"ވަގުތާއި ފައިސާ އަދި މުސްތަގުބަލްވެސް ބުނާނީ އެއަށް ތަބާވެ އެހެން ހުރިހާ ކަމެއް ހަނދާން ނައްތައިލުމަށެވެ. އެކަމަކު ﷲ ސުބުހާނަހޫ ވަތައާލާ އެންގެވިއެވެ. ހަމައެކަނި ﷲއަށް ކިޔަމަންވެ ﷲ މަތިން ހަނދާން ކުރާށެވެ. ތިމަން ރަސްކަލާނގެ ހުރިހާ އެއްޗެއް ދެއްވާ ހުށީމެވެ."

***

މާޒިން އިމަރޖެންސީ ފަޅިން ބޭރަށް ނުކުންނާން ހިނގައިގަތެވެ. ދޮރުމަތީގައި އިންތިޒާރުގައި ހުރި ކުއްޖާ އޭނަގެ އަތުގައި ހިފާ ދަމައިގަނެގެން ދުރަށް ދާން ހިނގައިގަތެވެ.

"ސްވީޓްހާޓް...މީހުން އެބަ ބަލައޭ....." މާޒިން ހެމުން ބުނެލިއެވެ." ކޮންމެފަދަ އެއްޗަކަށް އެރިގެން ހުއްޓަސް ދެން މި ކުއްޖާ ނޭގި ހުންނާނެތަ؟ކަޅު ހެދުން ލައިގެން ތިއައީ ކިޑްނެޕްކުރަންތަ؟"

ފަހަތުން ސިކިއުރިޓީއެއް އައިގޮތަށް އެދޭތެރެއަށް ވަނެވެ.

"ޔޯ އައި ޑީ ޕްލީޒް...."

"އައިޑީއޭ؟ މޫނު ބުރުގާ އަޅާ ކުދިން މޫނު ބަލަންވެގެން ފިރިހެން ސިކިއުރިޓީއެއް އުޅެންޏާ ތިއަށްވެސް ކިޔާނީ އެބިއުޒް. އެނގޭތަ؟އަޅުގަނޑުގެ ބައްޕައަކީ ރައީސް....ރައީސްގެ ސިއްރު އަނބީގެ ދަރި.. ހަމަ މިހާރު މިގުޅަނީ.......އަންހެނުންގެ ސިކިއުރިޓީ ކަންތަކުގައި އަންހެނެއް ދެއްތޯ ހުންނަން ޖެހޭނީ؟ ވަގުތުން މިއެރެންޖްކުރަނީ؟" އެކުއްޖާގެ ވާހަކަ އިވިފައި ސިކިއުރިޓީއަށް ޝޮކެއް ލިބުނުފަދައަކުން އަނބުރައިގެންފާނެތީ އާޒީން ހާސްވިއެވެ. އެހެންޏާ އެކުއްޖާގެ މޫނު ހުދުކަމުން ހުރިހާ ލެޔެއް ޖަމާވީ ފައިބުޑަށް ނޫންކަމެއްވެސް ނޭގުނެވެ.

"ފެއިންޓްވިޔަސް އޯކޭވާނެ. ޔޫ ނޯ...މިހިރީ ދުނިޔޭގެ އެންމެ ބޮޑު ޑަކުތަރު ތި ބޭފުޅާގެ ސާވިސްގައި......" އާޒީން މާޒިންއަށް އިޝާރާތްކުރަމުން އެއް ލޯ މަރައިލިއެވެ .ޕޮލިސް ކުއްޖާމާފަށް އެދިފައި އަވަހަށް ނުދެނެހުރިކަމަށް ހަދައިގެން ގޮސް އެހެން މީހަކާއި ސުވާލުކުރަން ފެށިއެވެ. އޭނަ އެ ކުއްޖާގެ މުޅި ދުވަސް ޚަރާބުކުރުވައިފިއެވެ.

"އާޒް ތިހެން ނޫޅެބަލަ. ނައު ޔޫ އާ ނޮޓް އެ ކިޑް އެނީ މޯ..ދެން ދޮގެއް ބުނެފިއްޔާ ކަންފަތް އުފުރާލައިގެން ގޮސް ވަޅުލާނީ.. ސީރިޔަސް. އާޔާ ދޮގު ހަދަނިކޮށް ލަނޑެއް ލިބިދާނެ..............."

"ޔޫ ނޯ ވަޓް ބްރޯ......މިއަށް ކިޔާނީ ވައިޓް ލައިސް. ހުދު ފަންޑިތަ ފަދައިން ހުދު ދޮގަކުން ގެއްލުމެއްނުވާނެ. އެކްސެޕްޓް އެހެން ބުނީމަ އެ ޕޮލިސްކުއްޖާ ހާޓު އެޓޭކެއް ނުޖެހި އެދިޔައީ ހަމަ ކިރިޔާ.އެ ފަކީރުގެ ޕާޓީގެ ޕްރެޒިޑެންޓްގެ އެފަދަ ވަރުގަދަ ސިއްރެއް އެނގުނީމަ ޝޮކްވެސް ޖެހޭނެތާ....އަދި ގަބޫލުކޮށްފި އެހާ އަވަހަށް....."

"ކަޅުހެދުމުގައި ހުރި ކުއްޖަކު މަތިމައްޗަށް ދޮގުހަދާނެކަމަށް އޭނަވެސް އެކްސްޕެކްޓެއް ނުކުރާނެ.....ބޭޑް ގާލް...މަގޭ ޓްވިން އަށް މިކުއްޖާ ވީ ކިހިނެއް؟"މާޒިން ހަށަން ބަދެލިއެވެ.

"މާޒް. މިއައި މަގުމަތީގައި އެހެން ޚަބަރެއް ލިބިއްޖެ. ވަޒީފާއަށް އިއުލާންކޮށްފަޔޯ އޮތީ. ރަށަށްނުގޮސް މިކޮޅުގައި މަޑުކުރަން ޖެހިއްޖެ. އެހާ އަވަހަށް ހަނާގެ ޓްރީޓްމެންޓް ނުވެސް ނިމޭނެ. އެހެންނޫނަސް އަހަރެމެންގެ ރަށޭ އެކިޔާ ކުޑަ އަވަށަށްގޮސްގެން ޖޮބެއް ނެތްތާ ފިއުޗާއެއްވެސް ނުފެނޭ..މާޒްއާއި މިތާ ވެރިންވެސް ކިހާ އެކުވެރި. ކޮންމެވެސް ވަރެއްގެ ނުފޫޒެއްވެސް އޮންނާނެއްނު. ޗާމިން ބްރަދާއެއް ހުރުމަކީ އާޔާގެ ނަސީބު..ޖޮބް ލިބިއްޖެއްޔާ ޑިނައަކަށް ގެންދާނަން..."

"އޯކޭ. އޯކޭ އެކަމަކު މަގޭ ކޮއްކޮއޭ އެހެން މީހެއްގެ ގާތު ނުބުނާތި. "

"ހަހަ...ކޮއްކޮއެއްކަން އެނގުން ފަޚުރެއްކަމަށް ނު ދެކެން ވާނީ.....ކޮއްކޮ އޭ ބުނަން ލަދުން އުޅެންޏާ ދެން އަނގައިންވެސް ނުބުނާނަން......."

"ތި ކުއްޖާއަށް އަނގަ ނުތަޅުވާ އިރުގަނޑަކަށްވެސް ނީދެވޭނެ. އަނގައިން ނުބުނެ ހުރެއްޖެއްޔާ މިރެކްލްއެއް....މިރެކްލްގެ ވެސް ބޮޑު މިރެކްލްއަކަށް ނު ވާނީ.........."

"ޓޮއިލެޓެއް ކޮންތާކު ހުރީ؟ ކަޅު ހެދުން ބާލާފައި ދެން ނޯމަލްކޮށް ނުކުތީމަ ނޫނީ ސިފައިންގެ މީހާ އަށް ރަގަޅަށް ޚިދުމަތެއްވެސް ނުދެވޭނެ...ޕްރެޒިޑެންޓްގެ ދަރިއަށް ބޭ އަދަބީކޮށް ކަންތައްކުރެވުނީތީ...."

މާޒިން ފާޚާނާ ހުރިތަން ބުނެދިންއިރު އާޒީންގެ ނަޒަރު ހުއްޓުނީ ކާރުން ފޭބި ޒުވާނަކަށެވެ. އެކުއްޖާގެ ބޮލުން ކޮންމެވެސް ވަރަކަށް ލޭ އޮހެމުން ދިޔަތަން ފެނިފައި އުދުހިފައި ދުއްވައިގަނެވުނީ ފުރޮޅުލީ ގޮނޑިއަކައި ދިމާލަށެވެ. އެހާ އަވަސް ހަރަކާތަކާއެކު ގެނައިގޮތަށް އެ ފިރިހެންކުއްޖާއާއި ދިމާލަށް މިސްރާބުޖެހިއެވެ.

"ކިހިނެއްވީ؟ " އޭނަ ހާސްކަމާއެކު އަހައިލިއެވެ.

"ލޯބިން ގެންގުޅޭ ކޮކަޓޫ ދަތް އަޅައިގަތްގޮތަށް އެއްބައި ކާލައިފި....."

"ނަސީބެއްނު ލޯ ގޮބޮޅިއާއެކު ނުގެންދިޔަކަން..ތި ކޮކާއްކޯއަށް އަދަބެއް ދޭން އެބަޖެހޭ ތުންގަނޑު ކަނޑައިލާނީ.. އޭރުން މީހުން ލޯބިން ބަލާބޮޑުކުރި ފިރިހެންދަރިއެއްގެ މޫނުމައްޗަށް ހަމަލާނުދޭނެ.އެސޮރުގެ ނުބައިކަން ދައްކައިލަންވެސްް މޫނު ނޫން ތަނެއްގައި ދަތް އެޅިނަމަ..........."

ޒަޚަމްވެފައިވާ ކުއްޖާއާއި އެކީ އައިކުދިންނަށްވެސް ހެވުނެވެ." ދައްތާ....ކޮކާއްކޯއެއްނޫނޭ....ކޮކަޓޫ........"

"ދައްތަމެން މުސްކުޅިންނަށް ދެން ތި ފާޑުފާޑު ނަންނަމެއް ނޭގޭނެ. ކޮކާއްކޯ ކަހަލަ އެހެން އެއްޗެއް ވަލުތެރޭގައިވެސް އެބައުޅެއެއްނު. ކޮމަންޑޫ ޑަކުތަރުކަން ނޭގޭ............އޭ....ޑަކުތަރު ސާހަބު...އަވަހަށް ދުރުވޭ.....މި ދަރިއަށް އެހީވެދީ........."އާޒީން އިމަޖެންސީ ރޫމާއި ދިމާލަށް ގޮނޑި ދުއްވާލައިފިއެވެ. އޭނަ ވާހަކަދެއްކިއިރު އަޑު ކެނޑިގެން ދިޔަގޮތުން މުސްކުޅިއެކޭ ތަފާތެއް ނެތެވެ. އަޑު ބަދަލުކޮށްލަން އެވަރެއް ނެތެވެ. މާޒިން މާސްކް އަޅައިގެން ހުރިއިރު އޭނަގެ ތުންފަތަށް ވެރިވި ހިނި މީހަކަށް ނުފެންނާނެއެވެ. ދުމެއްހެން އެތެރެއަށް ވަދެ ނަރުސްކުދިންނާއި އެ ޒުވާނާ ހަވާލުކޮށްފައި އެނބުރުނުއިރު މާޒިންގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ. އޭރު އެ ޒުވާނުންވެސް އާޒީންގެ ވާހަކަތައް އިވިގެން ހުނުން ނުހިފެހެއްޓިގެން އުޅޭތަން ފެނުނެވެ.

"އާޔާ.........." މާޒިން ދަތްތަކަށް ބާރުލާފައި ކިޔާލިއެވެ."އައުޓް....ސީރިޔަސްކޮށް.....ޓޫ މަޗް އިނގޭ....."

"މާޒް....ބުނަން. އަސްލު ލޯބިން ގެންގުޅުނު ޕެޓެއްނޫން. ވަގަށް ނަގަން އުޅެނިކޮށް ކޮކަޓޫ ހަމަލާދިނީކަން ޔަގީން. ޒަޚަމް ފަހައިލާއިރު އަނަގަވެސް ފަހައިލާތި....." އާޒީން ހިނގައިގަތީ ކުޑަކޮށް ގުދުވެލައިގެން ހުރެ ކޮރެއް ޖަހަމުންނެވެ.

 

***

އާޒީން ފާޚާނާއިން ނުކުތްއިރު އޭނަ ހުރީ ޖިންސަކާއެކު ކަކުލާއި ހަމަޔަށް އޮތް ކަޅުކުލައިގެ ރީތި ހެދުމެއްގައެވެ. ކުރު ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްލާފައެެވެ. އަވަސް ހިގުމެއްގައި އެ ދުރުމިން ކަޑައްތުކޮށް ހޮސްޕިޓަލުގެ މައި ދޮރުން ނުކުތްއިރު މަހާ ދަރިފުޅު ގޮވައިގެން ފެންގަނޑުކައިރީ އުޅޭތަން ފެނުނެވެ.

"އެޕޮއިންޓްމެންޓް ޓައިމް......އަވަސް...."އާޒީން ދުރުގައި ހުރެ ހަނާ އެޅިއެވެ.

އާޒީން ނަފްސާނީ ޑޮކްޓަރަށް ދައްކަން ވަންނައިރަށް އެމީހާ ސުވާލުކުރަން ފެށީ ފޫހިވެ ނިދި އައިސްފައި އިނދެއެވެ. މިއީ އެއްގޮތަކަށްވެސް އޭނައަށް ކަމުދާ ކަހަލަ ޑޮކްޓަރެއްނޫނެވެ. އެންމެ ފޫހިވީ ޑޮކްޓަރ ނިސްބަތްވާ ގައުމުގެ ގޮތުންނެވެ. އޭނަ ދެކޭގޮތުން އިންޑިއާހާ މުޑުދާރު މޮޔައިން ގިނަ ގައުމެއްނެތެވެ.

"ޑޮކްޓަރ ނަފްސާނީވެފައި ހުރެގެން އެހެން މީހުންނަށް ބޭސްފަރުވާ ކުރާނެ ގޮތެއް މަގޭ ބުއްދިއަކަށް ނުވިސްނޭ. ގުރައިދޫއަށް ތި ބޭފުޅާ ގެންދަން މެނޭޖްމެންޓަށް ދަންނަވާ......."އާޒީން ކްލިނިކަލް އެސިސްޓެންޓަށް ބުނެލައިފިއެވެ."މަގޭ ދަރިފުޅު ބިރުން އެހެރީ ތުނބުޅިފެނުނީމަ.އެހާ ފައިސާ ލިބޭއިރުވެސް ޝޭވް ކުރަން ދާން ނުކެރޭ. ސްޓޯން އޭޖް ނޫން ވިއްޔަ. އޭރު ހުރިހާ އެއްޗެއް ގަލުން ވިއްޔަ ހުރީ...ކަތުރާއި މެޓަލް ސާމާނެއް ނެތް............"

"ކީކޭ؟" ޑޮކްޓަރ ކްލިނިކަލް އެސިސްޓެންޓް ކައިރިން އަހާލައިފިއެވެ.

"ޑޮކް......އަސްލު ނުބައި ތަނަކަށް މިވަދެވުނީ.....ކައުންޓަރުން ނުބައި ޑޮކްޓަރަކަށް ނަމްބަރުދިނީ. އެ ވާހަކަ މިބުނެލީ...." އާޒީން އިނގިރޭސިން ބުނެލިއެވެ. އަދި ވަރަށް ލޯބިން ހިނިތުންވެލާފައި ނުކުމެގެން ދާން ހިނގައިގަތެވެ. ކްލިނިކަލް އެސިސްޓެންޓްއަށް ހަގީގަތް ކިޔައިދޭން ނުކެރި މަޑުމަޑުން ފޯނާއި ކުޅެލަ ކުޅެލާއިނެވެ. ނިވާވާ ކަހަލަ ހެދުމެއް އަޅައިގެން ހުރުމުން އޭނަ މާތްކުއްޖެއްކަމަށް ހީކުރިތަނާ އޭނަ އެހީކުރީ ކުށްހީއެއްކަން އެކުއްޖާ ދައްކުވާދީފިއެވެ. ހަގީގަތަކީ މީހަކު ހެދުން އަޅާގޮތަކީ އެމީހާގެ އަޚުލާގާއި ޝަޚުސާއި ގުޅުން ހުރިކަމެއް ނޫނެވެ. ނަމަވެސް ދީންގައި އަންގަވާފައިވަނީ އައުރަ ނިވާކުރުމަށެވެ.

އާޒީން ކޮޓަރިން ބޭރަށް ފިޔަވަޅެއް އަޅާފައި ޚިޔާލު ބަދަލުވެ ފިޔަވަޅު ހުއްޓުން އެރިއެވެ. މީހާގެ ސިފައަކުން އަދި އެމިހާގެ މޮޅުކަމެއް ދަނެ ނުގަނެވޭނެއެވެ. ރީތި މީހުންގެ ތެރޭގައިވެސް ޖާހިލުން އުޅެނީ ނޫންހެއްޔެވެ؟ އެމީހާ އަދި ކޮންމެފަދަ ގޮތަކަށް ހެދިގެން އިނަސް ސިކުނޑީގެ ތޫނުކަން ދެނެގަނެވޭނީ ވާހަކަދައްކައިލީމައެވެ.

"ޑޮކްޓަރ ވިޖޭ....ހަމަ ރަގަޅޭ. މި މެމޯކޮޅު ބަލައިލީމަ ޔަގީންވީ..އެންމެ ކުރިން ހީކުރީ ޑީޖޭކަމަށް....." އާޒީން ދަރިފުޅު ކިހިލީގައި ޖަހައިގެން ވަދެ ގޮނޑީގައި ދަރިފުޅު ބޭންދިއެވެ. ހަނާ ހާސްކަމާއެކު އަވަހަށް އަނގައިގާ އިނގިލިޖެހިއެވެ. ޑޮކްޓަރ ހިނިތުންވެލުމާއެކު އެހެންމީހަކު ފެނިލިހެން ހީވިއެވެ. ހަގީގަތުގައި އޭނަ ކިތަންމެހާވެސް މޮޅެވެ. އޭނަ އެކި ސުވާލުތައްކޮށް ބަލިވެސް ދެނެގަތެވެ. އޭނަ ބުނީ ހަނާގެ އެއްވެސް މައްސަލައެއް ނެތެވެ. ކުދިންގެ މިޒާޖާއި އަމަލުތައް ތަފާތުކޮށް ހުރުމަކީ ނަފްސާނީ މައްސަލައެއް ހުރުން ނޫންކަމުގައެވެ. އޭނަ މޮޅުކަމަށް ހީކުރެވުނީތީ އާޒީން އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ހަގީގަތުގައިވެސް ހަމަ އިންޑިއާގެ އެންމެ ގަމާރު އެކެކެވެ. އިންޓަވިއުކޮށްފައި ވަޒީފާދިން މީހެއްގެ ގަމާރުކަން ކުޑައެއް ނޫނޭ ހިތަށް އަރުވާފައި ކުދިކިޔަމުން އާޒީން ނުކުތެވެ.

***

"ތޭންކް ގޯޑް. އަހަންނަށް ވަޒީފާ ލިބިއްޖެ...." އާޒީންއަށް ލިބުނު މެސެޖާއެކު ފުންމައިގެންގޮސް ހިފައިގަތީ މާޒިންގެ ގައިގައެވެ." މާޒް އެމީހުންގެ ބޮލަށް ވަދެގެން ދޯ. އެނީވޭސް އެމީހުން އެކަމާ ރިގްރެޓެއް ނުކުރާނެ. އެންމެ ބެސްޓް އެމްޕްލޯއީގެ އެވޯޑް ދޭނެ އަހަރުނުވަނީސް..ތެންކިއު ބްރަދާ..."

"އެކަމަކު މަގޭ ކޮއްކޮއެކޭ މީހެއްގެ ކައިރީ ނުކިޔަން ހަނދާން ހުންނާނެ ދޯ..." މާޒިން ހަނދާންކޮށްދިނެވެ.

"ވަރަށް ފޫހިވޭ. ދެމިނިޓް ތަފާތުހުރި ޓްވިންއާއިމެދު ފަޚުރުވެރިވާންވީމަ އިންޑިރެކްޓް ކޮށް ތިބުނީ ލަދުގަނެޔޯ ކޮއްކޮއަށް ވީމަ. އައި ހޭޓް ޔޫ.....ހުވާ..."

މާޒިން ހިނިގަނޑެއް ޖަހާލާފައި ސިޑިއާއި ދިމާލަށް ހިނގައިގަތެވެ."ވަރަށް ވަރުބަލިވެފައި. ރެސްޓްކޮށްލަން ދަނީ..ގިވް އެ ކިސް ޓު ހަނާ ދޮންބެގެ ފަރާތުން.."

އާއިލާގެ ގާތް މީހުންނަށް ވަގުތު ނުދިނަސް މަހާއަށް ވަގުތުދޭނެކަން އެނގި އާޒީންގެ ހިތް ޝަކުވާއިން ފުރުނެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. "ޕޮޒިޓިވް"ކޮށް ވިސްނައިގެން ދުނިޔޭގައި އުޅުމަށްވުރެ ރަގަޅު ގޮތެއް އިންސާނުންނަކަށް ނެތެވެ. ހަސަދައާއި ނަފްރަތުފަދަ ޖަޒުބާތުތަކުން ހިތް ނުސާފުކުރުމުން އަމިއްލަ އުފާވެރިކަން ނިގުޅައިގަތުން ނޫންކަމެއް ނުވާނެއެވެ. ދިރިއުޅުމަކީ ކުރު އެއްޗެކެވެ. މާތް ރަސްކަލާނގެ އޭނައަށް ދެއްވަން ހުރި ނިއުމަތެއް އޭނައަށް ދެއްވާނެއެވެ. އޭނައަށް ވަޒީފާއެއްވެސް ލިބުނީއެވެ.

މަންމަ އާއި ބައްޕައަށް ގުޅާފައި އޭނަ ޚަބަރު ދިނުމުން އެދެމަފިރިން ވަރަށް ނުގަބޫލުވެ ރަށަށް އަންނަން އަމުރުކުރިއެވެ.

"މަންމާ..މިއުޅެނީ މިކޮޅުން މެރީކުރަން..."

"ކާކާތަ؟" މަންމަ ހައިރާންވިއެވެ.

"ޑޮކްޓަރަކާ....."

"ސުބުހާނަﷲ......." މަންމައަށް ލިބުނީ ހައިރާންކަމެކެވެ.

"މަންމަމެންގެ ދަރިފުޅު ޑޮކްޓަރަކާއި ކައިވެނި ކުރި ވާހަކަ ބުނީމަ އަވަށްޓެރިންގެ އަނގަތައް ބަންދުވާނެ. މަންމައަށް ފަޚުރުވެރިކަމާއެކު ބުނެވޭނެ އާޒީން ޑޮކްޓަރަކާއި ކައިވެނިކޮށްގެން ހަނީމޫނަށް ވިލާތަށް ފުރައިފިއޭ......ސޯ މަންމަމެން ހިތްހަމަޖައްސައިލާ..ދެރަގޮތެއްނުވާނެ...." ވާހަކަތަކުން މަންމައާއި ބައްޕަވެސް ވަގުތުން ހެއްލުނެވެ. އަދި މާޒިންގެ ޚަބަރު އަހައިލިއެވެ. ނުގުޅާކަމަށް ބުނެ ޝަކުވާކުރިއެވެ.

"ޑޮކްޓަރުން ބިޒީކަމުން ނޭވާލާނެ ވަގުތެއްވެސް ނުވެއޭ މަންމާ. އެއްގެއެއްގައި އުޅޭއިރުވެސް ނުފެނޭ. އެކަމަކު މާޒިން މަންމައާއި ބައްޕަދެކެ ވަރަށް ލޯބިވޭ. ވަރަށް ސަލާމް ފޮނުވި...." އާޒީން މަތިމައްޗަށް ދޮގުހަދާފައި ފޯނު ބޭއްވުމަށްފަހު ހެދުނު ދޮގު ތެދުކުރާނެ ޕްލޭނަކާއިމެދު ވިސްނަން ފެށިއެވެ. މިވީގޮތުން އޭނަގެ ހަޔާތުގެ ބައިވެރިޔަކަށް ޑޮކްޓަރަކު ގެންނަން ޖެހިއްޖެއެވެ. މަންމަ މިވަގުތުކޮޅު ހުންނާނީ އެ ޚަބަރާއިގެންގޮސް ފާތިމަ ކައިރީގައެވެ. ދޮން ފާތިމައަކީ އެރަށު ބީބީސީ ރިޕޯޓަރެވެ. އެ ޚަބަރު މުޅި ރަށުގައި ފަތުރައިލާނީ ބޯކެޔޮވަލަކު ހުޅުލީހެންނެވެ.މަންމަ ކައިރީ ދޮގުހެދިޔަސް އަދި ކުޑައިރުގެ ހުވަފެނަކީވެސް މުއްސަދި ޑޮކްޓަރެއްގެ އަންބަކަށް ވުމެވެ.އެހުވަފެނާއި ކައިރިއަށް ފިޔަވަޅެއް އެޅިއްޖެއެވެ. ދެން ޖެހޭނީ ކޮންމެވެސް ޑޮކްޓަރަކު އަތުއަޅުވައިލާށެވެ.

***

ހަމީދާއާއި ސަކީނާ ނިކަން ފޯރިއާއެކު ގުޑުގުޑާ ބޯން ތިބިތަން ފެނުމުން އާޒީން ކައިރިއަށް ދިޔައެވެ. ދެމީހުން އޭގެ ނޮޅި އެކަކު އަނެކަކަށް ދެމުން އެ ބޮމުން ވަރަށް ހެވިފައި ތިބި މަންޒަރު އޭނަ ފޯނުގައި ރައްކާކުރިއެވެ. އަދި ފޭސްބުކަށް ޕޯސްޓްކޮށްލައިފިއެވެ. 

މަހާއަށް އެކަން އެނގުމުން ހިތްހަމަނުޖެހޭ ގޮތްވިއެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ. ދެރައީ އާޒީން ޖޯކު ޖެހުމުގެ ވަސީލަތަކަށް މާމަ ހެދިކަމެވެ.

 

***

އާޒީންގެ މައިންބަފައިން އޭނަގެ އައިޑީގައި އަލާޔާ އާޒީން އާދަމް ޖަހަންވީ އެއްވެސް ސަބަބެއް އޭނައަކަށް ނޭގެއެވެ . މާޒިން އާދަމް ފަދައިން އެންމެ ނަމެއް އޮތްނަމަ ރަގަޅުވީސްކަން ނޭގެއެވެ. އޭނަ ކުޑައިރު ސުވާލުކުރުމުން އެނގުނީ މަންމައާއި ބައްޕައަށް ދެނަން ރީތިވުމުން ދެ ނަންވެސް ބޭނުންކުރީކަމުގައެވެ. މިހުރިހާ ދުވަހު އެންމެނަށް އޭނަ އެނގިފައި އޮތީ އާޒީންގެ ނަމުގައެވެ. އެއީ އޭނަގެ މާޒީއެވެ. ހަޔާތުގެ އާ ސަފުހާތަކެއް ލިޔަން ފަށާއިރަށް އޭނަގެ އަނެއް ނަން ބޭނުންކުރަން އޭނަ ނިންމިއެވެ. މިއަދުން ފެށިގެން އޭނައަކީ އަލާޔާއެވެ. އާޒީންއަކީ މާޒީއެވެ. ބަދުނަސީބެވެ. މާ ރީތި ހަނދާންތަކެއް އެ ސަފުހާތަކަކު ނެތެވެ. 

***

އަލާޔާ ވަޒީފާއަށް ދާން ނުކުތްދުވަހު ލުއިގޮތަކަށް މޭކަޕްކޮށްލިއެވެ. ކަޅުހަރުވާޅަކާއި ހުދުކުލައިގެ ޓޮޕަކާއެކު އަޅާފައިހުރި ޝޯލާއިމެދު އޭނަ ހިތްހަމަޖެހުނެވެ. ހަދިޔާއަކަށް ލިބިފައިހުރި ސެންޓްފުޅިން ސެންޓްޖަހައިލިއެވެ. އަމިއްލަ ނަފުސަށް އޮތް ފުރިހަމަ ޔަގީންކަމާއެކުގައި އޭނަ ގެއިން ނިކުންނަމުން ދުޢާއެއްވެސްކޮށްލިއެވެ.

ފުރަތަމަ ދުވަހު މަސައްކަތްކުރަން ޖެހުނީ ރިސެޕްޝަނުގައެވެ. ބްރޭކްގަޑީގައި ކޮރިޑޯއިން ހިނގާފައި އަންނަނިކޮށް ސައިކޭޓްރިސްޓުން ބަލާ ރޫމާއި އަރާ ހަމަވުމުން އެދިމާލަށް ބަލައިލެވުނީ މީހަކު އެތެރޭގައި ހުރިހެން ހީވެފައެވެ. ލޮލުގައި އަޅައިގަތީ ނަން ބޯޑެވެ." ޑޮކްޓަރ އައިމަލް"އެނަމުގެ ވެރިޔާ ދެކޭހިތުން ނުހުރެވިގެންގޮސް ދޮރު ހުޅުވާލުމާއެކު ނޭފަތުގައި ޖެހުނީ ކޮފީގެ ދެވިހިފާ މީރުވަހެވެ. އެ ފިރިހެނާ ހުރީ ބިއްލޫރި ފާރުކައިރީގައި ކުރިމަތިން ފެންނަން އޮތް ހިތްގައިމު މަންޒަރުތަކަށް ގެއްލިފައެވެ. ފަހަތުން ފެނުނުއިރު ސްމާޓެވެ. އެކަމަކު މޫނު ހުތުރުކަމުން އަނބުރައިނުގަންނާނެކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟ އެކަމަކު ކޮޓަރިތެރޭގައި ހިފާލާފައި މީރުވަހެއް ހުއްޓެވެ.

"ޑޮކްޓަރ އައިމަލް؟" އަލާޔާ ކަރުކެހިލިއެވެ. އަދި އެންމެ ރީތި ހިނިތުންވުން ވެރިކުރަމުން އިންތިޒާރުގައި ހުރިއިރު ޑަގަ ޑަގަލާފައި ހިތްތެޅުނެވެ.

އައިމަލް ބަލާލުމާއެކު އަލާޔާއަށް އެއީ އޭނަގެ ހަޔާތަށް އެންމެ އެކަށީގެންވާ ބައިވެރިޔާކަން ޔަގީންވިއެވެ. ހަޔާތުގެ ބައިވެރިޔަށް ހުރުމަށް އޭނަ އެންމެ ގަޔާވަނީ ވަކި ސިފަތަކެއް ހުރީމައެވެ. އައިމަލް ހީވަނީ ވެމްޕަޔާ ޑައިރީސްގެ ކްލައުސްގެ ކޮއްކޮގެ އެއްމާބަނޑު މީހެއްހެންނެވެ. ކުޑަކޮށް ރާޅުބާނި އިސްތަށިގަނޑު ހޭވިފައިވާގޮތާއި އެ ކަންނެތް ދެލޯ އަދި އެ ވެމްޕަޔާ ނަޒަރުވެސް އޭނަގެ ހިތް ރޫރޫ އަޅުވައިލީ ބިރުންކަމެއް ނޫނީ އެހެން ސަބަބަކާހުރެ ކަމެއް ނޭގުނެވެ. ތުނިކޮށް ކޮށާލާފައިވާ ރަންމުށިކުލަ އަރާ ތުނބުޅިއާއި އިސްތަށިގަނޑުގެ ކުލަވެސް ތަފާތެއް ނެތެވެ. ބުމަ ވެސް ގަދައެއް ނޫނެވެ. ފަނޑު މުށި ބުމައެކެވެ. އެންމެ ރީތި ފިޔާތޮށިކުލައެއްގެ ތުންފަތެކެވެ. ކްލައުސްއަށް ހިތް ކިޔާ އަންހެންކުދިންނަށް އެންމެ ރީތިވާނީ މި ޒުވާން ޑޮކްޓަރކަމާއިމެދު ޝައްކެއް ނެތެވެ. އަލާޔާގެ ހިތް ކިޔައިފިއެވެ.

"އަޅުގަނޑަކީ އަލާޔާ....... އާ ސްޓާފެއް..."

"އޯ....ނުފެންނަނީ އެހެންވީމަ ދޯ.." އައިމަލްގެ އަޑާއި ރާގުގައިވެސް އެހެރީ އެންމެ ހިތް ކިޔާގޮތެވެ.

"މިރޫމް ވަރަށް ކޮމްފޮޓަބްލް.."

"ތިބުނީ ހަމަތެދެއް. މިފަޅީގައި މިހިރަ ރޫމްތަކުން ބޭރުގެ މަންޒަރުތައް ފެންނަން ހުރީމަ ޑިއުޓީގައި ވަގުތު ދާގޮތެއްވެސް ނޭގޭ.....ކޮފީ ބޯނަންތަ؟"އައިމަލް އެހިއެވެ.

"ވެލް.....އޯކޭ.....ކޮފީއަކީ އެންމެ ފެވެރިޓް ބުއިން........" އަލާޔާ އެ ދައުވަތަށް އިޖާބަދިނީ ހިތުން ރުހުމުންނެވެ.

"ކޮފީއާއި ސެންޑްވިޗް......" އައިމަލް އޭނަގެ ދަބަސް ހުޅުވާފައި ސެންޑްވިޗެއްވެސް ދިއްކޮށްލިއެވެ. އަދި މޭޒުމަތީގައި ހުރި ފެންފުޅިން ތަށްޓަކަށް ފެންއަޅާފައި ކޮފީ ޕެކެޓެއް ކަނޑާލައިފިއެވެ.

"އަބަދުވެސް މިހާ ޖެނެރަސްތޯ؟" އަލާޔާ ފަރިގޮތަކަށް ހީލިއެވެ.

އައިމަލްގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. ތަފާތު ފިރިހެނެކެވެ. އެހެން ކުއްޖަކުވެސް އެތަނަށް ބޯދިއްކޮށްލާފައި އައިމަލްއާއި އަނގަ ތަޅާހިތުން ގޮނޑިއެއްގައި ޖައްސައިލިއެވެ.

"މާ ލަހުން ތި އާދެވުނީ. ސޮރީ..ކޮފީ ހުސްވެއްޖެ."އައިމަލް ބަލާވެސް ނުލާ ބުނެލިއެވެ.

"އިޓްސް އޯކޭ ސަރ...." އެކުއްޖާގެ މޫނަށް ރަތްކުލައެރިއެވެ. އައިމަލް ކައިރީގައި އަންހެންކުދިން ތުއިވާވަރެކެވެ. އަލާޔާ އެވަގުތު އަޒުމް ކަނޑައެޅީ ހުރިހާ އަންހެންކުދިންގެ ހިތުގެ ރަސްގެފާނު ފޭރިގަތުމަށެވެ.

***

އަލާޔާގެއަށް އައުމާއެކު ލިބުނީ އަހަން ބޭނުންވިފަދަ ޚަބަރެއް ނޫނެވެ. މާޒިންއަށްޓަކާ އުފާވިނަމަވެސް އޭނަގެ މުސްތަގުބަލާއިމެދު ފިކުރުކުރަން ޖެހުނެވެ. މާޒިންއަށް ޔޫކޭއިން ސްކޯލާޝިޕެއް ލިބުނީއެވެ. މާޒިން ނިންމީ މަހާވެސް ގޮވައިގެން ދިޔުމަށެވެ. އަލާޔާއާއިމެދު އޭނަގެފައިސަލާ އަކީ ރަށަށް އެނބުރި ފޮނުވައިލުމެވެ. ކައިވެނިކޮށްފިއްޔާ މާޒިންގެ ގޭގައި ހުރެވިދާނެއެވެ. ފަހު ޖުމްލައިން އަލާޔާގެ ސިކުނޑީގައި އުއްމީދުގެ ކަނި ފިޔަޖަހައިލިއެވެ. އައިމަލްގެ ތަސްވީރު އޭނަގެ ލޮލުގެ ސްކްރީނަށް އެރީ ކީއްވެކަމެއް ނޭގުނެވެ.

"އޭނަ މެރީޑް ކަމަށް ވާނީ. ކިހާ ސީރިޔަސް. އެންމެ ފޮނި ސީރިޔަސް ބޮޑާ ޑޮކްޓަރު ކަމަށް ހުރިހާ ސްޓާފުން ބުނާނީ ކޮންމެވެސް ސަބަބެއް އޮތީމައެއްނު. އެކަމަކު އޭނަ އެންމެ ރީތީ....ރީތިވީމަ ފޮނީކަމަށް ވާނީ. ފަޚުރުވެރިނުވާނީ ކާކު؟؟ ވެމްޕަޔާރ ކްލައުސް އާއި ވައްތަރުވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ނަސީބު..." އަލާޔާ ގެ ހިތުގައިވި އަޒުމް ވަރުގަދަވިއެވެ. އައިމަލް ހާސިލުކުރުން ހުރިހާ ކަމަކަށްވުރެ ބޮޑުވިއެވެ.

ފޯނަށް ބަލަހައްޓައިގެން ނުނިދިފާ އިރުކޮޅެއްވާންދެން އޭނަ އޮތެވެ. އެތައް ފަހަރު އައިމަލްއަށް މެސެޖްކުރަން ހިތް އާދޭސްކުރިއެވެ. މެސެޖް ލިޔަން ފަށާފައިވެސް ފޮހެލަން ޖެހުނީ އައިމަލްގެ ހިތް އެއްވެސް ވަރަކަށް ނޭގޭތީއެވެ.

 

***

އަލާޔާ ހިތަށް ފިނިވީ އެލޮކޭޝަނުގައި އޭނަގެ ނަން ޑޮކްޓަރ އައިމަލްއާއެކު އޮތުމުންނެވެ. ހިތަށް ބިރުވެރިކަމެއްވެސް ވަނެވެ.

"ކްލައުސްއާ އެކުގައިތަ؟" ކުއްޖަކު އަހައިލިއެވެ.

"ނޫން......އައިމް ވިތް ޑޮކްޓަރ އައިމަލް...."

"އެވާހަކައޭ ހަހަ.....އައިމަލްގެ ނިކްނޭމަކީ ކްލައުސް..."

"އައިމަލް މާ ރީތި..ކްލައުސްއަކާއި ވައްތަރެއްވެސް ނޫން....."އަލާޔާ ހިތް ހަމަނުޖެހޭ ގޮތްވިއެވެ. އެންމެނަށް އައިމަލް "ކްލައުސް"އާއި ވައްތަރުވެގެން އެނަން ކިޔަންޏާ އޭނަ ހަމަ ކިޔާނީ އައިމަލްގެ ނަމުންނެވެ.

"ހިނގާ ބަދަލުކުރަން....މަ ވަރަށް ފޫހިވޭ ސާޖިކަލް އޯޕީޑީއަށް ދާން..."

"ސޮރީ..." އަލާޔާ ދެކޮޅުހެދިއެވެ." މިބުނީ އަހަރެންގެ ދަރިފުޅުގެ މައްސަލައެއް ހުރެގެން ނަފްސާނީ ޑޮކްޓަރުގެ އޮޕީނިއަން އެއް އަހައިލަންކަމަށް. އެހެންވެ....ދެން ފަހަރަކުން އިނގޭ........"

އަލާޔާ ބަލިމީހުން ބަލާ ކޮޓަރިއަށް ވަންއިރު އައިމަލް މާސްކް ނާޅާ އިނުމުން އަވަހަށް ހެނދުނުގެ ސަލާމް ކުރުމުން އޭނަ ޖަވާބުދިނެވެ. އެކަމަކު ހީލަން ނޭގުނެވެ. ކިތައް ބަލިމީހުން ހެއްޔޭ އެހީ ރަސްމީކޮށެވެ.

"ހުރިހާ ދަތެއް އިދިކީލައަށް ފަޅާފައި އަދި ފަނި ކައި ކަޅުވެފައި ކަމަށް ވާނީ...އެހެންޏަ. ހީލަން ނުކެރޭނީ އެހެންވެތާ......" އަލާޔާ ހިތާހިތުން އެއްޗެހި ކިޔައިގަތެވެ." ބޮޑާ މީހުން ތަންތާ އުޅޭ. ހުވާ މިވަރެއް ނުދެކެން. މިހާރު އަހަރެން އެނގުނު ކަމަކަށްވެސް ނެހެދި. އިއްޔެ ކޮފީ ދިން ހަދާނެއްވެސް ނެތީތަ؟ ބޮލުގައި ހިފާ ހަލުވައިގަތީމަ އެ ތިކް ހެޑަށް އެއްޗެއް ވަންނާނީ. "

ބަލިމީހުން ނިމުމާއެކު އައިމަލް ތެދުވުނުގޮތުން ހީވީ އަލާޔާގެ ފަރާތުން ސަލާމަތްވާން މަސައްކަތްކުރިހެންނެވެ. ބަލިމީހާއާއެކު އެތަނުން ރައްކާވެގެން ދާން އުޅުނުހެންނެވެ. ފޫހިވާކަން އަންގަން މިވަރުގެ ވަރުގަދަ މެސެޖެއް މީހަކަށް ނުދެވޭނެއެވެ.

"ޑޮކްޓަރ އައިމަލް. މިނިޓްކޮޅެއް ދެވިދާނެތޯ؟"

އައިމަލް ގަޑިއަށް ބަލައިލިއެވެ. އެޕްލްގަޑީގެ އިޝްތިހާރެއްފަދައިން އެ އަތާއި އެ ގަޑި ނިކަން ގުޅެއެވެ.

"ހިތަށް އެރީ މިސްކިތަށް ދާނީއޭ. އެކަމަކު....ވަޓް އިޒް އިޓް..." އައިމަލްގެ ފުން ދެލޯ އޭނަގެ ލޮލާއި ގުޅުނެވެ. ސުބުހާނަﷲއެވެ. ދީންވެރިކަމުގެ ކޮޅެއް ނެތެވެ. ނަމާދު ގާއިމުކުރާ މީހާއަކީ އެންމެ ތަގުވާވެރި މީހާއެވެ. އޭނަވެސް ދީންވެރި ކުއްޖަކަށްވާ ހިތްވެއެވެ. ނުލިބެނީ ވަގުތާއި ކެތްތެރިކަމެވެ. ﷲ ހިދާޔަތް ދެއްވައިފި އަޅަކީ ނަސީބުވެރިއެކެވެ. އައިމަލްގެ ރީތިކަމާއި އެއްވަރަށް ދީންވެރިކަންވެސް އެ ދައްކުވައިދިނީއެވެ.

"އާ ޔޫ މެރީޑް......." އަލާޔާާ ހީކުރީ އޭނައަށް އެހެން ބުނެވުނީ ހިތުން ކަމަށެވެ. ނަމަވެސް އެ ލަފުޒުތައް އައިމަލްގެ ކަންފަތާއި ހަމަޔަށް ފޯރައިފިއެވެ. އަލާޔާގެ މޫނު ރަތްވެގެން އައިގޮތުން ކަންފަތު ފޫޅުގަނޑުގައިވެސް ހުޅު ހިފާފައިވާ ހެން ހީވިއެވެ. އޭނައަށް ކަންފަތުގައި އަތް ޖައްސައިލެވުނެވެ. ފޮޅުވައިލެވެންވެސް އުޅެވުނެވެ. ހޫނުވީވަރުން ހުޅު ހިފިހެންވެސް ހީވީއެވެ."ހީޒް ހޮޓް އޭޒް ބާނިން ކޯލް...ކިހިނެއް މިވަނީ. އާޔާ ހަމަޖެހިބަލަ.....ޝައިތާނާގެ ކަންތަކޭ..........ޑެވިލް.....އައި ހޭޓް ޔޫ...ނަމާދަށް ދާން އުޅޭ އަޅުވެރި ކުއްޖަކު ހުއްޓުވަން އަދި މިއެހުނީ ކޯނޗެކޭތަ؟...."

އައިމަލް އެއްލޯ ކުޑަކޮށްލަމުން ބަލައިލިގޮތުން އަލާޔާ އަށް އިހުސާސްވީ އޭނަ ވަގުތުން ގަނޑުފެން ގަނޑަކަށްވެ ހުރިތަނަށް ވިރިގެން ފައިބައިގަތްހެނެވެ. ޔަގީނެވެ. މި ސީރިޔަސް ޑޮކްޓަރ އައިމަލް އޭނަ ލަދުގަންނަވައިލާނެއެވެ.

ނުނިމޭ

 

ކޮމެންޓް 0