"މައިންބަފައިންނާއި އަޅާލާ ލޯބި ދޭށެވެ. އެމީހުންގެ އަގު ވަޒަންކުރެވޭނީ އެމީހުން އިށީންނަ ގޮނޑި ހުހަށް ހުއްޓާ ފެނުނު ދުވަހަކުންނެވެ. ވަކިވެދާނެ ދުވަހެއް އެއްވެސް މީހަކަށް ނޭގޭނެއެވެ."
***
"ހަނާ. މިތާ މަޑުން އިންނައްޗޭ..."އައިމަލް ހަނާ އުފުލައިލިގޮތަށް ސޯފާގައި ބައިންދާފައި ކޮލުގައި ހިފާފައި އޭނައާއި ހަތަރުކަޅި ހަމަކުރުވިއެވެ. ހަނާ ވަގުތުން ބޯ ޖަހައިލިއެވެ. އެއާއެކު އައިމަލް އަލާޔާއަށް އިޝާރާތުން އެންގީ އޭނައާއެކު އައުމަށެވެ.
އައިމަލް އެ ފުޅާ ކޮރިޑޯގެ އެންމެ އެކޮޅުންގޮސް އެގޭ ވަލުފަރާތު ދޮރު ހުޅުވާލުމާއެކު ތުނިކޮށް ވެހެމުން ދިޔަ ވާރޭގެ މިއުޒިކެއްފަދަ އަޑު ކަންފަތުގައި ޖެހުނެވެ. އިރުނުއޮއްސެނީސް އަނދިރިކަން ކާއިނާތު ވަށާލާފައިވާގޮތުން ހިތަށް ބިރުވެރިކަން ވަނެވެ. ކުރިމަތީގައި މިހިރަ ފިރިހެނާއެކޭ މި ހުޅިޖަހަމުން އަންނަ ހަރިކޭންއެކޭ ތަފާތެއް ނެތެވެ. ދެން ތޫފާނަކަށް ނަމެއް ދެންޏާ ތޫފާން އައިމަލް ކިޔަން އޭނަ ހުށަހަޅާނެއެވެ. ރުޅިއައިސް ރަތްވެ ލޯ އަޅާލައިގެން ކަރުގެ ނާރުތައް ފުއްޕާލައިގެން ހުރިއިރު އައިމަލްގެ ކުލަ ފެންނަން ފެށީތާއޭ ހިތަށް އެރިއެވެ.
"ކިހިނެއްވީތަ؟" އަލާޔާ ހިތުގައި ވި ބިރުވެރިކަން ފަރުދާކޮށްލީ އެންމެ ރީތި ހިނިތުންވުމުންނެވެ." މާ ފުއްޕާފައި ތިއުޅެނީ؟ ތިވަރަށް ފުއްޕަންޏާ ބޮކެއްހެން ފަޅައިގެން ގޮސްދާނެ.." އެޖުމްލަ ހިތަށް އަރުވާލަމުން އަލާޔާގެ ހީލުން ފުންވިއެވެ. އަޑިކޮޅުން އެ ކޯތާފަތުގެ ފުރިހަމަކަން ވަކިން ފައުޅުވިއެވެ. އުޖާލާ ދެލޮލުގެ ވިދުވަރު ކޮންމެވެސް ވަރަކަށް ފަނޑުވިޔަސް ރީތި އަންހެން ކުއްޖެކެވެ. އެރީތިކަން ފެނުމުން ވަކިން ބޮޑަށް އައިމަލް ރުޅިއައެވެ.
"ކީއްވެ ރުޅި އަންނަނީ ކަމަކާ ނުލާ....އައިމް ސޮރީ ގޯސްކޮށް ކަމެއް ކުރެވުނިއްޔާ ގޯސްކޮށް އެއްޗެއް ބުނެވުނިއްޔާ. މާފަށް އެދެން........" އަލާޔާ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. އޭނަ މަތިމައްޗަށް ދޮގުހެދެނީއެވެ. ދޮގަކަށް ފަހު ދޮގެކެވެ.
އިބުލީހާއި ދަރިފަތި އޭނައަށް ސާބަސް ދޭހާ އޭނަ ދޮގު ހަދަން މޮޅުވެއްޖެއެވެ. ސަބަބަކީ އެއިން އެންމެ ޖުމްލައެއްވެސް އޭނަ މާނަކޮށްފައި ނުބުނާކަމެވެ. އޭނަ މާފަށްވެސް އެދެން ބޭނުމެއްނޫނެވެ. ދުވަހަކު "ސޮރީ" ބުނާކަށް ނޭދެއެވެ. އައިމަލްއަކީ ފުރޭތައެކެވެ. ފުރޭތައިންގެ ރަސްގެފާނެވެ.
"އަހަރެން މިއުޅެނީ ސަމަރުއައި ދެއަންބަށް އިންނަން. ސަމަރުވެސް މިގޭގައި އުޅޭނީ...................."
"ވަޓް؟" އަލާޔާގެ ބޮލުގެ ތެރޭ އެޓޮމިކް ބޮމެއް ގޮވައިފިއެވެ. ޔަގީނުންވެސް އިހުސާސްވީ ބޮމެއް ގޮވުމުން ގަންނާނެ އިންތިހާ ދަރަޖައިގެ ބިރާއިއެކު ޝޮކްޖެހި ނާއުއްމީދާއި ހިތާމަ އެކީގައެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވިއެވެ.
"އައިމަލް. ތިހެން ނަހަދާ....އާދޭސްކޮށްފައި ބުނަން. ހޮސްޕިޓަލް އެންމެން އަހަންނާއި ޖައްސާލާފައި ހަސަދަވެރިވެފައި ތިއްބާ ކިހާ މަލާމާތްކުރާނެ. އެޓްލީސްޓް އަހަރެންގެ ފީލިންގްސްތަކަށް ރެސްޕެކްޓްކޮށްބަލަ. ވައި އާ ޔޫ ޑުއިން ދިސް ޓު މީ؟" އަލާޔާ އަށް ތިރިވެވުނީ އެތާ އޮތް ރުއްބުޑެއްގެ މައްޗަށެވެ. ހަންޑިކުޑަތަކާއިއެކު ފެހި ޖަހާފައިވާ އެ ރުއްގަނޑުމަތީގައި އިށީންގޮތަށް ކަކުލުގައި ބައްދައިލެވިއްޖެއެވެ. ގަދަކަމުން ލޮލަށް ކަރުނަ ގެންނަން އޭނައަށް ފަސޭހަ ނުވިއެވެ.
"ތިއީ އަހަންނަށް ފަރުވާލެއް ހުރިކަމެއްނޫން. އަހަންނަށް ރަގަޅީވެސް އަލާޔާ ބަދުނާމު ވިއްޔަ. ފެންނަ ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަޅުވާކަހަލަ ތުންފުއްސެއް..ޔޫ އާ ވޯތްލެސް...ސީރިޔަސްކޮށް އަހަންނަށް ފޯސްކުރި ގޮތެއްވެސް ބަލައިލަބަލަ.ތިމަންނަށް ޕްރޮޕޯސްކޮށްފިޔޯ. ގުރުއާން ދަސް ހާފިޒާއެކޯ..ތީ ދޮގުވެރިއެއް. ކެހިވެރި މަކަރުވެރި އަންހެނެއް. އެހާ ލަދެއް ހަޔާތެއްނެތް. އަހަރެން ކަލޭގެ ދިރިއުޅުން ނަރަކައަކަށް ހަދާފައި ދޫކޮށްލާނީ......"އައިމަލް ރަހުމެއް ކުލުނެއްނެތި ބުނަމުން ދިޔަ ކޮންމެ ބަހެއްވެސް އަލާޔާގެ ހިތުގައި ރުޅިވެރިކަމުގެ އަލިފާން ރޯކުރުވިއެވެ.
"ކޮން ކަމަކާ؟"
އައިމަލް ސިހުނު ގޮތާއިއެކު ދުރަށް ބަލަން ފެށީ ކޮންމެވެސް ކަމެއް ސިއްރުކުރާފަދައަކުންނެވެ.
" ރިވެންޖް ނަގަން ތިއީ އެހާ ނުވިސްނޭ މޮޔަ މީހެއްނޫން. ނަފްސާނީ ޑޮކްޓަރެއްގެ ހައިސިއްޔަތަކާއި ޝަރަފެއް ހުރެ މީހުންގެ ކުރިމަތީގައި ތިމާގެ މަގުބޫލުކަން ހޯދައިގެން ހުރި ކުޅަދާނަ ޑޮކްޓަރެއް އެހާ ކޫސަނިގޮތަކަށް ވިސްނުން ނުހުންނާނެ.."
"އަލާޔާ ބޭނުންވަނީ އަބަދުވެސް ގަދަރާއި މުއްސަދިކަން ފަހާ ދުވަންތަ؟ އެ މަގުސަދު ހާސިލުކުރުމުގައި އެހެންމީހެއްގެ ހިތް ހަލާކުވިޔަސް ހެޔޮ. އަހަރެން ސަމަރުއާއި ރައްޓެހިވެގެން އުޅެނިކޮށް ދޮގު ހަދައިގެން ކައިވެނި ކުރަން ޖެއްސީ. ވަރަށް ޗާލާކު. ދެން ތި ދަލުގައި އެހެން މީހަކު ނުޖައްސާ..." އައިމަލް އިންޒާރު ދިނެވެ.
އަލާޔާގެ ހިތުގައި އައިމަލްއަށްޓަކާ ފޫހިކަމެއް އުފެދި ކުރިލާން ފެށިއެވެ.
"ރީތި ސިފައެއްގައި ހުރި ޝައިތާނުން ތިބެއޭ ބުންޏަސް ދޮގެއްކަމަށް ހީކުރީ. ކުރިމަތިން ދައްކައިލީމަ ޔަގީންވެއްޖެ. ފައްކާ ޑެވިލްއެއް..ޑެވިލް އައިމަލް. އައި ހޭޓް ޔޫ. ތި ފިރިހެންގަނޑާއިހެދި މޮޔަވެގެން ލޯބިވެގެން ކަމަށް ހީކުރީ ދޯ. އެހެން އަންހެންކުދިން ލޯބިވިޔަސް ހިތް ކިޔަސް ޑެވިލް ބުނީ ތެދުވާހަކައެއް. އަހަރެން ލޯބިވަނީ ހަމަ އެ މަގާމާއި ފައިސާދެކެ. ފިރިހެނަކާއިހެދި މޮޔައެއް ނުވެވޭ. ނަސީބެއްނު ތިކަހަލަ ފޭކް މީހަކާއިހެދި ނޫޅެވުނުކަން......."އަލާޔާ ހިތާހިތުން އެތިވަރު ގޮވާލާފައި އިސް އުފުލައިލުމުން އިތުރު ޝޮކެއްލިބުނެވެ. ގަހެއްގެ ބުޑުގައި ނިދާލާފައި އޮތް ކުށެއްނެތް ބުޅަލަކަށް އައިމަލްގެ ފައިގެ ހަމަލާއެއް އެރުމާއެކު އަލިފާން ޖެހިހެން ދުވެފައިގޮސް ގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ. އަލާޔާގެ ޚިޔާލަށް ސިފަވީ ސަލާރު ބުޅަލަށް ދޮންދޭ މަންޒަރެވެ. ކުއްޖަކު ގެންގުޅޭހާ ލޯބިން ހަމްދަރުދީއާއި ކުލުން ފުރިފައިވާ ގޮތަކަށް ޖަނަވާރު ގެންގުޅޭއިރު އައިމަލްގެ ހިތުގައި ރަހުމްގެ ކުނޑިފަށެއްވެސް ނެތެވެ. ސަލާރު މޮޔަޔަސް އޯގާތެރި ލޯބިން ފުރިފައިވާ ހިތެކެވެ. ހައިސިއްޔަތެއް ނެތަސް އެހިތް ހެވާކޮޅެއްހާ މަޑެވެ.
އަލާޔާއާއި ހަނާއާއި ދޭތެރޭ އައިމަލް އަނިޔާވެރިވެ ފައުޅުގައި ހިތުގައި ޖެހޭ ބަސްތައް ބުނަންފެށިއެވެ. އަމުރުވެރިކަމާއި ހަރުކަށިކަމުގެ އިންތިހާއެވެ. ހަނާއަށްވެސް މަޖުބޫރުކޮށްގެން އޭނަ ބުނާހާ ގޮތަކަށް އެގޭގައި އުޅެން ޖެއްސިއެވެ. އެތައް ހަރުކަށި ގަވައިދުތަކެއް ހެދިއެވެ. ކެއުމާއި ނިދުމާއި ކުޅުމާއި ނަމާދުކުރުންފަދަ ކަންތައްތަކުގައިވެސް މެއެވެ. އައިމަލް އަޅުވެރިކަމަށް ހެދިގެން އުޅުނަސް ދުވަހަކު މިސްކިތަށް ދިޔަތަނެއް ނުފެންނަތާގައި ގޭތެރޭގައިވެސް އެންމެ ސަޖިދައެއް ޖެހިތަނެއްވެސް ފެނުނީއެއް ނޫނެވެ. އެންމެންގެ މަލާމާތާއި ފުރައްސާރައިން ސަލާމަތްވާންވެގެން އެހުރިހާ ކަމަކަށް ކެތްކޮށްލައިގެން ހުރެ އެ ކަންތައް ފޮރުވާ ފަސްއަޅަން އޭނަ ކޮޅެއްނެތް ހާ މަސައްކަތްކުރިއެވެ. އައިމަލް ރުއްސަން އޭނަ ބޭނުންވާ ކޮންމެ ގާނޫނަކަށް ބޯލެނބިއެވެ.
***
އަލާޔާ ދަރިފުޅު ގުރުއާން ކްލާހަށް ލާފައި ގެއަށް އައީ ވަލުގައި އޮތް މަގަކުން ހިނގާލާފައެވެ. މަގުގެ ސަލާމަތްކަމާއިމެދު ޝައްކުއުފެދިފައިވިޔަސް އެދުވަހު ސިކުނޑީގެ ހަލަބޮލިކަމުން އަމިއްލަ ނަފުސްގެ ސަލާމަތަށް ވިސްނައިލަން ބޭނުންވެސް ނުވީއެވެ. ވާގަނޑުގެ ތެރެއިން ހިނގަމުން ދިޔައިރު އިރުގެ ހިތްގައިމު އަލި ގޮފިތަކުގެ ތެރެއިން ފާއްދާލާފައި ބިންގަނޑަށް އަލިކުރަމުން ދިޔައިރު ވިޓަމިން ޑީ ކޮޅެއްވެސް ލިބޭނެތާއޭ ހިތަށް އެރިއެވެ. ފިރިހެނުންގެ ޚިޔާލުތަކުން ދުރުވެ އެހެން ދިމާލަކަށް ޚިޔާލު ގެންދަން މަސައްކަތްކުރިތަނާ ސަލާރުގެ ހިނިގަނޑާއެކު މުސްކުޅި އަންހެނުންތަކެއްވެސް ސަމާސާ ވައްތަރަކަށް ހަޅޭއްލަވައިގަތް އަޑު އިވި ހުރިހާ ސަމާލުކަމެއް އެދިމާލަށް ދިނެވެ. ގަސްތަކުގެ ތެރެއިން ބޮދަމުން ގޮސް އަޑު އިވޭ ދިމާލަށް ބަލައިލެވުނުއިރު ކަމަކުދާކަށް ނެތެވެ. ތިރިކޮށް ހެދިފައިވާ ބޮޑު ގަސްގަނޑެއްގެ ހިޔަލުގައި ސަލާރުއާއި އަބްދަލް ރެކިދިޔެ ސަކީނާ އަދި ހަމީދާއާއިއެކު ފޯރިއާއެކު ގުޑުގުޑާ ބޮނީއެވެ. ކުނަލުގެ މަތީގައި ބޮއިފައި ހުރި ސަޔާއި ބާކީވެފައި ހުރި ބޯކިބާ ހުއްޓެވެ.
"މޮޔައިންގެ ރާޖާ އަށް އެކުވެރިވާންވެސް މިލިބުނީ މުސްކުޅިން. އަދި އެވެސް އަބަހައްދަވާ ހިސާބުގައި ތިބި ލޭޑީސް. ހީކުރިވަރަށް ވުރެ ސޭކު...މޮޔަގަނޑު. މޮޔަކަން ނެތްނަމަ ހަމަ ހެންޑްސަމް ފުރިހަމަ ބޯއިއެއް....." އަލާޔާއަށް ސަލާރުގެ މޫނު އެހިސާބުން ކިތަންމެ ރަގަޅަށްވެސް ފެނެއެވެ. އެހާ އުފަލާއެކު ހޭއިރު އެ ހިނިތުންވުމުގެ އަލި ކާއިނާތަށް އަލިކުރާހާ ރީއްޗެވެ.
"ހެޕިނެސް.....މިއީވެސް އުފާވެރިކަންތަ؟ މޮޔައިން އުފާ ހޯދަނީ މިކަހަލަ ސިމްޕަލް ކަންތައްތަކުން؟ އެއްވެސް މުއްސަދި ކުލައެއްނެތް. ރީތި ބައިވެރިޔަކުނެތް. ބަންގާޅީ ފިރިހެންކުއްޖަކާއި މާމަމެންތަކެއް ގޮވައިގެން ސަލާރު ހޭއިރު ރަސްކަން ލިބިގެން އުޅޭފަދަ ސުބުހާނަﷲ..."އަލާޔާ ފޯނުގައި އެ މަންޒަރު ވީޑިއޯކުރަން ފެށިއެވެ.
އިރުގަނޑެއްފަހުން ފެނުނީ އަދި ތަފާތު ކަމެކެވެ.
ސަލާރު އެތާއޮތް ބެރެއް ނަގައިގެން މަޑުމަޑުން ބެރުގައި އަތް ޖަހައިލުމުން މާހައުލުގައި ގުގުމައިލިއިރު އަލާޔާއަށް އިހުސާސްވީ ސަލާރު ޖެހީ އޭނަގެ ހިތުގައި ހެންނެވެ. ދެވަނަ ފިރުމައިލުމާއެކުވެސް ލޮޅުން އެރީ އޭނަގެ ހިތަށެވެ. ކޮންމެ ފަހަރަކު ބެރުގައި އެ އަތްތިލަ ޖެހޭހިނދު އޭނައަށްވެސް އެ ވީގޮތަކުން ހައިރާންވިއެވެ.ބޮޑުބެރު ޖަހަން ކުޅަދާނަ މީހެކޭ ހިތަށް އެރިތަނާ އަދި އަބްދަލް ތެދުވެ ނަށަން ފެށުމުންވެސް އާޝޯޚުވާވަރުވިއެވެ. އަބްދަލް ރެކިދައްތަ ތެދުކޮށްގެން ނަށަންފެށުމުން ރެކިދައްތަ ޖައްސާ ވައްތަރުފެނި އަލާޔާ އަށް އަނގައިގާ އަތް އެޅުނީ ހުނުންގަނޑު ހިފެހެއްޓުމަށެވެ. ސަލާރު ބެރުޖަހަމުން ލަވައެއް ކިޔަންފެށުމުން ދެން ހުނުން ހުއްޓި އަނގަ ހޭވިއްޖެއެވެ. ސަލާރު އެހާ ރީތިކޮށް ލަވަ ކިޔަން ދަސްކުރީ ކިހިނެއް ހެއްޔެވެ؟
"އައިމް ޓޫ ޕްރައުޑް ފޯ ލަވް. ބަޓް ވިތް އައިސް ޝަޓް. އިޓްސް ޔޫ އައިމް ތިންކިން އޮފް...."
"އައި ވޯންޓްޔޫ ބެކް. އައި ވޯންޓް ޔޫ ބެކް. އައި ވޯންޓް ޔޫ ބެކް ލާލާ.. ވީ ކެން ހޭވް އެ ލާސްޓް ލާފް....."
ބޮޑަށް އަސަރުގަދަވެ ޖަޒުބާތުގައި ޖެހި ފޯރި ހިފަންފެށީ ސަލާރުގެ އަރަބި ލަވައިންނެވެ. ލަސްލަހުން ފެށި ބޮޑުބެރުގެ އަޑު އަވަސްވަމުން ދިޔަ ވަރަކަށް އެންމެން ވަޖިދުވަދެ ސަލާރުވެސް ތެދުވެ ސަކީނާއްތައާއި ހަމީދާ ތެދުކޮށްގެން އެމީހަކަށް އެނގުނުގޮތަކަށް ހަރަކާތްކުރަމުން ދިޔައިރު އަލާޔާގެ ނަޒަރު ސަލާރުގެ މޫނަކުން ވަތްކެއް ނުވިއެވެ. ކަޅު ވައިލެޓްކުލައިގެ ޓީޝާޓާއި މަޑުމުށިކުލައިގެ ޖިންސެއްގައި ހުރިއިރު އަތާއި ދިމާލަށް މުލައްދަނޑި ހިފާލާފައިވީއިރު ހަށިގަނޑުގެ ރީތިކަން ފާހަގަވެއެވެ.
ސަލާރު ހިތަށް އެރި އެއްޗެއް ކިޔަމުން ހަދައިގެން ލަވަ ކިޔަސް ރާގާއި ބެރުގެ ހަމައަށް ހިފެހެއްޓި އަޖައިބެއްފަދަ ގޮތަކަށް އަލާޔާގެ ހިތާއި އެލަވަ ކުޅެލައިފިއެވެ. ގެއްލިގެން ދިޔަ ފަރި ރީތި "ލާލާ"އަކީ އަނެއްކާ އޭނަގެ ވާހަކަހެއްޔެވެ؟
އަލާޔާގެ މޫނަށް ރަތްކުލަ ފޭދިއްޖެއެވެ. ފަސްމިނިޓް ނުވެ އެ ފޯރިގަދަ ލަވަ ކުންނަކަށް ގޮސްހިމޭންކަން ވެރިއިރު ރެކިދައްތަމެން އުފަލުން ތުންފަތްމައްޗަށް ދަތް ނާރާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ހީވާގި މުރާލި މާމަމެންގެ ނިތުންވެސް ދާ އޮހޮރުނީ "ނަށައިލެވުނު"ވަރުންނެވެ.
"ކޮބާ ލާލާއަކީ؟" އަބްދަލް އަހައިލިއެވެ.
"ކުރިން ގެންގުޅުނު ބުޅާ." ސަލާރުގެ ޖުމްލައިން ދަތް ވިކައިގަނެވުނުލެއް ބާރުކަމުން ދަތްތައްވެސް ލުހިގެން އަތަށް އައިސްދާނެއޭ އަލާޔާގެ ހިތަށް އެރިއެވެ."ހައު ޑެއަރ ޔޫ.......ޔޫ *ކް....ބުޅަލަކާއި އިންނަންވީނު..ނަޓްކޭސްއެއް ހަމަ.."
ބިންމަތީގައި ފަތުރާލާފައި އޮތް ސާލުގަނޑު އޮޅާލާ އެހެން ސާމާނުތައް ހިފައިގެން އެ އާދަޔާ ޚިލާފު އެކުވެރިން ޕިކްނިކް ނިންމާފައި ދިޔަ މަންޒަރު ބަލަން ހުރި އަލާޔާގެ ރުޅިގަނޑު ބޭލުނީ ގަހުގެ ގޮފިތަކާއި ފަތްތަކަށެވެ. ގޮފިގަނޑުގައި ތަޅައިގަނެވުލެއް ބާރުކަމުން އަތަށް ތަދުވުމުން ފަތްތައްވެސް އުފުރާލައިފިއެވެ. ދާދި ގާތުން ބޮޑު މާސިންގާ ކޮކާ ފަންޏެއް ފެނުމާއެކު އަލިފާން ހިފި ބުޅަލެއް ފަދައިން އަޑުކޮޅަށް ހަޅޭއްލަވައިގެންފާ ވޫސްލާފައި ދުއްވައިގަތްގޮތަށް އަދި މީހެއްގެ ގައިގާ އަޅައިގަތެވެ.
"ވޯ......" ސަލާރުގެ ރީތި އަޑު ކަންފަތުގައި ޖެހުނެވެ. އެއާއެކު ބާރު ސްޕީޑެއްގައި ދިޔަ ސައިކަލެއް ބުރަކި ހިފައިލުމުން ކަހާލައިގެން ދާ ފަދައިން އޭނަގެ ފިޔަވަޅުތައްވެސް ކަސިޔާރުވެ ހުއްޓުނުއިރު ދެފައިތިލަ ފުރޮޅައިލުމުން ސަލާމަތް ވީ ހަމަ ކިރިޔާއެވެ. އަލާޔާ ދަތްތައް ދިލުވާލަމުން ހީލިއިރު އެ ހިނިތުންވުން މާނަކުރަންވީ ގޮތެއްވެސް ސަލާރުއަކަށް ނޭގުނެވެ.
"ރެކިދައްތަމެންނާއެކު ޑޭޓަކަށް ގޮސްފައިދޯ. ސަލާރު ބުއްދިވެރިކަމުން އެވޯޑެއް ތައްޔާރުކުރަން ފަށައިފިން. ހަފްލާއެއް ބާއްވާފައި އޭތި ދޭނީ. ބުޅަލެއްގެ ބަދަލުގައި ބޮޑުބެރެއް ކިހިލީގައި ޖަހައިގެން އުޅޭ ދުވަހަކީތަ؟"އަލާޔާ އެއް ބުމަ އަރުވައިލިއެވެ.
ސަލާރު ގެ ހަށިގަނޑުގައި ހިފާލާފައިވި މަސްކް ސިނަމަން އަދި ވެނީލާގެ މީރުވަސް އެކުވެ އަލާޔާގެ ސިކުނޑި ތާޒާވިއެވެ.
"އާ ޔޫ ޖެލަސް ބޭބީ؟" ސަލާރު އެއް މިޔަކަނުން ހީލިއެވެ." ދެން ފަހަރަކުން ބައިވެރިވާން ދައުވަތު މިދިނީ. "
"އިޑިއަޓް...."
"އާހް..މީހެއްގެ އަންބަކާއި ދޯ އަޅައިގެން މިއުޅެވެނީ. ހަމަ ހީކުރެވުނީ އިރުކޮޅަކަށް ޓައިމް ޓްރެވެލް ކުރެވި ޕާސްޓްގައި އުޅެވުނީކަމަށް. ސިކުނޑިއަކީވެސް އަޖައިބެއްފަދަ އެއްޗެއް ނު...މަގޭ ބެލާގެ މަތިން ހަނދާން ނައްތާލާފައި މިހުރެވުނީ......."ސަލާރު ގެ މިސްރާބު ހުރީ އޭނަގެ ކްލިނިކާއި ދިމާލަށެވެ.
"އާނ....ބުޅަލަށްވުރެ އޯލްޑް ބެޓްސްވެސް ރަގަޅުވާނެ...." އަލާޔާ ހޭންފެށިއެވެ.
"ސަމާސާއަކަށްވެސް ދުވަސްވީމީހުންނާއިމެދު ތިކަހަލަ ވާހަކަ ނުދައްކަފާނަންތަ؟ އަހަރެމެންވެސް ދުނިޔޭގައި ތިބިއްޔާ އެ އުމުރަށް ދާނެ. އަހަރެމެންނަށްވުރެ ނިކަމެތިމީހުން ކަމުގައި މުސްކުޅިންނާއި ކުޑަކުދިން އަދި ބަލިކަށި މީހުންވާނެ. އަދި ޖަނަވާރުންނާއިމެދުވެސް އޯގާތެރިވާން މި އުއްމަތުގެ ނަބިއްޔާ ދަސްކޮށްދެއްވި. އަލާޔާގެ އައިމަލް އަލާޔާ އިސްލާހު ކުރަން މަސައްކަތެއް ނުކުރޭތަ؟ އަހަރެންގެ ކްލިނިކަށް އަންނަ ވައިލްޑް ކެޓެކޭ އަލާޔާ ތަފާތެއްނެތް...ޓޭމް ކުރަން އުދަގޫވާނެ ދޯ..." ސަލާރު ކަހަލަ މޮޔައަކު އެކަހަލަ ސީރިޔަސް ވާހަކައެއް ދެއްކުމުން އަލާޔާ އަޖައިބުވެސް ވިއެވެ. ދީންވެސް އޮޅުން ފިލާފައި ހުރީހެއްޔެވެ؟ ބައެއްފަހަރު މޮޔަވިޔަސް ކުޑަ މިންވަރެއްގެ އިލްމެއް ލިބިފައި ހުރެދާނެއެވެ.
އަލާޔާއަށް ހިނގައިގަންނާން ނޭގިފައި ހުއްޓާ ސަލާރުގެ ކްލިނިކާއި ހަމަވިއެވެ. އެތެރެއަށް ވަންނަމުން އެ ދިން ނަޒަރުގައި "އަންނާށޭ" ބުނެ ދައުވަތު ދިންފަދައެވެ.
"ގަބޫލެއްވެސް ނުކުރެވޭ އެ ސަލާރު މަށާއި ފްލާޓް ކުރަން ފެށީތަ؟ އަދި ކިރިޔާ ހޭވެރިކަން ޖެހެން ފެށީކަމަށްވާނީ. އެހެންޏަ ރެކިދައްތަމެންނާއެކު ނަށައިލިއިރު އޭނައަށް ސިފަވީ އަހަރެން ކަން ނޭގޭ....." އަލާޔާ ވަރުދެރަގޮތަކަށް ހިނގާފައި އޭނަ ދިރިއުޅޭ ގެއަށް ވަންއިރު ފަޅުކަމާއި އެކަނިވެރިކަން ވަށައިލިއެވެ. އިހުސާސްކުރެވުނީ ހުސްކަމެވެ.
އެރޭ ނިދަން އަރާފައިވެސް އަލާޔާއަށް ބެލުނީ ސަލާރުގެ ވީޑިއޯއެވެ. އެލަވައެވެ. ފޮޓޯތައްވެސް ޒޫމްކޮށްފައި ބަލައިލެވުނެވެ.
"ސާބަހޭ އަލާޔާ މޮޔައަކާއި ހިތާވީތަ؟ ޖަނަވާރުންނަށް ބޭސްކުރާ ޑޮކްޓަރަކާއި ރައްޓެހިވީމަ މީހުން މަލާމާތްކުރާނެ ވަރެއް ނޭގޭތަ؟ ޔާނާއާއި އެހެން ސްޓާފުންގެ ޖޯކު ޖަހާނެ....އަދި ނުވީތާކަށް ކިހާ ސޭކު..ސޭކު ސަލާރު..."އަލާޔާ ފޯނު ދުރަށް އެއްލާލައިފިއެވެ. ނަމަވެސް ލޯ މައްޗަށް ސޫރަ ވަނީ ސަލާރުގެ މައުސޫމް މޫނެވެ. ކަންފަތުގައި ޖެހުނީ ބޮޑުބެރުގެ ގުގުމާ އަޑެވެ. އެ ގުގުމުގެ އަޑު އަވަސް ވަމުން ދިޔަ ވަރަކަށް ހިތްވެސް އަވަސްވަމުން ދިޔައެވެ. އެ ރީތިއަޑެވެ. ސަލާރުގެ ފޮރުވިފައިވާ މިއުޒިކް ހުނަރެއް ހުރީބާވައެވެ. ލަވަ ކިޔަން ފަށައިފިނަމަ އޭނަގެ ނަން މަޝްހޫރުވެ މޮޔަ ސަލާރުގެ ނަން މާޒީވެގެން ހިނގައިދާނެއެވެ. ލަވަ ކިޔަން ޚިޔާލު ދޭންވީކަން ނޭގެއެވެ. އަލުން ސަލާރުއާއި ބައްދަލުވާނެ ވަގުތަކަށް ގަޑި ގުނަން އޮތްވާ ލޮލުގެ އެސްފިޔަތަކަށް ބަރުވާންފެށިއެވެ.
ޖެހިގެން އައި ދުވަހު އަލާޔާ މެދު ގޯތި ތެރޭގައި ހުރި ރޯނުގައި ހެދުން ހިއްކަން އަޅުވަނިކޮށް ސަލާރުއާއި އަބްދަލް ނިކަން ރީތިވެލައިގެން ދަނިކޮށް ފެނުނެވެ. މަގަށް ނިކުމެ ބަލައިލެވުނުއިރު މަގުމަތީގައި ހިފާފައި ހުރި މީރުވަހުން ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. ވިސްނައިލުމުން އެނގުނީ އެދެ ފިރިހެނުން ދިޔައީ ހުކުރު ނަމާދަށް ކަމުގައެވެ. އައިމަލްއަށް ގޮވަންވެގެން ދިޔައިރު އެއޮތް އަޅުވެރިޔާ އޮތީ ބާލީހުގައި ބައްދާލައިގެން ގަދަ ނިދީގައެވެ. އޭނަ ގޮވާފައި ހުކުރު ގަޑިކަމަށް ބުނުމުން ކިޔައިލީ ހުތުރު އެއްޗެކެވެ.
"ގްރްރްރް...." އަލާޔާ އަތް މުށްކަވައިގަތެވެ. ވައިގެ ތެރޭ އަތް ހޫރައިލިނަމަވެސް އައިމަލްގެ މޫނަކު ނުޖެހުނެވެ. އައިމަލްގެ މުނާފިގުކަން އެނގުމުން ވަކިން ފޫހިވިއެވެ.
***
ރޭގަނޑު ކެއުމަށްފަހު އެންމެން ސިޓިން ރޫމްގައި ތިއްބާ ސަލާރު އޭނަގެ ގިޓާ ހިފައިގެން ނިކުމެ ސޯފާއެއްގައި ޖައްސައިލިއެވެ. އަދި މަންމަގެ އުފަން ދުވަސްވުމުން ހަދިޔާއެއް ދޭންކަމަށް ބުނުމުން އެންމެންގެ ސަމާލުކަން ލިބުނެވެ. ސަލާރު އޭނަގެ ދިގު އިނގިލިތައް ގިޓާގައި ހިންގައިލުމާއެކު ސަމަރުގެ ލޯވެސް ބޮޑުވިއެވެ. މަންމައާއި ސަބޫރުއަށްވެސް ހައިރާންކަމެއް ލިބުނީ މިއީ ސަލާރުގެ ފަރާތުން ކުރިން ނުފެންނަ ހުނަރަކަށް ވުމުންނެވެ. ސަލާރު އޭނަގެ މަންމައަށް ޚާއްސަކޮށް އަމިއްލައަށް ތައްޔާރުކުރި ލަވަ ކިޔަން ފެށުމާއެކު އެންމެންގެ ހިތްތަކުގައިވެސް ބީހިލިއެވެ. ސޫފިޔާނާގެ ލޯ ތެމެމުންގޮސް އެންމެފަހުން ކަރުނަތައް ފޫދުއްވާފައި އޮހިގަތެވެ. ސަލާރު ލަވަ ނިމުނުއިރު ކައިރީ އިން ސޫފިޔާނާއަށް ދަރިފުޅުގެ ގައިގާ އޮޅުލައިގަނެވުނެވެ.
"ބީޓީއެސް ވައްޓައިލާނެ..އަހަރެމެންގެ ބްރަދާއަކީ ނޭގި ހުރި ޑައިމަންޑެއް. ތަރިއެއް........"ސަބޫރުވެސް ގޮސް ސަލާރުގެ ގައިގާ ހިފައިގަތެވެ. ސަމަރުގެ ޚިޔާލީ ވާ މާ ދުރަށް އެއްލާލައިފިއެވެ. އޭނައަށް ސަލާރު ފެނުނީ އެމެރިކާގެ ސްޓޭޖެއްގައި ލަވަކިޔަން ހުރި މަންޒަރެވެ. ވަށައިގެން އެތައް މިލިއަން ފޭންސްއިން ތަރުހީބުދޭތަނެވެ. ސަމަރުގެ ލޯ ދިއްލުނެވެ. އިތުރު ބަޔަކަށް އެނގިއްޖެއްޔާ ކޮއްކޮއަށް އެސްފީނާޖެހިދާނެއެވެ. ޚާއްސަކޮށް އަލާޔާއަށް އެނގިއްޖެއްޔާ އެ އަންހެނާ ލަދެއްނެތި ކޮއްކޮގެ ފަހަތުން ދުވަން ފަށާނެއެވެ.
***
އަލާޔާ އިމަޖެންސީ ރޫމް އޯޕީޑީގައި ހުރެފައި ބޭރަށް ނުކުމެލީޑޮކްޓަރ ލަސްކަމުން ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. ފާޚާނާއަށް ދާން ޖެހިއްޖެކަމުގެ އުޒުރުދެއްކީ ވަކި ކަމެއް ވެގެނެއް ނޫނެވެ. ހަމަ ނޭވާއެއްލާ ސްޓްރެސް ފިލުވައިލުމަށެވެ.
"އެންމެ މީހެއް ބަލާނިމޭއިރު އަހަރެން ހަނދަށް ހިޗް ހައިކްކޮށްފައި އެނބުރި އައުންހާ ލަސް އެބަވޭ...."
ކުއްލިއަކަށް ދެން ފެނުނީ ގަރުނުގެ އެންމެ ބޮޑު މަންޒަރެވެ. ޔަގީނުންވެސް އެފަދަ މަންޒަރެއް ހަޔާތަކު ދެން ނުފެންނާނެއެވެ.
ނުނިމޭ