"ކީރިތި ގުރުއާން ކިޔަވައި އަމަލު ކުރާ މީހަކަށް ނޫނީ ދިރިއުޅުމުގެ ހަގީގީ އުފަލެއް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ."

***

އަލާޔާ ހައިރާންވީ ސަމަރު އައިމަލް ބަލިމީހުން ބަލާ ކޮޓަރީގައި މާ ގިނައިރުވާން ފެށުމުންނެވެ. ބަލިމީހަކު ނެތްކަމަށް ސިސްޓަމުން ދައްކައެވެ. ސަމަރުއަށް އެތަނުން ނިކުންނަން ނޭގިގެން އުޅެނީ ކީއްވެހެއްޔެވެ؟ އެންމެފަހުން ކެތްނުކުރެވިގެން ގޮސް ދޮރުގެ ތަޅުގައި ހިފާލައިފިއެވެ. ތަޅުގައި ހިފާ އެކިގޮތްގޮތަށް އަނބުރައިގަތްގޮތުން ތަޅުވެސް ބިރުން މަޑުވެ ލުއްސައިލާވަރު ކޮށްލެވުނެވެ.

"ބްރީތް ޔާޔާ...ހަމަޖެހިބަލަ. ސިސްޓަމުން ނުދެއްކިޔަސް ޕޭޝަންޓެއް އެތެރޭގައި އިނީކަމަށްވާނީ.....އެންމެ ރަގަޅުވާނީ އައިމަލްއަށް ފާރަނުލިއްޔާ..ހީޒް ޔޯސް. ސަމަރުގެ މޫނު ރީއްޗަސް އެހާ ޒީލަގަދަ ސައިކޯއަކަށް އައިމަލް ނުހެއްލޭނެ."

އަލާޔާ ހަނާ ޑޮކްޓަރަށް ދައްކާލަން އައީ ބަނޑުގައި ރިއްސާކަމަށް ބުނެ ރޯވަރުންނެވެ. އައިމަލްއަށް ގުޅާ ގުޅާ ފޯނު ނެގީއެއްވެސް ނޫނެވެ. ހަނާ ޓެސްޓް ހަދަން ދީފައި މެގްނަމެއް ގަނެދީފައި ކޮންސަލްޓިން ރޫމެއްގައި ބައިންދާފައި އޭނަ އައިމަލްގެ ޚަބަރު ބަލައިލަން ނިންމީއެވެ. ފޯނު ނުނެގީ އަވަދި ނެތި އުޅޭކަމުގައި ނިންމިޔަސް މިއަދު ހޮސްޕިޓަލް ތެރެ ފެންނަނީ ހިމޭންކޮށެވެ.

***

އައިމަލް ކާރު ޕާކްކޮށްލާފައި ގެއަށް ވަންނަން އައިއިރު އަލާޔާ އަނބުގަހުގައި އެލުވާފައިވާ އުނދޯއްޔެއްގައި އޮށޯވެލައިގެން ވާހަކައެއް ކިޔާލަން އޮތެވެ. ހަނާ ޖޭމުގަހުގައި ބަރާވެފައިވާ ޖޭމުތައް ޝައުގުވެރިކަމާއެކު ބިނދެލާފައި ކުޑަ ވަށިކޮޅަކަށް އަޅަން ހުރެފައި އައިމަލް ފެނުމާއެކު ހުއްޓުން އެރިއެވެ. އެކުޑަ ކުޑަ ހިތް ތެޅިގަތެވެ. އައިމަލް ގެ ފިޔަވަޅުތައް ހުރީ އެ ދިމާލަށެވެ.

"ހަނާ ބަނޑުގައި ރިއްސާތީ މިއަދު ދިޔައިން...ޓެސްޓް ހަދަން ދީފައި މިއައީ..." އަލާޔާ ބިންމަތީގައި ފައި ޖައްސައިލަމުން އުނދޯލި ހެއްލުން ހުއްޓުވައިފިއެވެ.

"ޝީ ލުކްސް ނޯމަލް.." އައިމަލްގެ ނަޒަރު އެކުއްޖާއަށް ހުއްޓުނެވެ.

"އައިމަލްއަށް ނޭގެނީ. ކުރިން ހާ އެކްޓިވްއެއްވެސް ނޫން. މިހާރުވެސް އެހެރީނު ބުދެއްހެން. ލޯ ބޮޑުކޮށްގެން..........."

"އަހަންނަށް ވަރަކަށް ގުޅާފައި ހުރި. ކީއްކުރަން؟"އައިމަލް އެހިއެވެ.

"ހަނާ ބަލިވީމަ.."

"އަހަންނަށް ގުޅަންވީ؟ އަޖައިބެއްނު.....މަށަކީ ކުޑަކުދިންގެ ޑޮކްޓަރެއްތަ؟ހަނާ މޮޔަވިނަމަތާ މަށަށް ގުޅާނީ.."

"އޯކޭ. އެތަންކޮޅު ވިސްނައިނުގަނެވުނީ.ނެކްސްޓް ޓައިމް.." އަލާޔާ އައިމަލްގެ މޫނުމަތީގައި ޖަހަން ހިތަށް އަރާފައިވެސް ކެތްނުކުރެވޭހާ ބޮޑަށް ކެތްކުރިއެވެ. އައިމަލްއަކީވެސް މޮޔައެކެވެ. ސަމަރުއާއި ޖެހިގެން ކަމަށްވެސް ވެދާނެއެވެ. ވީއިރު އޭނަ މޮޔައަކު ރުޅިއަރުވައިފިއްޔާ އޭނަވެސް އިތުރަށް މޮޔަވެދާނެއެވެ.

"އައިމަލް...އަހަރެން ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އެބަޖެހޭ..."

"ކިހިނެއްވީތަ؟" އައިމަލް ނިތްކުރިއަށް ރޫ ގިނަކޮށްލިއެވެ.

"ހޮސްޕިޓަލް ތެރެއިން ހަންޑިއެއް ފެންނަނީ.އެ ހަންޑި ދާއިރު މުޅި ސަރަހައްދުގައި ހިފައިލާ ނުބައިވަހުން މޭބޮޑުކޮށްގެން ގެއަށް އައިގޮތަށް އެތައް ފަހަރު ނޭފަތް ފެނަށް ލައިފިން އެކަމަކު އަދިވެސް ސިކުނޑީގައި އެ ވަސްގަނޑު ހިފާލާފައި. ހޮސްޕިޓަލް ސަރަހައްދުގައިވެސް އެ ވަހެއް ނުދުވާތަ އަޅެ؟" އަލާޔާ ނިކަން ސީރިޔަސްކޮށް ބުނެލިއެވެ.

"ތިބުނަނީ އަނެއްކާ ރެކިދައްތަ މެން އެހިސާބުން ދެކޭ ޑްރެގަންގެ ވާހަކަތަ؟"

"ޑްރެގަން އެއްކަމެއް ރަންނަމާރިއެއް ކަމެއް ސަންތިއެއް ކަމެއް ނޭގޭ. ހޮސްޕިޓަލުން ހަންޑި ފެންނަ ސްޓޯރީސް ކުރިން ގަބޫލެއް ނުކުރަން އެކަމަކު ލޮލަށް ފެންނަން ފެށީ.."

"ރިއަލީ؟" އައިމަލް ހައިރާންވިއެވެ.

"ވާހަކަވެސް ދައްކާ......ބިރުވެރި އެއްޗެއް..ބުނެބަލަ. ބޭހެއް ކައިގެން މީތި އިންވިޒިބަލް ވެދާނެތަ؟"

"ހެލުސިނޭޝަނަކަށް ތިވާނީ...."

"އެހެންވެސް ވެދާނެ....ނޭގޭ. އެކަމަކު ހޭލާ ހުންނައިރުވެސް ފެނޭ..ކޮންކަހަލަ ބޭހެއްކާންވީ؟ ފަހަރެއްގައި ރުގުޔާ ބޮޑަށް ރަގަޅުވާނީ....."

***

ރެކިދިޔެ ސަކީނާ އަދި ހަމީދާ އެހިސާބުން ފެންނާން ފެށުމުން އަލާޔާ ހައިރާނެއްނުވިއެވެ. ސަކީނާއާއި ރެކިދިޔެ އެއްބަނޑު ދެބެންކަން އެނގުނީވެސް އެތިން މީހުން އެކީ އުޅޭތީއާއި ސަކީނާދައްތަ ކިޔާ ވާހަކަދައްކާވަރުން ސުވާލުކުރީމައެވެ. މަހާ ފުރުމުން ސަކީނާވެސް އައިސް ދިރިއުޅެނީ ރެކިދިޔެ ގާތުގައި އެގޭގައެވެ. ރެކިދިޔެއަށް ލިބުނު ހުރިހާ ދަރިން ޅަފަތުގައި މަރުވެ ފިރިމީހާވެސް ނިޔާވުމުން އެގޭގައި އެކަނިމާ އެކަނި ދިރިއުޅޭތީ ސަކީނާވެސް ދައްތަގާތަށް ބަދަލުވީއެވެ. އެއުމުރުގައިވެސް މުރާލިކަމުން ރެކިދިޔެއާއި ސަކީނާވެސް ހުރިހާ މަސައްކަތެއްކޮށް އުޅެއެވެ. އަލާޔާ މުސާރަ ދޭނަމޭ ބުނެގެން ރެކިދިޔެ އެގޭ ވަލުތެރެ ސާފުކޮށް އޮޅުގަނޑުން އަލަ ކަނޑާ އަލަ އައުރުސްވެސް ހަދަންފެށިއެވެ. ބަނބުކެޔޮ ގަހުގައި އަބަދުހެން ބަނބުކެޔޮ އަޅާފައި އޮތުމުން އެވެސް ތެލުލާދެއެވެ. އައިމަލްއަށް މީރުނުވިޔަސް އޭނަ ނުލާހިކު ގަޔާވެއެވެ. ރެކިދިޔެއާއި ސަކީނާ އާއި ދެމީހުން ކިޔާދޭ ވާހަކަތަކުންވެސް މީހަކު ފޫހިފަލާނެއެވެ. ނަމަވެސް ރެކިދިޔެވެސް ހަވީރު ހަތަރެއް ޖަހާއިރަށް ކޮންމެވެސް އެއްޗެކޭ ކިޔާފައި އެގެއިން ބަޗާނެއެވެ. އެކަމުގެ ސަބަބާއި ބެހޭގޮތުން ސުވާލުކުރުމުން ރެކިދިޔެ ގެ ޖަވާބަކީ އޭނަ އަބަދުވެސް ގޭގެ ދޮރުތައް ބަންދުކޮށް ފުހޭ އިރާއެކީ ބައްތިތައް ދިއްލާ އަޅައިގެން އިޝާއަށްފަހު ނިދާ ކަމަށެވެ.

ރެކިދިޔެ ސަލާރުގެ ވާހަކަ ދެއްކުމުން އަލާޔާ ހިނި އައެވެ.

"އަދިވެސް އެ މޮޔަ ފިރިހެނާ އެހާ މޮޔަތަ؟" އަލާޔާ ހިތާހިތުން ސުވާލުކުރިއެވެ. އޭނަގެ ހަނދާނަށް އައީ ސަލާރުދެކެ އޭނަ ފޫހިވީ ދުވަހެވެ.ސަލާރު ބުނެލީ ހަނދާންވިޔަސް ރުޅިގަދަވެގެންގޮސް އޭނަގެ ލޭވެސް ކެކިގަތް ލަފުޒެކެވެ. ދުވަހެއްގެ ކޮޅުންވެސް އޭނަ އެކަމަށް މާފެއް ނުކުރާނެއެވެ.

***

އަލާޔާ ކާރުން ފައިބާފައި ސީއީއޯ ފެނުމުން ނުފެންނަ ކަމަށް ހަދާފައި ދާކަށް ނުކެރުނެވެ. ސަލާރުވެސް ފާރަށް ލެނގިލައިގެން ހުރިއިރު ކުރިއެކޭ އެއްފަދައިން ހިއްކެވެ.

"ސަލާރު؟" އަލާޔާ ދެލޯ ބޮޑުކޮށްލިއެވެ.

"ޑޮކްޓަރ ސަލާރު....." ސޫފިޔާނާ ކުށް ރަގަޅުކޮށްލަދިނުމާއެކު އަލާޔާއަށް އަނގަމަތީ އަތް އެޅުނެވެ. އެހެން ނަޒަރަކުން ދެކެން މަޖުބޫރުވިއެވެ. އެ ލަގަބު އިތުރުވުމުން މީހާގެ ޝަޚުސިއްޔަތާއި ހައިބަތުވެސް ވަރުގަދަވެ ހިތް ދަމައިގަންނަނީ ދަގަތްފާނު ފަދައިންނެވެ.

އަލާޔާގެ ލޮލުގައި އުފެދުނު ވިދުވަރާއެކު ސަލާރުއަށް މަރުހަބާ ކިއެވެ.

"ހީވެސް ނުކުރަން.....އަހަރެމެން ހޮސްޕިޓަލުގައި ވޯކްކުރާނީ؟" އަލާޔާ އެހިއެވެ.

"އެތާ މަސައްކަތް ކުރަން ޖަނަވާރުންތަ އުޅެނީ؟ "ސަމަރު އަވަހަށް ބުނެލީ ފޫހި ވައްތަރެއް މޫނަށް ޖައްސައިލަމުންނެވެ. ކޮއްކޮގެ ނާގާބިލުކަމާމެދު ލަދުން ހަލާކުވާވަރުވެއެވެ. ތަންކޮޅެއް އެހެން ކަހަލަ ކޮއްކޮއެއް ލިބުނުނަމައެވެ. ފަޚުރުވެރިވާފަދަ ފިރިހެންދަރިއަކު މަންމަގެ ހުރިނަމައެވެ. އައިމަލް ފަދައިންނެވެ.

"ސަމަރު..." ސޫފިޔާނާ އިންޒާރުގެ ނަޒަރެއް ދިނެވެ.

"ފޮރުވައިގެން އުޅުނަސް ބޭޒާރުވާނެ މަންމާ. ސަލާރުއަކީ ޖަނަވާރުންނަށް ބޭސްކުރާ ޑޮކްޓަރެއް.....އަހަރެމެން ފަޚުރުވެރިވާ ވަރުގެ ކޮއްކޮއެއް ނޫން ލިބުނީ. އެހާވަރުން ޚަރަދުކޮށް އެމެރިކާގައި ބެހެއްޓީމަ އައީ ވެޓަކަށް ވެގެން...ރާއްޖެއަކަށް ޑިމާންޑް އޮތް ޖޮބެއްވެސް ނޫން...ފައިސާވެސް ލިބޭނީއެއްނޫން..." ސަމަރުގެ ވާހަކަތަކުން އަލާޔާގެ ލޮލަށް ވެރިވި ވިދުން ކެނޑި ވަގުތުން އަނގަ ސަކަރާތްވިއެވެ.

"އަސްލު އެނގެއޭ ސަލާރުގެ އެކަހަލަ ހުނަރެއް ނުހުންނާނެކަން..." އަލާޔާ ސަލާރުއަށް އެނގޭގޮތަށް އަނގަ ހަރަކާތްކުރިއެވެ."ލޫޒާ"

ސަލާރު މޮޔައެއްހެން ހީލައިގެން ހުރީއެވެ. އެންމެންގެ ދިމާކުރުންތަކުން އޭނަގެ ހިތުގައި ޖެހުމުގެ ބަދަލުގައި ހިނިގަނޑު ޖަހައިލެވުނީއެވެ.

"އިންސާނުންނަށްވުރެ ޖަނަވާރު މާ ރަގަޅު. ސޯ....އުރުގައި މިއޮތް ބެލާއަކީ މިސާލެއް....ދޯ ބޭބީ.."ސަލާރު ދޮން ދޭން ފެށުމުން އަލާޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ސޭކު ސަލާރު ދުވަހަކު އިސްލާހެއް ނުވާނެއެވެ. މަރުވާނީވެސް މި ސޭކު ކަންމަތީގައެވެ. ސަލާރު ދުރަށް ހިނގައިގަތީ ތުނބުން ފުމެމުންނެވެ. އެހާ ހަމަޖެހިލައިގެން އެހެރީވެސް ހުރި މޮޔަކަމުން ކަމުގައި އަލާޔާ ޔަގީންކުރިއެވެ.

***

އައިމަލްއާއި ސަމަރު އެކީގައި ކޮންސަލްޓިން ރޫމުން ފެނުން އާއްމުކަމަކަށްވެ ސުވާލުކުރުމުން އައިމަލް ބުނީ ސަމަރުއަށް ތެރަޕީ ދެނީކަމުގައެވެ. އޭނަގެ މަންމަ އެގޮތް ބޭނުންވާތީއެވެ. ސަމަރު އޭނައާއެކު މަސައްކަތްކުރަން ހަމަޖެއްސި މަގުސަދަކީވެސް އެއީއެވެ. ދެތިން ދުވަހަށްފަހު ކޮޓަރިން ބޭރުން ދެމީހުން ކެންޓީނުން ކޮފީގައި ތިއްބާ ފެންނާން ފެށުމުން އެދެމީހުން އަޅުވާ ކިޔަން ފެށުމުން އަލާޔާ ލަދުން މަރުވާވަރުވިއެވެ. އޭނަގެ ފިރިމީހާ އެހެން އަންހެނަކާއި ހިތާވެގެން އެހެން އަންހެނަކާއިއެކު އެންމެންގެ ކުރިމަތީގައި އުޅުމަކީ އޭނަގެ ފަޚުރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

އަލާޔާގެ ކެތްތެރިކަން ކޮޅުން ލީ ޔާނާ ކުރި މެސެޖަކުންނެވެ. ދަތްތައް ކާރުވައިގަތުމާއެކު ފުންމައިގެން ތެދުވުނެވެ. އެނދުގެ ރަޖާގެ ދަށުގައި މަންމަ ކިޔާދެމުން ދިޔަ ވާހަކަ އަޑުއަހަން އޮތް ހަނާ ކުސްތަޅައިގަތެވެ.

"މަންމި ޕްލީޒް މަޑުކުރޭ..."

"ޑެޑީ ގާތު އެއްޗެއް ގަންނަން ބުނެފައި މި އަންނަނީ..."

ޑެޑީގެ ނަން އިވުމާއެކު ހަނާ ރަޖާގެ ދަށަށް ވަދެ ފޮރުވިގަތެވެ.

އައިމަލް ކޮޓަރީގެ ބޮކީގެ އަލި ފަނޑުކޮށްލައިގެން އޮތީ ނިދާފައެއް ނޫނެވެ. ކޮންމެވެސް މީހަކަށް ގުޅާލައިގެން އޮވެ ނިކަން ހެވިފައި ވާހަކަދައްކައެވެ. އަލާޔާ ފެނުމާއެކު ފޯނު ބޭއްވިގޮތަށް ބުމަކައިރިކޮށްލިއެވެ.

"މިތާ ކީއްކުރަނީ؟"

"ހަނގުރާމަ އިއުލާން ކުރަން. މުޅި ހޮސްޕިޓަލުގައި ދައްކާ ވާހަކައިން އަހަރެން ލަދުންގޮސް ސުއިސައިޑް ވާ ހިސާބަށް ހިގައްޖެ. ސަމަރަކީ އައިމަލްގެ ލޯބިވެރިޔާކަމަށް ބުނަނީ. އެއީ ތެދެއްތަ؟" އަލާޔާގެ ލޮލުން އަލިފާން އާވި ފޮނުވަނީއެވެ.

"ބުނީމެއްނު ޕޭޝަންޓެކޭ. ކޮން ވައްތަރަކަށް ވާހަކަ ތިދައްކަނީ؟" އައިމަލް ފޫހިވާގޮތްވިއެވެ. އޭނަ ފެނުމުންވެސް އައިމަލްގެ މޫނުގެ ކުލަ ފަނޑުވެ ބުމަގޮށް ޖެހުނެވެ.

"އެއީ ތެދުވާހަކައެއް ހޭ؟"

"އަހަރެމެން ދެމީހުންގެ ތިބުނާކަހަލަ ރޮމެންސެއްނެތް........"

"ދޮގު. އަހަރެން ގަބޫލެއްނުކުރަން.."

"ތިވަރަށް ޝައްކުކުރަންޏާ މިގެއިން ދާންވީނު. މަށަށް ނުފެންނަ ހިސާބަކަށް ދޭ.މިވަގުތު އަހަރެންގެ އަތުން ގޯހެއް ހެދިދާނެ. ގެޓްއައުޓް..."އައިމަލް ހަޅޭއްލަވައިގަތްއިރު އެލޮޮލުން ޝައިތާނީ ވިދުވަރެއްވެސް ފެނި އަލާޔާގެ ހިތަށް ފިނިވެ ގައިން ހީބިހިނެގިއެވެ. އެލޮލުން އެއްވެސް ހަމްދަރުދީއެއް ލޯތްބެއް ނުފެނުނެވެ. އޭގެ ބަދަލުގައި ރުޅިއާއި ނަފްރަތެވެ. ފޫހިކަމެވެ. ބީރައްޓެއްސަކަށްވެސް މީހަކު އެފަދަ ނަޒަރަކުން ނުބަލާނެއެވެ.

***

"އައިމަލް ސަމަރުގެ އަތުގައި ހިފައިގެން އިންދާ ފެނުނޭ ކިޔައިގެން ޔާނާ މެސެޖްކުރި.މިއޮތީ....." އަލާޔާ ހަށަން ބަދެލައިގެން އައިމަލްގެ ކުރިމަތީގައި ހުއްޓުނެވެ. އައިމަލް ފޯނު އަތުލައިގެން ޗެޓް ލޮގް ކިޔައިލިއިރު ތުންފަތަށް ވެރިވި މަލާމާތުގެ ހިނިތުންވުން އަލާޔާވެސް ހައިރާންކުރުވިއެވެ. އެ ހިނިތުންވުން ޖަވާބަކަށް ފުދުނެވެ.

"އެއީ ތެދެއްތަ؟އެހާ ޗީޕްތަ؟"

އާނ ދެން ކީއްކުރާނީ؟ ކުރާނެ ކަމެއް ބުނެބަލަ އަހަރެން މިއުޅެނީ ސަމަރުއާއި ރައްޓެހިވެގެން......." އައިމަލް ޖެހިލުމެއްނެތި ބުނެލިގޮތުން އަލާޔާގެ މެޔަށް ފިނި ހީބިހިގަނޑެއް އެރިއެވެ. ދެވަނަ ސިކުންތުކޮޅު އައިމަލްގެ ކޯތާފަތަށް ހޫނުވިއެވެ.

 

ނުނިމޭ

ކޮމެންޓް 0