އިރުގެ އެންމެފަހުގެ ދޯދިތައް ނެތިގެންދިޔުމާއިއެކު މުޅި ރަށުގައި ކަނު އަނދިރިކަމުގެ ސާލެއް އޮޅާލައިފިއެވެ. އެއާއިއެކު ކުދި ޖަވާހިރުތަކެއް ފަދައިން އުޑުގައި ވިދަންފެށި ތަރިތަކާއި ރޭގަނޑުގެ މަލަކާކަމުގައިވާ ހަނދުގެ މަޑުމަޑު އަލިކަމުން ދުނިޔެ ފެންވަރުވާލާކަށް މާ ގިނައިރެއް ނުނެގިއެވެ. ހެޔޮވަރުގެ ވައިރޯޅިތަކާއި އެއްވަރަށް ނަށަމުންދާ ގަސްތަކުގެ ގޮފިތައް ކޭއްތޭއަޑުވެސް އިވެނީ ސިއްރުތައް ބުނާ ފަދައިންނެވެ. ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ރީތި ރެއެކެވެ.

ޕާކު ކައިރީގައި ލިވިއާ ހުރީ ލޯބިވެރިޔާގެ އިންތިޒާރުގައެވެ. ބޭރު ގައުމެއްގައި ތައުލީމު ހާސިލުކުރަމުން ދިޔަ ލުކްމާން ގްރެޖުއޭޓްވީ ވަރަށް ފަހުންނެވެ. ރާއްޖެ އައުމަށްފަހު ލުކުމާންއަށް ރަގަޅު ވަޒީފާއެއް ލިބި އޭނަ ރާނީއެއްހެން ގެންގުޅޭނެ ދުވަހަކަށް އިންތިޒާރުކޮށް ކޮށް ލިވިއާ ވަރުބަލިވެއްޖެއެވެ. އަދިވެސް ލުކުމާން ބުނަނީ ވަޒީފާ ހަމަނުޖެހޭ ކަމުގައެވެ. ލިވިއާ ކިޔާވަރުން މިރޭ ލުކުމާން ލިވިއާ އަލަށް ހުޅުވި މޯލެއްގެ ރެސްޓޯރެންޓަކަށް ގެންދަން ނިންމީ އަތުގައި ފައިސާ ހުރެގެނެއް ނޫނެވެ. އެކުވެރިއެއްގެ އަތުން ދަރަންޏަށް ނެގީއެވެ. އެގޮތުންވެސް ލޯބިވެރިޔާ ހިތްހަމަޖައްސައިދޭން ލުކުމާން ވަނީ މާ ވަރެކެވެ.

އޮފޭލިއާ މޯލްއާއި ޖެހިގެން ހުރި އޮފޭލިއާ ހޮޓެލް އަދި އޮފޭލިއާ ގެއަކީ އެކެއްގެ އިމާރާތްތައްކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.

"ޑެމިޓް ކޮންފަދަ ބޮޑުބިމެއް. ބައެއްމީހުންގެ ނަސީބު އެހާ ރަގަޅީ ކީއްވެ. އައިމް ސޯ ޖެލަސް. އަދި ކުރިމަތީގައި މި ހިތްގައިމު ޕާކް. އެގެވެސް އެންމެ ޑްރީމީ ގޮތަށް އަޅާފައި އެހެރީ. ޑިޒައިން އެހާ ނަލަ..." ލިވިއާ އެގެއަށް ބަލަހައްޓައިގެން ގެއްލިފާ ހުއްޓާ ކުއްލިއަކަށް ސިހޭގޮތްވީ އެހެންލާފައި ދިޔަ ފިރިހެންކުދިންތަކެއް އޭނައަށް ބަލަން ހަދައިގެން ސައިކަލް ކަހާލާގޮތް ވުމުންނެވެ. ލިވިއާ ހިނިއަންނަގޮތްވިއެވެ. ފިރިހެނުންވެސް މިވާ ވަރެއްތާއޭ ހިތަށް އެރިއެވެ.

އެހެންލާފައި ދިޔަހާ ގިނަ މީހުންގެ ފުން ނަޒަރު ލިވިއާ ގެ މޫނަށް ހުއްޓޭކަން ފާހަގަވެ ހިތަށް ފަޚުރުވެރިކަމެއް ލިބުނެވެ. އަމިއްލަ ރީތިކަމަކީ ލިވިއާއަށް ފޮރުވިފައިވާ ކަމެއް ނޫނެވެ. އިސްކޮޅުން ތަންކޮޅެއް ދިގުވެފައި ހަށިގަނޑުގެ ބައްޓަން ކިތަންމެހާވެސް ނަލައެވެ. ތޫނު ދެލޮލާއި ކަޅިރަވައެކެވެ. ގަވައިދުން ސެލޫންއާއި ޖިމަށްދާތީ އޭނަގެ ރީތިކަން އިތުރުކޮށްދެއެވެ. ރަތްކުލައިގެ މިޑީހެދުމެއްގައި މިރޭ އޭނަ ފެނުމުން އެހެންމީހުނަށް ކުރާނެ އަސަރު ލިވިއާއަށް އިހުސާސްކުރެވުނެވެ. އަތުގެ ހިކަނދި މަސްގަނޑާއި ހަމައިން ތަންކޮޅެއް ކަނޑާލާފައި ހުރުމުން އަތުގެ ދޮންކަމާއިއެކު ކަދުރާވެސް ހުރީ ވިދަވިދައެވެ. ތުންފަތުގައި ޖައްސާލާފައި ހުރީ ގުޅޭ ރަތްކުލައެކެވެ. ދެފައިގެ ފުރިހަމަކަމުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ޝެނެލް ދަބަހެއް އަޅުވާލައިގެން ހުރިއިރު ލިވިއާގެ ރީތިކަމާއިއެކު އެދަބަހުގެ ފޭކްކަމެއް ގިނަމީހުންނަކަށް ނޭގޭނެއެވެ. އޮރިޖިނަލް ދަބަހެއްކަމަށް ހީކުރުވުމަކީ ލިވިއާގެ ބޭނުމެވެ.

އެކުވެރިންވެސް އޭނަގެ ރީތިކަމަށް ތައުރީފުކުރެއެވެ. ފިލްމު ކުޅެން ނޫނީ މޮޑެލް ކުރަން ލަފާދެއެވެ. ނަމަވެސް ލިވިއާ ދެކޭގޮތުން ރާއްޖޭގެ ފިލްމުކުޅޭ މީހުންނަށް މީހުން ގަދަރެއްނުކުރެއެވެ. އޭނަ ބޭނުންވަނީ މީހުން ގަދަރުކުރާ މީހުން ލޯބިވާ ފަދަ މީހަކަށްވާށެވެ. އެކަމަށްޓަކާ ލިވިއާ ބޭނުމީ ފައިސާއެވެ. މުއްސަދިކަމެވެ. މުއްސަދިކަމާއި ގަދަރަކީ އެކީގައި ދަތުރުކުރާ ދެ ސިފަކަމުގައި ލިވިއާ ގަބޫލުކުރާއިރު ބައެއްފަހަރު މުއްސަދިން އުޅޭ ވައްތަރުން ގަދަރުކުޑަވާކަން ނޭގެނީއެއްވެސް ނޫނެވެ. ނަމަވެސް ލިވިއާ ދެކެ އުޅޭ ބައެއް މުއްސަދިން އުޅެނީ ރަން ދުނިޔެއެއްގައެވެ. އުފާވެރިކަމާއި ނަސީބު ރަގަޅުކަން އެމީހުންގެ ފޭސްބުކާއި އިންސްޓަގްރާމް ހެކިދެއެވެ. އެފަދަ މީހަކަށް ވުމަކީ ލިވިއާ ގެ ހިތުގެ ދުޢާއެވެ.

ލިވިއާގެ އިންތިޒާރު މާ ދިގެއްނުވިއެވެ. ކަޅުކުލައިގެ ކާރެއް ކުޑަތަންކޮޅެއް ދުރަށް މަޑުކޮށްލުމާއިއެކު އެއީ ލުކްމާންކަން ޔަގީންވިއެވެ. ގާތް އެކުވެރިޔާގެ ކައިރިން މިރެއަށްޓަކާ އޭނަ ކާރު އަތުލީއެވެ. ލުކްމާން އަތުގައި ކާރެއް ގަނެލެވޭނެ ފެންވަރެއް އަދި ނެތެވެ. ފަރި ހިގުމެއްގައި ލިވިއާ އެދިމާލަށް ހިނގައިގަތެވެ. ކުރީ ސީޓަށް އެރުމުން ދުވަންފެށީ ޝަވަރޖެލްއެއްގެ އަރާމުވަހެވެ.

"ޔޫ ލުކް ބިއުޓިފުލް......." ލުކްމާން ގުދުވެލާފައި ލިވިއާގެ ކޯތާފަތުގައި ބޮސްދިނެވެ.

"އަހަރެމެން މިގޮތަށް ޕަބްލިކްގައި އެކީ ފެނިގެން ނުވާނެ..." ލިވިއާ ލުކުމާން ބުނި އެއްޗަކަށް ޖަވާބެއްނުދީ އެހެން ވާހަކައެއް ދެއްކިއެވެ.

"އެއީޔޯ؟ އިންނަން އުޅޭ ލޯބިވެރިޔާއާއިއެކު ފެނުމަކީ ކުށެއްތަ؟ " ލުކްމާންގެ ދެލޮލުން ހައިރާންކަން ފެނުނެވެ. އިސްތަށިގަނޑާއި ބުމަ ކަޅުކުލަގަދަވެފައި ވަރުގަދަވުމާއިއެކު ލޮލުގައި މަޑުކުލައެއް ހުރުމަކީ ލުކްމާންއަށް ލިބިފައިވާ ޚާއްސަ ރީތި ސިފައެކެވެ. އެލޮލުގެ ކުލަ ބަދަލުވާހެން ލިވިއާއަށް ހީވެއެވެ. މުށި ނޫނީ މަޑުފެހިކުލަ އަރާފަހަރުވެސް އާދެއެވެ. ޚާއްސަކޮށް އެކަން ފާހަގަވަނީ އަވީގައި ހުންނައިރުއެވެ. ކަތި ނަޒަރަކުން ބަލާލާގޮތުން ޚުދު ލިވިއާވެސް ހަސަދަވެރިވާވަރުވެއެވެ. ކިތަންމެ ރީއްޗަސް ލުކްމާންގެ އަތުގައި ފައިސާ ނެތުން ވެފައިވަނީ ލިވިއާއަށް ލިބިފައިވާ ހިތްދަތިކަމަކަށެވެ. ކިޔަވައިގެން އަޔަސް ބޮޑު ލޯނަކާއި އާއިލާއެއް ބަލަމުން ލިވިއާ ބޭނުންހާ އެއްޗެއް ލުކްމާންއަށް ގަނަދެވޭނެކަމަށް ލިވިއާ ގަބޫލެއްނުކުރެއެވެ.

"ލޫކް. އަހަންނަށް ވަރަށް ރަގަޅު އައިޑިއާއެއް އައިސްގެން މިއުޅެނީ. ހަމަޖެހިލައިގެން ވަގުތެއްވީމަ އެވާހަކަދެއްކޭނީ........" ލިވިއާގެ ތުންފަތަށް ސިއްރުވެރި ހިނިތުންވުމެއް ވެރިވިއެވެ.

ޑިނާއަށް ދެމީހުން ދިޔައީ އަލަށް ހުޅުވާފައި ހުރި އޮފޭލިއާ މޯލަށެވެ. ކާއެއްޗެއްސަށް އޯޑަރު ދިނުމަށްފަހު ދެމީހުން އިންތިޒާރުގައި ތިބިއިރު ގިނަވަގުތު ލިވިއާ އިނީ ގެއްލިފައެވެ. ކޮންމެވެސް ކަމަކާއިމެދު ފުންކޮށް އޭނަ ވިސްނާހެން ހީވެއެވެ. ވަށައިގެން ފެންނަ މުއްސަދިން ފެންފަދައިން ފައިސާ އޮއްސާލާއިރު އެމީހުންގެ ދިރިއުޅުން ހާދަ އުފާވެރިވާނެއޭ ހިތަށް އަރާ އެކަމާއި ހިތް ހަސަދައިން ފުރުނެވެ. ޚާއްސަކޮށް އޭނަގެ އެންމެ ގާތްއެކުވެރިޔާ ސަވާނާގެ ދިރިއުޅުން އޭނައަށް ލިބޭނެނަމައޭ ހާސްފަހަރު ހިތަށް އަރައިފިއެވެ. ކޮންފަދަ އުފާވެރި ދުނިޔެއެއް ހެއްޔެވެ؟ ބޮޑު ގަނޑުވަރެއްފަދަ ގެއެއްގައި ސަވާނާ އުޅެނީ ޕްރިންސެސްއެއްގެ ދިރިއުޅުމެވެ. ސަވާނާގެ ކޮޓަރީގައި ހުންނަ ފާޚާނާ އޭނަގެ ކޮޓަރިއަށްވުރެ ދެގުނަ ބޮޑެވެ. އެކުއްޖާ ގެންގުޅޭ މޭކަޕް ސާމާނުއަދި ސެންޓް ފެނިފާ ލިވިއާގެ ލޯ ތަރަތަރަ ޖަހާވަރުވެއެވެ. ކްލޯޒެޓްގައި ހުންނަ ހެދުންތަކާއި ފައިވާން އަދި ގަހަނާތައް ފެނުމުންވެސް ލިވިއާ ހަމަ މޮޔަވާވަރުވެއެވެ. އޭނަ ބޭނުންވަނީ ސަވާނާގެ ދިރިއުޅުމެވެ. ސަވާނާގެ ބަދަލުގައި އެގެއަށް އުފަންވާން ޖެހޭނީ އޭނަފަދަ ރީތި އަންހެންކުއްޖެއް ނޫންހެއްޔެވެ؟

"ހޭއި ސްޓިލް ޑޭޑްރީމިން؟ " ލުކްމާންގެ ފިރިހެންވަންތަ އަޑުގައިވަނީ މަޑުމައިތިރިގޮތެކެވެ. މޭޒުމަތީ ބާއްވާފައި އޮތް ލިވިއާގެ އަތް މުށުތެރެއަށް ލާ ފިތާލިއެވެ. އައިސްކޮޅެއްހާ އެ އަތްތިލަ ފިންޏެވެ. ލިވިއާ ހާސްކަމާއިއެކު ލުކްމާން ގެ އަތުތެރެއިން އަތް ވީއްލުވާލަން ބާރުލުމުންއެ އިޝާރާތް ވިސްނުނެވެ. ލުކްމާން ކުޑަކޮށް ލަދުވެސް ގަތެވެ. މިރޭ ލިވިއާ މިއުޅެނީ ކޮންފާޑަކަށް ހެއްޔެވެ؟

"ލިވީ......... "ލުކްމާން ޝަކުވާގެ ރާގަކަށް ގޮވައިލިއެވެ.

"ކެއަފުލް ލޫކް...." ލިވިއާ ވަށައިގެން ހޯދައިލަމުން މަޑުމަޑުން ވާހަކަދެއްކިއެވެ.

"ކޮންކަމަކާ؟ "ލުކްމާން ކުޑަކޮށް ބޯ ހޫރައިލިގޮތުން އޭނަ ހިތްހަމަނުޖެހުނުކަން ލިވިއާ ދެނެގަތެވެ.

"ލޫކް. މިއީ ކާކުގެ ތަނެއް؟ " ލިވިއާ ކުރީ އެހެން ސުވާލެކެވެ.

"ނޭގޭ...." ލުކްމާން ފަރުވާކުޑަ ރާގަކަށް ބުނެލިއެވެ.

"މިކަހަލަ ތަނެއް ލިބޭނީ ނަސީބު ރަގަޅު މީހަކަށް. އަޅެ މަށަށް ލިބޭނެނަމަ......." ލިވިއާ ކޮފީތަށީގައި ތުނބު ޖެހިއެވެ

"ކެތްކުރޭ ބޭބީ. އަހަރެން ބުނަމެއްނު ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ އަހަރެންވެސް މުއްސަދިމީހަކަށް ވާނަމޭ. އަހަރެންގެ ލިވީއަށްޓަކާ ތާޖުމެހެލެއް ބިނާކޮށްދޭނަމޭ. ޕެރިހަށް ގެންދާނަމޭ. ދެން އެކަމާއި ކީއްވެ އެވަރަށް ވިސްނަނީ. ހަމަ ކުއްލިއަކަށް އެމީހުންނަށްވެސް ފައިސާތަކެއް ނުލިބޭނެ. މަސައްކަތްވެސް ކޮށްގެން ކާމިޔާބުވާނީ. އަހަރެންވެސް ކިޔަވައިގެން މިއައީނު. އަދި ވަޒީފާވެސް ލިބޭނެ އިރާދަކުރެއްވިއްޔާ...." ލުކްމާން ދަތްދޮޅީގައި އަތް ވިއްދާލައިގެން ބަލަންއިނީ ހިތްގައިމު ނަޒަރަކުންނެވެ. ޚުދު ލިވިއާގެ ހިތްވެސް މޮޔަވާވަރުވިއެވެ. އޭނަގެ ލޯބިވާ ލުކްމާންއަށްޓަކާ އެހިތްވެސް ދީވާނާވެއެވެ. ރީތިކަމުންނެވެ. ހުރިހާ އަންހެންކުދިން އެންމެ ހިތްއެދޭފަދަ ބައިވެރިޔާއެވެ. އުނި ތަންކޮޅަކީ ލުކްމާންގެ އާއިލާ މުއްސަދި ނުވިކަމެވެ. އިއްޒަތްތެރިންނަށް ނުވީމައެވެ. ރާއްޖެތެރޭ ކުއްޖަކަށްވީމައެވެ. ލުކްމާން އެކަހަލަ ހުވަފެން ދައްކާތާ ކިތަންމެ ދުވަހެކެވެ. މާލެ އައީ ކިޔަވައިގެންނެވެ. ލޯނު ދައްކާ އުޅޭ ތަނުގެ ކުލި ދައްކައިގެން ރަގަޅު ފޯނުގަނޑެއްވެސް ގަނެލެވޭވަރެއް ނުވެއެވެ. އަތުގައި އެއޮތީ އާދައިގެ ސެމްސަންގެކެވެ. އޭނަގެ އުފަންދުވަހަށްވެސް ގެނެސްދެވުނީ އާދައިގެ ސެންޓްފުޅިއަކާއި ފަށެކެވެ. އެވެސް ރިހި ފަށެކެވެ. އޭނަގެ ހިތް ފުރޭވަރެއްނުވިއެވެ.

"ނޫނޭ ލޫކް. އެކަނި މަސައްކަތްކޮށްގެނެއްނުން. ސަމް ޕީޕަލް އާ ޖަސްޓް ބޯން ވިދް އެ ސިލްވާ ސްޕޫން އިން ދެއަ މައުތް. ލޫކް ވެސް ފޭސްބުކް ސްނެޕްޗެޓް ކަހަލަ އާ އެޕެއް އީޖާދުކުރަންވީނު. އެއްފަހަރާ މިލިއަނަކަރަކަށްވާނެ. ހޫމް ދެން އަހަރެން ކޮންމެހެން ތާޖުމެހެލްއެއް ބޭނުމެއްނޫން. އެކަމަކު ޕެރިހަށް ގެންދަންވާނެ އިނގޭ. މަގޭ ފޭވަރިޓް ޑެސްޓިނޭޝަންވިއްޔަ. ހަނީމޫނަށް އެނޫން ތަނަކަށް ނުދާނަން..........." ލިވިއާ ނުތަނަވަސްގޮތަކަށް ހީލިއެވެ. އެހެންބުނިއިރުވެސް ލުކްމާން އޭނައަށްޓަކާ އެފަދަ ލޯބީގެ މަޝްހޫރު ބިނާއެއް ހިބަކޮށްދޭނެނަމައޭ އެވަގުތު ހިތަށް އެރިއެވެ. ޝާހުޖަހާންގެ އަންހެނުންނަކީ ނަސީބުވެރިއެކެވެ.

"ޕެރިހަށްވުރެ ރާއްޖެތެރޭގެ ރަށެއްވެސް މާ ރޮމެންޓިކްވާނެ...." ލުކުމާން ހީލިއެވެ.

"އައްޗީޑި...." ލިވިއާ މޭނުބައިކުރިއެވެ. އެކަމަކު ލުކުމާން އޭނަދެކެ ފޫހިވެދާނެތީ ވަގުތުން އޮޅުވާލަން ބުނީ އޭނަ ރާއްޖެތެރެދެކެވެސް ލޯބިވާކަމަށާއި ނަމަވެސް ތަފާތު ތަނެއްގެ ރީތިކަން ތަޖުރިބާކުރަން ބޭނުންވަނީކަމުގައެވެ. ވިހާ ބޮޑުވި ފަސްގަނޑުގައި އަލުން ދެކެން އޮތީ ކޮންތަނެއްހެއްޔެވެ؟ ޓޫރިސްޓުން މޮޔަވެގެން އުޅުނަސް އޭނައަށްވަނީ ހުދު ގޮނޑުދޮށްތައް ބަލާބަލާ ހިތްފުރިފައެވެ. ލުކުމާނުފަދަ ރާއްޖެތެރޭގެ ވަތަނީ ކުދިން ދެން ނިކަން އެކަހަލަވާނެއެވެ. ލުކުމާންއަށް ރާއްޖެވަރެއްނެތެވެ. ޚާއްސަކޮށް އޭނަގެ ރަށްދެކެ ލޯބިވާލެއް ބޮޑުކަމަކީ ލިވިއާއަށްވެސް ވަންހަނާވެފައިވާކަމެއް ނޫނެވެ. އޭނަ ކިތަންމެ އުފާވެރިކޮށް އުޅުނަސް އެރީތި ދެލޮލުގައި ހުސްކަމެއްވާކަން ލިވިއާ ދަނެއެވެ. ނަމަވެސް ސިއްރުވެރިގޮތެއްވެސް ހުރެއެވެ. އެހާ ބަސްމަދެވެ.

"ލޫކް. އަހަރެން ބުނާކަމެއް ކޮށްދީފާނަންތަ؟" މަޑުމަޑުން ލިވިއާ ބުނީ އެއްވެސް އިތުރު މީހަކަށް ނީވޭނެހާ މަޑުންނެވެ. ފިނިދެއަތްތިލަ ކުޑަކޮށް އުނގުޅާލަމުންނެވެ.

"އެނީތިން ފޯ ޔޫ ޕްރިންސެސް...." ލުކްމާން ލިވިއާގެ ކޮލުގައި ހިފާލިއެވެ.

"ޝުއަރ؟ " ލިވިއާގެ ހިތް ތެޅެންފެށީ ބާރަކަށެވެ.

"ދުއިސައްތަ ޕަސެންޓް....."

"ކާރަށް އަރާފައި ބުނާނީ...." ލިވިއާ އަކަށް މިކަހަލަ ތަނެއްގައި އެވާހަކަ ބުނާކަށް ނުކެރުނެވެ.

"ލިވީ ތިއުޅެނީ ހާދަ ފާޑަކަށޭ. އަހަރެން ބިރުގަނެއްޖެ. ތީ އަނެއްކާ މަގޭ ލިވީތަ؟ ނޫނީ ސިފަޖެހިގެން އުޅޭ ހަންޑިއެއްތަ. ލެޓް މީ ސީ.ފައި ބިންމަތީ ޖެހޭތޯ. އަނހަ އެބަހުއްޓޭ ދެކަށިވެސް...." ލުކްމާން މޭޒުދަށަށްވެސް ނަޒަރު ހިންގައިލިތަން ފެނިފާ ލިވިއާ ހިނިއައެވެ.

"އެއި ކަށްޓެއްނޫން ހީލްސް......" ލިވިއާ ސީރިޔަސްވިއެވެ. ލުކްމާން ބުމަ އަރުވައިލިއެވެ.

"ހަހަ..ހަޔެއްކަ އިންޗި ހުރި ކަށްޓެކޭ ހަމަ ތަފާތެއް ނެތް. ހިތަށް އަރާ ލިވީމެން ކަށްޓެއްގައި ހިގަންވެސް ހާދަ މޮޅޭ. އަހަރެމެންނަކަށް ބެލެންސެއްނުވާނެ. ގުޅައަކަށް ޖެހޭނީ......."

ދެން ލޫކް މާ މަޖާވާން އުޅޭނެކަމެއްނެތޭ. ހަންޑިއަކަށް މިހާ ރީތި ސްމާޓް މީހަކާއެކު ޑޭޓަކަށް ޖައްސައެއްނުލެވޭނެ. ހަންޑިއަކަށްވެސް އަހަރެންގެ ލޫކް އަކާއި ކައިރިވިޔަކަނުދޭނަން....." ލިވިއާ އެހެން ބުނެލުމާއިއެކު ހިތަށް އައި އެއްޗަކުން އިސްޖަހައިލެވުނެވެ. އޭނަ މިކަހަލަ ވިސްނުމެއް މިވިސްނަނީ ކީއްވެބާވައޭ އަމިއްލަ ނަފުސާއި ސުވާލުކުރެވުނެވެ. މިއީ ދުވަހަކު މީހަކު ކުރި ޒާތުގެ ކަމެއްބާވައެވެ. ލިވިއާ ބުނި އެ ޖުމްލަ އަހާފައި ކައިރީގައި ހުރި ވެއިޓަރު ހިނިގަނޑު ފަޅައިގެން ދިޔުމާއިއެކު ކެއްސާކަމަށް ހެދުނެވެ. އޭނަ އެއްފަރާތްވުމުން ލިވިއާ ހަދާންކޮށްދިނީ ލުކްމާނު ދުރުން އުޅުމަށެވެ. އޭނައާއި ލުކްމާން ގުޅުމެއް އޮތްކަން އެހެންމީހުންނަށް އެނގިގެން ނުވާނެއެވެ. އުޅެންވާނީ ކޮއްކޮއެއްހެންނެވެ.

"ލިވީ އަހަންނާއިއެކީ ހުންނަން ލަދުގަންނަނީތަ؟" ލުކްމާނު އަޖައިބުވެފައި އަހައިލިއެވެ. މިރޭ ލިވިއާ މިއުޅެނީ ސިއްރުން ފުރިފައިވާ ގޮތަކަށެވެ.

"ނޫނެ އެހެނެއްނޫނޭ. ލޫކް. ނުބައިކޮށް ނުވިސްނާ. ދެއަޒް އެ ރީޒަން. އެވާހަކަ ބުނީމަ ލޫކް އަންޑަސްޓޭންޑްވާނެ........." ލިވިއާ މާނަވީގޮތަކަށް ހީލިއެވެ.

"އަހަރެން ކައިރީ ބޭންކެއް ފަޅާލާށޭ ނުބުނިއްޔާ ރަގަޅު. ނޫނީ......" ލުކުމާން ހީލުމާއިއެކު ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ.

"ދެން އަހަރެންގެ ލޫކް ކްރިމިނަލްއަކަށް ވެގެން ޖަލަށް ލީމާ މަށަށް ހުރީ ކޮން އުފަލެއް؟ އެކަހަލަ މޮޔަކަމަކު ނުވެސް ކިޔާނެއްނު.. ރިލެކްސް ބޭބީ. އެކަހަލަ ކަމަކު ނުބުނާނަމޭ.........." ލިވިއާގެ ހިތް ތެޅިގަތްވަރުން ކުރިއަށްވުރެ ހަތަރެސްފައި ފިނިވެލައިފިއެވެ. މިފަދަ ވާހަކައެއް ބުނުމުން ލުކުމާން ނުރުހި ދެކޮޅު ހަދާފާނެ ބާވައެވެ. އެހެން މީހަކަށް އިވިގެން އޭނަގެ ހުރިހާ ޕްލޭނެއް ޚަރާބުވެދާނެއެވެ. އޭނަގެ ހިތުގައި އެކަން ރާވާތާ ދުވަސްކޮޅެއްވެއްޖެއެވެ. ހިތްބުނަނީ ކާމިޔާބުވާނެ ކަމުގައެވެ. ލުކުމާން މި ރޭވުމާއި ނުގަބޫލުވެދާނެތީ އެހާ ބިރުވެސް އެބަގަނެއެވެ. ފަސްޖެހެނީ އެހެންވެއެވެ.

ލުކްމާން ލިވިއާއާއި ހަތަރުކަޅިހަމަކޮށްގެން އިނދެ ބަލަނީއެވެ. އެތޫނު ދެލޮލުން ލިވިއާގެ ހިތަށް ތީރުތައް ހެރިފަދައެވެ. މިފަދަ ކޮންމެވަގުތެއްގައި ލިވިއާއަށް އެދެލޮލުގައި ބޮސްނުދީ ކެތްކުރެވެނީ ހަމަ ކިރިޔާއެވެ. ލިވިއާ ކައި ނިމުމަށްފަހު ދަބަސް ނެގިއެވެ. ލޯޝަންކޮޅެއްލާ ރީތިވެލުމަށެވެ. އިރުއިރުކޮޅާ އަމިއްލަ މޫނު ބަލައިނުލާ ލިވިއާއަށް ކެތްވަނީއެއް ނޫނެވެ. ދަބަސް ހުޅުވާލިތަނާ ޒިބު ވީދިގެން ދިޔައިރު އަންހެންކުދިންތަކެއް އައިސް އަރާހަމަވީއެވެ. އެކުދިންގެ މަލާމާތުގެ ނަޒަރުން ލިވިއާ ލަދުން ހަލާކުނުވީ ކިރިޔާއެވެ. ކަންބޮޑުވީ އެކުދިންނަކީ އޭނައާއި ކޮންމެވެސް ވަރަކަށް ޖައްސާލާފައި ތިބޭ ބަޔަކަށް ވީކަމެވެ. ދަބަސް ހަލާކުވާންވެސް މިނޫން ވަގުތެއް ނޭގުނީހެއްޔެވެ؟ ލިވިއާއަށް ވީގޮތާއި މޫނަށް އެރި ކުލަވަރު ފެނިފާ ލުކުމާން ބުނީ ހަމަޖެހިލުމަށެވެ. އާ ދަބަހެއް ގަންނާނީ ކަމުގައެވެ. ލިވިއާ ރުޅިވެސް އަންނަގޮތްވިއެވެ. ލުކުމާންއަށް އެކަހަލަ ކަންތައް ވިސްނައިގަންނަން ނޭގޭނެއެވެ. އޭނަ ހާދަ ރީތިކޮށް ބޭޒާރުވެއްޖެއެވެ. އެހާވަރުން ޝެނެލް އޮރިޖިނަލް ދަބަހެއްކަމަށް އެންމެނަށް ދައްކައިގެން ހުއްޓާ ފޭކްކަން ފަޅާއެރީއެވެ.

ކައި ނިމިގެން ލިވިއާ ލުކުމާން ގޮވައިގެން މޯލްގެ އެކި ބައިތަކަށް ވަނެވެ. މުއްސަދިކަން ރަމްޒުކޮށްދޭ މިފަދަ ތަނުން ހިތަށް ލިބޭ ފިނިކަމާއި އެއްވަރަށް ހިތުގައި ރިއްސާލައެވެ. މިފަދަ ތަނެއް އަމިއްލަ ކުރެވޭނެނަމައެވެ. މިފަދަ ތަނެއް ލިބިއްޖެއްޔާ އަންހެންކުދިންގެ ހުރިހާ ހުވަފެންތައް ފުރިހަމަވާނެއެވެ.

ލިވިއާ ރީތި ހެދުންތަކުގެ ފަށުވިކަން އިހުސާސްކުރިއެވެ. މޭކަޕްސާމާނުތައް ހުރިތަނުން ނިކުންނަ ހިތެއްވެސް ނުވިއެވެ. އެންމެ ހިތްއެދޭފަދަ ލިޕްސްޓިކްތަކާއި އަނދުނުގެ ތަފާތު ވައްތަރުތަކެވެ. ކްރީމްތަކާއި ފައުންޑޭޝަންތަކެވެ. އެންމެ މޮޅު މަޝްހޫރުބްރޭންޑް ތަކެވެ. ދަބަސްތަކާއި ފައިވާންތައް އަދި ގަހަނާތައް ފެނުމުން ދެލޯ ވިދައިލިއެވެ. ކުޅު ދިޔާވިއެވެ. ހުރިހާ އެއްޗެހި ވަގަށް ނަގައިގެން ގެންދެވޭނެނަމައެވެ. ލިވިއާ ހިންދިރުވާލާފައި ފުންނޭވައެއް ދޫކޮށްލިއެވެ. އޭނަ ނުސީދާކޮށް އެއެއްޗެހި ބޭނުންވާވަރު ބުންޏަސް ލުކުމާންއަށް އެއްޗެއް ވިސްނުނުކަމަށް ނުވިއެވެ. ދަބަހެއް ގަންނާނީ އޭ ކިޔާފައި އެކަމަކާއިވެސް ނޫޅުނެވެ. އެންމެ ރަގަޅެވެ. އޭނައަށްވެސް އެނގެއެވެ. މިތާގައި މިހިރީ ބްރޭންޑެޑް އެއްޗިއްސެވެ. އަގު ޓެގްކޮޅު ބަލާފައިވެސް ހިތް ދަނީ ފުންމަ ފުންމައިގެންނެވެ.

އޭނަގެ ކައިރީގައި ހުރި މޮޑެލްއެއްފަދައިން ފޯނާއި ކުޅެ ކުޅެހުރި އިރު އެހެންލާފައި ދިޔަހާ އަންހެންކުދިންތަކެއް ލުކުމާންއަށް ބެލިއެވެ. ލޮލުން ކާލަފާނެ ކަހަލައެވެ. ހަގީގަތުގައިވެސް ލުކުމާނަށް ލިބިފައި ހުރި އިސްކޮޅާއި ބާމަތި ފުޅާކަން އަދި އެހެރަ ރީތި ހަށިގަނޑަކީ މަދުން ނޫނީ މާލެއިން ފެންނަ ކަހަލަ ރީތިކަމެއް ނޫނެވެ. ނޫ ޖިންސަކާއިއެކު އަތްދިގު މުށިކުލައިގެ ޓީޝާޓެއްގައި ލުކުމާން ފެންނަނީ ސްމާޓްކޮށެވެ. އެކަމުން ލިވިއާއަށް ފަޚުރުވެރިކަމެއް ލިބުނެވެ. ލުކްމާންއަކީ ހަމަ އެކަނި އޭނަ ގެއެވެ. އޭނަގެ ހިތުގެ ބަޔެކެވެ. ފުރާނައެވެ. އެހެން އަންހެންކުދިން ޖެހޭނީ ދުރުން ބަލާލާފައި ހިތްހަމަޖައްސާލާށެވެ.

އެތަނުން ލިވިއާ ނިކުންނަން ޖެހުނީ ހުސް ދެއަތާއެވެ. އެތެރެ އެތެރެއިން ރުޅިއައިސްގެން ފަޅައިގެންދާވަރުވިއެވެ. ލުކުމާން އޭނައަށް އެންމެ އެއްޗެއްވެސް ގަނެ ނުދިނެވެ. ފަރުވާކުޑަ އަޅާލުމެއްނެތް ފޮނި ފޮނި ލުކުމާންއެވެ. ހިތާހިތުން ކުދި ކިޔަސް ލިވިއާ ހުރީ ތުންފަތަށް މަޑު ހިނިތުންވުމެއް ވެރިކޮށްލައިގެންނެވެ. ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންކަހަލަ އަންހެންކުއްޖެއްކަން ބަލާބެލުމަކަށް ނޭގޭނެއެވެ.

ކާރަށް އަރާފައިވެސް ވާހަކައިގެ ގޮތުން ބުނަން ފަސްޖެހުނެވެ. ލުކުމާން ރީއްޗަސް އޭނަގެ މިޒާޖު ލިވިއާ ދަނެއެވެ. ރުޅިގަދަވެއްޖެއްޔާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. މަދު ފަހަރެއްގައި ލުކުމާންގެ އަނދިރިފަރާތް އޭނަ ދެކެފައިވެއެވެ. މީހުންނަށް ފެންނާނީ އޭނަގެ ރީތިކަމާއި މީހުންތެރޭގައި އުޅޭގޮތެވެ. އެއްވެސް އިންސާނަކު ފުރިހަމައެއްނުވާނެއެވެ. ކިރިޔާވެސް މީހާ މީހަކަށްވާނީ އަތުގައި ފައިސާ ހުރިވަރަކުން ކަމުގައި ލިވިއާ ދެކެއެވެ. އެކަމަކު އޭނަވެސް ބޭނުމީ މުއްސަދި ޒުވާން ރީތިމީހެކެވެ. މުސްކުޅިއަކާއި އިނދެގެން އެކުވެރިންނާއި އަވަށްޓެރިންގެ މަލާމާތް ލިބިގަންނާކަށް ނުކެރޭނެއެވެ. ލުކުމާންގެ އަތުގައި ފައިސާ ހުރެއްޖެއްޔާ އެވާނީ އޭނަގެ ހުވަފެންތަކުގެ ރާޖާއަށެވެ. ހިތުގައި ކުރެހިފައިވާ ހަމައެކަނި ސޫރައަކީ އެއީއެވެ.

ލިވިއާ ދިރިއުޅޭ އެޕާޓްމެންޓްއާއި ކައިރި ހިސާބެއްގައި ކާރު ޕާކްކޮށްފައި އޭނައާއި އެއްހަމައެއްގައި ހިނގާފައި އެހިސާބަށް އާދެވުމާއިއެކު ލުކުމާން ލިވިއާގެ ދެކޮނޑުގައި ހިފާފައި އޭނައާއި ދިމާލަށް އަނބުރުވައިލިއެވެ.

"މެރީ މީ........."

"ވަޓް؟ " ލިވިއާ ދެލޯ ބޮޑުކޮށްލަމުން ފަހަތަށް ޖެހުނެވެ. އެއްވެސް އިޝްގީ ކަމެއްނެތި ހަމަ ޓަސްލާފައި ކައިވެންޏަށް އެހުމުން އޭނަވީ ފޫއްސެއްގެ ބޮޑުކަން ބުނެދޭކަށްވެސް ނޭގުނެވެ. އެހާ ބޮޑު ޝޮކެއްލިބުނެވެ. އަދި ވަޒީފާއަކަށް ދާން ނުފަށަނީސް ކައިވެންޏެއްކޮށްގެން ލުކުމާން އޭނަ ގެންގުޅޭނީ ކިހިނެއްހެއްޔެވެ؟

"އާން ލިވީ. އަހަރެން މިހާރު ބޭނުންވަނީ ލައިފެއް ފަށަން. ވަކިން ދިރިއުޅެން. ވަރަށް އަވަހަށް އަހަރެންގެ ވަޒީފާ ހަމަޖެހޭނެ. ދެމީހުންނަށް އަހަރެން ހިފައިގެން އުޅޭ ރޫމްގައި ތިބެވޭނެއްނު. މިހާރުވެސް އަހަރެން ކައްކާ ހުރިހާކަމެއް ކުރަނީ އެތާގައި............." ލުކުމާން ޖިންސްގެ ޖީބަށް އަތް ޖަހާލިއެވެ.

"ކުޑަތަންކޮޅެއްގައި ކައްކާ ދޮވެ ހުރިހާކަމެއް ކުރެވޭތަ؟ " ލިވިއާއަށް އަހާލެވުނެވެ.

"ލުކް ލިވީ. އަހަންނަށް އެނގޭ ލިވީ ބޭނުންވަނީ އަރާމު ދިރިއުޅުމެއް ހޯދަންކަން. ކޮންމެ އަންހެންކުއްޖެއްވެސް ބޭނުންވާނެ ކަން ނޭގޭ ދޯ އެފަދަ ޕަފެކްޓް ލައިފެއް. ނޫނީ ދިރިއުޅުން އުފާވެރިއެއްނުވާނެކަމަށް ގަބޫލުކުރާނީ. އަހަރެންވެސް ނުބުނަމެއްނު އަބަދަށް މިހެންނޭ އުޅޭނީ. އަބަދަށްޓަކާ ލިވީ ދަތިކޮށޭ އުޅެން ޖެހޭނީ. އެހެނެއްނުވާނެ އިރާދަކުރެއްވިއްޔާ. ވަރަށް މަސައްކަތް އެބަކުރަން. ލިވީއަށްޓަކާ ލިވީގެ ލޯތްބަށްޓަކާ ބޭނުންވި ރޮގުން މިކިޔެވީ. އަހަރެންގެ އެއްވެސް އިންޓެރެސްޓެއް ހުރެގެނެއްނޫން. މީހުންގެ ކުރިމަތީގައި ގަދަރުވެރިއަކަށްވާނެ ޖޮބަކީ މިއީކަމަށް ލިވީ ގަބޫލުކުރީ. ސޯ ހިއަ އައިމް އޭމް. ޖަވާބެއްދީބަލަ........" ލުކުމާން ހުރީ ކެތްތެރިވެލައިގެންނެވެ. މި ރޭ ލިވިއާ އުޅޭގޮތުން އެހެން ކަހަލަ ޝައްކެއްވެސް ހިތުގައި ހިނގިއެވެ. ލިވިއާފަދަ ރީތި އަންހެންކުއްޖަކަށް ކިތަންމެ ފަރާތަކުން ހުށަހެޅުން ލިބޭނެއެވެ. ލިވިއާފަދަ މުއްސަދި ދިރިއުޅުމަކަށް ލޯބިކުރާ އަންހެންކުއްޖަކަށް އެފަދަ ފަރާތަކުން ލޯބި ހުށަހަޅައިފިނަމަ އޭނައާއި ވަކިވުމަކީ އެކަށީގެންނުވާނެ ކަމެކޭ ހިތެއްނުބުނެއެވެ. ހިތްބިރުގަތީ އެހެންވެއެވެ. ލިވިއާ ގެއްލޭކަށް އޭނަ ނޭދެއެވެ.

"ލޫކް ތިކަމާއި ވިސްނާނަން. މިރޭ ކުޑަކޮށް ބޮލުގައި ރިއްސާލާފައި ހުރީ. ހެދުނު ހެދުނާ ޖޮބަށް ދާން ތެދުވާން ޖެހޭ.........ވަން މޯ ތިންގް މައި ލަވް. ތަންކޮޅެއް ރޮމެންޓިކްކޮށް ޕްރޮޕޯސްކޮށްލިނަމަ. ލޫކްއަކާއި ނުވެސް ގުޅޭ ދެން ތިގޮތަށް މެރީކުރަން އަހާކަށް.........." ލިވިއާ ސަމާސާއަކަށް ހަދާފައިވެސް ބުނީ ހިތުގައިވާ އެއްޗެކެވެ.

"ހަހަ. ހަށިގަނޑު ވިއްކައިގެންވެސް ބަލާނަން ތިކަން ފުރިހަމަކޮށްދެވޭތޯ........" ލުކުމާން ލިވިއާގެ ދެކޮލުގައި މަޑުމަޑުން ވިކާލީ ރީތި ހިނިތުންވުމަކާއިއެކުގައެވެ. ލިވިއާއަކަށް އޭރުވެސް ލުކުމާންގެ ރޭވުމެއްގެ ހިލަމެއްނުވެއެވެ. ގެއަށް ވަންނާން ގޮސް ސިޑިއާއި އަރާހަމަވިތަނާ ލުކުމާން ގޮވާލައިފިއެވެ. ލިވިއާ އެނބުރި ބަލައިލުމުން ލުކުމާން އެދުނީ އަދި އޭނަ ބުނާތާކަށް ގޮސްދިނުމަށެވެ. ލިވިއާ ހުރީ ލުކުމާންއާއިއެކު އެހެން ތަނަކަށް ނުދާން ނިންމައިގެންނެވެ. ގެންދިޔަސް ވާނެ ފައިދާއެއް ނެތެވެ. މިރޭ އޭނަ ހުރީ ފޫހިވެ ވަރުބަލިވެފައެވެ. ނަމަވެސް ލޯބިވެރިޔާ ބުނެލިލެއް ރީތިކަމުން ދެކޮޅުހަދާ ހިތެއްނުވިއެވެ. ލުކުމާން އޭނަ ގޮވައިގެންގޮސް މަޑުކޮށްލީ މޯލްކައިރިއަށެވެ. ލިވިއާ ސުވާލުގެ ނަޒަރަކުން ބަލާލައިފިއެވެ. ދެވަނަފަހަރަށް މިތަނަށް ގެނައުމުގެ ބޭނުމާއިމެދު ސުވާލު އުފެދުނުތަނާ އެނގުނެވެ. ލުކުމާން ލިވިއާގެ އަތުގައި ހިފައިގެން މިސްރާބުޖެހީ ޖެހިގެން ހުރި ފަސް ބުރިއަށް ނަގާފައިވާ ރީތި އޮފޭލިއާ ހޮޓެލްއާއި ދިމާލަށެވެ. ރަތްއަކުރުން ދިއްލެމުންދާ އެހޮޓަލުގެ ނަމުންވެސް ތަނުގެ ހިތްގައިމުކަން ދައްކުވާދެއެވެ. އެތަނުގެ ޓެރެސްއަށް އެރިއިރު އެތަން ޒީނަތްތެރިކޮށްލާފައިވަނީ ރަތް އުއްބައްތިތަކާއި ލެންޓަންތަކުންނެވެ. ބޮޑުއަކުރުން "ވިލް ޔޫ މެރީ މީ ލިވީ" ޖަހާފައި އޮތްތަން ފެނުމުން އަނގަމަތީގައި އަތްއަޅާލައިގެން އިރުކޮޅަކަށް ހުރެވުނެވެ. ވީއިރު ލުކުމާން ފުރަތަމަ އޭނަ ތަޅުވާލީއެވެ. އިމްތިހާނުކޮށްލީއެވެ. އާދައިގެ ގޮތަކަށް ކައިވެންޏަށް ހުށަހެޅިއިރުވެސް ލިވިއާގެ ހިތް އޭނައަށް އެނގޭނެއެވެ. ފާސްނުވުމުން ލަދުވެސް ގަތެވެ. ލިވިއާއަށް ލުގުމާން ގެ ރީތި ދެލޮލަށް ބަލައިލުމާއިއެކު ނޫނެކޭ ބުނާކަށް ނުކެރުނެވެ. ލިވިއާގެ ޖަވާބާއިއެކު އޭނަގެ އިނގިލީގައި އަޅުވާލަދިން ރޫބީ އަނގޮޓީގެ ދަޅަވެސް އެތަނުގައިވާ ކުލައާއިއެކުވިއެވެ. ލިވިއާ ހުރީ ބުނާނެ އެއްޗެއްނޭގިފައެވެ. އެހެން އެއްޗެއްގެ ނަސީބުނެތަސް އޭނައަށްވަނީ ރަގަޅު ހިތްހެޔޮ ލޯބިވެރިޔެއް ދެއްވާފައެވެ. ލިބުނު އެއްޗަކަށް ހަމްދުކުރަން ޖެހޭނެއެވެ.

ލުކުމާންގެ ނަންވަނީ އޭނައާއި ގުޅި ލާމެހިފައެވެ. އޭނަގެ ނަމާއިއެކު ލިޔުއްވާފައެވެ. އެއީ އޭނަގެ ނަސީބެވެ. ވީއިރު ލުކްމާން ކޮންމެތަނެއްގައި ކޮންމެ މީހަކާއި އެކު ހުއްޓަސް އެންމެފަހުން ވާނީ އޭނަގެ މީހަކަށެވެ. އެކަމާ ވިސްނާނެކަމެއްވެސް ނެތެވެ. ނަމަވެސް އެންމެ ކުރިން ލުކުމާންގެ ފަރާތުން އޭނަ އުއްމީދުކުރަނީ ބަދަލަކަށެވެ. މޮޅު ހަރުދަނާމީހަކަށް ވުމަށެވެ. ކައިވެންޏަށް އެއްބަސްވިޔަސް އެހާ އަވަހަށް އަދި އިންނާކަށް އޭނަގެ ޚިޔާލަކުނެތެވެ. ނޫނެކެވެ. ކައިވެނިކުރަން ބޭނުމެވެ. ނަމަވެސް ލުކުމާން އެފެންވަރު މީހަކަށް ވީ ދުވަހަކުންނެވެ. ތަފާތު ޚިޔާލުތައް ލިވިއާގެ ސިކުނޑީގައި ކޮށްޓާވަރުން ބޮލުގައި ރިއްސާގޮތްވިއެވެ.

ލިވިއާގެ އެޕާޓްމެންޓާއި އަރާހަމަވުމުން ރޭގަނޑުގެ ސަލާމްކޮށްލާފައި ކާރުން ފޭބިއެވެ. ލުކުމާންއަށް އިދެވުނީ ބަލާށެވެ. އޭނަ ލިވިއާގެ ފަހަތުން އެހާވަރުން އުޅެނީ ކީއްވެހެއްޔޭ ކިޔާފައި ބެސްޓްފްރެންޑް ކައިދަން އެހާ ސުވާލުކުރެއެވެ. ލުކުމާން އެހެން ހިތަށް އެރިތަނާ ލިވިއާ އެނބުރި ބަލާލާފައި އަތް ހޫރާލަމުން ހިނިތުންވެލިއެވެ. "ދެޓްސް ދަ ރީޒަން............" ލުކުމާން ހިނިތުންވެލާފައި ހިތާހިތުން ކިޔާލައިފިއެވެ. މާނައަކީ ލިވިއާގެ ހިނިތުންވުމުން އޭނަގެ ހިތަށް އުފާ ލިބޭކަމެވެ. ފަހަތުން އުޅެވެނީ އެހެންވެއެވެ.

ލިވިއާ ކޮޓަރިއަށްވަން ގޮތަށް ދަބަސް އެނދާއި ދިމާލަށް ހޫރުވާލައިފިއެވެ. ރޫބީ އަނގޮޓިވެސް ނަގާފައި އެއްލާލަން ހިތަށް އަރާފައިވެސް ލޯބިވާ ލުކުމާން ދިން އެއްޗަކަށް އެހެން ހަދާކަށް ނުކެރުނެވެ. ނަމަވެސް މިއީ އަސްލު ރޫބީއެއް ނޫންކަން އޭނައަށް ޔަގީނެވެ. ފޯނުން އަލިއަޅުވާލާފައި އެކި ގޮތްގޮތަށް ބެލިއެވެ. ނޭގުނެވެ. ޔަގީނެއްނުވިއެވެ. ފާޑުފާޑުގެ އެސްތަކާއި ޖަވާހިރުތައް ވިއްކާ ފިހާރައަކަށްގޮސް އެ ރޫބީގެ ހަގީގަތް ބަލަން ނިންމިއެވެ. ހިތުގައިވާ ޝައްކުތައް އޭރުން ފިލާފާނެ ނޫންހެއްޔެވެ؟ ހެދުން ބަދަލުކޮށްލާފައި އޭނަ މޫނުގައިވާ މޭކަޕް ފިލުވައިލާ މޫނުގައި ކްރީމް ހޭކިއެވެ. ނިދަން ތައްޔާރުވެގެން އެނދަށް ވެއްޓިގަތްގޮތަށް ގުޅައިލީ ސަވާނާއަށެވެ.

ސަވާނާއަކީ ލިވިއާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެމީހުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތުވިޔަސް ދެކުދިންގެ އެކުވެރިކަން ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބަދަހިވަމުންނެވެ. ކޮންމެ ދުވަހަކުހެން ދެކުދިން ބައްދަލުކޮށް އެކީ ވަގުތު ހޭދަކުރެއެވެ. ސަވާނާ ދިން ޚަބަރަކުން ލިވިއާ ކުއްލިއަކަށް ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވިއްޖެއެވެ.

"ވަ...ވަޓް؟ "

 

ކޮމެންޓް 0