހުވަފެނީ މަންޒިލަކީ އޮފޭލިއާކަމުގައި އޭނަވަނީ ކިތަންމެ ފަހަރަކު ލުކުމާން ކައިރީ ބުނެފައެވެ.

ކޮމެންޓް 0