ނަބީލާ ފަތިސް ނަމާދަށް ގޮވަންވެގެން ސަވާނާގެ ކޮޓަރިއާއި ހަމަވެފައި ތަޅުގައި ހިފާލިއެވެ. ތަޅުނުލާ ހުރިކަން އެނގުމުން ވަންއިރު ކޮޓަރިތެރޭވަނީ އުއްބައްތިއެއްގެ ފަނޑު އައްޔެވެ. އުއްބައްތި ދިއްލައިގެން ނިދުމަކީ ގޯސް އާދައެއްކަން ސަވާނާއަށް ނޭގޭހެއްޔެވެ؟ ސަވާނާ ރަޖާދަށުގައި ފޮރުވިގެން އޮތްތަން ފެނިފާ ބަލައިލެވުމާއިއެކު ނަބީލާގެ ހިތުގެ ހިނގުންވެސް ހުއްޓުނެވެ. ސަވާނާ އޮތީ ކޮންމެވެސް މީހެއްގެ ގައިގާ ބައްދާލައިގެންނެވެ. ސަވާނާ ކައިރި ނިދާފައި އެއޮތީ ކާކުހެއްޔެވެ؟

"ލުކުމާން....." ނަބީލާގެ ތުންފަތުގެ ދޭތެރެއިން އެނަން ބޭރުވީ އިތުރު އެހެންމީހެއްގެ ނަން ޚިޔާލަށް ނައުމުންނެވެ. ސަވާނާ އެހެން މީހަކާއި ގުޅުމެއް ނޯންނަ ކަން ނަބީލާ ދަނެއެވެ. ސަވާނާ ކައިރީ މީހަކު އޮތިއްޔާ ލުކުމާން ފިޔަވާ އެހެންމީހެއް ނުވާނެއެވެ. ސަވާނާ އެހާ ވިޔާނުދާ ކުއްޖެއްކަމުގައި ނަބީލާގެ ހިތެއް ނުބުނެއެވެ. ރޭގައި ލުކުމާންއާއި އެކު ކެއުމަކަށް ރެސްޓޯރެންޓަކަށް ދިޔައީވެސް ނަބީލާގެ ހުއްދައާއި ނުލައެވެ. އެކަމާއި ކިތަންމެ ހިތްހަމަނުޖެހުނަސް ދަރިފުޅުގެ މައްޗަށް އޭނަގެ ބަސްވިކޭގޮތެއް ނުވެއެވެ. އެއިން ކޮންމެ ފަހަރެއްގައި އިމާދުއްދީން ސަވާނާއަށް ހުއްދަދެއެވެ. އެދިޔަތާކަށް ގޮސްފައި ލުކުމާން ނިދަން މިއައީ އެގެއަށެވެ.

ނަބީލާ ކައިރިވެލާފައި ރަގަޅަށް ބަލާލުމާއިއެކު ސަވާނާ ބައްދާލައިގެން އޮތީ ފިރިހެނެއްގެ ގައިގާ ނޫންކަމާއި އެއީ ބެއާކަން އެނގުނެވެ. ސަވާނާ ގެންގުޅޭ ޕާޝިއަން ބުޅާ ފީލިކްސް ވެސް ގުޅައަކަށްވެގެން ނިދާލާފައި އޮތްތަން ފެނި ނަބީލާއަށް އަޑެއްލައްވައި ލެވުނެވެ.

ނަބީލާ ސަވާނާގެ އަތުގައި ހިފާތަޅުވައިގަތުމުން ހޭލެވިގެން ބަލާލުމުން ނަބީލާ ހިތްހަމަނުޖެހުނަސް ވާހަކަދެއްކީ ވިސްނާދޭފަދަ ގޮތަކަށެވެ. މާތް ﷲ އަށް އަޅުކަންކުރާ ތަނެއްގައި ބުދާއި ސޫރަފަދަ ތަކެތި ބަހައްޓަން ނުވާނެކަމުގައި ބުނެލިއެވެ. ފީލިކްސް އެހެން ތަނެއް ޚާއްސަކުރަން ނަބީލާ އެދުނެވެ. ހިލޭ ފިރިހެނުންނާއި އެކަހެރިކޮށް ބައްދަލުކުރުމަކީ ހަރާމްކަމެއް ކަމަށާއި މުސްލިމް އަންހެންކުދިން ހަލާލު ލޯބި ފެށެންވާނީ ކައިވެންޏަށްފަހުގައި ކަމުގައި ނަބީލާ ބުނެދިނެވެ. ސަވާނާ އާފުރިލާފައި ތެދުވެ ދެފައި އެނދުން ބާލައިގެން ހަލުވާލަ ހަލުވާލާ އިންއިރު އެމޫނުމަތިން އެވާހަކައަށް ޝައުގެއްނެތްކަން އަންގައިދިނެވެ.

"ސަވާނާ ތި އިންނަން އުޅޭ ކުއްޖާވެސް އެހާ ތެދުވެރިހެނެއް މަންމައަކަށް ހިޔެއްނުވޭ. އެހާ ތެޅިފޮޅިގެން މީހަކާއި އިންނަވަރެއް އަދި ނުވެސް ވެއެއްނު. ކިހާވަރަކަށް ސަވާނާއަށް ލުކުމާން އެނގެނީ؟ " ނަބީލާ ސުވާލުކުރިއެވެ.

"މަންމަ ތިބުނަނީނު ހަލާލު ލޯތްބެއް ފެށޭނީ ކައިވެންޏަށް ފަހުގައޭ. ސޯ ކީއްވެ ލަސްކުރުވަން މަންމަ އުޅެނީ...." ސަވާނާ ނިދިއަޑަކުން ބުނެލިއެވެ. ލުކުމާންގެ ހަދާނުގައި އޮންނަން ހަދައިގެން އެހާ ލަހުން ނިދުމުން ނިދި ހަމަ ޖެހެނީއެއްނޫނެވެ. އެންމެ އަރާމު ނިދިގަނޑުގައި އަޅުވާލާވަގުތު މަންމަ ގޮވީމަ މަކަރުހަދައިގެން އޮވެވޭގޮތެއްވެސް ނޯވެއެވެ. މަންމަ އެނދުން ނަގާނެއެވެ.

"އަދި ލުކުމާންވާނީ ހިލޭ ފިރިހެނަކަށްނު. އެކަހެރިކޮށް ބައްދަލުކޮށް ޑޭޓްތަކަށް ގޮސްފަ ކިތަންމެ އަންހެންކުދިންނަށް ލަނޑުދީފައި ފިރިހެނުން ދުރަށްދޭ. ތިގޮތަށް ރައްޓެހިވެގެން އުޅުމުން ކައިވެނީގައި ބަރަކާތް ނުލައްވަފާނެ........"

"ޕްލީޒް މަންމާ..." ސަވާނާ ހިތްހަމަނުޖެހޭގޮތްވިއެވެ. ކޮންމެ ކަމަކަށް ދީން ވައްދަން ޖެހޭނެކަމަކަށް ސަވާނާ ގަބޫލެއް ނުކުރެއެވެ. މަންމަ އައިފަހުން ކޮންމެ ކަމެއް މަންމަ ގުޅުވަނީ ދީނާއެވެ. އޭނަ ނިދަން ސޯޓުލައިގެން އޮތަސް މަންމަ މައްސަލަޖައްސާނެއެވެ. ލަވަ އަޑުއަހާލިޔަސް ކަމަކުނުދެއެވެ. ޓީވީ ހުޅުވަންވެސް ވަކި ވަގުތެއް އޮންނަން ޖެހެއެވެ. ގޭތެރޭގައި ހުރި ހުރިހާ ތަސްވީރެއް މަންމަ ނަގައިފިއެވެ. މަންމަ ހުންނަނީ ލިވިއާއާއިމެދުވެސް ފޫހިވެފައެވެ. ކާޓޫނެއް ބަލައިލިޔަސް ވަގުތު ބޭކާރުކުރަނީކަމަށް ވާނެއެވެ. އަދި މަންމަ އޭނަގެ އެކުވެރިންދެކެވެސް އެއަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ލިވިއާއަކީ "ބޭޑް ކޮމްޕެނީ" އެވެ. ފަރަންޖީން އުޅޭގޮތް ކޮޕީނުކުރާކަމެއް އޭނައަށް ކުރެވޭކަމަކަށް ނުވެއެވެ. ދުނިޔޭގައި ލެއްވި އެއްވެސް މުނިފޫހިފިލުވުމަކާއި މަންމަ ރުހޭގޮތެއް ނުވެއެވެ. ބައްޕައަށް މަންމައާއިއެކު ނޫޅެވެނީ މަންމަ މިކަހަލަ ކޫސަނި ކަންތައްތަކާއި މައްސަލަ ޖައްސާވަރުންކަން ސަވާނާއަށްވެސް ގަބޫލުކުރެވިއްޖެއެވެ. ކުށްވެރިޔަކީ ހަމަ މަންމައެވެ.

ފާޚާނާއަށް ވަދެފައި ހުރިހާ ރުޅިއެއް ބޭލުނީ ދޮރަށެވެ. ދޮރު އަތުކޮޅަށް ޖަހާލާފައި ވަންގޮތަށް އަވަސްއަރުވާލާފައި ވުޟޫކޮށްލައިގެން ނުކުތެވެ. މުސައްލަ މަތީ މިނިޓެއްވެސް ނުވާނެއެވެ. އަނެއްކާވެސް އޭނަ ވަނީ ކުއިލްޓަ ދަށަށެވެ. އެހެންއޮތްއިރުވެސް ލޮލަށް ސިފަވަނީ ލުކުމާންގެ ރީތި ސޫރައެވެ. ރޭގައިވެސް ލުކުމާން އުޅުނުލެއް ހާދަ ލޯތްބެވެ. އޭނަގެ ގޮނޑިވެސް ދަމާލަދިނީ އޯގާތެރި ލޯބިވެރިޔެއް ފަދައިންނެވެ. ފެންތަށިވެސް އަޅާލަދިނެވެ. އެތޫނު ނަޒަރުން އޭނައަށް ބަލަމުން ދިޔަގޮތުންވެސް ސަވާނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. ވަރަށް ރީތި "ޑޭޓް"އަކަށް ދެވިއްޖެއެވެ. ލޯބީގެ ބާބެއް އޭނަގެ ހަޔާތުގައި ލިޔެވެން ފެށީއެވެ. ގެއަށް އައިފަހުން ނިދުނީ އެހާ ލަހުންނެވެ. ލުކުމާންގެ ޚިޔާލުގައި އޮތްވާ ހުވަފެނީ އާލަކަށް ދަތުރުކުރުމުންވެސް ލުކުމާން އޭނައަކާއި ވަތްކެއްނުވިއެވެ.

ލިވިއާ ލުކުމާންގެ ފޯނު އަތުލާފައި މޫނުމަތީގައި ހޫރާލިއެވެ.

"ލޫކް އައިމް ވެރީ ޑިސަޕޮއިންޓެޑް އިންޔޫ. ދެން ޖެހޭތަ އެގޮތަށް ނަންނިއާއި ސަމާސާކުރަން؟ ފާޑުފާޑުގެ އެއްޗެހި ހަދިޔާކުރަން، ނުވީތާކަށް އޭނަގެ ސެކްސީ ފޮޓޯއެއް ލޫކްގެ ފޯން ގައި........" ލިވިއާ ވަގުތުން އެ ފޮޓޯ ބަދަލުކޮށްފައި އޭނައާއި ލުކުމާންގެ ސެލްފީއެއް ލިއެވެ. ލިވިއާވެސް ހާދަ މޮޔައެވެ. އޭނައަށް ސަވާނާ ތައާރަފުކޮށްދީ ކައިވެނިކުރަން ބާރުއަޅާ އާދޭސްކުރީ ލިވިއާއެވެ. ހަދަންވީގޮތް ދަސްކޮށްދިނީވެސް ލިވިއާއެވެ. އޭނަ މިކުޅެނީ ޑްރާމާއެކެވެ. އެކަމާއިވެސް ލިވިއާ މައްސަލަޖައްސަން އެބަޖެހެއެވެ. އެންމެފަހުން އޭނަ އުޅޭ އެޕާޓްމެންޓަށް އައިސްފަ ރޯންފެށީއެވެ. ލުކުމާން ދެތަށި ކޯކްހިފައިގެން އައިސް މޭޒުމަތީބެހެއްޓިއެވެ. އައިސްކިއުބް އަޅަންފެށިއެވެ.

"ކޮފީ ބުއީމަ ރިލެކްސްވެދާނެ....ކަމް ހިއަރ.." ލުކުމާން އެދުނެވެ.

"ލޫކް. އައި ސެޑް އައިމް އެންގްރީ..."

"ތި ރުޅިއައިގޮތަށް ފިނިކޮށްލަންވެސް އެނގޭ...."

"ކީއްވެހޭ ލޫކް. ލޫކް އެކްޓްކުރާގޮތުން އޭނަދެކެ ލޯބިވާހެން ހީވޭ. ސަވާނާ ކުރިން ޅަކުއްޖެއްހެން އުޅެއުޅެފައި ލޫކް އުޅޭގޮތަކުން ހިތާވެއްޖެއްހެންވެސް ހީވޭ. ކުރިއަކުން އެހެން ތުއިވާ އަންހެންކުއްޖެއް ނޫން. ފިރިހެނަކު ފެނުނަސް ފޫހިވެގެން މޫނު އަނބުރައިލާނީ. އަންހެން ހޯމޯންކޮޅެއް އޭނަގެ ގައިގާ ނެތީ ބާވައޭވެސް އޭރު ހިތަށް އަރާވަރުވޭ. ވީއިރު ލޫކް ކީއްވެ އެގޮތަށް ފްލާޓްކުރީ. ބުނެބަލަ. އަހަންނަށް ޖަވާބެއް ދީބަ.. އަހަންނަށް ހާދަ އުދަގުލެއްވިއޭ..........." ލިވިއާއަށް ޖަވާބެއް ނުލިބެނީސް އޭނަ ދޫކޮށެއްނުލާނެއެވެ.

"އެންމެ ރަގަޅު. އަހަރެން ސަވާނާއާއި ކައިވެނިނުކޮށް ހުއްޓާލަފާނަން. ލިވީގެ ދޯ އޮތީ ބޭނުމެއް؟ ސަވާނާގެ މުއްސަދިކަން ޝެއާރކުރުން؟ ސޯ ލިވީ ތިބުނާގޮތަށް ލޯބިވާކަމަށް ނެހެދި އޭނައަށް ކޮންވިންސްކުރާނެ ގޮތެއް އަހަންނަކަށް ނުފެނޭ. ބުނޭ ކިހިނެއް ހަދަންވީ. ލިވީ ޑިސައިޑްކުރޭ............." ލުކުމާން ކޮފީތަށިން އެތިފޮދެއް ބޯލަމުން އެކަތި ނަޒަރު ލިވިއާ އާއި އަމާޒުކުރިއެވެ.

ލިވިއާއަށް ވަގުތުން ބޯ ހޫރާލެވުނެވެ. ލުކުމާން ސަވާނާއާއި ކައިވެނިކުރަންވާނެއެވެ. ނަމަވެސް އޭނަގެ ޝަރުތުތަކެއް ވެއެވެ. އެގޮތަށް ސަމާސާނުކުރުމެވެ. އިޝްގީ ހަދިޔާތައް ގެންގޮސްނުދީ އޭގެ ބަދަލުގައި ސަވާނާގެ ފަރާތުން ލުކުމާން ކިޔައިގެންވެސް އައިފޯނާއި ފައިސާ ކަހަލަ އެއްޗެހި ހޯދުމެވެ. ސަވާނާއާއި އެއްވެސް ކަހަލަ ގުޅުމެއް ބާއްވައިގެންވެސް ނުވާނެއެވެ. އިނގިލިކުރި ޖެއްސިޔަސް އޭނަ ފޫހިވެއެވެ. އަދި އެހާ ގާތްކޮށް ވާހަކަދެއްކުމުން އޭނަގެ ހިތް ހަލާކުވާވަރުވެއެވެ. ލިވިއާ އާދޭސްކޮށްފައި ބުނީ ލުކުމާން އޭނަ ދެރަކުރަން ހަސަދަވެރިކުރަން އެފަދަ އެއްވެސް އަމަލެއް އޮޅިގެންވެސް ނުކުރުމަށެވެ.

"ވީއިރު އެގްރީމެންޓް ނާމާއެއް ލިޔެ ތައްޔާރުކުރޭ ލިވީ. އޭރުން އަހަރެން ހަދާން ހުންނާނީ...." ލުކުމާން ލިވިއާގެ ނޭފަތުގައި މަޑުމަޑުން ހިފާލައިފިއެވެ.

ސްޓާފުންގެ މީޓިން ނުފެށި ލަސްވެގެން ސަވާނާގެ އިންތިޒާރުގައި އެންމެން ތިއްބެވެ. ލުކުމާންވެސް ފައިލްތަކެއް ބަލަން އިންއިރު އޭނައަށް ހުއްޓިފައިވާ ލޯތައް މަދެއްނޫނެވެ. ކުއްލިއަކަށް ހިމޭންކަން ވެރިވެފައިވާ ކޮންފެރެންސް ހޯލު ހަލަބޮލިވިއެވެ. ސަވާނާ ވަނުމާއިއެކު ސެކްރެޓަރީއަކު ހަޅޭއްފަޅޭއްޖަހާ ފުންމައިގެން މޭޒަށް އެރީ ބިރެއްފެނިގެން ކަހަލަ ގޮތަކަށެވެ. ލުކުމާން އެކުއްޖާ މޮޔަވީކަމަށް ހީކޮށް ބަލައިލިއިރު ސަވާނާ ފީލިކްސް އުރާލައިގެން ހުރެ ގޮނޑީގައި އިށީންނަނީއެވެ. މިހާ ރަސްމީ ބައްދަލުވުމަކަށް ފީލިކްސް ގެނައުމުން ލުކުމާންއަށް މަޖާވިއެވެ. ލިވިއާ ބުނާހެން ސަވާނާގެ ހަރުކަމަށްވުރެ ބޮޑީ ޅަކަމެވެ.

"ޒާރާ. ކާމް ޑައުން. ޝީޒް ވެރީ ޖެންޓްލް އެއްވެސް މީހަކަށް ހާޓެއްނުކުރާނެ......" ސަވާނާ ފީލިކްސްގެ ކެހުރުގަނޑާއި ކުޅެލީ ހެވިލާފައެވެ. އޭރު އެހެން އެންމެން ތިބީ އެތެރެއެތެރެއިން ހީހީ ހަލާކުވާވަރުވެފައެވެ. އެންމެންގެ ވެރިޔާ އުޅޭގޮތަކުން ހިނި ނާންނަވަރެއް ނޫނެވެ. ހަރުދަނާކަމެއް ނެތެވެ. އެމަޖާ ވަގުތުކޮޅު ފާއިތުވެދިޔުމަށްފަހު ސަވާނާ ރަސްމީކޮށް މީޓިންފެށިއެވެ. އެންމެން ހިމޭންވިއެވެ. އޮފީހުގެ އަހަރީދުވަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ކަންތައްތަކާއި އެކަމާއި ގުޅިގެން މުވައްޒަފުންގެ މުސާރައިގެ ކުރިއެރުން ދިނުމާއި ބެހޭގޮތުންވެސް ސަވާނާ ވާހަކަދެއްކިއެވެ. އެއީ މިއިން ޒަމާނެއްގައި މުވައްޒަފުންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ. ލުކުމާން އެހުރިހާ އިރެއްވާންދެންވެސް އިނީ ފޯނު ހުޅުވާލައިގެންނެވެ. ނޯޓުވެސް ލިޔަނީ އޭގައި ކަން ނޭގެއެވެ.

"ޔޫ ނޯ ވަޓް. ޔޫ ބޯތު ލުކް ސޭމް. ހަނދެއްފަދަ ވަށް މޫނާއި ބޮޑު ބޮޑުގަބުޅި ދެލޯވެސް ހަމަ އެއްގޮތް.............." ލުކުމާން ސަވާނާއަށް ވައިބާ ކޮށްލުމާއިއެކު ސަވާނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އެމެސެޖްފެނުމުން ސަވާނާ ހިނގަނޑު ހިފަހައްޓަން ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. ކުދި މުތީތަކެއްފަދަ ދަތްތައް ފާޅުވުމާއިއެކު އަނގަމަތީ އަތްއެޅިއެވެ. ހުނުން ކޮންޓްރޯލްކުރުން އުދަގޫވިއެވެ. އެހާ މުހިއްމު ވާހަކައެއްގެ ތެރެއިން ސަވާނާ އެގޮތަށް ހޭންފެށުމުން ސްޓާފުންވެސް ތިބީ ބުނާނެ އެއްޗެއްނޭގިފައެވެ. ހަމަ ކުއްލިއަކަށް ސަވާނާ މޮޔައަކަށް ވީބާވައޭ ހިތަށް އެރިއެވެ. ސަވާނާ އެތަނުން ނުކުމެގެން ދިޔައީ މީޓިން ކުރިއަށް ގެންދަން ލުކުމާންއާއި ހަވާލުކޮށްފައެވެ. އޭރު ދެލޮލުން ފެން ފައިބާ މޫނު އެއްކޮށް ރަތްވެފައިވާއިރު ސަވާނާ އަށް މިކުރެވުނު ކަންތައް ވިސްނި ލަދުވެސް ގަނެއްޖެއެވެ. އެ ލާނެތް ލުކުމާންގެ ކަންތަކެވެ. އޭނަ ހެއްވާލައިފިއެވެ. ނޫނެކެވެ. މިގޮތަށް އޭނަ ހުނުމަކީ ދޮންބެއަށް ބޭ އިންސާފެކެވެ. ސަވާނާ ކުއްލިއަކަށް ހުނުން ހުއްޓާލިއިރު އެމޫނުމަތިން އިންތިހާ ދަރަޖައިގެ ހިތްދަތިކަން ފެނުނެވެ. ސަވާނާ ފާރުގައި މޫނު ޖައްސާލައިގެން އިރުކޮޅެއްވާންދެން އެހެން ދުނިޔެއަކަށް ގެއްލިފައި ހުއްޓެވެ.

ލުކުމާން އޭނަގެ ވާން އުޅޭ ބަފާބެއާއި މައިދައިތަ ނަބީލާއާއި ބައްދަލުކުރީ ސިޓިންރޫމްގައެވެ. މޭޒުމަތީގައި ފޯނު ބޭއްވީ ގަސްތުގައެވެ. އޭނަގެ ފޯނުގެ ބެކްގްރައުންޑަށް ލާފައި ހުރީ ސަވާނާ ފީލިކްސް މޭގައި ޖައްސާލައިގެން ހުރި ފޮޓޯއެވެ. ލުކުމާންގެ ހިތުގައި ސަވާނާއަށް ދެވިފައިވާ ލޯތްބާއި ގަދަރު އެ ކަމުންވެސް ހެކިދެއެވެ. ނަބީލާ މޭޒުމަތީގައި ކޮފީ ބެހެއްޓިއިރުވެސް އެފޮޓޯ ފާހަގަކުރެވުނެވެ. ލުކުމާންގެ މަގުސަދު ހާސިލުކުރެވުނެވެ. އިމާދުއްދީން ވިޔަފާރީގެ ވާހަކަ ދައްކަމުންގޮސް ކޮންމެވެސް ވަރަކަށް ކުންފުނީގެ ސިއްރުތައް ހިއްސާކުރިއެވެ. ހޮޓަލުގެ ވިޔަފާރި ދަށްވާ ވާހަކައާއި ބަގުރޫޓުވާން ކައިރިވެފައިވާ ވާހަކަ ބުނުމުން ލުކުމާން ވިސްނައިދިނީ އެހެން ކަމެއް ފެށުމަށެވެ. ކޮންސްޓްރަކްޝަން މާ ރަގަޅުވާނެކަމުގައި ބުނެ އޭނަ އެކަންތަކަށް އެހީތެރިވެދޭނެކަމުގެ ޔަގީންކަން ދިނެވެ. ލުކުމާންގެ ވިސްނުންތެރިކަމާއި އެފަދަ އޮއްޓަރު ހުރި ވާހަކަތައް ދައްކާތީ އިމާދުއްދީންގެ ހިތް މުޅިން އަތުލައިފިއެވެ. ވިޔަފާރީގެ ހުރިހާކަމެއް އޭނަގެ ވާން އުޅޭ ދަނބިދަރިފުޅާއި ހަވާލުކުރުމަށް ނިންމާ ސީއީއޯކަންވެސް ދޭންވެސް ނިންމިއެވެ. ނަމަވެސް ލުކުމާން އެކަމާއި ދެކޮޅުހެދިއެވެ. އޭނަ ސަވާނާގެ ޕީއޭގެ ގޮތުގައި ހުއްޓަސް ހުރިހާކަމެއް އޭނަގެ ބެލުމުގެ ދަށުން ކުރާނެކަން އެންގިއެވެ. ލުކުމާން ދާދި ފަސޭހައިން ޕްރޮޖެކްޓްތައް ހޯދާ އިމާދުއްދީންގެ އިތުބާރު އަތުލިއެވެ.

އޭރު ލުކުމާންއާއި ސަވާނާގެ ކައިވެނީގެ ތާރީޚު ކައިރިވެއްޖެއެވެ. ޕާޓީކާޑުތައް ހަދާ ހެދުންވެސް ފަހާނިމިއްޖެއެވެ. ކައިވެނީގެ ހަފްލާ ގޭގައި ބާއްވާފައި ޕާޓީ ކުލަގަދަކޮށް ރިޒޯޓެއްގައި ބާއްވަން އެއްބަސްވެވުނެވެ. ސަވާނާގެ އޮފީސް ކުދިންނަށްވެސް އޭނަގެ ކައިވެނީގެ ހަފްލާއަށްވެސް އަންނަން ދައުވަތުދިނެވެ. ހުރިހާ ސްޓާފުންވެސް އެކަމުގެ އުފަލުގައި ބައިވެރިކުރުމުގެ ގޮތުންނެވެ. ސަވާނާ ހުންނަނީ އުފަލުން ފޮޅިފައެވެ. އޭނަގެ ހަޔާތަށް ލުކުމާން ފޮނުއްވީ ރަހުމަތެއް ކަމުގައެވެ. ހަޔާތުގައި އެންމެ ލޯބިވި ބައެއްމީހުން އޭނަ ދޫކޮށްލާފައި ދިޔުމުން އެ ހިތާމަތަކުން އަރައި މިގަނެވުނީ ލުކުމާން އައުމުންނެވެ. ސަވާނާއަށް މިހާރު އެހެން މީހުންނާއިމެދު ވިސްނާނެ ވަގުތެއްނުވެއެވެ. އަމިއްލަ ނަފުސްދެކެ ފޫހިވެ ކުށްވެރިކުރާކަށް ވަގުތެއް ނޯވެއެވެ. އޭނަ އުޅުނީ ޕާޓީގެ ކަންތަކާއި އަވަދިނެތިއެވެ. ކޮންމެ ކަމަކާއި އެހީވެ ހުރިހާ ވާހަކަތަކެއް ހިއްސާކުރެވުނީ އެންމެ ގާތް އެކުވެރިޔާ ލިވިއާއާއެވެ. ބާޒާރުކުރުމާއިއެކު އެދުވަހަށް އަވަދިނެތި ތައްޔާރުވަމުން ދާއިރު ނަބީލާ ހުންނަނީ ހިމޭނުންނެވެ. ނަބީލާ އެއްގޮތަކަށްވެސް އެކައިވެންޏާއިމެދު ހިތްހަމައެއް ނުޖެހެއެވެ. ލުކުމާންގެ މައިންބަފައިންނާއި އާއިލާ ކައިވެންޏަށް އަންނާނެއޭ ބުނެފައި އަދިވެސް ޚަބަރެއްވަނީ އެއް ނޫނެވެ. ލުކުމާންގެ ބަހުގެ ތެދުކަމާއިމެދުވެސް ނަބީލާ ހުންނަނީ ޝައްކެއްގެ މަތީގައެވެ.

ތަނޑިރަތްމާ ގަހުގައި ފޮޅިފައިވާ އެތައް ހާސް މާތަކުގެ މީރުވަސް ދޮރުގެ ހިންމިތަކުން ވަދެ ސިޓިންރޫމްގައި އިން ނަބީލާގެ ނޭފަތުގެ ހިދުރީގައި ހަރުލާފައިވިއެވެ. ގަޑީގެ ކަށި މެންދަމުން އަލިވެ ދޭކާއި އަރާ ހަމަވެއްޖެއެވެ. ނަބީލާގެ ލޮލުގައި ނިދީގެ ކަންފުޅެއްނެތެވެ. އެލޮލަށް ނިދި ވެރިވާނީ ކިހިނެއްހެއްޔެވެ. ކޮންމެ ރެއަކު އިމާދުއްދީން ގެއަށް ވަންނަ އިރެއްގެ އިންތިޒާރުގައި އެތައް ރެއެއްގެ ނިދި ނަގައިލެވުނުފަހުން މިރޭ ނަބީލާ ބޭނުންވީ ފިރިމީހާއާއި އެސުވާލުކުރާށެވެ.

އިމާދުއްދީން ސިޓިންރޫމްގެ ދޮރު ހުޅުވައިލީ ވަގެއްފަދައިންނެވެ.

"ނަބީލާ ނުނިދާ ރެއަކީތަ" އިމާދުއްދީން ސިހުނެވެ.

"ކޮންމެ ރެއަކު މަސައްކަތް ނިމޭގަޑިއަކީ މިއީ ދޯ. އެހެރީ މެންދަމުން އަލިވެ ދޭއްޖަހާފައި.........."

"އެއްކަލަ އެފެށީ. ކުރިންވެސް ނަބީލާ ވަރިކުރަން ޖެހުނީ ހަމަ ތިހެން ޝައްކުތައް ކޮށް އަހަންނަށް ފާރަލާންފެށީމަ. އަންހެނުން ދެން ހާދަ ފާޑެއްގެ ބަޔެކޭ މީ. އަހަރެމެން މިހާ ބުރަކޮށް މަސައްކަތްކޮށްފައި ގެއަށް އައުމުން ލޯބިން ވާހަކަދެއްކުމުގެ ބަދަލުގައި އެއްޗެހި ކިޔައިގަންނަނީ. މިރޭވެސް މިއައީ ރިޒޯޓަކަށްގޮސް އިންވެސްޓަރަކާއި ބައްދަލުކޮށްފައި. ބޯ ހަލާކު. ނަންނި ގޯސްމަގަކުން ހިނގާފާނެތީ ރަގަޅުކުރަންވެގެންވެސް ނަބީލާ އާއި އިނދެވުނުކަމުގެ މޮޔަ ހިތަށް އަރައިފި...." އިމާދުއްދީން ބަލައިލީ ފޫހިވެފައި ހުރެއެވެ.

"ފިރިހެނުން މަސައްކަތުގެ ނަމުގައި ދޯ އަބަދު ހޮޓާތަކަށް ކޮފީ ބޯން އަރަނީ. ހެޔޮނުވާނެ ތިއުޅުން ހުއްޓާލާފައި ފަހު އުމުރުގައި ހެޔޮކަންތައް ކުރުން ގިނަކުރަން އަންގަވާފައިވޭ......"

ހިމޭންކަން ވެރިވެފައިވާ ގޭތެރޭގައި އިމާދުއްދީންގެ ބާރު އަޑު ގުގުމައިލިއިރު ނަބީލާގެ ރައްދު އެހާ ދުރަކަށް ނީވެއެވެ. ލުކުމާންގެ ވާހަކަވެސް ކޮންމެވެސް ވަރަކަށް ދެކެވުނެވެ. އެކައިވެނި ހުއްޓުވަން އިމާދުއްދީން ކައިރީގައި ނަބީލާ އެދުނެވެ. ރަގަޅަށް އެކުއްޖާ ދަސްކޮށްފައި ނޫނީ ހުރި އެންމެ އަންހެންދަރިފުޅު ހަވާލުނުކުރަން އެދުނެވެ. އިމާދުއްދީން ރުޅިގަދަވެ އެތައް އެއްޗެއްކިޔައިގެން ނަބީލާގެ އަނަގަ ބަންދުކުރިއެވެ.

ކާކޮޓަރިން ފެންފުޅިއެއް ބަލާ ދިޔަ ސަވާނާއަށްވެސް ބައްޕަގެ ޖުމްލަތައް އިވި ސަހަރޯހީވިއެވެ. ހަގީގަތުގައި މަންމަ ހާދަ ކަންތައް ބޮޑޭ ހިތަށް އަރައިފިއެވެ. މަންމަ ޝައްކުކުރަނީ ހަމައެކަނި ބައްޕައަކަށް ނޫނެވެ. ލުކުމާންއަށްވެސް ބަލަނީ ޝައްކުން ފުރިފައިވާ ނަޒަރަކުންނެވެ. މަންމަގެ ނަޒަރުގައި މަންމަ ނޫނީ އަޅުވެރިއެއްނެތެވެ. ދެން ތިބީ ހައްތަހާވެސް ނަރަކަވެރިންނެވެ. އެ ވިސްނުން ބަދަލުނުކޮށްފިއްޔާ ސަވާނާއަށް މަންމައާއި އެއް ފުރާޅެއްގެ ދަށުގައި ހުރެވޭނެގޮތެއް އޭނަގެ ސިކުނޑިއަކަށް ނުވިސްނެއެވެ.

މިއަދަކީ ސަވާނާގެ ކައިވެނި ކުރެވޭ ދުވަހެވެ. އެގޭތެރޭގައި ހަލަބޮލިކަން އިތުރުވެ އެކި މީހުން އެކި ކަންތައްތަކާއި އަވަދިނެތި އުޅޭތަންފެނެއެވެ.

ކޮމެންޓް 0