މާގިނަ އިރު އިންތިޒާރުކުރާކަށް ނުޖެހުނެވެ. ބެލްއެޅިއިރަށް ފުންމައިގެންގޮސް ދޮރު ހުޅުވައިލިއިރު ނުދަންނަ މީހެކެވެ. ނޭޕާލު މީހަކާއި ވައްތަރެވެ. އެމީހާ އައީ ދެތިން ކޮތަޅު ހިފައިގެންނެވެ. ބަރުކަމުން އެއްފަހަރާ ނޫފުލިގެން ދެކޮތަޅު ބިންމަތީގައި ބެހެއްޓިއެވެ. އެމީހާ ނުކުތުމުން ހަމަޖެހުމުގެ ނޭވާއެއްލާފައި އެނބުރުނު އިރު ލުކުމާންގެ ގައިގާ އަޅައިނުގަތީ ހަމަކިރިޔާއެވެ. ސަވާނާ ހާސްކަމާއިއެކު ކޮތަޅު މޭގައި ޖައްސާލައިގެން ހުރިއިރު ވައްކަމެއްކޮށްފައި ހުއްޓާ ފެނުނުފަދައެވެ. އެތެރެހަށީގައި ހިނގާ ނޭވާ ހުއްޓުނީ ލުކުމާން ސުވާލުކޮށްފާނެކަމަށްޓަކައެވެ. ހަދަންވީ ދޮގެއް ވަގުތުން ނޭގުނީމައެވެ.

"ހޫ ދަ ހެލް އިޒް ދެޓް ސަވާނާ...." ލުކުމާން މަޑުމައިތިރިކަމާއިއެކު އަހައިލި ނަމަވެސް ހަރުކަށިކަމެއްވިއެވެ. އެއާއެކު ކުޑަދޮރު ހުޅުވާލާފައި ބޭރަށް ބަލާލާފައި އެއްލޯ ކުޑަކޮށްލިއެވެ.

"އެފެއާއެއް ހިންގިޔަސް ތަންކޮޅެއް ރީތި މީހަކު ހޯދިނަމަ......."

"ލޫކް. ސާބަހޭ ދެން. އޯޑަރުކޮށްގެން ކާން ގެނުވީ. އެއީ....ވޭޓަރެއް. ސިއްރުން މީހަކާއި ރައްޓެހިވާކަށް ހިތަކަށްވެސް ނާރުވަން........" ސަވާނާ އެތެރެއަށް ހިނގައިގަންނަމުން އަޅައަޅައިގެންފާ ބުނެލިއެވެ. ލުކުމާންއަށް އޭނަ ހެދީ ދޮގެއްކަން އެނގޭނެކަމުގައި ހީކުރިއެވެ. ދޮގެއްވެސް ނޫނެވެ. އޭނަ ބުނެގެން އިޒިކް މީހަކު ފޮނުވީނޫންހެއްޔެވެ؟ ފަހުން އަގުވެސް ދޭނީއެވެ. އަތުގައި ރުފިޔާ ރައްކާކޮށްފައި ނެތުމުގެ އުދަގޫ އަދި ކިރިޔާ އިހުސާސްކުރެވެންފެށީއެވެ. ކުރިން އޭނަ މިއިން އެއްވެސް ކަމަކާއިމެދު ފިކުރު ހިންގަން ޖެހިފައެއްނުވެއެވެ. ދޮންމަންމަމެންނާއިއެކު ދިރިއުޅުނުއިރުވެސް އޭނަ ޕްރިންސެސްއެކޭ ތަފާތެއްނެތެވެ. ދުވަހަކު މަސައްކަތްކުރަން ޖެހިފައެއްނުވެއެވެ. ބޭނުންހާ އެއްޗެއް ކާންލިބުނެވެ. މިހާރު މުޅި ގެއެއްގެ ޒިންމާ ބޮލުގައި އެޅެނީއެވެ. ނުވެސް ދެނެހުއްޓައެވެ.

ސަވާނާ އެއެއްޗެހި ކާކޮޓަރިއަށް ލާފައި ސިއްރު ސިއްރުން އައިސް ބަލައިލިއިރު ލުކުމާން ފެންނާކަށް ނެތެވެ. އޭނަ ދެން ހުރި ކޮތަޅުތައް ގެންގޮސް ހުޅުވާލިއިރު ކުޅުދިޔާވާފަދަ ފިހުނު ކުކުޅާއި ބިރިޔާނި އަދި ކޮފީއާއި ފޮނި އެއްޗެހިވެސް ހުރުމުން ޕާޓީއަކުން ގެނައި އެއްޗެހިބާވައޭ ހިތަށް އެރިއެވެ. ސަވާނާ އަތްމަތި އަވަސްކޮށްލާފައި މޭޒުމަތި ތައްޔާރުކުރިއިރު މަންމަ އަންނާނެނަމައޭ ހިތަށް އެރިއެވެ. މަންމަ ނެތުމުގެ ފަޅުކަން ބަލައިލާ ކޮންމެ ދިމާލަކުން އެބަފެނެއެވެ. ކަރުނަ ހިލި ފެންކަޅިވެފައިވާ ދެލޮލުން ބަލައިލާ އިރު ފެންނަނީ މަންމަ ގެންގުޅޭ ސާމާނުތަކެވެ.

ކާން ތައްޔާރުކޮށްލާފައި ލުކުމާން އަންނާނެކަމުގެ ޔަގީންކަމާއިއެކު ބަލާ ދިޔުމުން ލުކުމާން ދެކޮޅުހެދިއެވެ. އޭނަ އައީ ބޭރުން ކައިގެން ކޮފީ ބޮއިގެން ކަމަށާއި އެކަނިވެރިކަން ބޭނުންވާ ކަމުގައި ބުނެ ބިއްދޮށަށް އެނބުރުނެވެ. ސަވާނާ ހުރީ ހުއްޓުން އަރާފައެވެ. ޖެހި ބުދެއްހެން އިރުކޮޅެއްވާންދެން ހުރެފައި ދެވަނަފަހަރަށް ވެސް ބުނަން ހިތްއެދުނެވެ. ނަމަވެސް ދެން އަނބުރާލާފައި ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.

ސަވާނާ އެތިކޮޅެއް ކާލާފައި ކޮފީބުޔެވެ. ދެން މޭޒުމަތީގައި ހުރި އެއްޗެހީގައި އަތުން ޖަހާފައި ބުރުއްސައިލެވުނީ ކީކޭ ހިތަށް އަރައިގެން ކަމެއްވެސް ނޭގުނެވެ. މުޅިކާކޮޓަރީގެ ތަޅުންމަތި ހަޑިވެފައި ފައި އަޅާނެ ތަންކޮޅެއްވެސް ނެތެވެ. އެކުރެވުނު ގޯސްކަމާއިމެދު އިންތިހާއަށް ކަންބޮޑުވިއެވެ. އޭނަ ހުރީ ހަމަ ހައިރާންވެ ގަބޫލުކުރަން ދަތިވެފައެވެ. އޭނަ ހަމަ މިހާ ނުލަފާހެއްޔެވެ؟ ދެރަވެ ރުޅިއައުމުން ޖަޒުބާތުތައް ކޮންޓްރޯލް ކުރަން ނޭގުނީ ކީއްވެހެއްޔެވެ؟ ކާ ކޮޓަރިތެރެ ހަޑިކޮށްލުމުން ސާފުކުރަން މަންމަ ހުރީއެއް ނޫނެވެ. ބާރު ގުގުރިއެއް ޖެހުމާއިއެކު ކަރަންޓު ކެނޑުމުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އިމަޖެންސީ ލައިޓެއްވެސް ނުދިއްލުނެވެ. އަނދިރިކަމުން ލޯފަން މީހެއް ފަދައިން އެތަންމިތާ އަތްލަމުން ކުރިއަށް ދަނިކޮށް މީހެއްގެ ގައިގާ އަތް ޖެހުމުން ކަންފަތުތޫރި ހަލާކުވާހާ ބާރަށް ހަޅޭއްލަވައިގަތުމުން ލުކުމާން ހޭންފެށިއެވެ.

"ފިނޑި......މަށޭ މިއީ. ނިކަން ހަމަޖެހިބަލަ......." ލުކުމާން ސަވާނާގެ ކޮނޑުގައި ހިފެހެއްޓުމާއިއެކު ދުރުކޮށްލައިފިއެވެ. ފޯނުގެ ލައިޓުން އަލި އަޅުވާލުމާއިއެކު ނަޒަރު ހުއްޓުނީ ބިންމައްޗަށް އުކާފައި ހުރި ކާތަކެއްޗަށެވެ. އޭނަ ކާން ނައުމުން ރުޅިގަދަވެގެން ސަވާނާ ހިންގައިލި އަމަލެއްކަން އެނގުމުން ލުކުމާން ވިސްނީ ސަވާނާއަށް އަދަބެއްދޭށެވެ.

"ގްރޯ އަޕް ސަވާނާ. މީހަކައި އިނީމަ ދެން ޖެހޭނީ ތި ބޭބީ އުޅުން ދޫކޮށްލާފައި ހަރުވެ މީހަކަށްވާން. ބޮޑުވާން. މިތަނަށް ބޭރުން މީހަކު ވަދެފައެއް މިކަމެއް ނުކުރާނެ. ބަލާބަ މުޅި ކާކޮޓަރިތެރޭ ގައި މިއޮތީ އޯޑަރުކުރި ކާއެއްޗެހި. ހެނދުނުވާއިރަށް މި ކުކުޅުފައިތައް ކުނިވެ ގޭގެ ވަސް ޚަރާބުވާނެ. އެނގެންވާނެ އަހަންނަށް މިކަހަލަ ނުސާފު ކަމަށް ކެތްނުވާނެކަން. އަވަހަށް ސާފުކުރަން އުޅޭ. އެމީހަކު ކުރިކަމެއް އެމީހަކު ސާފުކުރަންވާނީ. މީރުވަސް ނުދުވާ ތަނެއްގައި ފަޅި ސިކުންތުކޮޅަކަށްވެސް ހުންނާކަށް ބޭނުމެއްނޫން........." ލުކުމާންގެ ޖުމްލަތައް ހޮނުގުގުރީގެ އަޑުފަދައިން ކަންފަތުތެރޭގައި ގުގުމާލިއެވެ. މިއޮތް ވިއްސާރަ ރޭ ނިންޖަށް ބަލިވެފައި އިންދާ އަނެއް މަސައްކަތް ޖައްސާލައިފިއެވެ. ފިހިގަނޑާއި އެއްޗެހި ހިފައިގެން ބިންމަތީގައި އިށީންގޮތަށް ސާފުކުރަންދެން ލުކުމާން ހުރީ ފޯނުން އަލިއަޅުވާލައިގެންނެވެ. ވާރޭގެ އަޑުން ހިމޭންކަން މުގުރާލާފައި ވިނަމަވެސް ލުކުމާންވެސް އިތުރަށް ވާހަކަދައްކާކަށް ނަހަދައެވެ. ސަވާނާ އެތަން ސާފުކޮށް މޮޕްކޮށްލުމުން ކޮޓަރިއަށް އަންނާށޭ ބުނެލިއެވެ.

"އަހަންނަށް އެނގޭ މިގޭގައި މީހަކު ނެތީމަ އުދަގޫވާނެވަރު. އެކަމަކު އަންހެންކުދިންގެ އެންމެ ރީތި ސިފައަކީ ގެވެހިކަން..............." ލުކުމާން އާފުރިލިއެވެ. އަތް މައްޗަށް ހިއްލައިލުމުން ފަންކާގައި ޖެހިދާނެކަމުގެ ބިރުން ސަވާނާއަށް ފަހަތުގައި ހުރެފައި އަތުގައި ހިފާލަމުން ބަލައިގެން އުޅެން ބުނެވުނީ ބޭ އިޚުތިޔާރުގައެވެ.

"އޭގައި ޖެހިގެނެއް އަހަރެން މަރެއްނުވާނެ...." ލުކުމާން ބުނާނީ އެކަހަލަ ކޮންމެވެސް އެއްޗެކެވެ. އޭނަގެ ކޮންމެ އަމަލަކުން ލުކުމާންއާއި އަޅާލާކަން އިހުސާސްކުރުވާއިރު ލުކުމާންގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެންނާތީ ސަވާނާވަނީ ފިކުރުބޮޑުވެފައެވެ. އޭނަ ގޫގުލްކުރާއިރު މުޅިންވެސް އަންގަނީ މިއީ ލޯބިނުވާކަމުގެ އަލާމާތްތައްކަމުގައެވެ. އޭނަގެ ފިރިމީހާގެ ހިތުގައި އެއްވެސް ކުލުނެއް ނުވަނީކަމުގައެވެ. އެހެންވާންވީ ސަބަބެއް އެއްގޮތަކަށްވެސް ސަވާނާއަކަށް ނުވިސްނުނެވެ.

 

ނިދަންވެގެން އެނދަށް އެރިގޮތަށް ސަވާނާއޮތީ ބާލީހުގައި ބައްދާލައިގެންނެވެ. ހިމޭން ކަރުނަތައް ބާލީހަށް ވަންނަމުން ދިޔައީ ކައިރީގައި އޮތް ލުކުމާންއަށްވެސް އެކަމުގެ ހިލަމެއްނުވާ ގޮތަށެވެ. ސްޓްރެސް ހޯމޯންތަކާއި ކެމިކަލް ވިހަތައްވެސް ކަރުނައާއިއެކު ހަށިގަނޑުން ދޮވެވިގެން ދިޔުމުން ކޮންމެވެސް ވަރެއްގެ ލުޔެއްލިބި ނިދުމަށް އެހީތެރިވެދިނެވެ. ހިތާމައެއް ކުރިމަތިވާހިނދު ރަގަޅަށް ރޯލުމުގެ ފައިދާ ހުރުމުގެ ސަބަބަކީ އެއީއެވެ.

ބާރު ގުގުރިއަކާއިއެކު ސަވާނާގެ ކަންފަތް ކޮޅަށްޖެހުނެވެ.

"ލޫކް ލޫކް....." ސަވާނާ ގޮވައިލިއެވެ.

"އަހަންނެއް ނުގެއްލޭ މިއޮތީ. ޕްލީޒް ލެޓް މީ ސްލީޕް. ހެދުނު މަސައްކަތަށް ދާންޖެހޭ.............." ލުކުމާން ރުންކުރުވެފައި ބުނެލިއެވެ.

"އައިމް ސްކެއާޑް..." ސަވާނާ ކުޑަވެލިއެވެ.

"ކޮންކަމަކާ....." ލުކުމާން އަހައިލިއެވެ.

"ހުރިހާ ބޮކިތައް ނިވާލައިގެން ނިދީމަ. ހާދަ އަނދިރިއޭ...."

"އެއްވެސް ކަހަލަ އަލިކަމެއް ހުރިތަނެއްގައި އަހަންނަކަށް ނުނިދޭނެ. އައިމް އެ ޑެވިލް ވީމަ އަނދިރި ތަންތާއެއް ނު އުޅޭނީ..........." ކުއްލިއަކަށް ކަރުތެރެއިން ބިރުވެރި އަޑެއްނެރެލަމުން ޖަހައިލި ސަކަރާތަކާއިއެކު ސަވާނާގެ ހަތަރެސްފައި ފިނިވެ ހޭނެތޭވަރުވިއެވެ. ސަވާނާ ބިރުގަތްކަން އެނގުމުން ހަމަޖެހިލާފައި ބުނީ ދެން އޭނައަށް އުދަގޫނުކޮށް ނިދާލުމަށެވެ. އޭނަ ފަތިހު ހޭލައިގެން މަސައްތަށް ދާންޖެހޭނެކަމުގައެވެ. ސަވާނާ ނިދާނީ ކިހިނެއްހެއްޔެވެ؟ އޭނަ މިއުޅެނީ މަންމަ ނިޔާވުމުގެ ހިތާމައިގައެވެ. އެ ހަނދާންތައް އިރުއިރުކޮޅާ އޭނަގެ ދެލޮލަށް ކަރުނަ ގެނުވައެވެ. ނިދާހިތެއް ނުވެ ނިދީގެ އެއްވެސް ލައްޒަތެއް ނުލިބި ދެފަރާތަށް ފުރޮޅި އޮތުމުގެ ސަބަބުން ލޮނޑުކަމެއްވެރިވެ ތެދުވާހިތެއްނުވެ އެހެން އޮންނަން ބޭނުންވިއެވެ. ގިނަފަހަރު ވިސްނީ މަންމައާއި ދޭތެރޭގައެވެ.

ހަފްތާއެއް ވޭތުވެގެން ދިޔައީ ސަވާނާގެ ދިރިއުޅުމަށް އައި އެންމެވަރުގަދަ ކޮޅިގަނޑުގެ އަސަރުކޮށް ހިތާމައާއި ފިކުރުގެ ކަނޑެއްގައިވަނިކޮށެވެ. ލުކުމާންގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. އޭނަ ކައިފިތޯ ނޫނީ ނިދިތޯ ބަލަން ގުޅާވަރުގެ ގާތް އެކަކުވެސް ނެތެވެ. ލުކުމާން އަބަދު އުޅެނީ އަވަދިނެތި ކަމުގައި އޭނަ ބުނެއެވެ. ގެއަށް ވަދެލާއިރުވެސް ސަވާނާއާއި ބެހޭގޮތުން ކަމެއް އޮޅުންފިލުވަން ޝައުގެއްނެތެވެ. ސަވާނާގެ ހަޔާތުގެ ބައިވެރިޔެއް ހުރީ ހަމައެކަނި ނަމެއްގައެވެ. އެންމެ ގާތް އެކުވެރިއާ ލިވިއާ އާވެސް އެ ވާހަކަ ހިއްސާކުރަން ޖެހިލުންވިއެވެ. ލުކުމާން އޭނަގެ ހަޔާތަށް ގެނައުމަށްފަހު ލިވިއާ އާއި އޭނައާއި ދޭތެރޭ އޮތް ގާތް ގުޅުމުގައި ރެދެއްލީކަމުގެ އިހުސާސްވެސް މިފަހަކަށް އައިސް ކުރެވެން ފަށައިފިއެވެ. ލިވިއާ މަޑުމަޑުން ދުރަށް ދާކަމީ އޭނައަށް ފޮރުވިފައިވާ ކަމެއްނޫނެވެ. ކުރީގައި ގަޑިއަކު އެއްފަހަރު ގުޅާ އޭނައާއި އަނގަ ތަޅަން ވަރެއް ހުންނާނެއެވެ. ވަކި އުމުރަކަށް ދިޔުމުން ބަދަލުވީއެވެ.

އިމާދުއްދީންއާއި ލިވިއާ އެކީގައި ކަހަލަގޮތަކަށް ފުރުމުން އެކަމާއި ޝައްކުކުރި އެކަކުވެސް މޭޕްލްވިލާއަކު ނެތެވެ. ދެވަނަފަހަރަށް އެގޮތަށް ދެމީހުން އެކީ ބޭރު ގައުމަކަށް ދިޔަކަން ލުކުމާންއަށް ވިސްނުނަސް އެއީ އިއްތިފާގެއްކަމަށް އޭނަ ގަބޫލުކުރިއެވެ. ލިވިއާ އޭނައަށް ބޭފަވާތެރިވެ އިމާދުއްދީންއާއި ގުޅުމެއް ބާއްވަފާނެކަމަށް ހިތަކަށް ނޭރިއެވެ. ލުކުމާން އެހާ ވިސްނާވެސް ނުލަނީއެވެ. އަންހެންކުދިންނާއި މެދު ވިސްނާލާކަށް އޭނައަށް ވަގުތެއް ނޯވެއެވެ. ކުރަން ހުރި މަސައްކަތް ގިނަކަމާއިއެކު އެތައް ތަނެއްގެ ޒިންމާދާރު ވެރިއަކަށް އަމިއްލައަށް ވެ ހުރިހާ ކުންފުނިތަކެއް ހިންގާ ބަލަހައްޓާ މީހަކަށް ލޯބިވެރިޔަކާއި މެދު ވިސްނާލާނެ ވަގުތެއް ނުވާނެއެވެ. ގިނަ އިންސާނުން އުޅޭ ހާލަކީ އެއީ ކަމުގައި ނުބުނެވެންވީ ސަބަބެއްނެތެވެ. އެންމެންވެސް ދުނިޔެ ބާއްޖަވެރިކުރަން ކެނޑިނޭޅި މަސައްކަތްކުރުމުގައި އުޅޭއިރު އާއިލާ މަތިން ހަދާނެއް ނުހުރެއެވެ.

ލިވިއާ ކޮންމެ ތާކު ހުއްޓަސް ލޯބީގެ މެސެޖްތައް ފޮނުވައެވެ. ލޯބިވާ ވާހަކަ ބުނެއެވެ. ލުކުމާން އަވަދިނެތި އުޅޭތީ އޭނަ ޖަވާބު ނުދިނަސް އޭނަވެސް ލިވިއާދެކެ ލޯބިވާ ކަމަށާއި އަވަހަށް އެނބުރި އައުމަށް އެދުނެވެ.

 

ސަވާނާ ލުކުމާންގެ މޫނަށް ގަނޑުފެންތަކެއް އެޅުމުން ސިހިފާ އެނދުގައި އިށީންގޮތަށް ސަވާނާގެ އަތުގައި ހިފާލިގޮތުން އަތުގެ ކަށިތައް ފުނޑުފުނޑުވިކަހަލައެވެ.

"ތަދުވެއޭ ހާދަ ބާރަކަށޭ....." ސަވާނާ ހީހީ ހުރެފައި އަތުގައި އެޅި ވޭނުގެ ސަބަބުން ލޮލުން ފެން ފޭބިއެވެ.

"ތަދުކުރެވުނުލެއް ކުޑައީ. ބޮޑުވަރު ދެން. ކުޑަކުއްޖެކޭ އެއްވެސް ތަފާތެއްނެތް. ތިވައްތަރަށް އުޅެން ހުއްޓާލަންވެއްޖެއެއްނު.. އަހަންނަށް އެތިފަހަރެއް ވީއްލާނުލެވެނީސް މިތަނުން ދާން އުޅޭ........." ލުކުމާން ރަޖާގަނޑު އެއްފަރާތަކަށް އެއްލާލާފައި ހިނގައިގަތީ ފާޚާނާއާއި ދިމާލަށެވެ. ލުކުމާން މިހާ ރުޅިގަދަވަނީ ބުރަކޮށް އޮފީހުގައި މަސައްކަތްކުރާތީބާވައެވެ. ގަނޑުފެން ބޮލަށް އެޅުމުން ލޭމަތިވެފައިވާ މީހަކުވެސް ރުޅިފިނިވާނެކަމުގައި އޭނަ ހީކުރިއެވެ. އެހެނެއްނުވިއެވެ. ސަވާނާ އިރުކޮޅަކު ވިސްނައިލިއެވެ. ލުކުމާން ފާޚާނާއިން ނިކުންނަންވާއިރަށް ކޮފީއަކާއި ރަގަޅު ނާސްތާއެއް ގެނެސްދޭނީއެވެ. އޭނަ ބޮޑުދައިތައެއްގެ އަތުން ކޮންމެވެސް ވަރަކަށް ފައިސާ އަތުލީ ދަރަންޏަކަށެވެ. ބައްޕަ އައުމުން ކާޑަށް ފައިސާ ޖަމާކުރެވިދާނެއެވެ. އެހެންވެ ވަކިވަރެއް ނުބަލާ ސަވާނާ ފައިސާ ޚަރަދުކުރިއެވެ.

"ބްރޭކްފާސްޓް ފޯ ޔޫ..." ސަވާނާ މޭޒުމަތީ ތަބައް ބެހެއްޓިއެވެ.

"އަހަންނަށް މިހާރުވެސް ލަސްވެއްޖެ..." ލުކުމާން ގަމީހުގެ ގޮށް އަޅުވަންފެށިއެވެ. އެންމެ ފަހަރަކުވެސް ސަވާނާއާއި ދިމާލަށް ބަލައިލާނެކަމަށް ހީކުރިޔަސް އެހެނެއް ނުވިއެވެ. އެދެލޯ ހުއްޓިފައިވަނީ ކުރިމަތީގައި ހުރި ބޮޑު ލޯގަނޑަށެވެ. ސަވާނާ ކުރު ސޯޓުކޮޅަކާއި އަތްކެނޑި ހަމަށް ހިފާފައިވާ ތުނި ޓޮޕެއްގައި ހުރިއިރުވެސް ލުކުމާންއަށް ސަވާނާގެ ރީތިކަމެއް ނުފެނުނެވެ. އެދެމީހުން އެކަނި ގޭގައި އުޅޭތީ އެހާ ކުރު އެއްޗެއް ލީއިރު ލުކުމާންއަށް ރީތިވާނެ ބާވައޭ ހިތަށްއެރިއެވެ. މަންމަ ނިޔާވެގެން އުޅޭ ދުވަސްކޮޅެއްގައި ލޯބީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވާން އޭނަގެ ހިތާއި ހަށިވެސް ހުއްދައެއް ނުދޭނެއެވެ. ނަމަވެސް ފިރިމީހާގެ ލޯބީގެ އެންމެ ނަޒަރަކަށްޓަކާ އޭނަގެ ހިތްވެސް އެދުނެވެ.

"ޕްލީޒް......ވަރަށް މީރުކޮށް އޮމްލެޓް އެޅީ..."

"އަހަރެން ނުބުނަމެއްނު ހަދާށެކޭ. އަހަރެން އޮމްލެޓް ނުކަމޭ ބުނެފިއްޔާ.....ހޫމް؟ "

"އެލާޖިކްތަ " ސަވާނާގެ މައުސޫމްކަމުން ލުކުމާންގެ ހިތް ދެނެގަންނަން ނުކުޅެދުނެވެ.

"ކޮފީތަށި ބޯލަންވީނު....." ސަވާނާ އެދުނެވެ.

"ލުކް ސަވާނާ. އަހަރެން ބުނަމެއްނު އަހަންނަށްޓަކާ އެއްވެސް ކަމެއް ކޮށްދޭނެކަމެއް ނެތޭ. ކައްކާނެކަމެއް ނެތޭ. އަހަންނަކީ ކެއުމަށް ފޯރި ހުންނަ މީހެއްނޫނޭ. ނުކައި ބަނޑަށް ހުރި ކިތަންމެ ދުވަހެއް ހަޔާތުގައި އައި. އަދި މެއިޑެއް ބޭނުމެއްނުވޭ. އަމިއްލައަށް އުޅެވިދާނެ. ސަވާނާވެސް ތިހެން ބަލާނުލާ ކާތީ ފަލަވެގެންގޮސް މީހަކަށް ނުއުފުލޭވަރުވެފައި ތިހިރީ. އެނީވޭސް ޗަބީ ޗީކްސް ކޮޅު ވަރަށް ލޯބި.........." ސަވާނާގެ މޫނު މޯޅިވިތަން ފެނިފާ ލުކުމާން ސަވާނާގެ ކޮލުގައި ހިފާލިއެވެ. އޭނަ އެހެން ބުނީ ސަމާސާއަކަށްކަމަށާއި ފަލަކޮށް ހުއްޓަސް ރީތި ކުދިން ރީތިވާނެކަމުގައި ބުނެލުމުން ސަވާނާ ގަދަކަމުން ހޭން މަސައްކަތްކުރިއެވެ. ނަމަވެސް އޭރު ހިތްވަނީ ބަލިވެފައެވެ. ހިތުގައި ވަރަކަށް ޖެހިއްޖެއެވެ. ލުކުމާން އަވަސް އަރުވާލާފައި ނުކުމެގެން ދިޔައީ ސަވާނާގެ ބޮލުގައި އަތް ބީއްސާލާފައެވެ. އެކުވެރިއެއް ފަދައިންނެވެ. އާއެކެވެ. ފިރިއެއްގެ ފަރާތުން ދޭފަދަ ލޯބީގެ އެއްވެސް ހަދިޔާއެއް ނުދީއެވެ.

 

 

ސިޔާސީ ހަރަކާތްތަކެއްގައި އަވަދިނެތި އުޅެފައި ގެއަށް ވަދެވުނުއިރު ލުކުމާން ވަރުބަލިވެއްޖެއެވެ. އަރާމުކުރަން ބުރަކަށި ތަނެއްގައި ޖައްސާނުލާތާ ދެރޭ ދެދުވާ ވެގެން ދިޔުމުން ވާނީ ކިހިނެއްހެއްޔެވެ؟ ލުކުމާންގެ ތާއީދު އޮތީ ކައިދަންގެ ބޭބެގެ އަމްރާންގެ ޕާޓީއަށެވެ. އަމްރާންފަދަ ޒުވާން ލީޑަރަކު ހޮވަން އޭނަވެސް ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އަމްރާން ކިތަންމެ ސީރިޔަސްވެފައި ފޮނިގޮތެއް ހުއްޓަސް ހިންގުންތެރި ގާބިލުމީހެއްކަން އޭނަގެ ޕާޓީއަށް އޮތް ސަޕޯޓުން ދައްކުވާދެއެވެ. ނިދަން ލާ ސޯޓުލައިގެން އެނދުގައި ހަށިގަނޑު ދަމައިލިތަނާ ސަވާނާ ފާޚާނާއިން ނުކުމެގެން އައެވެ.

"ލޫކް ކޮންތާކު އުޅެފައި ތިއައީ....." ސަވާނާ އެހިއެވެ.

"ގާލްފްރެންޑު ކައިރިއަށް ޖައްސާލާފައި..." ލުކުމާން ހީލަމުން ބުނި އެއްޗަކުން ސަވާނާގެ ދެލޯ ބޮޑުކޮށްލެވުނެވެ. އެއާއިއެކު ހިތަށް ވިސްނައިދިނީ ލުކުމާން އޭނަ ތަޅުވާލަންވެގެން ބުނި އެއްޗެއްކަމަށް ގަބޫލުކުރުމަށެވެ. އިތުބާރުކުރުމަށެވެ. ނޫނީ ލުކުމާން އުޅެނީ އޭނަ ފިރިމީހާއަށް އިތުބާރުކުރާވަރު ޓެސްޓްކުރަން ވެގެންނެވެ. ސަވާނާ ޖަވާބެއް ދޭން އުޅެނިކޮށް މީހަކު ދޮރުގައި ޖެހިލިހެން ހީވެފައި ބާރުބާރަށް ގޮސް ދޮރު ހުޅުވާލައިފިއެވެ.

ކޮމެންޓް 0