ލުކުމާން ފޯނުގައި ހުރެފައި ރީތިވާ މޭޒަށް ލެނގިލިއެވެ. އަތުން ޖެހުނުގޮތަކުން ސަވާނާގެ ޝެނެލް ދަބަސް އޭގައިވާހާ އެއްޗެއް މާބްލް ތަޅުންމައްޗަށް ވިހުރުނެވެ. ގުދުވެ އެއްޗެހިތައް ނަގަންފެށިތަނާ ސަވާނާ ފާޚާނާއިން ނުކުތީއެވެ.

"ލޫކް.........." ސަވާނާ ކުޑަކޮށް ހާސްވެ ހުއްޓުން އަރާގޮތްވިއެވެ. ލުކުމާން ހުރިހާ އެއްޗެއް އެއްކޮށްލާފައި ދަބަހަށް ލާފައި ތެދުވުނީ ސްކޭން ޕްރިންޓްކޮޅުގައި ހިފަހައްޓައިގެން ހުރެއެވެ. އޭރު ސަވާނާގެ ހިތް ބިރުން ރޫރޫއަޅަމުންގޮސް ހުރިތަނަށް ވިރިގެން ފައިބަފާނެފަދައެވެ. ލުކުމާންގެ ފަރާތުން އަންނާނެ ހަމަލާއެއް އެނގެނީއެއްނޫނެވެ. އޭނައާއި ދިމާލަށް ހަޅޭއްލަވައިގަންނާކަށް ފަހެއްނުޖެހޭނެއެވެ. ކުރިއަށް ފިޔަވަޅެއް އަޅާފައި ލުކުމާންގެ އަތުގައި ހިފެހެއްޓުނީ އެ ޕްރިންޓްކޮޅު އަތުލަންވެގެންނެވެ. ލުކުމާން އެ ޕްރިންޓަށް ބަލައިލީ ސިކުންތުތަކަކަށެވެ. ލުކުމާންގެ ދެލޮލުން ސަވާނާއަށް އެއްވެސް ޝުއޫރެއް ނުފެނުނެވެ.

"މީ ބްލެޑާ ސްކޭންއެއް ދޯ........." ލުކުމާންގެ ޖަވާބު އިވުމުން ސަވާނާގެ ދެލޯ ބޮޑުވިއެވެ. ހާދަ އެއްޗެއް ނޭގެއޭ ހިތަށް އެރިއެވެ. ނޫނެކެވެ. ލުކުމާން ކިޔަވައިގެން ހުއްޓަސް އަދި މިފަދަ ހުދާއި ކަޅުކުލައިގެ ޕްރިންޓް ކޮޅުން އޮޅުންނުފިލާ ހުރެދާނެއެވެ. ޑޮކްޓަރަކަށް ވިނަމަ އެނގުނީހެވެ.

ސަވާނާ ޖަވާބެއްނުދީ އެ ޕްރިންޓްކޮޅުގައި ހިފެހެއްޓީ ނިކަން ފަރުވާތެރިކަމާއިއެކުގައެވެ. އެވަގުތު ޕްރިންޓްކޮޅާއި އެއްކޮށް އެ އަތުގައި ހިފަހައްޓާލަމުން ލުކުމާން ފުން ބެލުމަކުން ބަލައިލިއެވެ. ސަވާނާގެ މޫނު ދަސްކުރަން މަސައްކަތްކުރީފަދައެވެ. ލަދުންގޮސް ހަލާކުވާވަރުވިއެވެ. ލުކުމާން އޭނަގެ މޫނުގައި ހުރި ލަކުނުގައި އިނގިލި ހިންގައިލީ ލަސްލަހުންނެވެ. އޭނަ ކުރަން އެއުޅެނީ ކޮންކަމެއް ހެއްޔެވެ. ލަކުނު ހުރުމުން ކޮންމެވެސް މަލާމާތެއްކޮށްފައި ހިތުގައި ޖެހޭ އެއްޗެއް ބުނެލަން ފަހެއްނުޖެހޭނެއެވެ. ނަމަވެސް ލުކުމާންގެ ދެލޯ ހުއްޓިފައިވަނީ އޭނަގެ ލޮލަށެވެ. އެހާ ވަރަށް ބަލަނީ އެލޮލުން ކޯންޗެއް ހޯދަންހެއްޔެވެ؟

"ކީއްވެ....." ލުކުމާން ސުވާލުކުރިއެވެ.

"ކޮންކަމެއް..." ސަވާނާގެ ހިތުގެ ތެޅުން އިތުރުވިއެވެ.

"ސްކޭން ހަދަން ޖެހުނު ސަބަބު؟ ޑޮކްޓަރަށް ދައްކަން ދިޔައީ އަހަރެންގެ ހުއްދަ ނުހޯދާ. ތީ ސިންގަލް ކުއްޖެއް ނޫންކަން ހަދާނުގައި ބަހައްޓައިގެން ބަސްއަހައިގެން އުޅެފާނަންތަ؟ ޔޫ އާ އެ މެރީޑް ވުމަން. އިރުއިރުކޮޅާ ރިމައިންޑްކޮށް ނުދިނަސް އެވަރު އެނގެންވާނެ. އަހަރެންގެ ވައިފްވީމަ މަގޭ ރެސްޕޯންސިބިލިޓީ ތަކެއްވެސް ހުންނާނެ. ގެއިން ބޭރަށް އެންމެ ފިޔަވަޅެއް އަޅަންޏާވެސް އެގެންވާނެ. ބަލިވިޔަސް އެނގުމުގެ ހައްގު އޮންނަންވާނެ. މިހުރިހާ ދުވަހު ބަލިވެ ސްކޭން ހަދާ ހިސާބަށް ދިޔައިރު ވެސް އަންގަންޖެހޭ ފަރާތެއް ހުރިއޭ ސަވާނާގެ ހިތަކަށް ނޭރި. އަމިއްލައަށް ގޮސް ޑޮކްޓަރަށް ދައްކާ ސްކޭން ހަދާ. ނޮޓް ބޭޑް......" ލުކުމާންގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިވިއެވެ. ސަވާނާގެ ހިތުގެ ތެޅުން އެހާ ބާރެވެ. ހަތަރެސްފައި ފިނިވެ ފިނިދަލެއް ހިއްލާލައިފިއެވެ. ލުކުމާން "ބައްޔެއް"ގެ ވާހަކަދައްކާއިރު އޭނަ އުޅެނީ ބަލިވެ ނޫންކަމާއި އެ ސްކޭނަކީ ބްލެޑާގެ ސްކޭނެއް ނޫންކަން ބުނެދޭންވީ ހެއްޔެވެ؟ ނޫނެކެވެ. އޭރުން ލުކުމާންގެ ހިނިތުންވުން ގެއްލިގެން ހިގައިދާނެއެވެ. ލުކުމާން އުފަލުގައި ބަހައްޓަން އޭނަ ބަލިވެސް ވެދާނެއެވެ. ލުކުމާން އެހާ ހިނިއައިސްފަ މިހިރީ ހަމަ އޭނަ ބަލިވީމަހެއްޔެވެ؟ ލުކުމާން އެހާ ނުލަފައީހެއްޔެވެ. އޭނަ ބަލިވީމަ އުފާ ކުރާނީ އޭނަދެކެ ހާދަ ވަރަކަށް ނަފްރަތުކުރާތީއެވެ. އޭނައާއި ދޭތެރޭ ލުކުމާން ކޮންމެ ގޮތަކަށް ދެކުނަސް އޭނަގެ ހިތުގައި ވަނީ މަތިވެރި ލޯތްބެކެވެ. އެހިތުގައި ޖަހާ ކޮންމެ ވިންދެއް ޖަހަނީ ލުކުމާންއަށްޓަކާ ކަހަލައެވެ. އޭނައަށް މިވަރުގެ ކުޑަ ގުރުބާނީއެއް ވެވިދާނެއެވެ.

"އަހަރެން މިވާހަކަ ދައްކަނީ ސަވާނާގެ ސިފައިގާ ހަދާފައި ހުރި ބުދަކާތަ؟ އާންސާ މީ............"

"ލޫކް ބުނީމެއްނު ކޮންމެވެސް ސިންޑްރޯމްއެއްގެ ވާހަކަ....ޕީރިއެޑް ނުވާތީ...." ސަވާނާ އެނދުގައި އިށީނީ ވަރުބަލިވެފައިވާގޮތަކަށެވެ. އެނބުރި ލުކުމާންއާއި ދިމާލަށް ނުބަލަންވެގެން އޭނަ މަސައްކަތްކުރިއެވެ. " އެކަމަކު ލޫކް ބުނީ ރަގަޅަކަށް ނޫން. އެކޮންޑިޝަން ހުރެގެނެއް ނޫން އެހެންވީ. އެކަކަށްވެސް އަބަދަށް ދެރަގޮތްގޮތް ނުވާނެ. ޑޮކްޓަރަށް ދެއްކުނީމަ މިއަދު މިހިރީ ދުވަހަކު އުފާނުވާ ވަރަށް އުފާވެފައި. ސަބަބަކީ ބަލިނޫންކަން އެނގުނީމަ. ހެއްދެވިފަރާތަށް ދުޢާކުރީމަ ހިތާމަތައް ފިއްލަވާނެކަން އެނގިއްޖެ. އައިމް އެކްސްޓްރީމްލީ އެކްސައިޓެޑް އެކަމަކު ހިޔެއްނުވޭ މި އުފާ ތަކާއި ބައިވެރިވާނެ އެހެން އިންސާނެއް މިވަގުތު ހުރިހެން. އެއްވެސް މީހަކު އަހަރެންދެކެ ލޯތްބެއްނުވޭ އެހެންވެ. ނަމަވެސް އެހެނޭ ކިޔާފައި އަބަދު ހިތާމަކުރިއެއްކަމަކު ގަދަކަމުން ލޯތްބެއް ނުހޯދޭނެ."

"ވާއު.........ހާދަ އެނގެއޭ.. އައިމް އިމްޕްރެސްޑް ބޭބީ......" ލުކުމާން ކުޑަކޮށް ހެމުން ކިޔައިލިއެވެ.

"ލޫކް ދެން ސާކޭސްޓިކް ނުވިޔަސް ހަގީގަތްވާނީ ހަގީގަތަށް. އެކަމަކު މިހާރު ފެނިއްޖެ އެ ރީޒަން ޓު ލިވް. އެ ރީޒަން ޓު ބީ ހެޕީ..............." ސަވާނާ ކުޑަކޮށް އެނބުރިލާފައި ލުކުމާންއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. ފަޅި ސިކުންތުކޮޅެކެވެ. ދެން އަނެއްކާވެސް ނަޒަރު ހުއްޓައިލީ އަތުގައި އޮތް ޕްރިންޓްކޮޅަށެވެ. ބުޅަލެއް ކޯޅިގަތް ކަހަލަ އަޑެއް އިވުމުން ސަވާނާ ސިހޭގޮތްވެފައި އެދިމާލަށް ބަލާލާފައި އެނބުރުނުއިރު ލުކުމާން ފެންނާކަށްނެތެވެ. ވެމްޕަރެއްހާ ހަލުތްވެވެ. އޭނަބޭނުންހާ ވާހަކަތަކެއް ނުދެއްކުނެވެ. ހިތްފުރޭވަރަށް ޝަކުވާއެއް ނުކުރެވުނެވެ. ދިގުކޮށް ވާހަކަދެއްކޭނެ ފުރުސަތެއް ނުދޭން ލުކުމާން އުޅޭ ސަބަބު އޭނައަށް ނޭގެނީއެއްނޫނެވެ. އެއްފަރާތުން ކިތަންމެވަރަށް މި ގުޅުން ރަގަޅުކުރަން އުޅުނަސް އޭނަ ބޭނުމެއްނުވެއެވެ. ނަމަވެސް ތަގުދީރުވަނީ އޭނައާއި އެއްކޮޅަށްހެން ހީވީ ހިތަށްނާރާފަދަ ގޮތަކަށް ކަންތައްވާން ފެށީމައެވެ. މިއީ ޚުދު އޭނަވެސް ހީނުކުރާފަދަ ޓްވިސްޓެކެވެ. ހަމަސްވާންދެން ޕީރިއެޑް ނުވެ ހުރީ ބަލިވެއިނުމުން ކަމަށް ހިތަކަށްވެސް ނޭރިއެވެ. ނަމަވެސް އެފަރާތުގެ ކުޅަދުންވަންތަކަން ދެކެބަލާށެވެ. ހަޔާތުގައި އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަމަށް ބުނާ އުސޫލުން މިއަދު އޭނަމިވަނީ އަޑިގަނޑު ގިރާކޮށް އަރާފައެވެ.

ސަވާނާ ދަބަހުގައި އޮތް ޕްރިންޓްކޮޅު ގެންގޮސް ރިޕޯޓްގައި ސްޓެޕްލްކޮށްލިއިރުވެސް ހެވުނެވެ. އެއަށްފަހު ވުޟޫކޮށްލައިގެން ނަމާދުކުރަންފެށިއެވެ. ގުރުއާންކިޔެވިއެވެ. އޭނަ ބޭނުންވީ ރަގަޅު އަންހެންކުއްޖަކަށް ވާށެވެ. މަންމަދެއްކި މަގުން ހިނގަން ބޭނުންވެއްޖެއެވެ. ފޮތްތަކާއި ލެކްޗަރުތައް ބެލިވަރަކަށް ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުވިއެވެ. އީމާންތެރިކަން ބަލިކަށިވެފައިވަނިކޮށް ތަންކޮޅެއް ރަގަޅުވާންފެށިއެވެ. ލިބުނު އުފާވެރިކަމުގެ ސަބަބުން ހައްތަހާ ބޮޑަށް އޭނަ ނަމާދާއި ގުރުއާން އަދި ދީނީ އަޅުކަންތައްތަކަށް ފަރުވާ ބަހައްޓަން އަޒުމް ކަނޑައެޅިއެވެ. އޭނަ ބުރުގާވެސް އަޅާނެއެވެ. އެކަމަށް ލުކުމާންގެ ހުއްދަ ހޯދާކަށް ޖެހޭނެކަމަކަށް އޭނަ ގަބޫލެއްނުކުރެއެވެ. ނަމަވެސް ލުކުމާން ކައިރީ ބުނެލުމަކުން ގެއްލުމެއްނުވާނެއެވެ. އޭނަ ޝޮޕިންއަށް ގެންދަން ބުނާނީއެވެ. ބުރުގާ ފިހާރައަކަށް ގެންދާން ބުނުމުން މައްސަލަވެސް ޖައްސަފާނެކަން ނޭގެއެވެ.

ލުކުމާން ބެލްކަނީގެ ރެއިލިންގައި އަތް ޖައްސާލައިގެންހުރިއިރު އެތުންފަތްމަތީގައި ވަނީ އުފާވެރިކަމުން ފުރިފައިވާ ހިނިތުންވުމެކެވެ. ސަވާނާގެ ސްކޭން ޕްރިންޓް ބަލާލާފައި އޭނަ ބެލްޑާ ސްކޭންއެކޭ ކިޔައިގެން ދިމާކުރިޔަސް އޭނައަށް އެންމެ ނަޒަރަކުން އެ ތަސްވީރު ފާހަގަވިއެވެ. ދަރިފުޅުގެ ޖިންސްވެސް ވަކިކުރާން އެނގުނެވެ. ލިބުނު ޝޮކް ފިލާ ދިޔުމުން މުޅި ހަށިގަނޑުގައި އުފާވެރިކަމުގެ ރާޅު ބާނިތައް ޖަހަންފެށިގޮތަށް އުފާވެރިކަން ހުރިހާ ސެލްތަކެއްގައި ހިނގާލިއެވެ. ހިތް ހީވީ އުފަލުން ފަޅައިގެންގޮސްދާނެހެންނެވެ. އޭނަގެ ހިތަށް ވީވަރު ސިއްރުކުރަން ކިތަންމެހާވެސް ކުޅަދާނައެވެ. ސަވާނާއަށް މުޅިން އޮޅުވާލިއިރު ލޮލުން އެއްވެސް ކުލަވަރެއް ދައްކައިނުލިޔަސް އޭނަގެ ހިތް އުފަލުން ހަޅޭއްލެވިއެވެ. ކޮޓަރިން ބޭރަށް ނުކުމެފައި ދެލޮލުން ފޮހެލީ އުފާވެރިކަމުގެ ކަރުނައެވެ. ހަނދުގެ ދަރުބާރުގައި ތަރިތައް ވިދާ ބަބުޅާ ހިތްގައިމު މަންޒަރަށް ބަލަން ހުރެ އޭނަ "ތޭންކް ގޯޑް" އޭ ބުނެލިއެވެ. އޭނަ އެއްގޮތަކަށްވެސް ހަޔާތުގެ ބައިވެރިޔެއްގެ ގޮތުގައި ސަވާނާ ބޭނުމެއްނުވެއެވެ. ނަމަވެސް އޭނަ ދަރިޔަކު ލިބުމަށް އެދެއެވެ. އޭނަ ތުއްތުއިރު ބައްޕައެއްގެ ފަރާތުން ނުލިބުނު ކުލުނާއި ލޯބި އަމިއްލަ ދަރިފުޅަށް ދެވޭނެ ދުވަހަކަށް އޭނަ އިންތިޒާކުރި ކުރުން ނިމުމަކަށް އަތުވެއްޖެއެވެ. ބަޔާންކުރަން ދަތި އުފަލެއްލިބުނީ އެހުރިހާ ސަބަބަކާއިހެދިއެވެ. ދަރިފުޅު ދެކޭހިތުން ކެތްނުލެވީ އެހެންވެއެވެ.

"އައި ހޭވް ޓު ސެލެބްރޭޓް. ހަނދުވެސް މިއުފަލުގައި ހިނިތުންވާފަދަ. ސަވާނާ އެކަމަކު ހާދަ ގޯހޭ ނުވެސް ބުނެ ހަމަ އެހެރީ. ކުޅަދާނަ ކުއްޖެއް. އެހެން ހެދީތީ އަހަރެންވެސް އެނގޭކަމަކަށް ނަހަދާނަން. ހަ މަސްވީއިރު އެކަން ފޮރުވައިގެން. ހީކުރެވުނީ ހަމަ ފަލަވަނީކަމަށް........." ލުކުމާން ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހައިލަމުން ފުންނޭވައެއް ދޫކޮށްލިއެވެ. އަމިއްލަ ނަފުސާއި ހިނިތުންވެލިއެވެ.

 

ޖެހިގެން އައިދުވަހު ލުކުމާން އޭނަގެ މަންމަ ކައިރީ ބުނެގެން ކުޑަ ކުޑަ ޕާޓީއެއް ބޭއްވިއެވެ. ދައުވަތުދިނީ އާއިލާ މީހުންނަށެވެ. އެ ޚާންދާނުގެ ގިނަ އާއިލާތައް މިހާރު އެހެން ގައުމުތަކަށް ހިޖުރަކޮށްފައިވުމުން މާލޭގައި އުޅޭ މީހުން މަދެވެ. އެހެންނޫންނަމަ އެއީ ބޮޑު ޚާންދާނެކެވެ. ދަރިޔަކު ލިބެން އުޅޭތީ އެކަމުގެ އުފަލުގައި ސަދަގާތް ދޭންވެގެންނެވެ. އެންމެން ހީކުރީ ލުކުމާން އާއިލާއާއި ބައްދަލުވުމުގެ އުފަލުގައި ދިން ކެއުމެއްކަމުގައެވެ. ގޮނޑިތައް ފުރެމުން ދިޔައިރު އެއްވެސް ދިމާލަކުން ސަވާނާ ފެންނާން ނެތުމުން އަރުޖަމަންދުއަށް އެގޮތް ކަމަކުނުދިޔައެވެ. ސަވާނާ ނެތި މިރޭ ޕާޓީ ފުރިހަމައެއްނުވާނެއެވެ. އޭނަގެ ބަސްއަހާ ޅީދަރިފުޅު އެހެންމީހުންނާއި ބައްދަލުކުރުވާނެއެވެ.

"ނަންނި ކެއުމުގައި ބައިވެރިވާން ޖެހޭނެއްނު. ތިހެން ނަހަދާ..... " އަރުޖަމަންދު ދޮރުމައްޗަށް އެރިއިރު ސަވާނާ އޮތީ ސޯފާގައި އޮށޯވެލައިގެންނެވެ ފައިދަށަށް ބާލީސް ލައްވައިގެން އަރާމުގައި ޖައްސާލާފައެވެ.

"ނުކެރޭނެ...." ސަވާނާ މައިދައިތައަށް އިހުތިރާމްކުރުމުގެ ގޮތުން ތެދުވެ އިށީނެވެ.

"މަންމާ. ޝީ ހޭޒް ސޯޝަލް ފޯބިއާ. އެހާ ލަދުން އުޅޭކުއްޖަކު މީހުންތެރެއަށް ނެރޭކަށް ނުވާނެ.............." އަރުޖަމަންދުގެ ފަހަތުން ކޮޓަރިއަށް ވަން ލުކުމާން ފެނުމުން ސަވާނާގެ މޫނު ރަތްވާގޮތްވިއެވެ. ކްރީމްކުލައިގެ ޖިންސަކާއިއެކު ހުދުކުލައިގެ އަތްދިގު ގަމީހެއްގައި ހުރުމުން ސްމާޓްކަމުން މޮޑެލްއެކޭ ތަފާތެއްނެތެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ޝަޚުސިއްޔަތު ވަރުގަދަކޮށްދެއެވެ. ހުރިހާ ވިޔަފާރިއެއް ބޮލުގައި އަޅައިގެން ޒިންމާދާރުކޮށް މަސައްކަތްކުރާތީ ބަލާލާފައިވެސް ހަރުދަނާ ޒުވާނެއްފާޑު ހުއްޓެވެ. މިރޭ އަދި ވަކިން ރީތިހެން ހީވެއެވެ. އޭނަގެ މަންމަ ގެ އިސްކޮޅުން ދިގުމީހެއްކަމުގައި ކިޔޭނެއެވެ. އެކަމަކު ލުކުމާން ކައިރީ އޭނަގެ މަންމަ ހީވަނީ ކުޑަކުއްޖެއްހެނެވެ.

"ދަރިފުޅާ. ފެމިލީއަށް އެނގެންވާނެ ލޫކްގެ ވައިފް. މިރޭ އިންޓްރޮޑިއުސްކޮށް ދޭންވާނެ. އަހަރެމެންގެ ޅީދަރި ކިހާ ލޯބި. ހަމަ ކުޑައިރު ހުންނަގޮތަށް ފުށްކޮށް އަދިވެސް މިހިރީ........" އަރުޖަމަންދު ސަވާނާގެ ކޮލުގައި ހިފާލައިފިއެވެ. "އަވަހަށް ތެދުވެ ހެދުން ބަދަލުކޮށްލައިގެން ލޫކްއާއިއެކު ހިގާ. އެންމެން އެބަ އަހާ ލޫކްގެ ވައިފް ކޮބާހެއްޔޭ. ކުރީދުވަހުވެސް ނަންނި އުޅުނީ އެކަކަށްވެސް ނުފެނި ފިލައިގެން..."

ކިތަންމެ ނުދާން ހުއްޓަސް އަރުޖަމަންދު އެހާ ރީތިކޮށް ބުނުމުން ތައްޔާރުވާން މަޖުބޫރުވިއެވެ. ގަޔަށްދޫކޮށް އޮތް ހެދުމެއްލިޔަސް ބަނޑު ހާދަ ބޮޑޭހިތަށް އެރިއެވެ. ނޫނެކެވެ. އޭނަ ފަލައީކަމުގައި ނޫނީ އެހެން މީހުން ނުދެކޭނެއެވެ. މަންމައަށްވެސް އޭނަގެ ބަނޑު ފާހަގައެއްނުވިއެވެ. ވާނީވެސް އެހެންނެވެ. ބަލިވެއިނުމުގެ ކުރިންވެސް ބަނޑެއްލީއެވެ. ލުކުމާންކަހަލަ ރީތި މީހެއްގެ އަންހެނުންގެ ގޮތުގައި އެންމެނަށް ތަޢާރަފުވާން އޭނަ ލަދު އެބަގަނެއެވެ. އެހެންނޫނަސް ލުކުމާންއަކީ މިގޭ މީހެއް ނޫނެވެ. އެހާވަރުން އޭނަ ގެންދަނީ ކީއްކުރަންހެއްޔެވެ. ލުކުމާން ޕާޓީތެރޭ ދެއްކީ އެހެން ކުލައެކެވެ. އޭނައާއިއެކު އުފާވެރިކަން ބޭރުފުށުން ދައްކައިގެން އުޅެނީކަމުގައި ސަވާނާ ހީކުރިއެވެ. ލުކުމާން އޭނަގެ އަންހެނުން މިހާ ފަލަމީހެއްގެ ގޮތުގައި އާއިލާއަށް ތައާރަފުކޮށްދޭކަށް ބޭނުން ނުވާނެކަމުގައި ޔަގީންކުރެވުނެވެ. ނަމަވެސް ލުކުމާން މިރޭ ވަކިން ބޮޑަށް އުފާވެފައި ހުރިކަމަށް އޭނަގެ ދެލޯ ހެކިދެއެވެ. އޭނަގެ އަތުން ދޫކޮށްނުލާ އުޅެން ބޭނުންވުމުން ސަވާނާއަށް ހައިރާންކަމެއް ލިބުނެވެ.

ލުކުމާންގެ ފޮރުވިފައިވާ ޓެލެންޓެއް އެރޭ އޭނަ ހާމަކޮށްދިނެވެ. ގިޓާގައި ރާގެއް ކުޅެލަމުން ލަވައެއް ކިޔައިލިއިރު ސަވާނާގެ ހަށިގަނޑުގައިވާ ލޯލިތައް ކޮޅަށްޖެހި ދެލޮލަށް ކަރުނަ ޖަމާވާހާ ވަރަށް ޖަޒުބާތީވެވުނެވެ. ހުރިހާ އެންމެންގެ ހިތްތަކާއި ކުޅެލާފަދަ އަސަރެއް އެ ޖާދުވީ އަޑުގައިވިއެވެ. އެހާ ސަކަރާތްޖަހާ އަޑުގަދަކުރަން ތިބި ޒުވާނުންވެސް ހިމޭންކަމާއިއެކު އަޑުއަހަން ތިބިއިރު ޖެހެމުންދިޔަ ވައިރޯޅިތައްވެސް ހުއްޓުނުފަދައެވެ. ގަހުން ފަތެއް ހިރިނުލާއިރު ދޫނި ސޫފާސޫފިވެސް އެއަޑަށް ހިމޭންވިފަދައެވެ. އެހާ އަސަރުގަދައެވެ. ގައިން ހީބިހިހަލުވާފަދަ ލަވައެކެވެ. އެންމެފަހު ބައިތާއިއެކު ފަޅިސިކުންތުކޮޅަކަށް ދެމީހުންގެ ނަޒަރު ބައްދަލުވިގޮތަށް ދުރުބަލައެއް ނުލެވުނެވެ. ލުކުމާން "އެކްޓް" ޖައްސަނީ ހެއްޔެވެ؟ ނޫނީ ހަގީގަތުގައިވެސް އެދެލޮލުން އޭނައަށްޓަކާ ނަފްރަތު ނޫން އެހެން ޝުއޫރެއް ފެނުނުބާވައެވެ. ސަވާނާ ހިންދިރުވައިލިއެވެ. ލަވަ ނިމުމުން އެންމެންގެ އަތްތިލަބަޑީގެ އަޑަށް މުޅި ހިސާބުގެ ހިމޭންކަން ކެނޑުނެވެ. އެންމެންގެ ތައުރީފުގެ ލަފުޒުތައް އަމާޒުވިއެވެ. ސަވާނާ އަތުގައިވާ ހީބިހި ފިލުވައިލަން މަޑުމަޑުން އަތުގައި ފިރުމަންފެށިއެވެ.

"އެންމެންވެސް މެރީކުރުމަށްފަހު އެންމެ ވެއިޓްކުރާނީ މި މޯމެންޓަށޯ. ކުރިން އަހަންނަށްވެސް އަންޑަސްޓޭންޑެއްނުވޭ ކީއްވެކަމެއް އެހާ ސްޕެޝަން މޯމެންޓަކަށްވަނީ. ބަޓް ނައު އައި ޑޫ.......ގެސް ހޫޒް ގޮއިން ޓު ބީ އެ ޑޭޑް.........." ލުކުމާން އެހެން ބުނަމުން ބަލައިލީ ސަވާނާގެ މޫނަށެވެ. މާނަވީ ފުން ބެލުމެވެ. އެހެން ދުވަހު ހުންނަ ހަރުކަށިކަން ފިލާ އެލޮލުން އެފެނުނީ "ލޯބި"ހެއްޔެވެ. އެބުނި ބަސްތައް ނަގައިގަނެވުމުން ސަވާނާއަށް ޝޮކެއްލިބި އެސްފިޔަ ޖަހައިލަން ނޭގި ބަލަން ހުރެވުނީއެވެ. ލުކުމާން ބްލެޑާ ސްކޭނޭ ކިޔާފައި އޭނައަށް އޮޅުވާލީއެވެ. އޭނަ އެޕްރިންޓްކޮޅުން ހުރިހާ އެއްޗެއް ދެނެގެންފިއެވެ. ރިޕޯޓްނުބަލާ އެންމެ ނަޒަރަކުންވެސް އޭނަ އެކަން ދެނެގަތީ އެކަމުގެ އިލްމު ކޮންމެވެސް ވަރަކަށް ހުރީމަކަމުގައި ސަވާނާ ނިންމިއެވެ.

"މައި ވައިފް އިޒް ޕްރެގްނެންޓް....." ލުކުމާން މައިކް ހިފަހައްޓައިގެން ހުރެ ދިނީ އެތައް ބަޔަކު އުފާކުރުވި ޚަބަރެކެވެ. އަރުޖަމަންދު އަނގަމަތީގައި އަތްއެޅިއިރު ދެލޮލުން ކަރުނަ ނިރާލައިފިއެވެ. އާއިލާ މެމްބަރުން އެދެމަފިރިންނަށް މަރުހަބާ ކިޔަންފެށިއިރު ސަވާނާ ހިނިތުންވެލައިގެން ހުރެ ވާހަކަދެއްކިއެވެ. އޭނަގެ ހިތްހެޔޮކަމާއި ސާދާކަން އެތައްބަޔެއްގެ ހިތާއި ކުޅެލިއެވެ.

ދެއްކުންތެރިކަމުގެ ގޮތުން ނަމަވެސް އެންމެންގެ ތެރޭ ލުކުމާން ހިނިތުންވެލާފައި އެއުޅުނުގޮތުން ހަމަ ފެއަރީޓޭލެއްގައި އުޅެވުނުހެން ހީވިއެވެ. އެއީ އޭނަ އުޅެން ބޭނުންވާ ލޯބީގެ ދުނިޔެއެވެ. އެފަދަ ލޯތްބަކަށްޓަކާ ހިތް އެދޭތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ކޮޓަރިއަށް ވަދެފާ ހިތް ބިރުގަތީ އެހިސާބުން ލުކުމާން ބަދަލުވާނެކަމަށް ޔަގީންކުރެވުނުވަރުންނެވެ. ނިދަން ތައްޔާރުވުމަށްފަހު ނިދާ ހެދުންލައިގެން އެނދުގައި އިށީންއިރު ލުކުމާންއިނީ ސޯފާގައި ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ދުން އަރައަރާ ހުރި ކޮފީތަށީގެ މީރުވަސް ކޮޓަރީގައި ހިފާލާފައިވުމުން އަރާމުކަމެއް އިހުސާސްވިއެވެ.

"ލޫކް. ކިހިނެއް އެނގުނީ؟ "

"ހާދަ ސުވާލުގިނައޭ. އެނގުނުގޮތެއް މުހިއްމެއްނޫނެއްނު. އޯލް އައި ނޯ އިޒް ސަވާނާ ޕްރެގްކަމާއި އަހަރެމެންނަށް ލިބެނީ ފިރިހެން ކުއްޖެއްކަން............." ލުކުމާންގެ ޖުމްލައިން އަދި ވަކިން ބޮޑަށް ސަވާނާ ހައިރާންވިއެވެ. ފިރިހެންކުއްޖެއްކަން އެނގުނީވެސް ހަމަ އެޕްރިންޓްކޮޅަށް ބަލާލައިގެން ހެއްޔެވެ. އެވެސް ކުޑައިރުކޮޅަކަށެވެ. ސަވާނާ އެ ސުވާލު އެހިޔަސް އެހާ ފަސޭހައިން ލުކުމާން ޖަވާބުދޭނީއެއް ނޫނެވެ.

"ލޫކް ހިތަށް އަރާނެ މިހާ ދުވަސްވީއިރު ނުވެސް ބުނެއޭ........"

"ނުބުންޏަސް ސިއްރުކުރެވޭނެ ކަންތައްތަކެއް ނޫނެއްނު ތިހުންނަނީ. އެނީވޭސް މިރޭ އަހަރެން އެންމެންތެރޭ ފާޅުކުރި ޚިޔާލަކީ އެއީ ދޮގެއްނޫން. ހިތުގައިވާ އެއްޗެއް ހަމަ ބުނެލީ. އުފާވޭ އަހަންނަށް ދަރިއެއްލިބެން އުޅޭކަން އެނގުނީމަ. އަހަންނާއި ސަވާނާގެ ކޮންމެކަހަލަ ގުޅުމެއް އޮތަސް ހަމަ ޔަގީނުންވެސް ދެމީހުންނަށް ދަރިއެއްލިބުމަށްފަހު އެގުޅުމެއް ދުވަހަކު ނުކެނޑޭނެ. ދަރިފުޅާއި މަންމަ ވަކިކުރުމަކީ ކުރަން ބޭނުންވާނެކަމެއްނޫން. އެހެންވީމަ އަހަރެމެން އަބަދަށް އެކީ އުޅޭނެކަމަށް ބަލާފައި މިގުޅުން ތަންކޮޅެއް ރަގަޅު ކުރަންވެއްޖެކަން ނޭގޭ....." ލުކުމާން ލެޕް ލައްޕާލާފައި ސަވާނާއާއި ދިމާލަށް ނަޒަރު ހުއްޓައިލިއެވެ. އެހާ ދުރުގައި އިންއިރުވެސް އެލޮލުގެ ތޫނުކަމުން ހިތަށް ގޮތެއްވިއެވެ.

"އައި ނޯ. ބަޓް"

"ޔޫ ކާންޓް އެސްކޭޕް ނައު....." ލުކުމާން ހީލިއެވެ.

"ގަބޫލުކޮށްފިން. ލޫކް ދަރިއަކު ބޭނުންވާވަރު ތިއިން އެނގެނީ. ބުނެފާނަން ވާހަކައެއް. ނޫނީ ލޫކް ހިތަށް އަރާފާނެ ސިއްރުކޮށްގެން ހުރީއޭ. މިސްއަންޑަސްޓޭންޑް ވާކަށް ބޭނުމެއްނޫން. ހަގީގަތުގައި އަހަންނަށް ޕްރެގްކަން އެނގުނީ ސްކޭން ހެދީމަ. އިޓް ވޯޒް އެ ސަޕްރައިޒް ފޯ މީ ޓޫ.................."

"މިހާރު ތި ހުރިހާ އެއްޗެއް ކިޔާނެ. އަހަންނަކަށް އަންހެނަކަށް ޓްރަސްޓެއް ނުކުރެވޭނެ. އަހަރެން މިރޭ މިގޮތަށް އެނައުންސް ނުކުރިނަމަ ވިހަންދެން ސިއްރެއްގެ ގޮތުގައި ބާއްވާނެ..........." ލުކުމާން ތެދުވެގެން އައިސް އެނދުގެ މަގަތުގައި އިށީނެވެ. ދުރުގައި އިނދެގެން ވާހަކަދައްކަން އުދަގޫވީއެވެ.

"ނޫން......"

"ޔެސް. ސަވާނާ އެކަން ފާޅުކުރާކަށް ނެތް. އެހެންނޫންނަމަ އަހަރެން ބްލެޑާ ސްކޭން އޭ ކީމަ އެވަގުތު އެކަން ސާފުކޮށްދޭނެއްނު. ދެން ސޮރީއޭ ނުބުނައްޗޭ. މާފަށް އެދެން ހިތަށްވެސް ނާރުވާތި. ސަބަބަކީ އަހަރެން ސަވާނާގެ މަގާމުގައި ހުރިނަމަވެސް ކަންތައްކުރާނީ ތިހެން. އަހަރެން ނުވެއެއްނު އަޅާލާ ފިރިޔަކަށް. ނަމެއްގައި ހުރިމީހެއް. ސަވާނާ ބުނާގޮތުން ވިއްޔާ ވަރިވެސްކޮށްފައި. ހޫމް އަދި މިހެން އަހަންވެގެން ހުރީ. ކާކު އެވަރުގެ ވާހަކައެއް ހަދަހަދައިގެން ދެއްކީ. އެކަން އެނގެން ބޭނުން؟ " ލުކުމާން ސުވާލުކުރަން ފެށުމުން އާލިމާ ދެއްކި ވާހަކަތައް ސަވާނާ ބުނެދިނެވެ. ލުކުމާން ހިނި އައެވެ. އަންހެންކުދިންގެ ހަސަދަވެރިކަމާއި ރުޅިވެރިކަން ހުންނަވަރަކީ އެއީއެވެ. އެފަދަ ފުރުސަތަކަށް ބަލަބަލާ ތިބެފައި ދޮގުތަކެއް ހެދީއެވެ. އޭނަ އިޒިކްކައިރީ ދެއްކި ވާހަކަތައް ސަވާނާގެ ކަންފަތާއި ހަމަޔަށް ފޯރީ އެހެން ގޮތަކަށެވެ. އާލިމާނޫނީ ލިވިއާއާއި އެވާހަކަ ދައްކާކަށް އޭނަ ބޭނުމެއްނޫނެވެ. އެއީ މާޒީއެވެ. އަލުން މާޒީގެ ސަފުހާތައް ހުޅުވާލަކަށް އޭނަ ނެތެވެ.

ލުކުމާން ކެމްޕެއިން އޮފީހުގައި ކޮމްޕިއުޓަރުކައިރީ އިނެވެ. އަތުގައިވާ މިންޓް ޗޮކްލެޓް ޗިޕް އައިސްކޯނު ލަސްލަހުން ހުސްވަމުންދިޔައެވެ. ކުއްލިއަކަށް ފަހަތުން އައިމީހަކު އެ އަތުލިގޮތަށް ކާންފެށިއެވެ.

"މްމްމް ޔަމީ.......ސޯ ހަމަ މިހާރުއްސުރެ ބޭބީ ބޯއިސްތަކުގެ ނަން ހޯދަންފެށީ...ކައިސް ކިޔަންވީނު. މަގޭ ނަމާއި ގުޅުވާފައި..........." ކައިދަން ލުކުމާންގެ ކޮނޑުގައި އަތް އަޅުވާލައިގެން އިނދެ ނަންތަކަށް ނަޒަރު ހިންގައިލަމުން އެންމެ ލޮލުގައި އަޅައިގަތް ނަން ކިޔާލައިފިއެވެ.

"އެކަމަކު އަންބިލީވަބްލް."

"ވަޓް ޑޫ ޔޫ މީން......" ލުކުމާން އަހައިލިއެވެ.

"އަހަރެން ހީކުރީ ހަމަ ކައިވެނީގެ ރޭ ނޫނީ ދެމީހުން ނިދަނީ ދެ ރޫމްގައި ކަމަށޭ. ލޫކް އަމިއްލައަށްވެސް ކޮންފެސްކުރީމެއްނު ގުޅުމެއްނެތޭ ކިޔާފައި. ހޫމް. ސިއްރުން ކުރާކަންތައްވެސް ބޭޒާރުވޭ. ނަންނި ފެޓީއޭ ކިޔަކިޔާފައިވެސް ދުރަކުން ނޫޅެވުނެއްނު. ހަމަ އެޓްރެކްޓްވާތީއެއްނު. ހަމަ މި ފިރިހެނުންނަށް މައިތިރިވެގެނެއް ނުތިބެވޭނެ. މަގޭ ހިތަށް އަރާ ލިވީއަށް މި ޚަބަރު ލިބުނީމަ ކިހާވަރެއް ވާނެއޭ. އައި މީން ލިވީވެސް ހީކުރީ ލިވީއަށްޓަކާ ނަންނިއާއިއެކު ސްލީޕްނުކުރާ ކަމަށޭ. އައި ކާންޓް ވެއިޓް ޓު ސީ ދަ ލުކް އޮން ހާ ފޭސް. ވަރަކަށް ކަޑަވާނެ. މިހާރުވެސް އެބަ ފެނޭ ލިވީ އަނގަގަނޑު ސަކަރާތްވެފައި އިންނާނެގޮތް.............." ކައިދަން ހިނިގަނޑެއްޖަހައިލިއެވެ.

"މާ އެކްސައިޓް ނުވޭ. ސަވާނާ ސިކްސް މަންތްސް ޕްރެގް...."

"ވަޓް ދަ..........." ކައިދަން ދެލޯ ބޮޑުކޮށްލިއެވެ.

"ހޫމް ރޭ ޑިނަރއަށް އައި އެންމެން ހީކުރާނީ ތިގޮތަށް. އަދި ކިރިޔާ ޕްރެގްވީކަމަށް......." ލުކުމާން ބުނެލިއެވެ.

"އެއީ ދޯ ނަންނި އެހާ ޗަބީވި ސަބަބު. އެނީވޭސް މި އައިސްކޯންހާ ޑެލިޝަސް ޕީސް އޮފް ނިއުސްއެއް މަށަށް މިލިބުނީ. ކޮންގްރާ ލަވް......." ކައިދަން ލުކުމާންގެ ކަނދުރާގައި ބައްދައިގަތްގޮތަށް ދޫކުރާކަށް ނޫޅުނެވެ. އެހެން މުވައްޒަފުން މަޖާވެލާފައި ދެއެކުވެރިންގެ ސަކަރާތް ދެކެން ތިއްބެވެ. ލުކުމާންއާއި ކައިދެންގެ އެގާތްކަމާއި އެކުވެރިކަމުގެ ސަބަބުން ނުބައި މާނަ ނަގަނީވެސް ބޮޑަށް ކައިދަން އުޅޭ ވައްތަރަކުންނެވެ.

ލިވިއާ އަލަށް ފަށައިގަތް ވިޔަފާރިއެއްކަމުން އެހެން މީހުންގެ އެހީތެރިކަން ކިތަންމެހާވެސް ބޮޑަށް ބޭނުންވިއެވެ. ކުރިން މާތައް ގެނެސްދިނީ އިމާދުއްދީން ހަވާލުކޮށްފައި ހުރި މީހެކެވެ. ފަހުން އެމީހަކާއި ނުގުޅުނެވެ. އެޕާޓްމެންޓް ހުރީ އަހަރަކަށް ކުއްޔަށް ހިފާފައިކަމުން ތަނުގެ ކުލި ދައްކަން ނުޖެހުނަސް ކަރަންޓް ބިލާއި ފެންބިލް އައުމުން ބޮލު ރިހުމަކަށް ވިއެވެ. ކައިދަންއަށް ގުޅާފައި ފަހުން ދޭ ގޮތަށް ފައިސާ ކޮޅެއް ދޭން އެދުމުން ކައިދަން ބުނީ ހިލޭ އަންހެންކުއްޖަކަށް ފައިސާދޭން އޭނަގެ ޟަމީރު ތަންނުދޭ ކަމުގައެވެ. އޭނަ އެކަމާއި ވިސްނާނެ ކަމުގައެވެ. ލިވިއާ އާދޭސްކުރުމުން އެންމެފަހުން ގެއަށް ބޭނުންވާ ޚަރަދުކުރަން ފައިސާ ޓްރާންސްފާކޮށް ދިނެވެ. އިމާދުއްދީން ހުޅުވާދިން ފިހާރައަކަށް އޭނަ އެހީވާނެގޮތެއް ނެތެވެ. އޭނައަށް ކޮށްދެވޭނެ ކަމަކީ ކުންފުނިން ވަޒީފާއެއް ދިނުމެވެ.

"އޯކޭ ޕްލީޒް ޕްލީޒް. އައިމް ޑެސްޕެރެޓް.." ލިވިއާ ހަމަ ރޮއިގަތެވެ.

"ލިބޭ އެއްޗަކުން ނުފުދޭ މީހުންނަށް ވާނީ މިވަރު...." ލިވިއާ އަމިއްލަ ނަފުސަށް އެއްޗެހި ގޮވިއެވެ. ފޯނު ބާއްވާފައި ސޯފާމައްޗަށް ވެއްޓިގަތްގޮތަށް ސީލިންއަށް ނަޒަރު ހުއްޓާލައިގެން ފުން ޚިޔާލެއްގައި އޮތެވެ. އަނެއް ގޮނޑީގައި ސޯފާގެ އަތްގަނޑަށް ދެފައި ނަގައިގެން އޮތް އާލިމާ ފޯނުން ނޫސްކިޔަން އޮވެފާ ލިވިއާއަށް ގޮވައިލިއިރު އޭނަ އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ. މިއީ ހަމަ ލުކުމާންގެ ވާހަކައެވެ. އޮފީލިއާގެ ވެރިޔާ އަރުޖަމަންދުގެ ދަރިފުޅު ކުޑައިރު ވަކިވީގޮތަށް އަނބުރާ އެއައިލާއަށް ލިބުނު ކަމަށް ލިޔެފައިވާ ލިޔުމެކެވެ. ލުކުމާންއާއި އޭނަގެ މަންމަ އެކީ ނަގާފައި ހުރި ފޮޓޯއަކާއި ލުކުމާންގެ އިތުރު ދެތިންފޮޓޯ ޖަހާފައިވިއެވެ. އެއީ އެ ޝާހީ ޚާންދާނުގެ ފަރާތުން ހިންގާ ނޫހެއްކަމުން އެމީހުންގެ ވާހަކަތައް ލިޔެ ތިމާމެންގެ މޮޅުކަމާއި މުއްސަދިކަން އަންގަނީ ނޫންހެއްޔެވެ؟ އިޝްތިހާރުނުކުރިޔަސް އެމީހުންގެ ދަރިފުޅު އެމީހުންނަށް ލިބިއްޖެ ނޫންހެއްޔެވެ. ލިވިއާގެ ގައިގާ ކޮށްޓާލާފައި އާލިމާ އެ އާޓިކަލް ދައްކާލައިފިއެވެ. ލިވިއާ ހެޑްލައިން ކިޔާފައި ހިތަށް ލޮޅުމެއް އެރިގޮތަށް އިނީ ޝޮކެއްގައެވެ. އެ އާޓިކަލް ކިޔާ ނިމިގެންވެސް އަނގައިން ބަހެއް ނުބުނެ ކާބަޔަށްގޮސް ކޮފީއެއް ހަދާލައިފިއެވެ. އޭނައަށްވެފައި ހުރިގޮތުން އާލިމާ ބިރުގަތެވެ. އާލިމާ ސުވާލުކުރުމުން ހަޅޭއްލަވައިގަތުމާއިއެކު ކޮފީތަށި އޭނައާއި ދިމާލަށް ހޫރާލައިފިއެވެ. ބާރު އަޑުފަށްގަނޑަކާއި އެކު ތަށި ތެޅި މުޅިތަނަށް ކޮފީ ބުރައިގެން ހިގައްޖެއެވެ.

ލިވިއާ ކޮޓަރިއަށްވަދެ އަތުކޮޅަށް ދޮރު ޖަހައިލުމުން ބިންގަޑުވެސް ގުޑައިލިއެވެ. އާލިމާ ބިރުން ނޭވާ ހިފަހައްޓާލައިގެން އިނެވެ. އޭރު އޭނަގެ ހިތަށްވެސް ނުބައިގޮތެއް ވެއްޖެއެވެ. ލިވިގެ ހިތަށް ކުރާނެ އަސަރު ކޮންމެވެސް ސިފައެއްގައި އަންދާޒާކުރެވުނެވެ.

ލިވިއާ އެނދަށް ވެއްޓިގަތްގޮތަށް އަތުގެ އިނގިލީގައި ދަތްއަޅައިގަތެވެ. އޭރު ދެލޯ ފުރިގެން ބަންޑުންވާން ފަށައިފިއެވެ.

"ނުވާނެ ތެދަކަށް. އެއީ ކައިދަން އަހަންނަށް ޖެއްސުންކުރަން ދެރަކުރަން އާޓިކަލްއެއް ލިޔުނީކަމަށްވާނީ. އޭނަގެ އާއިލާ މީހުންނަށްވީމަ ފަހަރެއްގައި އަރުޖަމަންދުއާއިއެކު ފޮޓޯއެއްވެސް ނެގިދާނެ. އަހަރެން ރޮއްވީމަ ކައިދަންގެ ހިތަށް އުފާލިބެނީތަ؟ މިހާ ދެރަކޮށްލާކަށް ނުވާނެ. އަހަރެން ކައިދަންއަށް ބިޓްރޭ ކުރީއެއްނޫން. މިހެން ހަދަން ހެޔޮނުވާނެ. ލޫކްވެސް އަހަންނަށް މިހާ ބޮޑު ލަނޑެއްދޭންވީ ކިއްވެ. ހިތް ހަލާކުވަނީ......" ލިވިއާ ފޯނުނެގިއެވެ. ކައިދަންގެ ނަމްބަރަށް ގުޅަންފެށިއެވެ. ނަމްބަރު އޮތީ ނިވާލާފައިކަމުގައި ބުނުމުން ތަކުރާރުކޮށް ގުޅުނު އަދަދެއްވެސް ނޭގެއެވެ.

ލިވިއާ އޮފީލިއާގެ ގޭޓްކައިރީ މަޑުކޮށްލައިގެން ހުރެ ހުރެ ދެފައި ވާޅުވާވަރުވިއެވެ. އެތައް އިރެއްވީފަހުން އެތެރެއިން ނުކުމެގެން އައީ ޒުވާން އަންހެންކުއްޖެކެވެ. ޔުނިފޯމް އަޅައިގެން ހުރިގޮތުން އެގޭގައި މަސައްކަތްކުރާ ކުއްޖެއްކަން އެނގި ކައިރިއަށް އައުމަށް އިޝާރާތްކޮށްލެވުނެވެ. ލިވިއާ ބުނީ އޭނަ ސަވާނާއާއި ބައްދަލުކޮށްލަން ބޭނުންކަމުގައެވެ. އޭނައަކީ ސަވާނާގެ ބެސްޓްފެރެންޑް ކަމުގައެވެ. އެ ކުއްޖާ ބުނީ އާއިލާގެ ހުރިހާ މެމްބަރުންވީ ޔޫކޭގައި ކަމުގައެވެ. އެ ޚަބަރު އިވުމުން އޭނަގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ގޭޓުގެ ތޭރިތަކުގައި ހިފާ ބާރުކޮށްލެވުނެވެ.

"ލުކުމާންއާއި އިޒިކްވެސް ތަ؟ "

"ލައްބަ. ސަވާނާ ޑެލިވާ ކުރަންވެގެން ޔޫކޭއަށް ދުރުވީހެން ހީވަނީ......." އެ އަންހެންކުއްޖާ ޖަވާބުދިނެވެ.

"ވަޓް؟ އަދި ކިޔާބަލަ. ކާކު ކޮން ޑެލިވަރީ....؟ " ލިވިއާ އަހާލުމުން އޭނަ ދެވަނަފަހަރަށް ޖަވާބުދިނީ ހަމަ އެހިނިތުންވުމުގައި ހުރެއެވެ. މިފަހަރު އެކުއްޖާ ސާފު ދިވެހިބަހުން ވާހަކަދެއްކިއެވެ. ސަވާނާ ވިހަންވެގެން ޔޫކޭއަށް ފުރައިފިކަމުގައި ބުނެލަދިނެވެ. ލިވިއާއަށް ލިބުނު ޝޮކްއިން ބޮލަށް އެނބުރުން އެރިއެވެ. އެތެރެ އެތެރެއިން ހަޅޭއްލެވުނެވެ. އެތައް ފަހަރަކުއެވެ. ހިތް އަނދަންފެށީ ހަސަދައިގެ އަލިފާނުންނެވެ. މުޅި ހަށިގަނޑުވެސް އެ އަލިފާނުން ފިއްސާލިފަދައެވެ. ރުޅިއާއި ހިތާމަ އަދި ހަސަދަވެރިކަން އެކުވެ ސިކުނޑީގައި އުފައްދާލި ޒަލްޒަލާގެ ސަބަބުން މީހާގެ ހުރިހާ ހަމަޖެހުމެއް ފޭރިގެންފިއެވެ. ރަތްވެފައިވާ ދެލޮލުގައި ހޫނު ކަރުނަތައް އުފެދިގަތުމުން އޭނަ އަނބުރާލާފައި ދާން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އެޅިއިރު ސިފަވަނީ ލުކުމާންއާއި ސަވާނާ އެކީގައި އުޅޭނެ މަންޒަރެވެ. އެދެމީހުން ދަރިފުޅު ލިބިގެން އުފާކުރާ ތަނެވެ. އެއީ އޭނައަށް ލިބެން އުޅުނު ދުނިޔެއެވެ. ސަވާނާ އެހެރީ އޭނަގެ ލޯބި ޖަހައިގެންނެވެ. އޭނަ ހުންނަންވީ މަގާމުގައެވެ. އޮފީލިއާ ފެނި އެރީތި ގެއަށް ދީވާނާވީ ސަވާނާއެއް ނޫނެވެ. އެއީ އޭނަ ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ދެކުނުތަނެވެ. އޮފީލިއާ ގެއަކީ އޭނަގެ ހުވަފެނީ މަންޒިލްއެވެ. ދުނިޔެމަތީގެ ސުވަރުގެއެވެ. އޭނަގެ ޕްރިންސަކީ ހިތުގެ ވެރިޔަކީ ލުކުމާންއެވެ. އޭނަގެ ހަޔާތުގެ ބައިވެރިޔާއަށް ވާންޖެހޭނީ ހަމަ އެކަނި ލުކުމާންއެވެ. ނަމަވެސް ސަވާނާގެ ހުރި ނުބައިކަން ބަލާލާށެވެ. އޭނަ ލުކުމާން ފޭރިގެންފިއެވެ. ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. އޭނަ މިހެން ވިޔަކަ ނުދޭނެއެވެ. ލުކުމާން އަދި އޭނަގެ ކައިރިއަށް އެނބުރި އަންނާނެއެވެ. ނޫނީ އޭނަ މަރުވެދާނެއެވެ. ހިތް ކުދިކުދިވެދާނެއެވެ.

އެޕާޓްމެންޓަށް ވަންގޮތަށް ލިވިއާ ބިންމައްޗަށް ތިރިވިގޮތަށް ކަކުލުގައި މޫނުފޮރުވިއެވެ. އޭނަ ރޮނީކަން އެނގިގެން އާލިމާ ސުވާލުކުރަންފެށިޔަސް ޖަވާބެއްނުލިބުނެވެ. ލިވިއާ ހިތް ހަލާކުވާފަދަ ގޮތަކަށް ރޯ އަޑު މުޅި އެޕާޓްމެންޓްގައި އެތައް އިރެއްވާންދެން ހިފާލާފައި ހުއްޓެވެ.

"އައި ވިލް ކިލް ދެޓް ބިޗް. ލޫކްއަކީ ހަމައެކަނި އަހަރެންގެ. ރީތިގޮތުގައި ބުނާނަން. ނުދީފިއްޔާ ފަންޑިތަ ހަދައިގެންވެސް އަހަރެންގެ ލޫކް މިލްކުކުރާނަން..." އެތައް އިރެއްވާންދެން ރޮއިފާ އެންމެފަހުން ދެލޯ ފޮހެލާފައި ދަތްތައް ކުނޑިވާހާ ބާރަށް ދަތްތަކަށް ބާރުކޮށްލައިގެން އިނދެ ހިތާހިތުން ކިޔާލައިފިއެވެ. އާލިމާއަށްވެސް އެމަންޒަރު ފެނުނެވެ. ލިވިއާ އެގޮތަށް މޫނު ހަދާލުމުން ހާދަ ސިފަ ހަޑިއޭ ހިތަށް އެރިއެވެ. ލިވިއާ ޑެއިލީ މެއިލް ހުޅުވުމުން އަދި ކުރިއަށްވުރެ ސިހޭގޮތްވިއެވެ. ލުކުމާންގެ ޚަބަރު ޔޫކޭ ނޫހެއްގައި އޮންނަންޖެހޭހާ މަޝްހޫރުވެއްޖެއެވެ. ކިޔަމުން ދިޔަ ވަރަކަށް ސަބަބު އެނގުނެވެ. ލުކުމާންގެ މަންމަ އަރުޖަމަންދުގެ އާއިލާއަކީ ދުނިޔޭގެ އެތަންމިތާގައިވާ މަޝްހޫރު ކުންފުނިތާއި ހޮސްޕިޓަލްތަކުގެ މެމްބަރުންނެވެ. ލުކުމާންވެސް ވެފައިވަނީ ކުންފުންޏެއްގެ ވެރިއަކަށެވެ. ޚަބަރު އެގުނު އެނގުނުހެން ލިވިއާގެ ހިތަށް ބާރުކުރިއެވެ. އެކަމާއި އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. ވެދިޔަކަމަކާއި ހިތާމަކުރިޔަސް އެދުވަސް އަނބުރާ އަންނާނީއެއް ނޫނެވެ. އޭނަގެ މޮޔަކަމެވެ. ފައިސާއާއިހެދި މޮޔަވެގެން އުޅުނުއިރު އޭނައާއިހެދި އެހާ ވަރުން އުޅުނީ ހަގީގަތުގައި މުއްސަދި މަހުޖަނެކެވެ. އެކަން ނޭގުނީ އޭނަގެ ބަދުނަސީބެވެ. ނަމަވެސް އަދިވެސް ވަގުތު ފާއިތެއްނުވެއެވެ. އޭނަ ދެއަންބަށް ނަމަވެސް ލުކުމާންއާއި އިންނާނެއެވެ. ސަވާނާގެ ހިތް ކަފަކޮޅެއްހާ މަޑުވާނެއެވެ. ހަމައެކަނި ނަމެއްގައި އަންބަކަށް ބައިންދަން އޭނަ އާދޭސްކުރާނީއެވެ. ކިރިޔާވެސް ހިތަށް ފިނިކަމެއް ލިބުނީ އުއްމީދު އާކޮށްދީގެންނެވެ.

އިރުއިރުކޮޅާ ޑެއިލީ މެއިލް ހުޅުވައިލެވެނީ ލުކުމާންގެ ނަން ފެނިދާނެކަމަށެވެ. އެ އާއިލާ ޔޫކޭގައި އުޅޭތީ އެތަނަށް ދާހިތުން ކެތްވަނީއެއްނޫނެވެ. އޭނަ ބޭނުންވަނީ ޓިކެޓެކެވެ. ހަމައެކަނި ޓިކެޓެއްލިބޭވަރަށް ފައިސާއެވެ. ރިފްރެޝްކުރަން އޮތްވާ ފެނުނު ޚަބަރަކުން ކުއްލިއަކަށް ފުންމައިގެން ތެދުވެވިއްޖެއެވެ.

"ލިމާ.....ލިމާ....." ލިވިއާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

"ކިހިނެއްވަނީ ކިހިނެއްވަނީ. ތަނެއްގައި ރޯވީތަ..." އާލިމާ ފެންވަރަން ޝަވާޖެލް ލައިގެން ހުރެފާ ދުވަމުން ދުވަމުން އައެވެ. ތެޅިފޮޅެމުން ބަލާނުލާ ދުވަން ހަދައިގެން ކައްސާލިތަން ފެނުމުން ލިވިއާ ހިފަހައްޓަން މަސައްކަތްކުރިއެވެ. ދެމީހުން އެކީގައި ގުޅައަކަށް ޖެހުނުގޮތައް ލިވިއާއޮތީ ނުތެދުވެވިފައެވެ.

ކޮމެންޓް 0