بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
"ރާގީންނާއި ޑޮކްޓަރުން އަދި ހަކީމުން މެދުވެރިކުރައްވާ ޝިފާ ދެއްވާ ފަރާތަކީ ﷲ ސުބުހާނަހޫ ވަތައާލާއެވެ. ބައްޔެއްވިޔަސް ބޭސްކައިގެން ދުޢާކޮށް ގުރުއާން އަޑުއެހުމުން ޕޮޒިޓިވްކޮށް ވިސްނި ބަލިން ފަސޭހަވުމަށް އެހީތެރިވެދެއެވެ. ގުރުއާން ގިނަގިނައިން އަޑުއެހުމުން ހިތާއި ސިކުނޑިއަށް އެލިބޭ ތަސައްލީ އެނގޭނީ ހަމައެކަނި ގުރުއާނުގެ އަހުލުވެރިންނަށެވެ."
***
އާޒީންގެ ދަރިފުޅު ހަނާއަށް ގޮވައިލިއިރު އެކުއްޖާ އުޅުނީ މެދުގޯތީގައި އަޅާފައިވާ ގާތަކުގެ މަތިން ދުވާ ރޭލުފަނިތަކަށް ހަމަލާދިނުމުގައި އަވަދިނެތިއެވެ. އެތުއްތު ހުނުމުގެ އަޑު މެދުގޯތީގައި ގުގުމާލާފައެވެ. ފަނިތައް މަރުވާހިނދު އެދޫކޮށްލާ ކެމިކަލްގެ ވަސްގަނޑު ނޭފަތުގައި ޖެހުމުން އާޒީން މޭ ނުބައިކުރާގޮތްވިއެވެ.
ހަނާ ބޮލުގައި ތޮތްޕެއް ފަދައިން ނެޕީ އަޅުވައިގެން ހުރިތަން ފެނި އާޒީން ހިނި އަންނަން އުޅުނެވެ. އެކުވެރިންނަށް ދަރިފުޅުގެ ލާނެތްކަން ދައްކައިލާ ހިތުން ނުހުރެވިގެން ނިކަން ސިއްރުން ފޮޓޯއެއް ނެގިއެވެ. އެތައް ކޮމެންޓެއް އަންނާނެއެވެ. އޭނަގެ އެފްބީ ފުރިފައިވަނީ ހަނާގެ ރީތި ތަސްވީރުތަކުންނެވެ.
"ހަނާ....މަންމަ ބުނެފީމެއްނު މެދުގޯތި ހަޑިވަނީއޭ. ކިތައްފަހަރު ބުނާނީ ދަނޑިއަކުންނޭ ތި ޗަސްކުރާނީ. ފައިވާނުން ނާރާށޭ. ހަނާގެ ފައިވާންވެސް ޗީކޮށްލީ....އައްޗީޑި. ފަކުރުން ހަލާކު. ދެވަނަ ފަހަރަށް ބުނަން ވެއްޖެއްޔާ ހޫނު ބޮނޑިއެއް އެޅިދާނެ....." އާޒީން ތުން ދަމާލައިގެން ހުރެ ގޮސް ހަނާ ކިހިލީގައި ޖެހިއެވެ. ގަދަހަދާ އަތުން ވީއްލިގަންނަން އުޅުނަސް ހަނާއަކަށް އޭނަގެ މަންމައަށްވުރެ ގަދައެއް ނުވެވުނެވެ. ދޮރު ތަޅުލުމުން ޗުސް ތަޅާލާފައި އިރުކޮޅެއްވާންދެން މޫނު ހަދައިގެން ހުރި ހަނާ ތަށިމުށި މައްޗަށް ވެއްޓިގަތެވެ. ދެފައި ތަޅައިގަތެވެ. އާޒީން ސަމާލުކަމެއް ނުދިނުމުން ތެދުވުނެވެ. ޓެބް ހިފައިގެންގޮސް ސޯފާގައި ހަމަޖެހިލީ އޭނަ ގެންގުޅޭ ކަފަ ބުދު ހިފައިގެންނެވެ.
އާޒީންގެ ފަހަރި މަހާ ސިޑިން ފައިބައިގެން އައެވެ.
"މާދަމާ ނަފްސާނީ ޑޮކްޓަރަކަށް އެޕޮއިންޓްމެންޓް ލިބިއްޖެ...." މަހާ ފޯނަށް ލިބިފައި އޮތް މެސެޖް ކިޔާލިއެވެ.
"މިފަހަރު ޑޮކްޓަރަށް ހަނާގެ ބަލި ދެނެގަނެވިއްޖެއްޔާ ރަގަޅު. މިރަށަށް އައީ އަންނަހިތަކުން ނޫން. މިލިޕީޑްގެ ވާހަކަތައް ކިޔާދީފައި އޮތީމަ ބޮޑު ބިރުވެރިކަމަށް ވީ. އަގް...ސީރިޔަސްކޮށް މި ރަށް ކިތަންމެ ހިތްގައިމުވިޔަސް މި މަޚުލޫގުންނާއިހެދި ހަމަ ދުއްތުރާ....މަ ގޫގުލް އެބަކުރަން މި އެއްޗެހި ނައްތާލާނެގޮތެއް ހޯދަން....." އާޒީން އިނީ ބުމަ ގޮށް ޖަހާލައިގެންނެވެ. އޭނަގެ ތަބީއަތު ހުންނަގޮތުން މަހާ ބައެއްފަހަރު ބިރުވެސް ގަނެއެވެ. އެތިވަރު ގޮވައިގަންނަންވެސް ފަހެއް ނުޖެހޭނެފަދަ މިޒާޖެއްގެ ގޮތް ނޭގޭ ކުއްޖެކެވެ.
"ހަނާ ގޮވައިގެން ބީޗަށް ހިނގާލަން ގެންދާ ވާހަކަ މަންމަ ބުނި. އެވެސް ރަތްވިލާ ލާ ގަޑީގައި......"
"ހަހަހަ....ހުވާ މަންމަމެން ނިކަން ސައިންސާއި ދެކޮޅުވާނެ. މަންމަމެންނަށް ހުރިހާ ބައްޔެއްގެ ހައްލަކީ އަދި މެޑިސިން އެއް ނޫން. ޖިންނި ޝައިތާނުންގެ ފަރާތުން ބަލި ޖެހޭކަމުގައި މަންމަ ގަބޫލުކުރާނީ. މަންމަ ބުނީ ޖިންނިއެއްގެ އެސްފީނާ ހަނާއަށް ލައިގަތީއޭ. ފަންޑިތަ ހައްދަންވީއޭ. އެހެންވެ ބުނިން ފުރަތަމަ ސައިކޭޓްރިސްޓަކަށް ދައްކާފައޭ އެކަމެއް ފަށާނީ. ދެން ރަށުގައި ހުންނަ މޫސާބެ ތުން ތަޅުވާފައި މޫނަށް ކުޅު ޖަހާ އެކިޔަވާ އެއްޗެއް ހުވާ ނޭގޭ. ދެން ހަނާއަށް އިތުރު ބަލިތައް ޖެހުން ނޫންކަމެއް ނުވާނެ. ކިހިނެއް އެކަމާއި އެއްބަސްވާނީ؟"އާޒީން ދޭތެރެއަކުން ހިނިގަނޑެއް ޖަހައިލައެވެ." މޫސާބެގެ ވީޑިއޯ އެއްވެސް އިންނާނެ. މަންމަގެ މައިގްރެއިންގެ ބޭސްވެރިއަކީވެސް އޭނަ.."
އާޒީން ވީޑިއޯ ހޯދަން ފެށިއެވެ.
މީހަކު ބާރަށް ދޮރުގައި ތަޅައިގަތެވެ. މަހާ ދޮރު ހުޅުވައިލުމާއެކު އޭނަގެ މާމަ ހަމީދާ އެތެރެއަށް ދެމިގެންފާ ތަންޑު އަޅުވައިލިއިރު މޫނުމަތިން އޮށް ދާ ހިއްލާލާފައެވެ.
"މާމަ އޯކޭތަ؟ ކިހިނެއްވީ؟ ސުބުހާނަﷲ..." މަހާ ހާސްކަމާއެކު މާމަގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.
"މީހުން ކިޔައެއްނު މިހިސާބުގައި އެ ދާއްބަ އުޅޭ ވާހަކަ... އެފެނިފައި މާމަގެ އެކުވެރި ސަކީނާ ހުރިތަނަށް ނުދެމުނީ ކިރިޔާ......." ހަމީދާ ހަނދާންކުރަން މަސައްކަތްކުރިއެވެ.
"ކޮމޮޑޯ ޑްރެގަންތަ؟" އާޒީން އެހިއެވެ.
"އާނ ކަނބުލޯ. އެ ޓުމާޓޯ ޑަކުތަރު ކިރިޔާނު މާމަމެން ކައިނުލީ. ހަސްފަތާލާއި ދިމާލުން މި ފަރާތަށް އެއޮންނަ މަގުން ހިނގައިލަން ދަނިކޮށް އޭތި ކަނބިއްޔެއް ފަހާފައި ހަމަ އުދުހިފައި ކަހަލަ ގޮތަކަށް ދިޔައީ. އެސޮރުގެ އިސްކޮޅުގައި ހުންނާނެ ވިއްސަކަށް ފޫޓު. ދެތިން ފޫޓުގެ ދިގު ދުލެއް ނެރެގެން .މާމަ ކިރިޔާ ހިތް ނުހުއްޓުނީ. އެކަމަކު ހިތްވަރުކޮށްފައި ގާގަނޑެއް އެއްލައިލީމަ ލޯ މުދުނަށް އަރުވައިގެން ބުޅަލު ބުޑުގައި އުނބުން ޖެހީމަ ދާހެން އެސޮރު ވަލުތެރެއަށް ވަދެ ގެއްލިއްޖެ........" ހަމީދާ ވާހަކަދައްކާނީ ކާފޫރު ފޮނިތޮށި ލާފައިކަން މަހާ ދަނެއެވެ. އަދި މާމައަށް އިނގިރޭސި ނޭގޭތީ ދޭތެރެއަކުން ނުބައި ލަފުޒެއް ކިޔައިފިއްޔާ އާޒީން މަލާމާތްކޮށް ހޭކަންވެސް ދަނެއެވެ. އާޒީންއާއި ދިމާލަށް އެއްޗެއް ބުނަން ނުކެރެނީ ފިރިމީހާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އެފިރިމީހާގެ ހިތުގައި އާޒީންއަށްޓަކާ އޮންނަ މަގާމުވެސް އެންމެ ރަގަޅަށް އިހުސާސްކުރެވޭނެ އެކަކީ މަހާއެވެ.
"މާމާ...ޓުމާޓޯ ޑަކްތަރު ހާދަ ބޮޑޭ. އެ ޑަކްތަރަށް މެސެޖެއް ދިންނަމަ. މިތާ މިއުޅޭ މިލިޕީޑްތައް ކައިހުސްކުރަން ބުނިނަމަ..ޕްރޮބަބްލީ އޭތި މި އެއްޗެހި ކަން ނޭގޭ ކާނީ...." އާޒީން ދަތް ނުދައްކާ ހޭ ވައްތަރަށް ތުން ފިތާލައިގެން އެތެރެއަށް ހިނިގަނޑު ބިންދާލައިފިއެވެ.
"ކޯންޗެކޭތަ؟"
"ރޭލުފަނި......އެއަށް ކިޔާ އިނގިރޭސި ނަން ބުނީ. މިލިޕީޑް."
"މިލަފުނި......."ހަމީދާ އެ ކިޔައިލި އެއްޗަކުން އާޒީންއަށް ހެވުނެވެ.
"މަގޭ މަންމަވެސް ކޮމެޑިއަންއަކަށް ވިނަމަ. އެކަމަކު ދިމާ އިދިކޮޅު. ނިކަން ސީރިޔަސް. މަންމަގެ ހިތަށް ބަލައިފިއްޔާ އޮންނާނީ ގަނޑުފެންގަނޑެއް........." އާޒީން އަމިއްލަ މަންމައާއި ދިމާލަށްވެސް ހިތަށް އެރި އެއްޗެއް ބުނަން ފަހެއް ނުޖެހޭނެއެވެ.
"މަހާ....ހަނާއަށް ކާންދީ ބަލަ. ހުވާ މަށަކަށް ވާނެ ކަމެއްނޫން. ސިކްސް ޔިއާރސް އެކަމަކު އެކުއްޖާއަށް ކާންދޭ މީހަކު ވަރުބަލިވެ ހަލާކުވެދާނެ. ހޫމް. މާމާ. މި މިލަފުނިތަކަށް ކީއްކުރާނީ؟ މާމަ ދިން ނަން ރީތި ދޯ...މިލަ ފުނި ކިޔަންވެސް ފަސޭހަ........"
"ސަކީނާ ބުނި އޭނަ ކަރާސީނު ތެޔޮ އަޅަންފެށީމަ އެގޭ ދޮށުގައި ތަންކޮޅެއް މަދުވެއްޖެކަމަށް. ބައެއްމީހުން ހޫނުފެންވެސް އަޅާ. އަނެއްބަޔަކު ފުޅިފުޅިއަށް އަޅައިގެން ގޮސް އުކާލަނީ. އަލިފާން ޖަހާ މީހުންވެސް އުޅޭ އެކަމަކު ދިރޭ ފުރާނައެއް އަލިފާނަށް ލާން މާމަމެންނަށް ލާހިކެއް ނޫން......."
"މާމަ..ގަޓް ހުންނަން ޖެހޭނެ އިނގޭ. މާމައަށް ނުކެރުނަސް މަގޭ އެއްވެސް ސިމްޕަތީއެއް އެ ކްރީޗާސްއަކަށް ނެތް. އެންމެ ނުބައި މަރަކުން އެ ގްރޮސް އެއްޗެހި ފުނޑާލާނަން."އާޒީން ބުނެލިއެވެ. މަހާ ހަނާއަށް ނަޒަރު ހިންގައިލިއިރު އިނީ ގޭމަށް ގޮސް ހުސްވެފައެވެ. ދަރިފުޅުގެ ކުޅޭވަގުތަށް ވުރެ ޓެބާއި ޓީވީއަށް ވަގުތުދޭ ވަގުތު ގިނައެވެ.
ހުރިހާ މައްސަލައެއް ހިލެނީ ޒަމާނީ ޓެކްނޮލޮޖީއިން ކަން މަހާ ދަނެއެވެ.
***
އާޒީންގެ އެއް މާބަނޑު ބޭބެ މަހާއާއި ކައިވެނިކުރުމަށްފަހު ބަދަލުވީ އައްޑުއަތޮޅަށެވެ. އަލަށް އާބާދުވާ އެންމެ ހިތްގައިމު ހިސާބުގައި މަހާގެ ބައްޕައަށް ލިބުނު ގޯތީގައި ބޭބެދެބުރި ގެއެއް އަޅާ ހަމަޖެހޭ ދިރިއުޅުމެއް ފެށިތާ އަދި މިވީ ދުވަސްކޮޅެކެވެ. ބޭބެ ކިޔަވާ ނިމިގެން އައިގޮތަށް ހޮސްޕިޓަލުން ވަޒީފާ ހޯދައިގެން މަހާ ގާތަށް ބަދަލުވީއެވެ. އެހާވަރުން މަތީ ތައުލީމް ހާސިލުކުރުވަން ބުރަ މަސަައްކަތްކޮށް ލެޔާއި ދާ އޮހޮރުވި މައިންބަފައިންނާއި އަޅާލާ އެމީހުން ގާތު ހުރުމަށްވުރެ އަންހެނުން މުހިއްމުވީއެވެ.
އާޒީން އައްޑޫ ސިޓީއަށް ޖައްސައިލީ ހަނާއަށް ބޭސްކުރުވުމަށެވެ. ދުވަހަކަށްވުރެ ދުވަހަކަށް ހާލު ގޯސްވަމުން އަންނާތީއާއި އުނގެނުމުގައިވެސް އެއުމުރުގެ ކުދިންނަށްވުރެ މާ ފަހަތުގައި އުޅޭތީއެވެ.
"ވިންޓަރ ވިއު" ގެ މަތީބައިގާ ތިބޭއިރު އެ ފެހިކަން ގަދަ ސަރަހައްދު ދުރުދުރަށް ދާންދެން ފެތުރިފައެވެ. ބޯވިނަގަނޑާއި ކަށިކެޔޮގަސްތަކާއި އެކު ކުޅި ރީތިކޮށް ފެންނާން އޮވެއެވެ. ރޭ ވެހުނު ވާރެއިން ތެމި ތާޒާކަމާއެކު ވިދަ ވިދާ ހުރިއިރު ފަތްތަކުގެ މަތީގައި ޝަބްނަމްގެ ތިކިތަކެވެ. ކުޅީގައި މާކަނާފަދަ ދޫނިތައް އުދުހޭ މަންޒަރުބަލަން އިނަސް ކުޅަދުންވަންތަކަން ހަނދާންވާވަރުވެއެވެ. ހޮސްޕިޓަލުގެ ވަށައިގެން އޮތް ކުޅީގެ އެއް ފަޅި ހިސާރަކޮށްފައިވަނީ ވައިލެޓްކުލައިގެ އެތައް ހާސް މާތަކުންނެވެ. ޗާލުކަމުން ލޮލަށް ފިނިކަން ގެނެސްދެއެވެ. އަނެއް ފަޅީގައި އޮންނަ ފެންގަނޑަކީ މަސްތަކުގެ މަކާނެވެ. އެކި ކުލައިގެ މަސްތަކަށް ކާން ދިނުމަށް ކުޑަކުދިންގެ އިތުރަށް ބޮޑެތި މީހުންވެސް ޝައުގުވެރިކަން ހުރެއެވެ. އެހިސާބުގައި "ގޯވާ" މަގު އޮތުމުން ސިއްރުން ފުރިފައިވާ ސަރަހައްދެއްކަމުގައިވެސް ބުނެވިދާނެއެވެ.
އާޒީންއާއި މަހާ ހޮސްޕިޓަލާއި ދިމާލަށް މިސްރާބުޖެހިއިރު މަހާ ހުރީ ހަނާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ތަންކޮޅެއް ދުރުން ބުރެއް ޖަހައިލުމަށްފަހު ލިންކްރޯޑު މަގަށް އެޅިއެވެ. އެއްފަރާތުން މޫދު ފެންނަން އޮތްއިރު އަނެއްފަރާތުގައި ހިޔާދޭ ބޮޑެތި ގަސްތަކެވެ.ފެހިކަން ގަދަ ވިނަތައް މައްޗަށް ހުދުކުލައިގެ މާތައް ވިހުރުވިފައިވާއިރު ޕާކެކޭ ތަފާތެއްނެތެވެ. އާޒީން ފޯނުގައި އެހިތްގައިމު މަންޒަރުތައް ރައްކާކުރުމުގައި އަވަދިނެތި އުޅުނެވެ.
"ކުޅީގައި އެހެރަ މާތައް ހާދަ ރީއްޗޭ. މަންމައަށް ފެނިއްޖެއްޔާ އަނބުރައިގަންނާނެ. މަންމަގެ ދުނިޔެއަކީ މާމެލާމެލި. ދަރިންނަށްވުރެ ލޯބިން ގަސްކޮޅު ގެންގުޅޭނެ. އައި ވުޑް ސޭ އަހަރެމެންގެ މަންމަގެ ބަގީޗާ އަށްވުރެ ހާސްގުނަ ރީއްޗޭ........." ކުއްލިއަކަށް އާޒީންގެ ލޮލުގައި ދޮންދޫނިތައް ލަވަކިޔަމުން އުދުހޭތަން ފެނުމުން ހިތް އަވަސްވިއެވެ. ކޮންފަދަ ރީތި އަޑެއްހެއްޔެވެ؟ ފޮނި މިއުޒިކެއްފަދައެވެ. އަވަހަށް ފޯނު ދިއްކޮށްލެވުނެވެ.
"މިއީ އައްޑޫ ސްޕެޝަލް ދޫނިތަ؟ ޒިން އަބަދު މި އެއްޗެހީގެ ވާހަކަ ދައްކާ........" އާޒީންގެ ހިތުގައި ކުޑަކޮށް ހަސަދަވެރިކަން ހިނގައިލިއެވެ. އޭނަގެ ރަށް އެހާ ކުޑައީ ކީއްވެހެއްޔެވެ؟ އެއްވެސް ޚިދުމަތެއް ލިބެނީއެއް ނޫނެވެ. މާޒިންވެސް ރަށް ދޫކޮށްފައި އަންނަން ޖެހުނީވެސް އެ ކުޑަ ފުކެއްވަރުގެ ތަނުގައި ހުރެގެން ސްޕެޝަލައިޒްވާނެ ފުރުސަތުވެސް ނުލިބޭނެތީއެވެ. މިރަށުން އިންނާނެ މީހެއް ހޯދަން ވީއެވެ.
އާޒީން ވަގުތުން އެފްބީއަށް ފޮޓޯތައް ލައިފިއެވެ.
އޭނަގެ އެކުވެރިން މޮޔަވާ ވަރުވިއެވެ.
"އަޅެ މަ ގެންދެބަލަ ހެޔޮނުވާނެ........"
"ތި އައްޑޫ ސިޓީތަ؟ ނޫނީ ޔޫރަޕްތަ؟" އެއްކުއްޖަކު ލިޔުނެވެ.
"މިތަން ޔޫރަޕް ފެންވަރަށް އާދެވޭނީ އަދި ގަރުނެއް ފަހުން ލޮލް. މީ އަދި ވިލެޖެއް. ކޮންމެ ތަނެއްގައިވެސް ރީތި މަންޒަރުތަކާއެކު ގޮނޑުވެސް ހުރެއޭ. މިތަނުގެ ރީތިކަމާއެކު އަހުލުވެރިންނަށްވުރެ މަދިރިއާއި މިލިޕީޑް ގިނަ އަދި ނުވީތާކަށް ޑްރެގަންއެއްވެސް އެބަ އުޅޭ...ޖިންނި މަގެއްވެސް އެބައޮތް މިތާ ދާދިކައިރީ. ހުރޭ ޖިންނިއަކާއެކު ފޮޓޯއެއް ނެގުނުއިރަކުން އަދި އެބަފޮނުވަން...." އާޒީން ހިނިގަނޑެއް ޖަހާލިއެވެ." ޖިންނި ހަންޓިންއަށް ނިކުންނަން މިރޭ ވިސްނަނީ......"
ކޮންމެ ގޮތެއް ވިޔަސް އަމިއްލަ ރަށާއި އަޅުވާ ކިޔާއިރު އޭނަ ގާތުގައި އައްޑޫ ސިޓީ ކިތަންމެހާވެސް ހިތްގައިމު ސިއްރުން ފުރިފައިވާ ތަނަކަށް ވިއެވެ. ރޭގަނޑު ގަދަ އަނދިރިކަމުގައި މި ބޯ ޖަންގަލީގެ ތެރޭ ދިރިއުޅޭ ކަމަށް ބުނާ ޖިންނިންނަކީ ހަގީގަތެއް ބާވައޭވެސް ހިތަށް އެރިއެވެ. ހަނާގެ ބޭހުގެ ކަންތަކުން ނިމިގެންވެސް ދުވަސްކޮޅަކަށް މިތަން ހޯދާ ބަލައިލަން މަޑުކުރަން އޭނަ ހިތާހިތުން ނިންމިއެވެ. މަންމަމެން ގާތުގައި ބުނާނެ އުޒުރަކާއިބެހޭގޮތުން ވިސްނަން ފެށިއެވެ.
***
ޑޮކްޓަރ މާޒިން އިމަޖެންސީގައި އެކަނި ހުއްޓަސް ފުދޭވަރަކަށް "ކޫލް"ކަމަށް ފެނެއެވެ. ބޮޑެތި ކޭސްތައް މެނޭޖްކޮށްލަނީ ސްޕެޝަލިސްޓެކޭ އެއްވަރަށް ކުޅަދާނަކަމާއެކުގައެވެ. ބިދޭސީއަކު ހާޓްއެޓޭކެއް ޖެހިގެން ގެނައުމުން ބްރޭކް ގަޑިވެސް ކެޓިއެވެ. ނުކައި ގިނައިރު ހުންނާންވުމުން ކޮންމެވެސް ވަރަކަށް ބަނޑުހައިކަން އިހުސާސްކުރެވި ފޯނުން ގަޑިވެސް ބަލައިލެވުނެވެ. ކީއްކުރާނީހެއްޔެވެ؟ އަބަދުވެސް މެޑިކަލް އޮފިސަރުން މަދުވުމުގެ ޝަކުވާ އިންތިހާއަށް އޮވެއެވެ.ބިދޭސީ މީހާ ހަމަޔަކަށް އެޅުމުން ފައިލްގައި ލިޔަން އިންދާ ނަރުސްކުއްޖަކު ކައުންޓަރު ކައިރީ ހުއްޓުނެވެ. ލަދުރަކިގޮތަކަށް ހީލިއެވެ.
"ޑޮކްޓަރ މާޒިން..ކޮންމެވެސް އަންހެންކުއްޖަކު އެބަހުރި ހޯދަން އައިސް. މޫނު ބުރުގާ އަޅާފައި......."
"ވަޓް؟" މާޒިންގެ ލޮލުން ހައިރާންކަމުގެ ކުލަވަރު ފެނުނެވެ. ކޮވިޑާއިހެދި މާސްކު އަޅަން ޖެހުމުން މޫނުބުރުގާ އަޅާ ކުދިން ގިނަވިއެވެ. ނަމަވެސް އޭނަގެ އާއިލާގައި އަދި ދަންނަ މީހުންގެ ތެރޭގައިވެސް މޫނު ބުރުގާ އެޅި އަންހެނަކު ހުންނަކަމެއް އެނގިފައެއް ނެތެވެ. ފަހަރެއްގައި ބަލިމީހެއްގެ އެހީތެރިއަކަށްވެދާނެ ނޫންހެއްޔެވެ؟
މާޒިން އިމަރޖެންސީ ފަޅިން ބޭރަށް ނުކުންނާން ހިނގައިގަތެވެ. ދޮރުމަތީގައި އިންތިޒާރުގައި ހުރި ކުއްޖާ އޭނަގެ އަތުގައި ހިފާ ދަމައިގަނެގެން ދުރަށް ދާން ހިނގައިގަތެވެ.
"ސްވީޓްހާޓް...މީހުން އެބަ ބަލައޭ....." މާޒިން ހެމުން ބުނެލިއެވެ." ކޮންމެފަދަ އެއްޗަކަށް އެރިގެން ހުއްޓަސް ދެން މި ކުއްޖާ ނޭގި ހުންނާނެތަ؟ކަޅު ހެދުން ލައިގެން ތިއައީ ކިޑްނެޕްކުރަންތަ؟"
ފަހަތުން ސިކިއުރިޓީއެއް އައިގޮތަށް އެދޭތެރެއަށް ވަނެވެ.
"ޔޯ އައި ޑީ ޕްލީޒް...."
=ނުނިމޭ=