"ކީރިތި ގުރުއާނަކީ ޖިސްމާނީ ބަލިތަކާއި ޝައްކާއި ވަހުމްފަދަ ހިތުގެ ބަލިތަކަށްވެސް ވާ އެންމެ ފުރިހަމަ ޝިފާއެވެ."
***
އެހެންވެ ބުނަނީ ފިރިހެނަކަށް ވާށޭ..އަދި ރީތި ބޮޑީއެއް ހުއްޓަސް ހިތް ކަފަކޮޅެއްހާ މަޑުކޮށްގެން ފެންނަހާ އެއްޗަކަށް ބިރުން އުޅެން ހަދައިގެން ކަމަކުނުދާނެ. ކަނބިއްޔާއި ފިޔޮއްވެސް ކަލޭ ފެންނައިރަށް ފަހާ ދުވަނީ އެއަށްވެސް ފިނޑިކަން އިހުސާސްވާތީ...ތިވަރުން ދަންޏާ ހިނިވެސް ފަހަތުން ދުވާނެ. އަންހެނަކުވެސް ބުލީކޮށްފިއެއް ނު.........." އެކުވެރިއަކު ދިމާކުރިއެވެ.
"ފަ***" ސަލާރު ފޯނު ކަނޑާލައިފިއެވެ.
އޭނަގެ މޫނަށް އަލިވީ ފެނުނު މަންޒަރަކުންނެވެ. އޭނަގެ ބެލާ ފެނުމުން އެހެން ހުރިހާކަމެއް ހަނދާން ނެތި ދުއްވައިގަނެވުނީ އެ ދިމާލަށެވެ. އޭނަ އޮޅުކޮށްގެން ގެންގުޅޭ ބުޅާ އުރައިލުމާއެކު ދޮންދިނެވެ. އެ ބޮޑު ކެހެރިގަނޑުތެރޭ މޫނު ފޮރުވިއެވެ. އިންސާނުންނަށްވުރެވެސް އޭނަ ބެލާދެކެ ލޯބިވާކަން އެނގެނީ އޭނަގެ އެ ހަރަކާތްތަކުންނެވެ. އޭނަ ބުޅަލާއި ވާހަކަދެއްކީވެސް އިންސާނަކާއި ވާހަކަދައްކާނެހެން އޯގާތެރިކޮށެވެ. ބުޅާވެސް އޭނަގެ ލޮލަށް ބަލަން އިނދެ އަޑުލެއްވިގޮތުން ޖަވާބުދިންފަދައެވެ.
"ބެލާ ބިރުގަތްތަ؟ވަރުގަދަ ދަތުރެއްނު އެކުރެވުނީ. ކިރިޔާ މަގޭލޯބި ސަލާމަތްވީ...ބިރުގަތްތަ ޑެޑީ ނެތީމަ، ދެން އެހެން ދޫކޮށްފަ ނުދާނަން އިނގޭ..ވަރަށް ލޯބިވޭ އިނގޭ ބެލާ ޑާލިން......"
ސަލާރު އޭނަގެ މަންމަމެންނަށް ސަޕްރައިޒެއް ދޭންވެގެން އަންގާވެސް ނުލާ ރަށަށް އައިއިރު ފަހަރެއްގައިވެސް މިރަށުން އޭނައާއި ދިމާވެދާނެ އިތުރު ތޫފާނަކަށް ނުވިސްނައެވެ.
***
އަލާޔާ މާޒިންއާއެކު ސައިބޯން އިންއިރު ދެފައި ވައްކޮށްގެން ގޮނޑިއަށް އަރާފައެވެ. އޭނަ އެހެން އިންނާތީ މާކަނާ ގަލަކަށް އަރާފައިހެންނޭ ކިޔާފައި މަންމަ މައްސަލަ ޖައްސާނެއެވެ. އެކަމަކު ކާން އިންނަން އޭނައަށް އެންމެ އަރާމުގޮތަކީ އެއީއެވެ. މަންމަ އުޅެ އުޅެވެސް ބަދަލު ނުކުރެވުނު އާދައެކެވެ. ދެތިންފަހަރު އިލޮށިފަތިން އެޅި ބޮނޑީގެ ހޫނުކަން ނުކެނޑެނީސް އަނެއްކާވެސް ގޮނޑިއަށް އެރުނީ ހަމަ އެ ފާޑަށެވެ.
"މާޒް ބޭނުންތަ އާޔާ އުފަލުގައި ހުންނަތަން ދެކެން؟"
"ނޫން. ރޮއްވާފައި ބަހައްޓާނީ.."
"އަގް...." އާޒީން ޗީޒްކޭކުގަނޑު މާޒިންގެ އަނގަމަތީ ހާކާލިއެވެ.
"އާޔާ އެކަނި ބަހައްޓާފައި ގޮސް އުޅެނިކޮށް ގެއްލުމެއް އަނިޔާއެއް ވެއްޖެއްޔާ ޒިންމާ ވާނީ ރައީސްތަ؟މަގޭ ބޮލަށް އެރެން އުޅޭނެކަމެއް ނެތް އިނގޭ...ތިއަށް ކިޔަނީ އިމޯޝަނަލް ބްލެކްމެއިލް "
"ތިއީއެއްނޫނޭ މައްސަލައަކީ. ހަތް ބޯ ރާހި އެބައުޅެއެއްނު ހޮސްޕިޓަލުގެ ސީއީއޯކަން ލިބިގެން. އެންމެ ކުރިން އޭނަ ބަލާނެ އަހަންނަށް ދެރައެއް ދެވޭތޯ. އެހެންވެ މިފަހަރު އެހާ ފަސޭހައިން ބަލި ގަބޫލުކޮށް ފިލަން ބޭނުމެއްނޫން. އެތާ ވަޒީފާގައި ހުރެގެން ކުރިއަރާ މެނޭޖަރުކަން ކުރަން ބޭނުމީ.. އެނޫންގޮތަކުން ހިތުގައިވާ އަލިފާން ނިއްވައެއް ނުލެވޭނެ. މައި ހާޓް އިޒް ރޭޖިން އަސްލުވެސް. ރިވެންޖް ބޭނުމީ..................." އަލާޔާ ކިތަންމެ ރުޅިއަޔަސް މޫނުމަތިން ފެންނަނީ ހިނިތުންވުމެވެ. ލޯވެސް ދިއްލިފައެވެ.
"އެވަރު މީހެއްގެ ދަށުން ވޯކްނުކޮށް ކިޔަވައިގެން މެނޭޖަރުކަމަށް ކުރިމަތިލީމައެއްނު ފައިޓްކުރެވޭނީ. އާޔާ މާސްޓަރސް ހަދައިގެން ވަޒީފާހޯދާ އޭރުން އެހެން މީހުންގެ އަޅުވެތިކަމުގައި ހުންނާކަށް ނުޖެހޭނެ...."
އަލާޔާ ތަށިތައް ދޮންނަން ހުރިއިރު ހަށިގަނޑަށް ބަޑިބަޑި ލައްވަމުން ނަށަމުން ދިޔައީ އުފާވެރި ޚިޔާލެއްގައި ހުރެއެވެ. އައިމަލްއާއި ދައްކަންވީ ވާހަކަތައް ސިކުނޑީގައި ރޭވުން ނޫންކަމެއް ނުކުރެވެއެވެ. އައިމަލްގެ އަންބަކަށްވި ޚަބަރު ލިބިއްޖެއްޔާ ސޫފިއާނާއާއި އޭނަގެ ނާގާބިލު ދަރިން ހޭނެތޭނެކަން ޔަގީނެވެ. ބަންގީގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނަ ގަސްތުކުރީ އަވަހަށް ނަމާދަށް ދިޔުމަށެވެ. ނަމާދުކޮށްގެން ދުޢާކުރުމުން އޭނަ އެދޭކަންތައް ދެއްވާނެކަމުގެ ޔަގީންކަން އޮވެއެވެ. އެފަރާތުން ހުރިހާ އިންސާނުންނަށް ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގެންވޭ ނޫންހެއްޔެވެ؟ ޔަގީންކަމާއެކު ދުޢާކުރުމުން ކާމިޔާބުވާނެއެވެ.
***
ސަލާރު ފާރުގައި އަތް އަޅުވާލައިގެން ހުރެ ފޯނުން ވީޑިއޯ ކުރަމުން ދިޔައީ ފަޅުގޭގެ ފުރާޅުމަތީގައި ހިނގަމުން ދިޔަ ވަރުގަދަ ކޯޅުމެކެވެ. ދެބުޅާ އެސޮރުމެންގެ ބަހުރުވައިން މުއާމަލާތުކުރަމުން ދިޔައިރު ބޮލާއި ބޯ ޖެހޭ ހިސާބުގައެވެ. ލޯތައް ގުޅިފައެވެ. އިރުގަނޑަކުން ފޯރިއާއެކު ކޯޅިގަތްގޮތަށް ފުރާޅުމަތީގައި ތެޅެމުންގޮސް ކައްސާލައިގެން ވެއްޓުމުން ސަލާރު ހީނހީނ ބަލިވާވަރުވިއެވެ. ބުޅަލުގެ ބަހުރުވައާއި އޭނަ ނިކަން ގަޔާވިއެވެ.އޭނަ އެކުވެރިންނާއި ވީޑިއޯ ހިއްސާކުރުމުން ކުރަން ފެށި ކޮމެންޓުންވެސް ސަލާރު ހިނިއައެވެ.
"ފުރަތަމަ ޓްރޭޝް ޓޯކް ދެން ތަޅާފޮޅައިގެންފާ ކެހެރި އަނގައިގެ ފުރެންދެން ލައިގެން އެ ނެރެފައި އަނެއްކާ ވާހަކަ ދައްކާފައި ތަޅާފޮޅުން ނިންމައިލަނީ."
"އަންހެންކުދިން ތަޅައިގަތީމަ ކެޓްފައިޓް ކިޔާ ސަބަބަކީ މީ ދޯ. ކެޓްވެސް ގިނަ ވަގުތު ހޭދަކުރަނީ އިންސަލްޓްކުރުމުގައި...އެއްޗެހި ކިޔާ ހަޅޭއްލަވާފައި ދެން އިސްތަށިގަނޑަށް ދަމާ ވަކި އަޅާ އެގޮތަށް."
"މަގޭ ގާލް ހަމަ މިހެން ހަދާ މަ ޓީވީ ނިވައިލީމަ...ލޮލް"
އިރުއޮއްސި ރަތްވިލާ ލާން ފެށިއިރު އުޑުމަތި އޮރެންޖާއި ރަތުގެ ކުލަތަކުން ފެވުނެވެ.ބަންގީގެ އަޑު ޖެހުމުން ސަލާރުގެ ގައިން ހީބިހި ނެގީ ކީއްވެކަމެއް ނޭގުނެވެ.
ކުޑައިރުއްސުރެ ސަލާރު "އަޒާން"އަށް ލޯބިކުރެއެވެ. އޭގެ ލަފުޒުތަކުގެ މާނަ ނޭގުނަސް މިއުޒިކަށްވުރެވެސް އޭނައަށް ހިތްގައިމު އަޑަކީ އެއީއެވެ. އޭނަގެ ހުނަރަކީ އަދި މޮޔަވާ އެއްޗަކީ މިއުޒިކެވެ. ބަންގި ވާރޭ ރާޅު އަދި ވައިޖެހޭ އަޑުވެސް އޭނަގެ މިއުޒިކްގެ އެހީތެރިއަކަށްވެއެވެ. އޭނަ ލަވަތައް ހެދުމަށްފަހު އިނގިރޭސި ލަވަ ކިޔާފައި ޔޫޓިއުބަށް ލުމުން ކޮންމެވެސް ވަރަކަށް ވިއުސް ލިބެއެވެ. އޭނަގެ އަޑު ރީތިކަމަަށް ބުނެ އޭނަ ދެކޭހިތުން މޮޔަވާއިރުވެސް އެކަކަށްވެސް އޭނައަކީ "ލޯން ސޯލްޖާ" ކަމެއް ނޭގެއެވެ. އޭނައާއި ހެދި އުޅޭ އަންހެންކުދިން އިތުރުވެ އޭނަގެ ސޫރަދެކެން އެދި އާދޭސްކުރާވަރުން ސަލާރުއަށް އުދަގޫވެސް ވެއެވެ. ހަގީގަތުގައި ސަލާރުގެ އެންމެ އަޅައިގަންނަ ސިފައަކީ އޭނަގެ އަޑެވެ. ފިރިހެންވަންތަ އެންމެ ހިތްގައިމު އަޑެކެވެ. ވާހަކަދެއްކުމާއި ރާގުންވެސް މީހަކުގެ ހިތް ދަމައިގަނެ ހަލާކުކޮށްފާނެއެވެ.
"ﷲ އަކްބަރު....ﷲ އަކްބަރު."
"حي على الفلاح.....حي على الفلاح..." އެ ލަފުޒުތަކާއިމެދު ވިސްނަން އިނދެފައި ގޫގުލްއިން ލަފުޒުތަކުގެ މާނަހޯދިއެވެ. އެބުނަނީ ކާމިޔާބަށް އަންނާށެވެ. ނަމާދުކުރުމުން ކާމިޔާބުވަނީ ކޮންކަމެއްތޯ ހިތާހިތުން ސުވާލުކުރެވުނެވެ. ބަންގީގެ އަޑު އެހާ ސާފުކޮށް އިވޭތީ މިސްކިތް ދުރުނުވާނެކަން އެނގުނަސް ސަލާރު ހުރީ ދެ ޚިޔާލެއްގައެވެ. އޭނަގެ ނަފުސާއި ޝައިތާނާއި ކުރިމަތިލުމުގައި މިފަހަރު ހައްގު ކާމިޔާބު ހޯދާ އޭނަ މިސްކިތާއި ދިމާލަށް ގެންދިޔައެވެ. ދޭތެރެއަކުން ނަމާދުކުރެވުމުން އޭނަގެ ނުތަނަވަސްވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބި "ފޯބިއާ"ތަކާއި ދުރަށް ދެވޭފަދަ އިހުސާސެއް ކުރެވެއެވެ. ވުޟޫކުރަން ހުރެފައި އެންމެ ކައިރީގައި ހުރި އިސްކުރު ބަރީގައި ހުރި މީހާއަށް ބަލައިލެވުނީ އަގުބޮޑު ސެންޓެއްގެ މީރުވަހާއެކު އަތުގައި ވިދާ ދެ އަނގޮޓި ލޮލުގައި އަޅައިގަތުމުންނެވެ. ދިވެއްސަކަށްވުރެ ޔޫރަޕް ހިސާބު މީހަކާއި ވައްތަރު މީހެއްކަމުން ރިވާޓެކޭވެސް ސަލާރު ހިތަށް އެރިއެވެ. ނަމާދު ސަފު ހެދިއިރުވެސް ސަލާރުއަށް ހުރެވުނީ އެމީހާ ގާތުގައެވެ. ސެންޓުގެ މީރުވަސް މުޅި މިސްކިތުގައި ހިފާލާފައި ވުމުން އެތަނުގެ މާހައުލާ އިތުރަށް ގަޔާވެވުނެވެ. އެންމެން ދިޔުމުން ސަލާރު ހިމޭން ކަނެއްގައި މުސްހަފު ހުޅުވާލައިގެން ކިޔަވަން މަސައްކަތްކުރިއެވެ. ލަސްކަމާއި ކޮށިކަމުން ކިޔެވުން ފަސޭހަނުވިޔަސް އޭނައަށް އެނގޭ ކުރު ސޫރަތްތައް ކިޔެވިއެވެ. ފޯނު ރިންގުވާންދެން އޭނަ އެ ހިތްގައިމު އެކަނިވެރި މާހައުލުގެ މީރުވަހާއި ފިނިކަމާއެކު ﷲ ސުބުހާނަހޫ ވަތައާލާގެ ވަހީބަސްފުޅުތަކުން ހިތްހަމަޖެހުން ލބިގަންނަމުން ދިޔައީ ހޫނު ދުވަހެއްގައި ކަރު ހިއްކައި ހަލާކުވެފައިވާ މީހަކަށް ފިނި ފެންގަނޑެއް ފެނުމުން އަލާ ކެނޑެންދެން ފެން ބުއިހެންނެވެ.
***
އަލާޔާ މުސްހަފެއް ގަންނަން ބޭނުންވީ ހަމައެކަނި ކްލިނިކަލް އެސިސްޓެންޓަކު ބުނި ބަހަކަށެވެ. އައިމަލް މީހަކާއި އިނުމުގެ ޝަރުތަކީ ހާފިޒާއަކަށް ވުމުން ކަމަށެވެ. އެންމެ ކުރިން ހާފިޒާގެ މާނަ އޮޅުމާއެކު އޭނަ ޔަގީންކަމާއެކު އެކުދިން ކައިރީ ބުނީ އޭނައަކީ ހާފިޒާއެއް ކަމަށެވެ. އެކުއްޖާ ވާއު އޭ ބުނެލާފައި ހާދަ މޮޅޭ ބުނެލިއިރު ލޮލުން ފެނުނީ ހަމަ ހަސަދައެވެ.
"ކިހިނެއް މެމޮރައިޒް ކުރީ؟" ޔާނާ އެހިއެވެ.
"މްމމްމް..ގިނަގިނައިން ކިޔެވީމަ...." އަލާޔާގެ އަތްތިލައިން ދާ ހިއްލައިލީ ހާފިޒާގެ މާނަ އޮޅުން ފިލީމައެވެ. ހާފިޒަކަށް ވެވެނީ ގުރުއާން ހިތުދަސްކޮށްގެން ހުރުން ތާއެވެ.
"ސަރުކާރުން އެލަވަންސްވެސް ދެއެއްނު. ކީއްވެ ފޮރުވައިގެން ތިއުޅެނީ؟"
"ފައިސާ ހޯދަން ނޫނޭ ދަސްކުރީ،" އަލާޔާ ތުންފަތް ހަފަންފެށިއެވެ."އޭ ކިހިނެއް އާ ސީއީއޯ؟ އޭނަދެކެ ލައިކްވޭތަ؟"
"މަ ލައިކް ވަނީ އައިމަލް ދެކެ. ގެލެކްސީގައި ހުރި އެންމެ ހޮޓް ޕޮޓޭޓޯ......." ޔާނާ ލަދެއްނެތި އޭނަ އައިމަލްދެކެ ރުހޭކަން އެންގިއެވެ.
އަލާޔާ މައުޟޫ ބަދަލުކުރިނަމަވެސް އެ ދުވަސް ނިމުނުއިރު ޔާނާގެ ސަބަބުން އެތައް ބަޔަކަށް އޭނަ ގުރުއާން ހިތުދަސްކަމަށް އަޑުފެތުރިއްޖެއެވެ. އަލާޔާގެ އަޅުވެރިކަން އައިމަލްއާއި އަޅުވާކިޔަން ފެށުނެވެ. އެކަމުން ނޭގިވެސް ކިބުރުވެރިކަން ހިތުގައި ހިނގައިގެންފިއެވެ. ހަގީގަތުގައި އޭނަގެ ނެތްކަމަކަށް ޚުޝާމަދުކުރެވުމުންވެސް ފޮނިވެވުނީ މާ ވަރަކަށެވެ.
އަލާޔާ އެދުވަހު ފޮތް ފިހާރައަކަށް ވަދެ ގުރުއާން ތަރުޖަމާއެއް ގަތެވެ.ދެއްކުން ތެރިކަމަށެވެ. ރަތްކުލައިގެ އެ ކުޑަ ތަރުޖަމާ އަބަދު ހިފައިގެން އުޅުމުން އައިމަލްފަދަ އަޅުވެރިއެއްގެ ލޮލުގައި އަޅައިގަންނާނެ ނޫންހެއްޔެވެ؟އޭނައަށް ހެދުނު "ދޮގު" ފޫބައްދަން މިޖެހުނީ ގުރުއާން ދަސްކުރާށެވެ. އެންމެފަހުން ގުރުއާން އަކުރެއް ކިޔެވީ ރަމަޟާންމަހުގައެވެ. އެވެސް ފޮތެއް ހަމަނުވެއެވެ. މަންމަ ހަޅޭއްލަވާވަރުން ގުރުއާން ހިފައިގެން އިނަސް ކިޔެވުނީއެއް ނޫނެވެ. އައިމަލްގެ ޝަރުތު އެނގުނުފަހުން އޭނަ ހާފިޒާއެއްގެ ގޮތުގައި އެތަނުގައިވެސް މަޝްހޫރުވެއްޖެއެވެ. މިވީގޮތުން މަޖުބޫރުންވެސް ގުރުއާން ދަސްކުރަން ޖެހިއްޖެއެވެ. ސަރުކާރުން ލިބޭނެ އިނާޔަތް ހިތަށް އެރުމުން ވަކިންބޮޑަށް އެކަމަށް ހިތްޖެހުނެވެ. ދެރައީ އިނާޔަތް ތަންކޮޅެއް ކުޑަވުމެވެ. ފަހަރެއްގައި އޭނަ ދަސްކޮށް ނިމޭއިރަށް އިނާޔަތް ބޮޑުކޮށްފާނެއެވެ.
***
އަލާޔާ ގެއަށް ވަންއިރު މާޒިން އާއި މަހާ ސޯފާގައި ތެލުލީ ބަނބުކެޔޮ ކާން ތިބިތަން ފެނި އޭނަގެ ކުޅުދިޔާވިއެވެ. ބޫޓާއި އެކު ގޮސް ސޯފާއަށް ޖެހިގަތްގޮތަށް ބަނބުކެޔޮ ދަޅު އުނގުގައި ބެހެއްޓިއެވެ."އައިމް ސްޓާވިން..އެހެންނޫނަސް ސެލެބްރޭޓްކުރަން އެބަޖެހޭ...މާޒްއަށް އެނގޭތަ؟ އާޔާ ގުރުއާން ހިތުދަސްކޮށްފިން..ހާފިޒާއެއް މީ...."
"ވަޓް، ކޯންޗެކޭތަ؟ މަގޭ ކަންފަތް ސާފުކުރުވަން ދާން ވެއްޖެ. ހާފިޒާއެކޭ މަށަށް އަޑުއިވުނީ......" މާޒިންގެ ކަރުގައި ބަނބުކެޔޮ ކޮޅެއް ތާށިނުވީ ހަމަކިރިޔާއެވެ.
"އާއެކޭ....ހިތުދަސްކޮށްފައި ބުނަން ހުރީ....އެހެންވެ...."
"ހުވަފެނެއް ފެނުނީ ދޯ..." މާޒިން އަނގަޔަށް ގޮތެއް ހެދިއެވެ." ތި ދިން ޚަބަރަކުން އުފަލުންގޮސް ކިރިޔާ ނު މަގޭ ފުރާނަ އުދުހިގެން ނުދިޔައީ."
"މާޒްއަށް މަގޭ އައިކިއު ނޭގެނީތަ؟ ޔޫ އާ ޖެލަސް....ސީރިޔަސްކޮށް އާޔާ ހުރީ އެވާހަކަ ނުބުނަން ވެގެނޭ. އަޅުކަމަކީ ކޮންމެހެން ދައްކަން ކުރަން ޖެހޭކަމެއް ނޫނެއްނު. ސަރުކާރުން ހާފިޒުންނަށް ދޭ އިނާޔަތްވެސް ބޭނުންނުވާތީ ސިއްރުކުރީ. އެކަމަކު ދެން އެކަނި ކިޔަވަން އިންދާ ކުއްޖަކަށް އިވިގެން ހަމަ އެ ވާހަކަ ބަސްޓްވެސް ކޮށްލައިފި..." އަލާޔާ ނިކަން ހަމަޖެހިގެން އިނދެ އަނގަ ފުރާ ފޮތިތައް ލައިގެން ހަފަމުން ދިޔައިރު މުރަނަ އަޑެއް އިވެއެވެ. އޭނަ މަސައްކަތްކުރަމުން ދިޔައީ މާޒިންގެ ތޫނު ދެލޮލަށް ނުބެލުމަށެވެ.
"ތިނޫން ދޮގެއް ހަދަން ނޭގުނީތަ؟ ތިހެން އުޅެނިކޮށް ލަނޑެއް ލިބިދާނެ. އެންމެ ރަގަޅު. ގުރުއާން ދަސްކުރި ވަރު ބަލަން ގަލަމް ސޫރަތް ކިޔަވަބަލަ...އެ މަވެސް ދަސް ކޮށްފައި އޮތް ސޫރަތެއްވީމަ.." މާޒިން އަލާޔާގެ ކަންފަތުގައި ހިފުމުން ތަދުވެ މާޒިންގެ އަތަށް އޭނަގެ ދަތުގެ ތޫނުކަން ދައްކާލައިފިއެވެ.
"މާޒް. ހޮސްޕިޓަލަށްގޮސް މަގޭ އަގު ވައްޓައިލަން އެއްޗެކޭ ނުބުނައްޗޭ.."
"ހިތުން ހާފިޒު އަލާޔާ އާޒީން އާދަމް. ސީރިޔަސްކޮށް ދީނީ ކަންތައްތަކުގައި ދޮގުހެދުމުން ފާފަވެރިވެދާނެ. އޯ ގޯޑް. އައި ކާންޓް ބިލީވް ޔޫ....ގުރުއާން ދަހޭ......ހަހަ..." މާޒިން ހޭންފެށިއެވެ." އާޔާ ގުރުއާން ދަސްކުރި ގަޑިއެއް މަށަށް ނޭގެނީ. މަންމަ ގުޅާފައި ބުނާނެ އާދޭސްކޮށްކޮށް ގުރުއާނުން ފިއްޔެއްވެސް ނުކިޔައޭ. ހަތަރުދަމު ފިލްމު ބަލަން އިންނަނީ ހެނާއައިވެސް އަޅާނުލާކަމަށް މަންމަ ގުޅާފައި އަބަދު ކިޔާ އޭރު..."
"މަންމަމެން އޮޅުވައިލަން ޓީވީ ކުރިމަތީ ހެޑްސެޓް އަޅައިގެން އިނިއްޔާ އެނގޭނެތަ؟"
"ސްޓޮޕް އިޓް ...އައިމް ނޮޓް ހިއަރިން ދިސް އެގެއިން..ޕެކްކުރަން ދޭ." މާޒިން ދަޅު ޖަހައިގަތެވެ.
އަލާޔާ ދެފައި ތަޅައިގަތެވެ.
ހެނާ ދޮރު ހުޅުވާލާފައި ނުކުތީ އޭނަ އެންމެ ލާ ހިތްވާ ފިޔާތޮށިކުލައިގެ މިނީމައުސް ޕިޖާމާގައެވެ. ދަރިފުޅު ފެނުމާއެކު އަލާޔާ އަވަހަށް އަތް ދިއްކޮށްލަމުން އަންނާށޭ ބުނެލިއެވެ. އޭނަގެ ދަރިފުޅާއިއެކު އެކަހަލަ ޕިޖާމާއެއްލައިގެން އޭނައާއި އައިމަލްވެސް އާއިލާއެއްގެ ގޮތުގައި އުޅެވޭނެ ދުވަހެއް ފެނުމަށް އެވަގުތުވެސް އެދެވުނެވެ. އެހުރިހާކަމެއް ބޭނުންވަނީ ހަމައެކަނި އެހެން މީހުންގެ އަނގަތައް ބަންދުކުރުމުގެ ނިޔަތުގައެވެ. މާތްﷲއަށްޓަކާ ލޯބިވުމުން ކައިވެނީގައި ބަރަކާތް ލައްވާނެކަމާއިމެދު އަލާޔާގެ ވިސްނުމެއް ނެތެވެ. އޭނަގެ ހުރިހާވެސް އުފަލަކާއި ހަމަޖެހުމެއް ގުޅުވާފައިއޮތީ ދުނިޔަވީ އެދުންތަކާއެވެ.
***
އަލާޔާ އާއި މާޒިން ތިބީ ކެންޓީނުގައެވެ. ބިއްލޫރި ފާރުން ބޭރުގެ މަންޒަރުތައް ހާމައަށް ފެންނަން އޮތްއިރު ނިކަން ހިތްގައިމެވެ. ފެހިކަން ގަދަ ގަސްތަކާއި އަގީދެއްހެން ފެތުރިފައިވާ ފެހިކަންގަދަ ވިނަގަނޑާއި ކުޅީގެ ރީތިކަން ބަލާ ބަލާ ފޫހިވުމެއް ނެތެވެ.
މަހާ ފޮނުވި ބިރިޔާނީއާއި ކުކުޅު މީރުކަމުން އައިމަލްއަށް ދޭހިތްވިއެވެ. "ދަ ވޭ ޓު އެ މޭންސް ހާޓް އިޒް ހިޒް ސްޓަމަކް" އޭ ބުނެއެއް ނޫންހެއްޔެވެ؟ އައިމަލް ގާތު ބުނާނީ ކެއްކީ އޭނަ ކަމުގައެވެ. އެންމެ ރަގަޅެވެ. ބިރިޔާނީފަދަ އެއްޗެއް ކާން ފޮނި އައިމަލް ކެންޓީނަކަށް ނާންނާނެއެވެ. މަހާ ތައްޔާރުކުރާ ސަބްމެރިންއަކާއި ބްރައުނީޒް ގެނައީމަ އައިމަލްގެ ހިތް އަތުލައިގަނެވޭނެއެވެ.
"މާޒް...ކަންބޮޑުނުވޭ. އައިމަލް އަހަންނާއި ކައިވެނި ކުރަން އަހައިފި....ދުވަސްކޮޅެއް ނަގާފާނެ އެހެންވެ މަންމަ ބުނެފި މިކޮޅަށް އަންނާނީއޭ. އޭރުން މާޒް ހާސްވާކަށް ނުޖެހޭނެ...."
"އަލާޔާ......" މާޒިން ލޯބޮޑުކޮށްލިއެވެ.
"ގޯޑް ޕްރޮމިސް.."އަލާޔާ ހުވާކުރިއެވެ.
"ދޮގުހަދަމުންގޮސް ތެދެއް ހެދިޔަސް އިތުބާރެއްނުކުރެވޭ..ކީއްވެ ތިހެންހަދަނީ؟ ތިއީ ހާދަ ގޯސް ސިފައެކޭ. އައިމަލްއަށް އެކަން އެނގޭތަ؟"
"ނުބުނައްޗޭ...."އަލާޔާ ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. ދޮގުހެދުމުގެ ނުބައިކަން ހިތަށް އަރާފައި އެކަން ހުއްޓައިލަން ޟަމީރު އެންގިއެވެ. ދޮގުހެދުމުން ހިތަށް ލިބޭ ހަމަޖެހުމެއް ނެތްތާގައި ފަހުން ލަދެއްގައި ބެދި މީހާގެ އިތުބާރު ގެއްލިދާނެކަންވެސް އެނގުނެވެ. މީގެ ފަހުން ދޮގެއް ނަހަދަން ހިތުން އަޒުމް ކަނޑައެޅިއެވެ. "ﷲ ފޮގިވް މީ" އަލާޔާ ހިތާހިތުން ދުޢާއެއްކޮށްލިއެވެ.
***
ހޮސްޕިޓަލް ކުރިމަތީގައި ހެދިފައިވާ ބޯގަސްތަކާއި ގަސްބޮނޑިތައް އަދި ކަށިކެޔޮގަސްތަކުން މުޅި ހިސާބު ފެންނަނީ ފެހިކަން ގަދަކޮށެވެ. ކުޅީގެ ތެރޭގައިވާ ގާގަނޑެއްގެ މަތީގައި ޖައްސައިލި މާކަނާގެ ފޮޓޯއެއް ނަގަން އައިމަލް ފޯނު ދިއްކޮށްލިތަނާ މާޒިން އަރާ ހަމަވިއެވެ. މާޒިން އެކުވެރިކަމާއެކު ވާހަކަދައްކަން ފެށިޔަސް އައިމަލްގެ ސީރިޔަސްކަމާއި ބޮޑާކަމުން ހިނގައިގަތީ ދުރަށް ދިޔުމަށެވެ.
"އަލާޔާ ބުނި ޕްރޮޕޯސްކުރި ވާހަކަ. ވަރަށް އުފާވި..." މާޒިންގެ އެ ޖުމްލައިން އައިމަލް ގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އެނބުރި ބަލައިލިއިރު އެ ލޮލުން އިތުރު ޝުއޫރެއް ނުފެނުނެވެ. އަލާޔާ ދޮގެއް ހެދިނަމަ އައިމަލްއަށް ސިހުމެއްވެސް ލިބޭނެތާއެވެ. އައިމަލް ހިނިތުންވެލިއެވެ.
"ކޮން ދުވަހަކު؟" މާޒިން އެހިއެވެ.
"ޔޫ ޑިސައިޑް.." އައިމަލް ވިސްނާލުމަށްފަހު ކުރު ޖަވާބެއް ދިނެވެ.