"މީހަކަށް ލިބެން އޮތް ނިއުމަތެއް އަދި ރިޒުގެއް އެހެން މީހަކަށް ފޭރިއެއް ނުގަނެވޭނެއެވެ. ކިތަންމެ ވަރަށް ހުއްޓުވަން އެހެން މީހުން މަސައްކަތް ކުރިޔަސް މެއެވެ. ވީމަ ތިބާއަށް ކުރެވުނު މަސައްކަތެއްކޮށް ﷲ ސުބުހާނަހޫ ވަތައާލާއަށް ތަވައްކަލް ކުރާށެވެ."
***
އަލާޔާ އިމަޖެންސީ ރޫމް އޯޕީޑީގައި ހުރެފައި ބޭރަށް ނުކުމެލީ ޑޮކްޓަރ ލަސްކަމުން ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. ފާޚާނާއަށް ދާން ޖެހިއްޖެކަމުގެ އުޒުރުދެއްކީ ވަކި ކަމެއް ވެގެނެއް ނޫނެވެ. ހަމަ ނޭވާއެއްލާ ސްޓްރެސް ފިލުވައިލުމަށެވެ.
"އެންމެ މީހެއް ބަލާނިމޭއިރު އަހަރެން ހަނދަށް ހިޗް ހައިކްކޮށްފައި އެނބުރި އައުންހާ ލަސް އެބަވޭ...."
ކުއްލިއަކަށް ދެން ފެނުނީ ގަރުނުގެ އެންމެ ބޮޑު މަންޒަރެވެ. ޔަގީނުންވެސް އެފަދަ މަންޒަރެއް ހަޔާތަކު ދެން ނުފެންނާނެއެވެ. ޒުވާން ފިރިހެންކުއްޖަކު އަޑުކޮޅަށް ރޮމުން ދުވެފައި އައީ އަތްދަނޑި މައްޗަށް ކުޑަކުއްޖަކު ލައިގެން ކަމުގައި ހީކުރެވުނެވެ. އަލާޔާ ލޯ ބޮޑުކޮށްފައި ބަލައިލިއިރު އަދި ހިތްވެސް ފުންމައިނުލީ ކިރިޔާއެވެ. ފިރިހެންކުއްޖާއަކީ ސަލާރުއެވެ. އަތްދަނޑިމަތީގައި އޮތީ ކުޑަކުއްޖެއް ނޫނެވެ. އޭނަ ގެންގުޅޭ "ބެލާ"އެވެ. އިމަޖެންސީއަށް ވަންގޮތަށް ސަލާރު ހަމަ އަޑު ވީއްލާ ރޮނީއެވެ. ލޯބިވާ މީހަކު މަރުވެގެންވެސް ފިރިހެނަކު އެގޮތަށް ކަރުނަ އޮއްސާތަން ފެނިފައިނުވާތީ އަލާޔާއަށް އާދަޔާ ޚިލާފު މަންޒަރަކަށްވިއެވެ.
"ސޭވް ހާރ ޕްލީޒް. ޝީޒް ޑައިން..." ސަލާރު ބުޅާ އެނދުމަތީ ބާއްވައިގެން ސީޕީއާރު ދޭން ފެށިއިރު އެންމެން ތިބީ ހަދާނެގޮތް ހުސްވެފައެވެ.
"އައި ތިންކް އިޓްސް އޯލްރެޑީ ޑެޑް.." ނަރުސްކުއްޖަކު ކައިރިވެލާފައި މަޑުމަޑުން ބުނެލިއެވެ.
"ނޯ..........." ސަލާރު ހުރިތަނަށް ކުޑަކަކޫ މައްޗަށް ތިރިވީ ފައިގާ ވާގި ހުސްވެ ކޮޅަށް ހުންނާނެ ވަރު ނެތިގެން ކަހަލަ ގޮތަކަށެވެ.
ޔަނާއަށް ޚަބަރު ލިބިގެން ތެޅިފޮޅެމުން އައިގޮތަށް ސަލާރު ގާތުގައި ހުއްޓިހުރިއިރު އޭނަ ގަދަކަމުން ލޮލަށް ކަރުނަ ގެންނަން މަސައްކަތްކުރިއެވެ. އެތަނަށް ސީއީއޯއަށްވެސް އާދެވުނީ ކޮންމެވެސް މީހެއްގެ ފަރާތުން އެކަން އެނގިގެން ކަން ނޭގެއެވެ. ބުޅަލެއް މަރުވެގެން މީހަކު މިވަރު ވެދާނެކަމަކަށް އަލާޔާ ހިޔެއްނުކުރެއެވެ. ސަލާރު ހަމަ ރަގަޅަށްވެސް ސައިކޯވީކަމަށް އޭނަ ނިންމިއެވެ. ލޯބިވާ މީހަކު މަރުވެގެންވެސް މީހަކު އެހާވަރަށް ރޮއި ހަދާނެކަމެއް ނޭގެއެވެ. އޭނަގެ މަންމަގެ މޭގައި ބޯ އަޅާލައިގެން ހުރެ ރޮއިފަ އެންމެފަހުން ވަރުދެރަވެގެން އެނދުގައި ބާއްވަން ޖެހުނެވެ. އައިވީވެސް ގުޅިއެވެ. އަލާޔާއަށް ބޮލުގައި އަތް ކާއްތާލެވުނެވެ.
"ސަލާރުގެ ސޭކުކަން...ބުޅަލަކާއި ހެދި...."
އަލާޔާ ގެއަށް އަންނަންވެގެން ކާރަށް އަރާފައިވެސް ހެވުނެވެ. ސަލާރުގެ މޮޔަކަން ހައްދުން ނެއްޓުމުން ނުހެވޭވަރެއްނޫނެވެ.
އައިމަލް ގުޅުމުން މޫނު ހަދާފައިވެސް އަލާޔާ ފޯނުނެގިއެވެ.
"އިމަޖެންސީއެއް އައިސްގެން ހޮސްޕިޓަލަށް ދާންވެގެން ހަނާ ސަމަރުމެން ގާތު ބަހައްޓާފައި މިއައީ......"
"ވަޓް؟" އަލާޔާއަށް ހަޅޭއްލަވައިގަނެވުނީ ބާރަކަށެވެ."މޮޔަވީތަ؟މަގޭ ދަރިފުޅު އޭނަ ލައްވާ ބޭބީސިޓްކުރުވާކަށް ބޭނުމެއްނޫން............... "
އައިމަލް ފޯނު ކަނޑާލުމުން ފޯނަށް ބަލަން އިރުކޮޅަކު އިނދެވުނެވެ.
***
އަލާޔާ ރުޅިއައިސްގެން ކަންފަތުން ދުން އަރާވަރުވިއެވެ. ސަމަރުދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން ކާރުގައި އިނދެވުނީއެއް ނޫނެވެ. އެދޭތެރެ ކަޑައްތުކުރެވުނުއިރު ގަރުނެއް ވޭތުވިހެން ހީވިއެވެ. ކާރު މަޑުކޮށްލުމާއެކު އަވަހަށް ފައިސާ ދީފައި ބާރަށް ހިނގައިގަނެވުނެވެ. ސޫފިޔާނާގެ ގޭގެ ދޮރުގައި ޓަކިދިން އަޑު ތަނުގައި ގުގުމައިލިއެވެ.
ސަމަރު ދޮރު ހުޅުވައިލިއެވެ. ސަމަރު ހަށަން ބަދެލިއެވެ. ބުޅި އިސްތަށިގަނޑުގައި ހިތްގައިމު ރަތްކުލައެއް ޖައްސާލާފައި ވޫލްކޮޅަކުން އައްސާލާފައި އޮތުމުން މީހުންގެ ލޮލުގައި އަޅައިގަންނާނެހާ ފުރިހަމައެވެ. މޫނަށްވެސް އިސްތަށިގަނޑުގެ ހިޔަނި އެޅި ރަތްވެފައިވާފަދައެވެ.
"ހަނާ އެބައިން އައިސްކްރީމް ކާން...."
"ހައު ސްވީޓް...އެކަމަކު ހަނާ ލެކްޓޯސް އިންޓޮލެރެންސް މައްސަލަ ހުރޭ......." އަލާޔާ ބުނެލިއެވެ.
"ތިކަމެއް ނޭގުނު. ހަނާގެ ބައިވަރު ކަންތައް އަހަރެން ދަސްކުރަން އެބަޖެހޭ..ހަނާގެ މަންމިއަށް ވާން އުޅޭއިރު ރަގަޅަށް ދަރިފުޅު ދަސްކުރުން މުހިއްމުކަމެއްގެ ގޮތުގައި ދެކެން..."
ހަނާވެސް ސަމަރުއާއި ގަޔާވެ ގެއަށް ނުދާން ބޮޑާ ހާކަންފެށިއެވެ. ހަނާއަށް މީރުހާ އެއްޗެހި ގަނެދީ ކުޅޭ ސާމާނާއި ޓެބްދިނުމުން ކުޑަކުއްޖެއްގެ ހިތް އަތުލައިގަތީއެވެ. ސަމަރުގެ ހިތުގައި ހަނާގެ މައްޗަށް އެއްވެސް ލޯތްބެއް ކުލުނެއްނެތްކަން އޭނައަށް ޔަގީންވިޔަސް ކުޑަކުއްޖަކަށް ނުވިސްނޭނެއެވެ.
"އަމިއްލަ ދަރި ފަތްޗެއް ހޯދައިގެން މަންމަ ކިޔުއްވާ. އެހެންނޫނަސް މިއީ އައިމަލްގެ ދަރިއެއް ނޫންކަން ހަނދާން ނައްތައިލީތަ؟ ސަމަރުއާއި މިކުއްޖާގެ އެއްވެސް ރިލޭޝަނެއް ނެތްއިރު މަންމަ ކިޔުއްވުމަކީ ކޮންފަދަ ބޮޑު ޖޯކެއް."އަލާޔާ ހިނިގަނޑެއް ޖަހައިލިއެވެ. ރުޅިއައިސްގެން ފަޅައިގެންދާވަރު ވިނަމަވެސް ދުޝްމިނެއްގެ ކުރިމަތީގައި އޭނަގެ ބަލިކަށިކަން ދައްކައިގެން ނުވާނެކަން އޭނައަށް ވިސްނެއެވެ. ހުރިހާ ހާލެއްގައިވެސް އޭނަ "ޕޮޒިޓިވް"ވާނެއެވެ. އެހެން އެއްވެސް މީހަކަށް އޭނަ ބަލިކޮށެއް ނުލެވޭނެއެވެ.
"މަ ހީކުރީ ސަލާރުގެ ދަރިއަކަށް ވެދާނެކަމަށް.."
އެ އިލްޒާމުން އަލާޔާގެ އަނގަ ތަންމިނަށް ހުޅުވުނެވެ.
"ސަލާރު؟ ޔޫ ހޭވް އެ ސިކް މައިންޑް. ތިބުނަނީ މަގޭ ހަނާއަކީ..." އަލާޔާ ހަޅޭއްލަވައިގަންނަން އުޅެފައިވެސް ހަނާގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ. ދަރިފުޅު ގޭމެއް ކުޅެން ނިކަން ފޯރީގައި ހިނިއައިސްފައި އިންތަން ފެނިފައި އަލާޔާ މަޑުމަޑުން ޖުމްލަ ފުރިހަމަކުރިއެވެ." ނަހަލާލު ދަރިއެކޭތަ؟ޑީއެންއޭ ހަދާފައި ސާބިތުކޮށްދޭން އޭނަގެ ބައްޕަ ނެތް ވިއްޔަ. އެކަމަކު ހެއްދެވިފަރާތް ދެނެވޮޑިގެންވޭ..."
"ކޮންމެ ކަމެއްގައި ދޮގުހަދާ މީހެއްގެ ވާހަކަ އަހަރެމެން ގަބޫލެއް ނުކުރާނަން."
"ފަރުވާލެއްނެތް. ބޭނުންގޮތަކަށް ސާމާރާ ދޫނި ދެކެގެން ހުރެ..." އަލާޔާ ހަނާ ބޮޑާ ހާކަނިކޮށް ޓެބް އެއްލާލާފައި ކިހިލީގައި ޖަހައިގެން މަގުމައްޗައް ނެރުނެވެ. ހަނާ އަލާޔާދެކެވެސް ރުޅިއައިސްގެން އުޅޭފަދައަކުން އަލާޔާގެ ގައިގާ ތަޅައިގަތެވެ. ދަރިފުޅުގެ ފަރާތުން ފެނުނު ތަފާތު ކަންތައްތައްކުން އަލާޔާ ބޯ ހަލާކުވާވަރުވިއެވެ. ހަނާގެ އުޅުމާއި މިޒާޖު މުޅިން ބަދަލުވެ ނަފްސާނީ މީހެއްގެ އެހީ ބޭނުންވާ ހިސާބަށް ދިޔައިރު ޑޮކްޓަރަކަށް ހުރި ދޮންބައްޕައަކީ ފުރޭތައެކެވެ. އޭނަ އިތުރަށް އެކުއްޖާފުޅުގެ ދުވަސް ދުއްވާލާނީ ނޫންހެއްޔެވެ؟
***
މާޒިންއާއި މަހާ ގުޅުމުން އަލާޔާ ބުނީ ހުރިހާ ކަމެއް ރަގަޅުކަމަށެވެ. އައިމަލްއަށް ތައުރީފުކޮށްފައި ވާހަކަދެއްކީވެސް އޮޅުވައިލުމަށެވެ. މާޒިން ޔޫކޭގައި ހުރެފައިވެސް އޭނަ ސަލާމަތްކުރަން އަންނާނެކަން އެނގޭތީ ބައެއް ވާހަކަތައް ދިރުވައިލަން މަޖުބޫރުވީއެވެ. އޭނަ ހީހީފައި ސަކަރާތް ޖެހުމުގައި އުޅުނުއިރު އެހިތުގެ މާޔޫސްކަމާއި ބިރުވެރިކަން އަދި ނާ އުއްމީދުގެ ހިޔަންޏެއްވެސް މޫނުމައްޗަކު ނެތެވެ. ޖަޒުބާތުތައް ފޮރުވަން އަލާޔާ ދަސްކޮށްފިއެވެ.
***
ސޫފިޔާނާގެ އެދުމަށް އައިމަލް ސަލާރުއަށް ތެރަޕީ ދީ ރުގުޔާކުރަންވެސް އެގެއަށް ގޮސް ސަލާރުއައެކު ވަގުތުހޭދަކުރެއެވެ. ވާހަކަދައްކަން މޮޅު މީހެއްކަމާއެކު ދީނީ މީހެއްކަމުން ސަލާރުއަށް އެ ނަސޭހަތްތަކުގެ ރަގަޅު އަސަރުތަކެއްވެސް ކުރިއެވެ. އައިމަލް ބުނަނީ ނަމާދާއި ގުރުއާނުން ހިތްހަމަޖެހުން ހޯދުމަށެވެ. ހިތްތަކުގެ ޝިފާއަކީ ގުރުއާންކަމުގައެވެ. ސަލާރު ނުކައި ނުބޮއި ފެންނުވަރާ އެހެން އެނދުގައި އޮތުމަށް ބެލާވެސް ނޭދޭނެ ކަމަށާއި ބެލާއަށްޓަކާ ސަލާރު ހިތްވަރުކުރަންވެސް އޭނަ އެދުނެވެ.
އެގޭގެ ފުރަގަހުގައި ހުރި މާގަހެއްގެ ދަށުގައި ބެލާވަޅުލާފައި ކުޑަ މަހާނައެއް ހަދާ ގާގަނޑެއް ޖަހައިގެން އެތަނުގައި އޭނަ ހިތާމަކުރަން އިނދެއެވެ.
ގިޓާ ހިފައިގެން ހިތާމަވެރި ރާގެއް ކުޅެލަންވެސް ބައެއްފަހަރު އިންނައިރު ސަލާރުގެ ކޯފާމަތް މަތިން ކަރުނަ ތިކިތައް ފައިބައިގެން ދެއެވެ. އަނެއްބައި ފަހަރު ގަހުގެ ބުޑުގައި އެއްވެސް ހަރަކާތެއްނެތި ހިމޭނުން އެއް ދިމާލަކަށް ބަލަހައްޓައިގެން އިންނަ މަންޒަރު ފެނި އޭނަގެ މަންމަވެސް ހާސްކަމާއެކު ދަރިފުޅަށް ހިތްވަރުދީ ހަދައެވެ.
"ވައި މީ؟" ސަލާރު އެހިއެވެ.
"މަންމައަކަށްވެސް ތި ސުވާލުގެ ޖަވާބެއް ނޭގޭ. މާދަން ޑޮކްޓަރ އައިމަލްއާއި ވާހަކަދައްކާނީ....މަންމަ މިއައީ ދަރިފުޅަށް ބިސްކިޓް ޕުޑިން ހަދާފައި. ޕިއްޒާވެސް ހުންނާނެ. ހިނގާ ކޮފީއެއް ބޯލަން..ހިތާމަކުރެވޭނީވެސް ވަރު ހުރެގެން ދަރިފުޅާ. ލޯ ވަޅުވަދެ މީހާގެ ކަމެއް ނެތެއްނު..." ސޫފިޔާނާގެ ހިތަށްވެސް ދަރިފުޅު ފެނުމުން އަސަރުކުރިއެވެ. ބުޅަލާއިހެދި އެވަރުވުމަކީ އޭނަވެސް އެކަމާއިހެދި އަޖައިބުވެ ސުވާލު އުފެދޭ ކަމެކެވެ. ޖަނަވާރުންނަށް ލޯބި ޖެހޭވަރުން ހަމަ ސަލާރުގެ ސިކުނޑު ރަގަޅުބާވައޭ ހީވަނީއެވެ. އަލާޔާ ބުނިހެން ސަލާރުއަކީ ސޭކު ކުއްޖަކީހެއްޔެވެ؟ ނޫނެކެވެ. ޑޮކްޓަރ އައިމަލް ބުނިގޮތުން އެއީ ސަލާރުގެ ހިތްހެޔޮ މިޒާޖުގެ ބަޔެކެވެ. އެއީ "ނޯމަލް" ކަމެކެވެ.
***
އަލާޔާ ސަލާރުގެ ބޮޑުބެރު ވީޑިއޯ ޔޫޓިއުބަށް ލީ އެހާ ވައިރަލް ވާނެކަމަށް ބަލާފައެއްނޫނެވެ. ނަމަވެސް އެތައް ލައްކަ ވިއުސްއަކާއިއެކު މީހުންގެ ތައުރީފު އޮހެން ފެށުމާއެކު ހޮސްޕިޓަލް ތެރޭގައިވެސް އެވާހަކަ ހިނގައިގަތީ ހޫނުކަމާއެކުގައެވެ.
ސަމަރުއަށް އެ ވީޑިއޯ ފެނުނީ އެންމެން އެއްކޮށް ކާން ކެފޭގައި އިން ގަޑީގައެވެ. ސީއީއޯގެ ދަރިފުޅުކަމުން އެންމެންނަށް އޭނަ ޚާއްސައެވެ. އަލާޔާއަށްވުރެ ސަމަރުގެ "ޓީމް" އެހެން ކުދިންނަށް ކަމުދިޔުމުން އުޅެނީ އޭނައާއެކީގައެވެ. އޭރު އަލާޔާވެސް ކާންވެގެން ގޮސް ވަކިން ހުރި މޭޒެއްގައި އިށީދެ ކޮފީތަށި ބޮމުން އަތުގައި އޮތް ގުރުއާންގެ ސަފުހާއެއް ހުޅުވާލައިގެން އިނެވެ. އުޅެ އުޅެ ގުރުއާނުގެ ޟުހާ ސޫރަތްވެސް ދަސްވި ކަމަކަށްނުވިއެވެ. ހާފިޒާއެކޭ ކިޔާފައި ބުނެވުނު ބަސް ތެދުކުރަން އޭނަ ގުރުއާން ދަސްކުރަން އަޒުމް ކަނޑައެޅީއެވެ. އެހެންނޫނަސް އޭނައަށް އެކަމަށް ސަމާލުކަން ދެވޭވަރެއްވެސް ނޫނެވެ. ސަމަރު ބާރުބާރަށް ވާހަކަދައްކަނީ އޭނައަށް އިއްވަން ކަން ނޭގެއެވެ.
"އޯ ގޯޑް.....އަލާޔާ މިހާރު މަޝްހޫރުވާން ވެގެން ސަލާރު ޔޫޒްކުރަން ފެށީތަ؟އާނ ސަލާރުއަކީ ވަރަށް މޮޅު މިއުޒިޝަނެއް. މަންމަގެ ޕާޓީ ދުވަހު ކީ ލަވައެއް މިއޮތީނު. އެ ލަވަ ލިޔެފައި އިން ޕޯސްޓްކޮޅަކާއިއެކު ސަލާރު މަންމައަށް ވިޝްކުރީ. ކިހާ ސްވީޓް. މަންމަ އެ ފްރޭމަކަށް ލާފައި އެއިންނަނީ އަބަދު ފެންނަހެން ކުރިމަތީގައި ބައިންދައިގެން...އަދި އެނގޭތަ؟ސަލާރު މޮޔަވީކީއެއް ނޫނޭ. ޑޮކްޓަރ އައިމަލް ބުނީ އެހާވަރަށް ޕެޓްސްއައިހެދި އުޅެނީ ނަފްސާނީ މައްސަލައަކުން ނޫނޭ. ބައެއް ސޮފްޓްހާޓެޑް މީހުންނަށް ހަމަ އަމިއްލަ ނަފުސަށްވުރެވެސް ޕެޓްސްދެކެ ލޯބިވެވެނީޔޯ........."
"އަދި މަޖާ ކަމެއް އެނގޭތަ؟ އަހަންނަށް ނޭގެނީ މީހެއްގެ ފިރިޔަކު އެހެން އަންހެންކުއްޖަކާއިހެދި މާ ވަރުން އުޅެންވީ ސަބަބު؟ އަނބިމީހާގެ ކޮންމެވެސް އުނިކަމެއް ހުރީމަތާ އެހެން މީހަކާއި ރައްޓެހިވާނީ. މަގޭ ފަހަތުން ވެސް މީހެއްގެ ފިރިޔަކު އަންނާނީ ކޮންމެވެސް ސަބަބަކާއިހެދި ދޯ...."ސަމަރު ފޮނި ކެނޑިއެވެ.
އަލާޔާ ޔޫޓިއުބުން ގުރުއާން ވީޑިއޯއެއް ޖައްސަން އުޅުނުތަނާ ސަމަރު ޖެއްސި ލަވައިގެ އަޑު އިވިފައި އަލާޔާގެ ގައިން ހީބިހި ނެގިއެވެ. އޭސީގެ ފިނިމިން ދަށްކޮށް ހުރުމުން ކަމަށް ނިންމިޔަސް ސަލާރުގެ އަޑުގައި ހިތްދަމައިގަންނަފަދަ ގޮތެއް ހުއްޓެވެ. ސަލާރު ލަވަ ކިޔާލެއް ކޮންފަދަ ފުރިހަމަހެއްޔެވެ؟ އެތަނަށް ވެރިވި ހިމޭންކަމާއެކު ތަނުގައި ހިފާފައިވަނީ އެރީތި މިއުޒިކާއި އެ ޖާދުވީ އަޑެވެ. އަލާޔާ ވޫސްލާފައި ދިޔަގޮތަށް ސަމަރުއާއި ޔަނާގެ ކޮނޑު ދޭތެރެއިން ބޯ ދިއްކޮށްލިއެވެ.
"ވާއު.....ސީރިޔަސްކޮށް މޮޔަ ސަލާރުގެ ލަވައެއްތަ؟ ހީވަނީ ލިޕްސިންކް ކޮށްފައިހެން...މަ ދަންނަ ލަވައެކޭ ތީ. ކޮޕީކެޓް..." އަލާޔާ ގަސްތުގައި ސަމަރު ރުޅިއަރުވައިލިއެވެ. އެހެންނޫނަސް އޭނައަށްވެސް ސަލާރުގެ އަޑު ރީތިވެ އެ ލަވައަށް މޮޔަވެއްޖެ ކަމުގައި ބުނެފިއްޔާ ސާމަރާ ދޫނި ފިޔަނަގޑު ރޫޅާ މުޅިތަން ފުރައިލަފާނެއެވެ. ފޮނި ކެނޑުމާއި އެހެންމީހުންނަށް މަލާމާތްކުރުން ނޫންކަމެއް ކުރަން ދެނެހުރި ބަޔެއް ނޫނެވެ.
"ޖޭވީތަ؟ ތިވަރު ތަންކޮޅެއް ބޮޑު....ދޮގު ހެދުމުގެ އެވޯޑް މިފަހަރު އަހަރީ ދުވަހު ތައްޔާރުކުރަން މަންމަ ގާތު ބުނާނަން."
"ތީ ކޮންމެ މީހެއްގެ ލަވައަކަށްވިޔަސް މަށަށް އެނގެނީ ކޮކަޓޫގެ އަޑުވެސް މާ ރީތިކަން...." އަލާޔާ ހީގަތެވެ.
"މި ލަވަ އަދި ވައިރަލް ވާނެ...މަންމަ އުޅެނީވެސް ސަލާރުއަށް ހެލްޕްވެގެން ބޭރު ގައުމަކަށް ފޮނުވަން. މަޝްހޫރު ތަރިއަކަށް ވީމަ ފަހަތުން ދުވާނެކަމެއްނެތެ. އޭނައަށްޓަކާ މަންމަ ހުރީ މަންމަގެ ފްރެންޑެއްގެ ދަރިއަކު ހަމަޖައްސާ ހުރިހާ ކަމެއް އެރެންޖްކޮށްފައި. ލަދެއްނެތި އަދި މިތަނަށް ބޯކޮށްޕައިގެން އެބައޮތް..." ސަމަރު އެސްފިޔަ ތަޅުވައިލިއެވެ.
"އަހަރެންގެ ނަން ގަތީމަ ހަމަ އާދެވުނީ....މި ކުދިންގެ އަޑު ގަދަކަމުން ގުރުއާން ރިވައިސް ކުރެވޭކަށްވެސް ނެތް."
"އާވް....ހާފިޒާއިން ރިވައިސް ނުކުރަންޏާ ހަނދާން ނެތިދާނެތީ ދޯ.." ސަމަރު މަލާމާތުގެ ގޮތަކަށް ހީލިއެވެ." އައިމަލް ސަމާސާއަކަށް އެ ޝަރުތު ބުނީމަ މިތާ އެންމެން ހަމަ ކުއްލިއަކަށް ހާފިޒާއިންނަށް ވި...."
"ވެލް....ނޮޓް މީ. އަހަރެން ދަސްކުރިން އެކަމަކު ނުކިޔަވާތީ ކޮންމެވެސް ވަރަކަށް ހަނދާން ނެތިފައި ހުރީމަ އަލުން ފެށީ..."
އަލާޔާ މިފަހަރުވެސް ހެދީ ދޮގެކެވެ.
އޭނަ އަމިއްލަ ނަފުސަށް ވައުދުވީ މިއީ ދޮގެއް ހަދާނެ އެންމެ ފަހު ފަހަރުކަމުގައެވެ.
"ޔާ ﷲ ހެލްޕް މީ....."
***
އަލާޔާ ފޯނު ހުޅުވިތަނާ ފެނުނީ ޕޯސްޓެކެވެ. "ގުރުއާނަށް ބަލާށެވެ. ތިބާއަށް ތިބާގެ ވާހަކަ ގުރުއާނުން ފެންނާނެއެވެ. އެއީ ގުރުއާނުގެ ކަރާމާތެކެވެ." އަލާޔާގެ ލޯ ބޮޑުވެ ޝައުގުވެރިކަން ހިތުގައި ހިނގައިގަތެވެ. އޭނަ އަދި ދުވަހަކުވެސް ގުރުއާންގެ ތަރުޖަމާ ކިޔާފައެއް ނެތެވެ. ކިޔަން މަޖުބޫރުވެގެން ކިޔެވިޔަސް ތަޖްވީދަށް ބެލުމެއް ކިޔޭ އެއްޗެއް ބެލުމެއްނެތި އަވަސް އަރުވާލައިގެން ކިޔަވައިލެވެނީއެވެ. ކުޑައިރު ކޮންމެވެސް ވަރަކަށް ދަސްކުރި ސޫރަތްތައްވެސް ހަނދާނުގައި ކިރިޔާ ހަރުލާފައި ހުންނަކަމެވެ. ﷲގެ ވަހީ ބަސްފުޅަކީ މިއީ ކަމަށް ވީހިނދު ގުރުއާނަށް ކުރާ ގަދަރު މިއަށްވުރެ ބޮޑުވާން ޖެހޭނެކަމަށް އެވަގުތު ހިތް ގަބޫލުކުރިއެވެ.
ގުރުއާނުގައި އޭނަގެ ވާހަކަ އަންނާނެކަމަށް އޮތުމުން އަދި ވަކިން ހައިރާންވެ ތަރުޖަމާ އެޕެއް އަޅަން ޖެއްސިތަނާ ސަމަރު އެފްބީއަށް ސަލާރުގެ މިއުޒިކް ވީޑިއޯ ލީތަން ފެނި އެ ހުޅުވައިލެވިއްޖެއެވެ.
"ފޮނި ސަލާރު..މިއީ ހަމަ ސަލާރުތަ؟ ލޮލުން ފެނުނީމަ ގަބޫލުކުރަން ޖެހިއްޖެ....އެކަމަކު ހާދަހާ މޮޅޭ....."
އެތައް ފަހަރު އެ ވީޑިއޯ ބެލުމުންވެސް ހިތެއް ނުފުރުނެވެ.
އިރުގަނޑެއްފަހުން ޔަނާ އޭނައަށް މެސެޖްކޮށްފައި އޮތީ ޔޫ ޓިއުބް ލިންކެކެވެ. ލޯން ސޯލްޖާއަކީ ސަލާރުކަމަށް ބުނުމުން ގަބޫލުނުކުރެވި އިނަސް އޭގައި ހުރި ލަވަތަކުގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔަގީންވެ ގަނޑުވިއެވެ. ސަލާރު މިހާ ހުނަރުވެރިއިރު ފޮރުވައިގެން ހާދަ ޒަމާނަކަށް ހުރެފިއެވެ. ބޭޒާރުވީ ކިހިނެއްހެއްޔެވެ؟ ސަލާރު އެހާވަރުން އޭނަގެ މޮޅުކަމާއި ރީތި އަޑު ދުނިޔެއަށް ފޮރުވައިގެން ހުރެ ޖަނަވާރަށް ބޭސްކުރާ ޑޮކްޓަރަކަށް ހެދިގެން ހުރީ ކީއްކުރަންހެއްޔެވެ؟ ހިތުގައިވި ގަދަރު ކުއްލިއަކަށް އިތުރުވެއްޖެއެވެ. ޔާނާ ބުނިހެން ސަލާރުއަކީ ތަރިއެކެވެ. ސޯޝަލް މީޑިއާގައި މަޝްހޫރު ތަރިއެކެވެ.
އަލާޔާ ގުރުއާން ދަސްކުރަން ނިންމި ނިންމުން ހަނދުމަ ނެތިކުރަން ޝައިތާނާ އެހެން މަގެއް ދައްކައިފިއެވެ.
***
އަލާޔާ ކިތަންމެ ފަހަރު ސަލާރު ފެނިލާނެކަމުގެ އުއްމީދުގައި އެގޭ ދޮރުމައްޗަށް ނިކުމެ ބަލަން ހުރެއެވެ. ސަލާރު އަދިވެސް ބެލާ މަރުވުމުގެ ހިތާމައިގެ ސާލު އޮޅާލައިގެން ކަން ނޭގެއެވެ. އައިމަލްގެ ތެރަޕީއިންވެސް އަސަރެއް ނުކުރަނީބާވައެވެ. ދަރިފުޅު ހަނާ ފެންވަރުވާލައިގެން ގެނެސް ޕީޗްކުލައިގެ މިޑީ ހެދުމަކާއި ދިގު އިސްޓާކީނެއް ލެއްވިއެވެ. އޭނަވެސް ޖިންސަކާއި ހަމަ އެކުލައިގެ ޓީޝާޓެއްލައިގެން ސްކާފެއް އޮޅައިލުމަށްފަހު ނިކުންނަން ހިނގައިގަތްތަނާ ދޮރުން ވަދެގެން އައި ދެމީހުން ފެނި ވަގުތުން ތަބީއަތު ޚަރާބުވިއެވެ.
އައިމަލް ސަމަރުގެ އަތުގައި ހިފައިގެން އައިގޮތަށް އެމީހުން ކުރިމަތީގައި ހުއްޓުނެވެ.
"އަހަރެން ސަމަރުއާއި ކައިވެނިކޮށްފިން. ސަމަރު ދެން ހުންނާނީ މިގޭގައި..." އައިމަލްގެ ޖުމްލައިން އަލާޔާގެ ބަސް ހުއްޓުނެވެ. ގަބޫލުނުކުރެވޭފަދަ ގޮތަކަށް މޫނަށް ބަލަން ހުއްޓާ ކައިވެނީގެ ކާޑު ނަގާ ދިއްކޮށްލީ ސަމަރުއެވެ. ފަޚުރުވެރި ހިނިތުންވުމެއް ތުންފަތުގައިވިއެވެ.
"ހަނީމޫނަށް ޕެރިހަށް ފުރަން މިއުޅެނީ..." ސަމަރު އިތުރަށް ތުއިވެލިއެވެ.
"ހައި ހަނާ....."
ހަނާ އޭނަގެ މަންމަގެ އަތަށް ބާރުކޮށްލިއެވެ. އެ ކުޑަ ހިތް އޮބިނޯވޭވަރަށް ތެޅި އަތްވެސް ގަނޑުފެންކޮޅެއްހާ ފިނިކޮށްލައިފިއެވެ. އައިމަލް އެކުއްޖާއަށް ފެންނަނީ ބިރުވެރި ފުރޭތައެއް ފަދައިންނެވެ. އަލާޔާ އެދުނީ ދަރިފުޅު ކުޅެން ގަސްތަކުގެ ތެރެއަށް ދިޔުމަށެވެ.
"ދެވަނަ އަނބިތަ؟ނޫނީ އަދި މި ބޭފުޅާގެ ސިކްރެޓް ޕާސްޓެއް ނެތްކަމެއްވެސް ނޭގޭ.....އައި ހޯޕް ރުގުޔާކުރާ ކޮންމެ މީހަކާއި އިނދެ ރިކޯޑް ނަހަދާނެކަމަށްވެސް..ސަމަރު އަކީ ވެސް ހަމަ ރަގަޅު ބި* އެއް. ދެމީހުން ވަރަށް ގުޅޭ..................."
"ސަމަރުއަށް ރެސްޕެކްޓް ކުރަންވާނެ.ކަލޭމެން ދެމީހުން މަށާއިހެދި ހަގުރާމައަށްގޮސް އަރައިރުންވާކަށް ތަޅާފޮޅައިގަންނާކަށް މަ ބޭނުމެއްނޫން. ހަމަޖެހިގެން ދެމީހުން ބަހާލައިގެން ކެއްކުމާއި ދޮވެ ސާފުކުރުންފަދަ ހުރިހާ ކަމެއް ކުރަންވީ. ސާފުވެއްޖެތަ؟" އައިމަލްގެ ނަޒަރުގައި އެއްވެސް ހަމްދަރުދީއެއް ކުލުނެއް ނެތެވެ. ފޫހިވެފައިވާފަދައެވެ. ނަމަވެސް ސަމަރުއަށް ބަލައިލަނީ ތަންކޮޅެއް ހިނިތުންވެފައެވެ. އައިމަލް އޭނަދެކެ ނަފްރަތުކުރާ ވަރާއި ސަމަރަށް ގަދަރުކޮށް ހިމާޔަތް ދޭކަން އެ ވާހަކަކޮޅުން ސާފުވިއެވެ.
"މިގޭގެ ތެރޭ ހިނގާ އެއްވެސް ކަމެއް ހަތަރުފާރުން ބޭރުވެގެން ނުވާނެ..." އައިމަލް އަމުރުކުރިއެވެ.
"ރަގަޅަށްވެސް ބައިޕޯލާ ސޭޑިސްޓެއް....މިކުރެވުނީ މޮޔަކަމެއް. އެކަމަކު ދެން ސަލާމަތްވެވެންވެސް ނެތެއްނު.."އަލާޔާ ދެއަތްތިލަ އުނގުޅަން ފެށިއެވެ. ހިތާހިތުން އެތިވަރު ގޮވަން ހުއްޓާ އައިމަލްއާއި ސަމަރުގޮސްވަނީ އައިމަލްގެ ކޮޓަރިއަށެވެ. އައިމަލް އެނބުރި ބަލައިލިއެވެ."ސަމަރު އުޅޭނީ މަގޭ ރޫމްގައި. އަލާޔާގެ އެއްޗެއް ހުރިއްޔާ އަނެއް ކޮޓަރިއަށް ގެންދޭ. އަހަރެމެން ދެމީހުން އެއް ރޫމްގައި އުޅުނަސް އުޅުނީ ބީރައްޓެހިންހެން ދޯ. ސަމަރުއަކީ ހަގީގީ އަނބިމީހާ. އެ މަގާމަށް ދުވަހަކުވެސް އަލާޔާއަކަށް ނާދެވޭނެ...."
އަލާޔާ އަނެއް ފަރާތަށް އެނބުރުނެވެ.
އައިމަލްދެކެ ލޯބިނުވެވުނަސް އޭނަގެ ފަޚުރަކީ އައިމަލް ތާއެވެ.
އަހަންނަށް ލޯބީގެ ފޮނިކަން އިހުސާސް ނުކުރެވެނީ ކީއްވެތަ؟ ﷲ މި ހިތުގައި ލޯބި ނުލެއްވި ސަބަބަކީ ކޮބައިތަ؟ ލޯތްބަކީ ކޮބައިތަ؟ އައިމަލް ނޫން އެހެން ޑޮކްޓަރެއް ނަމަވެސް ކައިވެނި ކުރަން އޭނައަށް ހަމަ ރަގަޅެވެ. އެހެން ބައިވެރިޔަކު ހޯދަން ހިތަށް އެރުމާއެކު ސަލާރުގެ މައުސޫމް މޫނު ލޮލުގެ ކުރިމަތިން ހުރަސްކުރިއެވެ. ނޫނެކެވެ.ސަލާރުއާއި ކައިވެނިކޮށްގެން އައިމަލްއާއި ސަމަރުގެ ފަރާތުން ބަދަލު ނުހިފޭނެއެވެ. އައިމަލްއަށް ދައްކަން އެއަށްވުރެ މޮޅު މީހެއް ހޯދަން ޖެހޭނެއެވެ.
"ސަލާރު މާ މޮޅު. ލަވަކިޔުންތެރިންނާއިހެދި އަންހެންކުދިން މާ ވަރުހުރޭ. ސަލާރުގެ ކިތައް ފޭންސްއިން އެތިބީ. ޔާޔާ ޓްރައިކުރޭ. ލިބިދާނެ. އެކަމަކު ސަމަރުއާއި ސޫފިޔާނާގެ އުދަގޫވެސް ބޮޑުވާނެ. ސަލާރުވެސް ބޭނުމެއްނުވާނެ. އެތަނަށް ވަންނަން ހިތަށްވެސް އަރުވާނެކަމެއްނެތް..........."
އަލާޔާ ހަނާގެ އަތުގައި ހިފައިގެން ނުކުމެފައިވެސް އެނބުރުނީ އެމަގުގައެވެ. ސަލާރު ދެކެލުމަށް ހިތް އެދެވުނީއެވެ.
***
ސަމަރު އޭނަގެ ފޭސްބުކްގައި އައިމަލްއާއި ދެމީހުންގެ ފޮޓޯލައިގެން އިޝްތިހާރުކޮށް "މެރީޑް" ކަންވެސް އަންގާލާފައި އޮތެވެ. އެންމެންހެން މަރުހަބާވެސް ކިޔާފައެވެ. އެދެމީހުންނަށްޓަކާ ސަޕްރައިޒް ޕާޓީއެއް ބާއްވަން ކެފޭ ބައި ތައްޔާރުކޮށްފައި ހުއްޓެވެ. އަލާޔާ ލަދުން ހުރިތަނަށް ވިރިގެން ނުފޭބީ ކިރިޔާއެވެ. އައިމަލް އޭނަ މުޅިން ބަދުނާމުކޮށް ލަދުގަންނަވާލައިފިއެވެ. އޭނަގެ ފަޚުރުވެރިކަން އެއްކޮށް ނެތިގެން ހިގައްޖެއެވެ. ލަދުން އިސްއުފުލައިލާނެ ހިތްވަރު ނެތަސް ކުޅިބަލަން ހުންނަން ޖެހުނެވެ. އެންމެ ރަގަޅެވެ. އައިމަލް އޭނައާއި ދިމާލަށް މީހުން ކުރިމަތީގައި އެއްޗެއް ނުބުނޭތާއެވެ.
އަލާޔާއަށް މާޒިން ގުޅާފައި ޚަބަރު އެހިއެވެ.
"މާޒް ކަންބޮޑުނުވެބަލަ. ސަމަރު އައިމަލްއާއިހެދި ސައިކޯވެގެން ފަހަތުން އުޅޭވަރުން އައި އެގްރީޑް. ދީނުގައި ހަތަރު އަނބިން ހުއްދަ..." އަލާޔާ ހެމުން ކިޔާލިއެވެ.
"އާ ޔޫ ޝުއަ؟"
"ފައިވް ހަންރެޑް ޕަސެންޓް...." އަލާޔާ ޔަގީންކަން ދިނެވެ. އެ ޚަބަރު އިވިގެން މަހާއާއި ދަންނަ އެހެން މީހުންވެސް ގުޅަން ފެށުމުން އަލާޔާގެ ނުތަނަވަސްކަން އިތުރުވާންފެށިއެވެ. ނަމަވެސް އޭނަގެ ޟަމީރު އަންގާދިނީ ހަމަޖެހިގެން ހުރުމަށެވެ. މިއީ އަދި ދުނިޔެ ނިމުނީއެއް ނޫންކަން ވިސްނައިދިނެވެ. އައިމަލް ދެކެ އޭނަ ލޯބިނުވާއިރު މިކަމާއި އޭނަ ފިކުރުކުރަން ވީކަމެއް ނެތްތާއެވެ. އެކަމަކު ވިސްނިވަރަކަށް އޮޅުން ބޮޅުންތަކެއްގެ ތެރެއަށް ސިކުނޑިވަދެ ސަމަރު އައިމަލްގެ ހަޔާތުން ބޭރުކުރަން ހިތްވަރު ލިބެން ފެށިއެވެ. ސަމަރުއާއި އައިމަލް ކަމަކާއި ނުލާ އޭނަގެ ދިރިއުޅުން ހަލާކުކޮށް ލަދުގަންނަވަން ދިމާކުރިއިރު އޭނަ ވަކި ހިމޭނުން ހުންނާނެ ކަމެއްނެތެވެ.
"ސަމަރު ޖެހޭނީ ދާން...." އަލާޔާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
***
އައިމަލްއާއި ސަމަރުގެ ކައިވެނިން އެންމެ ބޮޑަށް ހައިރާންވި އެކަކީ ސަލާރުއެވެ. އަލާޔާ އެގޮތާއި ގަބޫލުވިކަމީވެސް އަޖައިބެކެވެ. އެތައް ދުވަހެއްގެ ފަހުން ބެލާގެ މަތިން ހަނދާންނެތި އޭނަ އެމަރު ގަބޫލުކޮށް ދިރިއުޅުމާއިގެން ކުރިއަށް ދާން ނިންމީއެވެ. ދުނިޔޭގައި އުޅޭއިރު އިމްތިހާނުތަކާއި ކުރިމަތިވާނެއެވެ. އަލާޔާއަށްވެސް އެދިމާވީ ކޮންފަދަ ދެރަގޮތެއް ހެއްޔެވެ؟ އަލާޔާ އެކައިވެންޏާއިމެދު ދެކޭގޮތެއް ކޮންމެހެންވެސް އެނގެން ބޭނުންވިއެވެ.
ކަޅު ޖިންސަކާއި ކަޅުކުލައިގެ ޓީޝާޓެއްލުމަށްފަހު ކޮޓަރިން ނުކުތްއިރު އިސްތަށިގަނޑުގައި ފެން ތިކިތައް ހަރުލާފައި ހުރުމުން ދައްކަނީ ތާޒާކޮށެވެ. އޭނަ ކްލިނިކް ހުޅުވައިލުމަށްފަހު އެތެރެއަށް ވަންނަން އުޅެފައި ފަހަތަށް އެނބުރުނީ މީހެއްގެ ހިލަން ވެގެންނެވެ.
"ހޭއި......އާ ޔޫ އޯކޭ ނައު؟" އިއްތިފާގުން އަލާޔާވެސް ހުރީ މުޅިން ކަޅު އެއްޗެހީގައެވެ. އެކަމަކު މިއަދު އެހެން ދުވަހާއި ތަފާތުކޮށް ނިކަން ރީތިކޮށް މޭކަޕްކޮށް އަނދުވެސް އަޅައިގެންނެވެ.
"އައިމް އޯލްރައިޓް....." ސަލާރުއާއި އަލާޔާގެ ލޯ ގުޅުނެވެ.
ނުނިމޭ