"މުސީބާތްތަކާއި ބިރުތަކާއި ކުރިމަތިލެވޭނީވެސް އަގީދާ ވަރުގަދަކޮށްގެންނެވެ."
***
ޖެހިގެން އައި ދުވަހު އަލާޔާ އެހެން ކްލިނިކަލް އެސިސްޓެންޓަކަށް ޗޮކްލެޓެއް ދޭން ބުނެގެން އޭނައަށް އައިމަލް ކައިރިއަށް ދިޔުމުގެ ނަސީބު ލިބުނެވެ. އެހާ ރީތި ކޮށް ހެދުން އަޅައިގެން ލުއި މޭކަޕެއްކޮށްގެން މީރުވަސް ދުއްވާލައިގެން ހުރެ އައިމަލްގެ ކުރިމަތީގައި އިންނަން ޖެހޭނެއެވެ. އެންމެ ކުރިން ވަން ބަލިމީހާ ފެނިފައި އަލާޔާގެ ލޯ ބޮޑުވިއެވެ. ކުރިމަތީގައި މިހިރީ އޭނަގެ ދުޝްމިނެކެވެ. ސަމަރު މުހައްމަދުއެވެ. ދެމީހުން އެއް ކްލާހެއްގައި ކިޔެވިއިރު އޭނަގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީގޮތުންވެސް ގެއްލުން ލިބުނެވެ.
"ކަލޭތަ؟ މާތްވާން ވެގެން ބުރުގާ އެޅީތަ؟ ޑެވިލްވެސް ނިކަން މާތްވާނެ މީހުން ހައްލައިލަން...." ސަމަރު ބުނެލިއެވެ."އެކަމަކު ތިކަހަލަ މީހަކަށް ވަޒީފާ ލިބުނީވެސް ކިހިނެއް؟ ދަރީގެ ބައްޕަވެސް އޮޅިފައެއްނު ހުންނަނީ؟"
"އަހަރެން ހުރިތަނެއް ހޯދައިގެން އަންނަން އެނގުނީމަ އެނގިއްޖެ ތިއީ ޑެވިލްގެ ދަރިކަން............................" އަލާޔާ މާސްކު ނަގާފައި ހީލިއެވެ.
"އަހަރެން ބޭނުމީ ޕްރައިވެޓް ކޮންޒަލްޓޭޝަން. މިތަނުން ދޭ...."
"އޯ..ތޭންކްސް. ފްރީ ޓައިމްކޮޅެއް ދިނީމަ." އަލާޔާ ދާން ތެދުވުނެވެ."ޑޮކްޓަރ އައިމަލް. ޝީޒް އެ ބަޑީ. ޕްލީޒް ޓޭކް ގުޑް ކެއާ އޮފް ހާރ.........."
"އާޒީންއަށް މިތާ ދެން ވޯކް ކުރެވޭނީ...ލައިކް ދެތިން ދުވަހަށް ހެން ހީވަނީ. ބަލާތި." ސަމަރު އައިމަލްއާއި ދިމާލަށް ބަލައިލާފައި "މޯނިން ޑޮކްޓަރ" އޭ ބުނެލިއިރު ފޮނިކަމުންގޮސް މާމުއިކޮޅެއްފަދައެވެ. ކަޅިވިދުނުގޮތަށް އައިމަލްގެ ލޮލުން ނެއްޓެން ނޭގޭނެކަން ޔަގީނެވެ. ސަމަރު އިންޒާރުދީފައި އެތެރެއަށް ވަދެ މޫނުމައްޗަށް ދޮރު ޖެހިއެވެ.
"މިއީ މީނާގެ ތަނެއްނަމަ ތާ.މީނަގެ މަންމަ ސިއްހީ މަރުކަޒުގެ މެނޭޖަރަކަށް ހުރީމަ ހީވަނީ މި ޓާޝަރީ ހޮސްޕިޓަލަށްވެސް ބާރު ފޯރުވިދާނެހެން.. ލައިކްގެ މަންމަ. ދެބަސް ދޭތެރެއަށްވެސް މާ އިނގިރޭސިވެގެން ލައިކް ލާން ޖެހޭ......... ލައިކް ކްރޭޒީ. ލައިކް ސްޓުޕިޑް. ލައިކް ޗެޓާބޮކްސް....." އަލާޔާ ހިތާހިތުން ކުދި ކިޔަމުންގޮސް ގޮނޑިބަރީގައި ޖައްސައިލިއިރު ސަމަރުއާއިމެދު ވިސްނެމުން ދިޔައެވެ. މާލަސްވާތީ އިރުއިރުކޮޅާ ގަޑިއަށް ބެލުނެވެ. ސަމަރުގެ ނަފްސާނީ ބަލި ދެނެގަންނަ ހިތުން ގައި ހިރުވައިގަތެވެ.
***
ގަޑިއެއްހާއިރު ފަހުން ސަމަރު ނުކުންނަމުން މާސްކު އަޅާލައިފިއެވެ. ޗަބީކޮށް ހުއްޓަސް އޭނަގެ ވަނާތައް ރީއްޗެވެ. ގަޔަށް ބާރު ފިޔާތޮށިކުލައިގެ ޓޮޕަކާއި ޖިންސް ދެވަނަ ހަމެއްހެން ގަޔަށް ހިފާލާފައެވެ. ކުޑަ ސްކާފަކުން ފޮރުވާލާފައި އޮތަސް އޭނަގެ އިސްޕިރީނެއްހާ ބުޅި އިސްތަށިގަނޑު ހާވާލައިގެން ހުރި ދުވަހެއްވެސް އަލާޔާވަނީ ދެކެފައެވެ."ހާމުންޑި" އެއްހާ ނުލަފާ ވައްތަރު ޖަހައެވެ.ފަލަ ރޮގެއްހެން ހަދާލާފައި ބުމަ އަދި ލޮލުގެ ވަށައިގެން އަޅާފައިވާ އަނދުނާއި ނަގުލީ އެސްފިޔަތަކުން އަސްލު ރީތިކަން ގެއްލިފައެވެ. މާސްކުގެ އެތެރެ ރަތް ކުލައިން ޕެއިންޓްވެފައިވާނެކަން އަލާޔާއަށް އެނގުނެވެ. ސަމަރުގެ ފޮނިކަމާއެކު އޭނައަށް ސަމަރު ފެނުނީވެސް ސާމަރާ ދޫންޏެއްފަދައިން ފިޔަގަނޑު ރޫޅައިލިގޮތަށެވެ. އެ ދޫނިގަނޑު ދޮރުގައި އަޅައިގެން ތާށިވިނަމަ ކޮންފަދަހެއްޔޭ ހިތަށް އެރިތަނާ ފެނުނީ ސަމަރު ކައްސާލައިގެން ވެއްޓުނުތަނެވެ. ވާނީ އެހެންނޫންހެއްޔެވެ؟ އަރާފައި ހުރީ މީހާއަށްވުރެ އުސްކަށްޓަކަށެވެ.
އަލާޔާގެ ހިތަށް ލިބުނު އާދަޔާ ޚިލާފު އުފަލެކެވެ. ގަނޑުފެނުން ހިތް ތެންމައިލެވުނުފަދައެވެ. އަލާޔާއަށް ތެދުވެވުނީ ނަށައިލުމަށެވެ. ނަމަވެސް ދެކޭ މީހަކަށް ހީވާނީ ސަމަރުއަށް އެހީވުމުގެ ގޮތުން ކަމުގައެވެ. އެހިސާބާއި އަރާ ހަމަވިތަނާ އައިމަލް ނިކުމެ ސަމަރުގެ އަތުގައި ހިފާ ތެދުކޮށްލަދިނެވެ. އަލާޔާއަށް ކަޅި ލޮލުގެ ތެރޭ ހިންގައިލެވުނެވެ.
" އާ ޔޫ ހާޓް؟ މިތަށިމުށި ނިކަން އޮމާންވާނެ. ބަލައިގެން ނިކަން މަޑުން ހިނގައްޗޭ. ފަޔަށް ފަސޭހަ.." އަލާޔާ ގެ އަޑުގައިވި ޖެއްސުމާއި ދިމާކުރުން ފާހަގަވީ ހަމައެކަނި ސަމަރުއަށެވެ.
"މީހެއްގެ ވިހަގަދަ ދެލޯ ހެހެ.." ސަމަރުވެސް ހިނިގަނޑެއް ޖަހާލައިފިއެވެ.
އެ ހާދިސާ އެނބުރުނީ އަލާޔާ ބޭނުންވިގޮތަކަށް ނޫނެވެ. ކާމިޔާބު ލިބުނީ ސާމަރާ ދޫންޏަށެވެ. މުށިމަތީގައި އޭނަގެ ހީލް ތެޅެމުން ދިޔަ އަޑުން އެކަނިވެސް ކިބުރުވެރިކަން އަންގައިދެމުންނެވެ. ހަންޑި ޓައް ކަނޑާ އަޑުފަދަ އަޑެކެވެ. ކޮންމެ ފަހަރަކު އޭނަގެ ބޮލުގައި ތަޅާހެން ހީވިއެވެ. އަލާޔާގެ ބޮލަށް އުދަގޫވިވަރުން "މައިގްރެއިން" ގެ ހަމަލާއެއް އަތުވެދާނެހެންވެސް ހީވިއެވެ. އެހާވަރަށް އެ ދިޔައީ އެ އަޑުންވެސް އޭނަގެ ސިކުނޑި ކިލަބުކޮށްފައެވެ. އެ ފޫހި ސޫރައިން އޭނަގެ ލޮލަށްވެސް ފުސް އަރުވާފައެވެ. އައިމަލްގެ ގާތުން ސަމަރުގެ ބަލި އަހަން އުޅުނީމަ އައިމަލް ބުނީ ސިއްރެއް ކަމަށެވެ. ބަލިމީހުންގެ ސިއްރުތައް ހާމަކުރުމަކީ އޭނަގެ މިޒާޖު ތަންދޭކަމެއް ނޫން ކަމުގައެވެ. ހިތުގައި ރުޅިވެރިކަމުގެ އަލިފާން އަނދައިގަތް ވަރުން ކުޑަކޮށް ލޯ ވެސް އަޅައިލެވުނެވެ. އެއަށްފަހު ހަރު ހިނގުމެއްގައި ދިޔައީ އެމީހުން ކާން ހަދާފައި ހުންނަ މެސް އަށެވެ. އެތާގައި ވަށް މޭޒުތަކާއި ގޮނޑިތައް ބަހައްޓާފައި ހުއްޓެވެ. އޭނަ ބަތް ޕާރުސަލް ހިފައިގެންގޮސް އެހެން ކުދިންނާއި ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި އިށީދެ އެފްބީ ހާވަންފެށިއެވެ.
ދެތިން ތަރުޖަމާނުންގެ ސަޅިބައިސާ އަށް ކަންފަތް ހުޅުވައިލަން ޖެހުނީ "އައިމަލް" އެނަން އިވިފައެވެ.
"ބަލަ ޑޮކް އައިމަލް މަގޭ ގާތު ބުންޏޭ މަ ޓްރާންސްލޭޓް ކުރާގޮތޭ އެންމެ ބެސްޓީ..."
"ހޫމް އޭނަ ސިންގަލް...އަވަހަށް ތިކަމާ އުޅޭ. ބޮޑު ފްލާޓްގަނޑެއް އެކަމަކު. މަ ޑްރެސްކުރާގޮތް ރީތިވެގެން އަބަދު އުޅޭނީ..އެތަނަށް ދާ ކޮންމެ ސްޓާފަކަށް ޚުޝާމަދުކޮށް އެންމެ ރަގަޅީ އެކުއްޖެއްކަމަށް ބުނެ ހައްދަނީ ކަން ނޭގޭ ދެން މި ޑޮކްޓަރުން ކިޔާ ކޮންމެ އެއްޗަކަށް އަންހެންކުދިން ހެއްލެނީ މާ ވަރަކަށް. އެކަމަކު އޭނަ ހެންސަމްކަމުން ދެން ހަމަ ފޯލް ވެވޭނެ ދޯ...."
"މަ ވަރަށް ލައިކްވާ ސިފައެއް ހުރޭ. ބަރާބަރު ގަޑިއަށް ނަމާދަށް ދޭ. އެހާ އަޅުވެރި ޒުވާނެއް އަދި ހޮޓްވީމަ ކިހާ ބަރާބަރު......" އެހެން ކުއްޖަކު ބުނެލިއެވެ.
އަލާޔާއަށް ދަތްތަކަށް ބާރުލެވުނެވެ. ނަމަވެސް ރުޅި ފިނިކޮށްލައިފިއެވެ. އޭނަގެ މަގުސަދު ހާސިލުކުރަން ލިބުނު އިތުރު ހިތްވަރަކަށްވިއެވެ. ނަމަވެސް އެދޭތެރެއަށް ސަމަރު ވަދެދާނެކަމުގެ ބިރުވެސް ހިތުގައި އުފެދި އޭނަ ދުރުކުރާނެ ގޮތާއިމެދު ވިސްނުން ނޫންކަމެއް ނުކުރެވެއެވެ. ހަނާއަށް ރުގުޔާ ކުރަން އަނެއްކާ ގެއަށް ގެންދާންވީއެވެ. ނޫނެކެވެ. މިހާރު މުހިއްމީ ރުގުޔާއެއް ނޫނެވެ. އޭނަ ޖެހެނީ އައިމަލްގެ އަންބަކަށް ވާށެވެ. އައިމަލްގާތު އެފަދަ ވާހަކައެއް ފަށާނީ ކޮން ދުލަކުން ހެއްޔެވެ؟ ސަމަރުފަދައިން ލަދު ހަޔާތް އެއްލާލާފައި އޭނަގެ ބަލިފައި ކިޔާދިނީމަ ހަމްދަރުދީވެދާނެކަން ނޭގެއެވެ. ސަމަރު ނައިނަމަ ފަހަރެއްގައި އެހެން މަންޒިލެއް ހޯދަންވެސް ޚިޔާލުކުރެވުނީހެވެ. ނަމަވެސް އެންމެން ވާ ވަރު ފެނުމުން އޭނަގެ ޚިޔާލު ބަދަލުވެ ސޯޝަލް މީޑިއާގައި މަޝްހޫރުވެ ސަމަރުގެ ފަރާތުން ބަދަލުހިފަން ލިބުނު ފުރުސަތަކަށް ވިއެވެ. ލަދަކާހުރެ ތަދެއް ނުފިލާނެއެވެ.
"މިހެން ހުއްޓާ ތެޔޮނާށި ކާޅުގެންގޮސްދާނެ. މިބުނެވުނީ ރަގަޅަށްތަ؟" އަލާޔާ އެކަނިއިނދެވެސް ހިނިތުންވެލިއެވެ.
***
ޑޮކްޓަރ އައިމަލް ކާރުން ފޭބީ އެތާ ކައިރީގައި ހުރި ފިހާރައަކަށެވެ. ފިހާރައަށް ވަދެ ސިގްރެޓް ފޮށްޓެއް ގަނެލުމަށްފަހު ސަމަރު ދިން އެޑްރެހާއި ދިމާލަށް ހިނގައިގެންފިއެވެ. ސަމަރު ކުއްޔަށް ހިފާފައިވާ އެޕާޓްމެންޓްގައި ހުރީ ދެ ކޮޓަރިއާއި ސިޓިންރޫމެކެވެ. ކުރިމަތީގައި ހުރި ފަޅުގޭގެ ހައިބަތާއި އާސާރީކަމުން އައިމަލްގެ ހިތް އަތުލައިގަތެވެ. އޭނަގެ ހުވަފެނީ ގެއަކީ އެއީއެވެ. އެގޭގައި ދިރިއުޅޭ މީހުން ކޮބާހެއްޔެވެ؟ އޭނައަށް އެގެ ގަނެވިދާނެބާވައެވެ. ބޯގަސްތަކުން ހިޔާ އަޅާފައިވާ އެގޭގެ މަންޒަރު ފުރިހަމަކަމުން އިރުގަނޑެއްވާންދެން ބަލަން ހުރެވުނެވެ. އުމުރުން ތިރީސް އަހަރުފުރިފައިވާއިރު މޫނުމަތިން ހަރުކަމާއެކު ފިރިހެންވަންތަކަން ފެންނާން ހުރުމުން އަންހެންކުދިން ކާމިޔާބުކުރުމަކީ އޭނައަށް ފެންފޮދެއް ދިރުވައިލުންހާ ފަސޭހަކަމެކެވެ.
އައިމަލް އާއި ދޮރުމަތިން ބައްދަލުކުރީ ސަމަރްއެވެ. ކޮއްކޮ ސަބޫރު އޮތީ ކޮޓަރީގައި ނިދާފައި ކަމުގައި ބުނެލިއެވެ.
"ޕްލީޒް ބީ ސީޓެޑް....އެބައަންނަން ކޮފީ ހިފައިގެން...." ސަމަރް ގެ މޫނުމަތިން ފެންނަނީ އުފާވެފައި ހުރިކަމެވެ. ރަގަޅު ނަފްސާނީ ޑޮކްޓަރަކަށްވެފައި ރާގީއަކަށް ވުމަކީ ނަސީބެކެވެ. އޭނައަށް ދިމާވެފައިވާ ނަފްސާނީ އުދަގޫތަކުގެ އިތުރުން ޖިންނީގެ ފަރާތުންވެސް ސަލާމަތްވެވިދާނެކަމުގެ އުއްމީދު އާވިއެވެ. އޭނަގެ މަންމައާއި ބައްޕަގެ ވަޒީފާ ހުންނަގޮތުން މިގަޑީގައި ބޭރުގައި އުޅޭކަމީ ނަސީބެކެވެ. އެހާ ފަސޭހައިން އައިމަލް ގެއަށް ގެނެވުނީވެސް މަންމަމެން ނޫޅޭތީއެވެ.
***
ސަމަރު ގެނެސް މޭޒުމަތީގައި ބެހެއްޓީ ކޮފީއާއި ޕިއްޒާއެވެ.
"މިރެއަކު ނޫން ރުގުޔާ ފަށާނީ. ހުކުރުވިލޭރޭ..."އައިމަލް ކޮފީ ތަށިން ކޯވަރެއް ބޯލަމުން ބޮޑުވާ އިނގިލި ހިއްލައިލީ އޭގެ ރަހަ މީރުކަން އަންގެންވެގެންނެވެ.
"މީހުން ބުނޭ ދެ ނަމާދު ދޭތެރޭ ބަގަރާ ސޫރަތް ޖެހީމަ ޖިންނި ޝައިތާނުން ނާންނާނެއޭ............." ސަމަރް ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެލައިގެން އިނީ ފަރިގޮތަކަށެވެ. ވާހަކަދެކެވެމުން ދިޔަވަރަކަށް އައިމަލްގެ ސީރިޔަސް މިޒާޖުވެސް ނެތެމުން ދިޔަގޮތުން އޭނަ ދައްކައިގެން އެހުންނަ ކުލަވަރަކީ އަދި ބީރައްޓެހިންނަށް ދައްކާ އެއްޗެއްކަން ވިސްނުނެވެ.
"މުޅިން ގޯސް ވާހަކައެއް.....ކާކު އެހެން ބުނީ؟ މިބުނީ އަސްލު ޖިންނި އަޅައިގެންފަ ހުރިއްޔާ ޕްރޮފެޝަނަލް ރާގީއެއް ލައްވާ ރުގުޔާކޮށްފައި ބަގަރާ ސޫރަތާއި ހަމަޔަށް އަންނާނީ. ނޫނީ ޖިންނި އަދާވާތްތެރިވެ އުދަގޫބޮޑުވެ ދިރިއުޅުމަށް ދަތިކޮށްފާނެ. އެހެންވީމަ މިކަމުގައި އަހަރެން ބުނާގޮތް ހަދާ..އެކިމީހުންގެ މޮޔަ ޚިޔާލުތަކާއި ރަންބުއްދިން އަމަލުކުރަން ހަދައިގެން ކަތި ފިޔަވަޅެއް އެޅިދާނެ. އެކަމަކުގެ މާހިރުންގެ ލަފާ މަތިން ކުރިއަށް ދާންވާނީ. އަހަރެންނަށް އިތުބާރުކުރަންތަ؟" އައިމަލްގެ ހިނިތުންވުން އެގޭގެ ސިޓިންރޫމްވެސް އަލިކޮށްލިފަދައެވެ. އެހާވެސް ވިދާ ހުދުދަތްޕިލައެއް ފައުޅުވިއެވެ.
އައިމަލްގެ ލޮލަކީ އޯގާތެރިކަމުގެ މިސާލެކެވެ. އެލޮލަށް ބަލައިލުމުން ލޮލުގައި ހުންނަ ޖާދުވީ ބާރަކުން މީހުން "ހިޕްނޮޓައިޒް" ކުރުވަނީކަން ނޭގެއެވެ. ސަމަރަށްވެސް އެ ލޮލާއި ގަޔާވެވުނެވެ. އައިމަލް ދެއްކި ކޮންމެ ވާހަކައެއް ގަބޫލުވެސް ކުރެވުނެވެ.
"ޔަގީން. ފުލް ޓްރަސްޓް އެބައޮތް..މަންމަމެން އައިއްސިއްޔާ ވަރަށް މައްސަލަ ޖެހޭނެ ޝީޒް ލައިކް...ވަރަށް ސްޓްރިކްޓް...ސިކްރެޓެއް ބުނެފާނަން. މަންމައަކީ ތި ހޮސްޕިޓަލުގެ އާ ސީއީއޯ"
"މެޑަމް ސޫފިއާނާ ދޯ....މަންމައާއި ބައްދަލުވި.ވަރަށް ނައިސް ލޭޑީއެއް."
"ސަޕްރައިޒެއް ދޭން އުޅުނީ. އައި ވޯޒް ލައިކް ހަމަ ރަގަޅު ޓައިމަކަށް ބަލަ ބަލާ...." ސަމަރު ތުއިވެލިއެވެ.
"އޭރު މަގޭ ކްލިނިކަލް އެސިސްޓެންޓަށް އާޒީންއޭ ކިޔާފައި ގޮވައިލީ ކިއްވެ؟" ކުއްލިއަކަށް ކަމެއް ހަނދާންވީ ކަހަލަ ގޮތަކަށް އައިމަލް ސުވާލުކޮށްލިއެވެ."ތިމީހުން ރަށަށް ކިޔަނީ ކޮންނަމެއްތަ؟"
"އޭނަގެ ލައިކް..... ދެ ނަން އޮވޭ. އަލާޔާ އާޒީން އާދަމް..."
"އެކުއްޖާގެ ބައްޕައެއް ނުހުންނަނީ އޭވެސް ބުނީމެއްނު. އެހެން ބުނީމަ ދެރަވާނެތާ......" އައިމަލް ހީވީ ކަމެއް އޮޅުން ފިލުވަން ބޭނުންވާހެންނެވެ.
"ދެން ހަމަ އައި ރުޅީގައި އެހެން ބުނެލެވުނީ. އެކުއްޖާއަކީ ކީކޭ ބުނާނީ. ލައިކް ނާސި އަންހެންކުއްޖެއް. ރަށަށް މަޝްހޫރު ކުއްޖެއްނު. އޭނަ ރައްޓެހިނުވާ ބޯއި އެއް އެރަށުގައި ނޫޅޭ. ދެން އަހަރެމެންގެ ބްރަދާވެސް އެ މަޅީގައި ޖައްސައިގެން ވަރަށް ވަރުން ދުރުކުރުވީ. އެކަމަކު އަދި މަޖާކަމަކީ މީހަކާއި އިނދެގެން ހުރެވެސް އަދި ކުރީގެ އެކްސްއަކާއި ރައްޓެހިވެގެންނޯ އުޅުނީ. އެކަމާއިހެދި ހަޒްބެންޑްވެސް ފުރައިގެން ދިޔަގޮތަށް ވަރިކުރިކަމުގެ ލިޔުން ކޯޓަށް އައީ. އެހާވެސް ގޯސް އަންހެނެއް. ދުވަހަކު ތެދެއް ނަހަދާ. އޭނައަކީ މާތް މީހަކު އަނގައިން ބުނުން އެކަށީގެންވާ މީހެއްނޫން. ޕްލީޒް އަނގައިން ނުބުނައްޗޭ..." ސަމަރު އެތައް ހެއްކެއް ދައްކާފައި އަލާޔާގެ އަގު އައިމަލް ގާތު ވައްޓާލައިފިއެވެ.
"އެހެންވެ ދޯ ބުނަނީ ފޮތުގެ ބަޑޭރިގަނޑަށް ބަލާފައި ޖަޖް ނުކުރާށޭ...." އައިމަލް ބޯ ހޫރައިލިއެވެ.
***
އާ ސީއީއޯއަކީ ސޫފިއާނާކަން އެނގުމުން ވަޒީފާވެސް އޭނައާއެކު ވެލީގެ ދާނުގައި ވަޅުލެވުނީކަމުގައި އަލާޔާ ގަބޫލުކުރިއެވެ.
"އާރްގް.....މަގޭ ދަތްތައްވެސް ބިނދިދާނެ. އޭނައާއި ނުލަފާ ދެދަރިންގެ ސަބަބުން ލައިފް ހަލާކުވެ ޑިގްނިޓީ ގެއްލުނީ. މުޅި ރަށަށް ބަދުމާނު ވީ އެ ސަލާރު އާއި ހެދި. ސަލާރުއާއި ސަމަރުއަކީ އެއްކަހަލަ ނުބައި ނުލަފާ ދެމީހުން. ވައި ޑިޑް ދޭ ކަމް ބެކް ޓު މައި ލައިފް؟ މިހުރިހާ ދުވަސްކޮށްފައި. މިފަހަރު އެހެން ވިޔަކަ ނުދޭނަން.." އަލާޔާ މިފަހަރު ހުރީ އެމީހުންނާއި ކުރިމަތިލާން ރަގަޅަށް ކަމަރު ބަދެގެންނެވެ.
އޭނަ މަންމައަށް ގުޅިއެވެ.
"މަންމާ. މާޒް ފުރާ ދުވަސް ޖެހިއްޖެ. އަހަންނަށް ވަޒީފާ ދޫކޮށްލާފައެއް ނުދެވޭނެ. މަންމަމެން މިކޮޅަށް ދުވަސްކޮޅަކަށް އަންނަންވީނު..މާޒް އެއްބަހެއްނުވާނެ އެކަނި ބަހައްޓަން...ޕްލީޒް ޕްލީޒް މަންމާ. ތިކޮޅުން ރަގަޅު މުސާރައެއްވެސް ލިބެނީއެއްނޫން. މަންމަމެން ދަތް ދައްކައިލާ ކަނދުރާ މައްސަލައަށްވެސް މިކޮޅުން ފަރުވާ ލިބޭނެއްނު. ސްކޭންވެސް ހައްދައިލެވޭނެ.." އަލާޔާ އޭނަގެ މަންމަގެ ހިތް އަނބުރައިލަން އެކި އުކުޅު ބޭނުންކުރިއެވެ.
"ކޮބާ އިންނަން އުޅުނު ޑޮކްޓަރ..." މަންމަ ހަޅޭއްފަޅޭއްޖަހައިގަތީ ރުޅިއަކުން ނޫނެވެ. ފޯނުން ވާހަކަދައްކާއިރު އަނެއްކޮޅުގައި ހުރި މީހާއަށް ނީވޭނެކަމަށް ހީކޮށް ބައެއް މީހުން ހަޅޭއްލަވާ އުސޫލުންނެވެ. އަލާޔާއަށް ފޯނު ދުރުކޮށްލެވުނީ ކަންފަތަށް ތޫނު ތަދެއްވެސް ވެގެންނެވެ.
"އަދި އެކަމެއްނުވޭ މަންމާ. ޕްލޭންކޮށްގެން އެކަހަލަ ކަމެއް ވާނީ...."
"ކިހާ ދެރަ. މިހާރުވެސް އަވަށްޓެރިން އެބަކިޔާ އާޒީން ފޮނި ކަނޑަން ކިޔާ އެއްޗެކޭ. ޑޮކްޓަރަކު ނީންނާނެއޭ. މަންމަ ޔަގީންކުރީ.....އެކަމަކު ދެން ﷲ އާއި ވަކީލު." މަންމަގެ އަޑު އަދިވެސް އެހާ ހަރެވެ. އަޑުގައި ނާ އުއްމީދުގެ ކުލަވަރު ޖެހުނުއިރުވެސް މަންމައަށް މަޑުން އެއްޗެކޭ ނުބުނެވުނެވެ.
"މަންމަ އެމީހުން ގާތު ބުނެބަލަ އާޒީންއާއި އެކު އެއް ގޮހޮރުގައި އޮތް ފިރިހެންކުއްޖާ ސްޕެޝަލައިޒްވާން ޔޫކޭއަށް ފުރާށޭ އުޅެނީ. މަންމަ މިކޮޅަށް ނައްޓަމުން ބުނާތި ޔޫކޭއަށޭ ދަނީ. އެނިމުނީނު.."
"ޔޫކޭޖީއަށް އަނެއްކާ؟ ޔާ ރައްބީ..." މަންމަ ބިރުގަނެއްޖެއެވެ.
"މަންމާ. އިނގިރޭސި ވިލާތަށް...." އަލާޔާ އަކުރުތަކަށް ބާރުލިއެވެ. ބައެއްފަހަރު ރުޅި ނާންނަން ހުއްޓަސް ރުޅިބޭލެނީ މަންމައަށެވެ. މަންމައާއި ބައްޕަ މުއްސަދިންނަށް ނުވީ ކިއްވެހެއްޔެވެ؟ ސަމަރުގެ މައިންބަފައިންހެން އިލްމު އުނގެނުނުނަމަ ދަރިންނާއިމެދު މީހުން ނުބައިކޮށް ނުދެކޭނެއެވެ. ހުރިހާވެސް ކުށްވެރިންނަކީ މައިންބަފައިންނެވެ.
***
ފްލައިޓް ފޯބިއާގެ ސަބަބުން ދަތުރުނުކޮށް ހުރުމުގެ ސަބަބުން އެކުވެރިން ދިމާކުރެއެވެ. ފިރިހެނަކަށްނުވެއޭވެސް ކިޔައެވެ. ފިރިހެނެއްވެއްޖެއްޔާ ހިތްވަރު ހުންނަންޖެހޭނެއެވެ. މަރާ ކުރިމަތިލާންވެސް ފިސާރި ކެރެންވާނެއެވެ. ފިނޑިކަމަކީ އަންހެނެއްގެ ސިފައޭ ބުނެ އުޅެއެވެ. އޭނައަންހެންކުއްޖަކާއި ވައްތަރޭ ރަނޑޭ ކިޔާ ދިމާކުރެއެވެ. އިސްކޮޅުން ދިގުވެ ކަސްރަތީ ހަށިގަނޑެއް ލިބުނަސް އޭނަގެ މޫނުމަތީގައި ޅަކަމެއް ހުރެއެވެ. ފަންފަން އިސްތަށިގަނޑާއެކު ހިމަ ބުމައެކެވެ. ދިގު އެސްފިޔަތަކެވެ. މަޑުމަޑު އަޅި ކަޅިއެކެވެ. ފިޔާތޮށި ތުންފަތެކެވެ. ތުނބުޅިމަތިމަސްވެސް އަދި ނުފަޅަނީކަމެއް ނޭގެއެވެ. މޫނު އެހާ އޮމާނެވެ. އެންމެފަހުން ފްލައިޓަށް އަރަން ނިންމީ ހިތާ ދެކޮޅަށެވެ. ފުރާ ގަޑިޖެހުނުއިރު ދެލިކުލައިގެ ބޯ ވިލާތަކުން އުދަރެސް ފުރި ހިތަށް ބިރުވެރިކަން ވައްދައިފިއެވެ. ދޭތެރެއަކުން ވިދުވަރުގެ ހުދު ރޮގުތައް އުދަރެހުން ކެނޑިގެން ދާތަން ފެންނަ ކޮންމެ ފަހަރަކު ހިތަށް ލޮޅުން އަރުވައިލައެވެ.
ޓިކެޓް ކެންސަލްކޮށްލާފައި ގެއަށް އަންނަން ހިތަށް އަރާފައިވެސް އެކުވެރިންގެ މޫނުތަކަށް ބެލުމުން ހިތްވަރުކުރަން މަޖުބޫރުވިއެވެ. ނޫނީ މަލާމާތާއި ޖެއްސުމާއިހެދި އޭނަގެ ދިރިއުޅުމަށް ދަތިކުރާނެއެވެ.
ސަލާރު ފްލައިޓަށް އަރާފައި އިންނަން ޖެހުނީ އަންހެންކުއްޖެއް ގާތުގައެވެ. ދެމީހުންވެސް ތައާރަފުވެލިއެވެ. އެ އަންހެންކުއްޖާއަށް ކިޔަނީ ރަދްވާއެވެ. ސަލާރު އެކުއްޖާ ގާތުން ފުރަތަމަ ދަތުރުހެއްޔޭ އަހައިލިއެވެ.
"ބިރުން އިންހެން ހީވޭ.." ސަލާރު ނުތަނަވަސްވެފައިވާ ގޮތަކަށް އެހިއެވެ.
"މިއީ ގަޑިއެއްހާއިރުގެ ދަތުރެއްނު. ޔޫކޭ ތަންތަނަށްވެސް ދަތުރުކޮށްފައި ހުރީމަ މިހާރު އެއްވެސް ބިރެއްނުގަނޭ. ކިތަންމެ ފަހަރު ޓާބިލެންސް ދަތުރުތަކާއި ދިމާވި. "ރަދްވާ އޭނަގެ އައިޕެޑްނެގިއެވެ."އާއްމުކޮށް ފްލައިޓް ޖައްސަންދެން ފިލްމެއް ބަލައިލަން އިންނަނީ. ވަގުތު ކުރުވޭ..........."
ފްލައިޓް ނައްޓައިލިއިރުވެސް ސަލާރު މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބޭއިޚުތިޔާރުގައި މޭގައި އަތް އަޅާ ބާރުކޮށްލެވުނިއިރު ހިތް ތެޅެމުން ދިޔަގޮތުން ފިނިވެސްވެއްޖެއެވެ. އެހެންމީހުން ނިކަން ހަމަޖެހިލާފައެވެ.
ދަތުރު ދުޢާ ކިޔައިލެވުމުންނ ހިތަށް ކުޑަ ކުޑަ އުއްމީދެއް ލިބުނެވެ.
"ދުޢާކުރުމުން ސަލާމަތްވާނެކަން ނޭގޭ.."
ބައިގަޑިއެއްހާއިރު ވޭތުވެގެން ދިޔައީ އޮމާންކަމާއެކުގައެވެ. ކުއްލިއަކަށް ސީޓްބެލްޓް އަޅަން އިރުޝާދު ދިނެވެ. މާގިނަ އިރެއްނުވެ ވިލާތަކުގެ ރަހުމުގެ ތެރެއަށް ފްލައިޓް ވަދެއްޖެއެވެ. ވިލާތަކުގެ ކަނޑުގައި އެއްވެސް ކޮންޓްރޯލެއްނެތި ކުޅޭ އެއްޗެއް ފަދައިން އެގޮތްމިގޮތަށް ފްލައިޓް ހަލުވައިގަތެވެ. ވިއްސަކަށް ސިކުންތުތެރޭގައި އެތައް ހާސް ފޫޓްތިރިއަށް ފްލައިޓް ވެއްޓިގެން ދިޔައީ ކަންފަތް ފަޅައިގެންގޮސް މައިދާވެސް ޚަރާބުވާ ބާރުމިނުގައެވެ. ކެބިންތައް ހުޅުވި ސާމާނުތައް ފައިބައިގަތެވެ. ދަތުރުވެރިން ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަން ފެށިއެވެ. ބައެއްމީހުންގެ ރުއިމާއި ތަކުބީރުގެ އަޑުވެސް ކެބިންތެރޭ ގުގުމައިގަތެވެ. ސަލާރުގެ ސީޓުގެ އަނެއް ފަރާތުގައި ހުރި ސީޓުގައި އިން ކުއްޖާ އަނބުރައިގަތެވެ. ސަލާރު ނޭފަތުގައި ހޮޑުވަސް ޖެހުމުން އޭނަވެސް އޯކަށް ދަމައިގަތެވެ. އޭނައަށް ނުވާކަށް ކަމެއްނެތެވެ. މީހަކު ކަރުގައި ހިފާ ނޭވާ ތާށިކޮށްލިޔަސް އިހުސާސްކުރެވޭނީ އެފަދަ ގޮތެކެވެ. ފިނިވުމާއެކު ނޭވާ ނުހިނގާ ރޫރޫ އަޅަންފެށިއެވެ.
އޭނަ އަނގަޔަށް އިނގިލި ލައިގެން ލޯ ބޮޑުކޮށްގެން އެކިމީހުންގެ މޫނަށް ބަލަމުން ދިޔައެވެ. އެތަނަށް ދިޔޯއެއް ތިރިކޮށްލިޔަސް ބިރުގަންނާނީ އެހާވަރަށެވެ.
"މަންމާ.....މަންމާ......................"ސަލާރު ރަދްވާގެ އަތުގައި ހިފާ މަޑުމަޑުން ގޮވައިލިއެވެ." މަގޭ ބެލާ...."
"ކީކޭ؟ ދަރިފުޅު ބިރުގަތީ ދޯ............" ރަދްވާ ހިނި އަންނަން އުޅުނެވެ. ސަލާރުއަށް އޭނަ ފެންނަނީ މަންމަގެ ގޮތުގައި ހެއްޔެވެ؟އޭނަވެސް ސަލާރުއާއެކު އެ ކުޅިގަނޑުގައި ބައިވެރިވެގަތެވެ.
"މަންމާ...ކިހިނެއްވަނީ؟ފްލައިޓް........ފޯލިންތަ؟ ބެލާ ސަލާމަތްވާނެތަ؟" ސަލާރުހިފަހައްޓައިގެން އިންލެއް ބާރުކަމުންގޮސް އޭނަގެ އަތަށް ތަދުވެ ލޮލުން ފެން އަންނަގޮތްވިއެވެ. މި ޒުވާނާ ވައްތަރު ޖައްސަނީ ނޫންކަމާއި ބިރުގެންފައި ހުރިވަރުން މޮޔަ ގޮވެނީކަން އެނގުމުން ރަދްވާއަށް ހުނުން ހިފަހައްޓައެއް ނުލެވުނެވެ. ބެލާ އެކިޔަނީ އަމިއްލަ ނަފުސަށް ހެއްޔެވެ؟ އަންހެންކުދިންނަށްވުރެ ފިރިހެން ކުދިން ފިނޑިވަނީ ކީއްބާވައޭ ހިތަށް އެރިއެވެ.
"ރިލެކްސް...އެއްވެސް ކަމެއް ނޫނޭ. މިއީ އާދައިގެ ޓާބިލެންސްއެއްނު...އަހަރެންވެސް އައި ޕޮޑް އަހަން އިނދެފައި ނިދެނިކޮށް އަޑުގަދަވެ ނިދިކޮޅުވެސް ފިލައިފި....." ރަދްވާ ހެވޭވަރުން ރަގަޅަށް ވާހަކަވެސް ނުދެއްކުނެވެ.
އެވަގުތު ހުރިހާކަމެއް ހަމަޔަކަށް އެޅުނެވެ. ސަލާރުގެ މައުސޫމް މޫނާއި ބިރުން އިންވަރުން ކޮންމެ މީހަކުވެސް އެކުއްޖާއަށް އެހީއެއްވެ ހިތްހަމަޖައްސައިދޭން އެވަގުތު ބޭނުންވާނެއެވެ. ނަމަވެސް ރަދްވާ ބޭނުންވީ އިތުރަށް ބިރުގަންނަވައިލުމަށެވެ.
"ކިތަންމެ ރީއްޗަސް ހަމަ ރަގަޅު ސައިކޯޕާތެއް ކަމަށް ވާނީ. ނޫނީ ގޭއި އެއްނޫން ކަމެއްވެސް ނޭގޭ..މޮޔައަކާއިއެކު ދަތުރުކުރެވުނީމަ ދެން ވަރަށް އެންޓަޓެއިނިން......" ރަދްވާ ހިތާހިތުން ކީއިރު ހަމަ ހެވެނީއެވެ." އަދި މަށަށް މަންމަވެސް ކިޔަނީ. މަންމަޔޯ. މި ގަރުނުގެ ބޮޑު ޖޯކު........."
"ހަމަ ފްލައިޓް ވެއްޓިދާނެ ދޯ. ކާމް ވެފައި ދެވަނަފަހަރަށް ހަމަ ތިރިއަށް ދާ ބާރުމިނުގައި ތަނެއްގައި ޖެހި ގޮވާފާނެ....." ރަދްވާ ކުއްލިއަކަށް ބުނެލުމުން އަނެއްކާ ސަލާރުއަށް ރަދްވާގެ އަތުގައި ހިފާލެވިއްޖެއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދޫކޮށްލައިފިއެވެ. އޭނައަށް އުޅެވުނުގޮތް ވިސްނި ކަންބޮޑުވީކަން ނޭގެއެވެ. އޭނަގެ އެކުވެރިންނަށް މި ޚަބަރު ލިބިއްޖެއްޔާ އޭނަ ލަދުން އަމިއްލައަށް ވަޅުލެވިގަތަސް މާ ރަގަޅުވާނެއެވެ.
"އަހަރެންގެ ހުރޭ ފްލައިޓްފޯބިއާ...ފްލައި ނުކުރަން އެހެންވެ...." ސަލާރުގެ ފިނިވެފައިވާ އަތުގެ އިނގިލިތައް މަސާޖުކުރަން ފެށިއެވެ. އައްސިވެފައިވާ ފައިވެސް ހަރަކާތްކުރިއެވެ. ހަމަޖެހެން އަމިއްލަ ނަފުސަށް އެންގިއެވެ.
***
ފްލައިޓުން ފައިބައިގެން އަދި މާ ގިނައިރެއްނުވެ އޭނަގެ އެކުވެރިއަކު އެފްބީ ޕޯސްޓެއް ފޮނުވާލައިފިއެވެ. ރަދްވާ ވަކިމީހެއްގެ ނަން ނުގަނެ އެބޯޓުގައި އެމީހުންނަށް ދިމާވި ހާދިސާ ކިޔާދީފައި ހުއްޓެވެ. ރަދްވާ ގާތުގައި އިން ފިރިހެންކުއްޖާ ބިރުގަތްވަރުން އޭނަ ހަމްދަރުދީވެސް ވިކަމުގައެވެ. އެ ޕޯސްޓް ފެނުމާއެކު އެމީހަކީ ސަލާރުކަން އެކުވެރިން ދެނެގަތެވެ.
"ކަން ހިނގިގޮތަށް ކާފޫރާއި ފޮނިތޮށްޓާއި ހުރިހާ ބާވަތެއްގެ ހަވާދު ސާމާން އަޅާ މީރުކޮށްލާފައި އެ އަންހެންކުއްޖާ އެހެރީ..." ސަލާރުގެ މޫނު ރަތްވިއެވެ. އޭނަ ބޮލުގައި އަޅާފައިވާ ތޮފި އަދިވެސް ތިރިކޮށްލިއެވެ. " އައި ސްވިއަރ..........އެއީ ހަމަ ބި* އެއް....."
"ރަދީފުގައި ލެއްވިހާ ސްވިއަރިން ވޯޑެއް އެކުއްޖާއާއި ދިމާލަށް ގޮވާލައިފި. ބާކީ އެއްޗެއް ނެތްތަ؟"އެކުވެރިން ތިބީ ނިކަން މަޖާވެފައެވެ.
"މަ އޮތީ އޭނަގެ އުނގަށް އަރާފަޔޯ. ހޮޑުވެސް ދުއްވާލިޔޯ. ޕީވެސް ކުރެވުނޯ........މަގޭ ބެލާއޭވެސް ކިއޭ....ދޮގުހަދަންވެސް ކުޅަދާނަ މަންޖެއެއް. ދެން ކީއްވެ މަ އެއްޗެހި ނުކިޔާންވީ؟މަ ބެލާ ކީމަ ހީކުރީ އޭނަގެ ވާހަކަ ކަމަށްތަ؟އޭނަ ނަންވެސް ބުނި. މަ ހަނދާނެއްވެސް ނެތް.." ސަލާރު ވަށައިގެން ހޯދައިލިއެވެ. އެ އަންހެންކުއްޖާ އޭނަ ބޭޒާރުކޮށްފިއެވެ. ދޮގުމައްޗަށް ދޮގު ނެހެދިޔަސް ހަގީގަތަށް ލިޔެވިދާނެތާއެވެ. މީހުންގެ ސަމާލުކަން އަތުލަން މި އަންހެންވެރިން ތިބެނީ މިފަދަ ބޮޑު ހާދިސާއެއް ނުހިގައިގެންނެވެ.
"އެހެންވެ ބުނަނީ ފިރިހެނަކަށް ވާށޭ..އަދި ރީތި ބޮޑީއެއް ހުއްޓަސް ހިތް ކަފަކޮޅެއްހާ މަޑުކޮށްގެން ފެންނަހާ އެއްޗަކަށް ބިރުން އުޅެން ހަދައިގެން ކަމަކުނުދާނެ. ކަނބިއްޔާއި ފިޔޮއްވެސް ކަލޭ ފެންނައިރަށް ފަހާ ދުވަނީ އެއަށްވެސް ފިނޑިކަން އިހުސާސްވާތީ...ތިވަރުން ދަންޏާ ހިނިވެސް ފަހަތުން ދުވާނެ. އަންހެނަކުވެސް ބުލީކޮށްފިއެއް ނު.........." އެކުވެރިއަކު ދިމާކުރިއެވެ.
"ފަ***" ސަލާރު ފޯނު ކަނޑާލައިފިއެވެ.
އޭނަގެ މޫނަށް އަލިވީ ފެނުނު މަންޒަރަކުންނެވެ. އޭނަގެ ބެލާ ފެނުމުން އެހެން ހުރިހާކަމެއް ހަނދާން ނެތި ދުއްވައިގަނެވުނީ އެ ދިމާލަށެވެ.