މަގުމަތީގައި އެފަދަ ބައިވަރު މީހުން އުޅޭނެ. ބިރުދައްކަން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ. މާ ބޮޑަށް އަޅާނުލާ އިބާ... ތެދުވެގެން އަވަހަށް ދޭ ތެތް އެއްޗެހި ބަދަލުކުރަން، އެހެންނޫނީ ބަލިވެދާނެ. އިބާ ބަލިވީމަ އިބާ ބަލާހެން އަހަރެންގެ މަންމަ ބަލާނެ މީހަކުވެސް ނުހުންނާނެ" އިބާގެ އަތުގައި ހިފާ ނަގަމުން ނަވީން ވާހަކަ ދެއްކިއެވެ. އިބާވެސް ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެއަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ނަވީން ވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު އޭނާގެ ވިސްނުން ގުޅިފައިވަނީ މިރޭ އިބާއާ ދިމާކުރި ޒުވާނާއާއެވެ.

ކޮޓަރިއަށް ވަތް އިބާ ލަސްނުކޮށް ފާހާނާއަށް ވަނެވެ. އެތައް އިރަކު މޫނުދޮންނަ ތަށި ކައިރީގައި ހުރެގެން އަތްގޮށިން މޫނަށް ފެންޖެހިއެވެ. ދިހަވަރަކަށް ފަހަރު އެހެންހެދުމަށް ފަހު ކުރިމަތީގައި ހުރި ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ މީހާގެ ސޫރައަށް ބަލާލިއެވެ. ބޮލުގައި ދެ އަތުން ހިފައްޓާލަމުން އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ އިބާ މަސައްކަތް ކުރިއެވެ.

ފެންވަރާ ހަދާލައިގެން ނުކުމެ ނިދޭތޯ ޖައްސާލިނަމަވެސް ވެރިވަމުންދިޔަ ހިޔާލުތަކުގެ ސަބަބުން ނިދި ވަނީ މުޅިން އޭނާއާ ދުރުވެފައެވެ.

ގަޑިން ބާރަޖަހައިފިއެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން ޔާސިރުގެ ލޮލުގައި ނިދީގެ އެއްވެސް ކަންފުޅެއް ނެތެވެ. އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާގެ ވިސްނުން މީގެ އަހަރުތަކެއް ކުރިއަށް ދަތުރު ކުރަމުން ދިޔައެވެ. ގާތުގައި ލައިލާ އޮތީ ގަދަ ނިދީގައެވެ. ފިނީގެ އަރާމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނަނީ ކަންނޭނގެއެވެ.

"އާނ... އަހަރެން ކަންތައް ކުރީ އެންމެ ރަނގަޅަށް..." އަމިއްލަ ނަފްސާ ވާހަކަދައްކަމުން ޔާސިރު ބޯ ޖަހާލިއެވެ. އެހެން އިންދާ ދެން އޭނާގެ ހިޔާލުތައް ގުޅެން ފެށީ މާހިރާއާއެވެ.

"އަދިވެސް ނުނިދަނީތަ؟ އެކަނި އިނދެ ކޮން ވާހަކައެއް ތި ދައްކަނީ؟" މޯޅިއަކަށް ދެމިލަމުން ތެދުވި ލައިލާ ނިދިއަޑުން ބުނެލިއެވެ.

"އެއްޗެއް ނުބުނަން. މިރޭ ނިދި ނައިސްގެން މިއުޅެނީ... ލައިލާ ނިދާލާ... އަހަރެންވެސް އިރުކޮޅަކުން ނިދާނަން" ލައިލާއަށް ބަލާލަމުން ޔާސިރު ބުނެލިއެވެ. ލައިލާ އަނެއްފަރާތަށް އެނބުރުމާއެކު އަނެއްކާވެސް އޭނާ ހިޔާލުތަކުގައި ބެހިގެން ހިގައްޖެއެވެ.

*****

ސައްބީސް އަހަރު ކުރި

*****

ޔާސިރު ގެއަށް އައިސް ވަތް އިރު އޭނާ ހުރި ތެމި ފޯވެފައެވެ. އިސްޖަހާލައިގެން ހުރެ މަޑު ފިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން އައިއިރު ހާއިބުގެ އިތުރުން ރަޒީފާ އަދި ޚާލިދާވެސް ބޮޑު ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިއްބެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވެފައިވާ ފަދަ އަސަރެވެ. ޔާސިރު ހަމަ ފެނުމާއެކު ރަޒީފާ ދުވެލާފައި ގޮސް ޔާސިރުގެ ގާތަށް ހުއްޓުނެވެ.

"ދަރިފުޅާ... ކިހިނެތްވެފަ ތި ހުރީ؟" ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުން ރަޒީފާ އަހާލިއެވެ. ޔާސިރު ރަޒީފާގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ހާއިބުއަށް ބަލާލަމުން ގޮސް ސޯފާގައި އިށީނދެލިއެވެ. ތެމިފައި ހުރުމުގެ ސަބަބުން ސޯފާ ތެމެމުން ދިޔަނަމަވެސް އެކަމަށް އެއްވެސް ސަމާލުކަމެއް އޭނަ ނުދެއެވެ. ޔާސިރު އެފަދަ ގޮތަކަށް ހުއްޓާ މީގެ ކުރިން ދުވަހަކުވެސް އެއިން އެއްވެސް މީހަކަށް ފެނިފައި ނުވެއެވެ.

"ދަރިފުޅާ... ކިހިނެތްވީ؟" ހާއިބުވެސް ސުވާލުކޮށްލިއެވެ.

"ބައްޕާ....ބައްޕާ..... މާހިރާ ގެއްލުނުތާ އެއް ހަފްތާ ފާއިތުވެ ހިނގައްޖެ... އެންމެން މާޔޫސްވެފަ ތިއްބާ މި ލިބުނީ ކޮންފަދަ ހަބަރެއްތަ؟ ފުލުހުން....... ފުލުހުން މާހިރާގެ ހަށިގަނޑު ހޯދައިފި..." ޔާސިރުގެ ދެލޯ ހުރީ ރަތްވެފައެވެ. ކޮންމެވެސް ވަރެއްގެ ދުޅަކަމެއްވެސް އެ ދެލޮލުގައި ހުއްޓެވެ. ޔާސިރު ބުނެލި ވާހަކައިން އެތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ރަޒީފާ އަރިއަޅާލިއިރު ގާތުގައި ހުރި ޚާލިދާ ރަޒީފާގެ އަތުގައި ހިފެއްޓިއެވެ.

"ކީކޭ؟ މާހިރާގެ ހަށިގަނޑޭ... އެކަމަކު އެހެން ކިހިނެތްވާނީ... އެމީހުންނަށް އެހާ ޔަޤީންކަމާއެކު ބުނަން ކެރޭނެތަ އެއީ މާހިރާ ގެ ހަށިގަނޑުކަން. އަހަރެން ގަބޫލެއް ނުކުރާނަން" ރަޒީފާ ވަގުތުން ދެކޮޅު ހެދިއެވެ. އެވަގުތު އެތަނަށް ރުޝްދާ އާއި އޭނާގެ ފިރިމީހާ ޝިމާދުވެސް އައެވެ. އަޑު އިވުނު ވާހަކައިން އެ ދެމީހުންނަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ.

"ކީކޭ ތި ކިޔަނީ؟ ތި ކިޔާ އެއްޗެއް ތަންކޮޅެއް ސާފުކޮށް ކިޔައިދީބަލަ ޔާސިރު" ޚާލިދާއަށް ވެސް އެއްޗެއް ނުބުނެއެއް ނުހުރެވުނެވެ.

"ފުލުހުން އަޅުގަނޑަށް ގުޅާފަ ބުނީ... މާލޭ ފަޅުތެރެއިން މަރުވެފަ އޮތް މީހެއް ފެނުނު ވާހަކަ. މާހިރާ ތޯ ނުވަތަ ނޫންތޯ ޔަޤީން ކުރަންވެގެން ގުޅީ... އެއީ ހަމަ މާހިރާ... އޭނާގެ އަތުގައި މާހިރާގެ އުޅާ ވެސް އޮތް... ލިބިފައިހުރި ޒަހަމް ތަކުން މޫނުމަތި ވެސް ވަނީ އެކީ ހަލާކުވެފަ... މާހިރާ ގެ ކަރުގައި އޮންނަ ހާރާ އެ އުޅާ ފެނުމުން ޔަޤީންވީ އެއީ މާހިރާކަން" ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ޔާސިޔު ވާހަކަދެއްކިއެވެ.

"ނުވާނެ އެހެނެއް... މާހިރާއަކަށް ނުވާނެ! ވެދާނެއެއްނު މީހަކު މާހިރާގެ އެއްޗެހި ވަގަށް ނެގީކަމަށްވެސް، އަލުން އެމީހުން ކައިރިއަށް ދާން ހިނގާ! ޔަގީން ކުރަންދާން ހިނގާ!" ރަޒީފާއަށް ކިޔޭ ނުކިޔޭއެއްޗެއްވެސް ނޭނގެއެވެ.

ހަށިގަނޑާއެކު މާހިރާގެ ވޮލެޓް އާއި އައިޑީކާޑުވެސް ފެނުނު..." ޔާސިރު އިތުރު ކޮށްލިއެވެ.

"އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން... ކާކުތަ މާހިރާގެ ފުރާނައަށް ދަހިވެތިވެގެން އުޅޭނީ... މާހިރާއަކީ ދުވަހަކުވެސް މިހާކަ އަރައިރުންވެ ދެބަސްވި މީހެއް ނޫން... މީހަކާ ދުޝްމަނުކަމެއް އޮންނާނެ މީހެއްނޫން... އަނެއްކޮޅުން ނަވީން. އެ ތުއްތު ދަރިފުޅަށް ވާނީ ކިހިނެތް؟" ރަޒީފާއަށް ވެސް ސޯފާގައި އިށީނދެވުނެވެ.

ހާއިބުވެސް ހުރީ ބުނަންވީ އެއްޗެއް ނޭނގިފައެވެ.

އިރުކޮޅަކުން ތަނަށް ވެރިވެގެން ދިޔައި ރަޒީފާ އަދި ރުޝްދާގެ ރުއިމުގެ އަޑެވެ. ޚާލިދާ އަކީ ހިތްވަރު ގަދަ އަންހެނަކަށް ވިޔަސް ރަޒީފާއާއި ރުޝްދާ އަކީ ހިތްބަލި ދެމީހުން ކަމުން އެ ހަބަރު އެ ދެމީހުން އިތުރަށް ބަލިކަށި ކޮށްލީއެވެ.

*****

ޔާސިރު ފޯނު ނަގާ ބަލާލަމުން ފުންނޭވާއެއް ލިޔެވެ. ތާރީޚަށް ނަޒަރު ހުއްޓާލުމާއެކު އޭނާ ނިތް ކުރީގައި ގޮށްމުށުން ޖަހާލިއެވެ. 4 މާރޗް ވަނަ ދުވަހުގެ ރެއަކީ މާހިރާ މި ދުނިޔެއާ ވަކިވި ހަބަރު އޭނާ ދިން ރެއެވެ. އެރެއަކީ އެ އާއިލާއަށް ފޫ ނުބެއްދޭ ވަރުގެ ހިތާމައެއް ލިބުނު ރެއެކެވެ. ވޭނީ ކަރުނައާއި ގިސްލުމުގެ އަޑުން އެގޭގެ ހަތަރު ފާރުގެ އެތެރެ ގުގުމާލި ނާމާން ބިރުވެރިރެއެކެވެ.

ނަވީންގެ ނަޒަރު އަތު ކުރީ އޮތް ގަޑިއަށް ހުއްޓިފައިވާއިރު އޭނާގެ ލޮލުގައިވެސް ނިދީގެ އެއްވެސް އަސަރެއްނެތެވެ. މަޑުމަޑުން އެނދުން ތެދުވެގެން ގޮސް އޭނާ ސިޓިންރޫމް ސޯފާގައި ޖައްސާލިއެވެ. އޭރު އަނދިރީގައި އިބާ އިންކަމެއް ނަވީންއަކަށް ނޭނގެއެވެ. ދެލޯ މަރާލައިގެން އިރުކޮޅަކު އިން ފަހުން ވޭނީ ގިސްލުމެއްގެ އަޑު އޭނާގެ ކަންފަތުގައިޖެހުނެވެ. ކުއްލިއަކަށް ލޯ ހުޅުވާލަމުން ނަވީން އެ އަޑު އަންނަމުންދިޔަ ދިމާލަށް ބަލާލިއެވެ. އަނދިރީގެ ތެރެއަށް ލޯ ހޭނިފައި ވުމުން ސޯފާގައި އިން މީހާ އޭނާއަށް ފެނުނެވެ. އެއީ އިބާކަން ޔަގީންވުމާއެކު އިތުރު ކަމެއްނުކޮށް ނަވީން އެއިން ގޮތަށް އިނީއެވެ. އިބާގެ ރުއިމުގެ އަޑު އަހަން އިންއިރު ކިތަންމެ ފަހަރަކު އިބާގެނެސް އެ އަތުގެ ތެރެއަށް ލާ ހިމާޔަތް ދޭން ނަވީންގެ ހިތަށް އެރިއެވެ. އެ ގިސްލުމުގެ އަޑާއެކު އޭނާގެ އެތެރެ ހަށީގައިވެސް ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ހޭލައިގެންފިއެވެ. އިބާ އާ މެދު ހަމްދަރުދީ ވެވުނެވެ. ހަޤީގަތުގައި އިބާގެ ދިރިއުޅުމުގެ ވަރަށް ގިނަ ސިއްރުތައް ނަވީންއަށް އެނގެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް އިބާ އާއި ހިއްސާ ކުރަން ބޭނުންނުވަނީއެވެ.

ހިނދެއްހިނދަކަށް ގިސްލުމުގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް އެކީ މަޑުވިއެވެ. ހީވަނީ ވަރުބަލިވެ ނިދުނީހެންނެވެ. މަޑުމަޑުން ސޯފާއިން ތެދުވި ނަވީން ގޮސް އިބާ އާއި ދާދި ގާތުގައި ހުއްޓުނެވެ. މަޑުމަޑުން ގުދުވެލުމަށްފަހު ނުހަނު ގާތުން އޭނާ އިބާގެ މޫނަށް ބަލާލިއެވެ. އަނދިރީގެ ތެރެއިންވެސް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ގޮސްފައި ހުރި ކަރުނަތައް އޭނާގެ ލޮލުގައި އަޅައިގަތެވެ. އިބާގެ ކަރުނަތައް ފުހެދޭން މަޑުމަޑުން އަތް ހިއްލާލިނަމަވެސް ހޭލަފާނެ ކަމުގެ ބިރަށް ނަވީން ދެފަރާތަށް ބޯ ހޫރާލަމުން އަތް ތިރިކޮށްލީއެވެ. އެތައް އިރަކު އަނދިރީގެ ތެރޭގައި އިބާގެ މޫނަށް ބަލަހައްޓައިގެން ނަވީން އިނެވެ. އެއަށްފަހު ފެންފޮދެއް ބޯން ވެގެން ކައްކާ ބަޔާ ދިމާއަށް ހިނގައިގަތެވެ. ސިޓިން ރޫމްގެ ބޮކި ދިއްލާލަން އުޅެފައިވެސް އޭނާ އިބާއަށް ބަލާލުމަށްފަހު މަޑުޖެހިލީއެވެ.

ފޯނުގެ ފްލޭޝް ލައިޓް ދިއްލާލަމުން އޭނަ ފްރިޖް ހުޅުވާލިއެވެ. ލައްޕާލަން އުޅެނިކޮށް ފްރިޖްގައި ހުރި ކޮންމެވެސް އެއްޗެއް ވެއްޓުނެވެ.

އިބާއަށް ހޭލެވުނީ އެ އަޑަށެވެ. މަޑުމަޑުން ލޯ ހުޅުވާލުމާއެކު އޭނާ ދެލޯ ބޮޑުކޮށްލިއެވެ. އެނބުރިލާފައި ކާ ބަޔާ ދިމާ ބަލާލިއިރު މީހަކު ހަރަކާތްތެރިވާތަން ފެނުނެވެ. ފޯނު ދިއްލައިގެން ފްރިޖް ކައިރިއަށް ގުދުވެ އޮތް އިރު އެއީ ނަވީންއަށް ވެދާނޭ އިބާއަށް ވިސްނައެއް ނުގަނެވުނެވެ. ހިސާބަކަށް ބިރުގަނެފައި ހުރިނަމަވެސް ހިތްވަރުކޮށްފައި ތެދުވެ ފިހިގަނޑު ހިފައިގެން އެ ދިމާލަށް އިބާ ހިނގައިގަތެވެ.

"ހުރެބަލަ. މީހުންގެ ގޭގެއަށް ވަދެ ވައްކަން ކުރަން ދެން ނުކެރޭވަރު ކުރާނަން...." އިބާ ހިތާ ހިތުން ވާހަކަ ދެއްކިއެވެ.

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް އެންމެ ފަހުން އެ މީހާ އާއި ދާދި ގާތައް ހުއްޓިފައި އިބާ ފިހިގަނޑުން އެމީހާގެ ކޮނޑުގައި ޖެހިއެވެ.

"އާތް"

ކުއްލިއަކަށް ކޮނޑުމައްޗަށް އެރި ތަދާއެކު ނަވީންއަށް ހަޅޭއްލަވައި ގަނެވުނެވެ.

"މީހުންގެ ގޭގެއަށް ވަދެ ވައްކަން ކުރަނީ.... ހުރެބަލަ!" ދެވަނަ ފަހަރު ވެސް އިބާ އެމީހާގެ ބުރަކަށީގައި ބޮޑިއެއް އެޅިއެވެ.

"އިބާ އޭތް.... ނަވީން އޭ" ތިންވަނަ ފަހަރަށް މަޅާލި އަތާއެކު ނަވީންގެ އަޑު އިބާގެ ކަންފަތުގައި ޖެހުނެވެ. ވަގުތުން މީހާ ގަނޑުވެ އިބާގެ ހަރަކާތް ހުއްޓުނެވެ. ގުދަށް އޮވެގެން ކަހަލަ ގޮތަކަށް ގޮސް ނަވީން ލައިޓް ދިއްލާލިއެވެ. ފިހިގަނޑު ހިފައްޓައިގެން ދެލޯ ބޮޑުކޮށްލައިގެން ހުރި އިބާއާއި ގާތަށް ހިނގައިގަންނަމުން ނަވީން އައްދޯތް ޔޭ ބުނެލިއެވެ.

"އިބާ...." ނަވީން ގޮވާލިއެވެ.

"ސޮރީ... ސޮރީ... ތަދުވިތަ؟" ހަމަހޭވެރިކަންވީ އިބާއަށް އަވަސް އަވަހަށް ވާހަކަ ދެއްކުނެވެ.

"ތަދުވާނެއެއްނު... ދިލަވެސް އެބަ ނަގާ... އުނަގަނޑުގެ ކަށިގަނޑު ނުބިދޭ ކަމެއްވެސް ނޭނގެ.... " ނަވީން ބުނެލިއެވެ. އޭނާ ކާ މޭޒު ދޮށުން ގޮނޑިއެއް ދަމާލަމުން އިށީނެވެ. އަދި ބުރަކަށީގައި އަތް ޖައްސާލިއެވެ.

"ހޮސްޕިޓަލަށް ދާންވީނު" އިބާއަށް ބުނެވުނެވެ.

"ނޫން އެ އޯކޭވާނެ ކަންނޭގެ.... އެކަމަކު ހާދަ ތަދުވެޔޭ" ނަވީން ދެލޯ މަރާލިއެވެ. އިބާ ހުރި ގޮތުން އޭނަ ގާތަށް ހިނިވެސް އައެވެ.

"އިޓްސް އޯކޭ... މިރޭ އިގިއްޖެ އަހަރެން ނެތަސް ވަގަކަށް މިގެއަށް ނުވަދެވޭނެކަން..." ނަވީން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"ބޭސް ބޭނުންތަ؟ ހުންނާނެ ތަދުވާތީ އުނގުޅާ ބޭސް..." އިބާ ވާހަކަ ދެއްކިއަޑަށް ނަވީންއަށް އަނެއްކާވެސް އިބާ އާ ދިމާ ބަލާލެވުނެވެ. ނަވީން ބޯ ޖަހާލިތަން ފެނި އިބާ ފިހިގަނޑު ބަހައްޓާލުމަށްފަހު ކޮޓަރިއަށް ގޮސް އައީ ބޭސް ފުޅި ހިފައިގެންނެވެ. އިބާއަށް ބަލާލާފައި ބޭސް ފުޅި ހިފައިގެން ގޮސް ނަވީން އިށީނީ ސޯފާގައެވެ. އިބާ ކޮޓަރިއަށް ވަތްތަން ބަލަން އިނދެފައި ނަވީން ގަމީސް ބޭލުމަށްފަހު އުނަގަނޑުގައި ބޭސް އުގުޅަން އުޅުނެވެ. ދެފަހަރަކު މަސައްކަތް ކޮށްލުމުންވެސް ރީތިކޮށް އުނގުޅާލެވޭ ގޮތެއް ނުވިއެވެ.

"އެހީތެރިކަމެއް ވެދެންތަ؟" ދާދި ގާތުން އިވުނު އިބާގެ އަޑާއެކު ނަވީންއަށް ކުޑަކޮށް ފަހަތަށް އެނބުރި ބަލާލެވުނެވެ. އިބާ ތުންފަތުގައި ދަތް އަޅާލިތަން ފެނި މަޑުމަޑުން ބޯ ޖަހާލިއެވެ.

ގަމީސް ނުލާ ނަވީން އެހެން ފެނުމުން އިބާއަށްވެސް އާދަޔާޚިލާފް ގޮތެއް ވެގެންދިޔައެވެ. ނަވީން އިބާ އަތަށް ބޭސް ފުޅި ދިނުމުން ބޭސް އުނގުޅަން އިބާ އަވަސްވެގަތެވެ. މަޑުމަޑުން އިނދެ ބޭސް އުނގުޅާ ނިންމާލުމަށްފަހު އިބާ ތެދުވިއެވެ. ނަވީން އިބާއަށް ޝުކުރު އަދާކުރިއެވެ.

"އައި އެމް ސޮރީ.... އަޅުގަނޑު ގަސްތުގައެއް ނޫން.... ނޭނގިގެން ޖެހުނީ" އިބާ ހީވަނީ އަދިވެސް ކުރެވުނު ކަމާ ދެރަވެފައި ހުރިހެންނެވެ.

"އިޓްސް އޯކޭ" ނަވީން ޖަވާބުދީފައި އޭނާގެ އެއްފަރާތުގައި އިށީންނަން އިޝާރާތްކޮށް އަތުން ޖަހާލިއެވެ. އިބާ ނީށީންނަން ހުރުމުން ގަމީސްލާފައި ގޮށް އަޅުވަމުން އަނެއްކާވެސް ލޮލުން އިޝާރާތް ކޮށްލަމުން ނަވީން ހިނިތުންވެލިއެވެ. ނަވީންއަށް ބަލާލާފައި އިބާ އިށީނެވެ.

"ނިދިނައިސްގެން މިއުޅެނީ... އިބާއަށް އެނގޭތަ؟ އަހަރެންގެ ސިކުނޑި ހީވަނީ މިރޭ ފަޅައިގެން ގޮސް ދާނެހެން...." ނަވީން ފުރަތަމަ ފަހަރަށް އޭނާގެ ހިތުގައި ދައުރުވަމުން ދިޔަ އުދާސްކަމާއި ހިތްދަތިކަން އިބާގެ ކުރިމަތީގައި ބަންޑުންކޮށްލަން އުޅޭ ކަހަލައެވެ.

"އިބާ ގާތު އަހަރެން މަންމަގެ ވާހަކަ ސިއްރުކޮށްދޭން ބުނީ ކީއްވެކަން އެނގޭތަ؟" ނަވީން ދުރުބަލާލިއެވެ.

"އަހަރެންގެ މަންމަ ދުނިޔޭގައި ހުރިކަން އެނގެނީ ވަރަށް މަދު މީހަކަށް... ދެން އެންމެން ހީކޮށްގެން ތިބީ އަހަރެންގެ މަންމަ ދުނިޔެ ދޫކުރިކަމަށް... ބަޔަކު މީހުން، އެންމެނަށް ސިއްރުން މަންމަ ބަހައްޓާފަ ހުރީ ލަންކާގެ ސިކުނޑި ހަމަނުޖެހޭ މީހުން ބަލަހައްޓާ މަރުކަޒެއްގަ. އެތައް އަނިޔާއެއް އެ މަންމައަށް ދެމުން ގެންދިޔައީ ޖަލެއްފަދަ ތަނެއްގައި... ހިތާމައަކީ މަންމައަށް އެ ހާލު ޖެއްސި މީހުން އަދިވެސް އުފަލުގަ އުޅޭތީ... އަހަރެން މަންމަ ގެންނަން ވަރަށް މަސައްކަތް ކުރިން.... އެތައް ބައިވަރު ފައިސާއެއް ޚަރަދު ކުރަން ޖެހުނު... މަންމަ މަރުވިކަމަށް ނިންމާފައި ވީތީ ގެންނަން ޖެހުނީ ވަރަށް ގިނަ މީހުންގެ އެހީތެރިކަމާއެކު... އަނެއްކޮޅުން މަންމަ އެތަނުގައި ބަހައްޓާފައި ހުރި މީހާ ދިޔައީ އެކޮޅުގެ މީހުންނަށް ބަރާބަރަށް ގުޅަމުން... އެތަނުގައި ހުރިކަން އެނގުނު ހިސާބުން އަހަރެން މަންމައާއި ބައްދަލުކުރަން ދަން.... އަބަދުވެސް މިކޮޅުން ފައިސާ ފޮނުވާތީ އަހަރެންނަށް މަންމަ ނެރެވޭ ގޮތް ނުވީ... އަހަރެން އަތަށް ބާރު އެރުމާއެކު އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ މަންމަ ގެނައުން.... ކޮންމެ މަހެއްގައި އެތައް ބައިވަރު ފައިސާއެއް ހިފައިގެން އަހަރެން ދަން... އެކަމަކު މަންމަ އެތަނުން ނުނެރިވުނު.... މަންމައާ މެދު އެ އިހާނެތި އަމަލު ހިންގި މީހުން އަދިވެސް މަންމަގެ ހަބަރު ބަލާ.... ލަންކާގެ މަރުކަޒުގެ މީހުންގެ އަނގަ ބަންދުކުރީ އަހަރެންގެ ވަރަށް ބޮޑު މަސައްކަތުން... މީގެ ސައްބީސް އަހަރު ކުރިން މަންމައަށް ދިމާވި ހާދިސާގެ ސަބަބުން މަންމަގެ ހާލަތު ވަރަށް ބޮޑަށް ގޯވި. ސްކިޒޮފްރޭނިއާ ކިޔާ ބައްޔެއްގެ ޝިކާރައަކަށްވެފައިވާ އަހަރެންގެ މަންމައަކީ ބައިވަރު އެހެން މައްސަލަތަކެއްވެސް ހުރި ބަލިމީހެއް... ކޮންމެ މީހަކު ފެނުނަސް ބިރުން މަންމަ އުޅެނީ އެހެންވެ... ގާތުގައި މީހަކު ނުހުންނައިރުވެސް ސަލާމަތައް އެދި ހަޅޭއްލަވަނީ އެހެންވެ... ކަންފަތުގައި އަތް އަޅަނީ އަހަރެމެންނަށް ނީވޭފަދަ އެތައް އަޑުތަކެއް މަންމައަށް އިވޭތީ... ބިރުން ތުރު ތުރު އަޅަނީ އަދިވެސް އެ ބިރުވެރި ހަނދާންތައް މަންމަގެ ސިކުނޑީގައި ބިންވަޅު ނެގިފައިވާތީ... އިބާއަށް އެނގޭތަ؟ އަހަރެން ވެސް ބޭނުން މަންމަ އަހަރެންނަށް ގޮވާލަން... މަންމައަށް އެމީހުން ހެދި ގޮތް ތަފްސީލުކޮށް އެނގެން ބޭނުން... އެކަމުގައި ޝާމިލުވި އެންމެން ގާނޫނުގެ ކުރިމައްޗަށް ގެނެސް އެ އެންމެންނަށް ހައްގު އަދަބު ދޭންވެސް ބޭނުން... އެކަމަކު އެއި ފަސޭހަ ކަމެއްނޫން... އެކަމުގައި ޝާމިލުވި ބައެއްމީހުންނަކީ ބާރުތައް އެމީހުންގެ މުށުތެރެއަށް ލައިގެން އުޅޭ ކިބުރުވެރި ބޮޑާބައެއް...." ވާހަކަދައްކަމުން ދިޔަ ނަވީންގެ މޫނުމައްޗަށް ކުއްލިއަކަށް ރުޅިވެރި އަސަރުތައް ވެރިވެ ދެ ބުމަވެސް ގޮށްޖެހިއްޖެއެވެ. އެހެންނަމަވެސް އެ ދެލޮލުގެ ފަހަތުގައި ފޮރުވިފައިވާ ހިތާމައާއި ހިތްދަތިކަން ފޮރުވައެއްނުލެވުނެވެ. ލޮލުގެތެރެއަށް ޖަމާވެފައިވާ ކަރުނަތައް ވެސް ނުހުއްޓުވުނެވެ.

އިބާއަށް ބަލާލަމުން ނަވީން އަނެއްކާވެސް ވާހަކަދެއްކިއެވެ.

"އަހަންނަށް އެނގިފައިވާ ގޮތުން މި ރެއަކީ މަންމަ މަރުވިކަމަށް ނިންމި ރޭ... މަރުވެފައިވާ މަންމަގެ ހަށިގަނޑު ފެނުނުރޭ.... އެރޭ މީހަކު މަރުވިނަމަ އޭގެ ފަހަތުގައި ވެސް ފޮރުވިފައިވާ ހަޤީގަތެއްވާނެ.... އަހަރެމެންނަށް ނޭނގޭ އެތައް ކަމެއް ހުންނާނެ." ނަވީން ވާހަކަދެއްކިއެވެ.

"ސާރ... މަންމައަށް...."

"އިބާ ޕްލީޒް..... އަހަރެންނަށް ސާރ އޭ ނުކިޔަފާނަންތަ؟ އަހަންނަށް ވަރަށް އުނދަގޫވޭ. މިއީ އަހަރެން އެއްއިރެއްގައިވެސް ބޭނުންވި މަގާމެއްނޫން. އަހަރެން މި މަގާމަށް އައީ މަންމައަށް ޓަކާ..." ނަވީން އިބާގެ ވާހަކަ ހުއްޓުވާ ބުނެލިއެވެ.

"ނަ... ނަވީން.... މަންމައަށް އެހެން ހެދި މީހުން.... ނަވީންއަށް އެނގޭތަ؟" އިބާ ހުއްޓެމުން ހުއްޓެމުން ކަހަލަ ގޮތަކަށް ސުވާލުކުރީ އެ ސުވާލުން ނަވީންގެ އަމަލުތައް ހުންނާނީ ކިހިނެތްކަން ނޭނގޭ ހާލުގައެވެ.

"ހެހެ... އެނގޭ ވަރަށް ރަނގަޅަށް އެނގޭ... އަހަރެން އަހަރެންގެ އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދޭ... އެނގި ހުރެ އަހަރެންގެ މަޖުބޫރީ ހާލަތާހުރެ އެއްވެސް ކަމެއް ނުކުރެވޭތީ... އަދިވެސް ނޭނގޭ އިތުރު ހަޤީގަތް ތަކެއް ވާތީ.... އެމީހުންނާ ދެކޮޅަށް ހެކި ހޯދަންޏާ އަހަރެން ޖެހެނީ މިކަމުގެ އެންމެ އަޑިއަށް ކޮންނަން.... އަހަރެން ކޮނުނު ހިސާބުން ފެނުނީ ވަރަށް ކުޑަ މިންވަރެއް.... މަންމަގެ ހަޤީގަތް އަހަރެންނަށް ކިޔައިދިން މީހާ އެ ވާހަކަ ކިޔައިދޭނީ އޭނާގެވެސް މަޤްސަދެއް އޮވެގެންކަމަށް އަހަރެން ދެކެނީ.... ކީއްވެ އޭނަ މިހުރިހާ ދުވަހު ހަނު ހުރީ... އެވާހަކަ ސިއްރުކުރަންވީ... އެމީހަކު އަހަރެންނަށް ކިޔައިދިން ގޮތުންނަމަ އޭނައަށް އެނގުނީ ވަރަށް ފަހުން އެއަށްފަހުވެސް އޭނައަށް މަޖުބޫރުވީ ސިއްރުކުރަން... އަހަރެން އެ ވާހަކައަށް ފުރިހަމައަށް އިތުބާރެއްނުކުރަން... ނުވެސް ކުރެވޭނެ" ނަވީން ވާހަކަދެއްކިއެވެ. ފުރަތަމަ ފަހަރަށް ނަވީންގެ ސިއްރުތަކުން ފުރިފައިވީ ހަޔާތުގެ ކުޑަ މިންވަރެއް އޭނާ އިބާއަށް ކިޔައިދިނެވެ.

އިބާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

"އިބާ ހާސްނުވޭ... އަހަރެން ހުއްޓާދެން އެއްވެސް މީހަކަށް ނުކެރޭނެ މަންމައަށް އަދި އިބާއަށް ވެސް ގެއްލުމެއް ދޭކަށް" ނަވީން ޔަގީންކަން ދިނެވެ.

"އައި އެމް ސޮރީ... ވަރަށް ދެރަވެއްޖެ ތި ވާހަކަތައް އަޑު އަހާފަ. އިންޝާ ﷲ... ސާރ... މި ބުނީ ނަވީ... ނަވީންގެ މަންމައަށް އިންސާފުލިބޭނެ" ހިތިގައި ހިނގައިގަތް އަސަރުތަކާއި ޖެހުނު ޖަޒުބާތުގެ ސަބަބުން އިބާއަށް ނަވީންގެ އަތުގައި ހިފައްޓާލެވުނެވެ. އެއަތަށް ބަލާލާފައި ނަވީން ބޯ ޖަހާލިއެވެ.

"ދެން ކީއްވެ އެމީހާ އަދިވެސް ދޫކޮށްލާފަ ތި ބަހައްޓަނީ... މި ބުނީ ނަވީންގެ މަންމަ ލަންކާގަ ހުރިކަން ނަވީން ގާތު ބުނި މީހާ..." އިބާ ސުވާލުކޮށްލިއެވެ.

"ދެން އެވާހަކަ ނުދައްކަމާ... އިބާ... މިއިން އެއްވެސް ވާހަކައެއް އިތުރު މީހަކަށް ނާންގައްޗޭ... އަހަރެން އިބާއަށް އިތުބާރުކުރަން... އަހަރެންގެ ހިތަށްވެސް ވަރަށް ލުއިވެއްޖެ... އަހަރެން އުންމީދުކުރަނީ މި ކިޔައިދިން ވާހަކަތަކުން އިބާއަށް އަހަރެންގެ މަންމަ އިތުރަށް ދަސްވެއްޖެކަމުގައި... އަދި މި ވާހަކަތަކުގެ ސަބަބުން އިބާއަށް އަހަރެންގެ މަންމަ ގެންގުޅެން ފަސޭހަ ވާނެކަމަށް..." ނަވީން ބޮލުގައި އަތް ހިންގާލިއެވެ. އިބާއަށް މި ވާހަކަތައް ކިޔައިދިނުން މީ އަނެއްކާ ރަނގަޅުކަމެއްބާއޭ ނަވީންގެ ހިތަށް އަރަމުން ދިޔައެވެ.

"އަހަރެންނަށް އިތުބާރުކުރޭ... މިއިން އެއްވެސް ވާހަކައެއް އަހަރެންގެ ފަރާތުން އިތުރު މީހަކަށް ނޭނގޭނެ... އަހަރެން ނަވީންގެ ތި ސިއްރު ހިފައްޓަދޭނަން..." އިބާ ޔަގީންކަން ދިނެވެ. އިބާގެ ދެލޮލުން ފެނުނު ތެދުވެރިކަމުން ނަވީންގެ ހިތަށްވެސް ހަމަޖެހުން ލިބިގެން ދިޔައެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ދާން ނުކުތް ޔާސިރުގެ މޫނުމަތިން ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެއް ފެންނަމުން ދިޔައެވެ. ލައިލާ މިއަދު ހެނދުނު ބުނި ވާހަކައެއްގެ ސަބަބުން އޭނާ ހުރީ ހިންހަމަނުޖެހިފައެވެ. ނަވީން ރޭގައި ގެއަށް ނިދަން ނައިސް ދިޔައީ ކޮންތާކަށްބާއޭ ހިތަށް އަރަމުން ދިޔައެވެ. އެފަދަ ވިސްނުމެއްގައި ހުއްޓާ ގޭގެ ގޭޓުން ވަދެގެން އައި ކާރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ނަވީންގެ ކާރަށް ވުމާއެކު އޭނާ މަޑުކޮށްލީ ނަވީން ފައިބަންދެނެވެ.

"ދަރިފުޅު ކޮންތާކު އުޅެފަ ތިއައީ؟ މަންމަ ބުނި ނިދަންވެސް ނާންނަ ވާހަކަ..." ނަވީން އައިސް ޔާސިރު ގާތަށް މަޑުކޮށްލުމާއެކު ޔާސިރު ސުވާލުކޮށްލިއެވެ.

"މާފުކުރައްވާ ބައްޕާ... އަޅުގަނޑަށް އޮފީހުގެ ނިދުނީ..." އިސްޖަހާލަމުން ނަވީން ބުނެލިއެވެ. ޔާސިރު ނަވީންއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ނަވީންގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް ފެންނަމުން ދިޔައެވެ.

"އޮފީހުގަ ނިދެން ނަވީން އެހާވެސް ބިޒީވީތަ؟" ޔާސިރު ސުވާލުކޮށްލިއެވެ. އަޑުގައި ހިންހަމަނުޖެހުން ވިއެވެ. ދެފަރާތަށް ބޯ ހޫރާލި ނަވީން ޔާސިރުއަށް ބަލާލިއެވެ.

"ބައްޕާ... މިއަދު... މިއަދު މީ މަންމަގެ....." ނަވީން ހުއްޓުން އަރާ ގޮތްވިއެވެ. އިސްޖަހާލިނަމަވެސް ކުޑަކޮށް ވަށްކަޅިން ޔާސިރުގެ މޫނުމައްޗަށް އެރި ކުލަވަރުވެސް ނަވީން ބަލާލިއެވެ.

"މަންމަގެ ހިޔާލުތަކުގެ މާ ގިނަ އިރު.... އިނދެވުނީ..." ނަވީން މަޑުމަޑުން ބުނެލިއެވެ.

"އޮފީހުން ގައިމު ނަވީން ނުކުތް ކަމަށް ބުނި... އަނެއްކާ ފަހުން ދިޔައީތަ؟ ދެން އަޅާނުލާ... ފެންވަރާ ހަދާލައިގެން މިއަދު އަރާމުކޮށްލަން ވީނު... ބައްޕަ ބުނެލާނަން އެކޮޅުން ހުރިހާ ކަމެއް ހަމަޖައްސަން..." ޔާސިރު ވާހަކަދެއްކިއެވެ. މާހިރާގެ ވާހަކަ ނަވީން ބުނުމުން ޔާސިރު ދެފަރާތަށް ބޯ ހޫރާލިއެވެ.

"ނަވީން... މަންމަ މި ދުނިޔޭގަ ނެތް... މަންމަގެ މައްޗަށް ހެޔޮ ދުޢާ ކުރުން އޮތް ގޮތަކީ... މަންމަ މަތިން އެންމެންވެސް ހަނދާންވޭ!" ޔާސިރު ބުނެލިއެވެ. ނަވީންގެ އަތް މުށްކެވިގެން ދިޔަނަމަވެސް އިތުރު އެއްޗެއް އޭނަ ނުބުންޏެވެ. ޖީބަށް އަތް ޖަހާލަމުން ލުއި ހިނިތުންވުމެއް އޭނަ ޔާސިރުއަށް ހަދިޔާކޮށްލިއެވެ. ޔާސިރު ދަމުން ދިޔައީ ނަވީންގެ ކޮނޑުގައި ޖަހާލާފައެވެ. ނަވީން އެތެރެއަށް ވަނީ ޔާސިރު ކާރުގައި ގޮސް ގޭޓުން ނުކުތުމުންނެވެ.

ޔާސިރު އޮފީހަށް ދިޔުމުގެ ބަދަލުގައި ދިޔައީ މާފަންނު ކޮޅުގައި ހުރި ފަޅުގެއެއްގެ ކުރިމައްޗަށެވެ. ފަސްބުރިއަށް ހަދާފައިވާ ގެއެއްނަމަވެސް ބޭރުންވެސް އެއީ ބާވެފައިވާ އިމާރާތެއްކަން ދެނެގަނެވެއެވެ. ވީރާނާ ވަމުން ދާ އަސަރުތައް އެ އިމާރާތް ވަށައިގެން ފެންނަމުންދިޔައެވެ. ހީވަނީ ބާވެ ބޮލަށް ވެއްޓެން ގާތްވެފައި ހުރިހެންނެވެ. ކާރުގައި އެ އިމާރާތަށް ބަލަން އިނުމަށްފަހު ޔާސިރުގެ އެދުމަށް ޑްރައިވަރު ކާރު ދުއްވާލިއެވެ. ސީޓުގައި ލެނގިލަމުން އޭނާ ދެލޯ މަރާ ފުންނޭވާއެއްލިއެވެ. އެހެންނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އޭނާގެ ހިޔާލު ބަދަލުވިއެވެ. އެނބުރި އެ ގެއާ ހިސާބަށް އައިސް ޑްރައިވަރު ގާތު މަޑުކޮށްލަން ބުނެފައި އޭނާ ހިނގައިގަތީ އިމާރާތުގެ ތެރެއަށެވެ.

ކޮމެންޓް 0