ސަވާނާއަށް ކުރި އަސަރެއްގެ ބޮޑުކަމުން ގިސްލެވޭވަރަށް ރޮވެމެން ދިޔައެވެ. އޭނަ އެމީހެއްގެ އެންމެ ލޯބިވާ އޭނަގެ ފިރިމީހާ އެހެން އަންހެންކުއްޖަކާއިއެކު އަނދިރި ކޮޓަރިއެއްގައި ކުރާނެ ކަމެއް ހިތަށް އަރުވާފައި ހިތް ހަލާކުވެއްޖެއެވެ. ގަޑިން ވީއިރު ބަލާލާފައި އޭނަ ހުރީ އެދެމީހުން ނިކުންނަ އިރެއްގެ އިންތިޒާރުގައެވެ. ފަސްމިނިޓްވެއްޖެއެވެ. ދިހަ މިނިޓް ހިނގައިފިއެވެ. މިނިޓަކަށްފަހު މިނިޓެއް ގަޑީގެ ކަށި ދަތުރުކުރިއެވެ. ތިރީސް މިނިޓްވީއިރު ކެތްނުކުރެވިގެން ތެދުވެގެންގޮސް އެންމެފަހުން ދޮރު ހުޅުވާލިއެވެ.

ފަނޑު ފަނޑު އަލިކަމެއްގެ ތެރެއިން އެއްހިޔަނިފަދައިން ދެމީހުން އެނދުގައި ތިބިތަން ފެނިފާ އަނބުރައިނުގަތީ ހަމަކިރިޔާއެވެ. އުމުރު ދުވަހުވެސް އެދެލޮލުގައި ރައްކާކޮށްފައިވާނެ އެންމެހިތި ހަދާންކަމުގައިވާނެއެވެ. މިފަދަ ކެހިވެރި އެކުވެރިއެއް ލިބުނުކަމަށްޓަކާ އޭނަ ހިތާމަކުރިއެވެ. ބޭވަފާތެރި ފިރިއެއް ދެއްވިކަމީ އޭނަގެ ބަދުނަސީބެވެ. އެވެސް ދުނިޔެއިން އެންމެ ލޯބިވި އިންސާނާއެވެ. އެނދުމަތީގައި ތިބި ދެމީހުންގެ ހޭވެރިކަމެއް ނެތުމުން ދޮރުމައްޗަށް މީހަކު އެރިކަމެއްވެސް ރޭކާނުލިއެވެ. ސަވާނާ އަނގަމަތީގައި އަތް އަޅަމުން ފަހަތަށް ދެތިން ފިޔަވަޅު އަޅައިލިއިރަށް އިނދައަކަށް ޖެހުނެވެ. މަޑުދޫލަ އަޅާފައި ހުރިކަމުގައިވިޔަސް ތަދުވާހާ ބާރަށެވެ.

"ޑޭމިޓް ލޫކް ކީއް ތިކުރީ. އައި ހޭޓް ޔޫ. އައި ހޭޓް ޔޫ.....އަހަރެން ނުވޭ ލޯތްބެއް. ޔޫ ބްރޯކް މައި ހާޓް. އަނިޔާވެރިޔާ އަހަރެންގެ ހިތް ހަލާކުކޮށްލައިފި. ކުދިކުދިކޮށްލައިފި. ހާދަ ދެރަކޮށްލައިފިޔޭ. ކޮންކުށެއް ކޮށްގެން ތިހާ ބޮޑު އޮޅުވައިލުމެއް އޮޅުވާލީ. ދެމީހުންވެގެން. ހޭޓް ޔޫ..." ސަވާނާ ދަތްތައް ވިކާލައިގެން އިންއިރު ހިތުގައި މާނައެއް ނެތް އެކި ލަފުޒުތައް އަރާ ފޭބިއެވެ. ރުޅިވެރިގޮތަކަށް ދެލޯ އަޅާލިނަމަވެސް ކުރިހޯދީ ވޭނާއި ރިހުމެވެ. އެތަނަށްވަދެ ދެމީހުންގެ ގައިގާ ތަޅައިގަނެ އަރައިގަންނަން ސިކުނޑީގެ ކަނަކުން ގޮވާލާފައިވެސް އެ އަޑުތައް ގަންބައިލީ ހިތާމައިގެ އިންތިހާއެވެ. ހިތާމައިގެ ސާލެއް އޭނަގެ ގައިގާ އޮޅާލާ ބާރުކޮށްލީ އެހެން އިހުސާސަކަށް ތަންދެވޭ ވަރަކަށް ނޫނެވެ. ހިތް ޒަޚަމްވެ ލޭތިކިތައް ފޭބިޔަސް އެކަން ދެކޭނީ ކާކުހެއްޔެވެ. ބިންމަތިން ހަށިގަނޑު ގަދަކަމުން ތެދުކޮށްލައިގެން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. އޭރު މުޅި ހަށިގަނޑު ރޫރޫ އަޅަން ފަށައިފިއެވެ. އެނދާއި ހަމަޔަށް ފޯރިގޮތަށް އޭނަ ގެންގުޅޭ މަޑު ރަޖާގެ ހިމާޔަތުގައި ފޮރުވިގަތްގޮތަށް އަޑުވީއްލާ ރޮއިގަނެވިއްޖެއެވެ. އޭނަގެ ހާލު ދެކޭނެ އެއްވެސް އިންސާނެއްނެތެވެ. ރޮއިރޮއި ގައިގާ ހަކަތަހުސްވަނިކޮށް ރަހުމް ވަދެގެން ނިދީގެ އުނގުގައި ފޮރުވާލަދިންކަމީ އެކުއްޖާއަށް ލެއްވި ރަހުމަތެކެވެ.

 

ހުކުރުދުވަހަކީ ހަފްތާގައި އަންނަ އެންމެ ބަރަކާތްލެއްވިގެންވާ އެއްދުވަހެވެ. ޚާއްސަދުވަހެކެވެ. ގިނަމީހުން އަރާމުކޮށް ދުވަހުގެ އުފާ ލިބިގަނެއެވެ. ބުރަކޮށް މަސައްތަކުރުމަށްފަހު އަނބިދަރިންނާއިއެކު ޗުއްޓީ ހަދާލާ ގަދަޔަށް ކައްކާ ގުޅުން ބަދަހިކުރަނީ ހުކުރުގައެވެ. ލުކުމާން ފަތިހު ކޮޓަރިއަށް އައިގޮތަށް ފެންވަރާ ތާޒާވެލުމަށްފަހު ފާޚާނާއިން ނުކުތެވެ. ސަވާނާ މަޑުމަޑުން ކުކުރާލާހެން ހީވެގެން ނިތްކުރީގައި އަތްޖައްސައިލިއިރު ހޫނުކަމުން އަލިފާންކޮޅެއްފަދައެވެ.

"އޯނޯ. ބާނިން އަޕް ވިތް ފީވަރ....." ލުކުމާންއަށް ބުނެލެވުނެވެ.

ދެތިންފަހަރު ގޮވާލުމުން ސަވާނާ އިޖާބައެއްނުދިނުމުން އޭނަ ޖައްސައިލީ ރޭގައި އެއްގޮތަކަށްވެސް ނުނިދާ ހުރުމުންނެވެ. އެހެންވެ މާގިނައިރެއްނުވެ އެސްފިޔަތަކަށް ބަރުވެ ގަދަ ނިންޖަކަށް ގެނބުނެވެ. ހޭލެވުނީ ހުކުރުނަމާދުވެސް ފާއިތުވީފަހުންނެވެ. ސަވާނާ ފެންނާކަށްނެތެވެ. ސަވާނާ ރޭ ހުން އައިސްފާ އޮތްކަން ހަނދާންވިއެވެ. ބައްޔެއްވިޔަސް ހިތާމައެއް ކުރިމަތިވިޔަސް އެކުއްޖާގެ ހިތްވަރުގަދަކަން ލުކުމާންވަނީ ދެކެފައެވެ. އެފަދަ ކުއްޖަކަށް ކޮންމެ ކަމަކާއި ހަގުރާމަކުރެވިދާނެއެވެ. ހުކުރު ފާއިތުވީތީ ކޮންމެވެސް ވަރަކަށް އެކަމާއި ހިތާމަކޮށްފައި ފާޚާނާއަށް ވަނުމާއިއެކު ފެނުނު މަންޒަރަކުން ސިހުމެއްލިބުނެވެ. ސަވާނާ އޮތީ ފާޚާނާތެރޭ ބަންޑުންކަހަލަ ގޮތަކަށް ވެއްޓިފައެވެ. ޚަބަރުހުސްވެފައިވާ އެކުއްޖާ އަތްދަނޑިމައްޗަށް އުފުލައިލިގޮތަށް ގެނެސް ތެތްހެދުން ބަދަލުކުރުވާފައި އޭނަ އަވަހަށް ގުޅީ އިޒިކްއަށެވެ.

"އަހަންނަށް ހީވަނީ ހެޑްއިންޖަރީއެއްހެން.."

"ވެލް....ބްރިންގް ހާ ހިއަރ. އަހަރެން ދެންމެ ސާޖަރީއެއް ނިންމާފައި މިހިރީ......"

ލުކުމާން ލިވިއާއަށް ގުޅައިގެން ގެނައިއިރު ނަސީބަކުން ސަވާނާ ހޭވެރިކަންވެ ދެލޯވެސް ހުޅުވާލައިފިއެވެ. އެންމެ ކައިރިން ކަންބޮޑުވުމާއި ހާސްކަމުގެ ކުލަވަރު ދައްކައިގެން އިންމީހަކަށް ލިވިއާ ފެނުމުން ސަވާނާ ދެލޯ މަރައިލަން ބޭނުންވިއެވެ. އެކަހަލަ މަސްނޫއީ ކުލުނާއި ހަމްދަރުދީއަކަށް އޭނަ ބޭނުމެއްނުވެއެވެ. އޯގާތެރިކަމުގެ ކުނޑިފަށެއް އޮތްނަމަވެސް އޭނަގެ ދިރިއުޅުމާއި ކުޅެލާކަށް އެންމެ ގާތް އެކުވެރިޔާއަކަށް ނުކެރޭނެއެވެ. ހެޔޮއެދިގެންކަމަށް ހެދިގެން އެންމެ ކައިރީގައި ހުރެ ފިރިމީހާ ޖަހައިގެންފިއެވެ. އެއަށްވުރެ ބޮޑު އަނިޔާއެއް އެކުވެރިއަކަށް ދެވޭނެހެއްޔެވެ؟ ނުދެވޭނެއެވެ. ތިމާގެ ފިރިމީހާ ޖަހައިގަތުމަކީ ކޮންމެ މީހަކަށްވެސް އަނެކަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއާއި ހިތާމައެވެ.

"އާ ޔޫ އޯލްރައިޓް؟ " ލިވިއާ ގަނޑުފެނުން ސަވާނާގެ ނިތްކުރި ބޮނޑިތާންކުރިއެވެ. ސަވާނާ ދެލޯ މަރާލައިގެން އޮތީ ހުޅުވައިލަން ބޭނުންނުވެފައެވެ. އޭނަ ހަދާންވީ ފާޚާނާއަށްވަދެ އުޅެނިކޮށް މޫނަށް އަނދިރިވީކަމެވެ. ހޭއެރިއިރު މިއިނީ ލިވިއާއެވެ. ލައިގެން އޮތީ ކޮޓްންގަމީހެކެވެ. ހެދުން ބަދަލުކުރުވީވެސް ލިވިއާކަން ނޭގެއެވެ. އެކަމާއިވެސް އުދަގޫވިއެވެ. ކުރިން އެންމެ ގާތްކޮށް އުޅުނުއިރުވެސް އޭނަ ފަހަރެއްގައިވެސް ލިވިއާ ހުއްޓާ ހެދުން ބަދަލުކޮށްފައެއް ނުވާނެއެވެ. ކުޑައިރުއްސުރެން އޭނައަކީ އެކަހަލަ ކަންތައްތަކާ ލަދުގަންނަކުއްޖެކެވެ. އޭނަ ފަލަކަމުންނާއި ބަނޑުކޮޅެއްލާފައި ހުރުމުންވެސް އެހެން މީހަކަށް ފެންނަހިތެއް ނުވެއެވެ. ލިވިއާ ކިތަންމެފަހަރަކު އޭނަގެ ރީތި ބައްޓަމަށްވާ ހަށިގަނޑު އިޝްތިހާރުކުރަން ހެދުން ބަދަލުކުރާނެއެވެ. ބިކިނީގައި ޕޫލަށް އެރޭކަށްވެސް އޭނަ ލަދެއްނުގަނެއެވެ. ޓޫރިސްޓެކޭ އެއްފަދައެވެ. އެމްއާރު އައިމެޝިނަކަށްލުމުން ގުޑިނުލާ އޮންނަން ޖެހޭގޮތަށް އެހެން އޮންނަންވުމުން ހަށިގަނޑުގައިވާ ލޭވެސް ހުއްޓި އައްސިވެދާނެހެން ހީވިއެވެ. ކެތްނުކުރެވިގެން ބޮޑުވާ އިނގިލި ހަލުވާލެވިއްޖެއެވެ. އެއްވެސް މީހަކަށް ބުރައަކަށްނުވެ މަރުވިޔަސް މާ ރަގަޅުވާނެއެވެ.

"ޔޫ އާ ނޮޓް ޑެޑް. ނަންނި ޕްރިޓެންޑް ނުކޮށް ތެދުވެ އެއްޗެއް ބޯލަބަލަ މިހިރީ ކުރުބާ ފަނި ގެނެސްފަ..." ލިވިއާ ފޮތިގަނޑު އެއްލާލައިފިއެވެ. އަތަށް މާ ބޮޑަށް ފިނިވާންފެށީއެވެ. އޭނަގެ ރީތި އަތްތިލަ ހަލާކުވެދާނެއެވެ. ހާދަ ބަލައިގެން ގެންގުޅޭ އަތެކެވެ.

އިރުކޮޅެއްނުވަނީސް ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. އެންމެ ލޯބިވާ ލުކުމާންގެ ފިޔަވަޅުތަކެވެ. އެނދާއި ކައިރިވިއެވެ. ސަވާނާގެ ހިތް އޭނައަށްޓަކާ ވިންދުޖައްސަން ބޭނުންނުވި ނަމަވެސް އެހިތް އަވަސްވިއެވެ.

"ކާރު ރެޑީ. ސަވާނާ. ޑޮކްޓަރަށް ދައްކާލަން ހިނގާ. އިޒިކް އިޒް ވެއިޓިން ފޯ ޔޫ.............."ލުކުމާން ސަވާނާގެ އަތުގައި ހިފާފައި ކުޑަކޮށް ތަޅުވައިލިއެވެ. އެއަތްތިލަ ޖެހުމުން ހީކަރުވައިގަތީ އަދި ވަކިގޮތެއް ބަލާފައެއްނޫނެވެ. އޭނަ އެހާ ބަލިވެ ހުމާ ފިހިފައި އޮތްއިރުވެސް އެބުނި ޖުމްލައަކީ ހިތަށް ވީއްލާލި ބާރު އެތިފަހަރަކަށްވިއެވެ. އެހާލުގައި އޮވެވެސް އިޒިކްއާއި އަޅުވާ ކީއެވެ. ހީވާކަހަލައެވެ. ލުކުމާން ބޭނުންވަނީ އޭނަގެ ހަޔާތުން ސަވާނަ ބޭރުކޮށްލުމެވެ. އިޒިކްއާއި ގުޅުވުމެވެ. ސަވާނާ ތުންފަތުގައި ދަތްއަޅާ ބާރުކޮށްލިއެވެ. ރަތް ތުންފަތުން ލޭ އޮހިގަތްފަދައެވެ.

"ނޫން އަހަރެން ހޮސްޕިޓަލަށް ދާހާ ބައްޔެއްނޫން. ދާކަށް ބޭނުމެއް......." ސަވާނާގެ ޖުމްލަތަކުގެ އެއްބައި އަނގައިގާ އޮތްވާ ލުކުމާން ސަވާނާ އަތްދަނޑިމައްޗަށް އުފުލައިލިގޮތަކުން ގަދަހަދަންވެގެން ގުޑިވެސް ނުލެވުނެވެ. އަމިއްލަ ބާރެއްނެތްކަން އިހުސާސްކުރެވި ލޮލުން ފެން އަންނާން އުޅުނެވެ. ލިވިއާ އާއްމުކޮށް ބާރަށް ހޭ މީހެއްވެސް ނޫނެވެ. މޫނަށް ރުލެއް އަރާފާނެތީ ގިނަފަހަރު ހީލަންވެސް އޭނަ ބިރުގަންނާނެއެވެ. ނަމަވެސް އެވަގުތު އޭނަ މަޖާވެގެން ހޭންފެށިއެވެ.

"ތިއޮތް ބަރުކުއްޖާ އުފުލާލާހާ ވަރުގަދަމީހަކު ހުރިކަން ރަގަޅު......." ލިވިއާ ކިޔައިލިއެވެ.

"ކްރޭނެއް ގެނެސްގެން މަގޭ ވައިފް އުފުލަންވެއްޖެއްޔާ މަ ލަދު ގަންނާނެތީ އެހެންނޫންނަމަ ވާވަރު ކަމެއް ނޫނޭ ދޯ............." ލުކުމާން ގެ ޖަވާބު ލިވިއާއަށް މަޖާވެގެން ސާބަހޭވެސް ކިޔާލައިފިއެވެ.

ސަވާނާ ދެފައި ތަޅުވާލަ ތަޅުވާލާ އޮތްވާ ލުކުމާން ސިޑިން ފޭބީ ދުވެލާފައެވެ. ކާރުގެ ދޮރު އެއްއަތުން ހުޅުވާލާފައި ސަވާނާ އެތެރެއަށް ލާފައި ދޮރު ޖެހުމަށްފަހު އޭނަ އެރީ ޑްރައިވަރު ސީޓަށެވެ. އޭރު ލިވިއާވެސް ދުވަމުން އައިސް ދޮރު ހުޅުވާލާފައި ކާރުތެރެއަށް އެރުމުން ސަވާނާ އިނީ ހިމޭނުންނެވެ. ހަގުރާމަކުރާނެ ވަރެއް ހަގީގަތުގައި ނެތެވެ. ނުކައި ނުބޮއި އޮތީމަ ގައިގާ ހަކަތައެއްނެތެވެ. ކައިރީގައި އެހީވާން މިތިބީ ދުޝްމަނުންނެވެ. ހެޔޮއެދޭކަމަށް ހެދިގެންތިބި ފޮރުވިފައިވާ ދުޝްމިނުންގެ ނުރައްކާ ބޮޑުވާނެއެވެ.

ހޮސްޕިޓަލުގައި އެނދުގައި ޖައްސާލިގޮތަށް ސަވާނާ އޮތީ ދެލޯ މަރާލައިގެންނެވެ. އަމިއްލަ ނިކަމެތިކަމާއި މަޖުބޫރީކަން ހިތަށް އަރާފައި ހިތުން ރޮއި ރޮއި އޮތްވާ އިޒިކް އޭނަގެ ހާލުދެކެލަން އައެވެ. ގައިން ފެންމަދުވެފައި ވާ ވަރުން އައިވީ ގުޅަން އުދަގޫވެގެން އެއްޗެއް ބޯންދޭން ލުކުމާން ކައިރީ ބުނެލީވެސް އިޒިކްއެވެ. ލިވިއާ ލުކުމާން އަތުގައި ހިފާލާފައި ބުނީ ކުރުނބާ ގަންނަން ދާއިރު އޭނަވެސް ދާނެކަމުގައެވެ. ސަވާނާ ބަލަން އޮތްވާ ދެމީހުން ގޮސް ލޯމަތިން ގެއްލުނެވެ.

"ހިތް ހަލާކުކޮށްލައިފި....."

ނަރުސްކުދިންނަކީ އެކަމަށް ގާބިލުކުދިންނެވެ. ތާއަބަދު އައިވީ ގުޅަގުޅާ ފަރިތަވެފައިވާއިރުވެސް ސަވާނާގެ އަތުން ލޭނާރެއް ހޯދުން ފަސޭހައެއްނުވިއެވެ. އިޒިކް އެމަންޒަރު ބަލަން ހުރެފައި އައިވީ ކެނިއުލާ އަތުލިއެވެ. އޭނަ ބިސްމީގެ ބަރަކާތުން ފެށުމުން ދަތިކަމެއްނެތި ލޭނާރު ހޯދާ އައިވީ ގުޅާލުމުން ދެލޯ ހުޅުވައިލާނެ ވަރު ގައިގާ ޖެހި ހަށިގަނޑުން ހުސްވެފައިވާ ހަކަތަ އެނބުރިއައިކަމުގެ އިހުސާސްކުރެވުނެވެ. ނަމަވެސް އިޒިކްއަށްވެސް އޭނަގެ ހިތަށް ޝިފާއެއް ދެވޭނެހެއްޔެވެ؟ ލޮލުގެ ކުރިމަތިން ދުރަށްނުގޮސް ލުކުމާންއާއި ލިވިއާ އޭނަގެ ހިތަށް ތަދުކުރަނީއެވެ. ބޭބެ ކޮއްކޮކަމަށް ހެދިގެން އެކަކު އަނެކަކު ގައިން އަތް ދުރުކޮށްލެވޭކަމަކަށް ނުވެއެވެ. ކުރިން އެގޮތަށް އަތުގައި ހިފާލާއިރު އޭނަ އެކަން ފާހަގައެއް ނުކުރެއެވެ. މިހާރު އެއިން ކުޑަ ކުޑަ އަދާއެއްވެސް ހަނދާންކޮށްދެނީ ބޮޑު މަންޒަރެވެ. އެނދު ފަޅުފިލުވި ތަނެވެ.

އިޒިކް އޭނަގެ ވާޖިބު އަދާކޮށްފައި ނުކުތްތަނާ ލުކުމާންވެސް އެބައަންނަމޭ ކިޔާފައި ނުކުތުމުން ސަވާނާއާއި ލިވިއާ އެކަނިވިއެވެ. ދެމީހުން ގެނައި ކުރުނބާ ކަނޑާފައި ދޭކަށްވެސް ނޫޅުނެވެ. ބަނޑުހައިކަމުގެ ވޭން ތަހަމައްލުކުރަން ސަވާނާއަށް ޖެހުނެވެ. ނަމަވެސް އޭނަވެސް އިސްވެ ލިވިއާ ކައިރީ އެއްޗެއް ދޭށޭ ބުނާކަށް ގަސްތެއްނުކުރިއެވެ. އެދޭތެރޭގައި ވާ ބީރައްޓެހިކަމުގެ ފަރުދާ ދެން ދުވަހަކު ނުނެގޭނެކަން ސަވާނާއަށް އެނގެއެވެ. ލިވިއާ އަކަށް އޭނަގެ އެކުވެރިކަން ހައްގެއްނޫނެވެ.

"ކުރީ ދުވަހު ބުނީމެއްނު ލުކުމާންގެ ގާލްފްރެންޑެއް ހުރެޔޭ....." ކުއްލިއަކަށް ސަވާނާ ސުވާލުކޮށްލައިފިއެވެ.

"އާން އެހެން ބުނިން ދޯ...."

"އެއީ ކާކުތަ؟ " ސަވާނާ ކަޅިވެސް ޖަހާނުލާ ލިވިއާގެ މޫނަށް ބަލަން އޮތެވެ.

އެސުވާލަށް ޖަވާބުދޭން ލިވިއާއަށް ދަތިވީކަން ނޭގެއެވެ. އޭނަ އިރުކޮޅެއްވާންދެން ތިރިއަށް ބަލަން އިނެވެ. ސަވާނާގެ ތޫނު ދެލޮލަށް ބަލަން އުދަގޫވި ކަހަލައެވެ. ލިވިއާއަށް އެސުވާލުގެ ޖަވާބު ނުދެވޭނެކަން ސަވާނާއަށް ރަގަޅަށް އެނގުނެވެ. ލުކުމާންގެ އެބުނާ ލޯބިވެރިޔަކީ ލިވިއާ ފިޔަވާ ދެވަނަމީހެއް ނޫނެވެ. ނަމަވެސް އެދެމީހުންގެ ނިޔަތަކީ ކޮބާހެއްޔެވެ؟ ސަބަބެއްނެތި ލުކުމާން އޭނައާއި ކައިވެނިކުރުމުގެ މާނައެއް ނެތެވެ.

"ލުކް ނަންނި. އަހަރެން ހެޔޮއެދިގެން އެހެން ބުނީ. އެކަމަކު އެއަޑުނާހާ ނަންނި ތިހިރީ މެރީކޮށްފައެއްނު. އެއީ ކާކުކަން އެނގިގެން ވަކި ކީއްކުރާނީ. އެއްވެސް ފިރިހެނަކު ތިބުނާހާ މާތް ނުވާނެކަން ނަންނިއަކަށް ނޭގޭ. އަހަރެން ބުނީމެއްނު އަހަރެމެން ތެރޭގައި އެންޖެލްސް އިންނެއް ނޫޅެއޭ. އިންސާނުންނޭ ކިޔާނީ ކޮންމެވެސް ކަމެއްވީމައެއްނު. ފިރިހެނުން ހިތެއް ނުފުރޭނެ އެންމެ އަންހެނަކުން. ދީންވެރިންވެސް ކޮންމެވެސް ނަމެއްގައި ދެވަނަ އަންބެއްވެސް ހޯދާ ސަބަބަކީ އެއީ. ވީއިރު ލޫކްމެން އަދި ކިހާވަރެއް ވާނެ. ކިތަންމެ ސޯލިހު ރަގަޅު އަންބެއް އިނަސް އެމީހުންނަކަށް އެހެން މީހުން ފަހަތުން ނުގޮސް ނުތިބެވޭނެ................" ލިވިއާ އޭނައަށް ފެންނަ އެއްޗެއް ބުނެލާ ނިންމާލިއެވެ.

"އަންހެންކުދިންވެސް ހަމަ އެވަރެއްނު...." ސަވާނާ ފާޑަކަށް ބުނެލިއެވެ.

"އެންމެން އެހެނެއްނުވާނެ. ޕަފެކްޓް ކަޕްލްވެސް އުޅޭ. އިޒިކްއާއި ޖިލް . އެދެމީހުން އުޅެނީ މެރީކުރާކަށްނު. އެދެމީހުންނަކަށް ނުޖެހޭނެ އެހެން ބަޔަކު ހޯދަން ދުވާކަށް. ލޯބިވާ ދެމީހުން އިނީމަ ރަގަޅު ތަންކޮޅަކީ އެއީ. އެހާ ރިޗް. ޕޮޕިއުލާ ނެތީ ކޮންކަމެއް. ތެދަށް ބުނަންޏާ އައިމް ޖެލަސް އޮފް ޖިލް......" ލިވިއާ ދަބަހުން ލޯގަނޑެއްނަގާ މޫނު ބަލާލައިފިއެވެ. މޭކަޕަށް އެއްވެސް ފަނޑުކަމެއް ނާންނަކަން އެނގުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.

ލިވިއާ ފެންނަ ކޮންމެ ފިރިހެނެއްގެ ފަހަތުން އަޅުވާލާވަރު ސަވާނާއަށް ރޭކާލާންފެށީ އަދި ކިރިޔާއެވެ. ކުރިން އަބަދު ދައްކާނީ ފިލްމީތަރިއެއްގެ ހެންސަމްކަމުގެ ވާހަކައެވެ. ހުރިހާ ސީރީޒްތައް ބަލަބަލާފައި އޭގައި އުޅޭހާ މީހުން ފެނިފަ ލިވިއާ މޮޔަވެގެން އުޅޭނެއެވެ. މިހާރު ލިވިއާގެ ހަގީގީ ކުލަ ފެންނަންފެށީއެވެ. ލުކުމާން ކައިދަން އަދި އިޒިކުން ނިންމާލިނަމަ އެންމެރަގަޅެވެ. އޭނަގެ ބައްޕައާއި ހެދިވެސް ލިވިއާ ވަނީ ހާދަ ވަރެކެވެ. ޗައިނާއަށްވެސް އެކީ ދިޔައީއެވެ.

"އިޒިކްއަށް ޕްރޮޕޯސްކޮށްލަންވީނު..." ސަވާނާ ބަހަކުން ޖެހިއެވެ.

"ހޫމް ދެން އިޒިކް ފޮނިކަމުންގޮސް.........ބަލާވެސް ނުލާނެ އަހަރެމެން މިހެން އުޅޭއިރު. ވަރަށްވެފައި ހުންނަނީ. ޖިލް ކުޑަ ޕަޕީއެއްހެން ފަހަތުން އުޅޭތީކަމަށް ވާނީ......." ލިވިއާ ޖިލްއާއި އެހާ އެކުވެރިކޮށް އުޅެމުންވެސް ހިތް އޮންނަނީ ހަސަދައިން ފުރިފައެވެ. އަދި ކިރިޔާ ލިވިއާގެ ކުލަ ފެންނަންފެށީއެވެ. އޭނަ ލިވިއާއާއިހެދި ހާދަ ވަރަށް އުޅުނެވެ. އެންމެ ގާތް އެކުވެރިޔާކަމުގައި ހީކުރެވުނެވެ. ބައްޕަ ހަދިޔާއެއް ދެއްވިޔަސް އަމިއްލައަށް ބޭނުން ނުކޮށް ގެންގޮސްދެއެވެ. މީރު ކާއެއްޗެއް ހެދިޔަސް ގެންގޮސްދޭނެއެވެ. ބަލިވެއްޖެއްޔާ ކައިރީގައި ހޭލާ އިންނަންވެސް އޭރު ސަވާނާ ފަހެއްނުޖެހެއެވެ. ކިތަންމެ އިރެއްވާންދެން ބޯ މަސާޖުކޮށް ދޭންވެސް އިނދެވިދާނެއެވެ. އޭގެ ބަދަލު ލިވިއާ މިދިނީ ހިތަށް ނާރާފަދަ ގޮތަކަށެވެ. އިމާދުއްދީން އެތަނަށް ވަނުމާއިއެކު ލިވިއާ ފަރިގޮތަކަށް ހީލާފައި އަތުގައި އޮތް އާ ފޯނު ދައްކާލީ ސަވާނާއަށް ނުފެންނާނެކަމުގައި ހީކޮށްފައެވެ. ސަވާނާ އޮތީ ބައްޕައާއި ވާހަކަދައްކާކަހަލަ މޫޑެއްގައެއް ނޫނެވެ. ދެލޯ މަރާލައިގެން އަނެއްފަރާތަށް އެނބުރުނެވެ. ބައްޕަ ފެނުމުން ހިތުގައި އެހެން ކަހަލަ އިހުސާސްތަކެއް އުފެދިއްޖެއެވެ. އޭނަ މަންމަމަތިން ހަދާންވާންފެށިއެވެ. މަންމައާއި ބައްޕަގެ އަރައިރުންތަކެވެ. މަންމަގެ އެސްފިޔަތަކުގެ ފުރަގަހުގައި އަބަދު ފިލާ ހުންނަ ހިމޭން ކަރުނަތަކެވެ. ހުރިހާވެސް ނުބަޔަކީ ފިރިހެނުންގެ ބޭވަފާތެރިކަމެވެ. ކެހިވެރިކަމެވެ.

 

ވައިރަލް ހުމުގެ އުދަގޫތަކާއިއެކު ހިތާމައިގެ ދުވަސްކޮޅެއް ހޮސްޕިޓަލުގައި ހޭދަކުރިއިރު އެންމެ އަޅައިލި އެކަކީ ޑޮކްޓަރ އިޒިކްއެވެ. އޭނަގެ ބައްޕަވެސް ދޭތެރެއަކުން ވަދެލާފައި ކިހިނެއްހެއްޔޭ އަހާލާކަމެވެ. ބައްޕަވެސް ހުންނަނީ އެހެން ކަމަކާ ފިކުރުބޮޑުވެފައެވެ. ލުކުމާން އިސްކަންދެނީ ކުންފުނި ކުރިއެރުވުމަށެވެ. ކެމްޕެއިންތަކުގައެވެ. ކައިދަންއާއި ދެމީހުން ކެމްޕެއިން ކަންތަކުގައި އުޅޭތީ ރޭގަނޑުވެސް ގެއަށް ވަދެލެވޭކަމަކަށް ނުވެއެވެ. ސަވާނާ އަދިވެސް ކެތްކުރަނީ އަމިއްލަ ނަފުސަށްޓަކައެވެ. އާއިލާއާއި އެކުވެރިންގެ ކައިރީ ގައި ލަދުގަންނަން ޖެހިދާނެތީއެވެ. ކެތްވަނީއެއްވެސް ނޫނެވެ. ލުކުމާންގެ ފަރާތުން މިނިވަންވެގެން ވީހާވެސް ދުރަށް ދާން ހިތް އެދެއެވެ. ނަމަވެސް ދެރައީ އެފަދަ ތަނަވަސްކަމެއް އަތުގައި ނެތުމެވެ. ލުކުމާން އޭނަގެ ފިޔަކޮށާލާފައި ކޮށްޓެއްގައި ބަންދުކޮށްފައިވާތީ އޮފީހަށްގޮސް މަސައްކަތްކޮށްގެން މުސާރަ ހޯދޭކަށްވެސް ނެތެވެ. މޫނުގައި ހުންނަ ލަކުނަކުން އެހެން އޮފީހަކަށްދާނެ ހިތްވަރެއްވެސް ނެތެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު މަޑުމަޑުން ގެއްލެންފެށިއެވެ. ހިތާމައާއި އެކަނިވެރިކަމަކީ އޭނަގެ ބައިވެރިޔާއެވެ.

ލުކުމާންއާއި ކައިދަން މޭޕްލްވިލާއަށް ވަންއިރު ވާރޭވެހޭލެއް ބޯކަމުން ދެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް ފިނިވެފައެވެ. ކާކޮޓަރިއަށްވަންއިރު ފަންކާ ޖައްސާފައި ހުރުމުން ފިނިކަންގަދަވިއެވެ. ލުކުމާން އަމިއްލައަށް ދެކޮފީތަށި ހަދާފައި އަނެއްފަރާތަށް އެނބުރުނު ދަނޑިވަޅު ބަލާފައި ކައިދަން ކޮންމެވެސް ޕެކެޓަކުން ކުނޑިތަކެއް އެޅިތަން ފެނުމުން ލުކުމާންގެ ދެބުމަގޮށްޖެހުނެވެ. ވަގުތުން ކައިދަންގެ ކަރުގައި ހިފާފައި ސުވާލުކުރަންފެށިއެވެ.

"ސޮރީ. ލޫކްއަށް ހަމަ ރަގަޅަށް އެހެން ހެދީ."

"އަހަރެން މަރާލަންތަ އުޅުނީ...." ލުކުމާންއަށް ވަގުތުން ވިސްނުނެވެ. ކައިވެނީގެ ފުރަތަމަ ރޭ ކައިދަން ދިން ކޮފީ އޭނަގެ ސިކުނޑިއާއި ކުޅެލިގޮތް ހަނދާނަށް އައެވެ. ކައިދަންއަށް އިތުބާރުކުރެވުނު ކަމުގެ މޮޔަހީވިއެވެ. ކައިދަން ފެށުނީއްސުރެން ލިވިއާދެކެ ރުޅިއަންނަ ސަބަބެއް އޭނައަކަށް އަދިވެސް ނުވިސްނެއެވެ. ކައިދަން ފާޅުގައި ސަވާނާއަށް ތައުރީފުކޮށް ވާހަކަދެއްކުމުންވެސް ކައިދަން މިކަހަލަ ލަނޑެއްދީފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. ލުކުމާން އެކޮފީތަށި ސިންކަށް ބަންޑުންކޮށްލިއެވެ.

"ފަންޑިތައާއި ސިހުރުން އަދި ޑްރަގަކުންވެސް މަގޭ ހިތް ބަދަލެއް ނުކުރެވޭނެ ބްރޯ. ލޯބިވާނެ މީހެއް ޚިޔާރުކުރާނީ އަހަރެން އަމިއްލައަށް. އެހެން އެކަކަށްވެސް އެ ހައްގެއް ނުދެން. ލޯތްބަކީ ގަދަކަމުން ވެވޭ އެއްޗެއް ނޫންކަމެއް ނޭގޭތަ. ދުވަހަކު ކޮޅުންވެސް އެ ފިރިހެންމީހާގެ ދަރިއަކަށް ރަހުމްގެ ލޮލަކުން ނުބަލާނަން. އޭނަގެ ދަރިއަކަށްޓަކާ އަހަރެންގެ ހޭހުރެގެން މިހިތުގައި ވިންދެއް ނުޖަހާނެ......" ލުކުމާން ހިތްހަމަނުޖެހިފައި ހުރެ ކައިދަން ކޮށްޕާލާފިއެވެ.

"އެކުއްޖާއަށް ތިހެން ނަހަދާ. ޓްރަސްޓް މީ ޔޫ ވިލް ރިގްރެޓް ދިސް..." ކައިދަން ވިސްނައިދޭން މަސައްކަތްކުރުމުން ލުކުމާން އަލިފާނުގެ ބެލުމަކުން އެކުވެރިޔާއަށް ބަލާލާފައި އެތަނުން ނުކުތީއެވެ. ކައިދަން ޖިންސްގެ ޖީބަށް އަތްޖަހާލަމުން ފާޑަކަށް ހީލައިފިއެވެ. ލުކުމާންއަށް ދުވަހަކުވެސް ލިވިއާއާއި އެކު އުޅެވޭނެކަމަކަށް ދެކެންޏާ އެއީ ހުވަފެނެކެވެ. އޭނަގެ ފުރާނަ ހުރެގެން އެދެމީހުން ގުޅުމަކީ ވާނެކަމެއްނޫނެވެ.

ސަވާނާގެ ހިތް ފަޅިފަޅިވީ އޮފީހުގައި އުޅޭ އޭނަގެ ގާތް މުވައްޒަފަކު ގުޅާފައި ލުކުމާންއާއި ލިވިއާ އެތާ ކޮންފެރެންސްރޫމްގައި ތިބެ ހިންގިކަމެއް ސީސީޓީވީއިން ފެނިގެން މުވައްޒަފުން ވާހަކަދެއްކިކަން އެނގުމުންނެވެ. ބޭރުތެރޭގައި އެވާހަކަ ފެށުމުން ސަވާނާގެ ހިތަށް ވީ އުދަގުލާއި ލިބުނު ކެކުޅުން އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. ލޯބިވާ ފިރިމީހާއާއި އެންމެ ގާތް އެކުވެރިޔާ އޭނަގެ ޖަޒުބާތުތަކަށް އެއްވެސް ގަދަރެއްނުކޮށް ދެމީހުންގެ ގުޅުން ފާޅުގައި އޮފީހާއި ހަމަޔަށް ގެންގޮސްފިއެވެ. އެހިސާބުން ލުކުމާންއާއި ކުރިމަތިލުން ނޫންގޮތެއް ސަވާނާއަކަށް ނުވިސްނުނެވެ. ހަދާނެގޮތެއް ނުވިސްނިފައި ހުއްޓާ ލުކުމާންއާއި ލިވިއާ ޓެރެސްގައި ކޮފީ ބޯންތިއްބާ ސަވާނާ އަށް އެތަނަށް އެރުނެވެ. އޭރު ލުކުމާންގެ އަތް އޮތީ ލިވިއާގެ އުނގުގައި ބޭއްވިފައެވެ. ދެމީހުންގެ އިނގިލިތައް މަހާލެވިފައެވެ. ކޮންމެވެސް ސިއްރެއް ކިޔާފައި ހެނީއެވެ. ސަވާނާ ފެނުމުން ކުއްލިއަކަށް ލިވިއާ ފުންމައިގެން ތެދުވުނެވެ.

"އައި ކެން އެކްސްޕްލެއިން..." ލިވިއާ ބުނަން އުޅުނެވެ.

"އިތުރަށް ބުނަން ޖެހޭނެ އެއްވެސް އެއްޗެއްނެތް. ހުރިހާ ކަމެއް ފެނިއްޖެ. ޖަސްޓް ލީވް.........މިތަނުން ދޭ....." ސަވާނާ ޖަޒުބާތުން ފޯވެފައި ހުރެ ބާރަކަށް ބުނެލިއެވެ. އޭރު ސަވާނާއަށް ބަލަހައްޓައިގެން ހުރެވުނީ ލުކުމާންއަށެވެ.

"އަހަރެންވެސް ތަ؟ މިގެއިން ދާށޭތަ ތިބުނީ.." ލުކުމާން ކޮޅަށްތެދުވެ އެއް އަތް ޖީބަށް ޖަހާލައިފިއެވެ. ފަނޑު އަލީގެ ތެރެއިންވެސް އެ ވަރުގަދަ ބުމާއި ރީތި ލޮލުގެ ދަޅަ އަރާވަރުން ސަވާނާގެ ހިތަށް ތަދުކުރުވާ ލޮލުން ފެންއަންނަ ވަރުކުރުވިއެވެ. އަބަދަށްޓަކާ ލުކުމާން އޭނަގެ ދިރިއުޅުމުން ދަނީއެވެ. އަބަދަށްޓަކާ އޭނަގެ ލޯބި އޭނައާއި ވަކިވެގެންދަނީއެވެ. ނުބުނަން ކެތްކުރިނަމަވެސް އޭނަގެ ދުލުން އެބަސް ބޭރުކުރެވިއްޖެއެވެ. ލުކުމާން އައިގޮތަށް ސަވާނާގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިލީ ތަދުވާހާބާރަށެވެ. ލުކުމާންގެ ތޫނު ލޮލާއި ހަތަރުކަޅި ކަމަކުރަން މަޖުބޫރުކުރުވިއެވެ. އެދެލޮލުން ސަވާނާއަށް ލޯބީގެ ކުނޑިފަށެއްހާ މިންވަރުވެސް ނުފެނުނެވެ. ނުރުހުމާއި ފޫހިކަމުގެ އިންތިހާ ފިޔަވާ އެހެން އެއްޗެއް ނެތެވެ. ލުކުމާނަށްޓަކާ އޭނައަކީ އެއްވެސް މީހެއްނޫނެވެ. އެ ލޮލުން ފެނުނު އަސަރުތައް ސަވާނާގެ ހިތް އިތުރަށް ރޮއްވާލައިފިއެވެ. ކަރުނައިގެ ބޮޑެތި ތިކިތައް ގިނަވެ ލުކުމާންގެ މޫނު ފުސްވާންފެށިއެވެ.

"މިއީ ކާކުގެ ގެއެއްކަން އެހާ އަވަހަށް ހަދާންނެތުނީތަ. މިއީ އަހަރެންގެ ގެއެއް. ސަވާނާ ތިހިރީ އަހަރެންގެ ގޭގައި މިގެއިން އަހަރެން ނެރެން އަމުރުކުރަން ތިއީ ކާކުތަ...." ލުކުމާން ބުމަ ކައިރިކޮށްލައިގެން ހުރެ ބުނެލިއެވެ.

"ނޫން. މިއީ ބައްޕަގެ ގެ..............." ސަވާނާ ގިސްލަމުން ބުނެލިއެވެ.

"ކޮން ބައްޕައެކޭ ކިޔާކަށްތަ. އެމީހާގެ އެއްވެސް ބިމެއް މިހާރަކު ނެތް. ކޯޓަށް ދިޔަސް ވަރަށް ސާފުކޮށް މިގެ ރެޖިސްޓްރީވެފައި އޮތީ އަހަރެންގެ ނަމުގައިކަން އެނގޭނެ. ބުނަން ސަވާނާ. ޔޫ އާ މައި ވައިފް. ވަރިނުކޮށް ހުރިހާ ހިނދަކު މިގޭގައި ހުރެވިދާނެ. ނޫނީ ސަވާނާގެ ބައްޕައާއި ދެމީހުން އެއްކޮށް ތަނެއް ކުއްޔަށް ހިފައިގެން ގޮސް ދެބަފައިން އެކީ އުޅެންފަށާ. އެނޫންގޮތެއްނެތް. އިމާދުއްދީންގެ ހުރިހާ އެކައުންޓެއް ހުންނާނީ ހުހަށް. އޭނަގެ ޑައުންފޯލްއަކީ އޭނަ ފެންނަހާ އަންހެނުން ގަޔަށް އަރަން އުޅޭކަން. ނޮޓް މައި ފޯލްޓް ސަވާނާ. އަހަންނަށް ޓްރަސްޓްކުރިކަމީ އަހަރެން އެކަމާއި ކުށްވެރިވާނެކަމެއް ނޫން. ސަވާނާ ބޭނުމިއްޔާ މިގޭގައި އުޅުމުގެ ހުއްދަ ދީފިން. އަހަންނާއި ލިވީ މިގެއިން ގޮސްދާނަން. އެއީ މިތަނުން ސަވާނާގެ ބައްޕަ ކިޔާ ކަލޭގެ ނިކުންނަންދެން. ސަވާނާ އޭނަ ކައިރީ ބުނޭ ތަނެއް ހިފައިގެން ދާށޭ. މިކީ އެއްޗެއް ސާފުވެއްޖެތަ...." ލުކުމާން ވަރަށް ހަމަޖެހިލައިގެން ހުރެ ހުރިހާ އެއްޗެއް ކިޔާލާފައި ލިވިއާގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ.

"ލެޓްސް ގެޓް އައުޓް ފްރޮމް ހިއަ ބޭބީ......" ލުކުމާން ބަލައިލީ ލޯބީގެ ނަޒަރަކުންނެވެ. ބޭޒާރުވުމުން އިތުރަށް ފޮރުވަންވީ ސަބަބެއް ނެތެއްނޫންހެއްޔެވެ؟ ލިވިއާ ކޮންމެވެސް ވަރަކަށް ޖެހިލުންވެ ލަދުގަތެވެ. ސަވާނާފަދަ ރަގަޅު އެކުވެރިއަކާއި ދޭތެރޭ ކަންތައްކުރެވުނުގޮތުން ލަދުވެތިވެ ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. ސަވާނާ ދެރަވާނެވަރާއި އެހިތަށް އަސަރުކުރާނެވަރު ރަގަޅަށްވިސްނުނެވެ. ފިރިމީހާއާއި އެންމެ ގާތް އެކުވެރިޔާ ބޭވަފާތެރިވުމަކީ ކޮންފަދަ ނުބައި އިހުސާސެއްހެއްޔެވެ؟ އެހިތް ކުދިކުދިވާނެއެވެ. އެމައުސޫމް ދެލޮލުގައި ވިދަ ވިދާ ހުރި ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުންދާ ތަން ފެނި ޚުދު ލިވިއާގެ ހިތްވެސް މަޑުފުށްކޮޅަކަށްވިއެވެ. ސަވާނާގެ ގައިގާ ބައްދާލާފައި ހުރިހާކަމެއް ރަގަޅުވާނެއޭ ބުނަން ބޭނުންވިއެވެ.

"ނަން....ނި...އަ އައިމްމް ސޮރީ.." ލިވިއާގެ އަޑު ކުރެހުނެވެ.

ސަވާނާ އެމީހުންނާއި ދިމާލަށް ހިނގާފައި އައީ ޗާބީ ދީފައިވާ ބުދެއްހެންނެވެ. އަރާހަމަވެފައި ލުކުމާންގެ ކަންފަތްކައިރީ ސިއްރެއް ބުނީކަމުގައި ލިވިއާއަށް ހީކުރެވުނެވެ.

"އައުޗް........."ލުކުމާން ސިހިފާ ސަވާނާ ކޮށްޕާލިއިރަށް ލުއިފަތެއްހެން ވިއްސައިގެންގޮސް ތަންކޮޅެއް ދުރުގައި އެކުއްޖާ ޖެހުނުއިރަށް ވިދުވަރެއްހާ ހަލުވިކޮށް ލޯމަތިން ގެއްލުނެވެ. ލުކުމާން ކަންފަތުގައި އަތްއެޅީ ތަދު އިހުސާސްކުރެވިގެން ކަހަލަގޮތަކަށެވެ. ލިވިއާއަށް ވެގެން އުޅޭގޮތް ރޭކާލީދެނެވެ. ސަވާނާ ރުޅިގަދަވެ ކެތްނުކުރެވިގެން ރުޅިގަނޑުބޭލީ ލުކުމާނަށެވެ. ތަންކޮޅެއް ތޫނު ދަތްތަކެއް ދެއްވާފައި ނެތްކަމީ ނަސީބެކެވެ. ނޫންނަމަ ކަންފަތް ވަކިކޮށްނުލާނެ ކަމެއްވެސް ނޭގެއެވެ. ލިވިއާ އެކަމާއި ހާސްވެ ގަނޑުފެން ގެންނަން އުޅުމުން ލުކުމާން ހިތްހަމަނުޖެހިފައި އޭނައަށް މާ ބޮޑުކަމެއް ނުވެއޭ ބުނެ އެކަން ހުއްޓުވިއެވެ.

"އޯގޯޑް. ކިހިނެއްމިވަނީ. އައި ފެލްޓް ސޯ ބޭޑް. ޝީ ލުކްސް ޑިވާސްޓޭޓެޑް އެއްވެސް ކުށެއްނެތި ނަންނިއަށް އެހެން ހެދުނީމަ ވަރަށް އުދަގޫވެއްޖެ. ވަރަށް ހިތަށް ބާރުކޮށްފި. ނަންނިގެ ހިތަށް ވާނެ ވަރު އަންދާޒާ އެބަކޮށްލެވޭ. ނަންނިއަށް ހާޓްކުރެވިއްޖެ. ވަރަށް ބޮޑަށް ހާޓްކުރެވިއްޖެ........." ލުކުމާން ލިވިއާ އަތުގައި ހިފާލައިގެން ސިޑިން އެރިގެން ދިޔައިރު ލިވިއާ ހުއްޓާނުލާ އެކަމާއި ދެރަވެގެން ވާހަކަދައްކަން ފެށުމުން ލުކުމާން ބޮލަށް އުދަގޫވިއެވެ.

"އިނަފް...."

"އެކަމަކު ނަންނަ.... " ލިވިއާ ބުނަން އުޅުނެވެ.

"ބުނެފީމެއްނު ހުއްޓާލާށޭ...." ލުކުމާން ކިތަންމެ މަޑުން ބުނިކަމުގައިވިޔަސް ހަރުކަށި ގޮތެއް ހުރުމުން ލިވިއާއަކަށް އިތުރަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

ސަވާނާގެ ކުށް ކޮންމެހެން ލިވިއާއަށް އޭނަ ބުނެދޭކަށް ބޭނުމެއްނޫނެވެ. ސަވާނާގެ ބަދުނަސީބަކީ ކުށަކީ އިމާދުއްދީންގެ ދަރިއަކަށްވީކަމެވެ. ލުކުމާންއަށް ނުކުމެވުނީ އިމާދުއްދީން ގެ ކުރިމައްޗަށެވެ. ސަވާނާ ރޮމުން ރޮމުން ދިޔުމާއި މިދެމީހުން އަތު ގުޅުވާލައިގެން ދެލޯބިވެރިން ފަދައިން އައުމާއި ކޮންމެވެސް ގުޅުމެއް އޮންނާނެކަން އެނގުނުވަގުތު ޚުދު އިމާދުއްދީންގެ ހިތަށްވެސް ނުބައި ލޮޅުމެއްއެރިއެވެ. މޭގައި އުފެދުނު ރިހުން އަތަށްވެސް ދިޔަހެން ހީވިއެވެ. ލުކުމާން ލިވިއާ ގެނެސް ގައިގާ ޖައްސާ ބާރުކޮށްލަމުން އޭނަ އުޅެނީ ލިވިއާއާއި ދެ އަންބަށް އިންނަން ކަމަށާއި ސަވާނާއަށް ވިސްނައިދޭން އެންގިއެވެ. އަންބެއްގެ ގޮތުގައި ސަވާނާ ބަހައްޓަން ބޭނުން ނޫނިއްޔާ ތަނެއް ކުއްޔަށް ހިފައިގެން ދެބަފައިން ބަދަލުވާން އެންގިވަގުތު އިމާދުއްދީންގެ ފައިދަށުން ބިންގަނޑު ދެމިގަތްހެން ހީވިއެވެ. ހިންދިރުވައިލަން އުދަގޫވެ ސޯފާއަށް ތިރިވެވިއްޖެއެވެ.

ލުކުމާންއާއި ލިވިއާ މިގެއަށް ވަދެގެން ހިންގައިލީ ކުޅިގަނޑެއްކަން ޔަގީންވެ ދުލުން އެންމެ ބަހެއް ބުނަންވެސް ނުކުޅެދުނެވެ. ލުކުމާން އެދިޔައީ އޭނަގެ ހަޔާތް ބަރުބާދުކޮށްލާ ކުންފުނިތައް ބަގުރޫޓުކޮށްލާފައެވެ. ތިމާއަށް ތިމާފެނި އެހެންމީހުން އޭނަގެ ކައިރިން އެހީއަށް އެދުނުއިރު އެފަދަ އެއްވެސް ކަމެއްކޮށްނުދެވި ރަހުމަތްތެރިން ގެއްލެމުންގޮސް މިއަދު އޭނަވަނީ ބާކީވެ އެކަނިވެރިއަކަށްވެފައެވެ.

 

ލުކުމާންއާއި ލިވިއާ އެޕާޓްމެންޓަށް ވަންއިރު ކޮންމެވެސް ސަބަބަކާއިހުރެ ދެމީހުންގެ މޫނުމަތިންވެސް އެންމެ އުފާވެރިކަމެއް ނުފެނުނެވެ. ލުކުމާން ސްވިޗްތައް ދިއްލައިލުމުން ރީދޫ އަލިން އެޕާޓްމެންޓް އުޖާލާވިއިރު އެއަލިން ލޮލަށް ފަސޭހައެވެ. ލިވިއާ ބޫޓު ބާލަން އިންއިރު އޭނައަށް ވިސްނުނީ ސަވާނާއާއި ދޭތެރޭގައެވެ. އެފަކީރު އެގޮތަށް ނިކަމެތިކޮށްލާކަށް ލިވިއާގެ ހިތްވެސް އެއްބަހެއްނުވިއެވެ. ލުކުމާން ވަނީ ކޮޓަރިއަށެވެ. މަންމަގެ ފޯނެއް އައުމުން ދޮރު ލައްޕައިލިގޮތުން ފަހަތުން ދާކަށް ލިވިއާވެސް ނޫޅުނެވެ. ލިބުނު ހުސްވަގުތުކޮޅު އޭނަ މެސެޖެއްކޮށްލީ ކައިދަންއަށެވެ.

"ދަރިފުޅާ. ކޮންތާކު ކޮބާ އަންހެނުން..." ލުކުމާންގެ މަންމަ އަރުޖަމަންދު އަހާލައިފިއެވެ.

ކޮމެންޓް 0