"މިހިރީ ދޫންޏާ...." އިމާދުއްދީން ވޮލެޓް ހުޅުވާލައިގެން ހަތަރުހާސް ރުފިޔާ ދީފިއެވެ. އެއީ ސަވާނާ އޭނަގެ ކައިރީ ހޯދަން ބުނި އަދަދެވެ. ސަވާނާއަށްވުރެ އޭނަ ބޭނުންވަނީ ލިވިއާގެ ރުހުން ހޯދުމެވެ.

"އެކަމަކު އިނާމެއް ލިބެންވާނެ އިނގޭ...." އިމާދުއްދީން އެދުނެވެ. ލިވިއާ ކައިރިއަށް ޖެހިލިއެވެ. އެވަގުތު އެމަންޒަރު ދެކެން މީހަކު ހުރިކަމެއް އެ ދެމީހުންނަކަށް ނޭގުނެވެ. އެމަންޒަރުން ލިބުނު ޝޮކަށްވުރެ ގަތްލަދު ބޮޑުވެ މޫނުގައި އަތްއަޅައިގެން ގޮސް ކޮރިޑޯއާއި ނިވާވެލިއިރު ސަވާނާގެ ހިތް ތެޅޭވަރުން ބޭރަށް ފުންމާލަފާނެފަދައެވެ. ބައްޕައާއި ގާތްއެކުވެރިޔާގެ މިއޮތް ގުޅުން އޭނަ ހަމައެކަނި ލަދުގަންނަވާލީއެއް ނޫނެވެ. ލިވިއާދެކެ އެހާ ފޫހިކުރުވައިފިއެވެ. ލިވިއާއަކީ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް އަންހެނެއް ބާވައެވެ. ތިމާގެ ބައްޕަގެ އުމުރުގެ މީހަކު ހައްދާލަންވެސް ލިވިއާވަރެއް ނެތްތާއެވެ. ނަމަވެސް ފަހަރެއްގައި އޭނަ މިވިސްނަނީ ނުބައިކޮށެވެ. ލިވިއާގެ ކުށެއްނެތިވެސް ހިނގައިދާނެއެވެ. ބައްޕަ ލިވިއާއާއި ރުހުނީހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އޭނަގެ ހިތުގައި ބައްޕައަށްޓަކާ އޮތް އިއްޒަތާއި ގަދަރަށް ލޮޅުން އަރުވާލި މަންޒަރަކަށްވިއެވެ. ރާފިޔާދައްތަ ގުޅާފައިދެއްކި ވާހަކަތަކާއި މަންމަގެ މަރުވެސް އެކަމާއި ގުޅުވުނެވެ. ހަގީގަތް ލޮލުގެ ކުރިމަތިން ފެނުމުންވެސް ނަގައިގަތުން ފަސޭހައެއްނުވިއެވެ. ނަމަވެސް އޭނަގެ ސިކުނޑި ރަގަޅަށް މަސައްކަތްކުރި ކުރިހެން ރާފިޔާ ދައްތަ ދެއްކީ ތެދުވާހަކައެއް ކަމަށް ގަބޫލުކުރެވިއްޖެއެވެ. ބައްޕައާއިއެކު ޗައިނާގައި ޒުވާން އަންހެންކުއްޖަކު ހުރިކަމަށް ވެއްޖެއްޔާ އެއީ ލިވިއާ ކަމުގައި ވެދާނެބާވައެވެ. އޭނަ އެކަން ޔަގީންކުރާނެއެވެ. ލިވިއާ ވެއްޖެއްޔާ އޭނަ ދުވަހަކު މާފެއްނުދޭނެއެވެ. ހިތްދަތިކަން އިތުރުވެ މާޔޫސީކަމުގެ ސާލު މުޅި ހަށިގަނޑުގައި އޮޅާލައިފިއެވެ.

 

 

ސަވާނާ އޭނަގެ ބައްޕަގެ ކޮޓަރިއަށް ވަންއިރު ސޯފާގައި އިށީދެލައިގެން އިނެވެ. ކުރިމަތީގައި ހުރީ ގްރީން ޓީއެކެވެ. ސަވާނާ ފެނުމުން އިމާދުއްދީންގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް އަސަރެއް ނުފެނުނެވެ.

"ނަންނި ބުނި ފައިސާ ނަގާކަށް ހަދާނެއްނުވި..." އިމާދުއްދީން ސައިކޯވަރެއް ދަމާލިއެވެ.

"ބައްޕަ ކީއްވެ ދޮގުހަދަނީ؟ ލިވިއާއަށް އެފައިސާ ދިންތަން ފެނުނީ އަޅުގަނޑުގެ ދެލޮލުން. މި ދެލޯ ކެއްސެއްނުދޭނެ. ބައްޕަ ލިވިއާއާއިހެދި ތިހާވަރުން އުޅޭއިރު އަމިއްލަ ދަރިފުޅުވެސް މުހިއްމެއްނުވިކަން އެނގިއްޖެ. ބައްޕައަތުގައި ހުރި ފައިސާދިނީ ލިވީއަށް....." ސަވާނާ ހިތާހިތުން ކިޔައިލިނަމަވެސް އޭނަ އެމަންޒަރު ފެނުނުކަމަކަށް ނެހެދިއެވެ.

"އިޓްސް އޯކޭ. އެކަމަކު އަޅުގަނޑު ލަންކާއަށް ވިޒިޓްކޮށްލަން އެބަޖެހޭ."

"ފޯ ވަޓް؟ " އިމާދުއްދިން ފަރުވާކުޑަރާގަކަށް ކިޔާލައިފިއެވެ.

"މަންމަގެ މަހާނައަށް ޒިޔާރަތްކޮށްލަން. މަންމަގެ މޫނު ދުށުމުގެ ނަސީބެއްވެސް ނުލިބުނު..."

"އެންމެ ރަގަޅު އިހަށް ތިވާހަކަ ބާއްވާ. ކޮބާ މިގޭގެ ރެޖިސްޓްރީ..." ކުއްލިއަކަށް އިމާދުއްދީންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފާޅުވެލައިފިއެވެ. ސަވާނާ އެހެރީ އޭނަ ދިން އެންމެ އަގުބޮޑު މުދާ އޭނަގެ ދުޝްމިނަކަށް ހަދިޔާކޮށްފައެވެ. ލުކުމާން އެހެރީ އޭނަގެ ފަރާތުން ކޮން ކަމެއްގެ ބަދަލުހިފަން އައިސްބާވައޭ ހިތަށް އެރިއެވެ. ސަވާނާ ހިތް ފިނިވާގޮތްވިއެވެ. ބައްޕަ އެހެން އަހާނީ ހަގީގަތް އެނގިގެންކަމާއިމެދު ޝައްކެއްނެތެވެ. ބައްޕަ ރުޅިގަދަވެގެން އޭނަ ގެ ގައިގާ ޖެހި ނަމަވެސް އޭނަ ވާހަކަދައްކާނީ ތެދަށެވެ. ސަވާނާ އިސްޖަހާލަމުން ލުކުމާންއަށް ގޭގެ ރެޖިސްޓްރީ ބަދަލުކޮށްދިން ވާހަކަ ބުނެލިއިރު ގައިގާ ފިނި ރާޅެއް ދުވެލައިފިއެވެ. އިމާދުއްދީން ތެދުވުނުގޮތަށް ސަވާނާގެ މޫނުމައްޗަށް ދެތިން އެތިފަހަރު ވީއްލައިލިއެވެ.

"މިހިރަ މޮޔަ އަންހެންކުއްޖާ. އެބައެނގޭތަ ތިކުރީ ކިހާވަރުގެ ކަމެއްކަން. ތިމާ ނިކަމެތިވެގެން މީހެއްގެ ފައިބުޑަށް ވެއްޓޭވަރުކަމެއް ކޮށްފައި ތިހިރީ. އެފިރިހެނާ ތި ސިކުނޑިއާއި ކުޅެ ވާވައްދާލާ އޭނަގެ ނަމަށް ގެ ބަދަލުކުރުވިއިރު މިކުރެވުނީ ކިހާވަރެއްގެ ކަމެއްކަން ކިރިޔާވެސް ސިކުނޑީގައި ތެތްކަމެއް ހުރިމީހަކަށް އިނގޭނެ. އަހަރެން އުމުރުދުވަހުގެ ކުރި ބުރަމަސައްކަތް އަހަރެންގެ އަންހެންދަރި ފެނަށް ހަދާލައިފި. މަގޭ ކުރިމަތިން ދުރަށްދޭ......" އިމާދުއްދީން ހަޅޭއްލަވައިގަތް އަޑު މުޅި ގޭތެރޭގައި ގުގުމާލައިފިއެވެ. ބިރުން ސިހިފައި ހުރި ސަވާނާ ހިނދުކޮޅަކަށްވެސް އޭނަގެ ބައްޕަގެ ކުރިމަތީގައި ހުންނާކަށް ބޭނުމެއްނުވިއެވެ. ދުވަހަކު ރުޅިގަދަނުވާވަރަށް ބައްޕަ އެހެރީ ރުޅިގަދަވެ ދެލޯ ރަތްކޮށްލައިގެންނެވެ. ކަރުގެ ނާރުތަކަށްދާންދެން ފުއްޕާފައެވެ. ބައްޕަ ދުވަހަކު މިހާ ރުޅިގަދަވެފައި ހުއްޓާ އޭނަ ދެކެފައެއްނުވެއެވެ. މިގޮތަށް އޭނަގެ ގައިގާ މިހާބާރަށް ޖެހި ހަދާނެއްވެސް ނުވެއެވެ. ތަދުވެގެންގޮސް ދެލޮލުން ފެން އައިސްފާ ހުރިއިރު މޫނުމަތި އޮތީ ދުޅަވެ ރަތްއަރާފައެވެ. ބައްޕައާއިމެދު ހިތުގައި ޝަކުވާ އުފެދުނުއިރު އޭނަ ހަމަ އެހާ މޮޔައީހެއްޔޭ ހިތަށް އެރިއެވެ. ލުކުމާން އަވަހަށް އަންނާނެނަމައެވެ. ޔަގީނެވެ. ބައްޕަ މިހާ ހިތްހަމަނުޖެހުނުކަން އެނގިއްޖެއްޔާ އޭނަގެ ސަލާމަތަށްޓަކާ ލުކުމާން އޭނަގެ ނަމަށް ގޭގެ ރެޖިސްޓްރީ ބަދަލުކޮށްދީފާނެއެވެ. ނުދޭންވީ އެއްވެސް ސަބަބެއްނެތެވެ. ލުކުމާން އެހާ ނުލަފައެއް ނުވާނެއެވެ.

 

އެރޭ ލުކުމާން ގެއަށް އައީ އާދައިގެ މަތިން ދަންވިފަހުންނެވެ. ގަޑިން ދޭއްޖަހާ ބޮޑުވެއްޖެއެވެ. ސަވާނާ އޮތީ ނުނިދިފައެވެ. ހިތުގައި ފުނިޖެހެމުންދިޔަ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބުމުން ސިކުނޑި ހަލަބޮލިވެ ނިދީގެ އެއްވެސް އަސަރެއް އެލޮލަކުން ނުފެނެއެވެ. ލުކުމާން ނިދަން ތައްޔާރުވެލައިގެން އައުމުން ސަވާނާ ތެދުވެ އިށީދެލައިފިއެވެ.

"ލޫކް އަހަންނަށް ތި ބިޒީ ލައިފުން ޓައިމެއް ލިބިދާނެތަ؟ "

"އޮފްކޯޒް."

"އެކަމެއް ނޭގޭ. ދުވާލަކު އެންމެ މިނިޓެއްވެސް ހުސްކޮށެއްނުދެވޭ......."

"އޯ ކަމް އޯން. އަހަރެން ގާތްގަނޑަކަށް ހައެއްކަ ގަޑި އިރު ހޭދަމިކުރަނީ ސަވާނާއާއިއެކު އެއް އެނދުގައި. އެންމެ ގިނަ ވަގުތު މިދެނީ ސަވާނާއަކަށް ނޫންތަ؟ " ލުކުމާން މޯޅިއަކަށް ދެމިލުމަށްފަހު ކަތި ނަޒަރަކުން ސަވާނާގެ މޫނަށް ބަލާލައިފިއެވެ. މޫނުގައި ދުޅަވެ ނޫފައިގެންފައިވާ ތަން އެރަތްއަލީގައި ފެނި ސުވާލު އުފެދުނެވެ. އަނެއްކާ ޓެރެސްމަތިން ފުންމައިލީ ހެއްޔޭ އަހައިލިއެވެ. ސަވާނާ އެކަމާއި ޖަވާބެއްނުދިނެވެ. އޭނަ ކުދިކުދިވިޔަސް ލުކުމާންގެ ހިތަށް އަސަރެއް ނުކުރާނެއެވެ. ވީއިރު އެހެން އެހުމުގެ މާނައެއްވެސް ނެތެވެ. އޭނަ ވަނީ އެކަނި އުޅެން އާދަވެފައެވެ. ނަމެއްގައި ހުރި ފިރިޔެކެވެ. އެފަރާތުން ކުޑަނަމަވެސް އޯގާތެރިކަމަކަށް އަޅައިލުމަކަށް ހިތް އުއްމީދެއް ނުކުރެއެވެ. އިޒިކްވެސް މާރަގަޅެވެ.

"ލޫކްގެ ބަދަލުގައި ތިތާ މެނެކުއިން އެއް އޮތަސް ވަކި ތަފާތެއް ނުފެންނާނެ."

"ހަހަ ރިއެލީ...." ލުކުމާން ހިނިގަނޑެއް ޖަހައިލާފައި އެއްލޯ މަރައިލުމުން ސަވާނާ ދުރަށް ބަލަންފެށިއެވެ. ލުކުމާން އެގޮތަށް ހިތާއި ކުޅެލުމުން އޭނަގެ ހިތަށް ތަދުވާނެކަން މި ފިރިހެނާއަށް އިހުސާސްނުކުރެވެނީއެވެ. ކޮންފަދަ އަނިޔާވެރިއެއް ހެއްޔެވެ؟ އޭނަދެކެ ލޯބިނުވާ މީހަކާއިހެދި އޭނަވެސް އެހާވަރުން އުޅުމުގެ މާނައެއްނެތެވެ.

" އެނީވޭސް އައި ހޭވް އެ ރެކުއެސްޓް.." ސަވާނާ ނިޔަފަތީގައި ދައިގަތެވެ.

"ކިޔާބަލަ. އަހަރެން ނިދި އެބައާދޭ. ބިޒީކޮށް އުޅެފައޭ ގެއަށް މިއަންނަނީ. ސަވާނާހެން ކައިގެން ދެފައި ދަމަދަމާފައި ނިދާކަށް ނޯންނަން....." ލުކުމާން އާފުރިލިއެވެ. ނިދިއައުމަށްވުރެ އޭނަގެ ވާހަކަތައް އަހަން ފޫހިވެގެން އޮތީކަން ޔަގީނެވެ. ކިތަންމެވަރަކަށް ޕޮޒިޓިވްކޮށް ވިސްނަން އުޅުނަސް ލުކުމާންގެ ހިތުގައިވާހާ އެއްޗެއް މިވަނީ ހާމަޔަށް ފެންނާށެވެ. އޭނަގެ ހިތުގައި ސަވާނާއަށްޓަކާ ލޯބީގެ ކުނޑިފަށެއްވެސް ނެތެވެ. އެހިތުގައި އޭނައަށްޓަކާ އެއްވެސް އިހުސާސެއްނެތެވެ. އެހެންވާންވީ ސަބަބެއް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.

ސަވާނާ އޭނައާއި ބައްޕައާއި ދެމެދު ހިނގި ހާދިސާ ކިޔާދިނެވެ. އޭނަގެ ބައްޕަ ލުކުމާންއަށް އިތުބާރުކުރާނެ ހަމަ އެކަނި ގޮތަކީ އޭނަގެ މައްޗަށް އަލުން ގެ ރެޖިސްޓްރީކޮށް ދިނުން ކަމުގައި ބުނެފާ ސަވާނާ އެތައް ފަހަރު އާދޭސްކުރިއެވެ. އޭނަގެ މަންމަ ނިޔާވުމަށްފަހު އެތައް ކަންތައްތަކާއި ބޯ ގޮވާވަރުވެފައިވާ ކަމަށާއި ލުކުމާން އޭނައަށްޓަކާ ކުޑަވެސް ހަމްދަރުދީއެއް ވާނަމަ އޭނަގެ ގެ އަނބުރާދޭން އެދުނެވެ. ފަހުން އޭނަ އަނބުރާ ލުކުމާންއަށް ގެ ދީފާނެއެވެ. ނަމަވެސް މިވަގުތު ބައްޕަ ރުއްސަން އޭނައަށް މުހިއްމެވެ. ހަގީގަތަކީ އޭނަ ބައްޕައަށް ކަމެއް ޔަގީންކޮށްދޭންވެސް ބޭނުމެވެ. ލުކުމާން އޭނަދެކެ ލޯބިވާކަމެވެ. އޭނައަށްޓަކާ ގެ އަނބުރާދޭން ޖެހިލުން ނުވާކަމެވެ. ބައްޕަގެ އެ ކުށްހީ ދުރުކޮށްލަދޭން ލުކުމާން އެހީވާނެކަމުގައި އޭނަ ހީކުރިއެވެ. ނަމަވެސް ލުކުމާންގެ ބޯ ހަރުކަމުން އެއީ އެހާ ފަސޭހަކަމަކަށް ވާނެހެން ހިޔެއްނުވެއެވެ.

"ސަވާނާ ބައްޕަ ދެން ކޮން ވައްތަރަކަށް އުޅެނީ؟ އަހަރެން ޖެހޭތަ ކޮންމެހެން ސަވާނާދެކެ ލޯބިވާކަން އޭނައަށް ޕްރޫވްކޮށްދޭން. އަހަރެންގެ އަންހެނުންގެ މަގާމަށް ސަވާނާ އަންނާނީ ކޮންމެވެސް ކަމެއްވީމައެއްނު. އޭނަ އަމިއްލައަށް ކަންތައްތައް ހޯދާށޭ ބުނޭ. އަހަރެން ނުޖެހޭނެ އޭނައަށް އެއްވެސް ރީޒަނެއް ދައްކަން. އެއީ ކާކު. އޭނަ އުޅޭވައްތަރު ނުދަންނަ މީހެއް މުޅި މި ރާއްޖެއަކު ނުވާނެ. ޕްލީޒް ސްޓޮޕް ބޮދަރިން މީ އެންޑް ލެޓް މީ ސްލީޕް އޯކޭ ސަވާނާ. އަހަރެން ތިކަމާ ވިސްނާނަން..." ސަވާނާގެ ޝަކުވާތަކާއި ބިރު އަހަން އޮވެފައި ލުކުމާން ދިން ޖަވާބަކުން ސަވާނާގެ ހިތަށް އިތުރު ލޮޅުމެއް އެރިއެވެ. ބައްޕައާއި ދޭތެރޭ ނުވިސްނިޔަސް އެންމެ ރަގަޅެވެ. އެކަމާއި ދޭތެރޭ ފަރުވާލެއްނެތަސް އޭނައާއި އެންމެފަހަރަކު ނަމަވެސް ލޯބިން އަނގައިން ބުނެބަލާށެވެ. އެންމެފަހަރަކު ލޯބީގެ ނަޒަރަކުން ބަލައިލިޔަސް ފާފަވެރިއެއްނުވާނެއެވެ. އޭނަގެ މޫނުގައި ލަކުނު ހުރީމަ ލުކުމާން ފޫހިވަނީބާވައެވެ. ފޫހިވަންޏާ ބުނެލާނެނަމައެވެ. ހާދަ ދެރައެއް އެބަވެއެވެ. ހިތުގައި ހާދަވަރަށް ޖެހެއެވެ. ފިރިމީހާގެ ފަރާތުން އެއްވެސް އަޅާލުމެއްނެތި ކޮންމެ ރެއަކު އެއް އެނދެއްގައި ނުނިދިފައި އޮންނައިރު އޭނަގެ ހިތަކަށް އެއްވެސް އެއްޗެއް ނާރައެވެ. އަރާމުގައި ދެފައި ދަމަދަމާފައި ރީތި ހުވަފެންތަކަށް ފީނައިގެންނެވެ.

 

އިމާދުއްދީންގެ ކައިރީ ލިވިއާ ބުނެގެން އޭނަގެ ތިމާގެ ކުއްޖަކު އެގޭގައި ބެހެއްޓިއެވެ. ކިޔަވަމުން ގޭގެ މަސައްކަތްކޮށްދޭނެ ކަމަށާއި އިމާދުއްދީން އަދި ސަވާނާއަށްވެސް ފަސޭހަވާނެކަމުގައި ލިވިއާވަނީ ބުނެފައެވެ. ނޯކަރެއްގެ ބޭނުން ޖެހިފައި ހުއްޓާ އެހާ ފަސޭހައިން ރީތި އަންހެންކުއްޖަކު ގޭގެކަންތައް ކޮށްލަދޭން ގެނައުމުން އިމާދުއްދީންގެ ހަލާކުވެފައިވާ ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ. އާލިމާ ކިތަންމެހާވެސް ހީވާގިއެވެ. ހެދުނު ހެދުނާ ތެދުވެ ސައިހަދާ ރޮށިފިހެ މަސްހުނި ކަހަލަ އެއްޗެއް މޮޑެލައެވެ. އެކުއްޖާ އުޅޭގޮތުން ސަވާނާ މަންމަ މަތިން ހަނދާންވާކަހަލަ ގޮތެއްވިއެވެ. ދުވަސްކޮޅަކަށް ބުރަކޮށް އުޅުމަށްފަހު ސަވާނާ ހަމަނޭވާލެވި އަމިއްލަ ކަންތައްތަކާއި އުޅޭވަރުވިއެވެ. އާމިލާ ގޭގައި ފުނިޖެހިފައިވާ ދާ ހެދުންތައް ދޮވެލާ ގެ މޮޕްކޮށްލަދީފައި ނުވީތާކަށް ގަސްތަކަށް ފެންދީ ހަދައެވެ. ހަވީރު ދަނީ ކޮލެޖަށެވެ. މުސާރަނުދީ ގޭގައި ހުރިހާކަމެއް ބަލަހައްޓާ ކުއްޖަކު ހުރުމުން ސަވާނާގެ ބޮލުން ބައެއް ޒިންމާތައް ނެގުނެވެ. ނަމަވެސް ސަވާނާ އެކުއްޖާ ލައްވާ އޭނަ އަދި ލުކުމާންގެ އެއްވެސް ކަމެއްކުރުވާކަށް ބޭނުމެއްނުވިއެވެ. ލުކުމާންއަށް ޚިދުމަތްކޮށްދެވުމުން ހިތަށް ހަމަޖެހުމެއް ލިބެއެވެ.

 

އިމާދުއްދީން ރިޒާ ގެ މޭޒުމަތީގައި ފައިލެއް ބޭއްވިއެވެ. އޭނަގެ މޫނު ބަނަވެފައިވާވަރުން ރިޒާވެސް ކަންބޮޑުވިއެވެ.

"ލުކުމާންއާއި ބެހޭގޮތުން ހުރިހާކަމެއް އެނގެން ބޭނުން. ހުރިހާ ޑީޓެއިލްއެއް. އޭނަގެ މައިންބަފައިންނާއި އުޅޭގޮތާއި އޭނަ ކިޔަވައިގެން ހުރި ވަރާއި އާއިލާ އަދިވެސް ހުރިހާ ވަނަވަރެއް ވީހާ އަވަހަށް މަށަށް ގެނެސްދީ..." އިމާދުއްދީން އަމުރުކުރިއެވެ. ރިޒާ ބޯޖަހައިލިއެވެ. އިމާދުއްދީން ފުންނޭވައެއް ދޫކޮށްލާފައި ފަޓުލޫނުގެ ޖީބަށް އަތްޖަހައިލިއިރު ނިތްކުރީގައި ދާތިކިތައް ވިދައެވެ. ލުކުމާން ނޫން އެއްޗެއް މިދުވަސްކޮޅު އޭނަގެ ސިކުނޑިއަކަށް ނުދަވެއެވެ. ލުކުމާން އޭނަގެ އެންމެ އިތުބާރުހިފޭ މަގާމުގައި ހުރެ އޭނަގެ އަންހެންދަރިފުޅާއިއެކު ހުރިހާ މުދަލެއް ފޭރިގެންފިއެވެ. އޭނަގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލައިފިއެވެ.

 

ލިވިއާ މޭޒުމަތީގައި އުއްބައްތިތައް ދިއްލާލުމަށްފަހު އޭނަ ގެނައި ޕާރުސަލް ހުޅުވާލައިގެން ދެ ތަށްޓަށް އަޅާލައިފިއެވެ. މިރޭ އިމާދުއްދީން ކައިރިން އޭނަ އެދެން ޖެހިފައިވަނީ މާ ބޮޑުކަމަކުއެވެ. ވިހި ހާސް ރުފިޔާ ހަމަ ކުއްލިއަކަށް ބޭނުންވީއެވެ. އިރުއިރުކޮޅާ ކަންތަކު ކިޔާކަށް ފަސޭހައެއްވެސް ނޫނެވެ. ނަމަވެސް އޭނަގެ ފޯނުގައި ކޫރުން އެޅުމުން އެންމެފަހުގެ އައިފޯނަކަށް ހިތް އެދެނީ މާ ބޮޑަށެވެ. އިމާދުއްދީންއަށް ގުޅައިގެން ގެނެސް ދެމީހުން އެކީ ރޮމެންޓިކް ކެއުމަކަށް އިންސާފުކުރަން ވާނެކަމުގައި ބުނުމުން މިރޭ އިމާދުއްދީންގެ ސިކުނޑީގެ ބަޔެއް ހޭލައިފިއެވެ. މިދަޅަތައް ދައްކައިގެން ލިވިއާ އޭނަ ލައްވާ ފައިސާ ހޯދާކަން ވިސްނި އެކަމާއި އަމިއްލަ ނަފުސަށް މަލާމާތްކުރެވުނެވެ. އިންތިހާއަށް ދެރަވެސްވިއެވެ.

"ލިވީ. ވިހިހާސް އަދި ދެވޭކަށް ނެތް. ކުންފުނި އަޑި އަޅާލައިފި. އަހަރެންގެ އެބަތިބި އެކުވެރިން. މިކަންތަކުން އަރައިގަނެވޭނެ. އެކަމަކު އަހަންނަށް ދުވަސްގަނޑެއް ދޭންވީނު..."

"ނޫނޭ ޑާލިން. މިރޭ ހަމަ ބޭނުން. ފޯނުގެ ޑިސްޕްލޭ ތެޅުނީ...."

"ދެން މަގޭ ފޯނު ގެންދޭ..." އިމާދުއްދީން ދިއްކޮށްލުމުން ލިވިއާ އެފޯނުގައި އަތުން ޖައްސާ ދުރުކޮށްލައިފިއެވެ. ލިވިއާގެ ދޮންމޫނުމަތިން މޮޅިވެރިކަމުގެ އަސަރު ފެނުމުން އިމާދުއްދީންގެ ހިތަށް އަސަރުކޮށް ލިވިއާގެ ކޮންމެ ބޭނުމެއް ފުއްދައިދޭހިތްވިއެވެ. ލިވިއާ އަބަދާ އަބަދު އުފަލުން ހިނިތުންވެފައި ހުރިތަން ނޫނީ ފެންނާކަށް އޭނަގެ ހިތެއްނޭދެއެވެ. އިމާދުއްދީން އެހާ ފަސޭހައިން އެވާހަކަ ބުނަން ބޭނުމެއްނުވިއެވެ. ސަމާސާއަކަށް ހަދާފައި ބުނީ އޭނަގެ އަތުން އެކައްޗެއްވެސް ލިވިއާއަށް ލިބުމެއް ނެތްކަމުގައެވެ. އެއިން އެއްޗަކަށް ލިވިއާގެ ހައްގެއްނެތްކަމުގައެވެ. ލިވިއާ ހިތްހަމަނުޖެހިފައި އިންތަނުން ތެދުވެގެން ފަރި ހިނގުމެއްގައި ގޮސް އިމާދުއްދީން އިށީދެލައިގެން އިން ގޮނޑިއާއި އަރާހަމަކުރިއެވެ. ގުދުވެލާފައި ކަންފަތްދޮށުގައި ބުނެލި ސިއްރަކުން އިމާދުއްދީންގެ ތުންފަތުގައިވި ހިނިތުންވުން ހަމަކުއްލިއަކަށް ގެއްލިއްޖެއެވެ.

"އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް....ސަމަރ؟ ނަބީލާއްތަ ކޮށްޕާ ވައްޓައިލިތަން ފެނުނޭ ޑާލިން. ޔޫ އާ ސޯ ހާޓްލެސް އޭ ވެސް އެވަގުތު ހިތަށް އެރި...." ލިވިއާ ހީގަތެވެ. އަބަދު މާމުއި ކަންފަތަށް ވިރުވާ އެޅުމެކޭ އެއްފަދަ އެ ހުނުން މިވަގުތު ކަންފަތުގައި ޖެހުނީ ހޮނުގުގުރިއެއްގެ ބިރުވެރިކަމާއިއެކުގައެވެ. ގައިގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ލިވިއާއަށް ކިތަންމެ ރީތި ސިފަތަކެއް ދެއްވާފައި ހުއްޓަސް ޝައިތާނީ އަންހެންކުއްޖެކެވެ. "އީވިލް" ސިފަކުރަންޏާ މިއީ އެ އަންހެންކުއްޖާއެވެ. އޭނަ ބްލެކްމެއިލް ކުރަން ފެށީއެވެ. އިންޒާރުގެ ސަބަބުން މުޅި ހަށިގަނޑުގައި ހިފައިލި ބިރުވެރިކަން ނޭވާވެސް ތާށިކޮށްލިއެވެ. އެތެރެހަށި އުދާސްވީވަރުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓާލެވިއްޖެއެވެ. އެވަރުންވެސް ނޭވާ އެތެރެއަށް ނުހިނގިއެވެ.

"ލިވީ އަހަރެން ބްލެކްމެއިލް ކުރަނީތަ؟ "

"ނޫނޭ ވީ އާ އެ ޓީމް. ތިއީ އަހަރެންދެކެ ފުރާނައިން ލޯބިވާކަމަށް ބުނާ އަހަރެންގެ ލޯބިބެރިޔާ. ތި ހިތުގެ ވެރިޔަކީ ލިވިއާ. އުފަލަކީވެސް މިއީ. ނޫންތަ. ކިހާވަރަކަށް އެލޯބި ބަޔާން ކޮށްދޭން ޅެމާއި މެސެޖްކުރަނީ. ހާދަ ލޯބިވާ އާޝިގެއް އަހަންނަށް ލިބުނީ. ޕޮއެޓެއް. މިހިތް ލޯބިން ފުރާލަދޭ ހަމައެކަނި ބައިވެރިޔަކީ ތިއީ. ވީއިރު އެންމެ ފޯނަކަށްޓަކާ އަހަރެން ރުޅިއަރުވައިނުލާ. އަހަރެންގެ އަތުގައި އެވީޑިއޯވެސް އެބައޮތް. ހޫނުވާން ހެދީމަ އަހަރެން ވީޑިއޯކުރީ ކޮންމެހެން ޑާލިން އެހާ ނުބައިކަމެއް ކުރާނެކަމަކަށް ނޫން. ނަބީލާއްތައާއި ދިމާލަށް ލޯބި ރުޅިންގޮސް ކިޔައިލި އެއްޗެހި މަޖާވީމަ. ވަރަށް ސާފުކޮށް އެވީޑިއޯ އިނީ. ދާދި ކައިރިން ނަގާފައި. ވަގުތުން ލޯބި ހައްޔަރުކުރެވޭނެ. އެކަން އިނގޭތަ؟ ނަންނިއަށް އޭނަގެ މަންމަގެ ގާތިލަކީ ތިމާގެ ލޯބިވާ ބައްޕަކަން އެނގޭދުވަހަކުން އެކުއްޖާގެ ހިތް ހަލާކުވާނެ. އެކަހަލަ ކަމެއް ޑާލިން ކުރި ސަބަބެއް ބުނެބަލަ......." ލިވިއާ ހުރީ ދެގޮތެއްނުވާ އެފަރި ހިނިތުންވުމުގައެވެ. އިމާދުއްދީންގެ މޫނު ހުދުވެ ހާސްވެފައި ހުރިތަން ފެނުމުން އެހެންކަހަލަ ހިތްހަމަޖެހުމެއް ލިބުނެވެ.

އިމާދުއްދީންއަށް ލިވިއާގެ ފައިދަށަށް ތިރިވެވުނެވެ. އެދޮން ފައިތިލައިގާ ބޮސްދެވިއްޖެއެވެ.

"އަހަރެންގެ ދިރިއުޅުން ނިމިދާނެ ލޯބިވާ ލިވިއާ. ތިހެން ނަހަދާ. މި ސިއްރު ކަށްވަޅާއި ހަމަޔަށް ގެންގޮސްދީ. އަހަރެން މިހިރީ ދޫނި ބުނި ކޮންމެކަމެއް ކޮށްދޭން ހަމަ ތައްޔާރަށް. އަހަރެން ނަބީލާ މަރައިލީ ހަމައެކަނި ލިވީއަށްޓަކާ. ލިވީއާއި އަހަންނާއި ދެމެދު ވާ ހަމައެކަނި ހުރަހަކީ އޭނައަށް ވީތީ...." އިމާދުއްދީން އާދޭހުގެ ރާގެއްގައި ބުނަމުންދިޔައެވެ. އޭނަގެ ކައިރީ ކުޑަކަކޫމައްޗަށް ބޮޑު ވިޔަފާރިވެރިޔަކު ތިރިކުރެވުމުން ލިވިއާއަށް ލިބުނީ ބަޔާން ނުކުރެވޭފަދަ އުފަލެކެވެ. އެހާ ބޮޑު ފާފައެއްކުރަނިކޮށް ބޭޒާރުވުމުން އުމުރުދުވަހަށް ބްލެކްމެއިލް ކުރެވޭނެ ނޫންހެއްޔެވެ؟ އޭނައަށް ފައިސާ ހޯދޭނެ އިތުރު ގޮތެއް ތަނަވަސްވީއެވެ. އިމާދުއްދީން އޭނަދެކެ ލޯބިވާވަރު އެނގިއްޖެއެވެ. ވީމަ ނަބީލާއަށް ހެދިގޮތަށް ހަދާކަށް ނުވެސް ކެރޭނެއެވެ. އޭނަ އެއަށްވުރެ މާ ހުޝިޔާރުވާނެއެވެ.

"އެކަމަކު ލިވީ ޖެހޭނެ ތި ޑިލީޓްކޮށްލަން...." އިމާދުއްދީން އެދުނެވެ.

ލިވިއާ ހީލާފައި ފޯނު ހުޅުވާލާފައި އެ ވީޑިއޯ އިމާދުއްދީންއަށް ދެއްކީ ފަރުވާލެއްނެތް ގޮތަކަށެވެ. އިމާދުއްދީން ވަގުތުން ފޯނު ޖަހައިގެންފާ ވީޑިއޯ ފޮހެލައިފިއެވެ. ލިވިއާ ހުރީ ހަމަ އެ ހިނިތުންވުމުގައެވެ. ލިވިއާ ބުނީ އޭނަދެކެ އެހާ ލޯބިވާ މީހަކު ޖަލަށް ލައިގެން އޭނައަށް ލިބޭނެ ކާމިޔާބެއް ނެތްކަމުގައެވެ. ލިވިއާ ހަދާންނައްތައިލީ ދީނުގައި އެކަމުގެ ހުކުމް އޮތްގޮތެވެ. ގާތިލަކަށް ހިމާޔަތްދީ އެފަދަ އަމަލެއް ފޮރުވައިގެން ހުރުމުގެ ނުބައިކަމެވެ.

އިމާދުއްދީންއާއި ދެމީހުން އެކީގައި ކާންތިއްބާ ހިޔަންޏެއް އެދިމާލުން ހުރަސްކުރިހެން ހީވެފާ ލިވިއާ ތެދުވެގެންގޮސް ބޭރަށް ބަލައިލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ވަހުމެކެވެ. ބައެއްފަހަރު އެހާ ބޮޑެތި ސިއްރުތައް ހިފަހައްޓަން ހަދައިގެން ހިތް ބިރުގަންނަގޮތްވެސް ވެއެވެ. ނަބީލާގެ މަރުގެ ސިއްރު ފޮރުވަން ހަދައިގެން ގާނޫނީ ކުށެއްގައި އޭނަ ނުބެދޭނެބާވައޭ ހީވާވަރުން ބައެއްފަހަރު އެކަމާއި ވިސްނާލަން މަޖުބޫރުވެއެވެ.

 

ލިވިއާއަށް ނޭގި ސަވާނާ އެކޮޓަރިއަށްވަދެ ލިވިއާގެ ސާމާނުތައް ޗެކްކުރިއެވެ. ޕާސްޕޯޓް ފެނުމުން ސަވާނާގެ ހިތަށް ނުބައިގޮތެއްވިއެވެ. ބައްޕަ ޗައިނާއަށް ދިޔަ ތާރީޚާއި ފުރި ތާރިޚުގައި ލިވިއާގެ ޕާސްޕޯޓުގައިވެސް މިވަނީ ޗައިނާގެ އިމިގްރޭޝަން ތަތްގަނޑެވެ. ބައްޕައާއި އެކު އެފެނުނު ޒުވާން އަންހެންކުއްޖަކީ ލިވިއާކަން ޔަގީންވުމަށްފަހު ލިވިއާދެކެ ވީ ފޫހި ކުރިއަށްވުރެ އެތައް ގުނައެއް އިތުރުވިއެވެ. ލިވިއާގެ ދުރުހިލޭކަމުގެ ސިއްރަކީ މިއީއެވެ. އޭނަ ފައި ވިއްދާފައިވަނީ ސަވާނާގެ މަންމަގެ މަގާމު ހޯދާށެވެ. ލަދުން ބޯ ހަލާކުވާވަރުވިއެވެ. ބައްޕަ ލިވިއާއާއި ކައިވެނިކޮށްފިއްޔާ އޭނަ މިގެއިން އަބަދަށްޓަކާ ދާނީއެވެ. މިއީ ފަހަރެއްގައިވެސް އޭނަގެ ޟަމީރު އެއްބަސްވާނެ ކަމެއް ނޫނެވެ.

 

މޭޕްލްވިލާގެ ޓެރެސްގައި ބޭއްވޭ ޕާޓީތައް ގިނަވިއެވެ. ޚަރަދުކުރަން ހުންނަނީ ކައިދަންއެވެ. ބައެއްރޭ ރޭ މިއުޒިކް ކުޅެ ޝަރުބަތު އަދި އެނާޖީ ޑްރިންކް އެއްޗެހި ބުއިމުގެ އިތުރުން ޝީޝާގެ ފޯރިގަނޑުވެސް ހިފިއެވެ. އިޒިކް އޭރު އުޅުނީ އޭނަގެ މަންމައާއެކު ޖަރމަނީގައެވެ. ބޮޑުބޭބެއަކު ބަލިވެގެން އެހާ ދުރަށް ދިޔައީ ޖިލްއަށް އިތުބާރުކޮށްފައެވެ. ބުރުގާ އަޅާ ކުއްޖަކަށްވުމުން ފަހަރެއްގައިވެސް މަގުން ކައްސާލަފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ޖިލްއާއި ސަވާނާގެ ގުޅުމާއިމެދު އިޒިކް ހިތްހަމަޖެހުނެވެ. ސަވާނާގެ އަޚުލާގު ރަގަޅުކަން އިޒިކްވަނީ ފާހަގަކޮށްފައެވެ. އިޒިކްއަށްވެސް ނޭގުނީ ހެދުން އަޅާގޮތުން ބައެއްފަހަރު މީހާ ނޭގި ހިގައިދާނެކަމެވެ.

ކައިދަންގެ މުއްސަދިކަން ހާމަވުމަށްފަހު ލިވިއާ ކައިދަންއާއި ގުޅުން ބޭއްވިޔަސް އޭނަ އެންމެ ލޯބިވާ ޒުވާނަކީ ލުކުމާންއެވެ. ލުކުމާން ސަވާނާއާއި ކައިވެނިކޮށްގެން އުޅޭތީ އޭނަގެ ހިތުގައިވާ ހަސަދަވެރިކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ.

 

އެރޭވެސް މޭޕްލްވިލާގައި ބާބެކިއު ހެދުން އޮތެވެ. ސްވިމިންޕޫލަށް އެންމެން އެރިގެން އުޅުނުއިރު ސަވާނާ ހުން ވައްތަރުވެފައިވާތީ ފެންވަރާހިތެއް ނުވިއެވެ. އެތާ ހުރިއްޔާ ގަދަކަމުން ފެނަށްލާފާނެތީ ބިރުން ގެއަށް ވަންނާން އައިއިރު ބައްޕަވެސް މަންމަގެ ކޮޓަރިން ނުކުތްތަން ފެނުނެވެ. ބައްޕަ އެތަނަށް އެވަނީ ކީއްކުރަންހެއްޔެވެ؟ ސަވާނާ ފެނުމުން ކުޑަކޮށް ސިހިފާ އަތުގައިވާ ފޮތްތައް ދައްކައިލިއެވެ.

"މަންމަ ގެންގުޅޭ ފޮތްތަކެއް ބަލައިލަންވެގެން. ނަންނި. ކޮބާ ލުކުމާންއާއި ވާހަކަދެއްކިންތަ؟ އޭނަހުރީ ނަންނިއަށް އަލުން ގެ ރެޖިސްޓްރީ ކޮށްދޭ ގޮތަށް ތަ؟ " އިމާދުއްދީން ސުވާލުކޮށްލިއެވެ.

ސަވާނާ ދޮގުހަދާކަށް ބޭނުމެއްނޫނެވެ. ހަގީގަތް މުޅިން ހާމަކޮށްލާނެ ހިތްވަރެއްވެސް ނުލިބި ހިންދިރުވައިލެވިއްޖެއެވެ. ހިތާމައިން ފޯވެ ހިތަށް ބަރުވެއްޖެހެން ހީވިއެވެ. ލުކުމާންއަށްޓަކާ އޭނަގެ ހިތް އެހާ ވަރަށް ވިންދުޖަހާއިރުވެސް އޭނަގެ ހިތުގައި ސަވާނާއަށްޓަކާ އޯގާތެރިކަމެއް ނުވާނީހެއްޔެވެ؟ ބައްޕަމެން ކައިރީގައިވެސް އޭނަގެ އަގު ވެއްޓި ލަދުގަންނަންޖެހުން ނޫންކަމެއް ނުވެއެވެ.

"ލޫކް ބިޒީކަމުން އަދި އެކަމާ ނޫޅެވޭ. ބައްޕާ އަޅުގަނޑު މިހިރީ ގަދަޔަށް ހުން އައިސްފަ. އެހެންވެ ރެސްޓެއް ނަގައިލަން ބޭނުން. ކެން އައި....." ސަވާނާ ހުއްދައަށް އެދުނެވެ. އަދިވެސް އެމޫނުމަތީ އޭނަ ޖެހިތަން ނޫފައިގެންފާ އެބަހުއްޓެވެ. މޫނުގެ އަނެއްފަޅީގައި ހުރި ލަކުނުން ނުފުދިގެން ލޯބިވާ ދަރިފުޅުގެ މޫނުމަތީގައި ޖެހުނީއެވެ. އިމާދުއްދީން ކުރިއަށް ޖެހިލާފައި ސަވާނާގެ ނިތްކުރީގައި ބޮސްދިނެވެ.

"ސޮރީ ދަރިފުޅާ ބައްޕައަށް އާދެވުނު ގަދަ ރުޅީގައި މޫނުގައި ޖެހުނީ...."

ސަވާނާ ކުޑަކޮށް ހީލާފައި އެއްފަރާތަކަށް ދާން ހިގައިގަތެވެ. އަނދިރިކޮށްފައިވާ ކޮރިޑޯއިންނެވެ. ބައްޕަ އޭނަގެ ގާތުން މާފަށް އެދުނަސް މިހާރު ބައްޕަވަނީ އޭނައާއި އޮތް ގުޅުން ދުރުކޮށްލާފައެވެ. އޭނަ ވަނީ އެކަނިވެރިވެފައެވެ. މަންމައެއް ބައްޕައެއްވެސް ނެތެވެ. ފިރިޔަކުވެސް ނެތެވެ. ގާތް އެކުވެރިންނާއި ދޭތެރޭގައި ޝައްކުގެ ނަޒަރަކުން ބެލެވެންފެށުމުން އެމީހުންނާއި ގުޅުމެއް އޮތްކަމަކަށް ގަބޫލެއްނުކުރެވެއެވެ. އޭނަހާ އެކަނިވެރި އަންހެންކުއްޖަކު މިއޮތް ބޮޑު ކައުނުގައި ނުވާނެއެވެ. ދެލޯ ފެންކަޅިވުމާއިއެކު ލައިގެން ހުރި ގަމީހުގެ އަތުކުރިން ލޯ ފޮހެލިއެވެ. ކުއްލިއަކަށް ފެނުނީ ލުކުމާން ލިވިއާ ފަހަމުން އައިތަނެވެ. ކޮންމެވެސް ސަކަރާތެއް ޖަހާލާފައެވެ. ސަވާނާ ސިޑީގެ ފުރަގަހަށްވަދެ ނިވާވެލިއެވެ.

"ލޫކް ދެން ކޮންހާ ސަކަރާތެއް...."

"ޕްލީޒް ދޫކޮށްލާ މީހަކަށް ފެނިދާނެ..." ލިވިއާގެ އަޑު ކެނޑިގެން ދިޔައީ ލުކުމާން ކުރި ކަމަކުންނެވެ. ދެން ފެނުނީ ލިވިއާގެ މެދުހަށީގައި ހިފިގޮތަށް ބިންމަތިން ހިއްލާލައިގެން ގޮސް އެންމެ ކައިރީގައި ހުރި ކޮޓަރިއަށް ގެންގޮސް ވެއްދިތަނެވެ. އެކޮޓަރީގެ ބޮކިތައް ހުރީ ނިވާލާފައެވެ. ސަވާނާ ޖެހި ބުދެއްހެން ހުރިއިރު ނޭވާލާންވެސް ޖެހިލުންވިއެވެ. ނޭވާ ނުލެވުނީއެވެ. ދެލޮލުން އޮހިގަތް ކަރުނަތައް ތިއްކަކަށްފަހު ތިއްކެއް ވެއްޓެންފެށިއެވެ. އެދެމީހުންގެ ދޭތެރޭ އޮތް ގުޅުން މިރޭ އޭނައަށް ރީއްޗަށް ބޭޒާރުވެއްޖެއެވެ. ލިވިއާއާއި ލުކުމާންގެ ދޭތެރޭ އޮތީ އެއްގޮތަކަށްވެސް ބޭބެ ކޮއްކޮގެ ގުޅުމެއް ނޫނެވެ. އެދެމީހުން އުޅެނީ ރައްޓެހިވެގެންނެވެ. ލުކުމާން އޭނައާއި އެއްވެސް ގުޅުމެއް ނުބާއްވާ ސަބަބަކީ ލިވިއާއަށްޓަކައެވެ.

ސަވާނާއަށް ކުރި އަސަރެއްގެ ބޮޑުކަމުން ގިސްލެވޭވަރަށް ރޮވެމެން ދިޔައެވެ. އޭނަ އެމީހެއްގެ އެންމެ ލޯބިވާ އޭނަގެ ފިރިމީހާ އެހެން އަންހެންކުއްޖަކާއިއެކު އަނދިރި ކޮޓަރިއެއްގައި ކުރާނެ ކަމެއް ހިތަށް އަރުވާފައި ހިތް ހަލާކުވެއްޖެއެވެ. ގަޑިން ވީއިރު ބަލާލާފައި އޭނަ ހުރީ އެދެމީހުން ނިކުންނަ އިރެއްގެ އިންތިޒާރުގައެވެ. ފަސްމިނިޓްވެއްޖެއެވެ. ދިހަ މިނިޓް ހިނގައިފިއެވެ. މިނިޓަކަށްފަހު މިނިޓެއް ގަޑީގެ ކަށި ދަތުރުކުރިއެވެ. ތިރީސް މިނިޓްވީއިރު ކެތްނުކުރެވިގެން ތެދުވެގެންގޮސް އެންމެފަހުން ދޮރު ހުޅުވާލިއެވެ.

ކޮމެންޓް 0