"ދިރިއުޅުމުގެ މަގުސަދަކީ ކޮބާހެއްޔެވެ؟ ދުނިޔެއަށް އައީ ކޮން ބޭނުމަކުހެއްޔެވެ؟ ޔަގީނުންވެސް އެއްވެސް އިންސާނަކަށް މިތަނުން ބޭނުންވާ ހުރިހާ ހިތްހަމަޖެހުމެއް ނުހޯދޭ ނޫންހެއްޔެވެ؟އަދިވެސް ވަގުތު އެބައޮތެވެ. ތިބާ ނޭވާ ލާ ހިނދު ތައުބާ ވުމުގެ ފުރުސަތު އެބައޮތެވެ. ރަގަޅު މަގު ޚިޔާރުކުރާށެވެ."

***

އާނ ދެން ކީއްކުރާނީ؟ ކުރާނެ ކަމެއް ބުނެބަލަ އަހަރެން މިއުޅެނީ ސަމަރުއާއި ރައްޓެހިވެގެން......." އައިމަލް ޖެހިލުމެއްނެތި ބުނެލިގޮތުން އަލާޔާގެ މެޔަށް ފިނި ހީބިހިގަނޑެއް އެރިއެވެ. ދެވަނަ ސިކުންތުކޮޅު އައިމަލްގެ ކޯތާފަތަށް ހޫނުވިއެވެ.

"ތިއީ ކުރަތްޕެއް.. ރޭލުފަންޏެއް." އަލާޔާއަށް ރުޅިއައިވަރުން ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭގުނެވެ. އެންމެ ފަކުރުގަންނަ ނަފްރަތުކުރާ ސޫފީގެ ނަން ކިޔައިލެވުނީވެސް ބޭ އިޚުތިޔާރުގައެވެ. އައިމަލް ވާހަކަ ފަށައިގަތުމުން ކިޔަން ހުރި އެއްޗެހިވެސް ހަނދާން ނެތިއްޖެއެވެ.

"މިކައިވެނި ކުރީ އަހަރެން ބޭނުންވެގެނެއްނޫން ދޯ. އަލާޔާ އަމިއްލައަށް ޕްރޮޕޯސްކުރީ. އެވެސް މަކަރާއި އޮޅުވާލުމުގެ ތެރެއިން ތިމަންނައަކީ ހާފިޒާއެއްކަމަށް ވެސް އަންގައިގެން. އެކަމަކު ގުރުއާން ދަސްކަމަށްވެސް ގަބޫލެއްނުކުރެވޭ. ސަބަބަކީ ދޮގު މައްޗަށް ދޮގުހަދާކަން އެނގޭތީ. އަހަރެން ބޭނުންގޮތަކަށް އުޅޭނީ. އުދަގޫވަންޏާ މިގެއިން ދޭ. ބޭނުންތަ؟ ކޯޓަށް ދާން ހިނގާ.........."

އައިމަލްގެ ވާހަކައިން އަލާޔާ ބިރުގަތެވެ. ހަށިގަނޑު އެއްކޮށް އައްސިވިހެން ހީވިއެވެ.

އިތުރަށް އަޑު އަހަން ހަދައިގެން ބިރުވެރި ލަފުޒުތަކެއް އިވިދާނެއެވެ. އައިމަލް އޭނަ ވަރިކުރަން ފަހެއް ނުޖެހޭނެއެވެ. އަވަސްވެލައިގެން އެތަނުން ދުރަށްގޮސް ޖެހިގެން ހުރި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

އޭނަ އައިމަލްއާއި ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. މަގާމުގެ ދަހިވެތިކަމުގައެވެ. އޭނަގެ އުމުރުން މިހިސާބަށް ދިޔައިރު އެހިތުގައި ރަސްކަން ކުރާނެ މީހަކު ނެތެވެ. ލޯތްބަކީ އަލާޔާއަށް ދަސްވެފައިވާކަމެއް ނޫނެވެ. އެފަދަ ފޮނި އިހުސާސްތަކެއް އޭނަގެ ހިތަކު ނުއުފެދެއެވެ. އޭނަ ލޯބިވަނީ ހަމައެކަނި މާއްދީ ކަންތައްތަކަށެވެ. މަތީ މަގާމާއި މުއްސަދިކަމާއި ޝަރަފާއި ހުރިހާ މޮޅުކަމަކަށް އަލާޔާގެ ހިތް އެދި އެކަމަށްޓަކާ ކުރަން ޖެހޭ ކޮންމެކަމެއް ކުރެވެމުން ދިޔައިރު މިއީ ރަގަޅުކަމެއްބާވައޭވެސް ހިތަށް އަރައެވެ. ފުރަތަމަ ފަހަރަށް ސަލާރާއި ރައްޓެހިވެފައި ރުޅިވީވެސް ސަލާރުގެ ހުރި އުނި ސިފަތަކުންނެވެ. މޮޔަކަމާއިއެކު ސައިކޯއެއް ކަމަށް ދެކެފައެވެ. އަދި އޭނަދެކެ ލޯބިނުވާކަމަށް ގަބޫލުކުރެވުނުއިރު ސަލާރުގެ ކުރިމަގުވެސް ބަނަކޮށް ފެނުނީއެވެ. ޝަރަފުވެރި މަސައްކަތެއް ކުރަންވެސް ސަލާރު ތައްޔާރެއް ނޫނެވެ. އަބަދު ދެކުނު ހުވަފެނަކީ ޖަނަވާރުންނަށް ބޭސްކުރާ ޑޮކްޓަރަކަށްވުމެވެ. އޭނަ ސަލާރުގެ ފަރާތުން ސަލާމަތްވެ ކައިވެނިކުރީވެސް މުއްސަދި ރީތި ޒުވާނަކާއެެވެ. ނަމަވެސް ލިބުނު ލަނޑުދެރައެއް ނޫނެވެ. ހަނާއަކީ އޭނަ ދޫކޮށްފައި ދިޔަ ނިޝާނެކެވެ.

މިފަހަރުވެސް ފުންމައިލެވުނީ އެފަދަ ވަރުގަދަ ކަނޑަކަށެވެ. އޮޔާއި މިސްރާބު ހުރިގޮތުން މަންޒިލަކަށް ނުފޯރާ ގަދަ ތޫފާނުގައި ހަގުރާމަކުރަން ޖެހިދާނެކަމުގެ ރަތް ސިގްނަލް އޭނަ ވަށާލައިފިއެވެ.

***

ސަލާރު ބެލްކަނީގައި އުދަރެހާއި ދިމާލަށް ބަލަން އިންއިރު ޚިޔާލުގައި ތަފާތު ކަންތައްތަކެއް ހިނގަމުން ދިޔައެވެ. އެހުރިހާ ޚިޔާލަކުން ނުކުމެވުނީ ކުރިމަތީގައި ހުރި ގެއިން އަލާޔާއާއި ހަނާ ނުކުމެގެން އަންނަތަން ފެނިފައެވެ. ހަވީރު ފިންޏަށް ކޮންމެވެސް ދިމާލަކަށް ހިނގައިލަން ނުކުތީކަން ޔަގީނެވެ. އޭނަގެ އެކުވެރިޔަކީ ބައިވެރިޔަކީ ބެލާއެވެ. އޭނަވެސް ބެލާއާއިއެކު ބުރެއް ޖަހައިލަންދާންވީއެވެ. އަލާޔާ ނުރުހުނަސް ދިމާވުމަކީ ޔަގީނުންވެސް އޭނަގެ ހިތް ބޭނުންވާ ގޮތެވެ.

ސަލާރު ބުޅާ ކޮނޑަށް ލައިގެން ތިރިއަށް ހިނގައިގަތެވެ.

ނަސީބަކުން އަލާޔާއާއި މުޑި އެރިއެވެ. ހަނާ ބެލާއަށް މޮޔަވާވަރުވެ އެ ބުޅާ އަތުލަން އާދޭސްކޮށްގަތެވެ. ސަލާރު އެކުއްޖާ ކުޅެން ބުޅާ އުރަށް ލާ ދިނެވެ.

"ގައިގާ ޖެހިގަތީ ގަސްތުގައިތަ؟"އަލާޔާ ލޯ އަޅައިިލިއެވެ.

"ގަސްތުގައެއް ނޫން. އެކްސިޑެންޓެއް.....އަލާޔާއާއި ދިމާވާން ވަރަށް ބޭނުންވެފައި މިހިރީ....."ސަލާރު ސޯޓުގެ ޖީބަށް އަތް ޖަހައިލަމުން ހީލިއެވެ. އޭނަގެ ފަންއިސްތަށިގަނޑު ވަޔާއި ހޫރިގަތެވެ.

"މަވެސް އެހާ ބޭނުންވެފައި. ރެކިދައްތަ ބުނި އެގޭ ހާލެއްގެ ފައި ކޮރުވެގެން އުޅޭ ކަމަށް. ޑޮކްޓަރ ސަލާރަށް ބޭސްކުރެވޭނެއޭ މަ ބުނިން. ރެކިދައްތަ ހެވުނުވަރުން މަގޭ މޫނަށް ކުޅުވެސް ބުރުވައިލި...ސޯ ކިހާވަރަކަށް ހާލަކަށް ބޭސްކުރަނީ؟" އަލާޔާ މަލާމާތުގެ ގޮތަކަށް ހީލައިގެން ހުރެ ސުވާލުކުރިއެވެ.

"ހަމައެކަނި ބުޅާތަކަށް އަހަރެން ޓްރީޓްކުރަނީ....."

"ދޫނި ވެޓެއްނޫން ދޯ...." އަލާޔާ ދޫ ނެރެލިއެވެ."ސަލާރު ކީއްކުރަން އަހަރެން ހޯދަން އުޅެނީ؟ މާޒީ އަހަރެން އައީ ސަލާރުމެން ގޭގެ އުނދުން ދަށުގައި ވަޅުލާފައި..އަލުން އެ ކޮނެގެނެއް ނުނެގޭނެ..."

"އަލުން ޕާސްޓަކަށް ދާކަށް ނޫން. އެކަމަކު ބުނެފާނަން. އަލާޔާ އަދި ރިގްރެޓްކުރާނެ. އަލާޔާ ހަޒްބެންޑް ފެއިތްފުލްއެއްނޫން. އިތުރަށް ބުނެދޭކަށް ބޭނުމެއްނޫން ނަމަވެސް މިހާރުއްސުރެ ވިސްނައިގެން އުޅުނިއްޔާ ހާޓްބްރޭކް ނުވާނީ..ޑޮކްޓަރ އައިމަލްއަކީ ޕްލޭ ބޯއިއެއް........" ސަލާރުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އެމޫނުމަތިން "ސޭކު" ހިނިތުންވުން ފިލާ ސީރިޔަސްކަމެއް ފެނުނެވެ.

އިރުކޮޅެއްވާންދެން އަލާޔާއަށް ސަލާރުގެ ލޮލަށް ބަލަން ހުރެވުނެވެ. ސަލާރު ކުރިމަތީގައި ދެރަވެ ހިތް ބަންޑުންކޮށްލަން އޭނަ ތައްޔާރެއްނުވިއެވެ.

"އޭނަ ކޮންމެފަދަ މީހަކަށްވިޔަސް ސަލާރުއާއި ބެހޭކަމެއްނޫން. އަހަންނަށް ހީވިއޭ. އެއްޗެކޭ ކިޔާފައި ސްޓޯކްކުރަނީ ދޯ. އަހަރެންގެ ފަހަތުން މިރަށަށްވެސް ތިއައީ..."

"ތެދަށް ބުނަންޏާ އަލާޔާ މިރަށުގައި ހުރިކަމެއް ނުދެނެހުރިން.."

"މަށަކީ މެގްނެޓެއް ވިއްޔާ ހުރިތާކަށް ދަމައިގަންނަން.. ހޫމް ދެން ބުނެފާނަން.އައިމަލް ކޮންމެ ގޮތަކަށް އުޅުނަސް އަހަރެމެން ދެމީހުން އުޅެނީ ވަރަށް ލޯބިން. އެއީ ހުރިހާ ކާމިޔާބު ފިރިހެނުންގެ އުސޫލް. އަންހެންކުދިން ފަހަތުން އުޅެންޏާ ބައެއްފަހަރު އެގޮތަށް އަނގައިން ބުނެފާނެ. ފްލާޓްވެސްކޮށްފާނެ. ލޯބިވާ މީހާއާއެކު ދޯ ހަޔާތެއް ފަށާނީ. ސަލާރު އަށް އެކަން ނުވިސްނުނުދޯ.ކާކު ސަލާރުގެ ސިކުނޑީގެ އެއްބައި ކައިލީ؟ސަލާރުގެ އައިކިއު ވަރަށް ދަށްކަމަށް ފާހަގަވޭ..ޓެލެންޓެއްނެތް.ކީއްވެތަ؟ ކޮންމެ ކަމެއް ވިސްނަނީ ބޭރުފުށުން ފެންނަގޮތަށް..ކޮންމެ ގޮތެއްވިޔަސް އަހަރެމެންގެ އޮތް ރިލޭޝަންޝިޕް ހަލާކުކުރަން ނޫޅޭތި......" އަލާޔާ ހަށަން ބަދެލައިގެން ހުރެ ޗުއިންގަމް ގަނޑު ކައި ކައިފާ ދޭތެރެއަކުން ބޮޑު ބޮތްކެއް އަރުވައިލައެވެ.

"ފައިން...."

"ހޫމް....އަހަންނަށް ބަދު ދުއާކުރަނީތަ؟މަގޭ ދިރިއުޅުން ހަލާކުކުރަން..އަހަރެން ސަލާރުއާއި ރުޅިވީ ސަބަބު ކިޔާނުދިނަސް އެނގޭނެ...މަށާއި ދިމާލަށް ކީ ނަން ހަނދާން އެބަހުރިތަ؟ ދުވަހަކު މާފެއްނުދޭނަން. އެހެންވެ.....މަށަށް ބްލޭމްކޮށް ދުއާނުކުރާތި..."އަލާޔާ އަމުރެއްކޮށްލިއެވެ. އޭނަގެ ކައިރީގައި ސަލާރުގެ އެއްވެސް ހައިސިއްޔަތެއްނެތެވެ. ފައިދަށުގައި އޮންނަ ފައިފުހިއަށް ކުރާ ގަދަރުވެސް ނުކުރާހެން ހީވިއެވެ. އެހެންނޫނަސް ޖަނަވާރަށް ބޭސްކުރާ ޑޮކްޓަރެއްގެ އޮންނާނީ ކޮން ގަދަރެއް ޝަރަފެއް ހެއްޔެވެ؟ ސަލާރުގެ މަންމައާއި ދައްތަވެސް އެކަމާއި ލަދުން އުޅުނުކަން އެމީހުންގެ ވާހަކަތަކުން އެނގުނެވެ.

"އަހަންނަނީ އެހާ ސޯލިހު މީހެއްތަ؟ ދުޢާއެއް ކުރާއިރަށް އެކަމެއް ހާސިލުވާން؟" ސަލާރު އެހިއެވެ.

"ﷲއަކީ ރަހުމާންވަންތަ ރަހީމްވަންތަ. އަހަންނަށް ދެރަގޮތެއް ވެއްޖެއްޔާ ސަލާރު ޒިންމާވާން ޖެހޭނެ އިނގޭ..އަހަރެން އެންމެ ކުރިންވެސް ބުނިން ސަލާރު ޚިޔާލު ބަދަލުކުރާށޭ. ހިތުގެ ޑޮކްޓަރަކަށް ވާށޭ. އަހަރެންދެކެ ލޯބިވާނަމަ އަހަންނަށްޓަކާ އެކަން ކޮށްދޭށޭ. އެކަމަކުވެސް ސަލާރު ޖަނަވާރުދެކެ މާ ވަރެއްގެ ލޯތްބެއް ޖެހުނީ. އަހަރެންގެ ލޯބި އެއްޗަކަށްނުވި..އެހެންވެ ފޫހިވެފައި ހުއްޓާ.....އީކް.......އެދުވަސް ހަނދާންވީމަ....."އަލާޔާ ހަނާގެ އަތުގައި ހިފަހައްޓާފައި ބެލާއާއި ދުރުކުރުވިއެވެ. "ބޭބީ ހިނގާ ދަމާ..."

"މަންމި އިރުކޮޅަކަށް....ޕްލީޒް.." ހަނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

"މިބުނީނު ނޫނެކޭ. ދެން މިކުއްޖާގަނޑަށް ބުނާ އެއްޗެއް އަޑުއިވޭކަމަށް ނުވޭތަ؟ ބުނާގޮތަށް ނަހަދައިފިއްޔާ................" އަލާޔާ ހަނާ ގަދަހަދަނިކޮށް އުފުލާލައިގެން ދުރަށް ދާން ހިނގައިގަތެވެ.

ސަލާރުގެ ލޮލުގައި ކަރުނައިގެ ތެތްކަންވިއެވެ. އޭނައަށް ލޯބިވެވުނު ކުއްޖާގެ ހިތް ބޭރުފުށްހާ ރީތިވިނަމައެވެ. ރުޅިގަދަކަމާއި ހަރުކަށިކަމާއެކު ދެއްކުންތެރިކަން އަދި ދޮގުހެދުންފަދަ ނުބައި ސިފަތައް އަލާޔާގެ ގައިގާ ހުންނަންވީ ކީއްވެހެއްޔެވެ؟ ބޭވަފާތެރިވެސްވީއެވެ. އޭނަގެ ލޯބީގައި ކޮޅުފައިން ޖެހީއެވެ. އޭނައަށް ގަދަރުކުރުމެއް ނެތްތާގައި ލޯބިވީނަމަވެސް އަލާޔާގެ ވާހަކަތައް އެހެނެއް ނުހުންނާނެއެވެ.

***

ސަމަރު ދެކޮޅުހަދަނިކޮށް ސޫފިޔާނާ ސަލާރުއަށްޓަކާ ކުޑަ ކްލިނިކެއް ހުޅުވަދިނެވެ. އޭރުން ކޮންމެވެސް ވަރަކަށް މަސައްކަތްކޮށް އޭނަ ކިޔަވައިގެން ހުރި އިލްމެއްގެ ބޭނުން ހިފޭނެއެވެ. ނަރުސްކުއްޖަކުވެސް ހޯދަދިނެވެ. ސަލާރުގެ ހިތުގައި މަންމައާއިމެދު އޮތް ޝަކުވާ ފިލާ ހިތް ސާފުވިއެވެ. މަންމަ އޭނައަށް ކުރިހާ ޚަރަދުތައް ފޫބައްދައިދޭނެއެވެ. މަންމައަކީ ތިމާގެ ޝަރަފާއި ގަދަރު ހިފަހައްޓަން ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެ މީހެކެވެ. އެކަމަކު ސަލާރަށްޓަކާ މިފަހަރު މަންމަ ހަތިޔާރު ބަހައްޓާ އަމާންދީފިއެވެ. އަދި އޭނަގެ ކުރިމަގު ބައްޓަންކުރަން އިތުރު މަގެއް ކޮށައިލަދީފިއެވެ. ސަލާރު ކްލިނިކް ހުޅުވުމުން އެހާ ބޮޑު ތަރުހީބެއް ނުލިބުނަސް މަދުމަދުން މީހުން ބުޅާތަކަށް ވެކްސިން ޖެހުމާއި އެކްސިޑެންޓްތައް ދިމާވެ އަދި ބަލިވިޔަސް ގެންނާންފެށިއެވެ.

އަލާޔާއަށް ސަލާރުގެ ކްލިނިކަށް ޔާނާމެން ވަންތަން ފެނި ހައިރާންކަމެއް ލިބުނެވެ. ފެޝަންޝޯއަކަށް އަރަން ތައްޔާރުވެގެން ތިބިހެން ހީވިއެވެ. އެހާ މޭކަޕްކޮށްލާފައެވެ. ސަލާރުގެ ކްލިނިކަށް އެކުދިން ދާންވީ ކީއްކުރަން ހެއްޔެވެ؟ ޔާނާގެ ކޮނޑުގައި އޮތް ދަބަހުގެ ތެރެއަށް ބުޅަލެއް ލައިގެން ގެންދިޔައީ ނޫންބާވައެވެ. އާއެކެވެ. ދުނިޔެލެވޭވަރުގެ ބޮޑު ދަބަހެއްވިއްޔާއެވެ. ނަމަވެސް އަލާޔާއަށް އަދި ހިތްހަމަޖައްސާލައިގެން ނުހުރެވުނެވެ. ޔާނާއާއި ސަލާރުގެ އޮތް ގުޅުމެއް އެނގެން ބޭނުންވިއެވެ.

***

އަލާޔާ ދެފަރާތަށް ފުރޮޅި ފުރޮޅި އޮތަސް ނިދީގެ އެހީތެރިކަމެއް ނުލިބުނެވެ. އެކި ޚިޔާލުތައް މިރޭ އޭނަގެ ބޮލަށް އުދަގޫކޮށް ހަމަޖެހުން ނަގާލައިފިއެވެ. އޭނަގެ ގައިގާ ކުޑަކޮށް ބައްދާލައިގެން އޮތް ހަނާގެ އަތުގައި މަޑުމަޑުން ފިރުމައިލެވުނެވެ. އެދެމައިންނަށް ކުރިން އައިމަލްގެ އެނދުން ޖާގަލިބުނެވެ. އޭރުވެސް އައިމަލް އޭނައާއިމެދު ދެކުނީ ބީރައްޓެއްސެއްކަމުގައެވެ. އެގޮތް އަލާޔާއަށް އެންމެ ރަގަޅެވެ. އައިމަލްއާއި އޭނަ ކައިވެނިކުރީ ލޯތްބަކުން ނޫނެވެ. އެއީ ދުނިޔެއަށް ދައްކައިލި ދަޅައެކެވެ. ނަމަވެސް އެންމެ ފަހުން އޭނައަށް މިލިބުނީ ކެއްސެކެވެ.

އެންމެފަހުން އޭނަގެ ފަހަރި މަހާގެ ފަރާތުން ޚިޔާލަކަށް އެދުނެވެ.

"މަހާ...މަހާ މާޒިން ދެކެ އެހާ ލޯބިވަނީ ކިހިނެއް؟ ކޮބާ ލޯތްބަކީ؟" އޭނަ ވައިބަރއިން ޗެޓްކުރިއެވެ.

"ކިހިނެއްވީ؟ ޔާޔާ އައިމަލްދެކެ ލޯބިވަމެއްނު..."

"ނޭގޭ. އެއްވެސް ވަރަކަށް ނުވޭ..ލޯތްބަކީ އެހާ ރީތި އެއްޗެއްތަ؟ މީހުން ސިފަކުރާހާ ފުރިހަމަ ކަމެއްތަ؟ އަހަންނަށް ލޯބިވާން ނޭގެނީ ކީއްވެ؟ އެފަދަ ފޮނި އިހުސާސެއް އެފަދަ ފީލިން އެއް ނުއުފެދެނީ އެބްނޯމަލް ވީމަތަ؟" އެތައް ސުވާލެއް އޭނަ ކުރަމުން ދިޔައެވެ." މަހާ ޖަވާބު ދޭނެކަމެއްނެތް. އަހަރެން ގޫގުލް ކޮށްފާނަން. އެކަމަކު އަހަންނަށް އެނގެނީ މާޒިން އާއި މަހާގެ ލޯބި. އެފަދަ ލޯތްބެއް ނުވެވެނީ މަގޭ ނަސީބު ދެރަވީމަކަމަށް ގަބޫލުކުރެވިއްޖެ. މިއޮތް ބޮޑު ދުނިޔެއިން އެއްވެސް އެފަދަ މީހަކު އަހަންނަކަށް ނުފެނުނު. ކޮބާތަ މަގޭ ޕްރިންސް ޗާމިން........."

މަހާ ބުނީ ކެތްތެރިކަމާއެކު އިންތިޒާރުކުރުމަށެވެ. އަލާޔާއަށް ޚާއްސަވެފައިވާ އެ ޚާއްސަ ލޯބިވެރިޔާ ދުނިޔޭގެ ކޮންމެވެސް ތަނެއްގައި ހުންނާނެ ކަމުގައެވެ. އަވަސް އަރުވާލާފައި ކައިވެނި ކުޅިވަރަކަށް ހަދާފައި ކުރުމަށްވުރެ ކައިވެންޏަކީ މުހިއްމު ރީތި ގުޅުމެއް ކަމަށާއި އަލާޔާއަށް ހެދުނީ ގޯހެއްކަމުގައި ބުނެލިއެވެ.

***

އަލާޔާ ޑިއުޓީއަށް ދާން ތައްޔާރުވީއިރު ހަނާ ހުރީ ނެގިމަޑުވެފައެވެ. ކުޑަކޮށް ރޮއިވެސް ހެދިއެވެ. މަންމަގޮސްދާނެތީ އެކުއްޖާ އެހާވަރުން ބިރުގަންނަން ވީ ސަބަބެއް އަލާޔާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އައިމަލް ފެނުމާއެކު އެމޫނަށް ވެރިވާ ކުލަވަރާއި މަޑުވާ ގޮތްވެސް ނޭގެއެވެ. އެބޮޑު ދެލޯ ކަރުނުން ފުރާލައިގެން އަލާޔާގެ ފަސްބައިގާ ހިފަހައްޓާލައިގެން ހުރިއިރު ހިތާމައިގެ ކުޑަ ތަސްވީރެކެވެ. ދެކޭމީހުންގެ ހިތް ފަޅައިގެންދާހާ އަސަރުގަދަ މަންޒަރެކެވެ. ގަޑިޖެހެން ފަސްމިނިޓަށް ވީތަނާ އައިމަލް އޭނަ ބަލާ ކާރުގައި އައެވެ.

"އަހަރެން ދެން ދާންވީ ޓެކްސީގައި. ކޮންމެ ދުވަހަކު ގަޑިޖެހިގެން ގޮސްގެން މަގޭ ރިކޯޑް ހަޑިކޮށްލަން އައިމަލް ތިއުޅެނީ....."

"އަނގަ މަޑުން ލައިގެން އިނިއްޔާ ކީއްވާނީ؟ އެހެންވިއްޔާ ޓެކްސީއެއްގައި އަންނަންވީނު. މަނަލެއް ނޫނޭ...."

"ސްމޯކިން ހޮޓް މީހަކު ތިހާ ރޫޑްވީމަ ނުގުޅޭ. ކްލައުސް ކިޔާތީ އޭނަކަހަލަ އެޓިޓިއުޑެއް ތިހުންނަނީ.ޑެވިލްއިންނާއިއެކު އުޅެން ޖެހުނަސް މާ ބޮލަށް ފަސޭހަވާނެކަން ނޭގޭ..ނުބައި އަންހެންކުއްޖަކަށް ތިމާގެ އިގޯ ތި ދައްކައިލަނީ. ހެޔޮވަރެއްގެ އެއްޗަކުން ޖެހީނުން ކަކުނިވަޅަކަށް ފޮނުވައިލާނަން. ހުވާ..ތި އަނގަގަނޑުން އެހެން ބޭނުމެއްނުކުރެވޭ. މީހުން ދެރަކުރަން އެނގެނީ....." ހިތާހިތުން ކުދި ކިޔާލަ ކިޔާލާއިންއިރު އަލާޔާ އިންތިހާއަށް ކެތްކުރިއެވެ. މަޖުބޫރުވެފައިވާވަރުންނެވެ.

ޑިއުޓީއަށް ގޮސްފައި ބޮލުގައި ރިއްސައިގަތްވަރުން ކުޅަދާނަ ނުވެގެން އައިމަލްއަށް ގުޅަން އުޅެފައިވެސް ޚިޔާލު ބަދަލުކޮށްލިއެވެ. އައިމަލްއަކީ އޭނަގެ މީހެއް ނޫނެވެ. އޭނަ އުޅެންޖެހޭނީ އެކަން ދެނެގެންނެވެ.

ކާރު މަޑުކޮށްލުމާއެކު އަވަހަށް އޭނަ ފައިބައިގަތް ގޮތަށް ފުންމައިގެންގޮސް ޖެހިގަތީ އެގެއިން ނިކުމެގެން އައި އަބްދަލްގެ ކުރިމަތީގައެވެ. އަބްދަލްއަކީ ސޫފިޔާނާމެންގެ ގޭގައި މަސައްކަތްކުރަން ގެނެސްފައި ހުންނަ ބަންގްލާދޭޝް ފިރިހެންކުއްޖެކެވެ.

"މަގޭ ގެއަށް ވަންނަނީ ކިހިނެއްވަނީ...."

"ކުޑަ މެޑަމް ބަތްބޮނޑި ކުޅިމަސް ފޮނުވަނީ......ތިގޭ ބޮސްއަށް ކާން ގެންދަނީ....."އަބްދަލް ބުނެދިނެވެ.

ވީއިރު އައިމަލް އޭނަ އެހާވަރުން ހޮޓެލުން ގެނުވާ ކާއެއްޗެހި ނުކައި ބަހައްޓާފައި ހުރުމުގެ ސިއްރަކީ ސަމަރު ތައްޔާރުކޮށްފައި ފޮނުވާ އެއްޗެހި ކައިގެން ހިތްހަމަޖެހިގެން ހުރީމައެވެ.

"ކުޑަ މެޑަމް ކޮން ވައްތަރު ހުންނަނީ؟ ހަންޑި ވައްތަރު...ވަގު ވައްތަރު..މީހުންގެ ފިރިން ޖަހައިގަންނަ ވައްތަރު. ކަލޭ ބުނަނީ މިގެއަށް ބަތްބޮނޑި އާއި ފާޑުފާޑު އެއްޗެހި ނުގެންނަނީ ނޫނީ ހުރިހާ އެއްޗެހި ގެންގޮސް ކުޑަ މެޑަމްގެ ބޮލުމަތީ ހުންނަ ނޫޑުލިސްގަނޑަށް އަޅަނީ...."އަލާޔާ ކަޅި އަޅައިގެން ހުރެފައި އެގެއާއި ދިމާލަށް ހިނގައިގެންފައިވެސް ސޫފިޔާނާއާއި އޭނަގެ ވަޒީފާގެ މަތިން ހަނދާންކޮށް ރުޅިގަނޑު ހިންދާލައިފިއެވެ. އައޫޒު ދެތިންފަހަރު ކިޔާފައި ހިނގައިގަތްއިރު އަބްދަލް ލޮލާއި އަނގަވެސް ބޮޑުކޮށް ހުޅުވާލައިގެން ފާރުކައިރީ ހުރީ ގުޑައިލަންވެސް ނުކެރިފައެވެ. އޭރު ސަލާރުވެސް ކްލިނިކް ބަންދުކޮށްފައި އައިސް އަބްދަލްއާއި އަރާ ހަމަވީއެވެ. އޭނަ ގެންގުޅޭ ފަލަ ބުޅާ އަތުތެރޭ މޮޑެވިގެން އޮތްއިރު ނިކަން ހިތް އުފާވެފައެވެ.ދެމީހުން ދޭތެރޭ އަރައިރުމެއް ހިނގިކަން އެނގި ސަލާރު އަހައިލީ އިޝާރާތުންނެވެ. އޭރު އަލާޔާ ފުރަގަސްދީފައި ދަނީއެވެ.

"މެޑަމް....މަގޭ މަތިމަސް ބާލަނީ...ބޭނުންވަނީތަ؟"އަބްދަލް އުޅުނީ އަލާޔާ ރުޅި ފިނިކުރާށެވެ. އަލާޔާއަށް އެ ބަސް ނަގައި ނުގަނެވި މޫނު ރަތްވެގެން އައުމާއެކު އެނބުރުނީ ސަލާރުއަށް ކަޅި އަޅައިލަމުންނެވެ. އަލިފާނުގެ ނަޒަރުން ސަލާރުވެސް ފިއްސާލަފާނެފަދައެވެ. ދެން އެ ލޯ ހުއްޓުނީ އަބްދަލްގެ މޫނަށެވެ.

"އަލާޔާ....އޭނަ އެބުނީ މުށި މަސް ބާނާފައި ހުރި ވާހަކަ..ބޭނުން ހެއްޔޯ؟ރޭ އަބްދަލް ފްރެންޑަކާއެކު ގޮސް މުށިމަސް ގެނައި......." ސަލާރު ތަރުޖަމާ ކޮށްދިނެވެ. އެއްފަހަރުން އަލާޔާގެ ރުޅިގަނޑު ފިނިވެ އަޑުކޮޅަށް ހޭންފެށިއެވެ. އަބްދަލްއާއި ސަލާރުގެ ސަބަބުން ކޮންމެވެސް ވަރަކަށް ތަބީއަތު ރަގަޅުވެ ބޮލުގައި ރިއްސުންވެސް ފިލައިގެން ދިޔަހެން ހީވިއެވެ. އަބްދަލްއަށް ވާނުވާ ނޭގިފައި ހުރެ ބޯ ކަހައިލިއެވެ.

***

"މިބުނަނީނު ކާށޭ ނޫނީ މިއޮތް ކަތުރުން ދޫ ކަނޑައިލާނަން......."އައިމަލްގެ ބަރުއަޑު އިވުމާއެކު އަލާޔާއަށް މޭގައި އަތް އަޅައިލެވުނެވެ. އައިމަލް ނަފްސާނީ ޑޮކްޓަރަކަށްވެ ހުރެ ކުޑަކުއްޖަކަށް ބިރުދައްކާ ގަނާކުރަނީއެވެ. ކޮންފަދަ ނުބައި ނުލަފާ އިންސާނެއްހެއްޔެވެ؟ ހަނާ އަށް އައިމަލް ފެންނައިރަށް ބިރުން ރޫރޫ އަޅާ ސަބަބު މިއެނގުނީއެވެ. އައިމަލް އޭނަގެ ދަރިފުޅަށްވެސް ހާދަ ނުބަޔެވެ. ނުބައި ދޮންބައްޕައެކެވެ. އެދިޔަ ބާރުމިނުގައި އައިމަލްގެ އަނގަމަތީ އެތިފަހަރެއް ޖަހަން އުޅެފައިވެސް އޭނައަށް ވަށައިގެން ފެންނަން ފެށީ މަލާމާތްކޮށް ހެމުން ދާ މޫނުތައް އޭނައާއި ކައިރިވަމުން އައިސް ހާސްކޮށްލިތަނެވެ. އައިމަލް އޭނަ ވަރިކޮށްފިއްޔާ ވަޒީފާއަށް ދާނެ ހިތްވަރެއް ނުހުންނާނެއެވެ.

އަލާޔާ ދޮރުމަތިން ފެނުމާއެކު މަންމިއޭ ކިޔާފައި ދުވެފައިގޮސް އޭނަގެ ގައިގާ ހަނާ ބައްދައިގަތެވެ. އަނގަ ފުރެންދެން ކޮށްޕާލާފައި އޮތް ބޮނޑިބަތް ގުޅައިން އެކުއްޖާ ކިރިޔާ ކޮށިނާރާ ހުރިކަމެވެ.

"ހަނާ ބޮނޑިބަތްދެކެ އެހާ ލައިކެއްނުވޭ..."އަލާޔާ ކެތްތެރިވެލާފައި ބުނެލިއެވެ.އަދި ހަނާގެ އަނގައިގާ ހުރި ބޮނޑިބަތް ސާފުކުރިއެވެ. ހަނާއަށް ރޮވެމުން ދިޔައެވެ.

"އައިމަލް އަހަރެންދެކެ އަންނަ ރުޅި ކުޑަކުއްޖަކަށް ނުބާލަފާނަންތަ؟"އަލާޔާ ވާހަކަދެއްކީ ރީތިކޮށެވެ.

"ހަނާ. މިތާ މަޑުން އިންނައްޗޭ..."އައިމަލް ހަނާ އުފުލައިލިގޮތަށް ސޯފާގައި ބައިންދާފައި ކޮލުގައި ހިފާފައި އޭނައާއި ހަތަރުކަޅި ހަމަކުރުވިއެވެ. ހަނާ ވަގުތުން ބޯ ޖަހައިލިއެވެ. އެއާއެކު އައިމަލް އަލާޔާއަށް އިޝާރާތުން އެންގީ އޭނައާއެކު އައުމަށެވެ.

 

ނުނިމޭ

ކޮމެންޓް 0