"ފުރިހަމަ މުސްލިމަކަށް ވެއްޖެއްޔާ ޝިރުކުގެ ހުރިހާ އަމަލަކާއި ދުރުވާން ޖެހޭނެއެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވާހިނދު ޝިކުރުކުރާ ބަޔެއްގެ ދީނީ އީދުގައި ބައިވެރިވެ ތަހުނިޔާ ކިޔުމަކީ މުއުމިނުން ކޮށްގެން ވާނެކަމެއް ނޫނެވެ."
***
"ހޭއި......އާ ޔޫ އޯކޭ ނައު؟" އިއްތިފާގުން އަލާޔާވެސް ހުރީ މުޅިން ކަޅު އެއްޗެހީގައެވެ. އެކަމަކު މިއަދު އެހެން ދުވަހާއި ތަފާތުކޮށް ނިކަން ރީތިކޮށް މޭކަޕްކޮށް އަނދުވެސް އަޅައިގެންނެވެ.
"އައިމް އޯލްރައިޓް....." ސަލާރުއާއި އަލާޔާގެ ލޯ ގުޅުނެވެ. ސަލާރުގެ އަޅި ދެލޮލުގެ ރީތިކަމާއިއެކު އެލޮލުގައިވި ވިދުވަރު ޖަވާހިރާއި އަޅުވާ ކިޔުނެވެ. ޖަވާހިރެއްހާ ރީތި ލޮލެކެވެ. ކުރިން އެލޮލުގެ ރީތިކަން އޭނައަށް ފާހަގަނުވީ ކީއްވެބާވައެވެ.
"ތިހާވަރަށް ބަލަންޏާ އެސްފީނާ ޖެހިދާނެ..މަ ވަރަށް ލަދުރަކި މީހެއްނު. ކީއްވެގެންނޯ ތިހާ ވަރަށް ބަލަނީ؟" ސަލާރު އެސްފިޔަ ތަޅުވައިލިއެވެ.
"ބުމަ ހިމަކަމުން.......އަދި ބެލާގެ ލޮލުގެ ކުލައާއި ވައްތަރުކަމުން........" އަލާޔާ ލޯ ބޮޑުކޮށްލިއެވެ. ފޮނިވެސް ފިރިހެނެކެވެ.
"ﷲ ދެއްވި ސިފަތަކާއިމެދު ރުހެން. އެޓްލީސްޓް އަލާޔާއަށް ބެލާއަށް ކިޔާ ނަން އެނގިއްޖެ. އަދި ބެލާގެ ލޮލާއި ވައްތަރު ލޮލެއް ވަކިކުރަން އެނގިއްޖެ. ނޮޓް ބޭޑް....ހޫމް އެ ވާހަކައެއް ނޫނޭ. ދެ އަންބަށް އައިމަލް މީހަކާއި އިނީމަ ވަރަށް ހަމްދަރުދީވި......."
ސަލާރުވެސް ހަމްދަރުދީވާނެކަމަށް އޭނަގެ ހިތް ގަބޫލެއްނުކުރިއެވެ. ރަގަޅަށް ވިއްޔާ މަލާމާތްކުރީއެވެ.
"ސަލާރުގެ ދައްތަ މީހުންގެ ފިރިން ޖަހައިގަންނަން ޖާދޫ ހެދިއްޔާ އެންމެ ރަގަޅަށް އެނގޭނީ ސަލާރުއަކަށްނު، ޔޯ ފެމިލީ އިޒް ވިއާޑް. ސީރިޔަސްކޮށް އެންމެންވެސް ތިބީ ހަމަ ސައިކޭޓްރިސްޓެއްގެ ހެލްޕް ބޭނުންވެފައެއްނު. އައިމަލް ތިގޭގައި ހުރީމަ ފައިދާކުރާނެ.................."އަލާޔާ ރުޅިގަދަވީ ސަމަރުގެ ނަން އިވުނީމައެވެ. އައިމަލްވެސް ސަމަރުއަކަށް ދޫނުކުރެއެވެ. އެންމެން އޭނަގެ ދިރިއުޅުން ބަރުބާދުކުރަން ފައި ވިއްދާފައެވެ. ވަށައިގެން ފެންނަނީ މަލާމާތުގެ މޫނުތަކެވެ.
އޭނަ މާޒިންއަށް ގުޅާފައި ހުރިހާ ވާހަކައެއް ކިޔައިދޭންވީއެވެ. މާޒިން ގާތަށް ލަންޑަނަށް ދެވޭނެނަމައެވެ. އޭރުން އެންމެންގެ އަނގަތައް ބަންދުވާނެއެވެ.
"ޔޫ ނޯ ވަޓް. މަ އަދިވެސް މެރީކޮށްފާނަން......."
"ރިއަލީ؟" އަލާޔާއަށް ސަލާރުގެ އެ ސީރިޔަސް ޖުމްލަ ގަބޫލުކުރެވި މޫނު އާފަލެއްހެން ރަތްވެގެން ދިޔަ އިރުކޮޅެއްވިތަނާ ސަލާރު ހޭންފެށިއެވެ.
"އައި ޓޭކް ދެޓް ބެކް..ތިހާ.......މުސްކުޅި ކުއްޖަކާއި މެރީ ކުރަން މަންމަ އެއްބަހެއްނުވާނެ.........." ސަލާރު ގަސްތުގައި އަލާޔާ ރުޅި އަރުވަން މަސައްކަތްކުރަމުން އެއް ބުމަ އަރުވައިލިއެވެ.
"އަމިއްލައަށް ފޮނިކަނޑާއިރު އަދި އަހަރެންގެ ހިތުގައިވަނީ ކޯންޗެއްތަ ފިރިހެނާ. އަދިވެސް ހަނދާން އެބަހުރި މަށަށް ކީ ނަން.."ކުއްލިއަކަށް ސިކުނޑީގެ ކަނެއްގައި ބޮއްކެއްހެން އެ ނަން ދިއްލުނެވެ.
"ވަޓް؟ ކޮން ނަމެކޭތަ؟" ސަލާރުއަށް ނުވިސްނުނެވެ.
"މަންމައޭ...މަށަށް މަންމަ ކިޔާފައި ގޮވީ....." އަލާޔާ ދަތްތައް ދިލުވައިލިއެވެ." އެދުވަހު އެ ވަގުތުކޮޅު އަބަދަށް ބްރެއިންގައި ޕިން ކޮށްފައި އެބައިން.....މަންމައޭ. މަންމަ ކިޔާ ލޭބަލް ކޮށްލީމަ އަހަރެން ހަރާމް ވާނެއްނު...."
"އާހް މައި ބްރެއިން އިޒް ބްރޯކެން......" ސަލާރުއަށް ހަގީގަތުގައި އަލާޔާ އެ ދުވަހުން ފެށިގެން އޭނައާއި ވާހަކަނުދެއްކި ސަބަބު އޮތީ ބޮޑު އަޖައިބެއްގެ ގޮތުގައެވެ. ސުވާލުކޮށްކޮށް އޮޅުމެއް ނުފިލިއެވެ. އޭނަ އެދުވަހު ޕެނިކްވީއެވެ. ޕެނިކްވީމަ މަންމާއޭ ކިޔާފައި ކައިރީގައި އިން މީހެއްގެ ގައިގާ ހިފައިގަނެވުނީމަ ދެން އެކަން ދެނެގަންނަންވާނެ ނޫންހެއްޔެވެ؟އަދި ކިރިޔާ އަލާޔާ އެހާ ރުޅިއައި ސަބަބު ދެނެގަނެވުނީއެވެ. ބިރަކީ ނުބައި އިހުސާސެކެވެ. ބިރުގަތްވަރުން އަދި މަންމައަށް ގޮވުނީއޭ ކިޔާފައި އަލާޔާ މަންމަގެ މަގާމަށް ގެނައީއެއް ނޫނެވެ. ސަލާރުގެ ޚިޔާލު އެކި ކޮޅަށް ދަތުރުކުރުމާއެކު ފްލައިޓް ތެރޭގައި ދިމާވި ހާދިސާވެސް ސިފަވެ ހިނިއަންނަން އުޅުނެވެ.
"އަލާޔާ އަހަންނަށް މާފުކުރޭ. އައި ޑިޑްންޓް މީންއިޓް، ތެދަށް ބުނަންޏާ އަހަރެން މިހާރު މިހިރީ ގުރުބާންވެގެންވެސް އަލާޔާ އައިމަލްގެ ވަކިތަކުން ސަލާމަތްކުރަން. ގަބޫލުކުރޭ. އޭނައަކީ ރަގަޅު މީހެއްނޫން." ސަލާރު ވާހަކަދައްކަމުން ހީލުމުން މަލާމަތްކުރަނީކަމުގައި ޔަގީންވިއެވެ.
"ސިކުނޑިއަށް ސިމެންޓް އަޅާފައި ތިހިރީ. އެންމެ ކުރިން ތި ސިކުނޑިއަށް އޭނަ ލައްވާ ބޭސްކުރުވާ. މަށެއް ނުލިބޭނެ....."އަލާޔާ ބޭނުންވީ ސަލާރުގެ ހިތް އޮތްގޮތެއް ބެލުމަށެވެ. ސަލާރު ގެ ހިތުގައި އޭނައަށްޓަކާ ލޯބީގެ ޒައްރެއް އޮތަސް އާދޭސްކޮށް ލޯތްބަށް ސަލާމް ޖަހާނެ ނޫންހެއްޔެވެ؟
"ހޫމް. ސާކޭސްޓިކްކޮށް ބުނެލި އެއްޗަކާ ވައްތަރީ. ކޮންމެގޮތެއްވިޔަސް ބަލަން ހުންނާތި. އަހަރެން އިންނާނީ ހަމަ އަލާޔާއާއި. އައިމަލް ގާތުން ވަރިވެސް ކުރުވާނަން...." ސަލާރު ހުރީ މަޖާވެފައެވެ.
އަލާޔާއަށް އެއްޗެކޭ ނުބުނެވުނީ އެވަގުތު ސަލާރުގެ މަންމަ އަޑު އިވިފައި އަލާޔާ ދުރަށް ހިނގައިގަތުމުންނެވެ. އެދެމީހުން ވާހަކަދައްކާތަން ފެނުނަސް ސޫފިޔާނާ ހާޓްއެޓޭކެއް ޖެހިދާނެއެވެ.އެއަށްވުރެ ނުރުހެވޭ މަންޒަރެއްނުވާނެކަން ޔަގީނެވެ.
***
ބޯކޮށް ވާރޭ ވެހިގަތްއަޑަށް އަލާޔާ ހަނދާންވީ ރޯނުގައި އަޅުވާފައި ހުރި ހެދުންތަކެވެ. އޭނަ ދުވެފައިގޮސް ހެދުންތައް ނަގައިގެން ގެއަށް ވަންއިރު ސޯފާގައި އައިމަލްއާއި ސަމަރު ތިބިތަން ފެނުމުން ފޫހިވެގެން ހަލާކުވާވަރުވިއެވެ. އެދެމީހުން އެގޭތެރެއިން އަބަދުވެސް ފެންނައިރު އޭނަ ހަނދާންވަނީ ބޯ ގުޅިފައި ތިބޭ އެއްމާބަނޑުކުދިންނެވެ. އަބަދު ސަމަރު އިންނަނީ އައިމަލްގެ ބޮލާއި ބޯ ގުޅުވައިގެން ވިއްޔާއެވެ. ޓީވީއިން ޕްރޮގްރާމެއް ދެއްކި ނަމަވެސް ސަމަރުއަށް އައިމަލް ނޫން މީހަކު ފެންނަވަރެއް ނޫނެވެ. އަދިވެސް މާމުއި ހަނދުގެ ދުވަސްވަރުކަމުން ސަމަރު އައިމަލްއާއިހެދި މޮޔަވެފައެވެ.ނަމަވެސް އޭނަގެ ހިތުގައިއޮތް ހަސަދައާއި ފޫހިކަމުގެ މައްޗަށް ކުރި ހޯދާ ހީލިއެވެ.
"ކޮން ސީރީޒް އެއް ބަލަނީ؟ހޫމް މަވެސް ބެލީމޭ. ކުރީކޮޅު އެ ކަޕްލް ނިކަން ލޯބިން އުޅެފައި ފަހުން ފޫހިވޭ...." އަލާޔާ މަޖާގޮތަކަށް ހީލިއެވެ.
"މެޓް އޮފީހަށްވުރެވެސް އަލާޔާ ދޮގުހަދަން ކުޅަދާނަ..." ސަމަރު ހިނިގަނޑެއް ޖަހައިލިއެވެ."މިއުޅެނީ މާދަން ފުރަން.."
"ރިއަލީ؟"
"ޕެރިހަށް........ކޯންޗެއް ގެނެސްދޭންވީ؟"
"އައިފުލް ޓަވަރ ޕެކްކޮށްލައިގެން ގެންނާން ވީނު............."އަލާޔާވެސް ސަމަރުއަކަށް ދޫނުކުރިއެވެ.
"ދާހިތެއް ނުވޭތަ؟"
"ދަގަނޑު ގަނޑެއް ބަލަން މީހުން މޮޔަވިޔަސް އަދި އަހަރެން އެހާ މޮޔައެއްނުވޭ. މުސްލިމުންނާއި ދެކޮޅުމީހުން އުޅޭތަނަކަށްވެސް ދާކަށް ބޭނުމެއްނޫން. ތި ދެކުދިންގޮސް މަޖާކޮށްލާފައި އާދޭ......." އަލާޔާ އެކަމާއި ދެރަވިޔަސް އޭގެ ފައިދާވެސް އެބައޮތެވެ. އޭނައާއި ހަނާއަށް ތަންކޮޅެއް ހަމަޖެހިލައިގެން މިގޭތެރޭ އުޅެވޭނެއެވެ. އައިމަލްއާއި ސަމަރު އުޅޭގޮތުން ހަނާގެ ސުވާލުތައްވެސް އޮތީ ގިނަވެފައެވެ. އޭނައަށް މިގޭތެރޭގައި ކެތްކުރެވެނީއެއްނޫނެވެ. އެހެން މަންޒިލެއް ފެނޭތޯ އޭނަގެ ލޯ މިދަނީ ހޯދަމުންނެވެ.
"ވީ ވިލް....އެއީ މި ޕްލެނެޓްގައި ހުރި އެންމެ ރޮމެންޓިކް ޑެސްޓިނޭޝަން. ދަ ސިޓީ އޮފް ލަވް....."ސަމަރު ފޮނިވެލިއެވެ."ނޫންތަ ހަނީ؟"
"އެތަނަށް ދިޔައިމަ އެނގޭނީ ދޯ....."އައިމަލް ސަަމަރުގެ އިސްތަށިގަނޑުން ބުޅިއެއް އިނގިއްޔަށް އޮޅާލައިގެން ކުޅެމުންދިޔައިރު ތުންފަތުގައި އުފާވެރި ހިނިތުންވުމެއްވިއެވެ.
އައިމަލް މޭޒުމަތީގައި ހުރި ކޮފީތަށި ލަސްލަހުން ބޮމުން ދިޔައެވެ. އޭނައާއި އަނގައިން ބުނަންވެސް ބޭނުންނުވާފަދައެވެ. ހިތުގައި ސުވާލުވެސް އުފެދެން ފަށައިފިއެވެ. އޭނަ އަދި ދޮގުހަދައިގެން ކައިވެންޏާއި ހަމަޔަށް އަޔަސް މިހާވަރެއްގެ ނަފްރަތަކާއި ދުޝްމަންކަމެއް އޮވެގެނެއް ނުވާނެއެވެ. ކޮންމެވެސް ސިއްރެއް އެބަވެއެވެ.އައިމަލް އޭނައާއި ހަނާއާއި ޖައްސާލައިގެން އުޅޭފަދައެވެ.
***
އައިމަލްއާއި ސަމަރު ފުރުމުން އޭނައަށް ޖެހުނީ އަލާޔާ އާއިލީ ޒިންމާ ޗުއްޓީނެގިއެވެ. އެކަނިމާއެކަނި އެބޮޑުގޭގައި އުޅެން ނުކެރިގެން އައީ އޯޓަމް ވިއުއަށެވެ. އެހެން އަންހެންކުއްޖަކު އޯޓަމް ވިއުގެ ކޮޓަރިއެއް ކުއްޔަށް ހިފައިގެން އައިސް އުޅުމުން އަލާޔާގެ އެކަނިވެރިކަން ފިލިއެވެ. ނަމަވެސް ރަދްވާވެސް ވީ ތަފާތު އަންހެންކުއްޖަކަށެވެ. މީހުންނަށް ޣީބަ ބުނުމާއި މަލާމާތްކުރުމުގައި ކުރީގައި އުޅޭ ކުއްޖެކެވެ. އޭނަ ބުނީ އޭނަ މިކޮޅަށް އައީ ރުގުޔާކުރުވަން ކަމަށެވެ. ޖިންނި އަކު އޭނައާއި އަވަލައިގެން އުދަގޫކުރަނީ ކަމުގައެވެ. އަލާޔާއަށް އެވާހަކަތައް ކިޔާދިނަސް އެކުވެރިގޮތެއްވެސް ނުހުރެއެވެ. ވާހަކަދެއްކުމުގައި ބޮޑާކަން ހުރުމުން އަލާޔާއަށް އެ ސިފަ ކަމަކު ނުދިޔައެވެ.
އަލާޔާއާއި ސަބްމެރިން ގަނެގެން އައި ތަނުން ރަދްވާ ކޮފީތަށްޓެއް ހަދާލައިގެން ނުކުތެވެ.
"ސަބްމެރިން ކާނަންތަ؟"
"ޝުއާ...މަގޭ ފެވެރިޓް...." ރަދްވާ ހީލިއެވެ.
ދެމީހުން ބެލްކަނީގައި ވާރޭވެހޭ މަންޒަރު ބަލަން ތިބިއިރު ހަނާވެސް ކުލަޖައްސަން މަޑުމަޑުން އިނެވެ.
"އަލާޔާ ވެކްސިންޖެހީތަ؟ "
"ނޮޕް..އަދި އެހާ ޓްރަސްޓް ނުކުރެވޭތީ ނުޖަހާ މިއުޅެނީ.."
"ސާބަހޭ މަ ކޮވިޝީލްޑް ދެ ޑޯޒް ޖަހައިފިން...." ރަދްވާ ފަޚުރުވެރިކަމާއެކު ހީލިއެވެ." ދެން އޮތީ ބޫސްޓަރ ޖަހަންވެފައި.."
"ފައިޒާ ދޯ..."
"ފައިޒާއެއްނޫން. ބޫސްޓަރ.." ރަދްވާ ބުނެލިއެވެ.
އަލާޔާ ހެމުންގޮސް ލޮލުން ފެން އަންނަގޮތްވިއެވެ. ރަދްވާ އެހީކުރީ ބޫސްޓަރ އަކީ އެ ވެކްސިނަށް ކިޔާ ނަންކަމުގައެވެ.
"ޔޫ އާ ހިލޭރިއަސް ރަދްވާ....."
"މަ ތިއަށްވުރެ ހެއްވާ ހާދިސާއެއް ކިޔާދީފާނަން....." ރަދްވާ ކިޔައިދިނީ ފްލައިޓްތެރޭ ދިމާވި ހާދިސާއެކެވެ. އެވާހަކަ ކިޔައިދޭން ފެށުމާއެކު އަލާޔާ ގެ ހަނދާނަށް އެފްބީގެ ޕޯސްޓް އައެވެ. ސަލާރު ރަދްވާއަށްވެސް "މަންމަ" ކިޔައިގެން މޮޔައެއްހެން އުޅުނީއެވެ. ރަދްވާއާއި ބައިވެރިވެގެން ހުނަސް އަލާޔާ އެވަގުތު މި އަންހެންކުއްޖާދެކެ ފޫހިވެ ދުރުހިލޭކަން އިހުސާސްކުރެވުނެވެ.
***
ސަލާރު ސޯފާގައި އިނީ ކަންފަތުގައި ހެޑްސެޓް އަޅާލައިގެންނެވެ. ސޯޓްކޮޅަކާއި ބާރު ޓީޝާޓެއްލައިގެން އިސްތަށިގަނޑު ހާވާލައިގެން ހުރި ސަބޫރު ނިދި ބަރުކައިގެންފައިވާ ލޮލަކާއެކު ކޮޓަރިން ނުކުމެގެން އައެވެ. ސަލާރުގެ ހެޑްސެޓްގެ އެއްކޮޅު ކަންފަތުގައި އެޅީ މިއުޒިކް އަޑުއަހަނީކަމުގެ ޔަގީންކަމާއެކުގައެވެ.
"އޯ އެމް ޖީ.....އިޓްސް ޤުރުއާން....." ސަބޫރު ޝޮކެއް ލިބުނުފަދައިން ލޯ ބޮޑުކޮށްލިއެވެ. ޖެހިގެން ހުރި ސޯފާގައި ފޮތެއް ބަލަން އިން ސޫފިޔާނާވެސް އައިނު ތިރިކޮށްލިއެވެ.
"އެކްސްޓްރީމިސްޓަކަށް ވަނީތަ ދޮންބެ.." ސަބޫރު ހަށަން ބަދެލިއެވެ.
"ޤުރުއާން އަހަންވަނީ ތި ނަން ކިޔާ މީހުންކަމެއް އަދި ނުދެނެހުރިން..." ސަލާރު އެއްލޯ ކުޑަކޮށްލިއެވެ.
"ކްލާހުގައި އުޅުނު އެ ތިންކިން ހުރި ކުއްޖެއް. އޭނަވެސް އަބަދު އަޑުއަހާނީ ގުރުއާން. މިއުޒިކް ހަރާމްކަމުގައިބުނެ ވަރަށް ލެކްޗާ ދޭނެ. ބޯރިން ނާޑް ޓައިޕް ކުއްޖެއް.."ސަބޫރު އިތުރަށް ކިޔައިދިނީ އެކުއްޖާގެ ޚިޔާލު ހުންނަގޮތާއި ދެއްކި ވާހަކަތަކެވެ. އެކުއްޖާ ގަވާއިދުން ނަމާދުކޮށް ރޯދަހިފާ ސުންނަތަށް ތަބާވާކަމުގައެވެ. އެގޮތަށް އުޅުމަކީ ހައްދުފަހަނަޅާ ދިޔުންކަމުގައި ސަބޫރުދެކުނެވެ. ސަބޫރުއާއި އެކުވެރިން ގަބޫލުކުރާގޮތުގައި އެއީ ކުރީ ޒަމާނުގެ ޚިޔާލުތަކެވެ. މިޒަމާނަށް ނުފެތޭ ޚިޔާލުތަކަށް ފުރުސަތު ދީގެން ނުވާނެއެވެ. އެކޮޓަރީގެ ފާރުތައް ފަޅުފިލުވާލާފައިވާ ހުންނަނީ ބީޓީއެސް ތަރިންގެ ޕޯސްޓަރުތަކުންނެވެ. ލެޕްގެ ވޯލްޕޭޕަރަށްދާންދެން ވެސް އެ ފޮޓޯތަކެވެ. ސަބޫރުގެ ހުވަފެންތަކާއި ގުޅިފައިވަނީވެސް އެކުދިންނެވެ. އޭނަ މޮޔަވާވަރަށް ލޯބިވާކަމުގައި ދައުވާކުރެއެވެ. ވީއިރު އޭނަގެ ދޮންބެ އެފަދަ ނުރައްކާތެރި ފިކުރަކާއި ދިމާލަށް ދަންޏާ އެއީ ބިރުވެރިކަމުން ފުރިފައިވާ އަމަލެކެވެ.
***
އަލާޔާ އެފްބީ ހުޅުވައިލެވުނުކަމުގެ މޮޔަހީވިއެވެ. ސަމަރުއާއި އައިމަލްގެ ޕެރިސް ފޮޓޯތައް ފެނުމުން ލޮލުން ކަރުނަ ހިލުނެވެ. ދުވާލުގެ ތާވަލް އެނގޭގޮތަށް ކޮށްފައި ހުރި ޕޯސްޓްތަކުން އޭނަގެ ހިތާއި ސިކުނޑިވެސް ހަލާކުކުރުވައިފިއެވެ. އެންމެ ބޮޑަށް ދެރަވަނީ އޭނަ ދަންނަ މީހުންގެ މަލާމާތް ރައްދުވާނެކަން އެނގޭތީއެވެ.
"އައިމަލްދެކެ ލޯބިވާންފެށީތަ؟ މިވަރަށް ދެރަވަނީ ހަމަ ލޯބިވާތީތަ؟ ނޫން އައި ހޭޓް ހިމް. ފޮނި ފިރިހެނާ...." އަލާޔާ ފޯނު އެއްލާލާފައި އެނދަށް ބަންޑުން ވެއްޓިގަތެވެ. އިރުކޮޅަކުން ފޯނު ވައިބްރޭޓްވިހެން ހީވެގެން ބަލައިލިއިރު މަހާ ފޮނުވި ލެކްޗާއެކެވެ. މަހާ ފޮނުވާނީ ގިނައިން ދީނީ ޕޯސްޓްތަކާއި އެފަދަ ލެކްޗާތަކެވެ. އެބަލަން ފެށުމުން ހިތަށް ފިނިކަމެއް ލިބި ވަގުތުކޮޅަކަށް ނަމަވެސް އެ ދަރުސުން އަސަރުކޮށް އެގޮތަށް އުޅެން ބޭނުންވިއެވެ. ދުނިޔެއަށް އައީ ކޮން ބޭނުމަކުހެއްޔެވެ؟ މަގުސަދަކީ ކޮބާހެއްޔެވެ؟
ވަގުތުން ތެދުވެ ވުޟޫކޮށްލައިގެން ނަމާދުކޮށްލުމުން ހަގީގަތުގައި މާޔޫސްކަން ފިލިއެވެ. އޭނަ މުސައްލާ މަތީގައި އިނދެ ޟުހާ ސޫރަތް ދަސްކުރަންފެށިއެވެ. އެ ސޫރަތް ދަސްކުރަން މަސައްކަތްކޮށްކޮށް ކުރިއަށް ދާގޮތެއްނުވިއެވެ. އޮޅުން އަރަނީއެވެ. އެހެންމީހުން ޤުރުއާން ދަސްކުރަނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. އޭނައަށްވެސް ވާންޖެހޭނެއެވެ. ދަސްނުވަނީ އޭނަގެ ނިޔަތް ނުބައިވީމަހެއްޔެވެ؟ އެހެން މީހުންނަށް ދައްކަން ކިޔަވާތީހެއްޔެވެ؟ އައިމަލްއަށް ދައްކަން ކުރާކަމަށްވާތީހެއްޔެވެ؟ އެންމެން ގުރުއާން ދަސްކުރާ ވާހަކަ ބުނުމުން ޗެލެންޖަކަށްވެގެން ދަސްކުރަން ނިންމީމަހެއްޔެވެ؟ ސުވާލުތަކުން ހިތް ފުރުމުން ކުޑަކޮށް ބިރުވެސް ގެންފިއެވެ.
"އިޚުލާސްތެރިކަމާއެކު ހަމަ އެކަނި މާތްﷲގެ ފަރާތުން އިނާމު ހޯދަން ދަސްކުރީމަ ދަސްވާނެހެން ހީވޭ. ބިސްމިﷲ ކިޔާފައި ކޮންމެ ކަމެއް ކުރަން އާދަކުރަންވީ. ރަގަޅުވާނެ އިންޝާﷲ....އަހަރެމެންގެ ނެތީ އިހުސާންތެރިކަމާއި އިޚުލާސްތެރިކަން...." އަލާޔާ އަމިއްލަ ނަފުސާއި ވާހަކަދެއްކިއެވެ.
އެރޭ އަލާޔާ ނިދީ ޟުހާ ސޫރަތް ދަސްކުރުމަށްފަހު ހިތްހަމަޖެހިގެން އޮވެއެވެ.ނިދުނީވެސް އެ މޫރިތި އާޔަތްތައް ކިޔަވަން އޮތްވައެވެ. ހުވަފެނުގައި ފެނުނީ އޭނަ މިސްކިތުގައި ޚަތިމް ހުޅުވާލައިގެން ކިޔަވަން އިންދައެވެ. އެހާވެސް ރީތި ރާގަކަށް މަޚުރަޖުންނެވެ.
***
ރަދްވާ މާ ވަރަކަށް ރީތިވެލައިގެން ކޮޓަރިން ނުކުތްއިރު މުޅި ހިސާބުގައި އަގުބޮޑު ސެންޓެއްގެ ވަސް ހިފާލާފައިވިއެވެ. އަލާޔާ ހީކުރީ ޕާޓީއަކަށް ދާން އުޅެނީކަމުގައެވެ.
"ރުގުޔާ ކުރާ ކުއްޖާ އެބަ އާދޭ...."
"އޯ......" އަލާޔާއަށް ބުނެވުނެވެ.
ނުނިމޭ