"ނަފްރަތާއި ކިބުރުވެރިކަން އަދި ހަސަދަފަދަ ނުބައި ސިފަތަކުން ހިތް ސާފުކޮށް ހިތްތިރި ލޯބިވެތި ހިތެއްގެ ވެރިއަކަށް ވާށެވެ. އޭރުން ތިބާއަށް ދިރިއުޅުން ފަސޭހަވެ އުފާވެރިކަން ލިބޭނެއެވެ. ﷲއަށް ދުޢާކޮށް ނަމާދާއި ގުރުއާނުން ހިތަށް ހަމަޖެހުން ހޯދާށެވެ."
***
"އަލާޔާ ބުނި ޕްރޮޕޯސްކުރި ވާހަކަ. ވަރަށް އުފާވި..." މާޒިންގެ އެ ޖުމްލައިން އައިމަލް ގެ ފިޔަވަޅުތައް ހުއްޓުނެވެ. އަދި އެނބުރި ބަލައިލިއިރު އެ ލޮލުން އިތުރު ޝުއޫރެއް ނުފެނުނެވެ. އަލާޔާ ދޮގެއް ހެދިނަމަ އައިމަލްއަށް ސިހުމެއްވެސް ލިބޭނެތާއެވެ. އައިމަލް ހިނިތުންވެލިއެވެ.
"ކޮން ދުވަހަކު؟" މާޒިން އެހިއެވެ.
"ޔޫ ޑިސައިޑް.." އައިމަލް ވިސްނާލުމަށްފަހު ކުރު ޖަވާބެއް ދިނެވެ.
ތަފާތު މީހެކޭ ހިތަށް އަރަން ޖެހުނީ މާޒިން އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައި ބަލައިލިއިރު އައިމަލް ފަސްދީ ހަރު ހިނގުމެއްގައިގޮސް އޭނަގެ ކާރަށް އަރާ ދޮރު ލައްޕާލުމުން ތަންކޮޅެއް ބާރަށް ދޮރު ޖެހުނީ ވަޔާއި ކަމެއް ނޭގުނެވެ. ނޫނީ ކަމަކާއި ތަބީއަތު ގޯސްވެފައި ހުރި ދަނޑިވަޅަކަށް ވީމަ ކުށެއްނެތް ކާރަށްވެސް އޭނަގެ ރުޅީގެ ހަމަލާއެއް އެރީއެވެ. މާޒިން އިސްތަށިގަނޑުގައި އިނގިލި ހިންގާލައިފިއެވެ.
***
އުޑުގައި ވިލާތައް އެކި ޑިޒައިންތަކަށް ވިޔެމުން ގޮސް އެއްވެ އުޑުމަތި އަޅިވިލާތަކުން ފުރައިލިއިރު ވައިރޯޅިތައްވެސް ބާރުވެލައިފިއެވެ. ހޮސްޕިޓަލް ހުރި ހިސާބުގައި އިމާރާތްތައް މަދުވެ ގަސްބޯކަމުން ވައިއަޅުވާލާއިރު ފަޒާގައި ހަރުލާފައި ހުރީ ނާމާން ބޫން އަޑެކެވެ. އަލާޔާ އެހެން ދުވަހަށްވުރެ ރީތި ހެދުމެއްލައި މޭކަޕްކޮށްގެން އެހާވަރުން ތައްޔާރުވެލައިގެން ދުވަހާއި ކުރިމަތިލީ ޒިކުރުވެސް ކޮށްގެންނެވެ. މިދުވަހަކީ އުމުރުގައި އަންނާނެ އެންމެ އުފާވެރި ދުވަސްކަމުގައިވާނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ނަމަވެސް ވައިގެ ބާރުކަމާއެކު ވާރޭގެ އިންޒާރު ދިނުމުން ޓެކްސީއަކުން ދާން ޖެހުމުން ކިރިޔާ ގަޑިއަށް ދެވުނީއެވެ.
ބެކްޕެކް ބަރުވިޔަސް ހަށިގަނޑު ސީދާކޮށްލައިގެން ހުރެ އޭނަ ކައުންޓަރާއި ހަމަވިއެވެ. އޭނަ އެހާވަރުން އެދުނީމަވެސް އެންމެ ބޭނުންނުވާ ޑިޕާޓްމެންޓަށް ލާފައި އޮތުމުން އައި ރުޅީގައި ހިތްވެސް ފިޔަ ތަޅައިގެން ނިކުމެގަންނަން އުޅުނެވެ.
އަހަރެން ބުނަމެއްނު މިތާ ހުންނަ ޑޮކް ކައިރީ މަ މަސައްކަތެއް ނުކުރެވޭނެއޭ..މަށާއި ފްލާޓް ކުރެއޭ. އަދި ނުވީތާކަށް އިންޑިއާ އޮރިއެއް. ކޮން ކުއްޖެއް ޗޭންޖުކޮށްދޭނީ؟"އަލާޔާ ސުވާލުކުރިއެވެ.
"ސީއީއޯ އަންގަވާފައި އޮތީ ޑިޕާޓްމެންޓްތަކަށް ސްޓާފުން ނަގަން. އަލާޔާ ސާޖިކަލް ޑިޕާޓްމެންޓަށް ލާގޮތަށް..."
"ސަފަރު މުންޑާނުގެ ސުންޕާކަމަށް އިރުއެރީމަ ކަން ނޭގޭ މިއަދު މިހެން ވީ. ވައިޖެހޭ އަޑެއްވެސް ނޫން މިއިވެނީ. މިހޮސްޕިޓަލުގެ ވެރިޔަކަށް ހުރި ސަފަރުގެ ނޭވާގެ އަޑު..........." އަލާޔާ ހިތާހިތުން ކުދިކިޔައިގަތެވެ. ވަށައިގެން ކެމެރާތަކެވެ. އިންސާނީ ސީސީޓީވީތައްވެސް މެއެވެ. އޭނަގެ ކޮންމެ ހަރަކާތަކަށް ފާރަލާ ހަސަދަވެރިން ނެތްކަމަށް އެނގެނީ ކިހިނެއްހެއްޔެވެ؟ އިތުބާރުކުރެވޭ މީހެއްނެތެވެ. ވީއިރު ސީއީއޯއަށް އޭނައާއި އައިމަލްގެ ވާހަކައެއް އިވި ހަސަދައިގެ އަލިފާނުން އަނދައިގަތްގޮތަށް އޭނައަށް ރޯޅިއެއް ބޭލީކަމަށް ވެދާނެއެވެ. އައިމަލްއާއި ސަމަރު ގުޅުވުމުގެ ހުވަފެން ދެކުނީކަމުގައި ވެދާނެއެވެ. އެހެން ހިތަށް އެރުމުން އަލާޔާގެ ހިތުގައި އައިމަލް ހާސިލުކުރުމުގެ އެދުން އިތުރަށް ބޮޑުވިއެވެ.
އަލާޔާ އައިމަލް ބަލިމީހުން ބަލާ ކޮޓަރިއަށް ވަންއިރު އޭނަ އިނީ މާސްކު ނަގައިގެންނެވެ. ފާރަލައިގެން ހުރެފައި އައިމަލް ކޮފީއެއް ހިފައިގެން ދާތަން ފެނިފައި އަލާޔާވެސް ވަގުތުގެ ބޭނުން ހިފީއެވެ.
"ގުޑްމޯނިން ޑޮކް.." އަލާޔާ މާސްކު ތިރިކޮށްލާފައި ފަރިކޮށް ހީލިއެވެ. ލޯގަނޑުކުރިމަތީގައި ހުރެ އޭނަ އެތައްފަހަރު ފަރިތަކުރިގޮތަށެވެ. އައިމަލް ސަލާމް ބަލައިގަތްއިރު އަނގައިގެ ތާޒާކަމުން އެތާ ތެރޭގައި އާވި ވަހާއި ކޮފީފަދަ މީރުވަސް އިތުރުވިއެވެ. އައިމަލް ހެދުން އަޅާފައި ހުރިގޮތުންވެސް ހައިބަވަންތަކަމާއި ސްމާޓްކަން އިތުރެވެ. ކަޅުބޫޓުވެސް އޮފް އަރައެވެ. އަތުކުރީގައިވާ ގަޑިވެސް ދައްކުވައިދިނީ މުއްސަދިކަމެވެ. އަލާޔާގެ އަތުގައި އޮތް ރަތްކުލައިގެ ޚަތިމް އޭނަ މޭޒުމަތީ ބޭއްވުމާއެކު އެދިމާލަށް އައިމަލްގެ ނަޒަރު ހުއްޓުނެވެ. ސުވާލު ހިތުގައި އުފެދުނެވެ.
"އަސްލު...މީ ސިކްރެޓެއް. އެކަމަކު އައިމަލް ސައިކޭޓްރިސްޓަކަށް ވީމަ މި ސިއްރު ހިފަހައްޓާދޭނެތާ. އަހަރެން ގުރުއާން ހިތު ދަސްކޮށްފިން..އެހެންވެ ގިނަ ގިނައިން ކިޔަވަން ޖެހޭނެތާ. ކިރިޔާ މިނިޓެއް ލިބުނަސް ރިވައިސްކުރަން..."އަލާޔާ ޚަތިމުގައި އިނގިލިން ފިރުމަމުން ދިޔައީ މަލެއްގައި ފިރުމާނެހާ އޯގާތެރިކޮށެވެ. ދޮގު ނަހަދަން އަމިއްލަ ނަފުސަށް ވި ވައުދު އުވައިލެވުނީއެވެ.
އައިމަލްގެ ލޮލުން އިތުރު ޝުއޫރެއް ނުފެނުނެވެ.
"ތެލުލިބަނބުކެޔޮ ކާނަންތަ؟"
"މީރު އެއްޗެއް ނޫން.." އައިމަލްގެ ޖުމްލަ އަލާޔާގެ ހިތަށް އުދަގޫކުރުވިއެވެ. އޭނައަށް ކަމުދާ އެއްޗެއް އައިމަލްއަށް ކަމުނުދިޔައީ ކީއްވެހެއްޔެވެ؟
"އަހަރެން ހެނދުނު ސަބްމެރިންއެއް ހެދީ.ހޯޕް ރަހަ ބަލައިލާނެކަމަށް.." އަލާޔާ ދަބަހުން ނެގި ކޮތަޅެއް އައިމަލްގެ ކުރިމަތީގައި ބެހެއްޓިއެވެ."އޮމްލެޓަކާއި ސަބްމެރިން. މީހަކު އަހައިފިއްޔާ އޯޑަރުކުރި އެއްޗެކޭ ބުނެލައްޗޭ."
އައިމަލް ބުމަ އަރުވައިލާފައި އެއްޗެކޭ ބުނަން އުޅެފައިވެސް ސަބްމެރިންއެއް އެތިކޮޅެއް ކާލާފައި ތައުރީފުކުރުމުން އަލާޔާ ހީގަތްއިރު ފަޚުރުވެރިކަމާއެކު އެހެން ކުލައެއްވެސް ފެނުނެވެ. އައިމަލްއަށް އެއީ އޭނަ ތައްޔާރުކުރި އެއްޗެއްނޫންކަން އެނގިދާނެތީ ދެވަނަ ސިކުންތުކޮޅުގައި ހާސްވިއެވެ.
"މެރީ މީ އަލާޔާ..." އައިމަލްގެ ކުއްލި ޖުމްލައިން އަލާޔާ ސިހުނުވަރުން ތެދުވާން ހަދައިގެން ނުވެއްޓުނީވެސް ކިރިޔާއެވެ.
"އެކަމަކު......"އަލާޔާއަށް ދެއަތް އަނގަމަތީ އަޅައިލެވުނެވެ. އައިމަލް ހޭންފެށިއެވެ.
"އާ ޔޫ ސީރިޔަސް؟"
"އާނ.އަހަންނަކީވެސް މިރަށަށް ބީރައްޓެއްސެއް. ރެސްޓޯރެންޓްތަކުން ކައިގެން ހުންނަން ފަސޭހައެއްނޫން. މީރުކޮށް ކައްކާ ކުއްޖަކު ފެންނަން ދެން ހުރީ. އަދި އެއެއްވެސް ނޫން. ހާފިޒާއަކާއި އިންނަން ޝަރުތުކުރިން....ޔާނާ ގާތުކަން ނޭގޭ އެ ވާހަކަ ބުނެވުނީ.."އައިމަލް ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ.
"ޔާނާ.....އޯ....ނުވެސް ބުނޭ ހެހެ. ޕެތެޓިކް ލަޔާ....އޭނަ ބުނި އެއްޗެއް އެނގޭތަ؟ އައިމަލް ހުރީ މެރީކޮށްގެންނޭ......."
އައިމަލް ދެއަތްތިލައިގެ އިނގިލި މަހާލައިގެން ދަތްދޮޅީގައި އަޅުވާލައިގެން އިނދެ އަލާޔާގެ މޫނަށް ބަލަން އިންއިރު އެލޮލުގައިވި މެސެޖް ކިޔާކަށް ނޭގުނެވެ. އެހާވެސް ފުން އަޑިނޭގޭ ލޮލެކެވެ. އެހާ ސިއްރުވެރި ގޮތެއް އެލޮލުގައިވިއެވެ.
"އެންމެ ރަގަޅު. އަހަރެންވެސް މިހިރީ މާޒް ރަށަށް ޑިޕޯޓްކުރާ ވާހަކަ ދެއްކި މިތަނުން މީހަކާއި މެރީނުކޮށްފިއްޔާ. ބަލާނެ މީހަކު ނެތި ދުރަށް ނުދެވޭނެޔޯ. ހީޒް ކައިންޑަ ޕްރޮޓެކްޓިވް...ޓްވިން ވިޔަސް ބޮޑަށް އެކްޓްކުރަނީ ބައްޕަހެން.އެނީވޭސް އެހެންވީމަ މި ޕްރޮޕޯސަލް ގަބޫލުނުކޮށް ވާކަށް ނެތް..ތޭންކްސް ފޯ ސޭވިން މީ....މަޖުބޫރު ހާލަތުގައި ތި ޕްރޮޕޯސަލްއަށް އާއެކޭ ބުނެފިން...." އަލާޔާ ޚަތިމް ނެގިއެވެ. އަދި މޭގައި ޖައްސާ ބާރުކޮށްލިއެވެ. ޚަތިމް މެދުވެރިކޮށްގެން ކައިވެންޏާއި ހަމަޔަށް ދިޔަސް އޭނައަށް ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. ހަގީގަތް އެނގޭ ދުވަހަކު މި އަޅުވެރި ޒުވާނާ އޭނައާއި ދޭތެރޭގައި ދެކޭނީ ކިހިނެއް ހެއްޔެވެ؟ އެހާ މަޑުމައިތިރި އަޚުލާގު ރަގަޅު އަޅުވެރި ޑޮކްޓަރެކެވެ.
***
ސަމަރުގެ ކޮޓަރިތެރޭގެ އަޑު ގަދަކަމުން ސަބޫރުއަށް ނުތަނަވަސްކަމާއެކު ކޮޓަރިއާއި ދިމާލަށް ބަލަން އިނެވެ. ކޮންމެ ބާރު އަޑަކާއެކު ސަބޫރުއަށް ސިހި ކަންފަތުގައި އަތް އަޅައިލެވެއެވެ. ސަލާރު އޭނަގެ ބެލާ އުރާލައިގެން ކޮޓަރިން ނުކުމެގެން އައެވެ.
"ދޮންތަގެ ކޮޓަރިއަށް އެކަނި ހަރިކޭންއެއް އަރައިގެން އުޅޭ ދުވަހަކީތަ؟" ސަލާރު ބުޅާ ބިންމައްޗަށް ދޫކޮށްލާފައި އެއްފަރާތުގައި ހުރި ޑަބިޔާ ހުޅުވިއެވެ. ކޮތަޅެއް ފުރެންދެން ތެލުލި ބަނބުކެޔޮ އަޅައިގެން ކާންފެށުމުން މުރަނަ އަޑު އެތާ ހިފައިލިއެވެ.
"ބިރުން މިހިރީ. ކޮޓަރިތެރެއިން ބައިވަރު އެއްޗެހި ގޮވައިފި."
"ޑޯންޓްވޮރީ ސަބް.ހުރިހާ އެއްޗެހި ގޮއްވާލާފައިވެސް ދޮންތަ ސަލާމަތުން ހުރެއްޖެއްޔާ ރަގަޅުވާނެ..އެކަމަކު ކިހިނެއްވީތަ؟ ސަބް ދޮންތައަށް ޖެއްސުމެއް ކޮށްލީތަ؟ނޫނީ އެކުވެރިންނާއެކު ޕާޓީ ހަދައިލަން ބޭނުންވާ ހެދުމެއް ނުފެއްސިގެންތަ؟" ސަލާރުގެ ސުވާލުތައް މުޅިން ނުނިމެނީސް ދޮރު އަޑާއަށް ހުޅުވާފައި ސަމަރު ދައްކާލައިފިއެވެ. އިސްތަށިގަނޑު ހާވާލައިގެން ލޯ ވަށްކޮށްގެން ހުރި މަންޒަރު ފެނި ބެލާވެސް ފުންމައިގެން ގޮސް ސަލާރުގެ ހިމާޔަތަށް ޖެހިގަތެވެ.
"ސަމަރު ދޮންތި..ބެލާވެސް ބިރުގަންނަވާލައިފި. ކިހިނެއްވަނީ؟"
"ކޮބާ މަންމަ....އަދިވެސް އެ މަންމަ އަށް ގެއަށް އަންނަން ނޭގޭތަ؟ގްރްރްރްރް......................" ސަމަރުއެކޭ ހަންޑި އަވަލާފައި ހުރި ކުއްޖެކޭ އެއްގޮތެވެ. އަޑުވެސް ނެރުނީ ކަރުތެރެއިންނެވެ. ސަމަރު ލޯ އަޅާލައިގެން ހުރިގޮތުން އޭނަގެ ކޮއްކޮމެންވެސް ސިހި ބިރުގަނެ ހިމޭނުން ތިބީ ހަރަކާތެއްކޮށްލިޔަސް ހަމަލާއެއް ދީފާނެކަމަށެވެ. ސަމަރުގެ އެ އަނދިރި ފަރާތްދެކެ އެންމެން ބިރުގަނެއެވެ. އެފަދަ ވަގުތުތަކުގައި ސަލާރުއަށް ލިބިފައި ހުރި އަނިޔާތައްވެސް ކުޑައެއް ނޫންވިއްޔާއެވެ.
***
ސަމަރު އޭނަގެ މަންމައަށް ގުޅާފައި އަމުރުކުރީ ހޮސްޕިޓަލުން އަލާޔާ ވަކިކުރުމަށެވެ. އޭނަގެ ލޯބިވެރިޔާ ފޭރިގެން ކައިވެނި ކުރަން އުޅެނީކަމުގައި ބުނެ ގަދަޔަށް ރުއިގޮތަށް މުޅި މޫނުވެސް ރަތް އަރާ ދެލޯ ރަތްވެއްޖެއެވެ. ނުކައި ނުބޮއި ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހިސާބަށް ދިޔައެވެ. ސަމަރު ބޭނުންވަނީ ކޮންމެ އަގެއްދީފައިވެސް އައިމަލް ހާސިލުކުރުމަށެވެ. ފުރާނަ ދުއްވާލައިގެންވިޔަސް ހެވެވެ. ސޫފިއާނާ ވިސްނާދީދީ ސަމަރުގެ ކަންފަތަށް އެކައްޗެއްވެސް ނުވަނެވެ.
***
ސަމަރު ގެއަށް ފޮނުވައިލުމަށްފަހު ސޫފިއާނާ ދައުވަތުދީގެން އައިމަލް އެގެއަށް ގެނައެވެ. ސަމަރު ނަފްސާނީ މައްސަލަތަކުގެ ޝިކާރައަކަށް ކުރިއްސުރެ ވެފައިވާ ކުއްޖެއްކަމަށާއި މިހާރު އެކަންތައް ކުރިއަށްވުރެ ބޮޑުވެ އެހީއަށް ބޭނުންވެފައިވާ ކަމުގައި އޭނަ ބުނެލިއެވެ. އޭނައަކީ ތަނެއްގެ އިސްވެރިއަކަށް ވެހުރެ އަދި ދަރިފުޅުވެސް އެހެން މީހުންނަށް އެކަން އަންގަން ނޭދޭތީ ސިއްރު ސެޝަންތަކެއް ބާއްވަން ބޭނުންވާކަމުގައި ބުނުމުން އައިމަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ސަމަރު އޮތީ އޭނަގެ ކޮޓަރީގައެވެ. ނޫޑުލްސްހެން އޮޅިފައިވާ އިސްތަށިގަނޑު ރަންކުލައިން ހައިލައިޓްކޮށްފައިވާއިރު ނަލައެވެ. ހުދު ޓޮޕްކޮޅަކާއި މަޑުނޫ ޖިންސެއްލައިގެން ހުރިއިރު އޭނަގެ ރީތިކަން ފައުޅުވެއެވެ. ލުއި މޭކަޕެކެވެ.
"މަންމަ ކިހާ ކޫލް..." އައިމަލް ހީލިއެވެ.
"ކީއްވެ ތިހެން ބުނީ؟"
"މަންމަ އަހަރެން މިކޮޓަރިއަށް ލާފައި އެދިޔައީ މީޓިންއަކަށް..." އައިމަލްވެސް ހުރީ މާސްކު ތިރިކޮށްލައިގެންނެވެ.
"މަންމަ އައިމަލްއަށް އިތުބާރުކުރާވަރު އެދައްކުވައިދިނީ. ތިއީ އަހަރެންގެ ޑޮކްޓަރ. އަދި ރާގީ...."ސަމަރު އިސްތަށިގަނޑުން ބަޔެއް އިނގިއްޔަކަށް އޮޅައިލިއެވެ." އެބަ އަންނަން ކޮފީއެއް ހިފައިގެން..."
"ބްލެކެއް އިނގޭ.."
ސަމަރު ބޭރަށް ނިކުތްއިރު ސަލާރުއާއި ސަބޫރު ޓީވީ ކުރިމަތީގައި އޭނަ ގަނެދިން އައިސްކްރީމް އަނގައިގާ ޖަހައިގެން ނިކަން ބަސްއަހައިގެން ތިއްބެވެ. ސަމަރުގެ ބަސް ނާހަންޏާ ދީފާނެ ލަނޑެއް އެނގެނީއެއް ނޫނެވެ. ސަލާރުގެ ބަލިފަޔަކީ ދޮންތަގެ ހަމަލާއެއް ބެލާއަށް ދީފާނެތީއެވެ. ބެލާއަށްޓަކާ ގުރުބާންވެގެން ހިމޭނުން އިންނަން ޖެހިފައިވިއެވެ. ސަމަރު ގެ ކަޅާއި ހުދުގެ ދުނިޔޭގައި މިއަދު ކުލަ ޖެހި އުފާވެގެންގޮސް މޫނުވެސް މަލެއްފަދައިން ފޮޅިފައެވެ. ތަބަކެއްގައި ކޮފީތަށްޓަކާއި ދެތިން ވައްތަރުގެ ކާ އެއްޗެއް ލައިގެންގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމުން ސަބޫރުއާއި ސަލާރު އެކަކު އަނެކަކަށް ބަލާލައިފިއެވެ.
"ވާންއުޅޭ ދޮންތަބެ ދޯ. ކޮންމެ ރެއަކު އޭނަ އަންނާނެނަމަ އައިސްކްރީމެއްވެސް ލިބޭނެ ދޯ.."ސަބޫރު ނިކަން ދަހިކޮށް އައިސްކްރީމްގައި ލޮވުނެވެ.
އައިމަލް ސަމަރުއަށް ތެރަޕީ ދިނުމަށްފަހު ބޮލުގައި ހިފައިގެން އިރުގަނޑެއްވާންދެން ކިޔަވަން އިނެވެ.
"އަދި ތެޔޮދަމަންވެސް ޖެހޭނެ......ކިޔަވާފައި.."އައިމަލް ބުނެލިއެވެ.
"އަމިއްލައަށްތަ؟"
"ނޫން ރާގީ އެކަން ކުރީމަ ބޮޑަށް ރަގަޅުވާނީ....އޭރުން އެކަމުގެ ފައިދާ އޭގެ ގޮތުގައި ކުރާނީ....." އައިމަލް ސީރިޔަސް ރާގަކަށް ބުނުމުން ސަމަރުގެ ލޮލުގައި އުފާވެރި ވިދުމެއް ނަށައިލިއެވެ.
"އެންމެ ރަގަޅު.....ޑޮކްޓަރ މެރީކުރަން އުޅޭ ޚަބަރު އެހިން. އެއީ ތެދުވާހަކައެއްތަ؟"
"ހޫމް...އިސްލާމްދީނުގައި ހަތަރު އަނބިން ހުއްދަ...ވީމަ މީހަކާއި އިނީމަ އަންހެންކުދިން އެކަމާއި ހާސްވާން ޖެހޭ ސަބަބެއް ނޭގޭ. މީހަކާއި އިންނަން ރަން ކިޔާފައި ކެންސަލްވެސް ވޭ. އެހާވަރަށް މާދަން ވާނެ ކަންތައްތަކާއިމެދު ފިކުރުކުރާނެ ކަމެއްނެތް....އައިމަލް ސަމާސާ ހުނުމަކާއެކު ބުނެލިއެވެ."އަހަރެން ބަލަނީ ޕްރެޒެންޓްގައި އުޅެން. މާޒީ ހިގައްޖެ. އެދުވަސްތައް އަނބުރާ ނާންނާނެ. ހަޔާތުގައި މާދަންވާނެ ގޮތެއް އެނގެނީއެއް ނޫން. އެހެންވީމަ މުސްތަގުބަލާއިމެދު އަހަރެން ނުވިސްނަން..."
"އޯ......ވަރަށް ބުއްދިވެރި އިނގޭ..."ސަމަރުގެ ހިތުގައި އުއްމީދުގެ އުއްބައްތިތައް ދިއްލިއްޖެއެވެ.
"މާ ބޮޑަށް ބުއްދިވެރިވެގެންގޮސް މޮޔަވާ ފަހަރުވެސް އާދެއެއްނު..."އައިމަލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
***
އައިމަލްއާއި އަލާޔާ ރޭގަނޑު ކެއުމަކަށް ރެސްޓޯރެންޓަކަށް ގޮސް ތިބީ މަތީބައިގައެވެ. ވަށައިގެން ވައިރޯޅިތައް ވަންނަމުން ދިޔައިރު ބައްތިތަކުގެ ހިތްގައިމު އޮރެންޖް އައްޔެވެ. ކިރިޔާ މީހުންގެ މޫނުތައް ހެކަ އަޅާ ކަމެވެ. އެހާވެސް ފަނޑު އައްޔެކެވެ. އެއްފަރާތުން ފެންނާން އޮތީ މޫދެވެ. ފަލަކުގައި ފަޅި ހަނދެއް ހިނިތުންވެެލައިގެން އިނެވެ. އަލާޔާއަށް މިރޭ "ރޮމެންޓިކް" ކަމަށް ދެކުނަސް އައިމަލް އެގޮތަށް ދެކޭކަމެއް ނޭގެއެވެ. އޮރެންޖް އަލީގައި އޭނަގެ ލޯ ފެންނަނީ ވަކިން ސިއްރުވެރިކޮށެވެ.
"ކޯނޗެއް ތި ވިސްނަނީ؟"
"މްމް..އަހަރެން އެބައޮތް ވާހަކައެއް ބުނަން. މި ކައިވެނި ކުރަން އުޅެވުނީ ވަރަށް ކުއްލިއަކަށް ދޯ..އެންމެ ރަގަޅު ޑިޒިޝަން ބާވައޭވެސް ހިތަށް އަރާ..." އައިމަލް ބުނި އެއްޗަކުން އަލާޔާގެ ހިތަށް ބިރުވެރިކަން ވަދެ އެއްކޮށް ފިނިވެއްޖެއެވެ. ހިތަށް ލައްކިއެއް ޖެހިފަދަ ގޮތެއްވިއެވެ. އައިމަލް ކައިވެނި ކެންސަލްކޮށްފިއްޔާ އޭނަ ހޭލެވޭނީ ކަށްވަޅުގައެވެ. ލަދުންގޮސް އޭނަ އަށް އަލުން އެންމެ ނޭވާއެއް ލާންވެސް ނުކެރޭނެ ވިއްޔާއެވެ.
"މީހަކު އެއްޗެކޭ ބުނީތަ؟"
"އަހަރެންދެކެ މަރުވާވަރަށް ލޯބިވާ އަންހެންކުއްޖަކު އެބަހުރި. މެރީކޮށްފިއްޔާ އެކުއްޖާއަށް ކުރާނެ އަސަރަކާއިމެދު ވިސްނެނީ......"އައިމަލް އަތްތިލަ ގުޅުވައިލަމުން ދަތްދޮޅީގައި ބޮޑުވާ އިނގިލިތައް ޖައްސާ ބާރުކޮށްލިއެވެ.
އަލާޔާއަށް ހީވީ ކަރުތެރެއަށް ކުރަތްޕެއް އެރުނުހެންނެވެ. އެހާވެސް އުދަގޫވެ މޭވެސް ބޮޑުވެއްޖެއެވެ. މޭނުބައިކޮށް އޯކަށް ދަމައިނުގަތީ ހަމަ ކިރިޔާއެވެ. އެއީ ކޮންތާކު ހުރި ސަންތިއެއް ބާވައެވެ.
"ކާކުތަ؟" އަލާޔާއަށް އަމިއްލަ އަޑު އިވުނީ ބޮކެއް ފަދައިންނެވެ." ފްރޮގް ކްރޯކްކޮށްލީތަ މަގޭ އަޑެކޭ ފްރޮގެކޭ ތަފާތެއްނެތް. އެހެންވާނެއްނު. އައިމަލް ޑޭޓަކަށް އައިސް އެހެން އަންހެނެއްގެ ވާހަކަ ގެނެސް މޮޔަކޮށްލައިފި. މި ފިރިހެނުން ދުވަހަކު އިސްލާހު ނުވާނެ..."
އަލާޔާ ހިތާހިތުން އެއްޗެހި ގޮވާ ނިންމިއިރު އަނގަޔަށް ވައްތަރެއް ޖެއްސުނުކަން އެނގުނީ އައިމަލް ހޭން ފެށީމައެވެ.
"އާ ޔޫ އޯކޭ؟" އައިމަލް އެހިއެވެ.
"ކިތައް މީހުން މަރާލާނީ..ހިތާވާ ލޯބިވާ ކޮންމެ މީހަކާއި އިންނަން ވެއްޖެއްޔާ ދެން ސަތޭކައިން ގުނަންވީ..ރެއަކު މީހަކާއި އިންނަންވީ..އެހާ ކުޅަދާނަ މީހެއްވިއްޔަ...އެހެންޏަ. އެހާ ރިޗްތަ؟ " އަލާޔާ ދަތްތައް ދިލުވާލިއެވެ. އައިމަލް އެހެން އަންހެންކުއްޖަކާއި ދިމާލަށް ބަލައިލިކަން އެނގުނަސް ސޫފިއާނާއާއި ސަމަރު އުފަލުން އުދުހިގަންނަ ގޮތަށް އޭނަގެ ބޮލަށް ކޮށް ޖަހަން ތިރިކުރާނެއެވެ.
"ކަންބޮޑުނުވޭ. އަހަރެން އަލާޔާއާއި އިންނާނަން...."
"އޯ.....ރިއަލީ؟ ތީ ހަމަ ޝަރަފެއް.." އަލާޔާ އަލިފާންވި ނަމަވެސް ގަދަކަމުން ހީލިއެވެ. އައިމަލްގެ ހިތުގައި އެހެން އަންހެންކުއްޖެއް ގެ ލޯބި ނުވާނަމަ އެހެން އަންހެންކުއްޖެއްގެ ވާހަކަ މިރޭ ނުދައްކާނެއެވެ. ވިސްނުމާއި ޚިޔާލުގައި އިންއިރު އެ ޚިޔާލުގައި ރަނިކަން ކުރަނީ ކޮންފަދަ އަންހެނެއްކަމެއްވެސް އެނގެނީއެއް ނޫނެވެ.
"އެއީ ކާކުތަ؟" ދެވަނަފަހަރަށްވެސް އަލާޔާ އެހިއެވެ.
"ސޮރީ......"
"ހޫމް..ދެން ނަފްސާނީ ޑޮކްޓަރެއްވީމަ ބަލިމީހުންގެ ސިއްރުތައް ހިފަހައްޓާ އުސޫލުންތަ؟ އަނެއްކާ މޮޔައަކަށް އައިމަލް ފެނުމުން މޮޔަ ހައްދުން ނައްޓާލައިގެން އިތުރަށް މޮޔަކަމަށް ހެދުނީ ދޯ. އެހެންވިއްޔާ އައިމަލްގެ ލައިފަކުން ނޫން ޖާގަ ދޭންވީ. ގެންގޮސް އެމީހުން ލާން ހަދާފައި ހުރިތަނަށް ދޯ ލާނީ...." އަލާޔާއަށް ކެތްނުވެގެން އެތިވަރު ގޮވައިގަތީ "ސަމަރު"ކަމަށް ހިތަށް އަރާ އެ ހަނދާންތައް އާވެގަތީމައެވެ. ސަމަރު އައިމަލްއާއި ބައްދަލުކުރަން ގޮސް ދެކެވުނު ވާހަކަތަކަށް ފަހު ސަމަރު މިފަހުން އެޑްމިޓްވެސް ކުރި ނޫންހެއްޔެވެ؟ ކުއްލިއަކަށް ހުރިހާ ކަމަކަށްވުރެ ސަމަރުގެ ފައިލް ބަލަން ހިތް ގޮވައިގަތެވެ.
މިރޭވެސް ހޮސްޕިޓަލަށް ވަދެފައި އޭނަ ސަމަރުގެ ޑިސްޗާޖު ސަމަރީ ބަލައިލާނީއެވެ.
"ސާމަރާދޫނި....އެ ފޮނި އިބުލީސްއަށް ވެއްޖެއްޔާ...." އަލާޔާގެ ޚިޔާލުގައި ސަމަރްއާއި ތަޅައިގަނެ ބަލިވެސް ކޮށްލައިފިއެވެ.
***
ސަލާރު ޔޫޓިއުބުން ސުދައިސްގެ ޔާސީން ސޫރަތް އަޑުއަހަން ހުރެ މަޑުމަޑުން ހިނގާފައި ދިޔައެވެ. ދޫ ޖިންސަކާއި ޓީޝާޓަކާއެކު ކަރުގައި އަޅާފައިވާ ރިހި ފަށާއެކު ފެޝަނަށް ލޯބިކުރާ ޒުވާނާ ހެޑްސެޓް އަޅައިގެން ދިޔައިރު އޭނަ ގުރުއާން އަހާފާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟ މިއުޒިޝަނެއް ގުރުއާންއަށް ޝައުގުވެރިވެ ހިނގާފައި ދާއިރު އެގޮތަށް ގުރުއާން އަޑުއަހާނެކަމަށް މަގުން ދިޔަ މީހަކުވެސް ހިޔެއްނުކުރެއެވެ.
"އޭނަ ރޮނީ ކީއްވެބާ..." ގުރުއާނުގެ އާޔަތެއްގެ މާނަވެސް ނޭގޭކަމުން ސަލާރުގެ ވިސްނުން ހުރީ އެފަދަ ގޮތަކަށެވެ. އިރުއޮއްސެމުން ދިޔައިރު ފަޅުގޭގެ ތެރޭގައި ހުރި ގަހަކަށް ކުކުޅުތަކެއް ނިދަން އެރިތަން ފެނުމުން ސަލާރުއަށް މަޖާވިއެވެ. އޭނަ ފާރުމަތީގައި އެއްފައި ދަމާލައިގެން އަނެއް ފައި އެލުވާލައިގެން އިނދެ ސުޕާރީ ޕެކެޓެއް ކަނޑާލިއެވެ. އޭނަގެ ބުޅާ ފުންމައިގެން އައިގޮތަށް އެތަން މިތާ މޫނު ކާއްތާފައި އުނގުގައި ހަމަޖެހިލިއެވެ. ސަލާރު އެސޮރުގެ ބޮލުގައި ފިރުމަމުން ދިޔައީ ދަރިއެއް ފަދައިންނެވެ.
ކުއްލިއަކަށް އެތަނަށް މަޑުކޮށްލި ކާރުން ފޭބި ދެމީހަކު ފެނުމުން ސަލާރުގެ މެޔަށް ފިނިވިއެވެ.