"ދޮންބޭ" އަލޫކް ނަވީންގެ ކޮނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ. އެއާއެކު ނަވީން އިސްދަށައް ޖަހާލިއެވެ. ޑޮކްޓަރުވެސް ނަވީންގެ ކޮނޑުގައި ޖަހާލާފައި ދިޔައެވެ. ނަވީން ގޮސް ގޮނޑީގައި އިށީނުމާއެކު އަލޫކް ގުޅާލީ ޚާއިބުއަށެވެ.

"ކާފާ... ދޮންބެ މަންމަ ނިޔާވެއްޖެ.... އެންމެން ގޮވައިގެން އަންނަން ވީނުންތޯ؟ އެހަށް އެއްވެސް މީހަކު ގާތު ނުބުނެ މިކޮޅަށް އައުން ކަންނޭގެ ރަނގަޅުވާނީ" އަލޫކް އޭނާގެ ހިޔާލެއް ފާޅުކޮށްލިއެވެ.

ހާއިބު އޭނާ އެކޮޅުން ހަމައަކަށް އަޅުވާނަމޭ ބުނެ ފޯނު ބޭއްވުމާއެކު އަލޫކް ދެން ގުޅާލީ އިބާއަށެވެ.

މާގިނަ އިރެއްނުވެ އިބާވެސް އަތުވެއްޖެއެވެ. އާހިލްއާއި ރާފިހް ވެސް އައެވެ. މާހިރާގެ ވަކިވެ ދިޔުން އެއިން ކޮންމެ މީހެއްގެ ހިތަށް ވެސް ފުން އަސަރެއް ކުރުވާފައި ވެއެވެ. އާއިލާގެ އެންމެން އައުމާއެކު އެތަނަށް ވެރިވެގެން ދިޔައީ ހިތާމައިގެ ވޭނާ ރުއިމުގެ އަޑެވެ. ނޫސްވެރިން ކެނޑި ނޭޅި އެތަނުގައި އޭރުވެސް ހަރަކާތްތެރިވަމުން ދިޔައެވެ. ނަވީންގެ ބަސް އާދަޔާ ޚިލާފަށް މަދެވެ. މާހިރާގެ މޫނުދެއްކުން އޮތީ ޖެހިގެން އައި ދުވަހުއެވެ. މެންދުރު ނަމާދުފަހުން މާހިރާ ގެ ހަށިގަނޑު ވަޅުލެވުނެވެ. އެންމެން އެކީ ގެއަށް އައީ ކަށުނަމާދުވެސް ކޮށްފައެވެ.

މާހިރާ ގެ ވަކިވެދިޔުމުގެ ސަބަބުން އެއް ހިތާމައެއް ދެ ފަހަރު ތަހައްމަލް ކުރަން އެ އާއިލާއަށް ޖެހުނެވެ. އެތައް އަހަރެއްގެ ފަހުން އަނެއްކާވެސް ކުރީގައި ލިބުނު ފަދަ ޒަހަމުތަކެއް ކޮންމެ މީހެއްގެ ހިތަށް ވެސް ލިބިފައިވެއެވެ. ދެވަނަ ފަހަރު އެއް ހިތާމައެއް ތަހައްމަލް ކުރަން ޖެހުމުގެ ސަބަބުން ކޮންމެ މީހެއްގެ ނަފްސުވެސް ވަނީ ބަލިކަށިވެފައެވެ.

މާހިރާ ގެ މަރަށް ތިން ދުވަސް ފާއިތުވެގެން ދިޔަފަހުން މަޑުމަޑުން ގޭތެރެވެސް ހަމައަކަށް އެޅެން ފެށިއެވެ. ނަވީންވެސް ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ ގޭގައެވެ. އަނެއްކޮޅުން އިބާވެސް ދުވާލުގެ ގިނަ ވަގުތުތައް އެ އާއިލާއާއެކުގައި ހޭދަކުރަމުން ދިޔައެވެ. އެންމެންވެސް ބޭނުންވަނީ ލަސްނުކޮށް އިބާއާއި ނަވީންގެ ކައިވެނި ކުރާށެވެ. އެގޮތުން އެންމެންގެ ނަޒަރު އެމީހުންނާ ސީދާވެފައިވާ ދަނޑިވަޅެއްގައި އިބާއާއި ނަވީން އާ ބެހޭގޮތުން އަނެއްކާ އިތުރު އަޑެއް އަރާކަށް އެމީހުން ނޭދެއެވެ. އެހެންކަމުން އޭގެ މަހެއް ހާ ދުވަސްފަހުން ކައިވެނި ކުރަން ނިންމުނެވެ. ހާލަތު އޮތް ގޮތުން އެންމެންވެސް ނިންމީ ކުޑަގޮތަކަށް ކައިވެނީގެ ކަންތައްތައް ނިންލާށެވެ.

ޔާސިރުގެ އަޑުއެހުމެއް ދެން އޮތީ އޭގެ ހަފްތާއެއް ފަހުންނެވެ. އެ އަޑު އެހުމުގައި ޔާސިރުގެ މައްޗަށް ފުދޭވަރަކަށް ހެކި ހުށައެޅުނެވެ. އެކަމުގައި ބައިވެރިވީ ހުރިހާ އެންމެންވެސް ވަނީ ހައްޔަރުކުރެވިފައެވެ. ސަލާމަތްވާނޭ ހުރިހާ މަގެއް ބަންދުވެގެން ދިޔުމާއެކު އެންމެފަހުން ޔާސިރުއަށްވެސް ހަމަބިމަށް އާދެވުނީ ކަންނޭގެއެވެ. ފަހަރަކު ކަމަކަށް އެއްބަސް ވާން ފެށިއެވެ.

އިތުރަށް ތަހުޤީގު ކުރި ކުރުމުން އެނގުނު ގޮތުގައި ޔާސިރު މާހިރާއާ ދޭތެރޭ އެގޮތަށް ކަންތައްކުރީ ޔާސިރު ގެ ހިތި ހަޤީގަތް ތަކެއް މާހިރާއަށް އެނގުނު ހިސާބުންނެވެ.

*****

"އަހަރެން ހުރިހާ ވާހަކައެއް ފުލުހުންނަށް ކިޔައިދޭނަން... ފައިސާގެ ބޭނުމުގައި ޔާސިރު ކިތަށް މީހުން ތި މަރާލީ... ގޮތް ނޭނގޭ ތިން މަރު ހިނގާދިޔަ އިރު އެކަމުގެ ފަހަތުގައި ޔާސިރުގެ އަތެއް ވާކަން އެނގި އަހަރެންވީ ހަނު ހުންނަންތަ؟ އަހަންނަކަށް ނުވާނެ..." މާހިރާ ރުޅިއައިސްފައި ވާހަކަ ދެއްކިއެވެ.

"މާހިރާ... އަހަންނާ ދެކޮޅަށް ނުދިޔުން ރަނގަޅު ވާނީ... އަހަރެން... މިއުޅޭ ގޮތަށް އުޅެގެން މާހިރާއަށް އެއްވެސް ކަމެއް އުނި ވޭތަ؟ މާހިރާ ހަމަ އެކަނި ކުރަން ޖެހޭ ކަމަކީ މިހުރިހާކަމެއް ނޭނގޭ ކަމަށް ހަދައިގެން ހުރުން... އޭނަ އުޅުނީ އަހަރެންގެ ހާދަ ބޮޑޫ ހަޤީގަތެކޭ ފަޅާއަރުވާލަން... އެ ހަޤީގަތް އެނގުނު ނަމަ އަހަރެން ދާނީ ޖަލަށް... އޭރުން މާހިރާއަށްވެސް ދެރަވާނެ..." ޔާސިރު ވާހަކަދެއްކިއެވެ. އެމީހުން ތިބީ ކޮޓަރިތެރޭގައެވެ. ދައްކާ ވާހަކަ ބޭރަށް އަޑު އިވިދާނެތީ ޔާސިރު ހާސްވިއެވެ. އޭނާ މާހިރާގާތު އަޑު މަޑުކުރަން ބުނި ނަމަވެސް މާހިރާ އެއްބަސް ވާގޮތެއް ނުވިއެވެ. ރުޅިއައިސް ކޮޓަރިން ނުކުމެގެން ގޮސް މާހިރާ އެރީ ޓެރަސްއަށެވެ. ފޯނުން ފުލުހުންނަށް ގުޅިތަނާ ޔާސިރުއައިސް ފޯނު އަތުލައިފިއެވެ. ފޯނު ކަނޑާލާފައި އޭނާ މާހިރާއަށް ބަލާލީ ރުޅިވެރިކަމާއެކުގައެވެ.

މާހިރާގެ އަތުގައި ހިފާ ޔާސިރު މާހިރާ ކޮޓަރިއަށް ގެންދިޔުމަށްފަހު މާހިރާއަށް ވަރަށް އަނިޔާކުރިއެވެ. އެއީ އޭނާގެ ހަޔާތުގައި ވެސް މާހިރާއަށް އެފަދަ ގޮތަކަށް އަނިޔާ ކުރި ފުރަތަމަ ފަހަރެވެ. މާހިރާގެ ހަބަރު ހުސްވުމުންދެން އޭނާ ބެލީ މާހިރާ އެގޭން ނެރެވޭތޯއެވެ. އެންމެން ނިދާ ހަމަހިމޭން ވުމުން އޭނާ މާހިރާ ގޭން ނެރެގެން ކާރަށް އަރުވައިގެން ގެންދިޔައީ މާހިރާ ހައްޔަރުކޮށްގެން ގެންގުޅުނު އިމާރާތާދިމާލަށެވެ. މާހިރާ އުޅުނީ އޭނާގެ ކޮރަޕްޝަންގެ އަމަލުތަކެއް ފަޅާއަރުވާލަން އުޅުނު މީހުންތަކެއް މަރާލައިގެން އެކަން ފަޅާއަރުވާލާށެވެ. އެހެންކަމުން ޔާސިރުވެސް ރުޅި އައީއެވެ. މާހިރާ ކާރުން ނެރެނިކޮށް ހޭއެރިއެވެ. އޭރު އޭނާގާތުގައި ޝަކީބުވެސް ހުއްޓެވެ. ޝަކީބު ދިން ރުމާކޮޅު މާހިރާގެ އަނގަމަތީގައި ޔާސިރު ޖެއްސީ މާހިރާ ގަދަހަދަން ފެށުމުންނެވެ. އެއާއެކު މާހިރާގެ ހަރަކާތްތައް މަޑުޖެހުނީއެވެ. އެ ދުވަހަކަށް ފަހު އޭނާ މާހިރާ ގެންގުޅުނީ އެގޮތަށް ގައިދުކޮށްގެންނެވެ. އެންމެފަހުން ލަންކާއަށް ބަދަލުކުރީ މާހިރާ މަރާލަން ބޭނުން ނުވުމުންނެވެ.

*****

ކޯޓުގައި އިން އިރު ޔާސިރުގެ ހިޔާލުތައް ދަތުރުކުރަމުން ދިޔައީ މީގެ އަހަރުތަކެއްކުރިއަށެވެ. އަދިވެސް ކުރެވުނު ކަންތަކާ މެދު އޭނާ ދެރަ ވާހެނެއް ހިޔެއްނުވެއެވެ. ޔާސިރު އިނީ އަދިވެސް އޭނާގެ ގޮތުގައެވެ. މީގެ ކުރިން މާހިރާ މަރާލެވުނު ނަމަ މިހެން ނުވީސްއެވެ. މިއަދު މިހާލު އޭނާއަކަށް ނުޖެހުނީހެވެ. ޔާސިރު ގެ މައްޗަށް ކުށްސާބިތުވެ އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވިގެން ދިޔައެވެ. އަހަރުތަކެއްގެ ކުރީގެ ގޮތް ނޭނގޭ ތިން މަރުގެ ޒިންމާވެސް ޔާސިރު އުފުލަން ޖެހުނެވެ. ޝަކީބުއާއި ދެން ތިބި އެންމެންނަށްވެސް ހައްގު އަދަބު ލިބިގެން ދިޔައެވެ.

*****

އެއްމަސް ފަސް

*****

ކައިވެނި ކުރެވިގެން ދިޔައީ ނަވީންމެންގެ ގޭގައެވެ. އާއިލާއާއި ރައްޓެހިންނަށް ދައުވަތު ދީގެން ކުރެވިގެން ދިޔަ ކައިވެންޏަކީ އެންމެންގެ މޫނުމަތިން އަނެއްކާވެސް ހިނިތުންވުމެއް ފެނިގެން ދިޔަ ރެއެއްކަމުގައި ވިއެވެ. އާއިލާގެ އެންމެންނަށްވެސް ހިންހަމަޖެހުން ލިބިގެން ދިޔަ ރެއެއްކަމުގައި އެރޭ ވިއެވެ. ކައިވެނި ކޮށް ނިމިގެން ސައިގެ ކަންތައް ނިންމާލާފައި ނަވީންއާއި އިބާއަށް ކޮޓަރިއަށް ވަދެވުނުއިރު ރޭގަނޑު ބާރަ ޖަހާ ބޮޑުވެއްޖެއެވެ. އިބާ އަލަމާރި ކައިރިއަށް ހުއްޓުނީ އޭނާ ނިދަން ލާން ހެދުމެއް ނަގާށެވެ. ކުއްލިއަކަށް ފަހަތުން މީހަކު އައިސް ބައްދައިލުމާއެކު އިބާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.

"ޝްޝްޝް... މާ ބާރަށް ހަޅޭއްނުލަވާ..." ނަވީން އިބާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އެއާއެކު އިބާ ލަދުވެތި ގޮތަކަށް ހީލިއެވެ.

"މިހާރު ތީ އަހަރެންގެ ހައްގެއް... އެހެންވީމަ ދެން އުޅެން ޖެހޭނީ އަހަރެން ބުނާ ގޮތަކަށް" ނަވީން ބުނެލިއެވެ. އިބާ އަނެއްކާވެސް ހީލީއެވެ. އޭނާ ލަދުން މޫނު ފޮރުވާލުމާއެކު ނަވީން ވެސް ހިނިގަނޑެއް ޖަހާލިއެވެ. އިބާގެ އަތުގައި ހިފައިގެން އެނދާ ދިމާލަށް ނަވީން ހިނގައިގަތްއިރު އޭނާއިބާގެ އަތަށް ބާރުކޮށްލިއެވެ. އެރެއަކީ އިބާގެ ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ރެއަށް ވެގެން ދިޔައެވެ. އެކަކު އަނެކަކަށް ޓަކާ އެތަކެއް ފޮނި އުންމީދުތަކެއް ދެކެވުނެވެ. އެތަކެއް ވައުދުތަކެއް ވެވުނެވެ. ހަމަ ހަޤީގަތުގައިވެސް މިރޭ އޭނާއަކީ ނަސީބުވެރިއެއްކަމުގައި އިބާއަށް ހީކުރެވުނެވެ. ހުދު ނަވީން އަށް ވެސް މެއެވެ. އެތަކެއް ދުވަހެއްގެ މަޖުބޫރީއަށްފަހު ހުދު އޭނާގެ ނަފްސަށްވެސް މިރޭ ވަރަށް ބޮޑުތަން ލުއިވެގެން ހިނގައްޖެވެ.

ދިހަ މަސް ފަސް

ރޭގަނޑުގެ ވަގުތެވެ. ޓެރެސްގައި މަޑުކޮށްލައިގެން ހުރި އިބާ ހުރީ ފުންވިސްނުމަކަށް ގެއްލިފައެވެ. އެހެންނަމަވެސް އެ މޫނުމަތިން މިރޭ ފެންނަމުން ދިޔައީ ތާޒާކަމެވެ. ކޮންމެވެސް ވަރަކަށް ކޮލުގައި މަސްޖަހާ ރޫފަވެސް އިހުނަށްވުރެ ރަނގަޅުވެފައިވެއެވެ. މަޑުމަޑުން ރެއިލިންގައި ހިފައްޓާފައި އޮތް ދެއަތުގެ ތެރެއިން ކަނާއަތް ގެންގޮސް އޭނާ ބަނޑުގައި ޖައްސާލިއެވެ. އެއަށްފަހު ތުންފަތަށް ވެރިކޮށްލި ހިނިތުންވުން އިތުރަށް ފުޅާކޮށްލިއެވެ.

އެހެން ހުރެލާފައި އޭނާ ގަޑި ބަލާލިއެވެ. ގަޑިން މިހާރު ދިހައެއްޖަހަނީއެވެ. ނަވީންއަދިވެސް ގެއަކަށް ނާދެއެވެ. އޮފީހަށް ލިބުނު ގެއްލުންތަކުން އަރައިގަނެވޭ ވަރުވީ އަދި އެހަށް ދުވަހުއެވެ. އެހެންކަމުން ގިނަ ވަގުތު ނަވީންއާއި އަލޫކްވެސް ހޭދަކުރަނީ އޮފީހުގައެވެ. އެދެމީހުންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ރާފިހް އާއި އާހިލް ގެ ފަރާތުންނެވެ. ކުންފުނި ނަގާ ކޮޅަށް ޖެހުނީ ވަރަށް މަސައްކަތުންނެވެ. ވަގުތީ ގޮތުން ޗެއާރމަންކަމަށް ނަވީން ހަވާލުވިއިރު އަލޫކްއަށް ކުންފުނީގެ ރައީސްކަން ހަވާލުކުރެވުނެވެ. މަޑުމަޑުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅެމުން ދަނީއެވެ. ގޭތެރޭގައިވި ހަމަހިމޭންކަންވެސް ނެތެމުން ދާން ފަށައިފިއެވެ. އަލުން އުފާވެރިކަން ގޭތެރެއަށް ވެރިވާން ފަށައިފިއެވެ.

ވިސްނުމަކަށް ގެއްލިފައި އިބާ ހުއްޓާ އޭނާ މިފަހަރުވެސް ސިހުނީ ފަހަތުން އައި މީހަކު އައިސް އޭނާގެ ކޮނޑުގައި ދަތް ދޮޅި އަޅުވާލަމުން ބަނޑުގައި އަތް ޖައްސާލުމުންނެވެ.

"އިބާ... ނަވީން އޭ... އަދިވެސް ސިހުމެއް ނުކެނޑޭދޯ... ދެން މިހާރު އެނގެން ޖެހޭނެ އެއްނު މިހެން ހަދާނީ އަހަރެންކަން" ނަވީން ބުނެލިއެވެ. ނަވީން ހަދާލި ގޮތަކުން ނަވީންގެ ތުނބުޅި އިބާގެ ކޮނޑުގައި ކޭތި ކުޑަކޮށް ހީލިކަރުވާ ގޮތްވިއެވެ. އިބާއަށް ވީ ގޮތް މަޖާވެ ނަވީން ދެ ފަހަރަކު އެ އަމަލު ތަކުރާރު ކޮށްލިއެވެ. އެއާއެކު އިބާގެ ލުއި ހުނުމުގެ އަޑު ގުގުމާލިއެވެ.

"އެހެމް... އެހެމް" ކުއްލިއަކަށް ފަހަތުން މީހަކު ކަރު ކެހެލި އަޑު އިވުމާއެކު ދެމީހުން ސިހިފައި ދުރުވެލިއެވެ.

"ދެމީހުން ރޮމޭންސް ކުރަން ކޮޓަރިއަށް ދާނަމަ" އަލޫކްއެވެ. ނަވީން ދެފަރާތަށް ބޯ ހޫރާލިއެވެ. ދެންވެސް އަލޫކް ދިމާކޮށްލަން ލާނެއް ޖުމްލައެއް ބުނެލިއެވެ. އެއާއެކު ނަވީން އަލޫކްއާއި ދިމާލަށް ދުއްވައިގަތެވެ. އަލޫކް ވެސް ހިނިގަނޑު ޖަހަމުން ޖަހަމުން ގޮސް ސިޑިން ފައިބައިފިއެވެ.

"ދެން ތި ކުރާ ކަމެއް ކޮށްލާ" ދަމުން އަދިވެސް އެއްފަހަރު އަލޫކް ދިމާކޮށްލިއެވެ. ނަވީން ވެސް ބޯ ކަހާލަމުން އައިސް އިބާ ގާތަށް ހުއްޓުނެވެ. އެއަށްފަހު އިބާގެ ބޮނޑުވެފައިވާ ބަނޑަށް ބަލާލިއެވެ. އޭނާ އާއި ވީ ފަރާތަށް އަނބުރާލާފައި ކަކޫ ޖައްސާލާ އިށީނދެ އިބާގެ ބަނޑުގައި ކަންފަތް ޖައްސާލިއެވެ. އެއަށްފަހު ތުއްތު ބަހުރުވަޔަކުން އޭނާ ވާހަކަ ދައްކަން ފެށިއެވެ. މިހާރުވެސް އެ ދަރިފުޅާ މެދު އޭނާގެ ހިތުގައި ލޯބި އިތުރު އަރަމުން ދަނީއެވެ. ދެމަފިރިންގެވެސް ދުޢާ އަކީ އެ ދަރިފުޅު ހެޔޮ ގޮތުގައި ބަލާބޮޑުކުރުމެވެ. އެ ދަރިފުޅުގެ ހަޔާތަށް އެ މީހުންގެ ހަޔާތަށް އެޅުނު ފަދަ ހިޔަންޏެއް ނޭޅުނެވެ. އެ ދަރިފުޅަކީ މިހާރު އެ ދެމީހުންގެ އެންމެ ބޮޑު އުފާކަމަށް ވަނީ ވެފައެވެ. އަބަދާ އަބަދު އެ ދެމަފިރިން ކުރާ އުންމީދަކީ އެ ދަރިފުޅަށް އުފާވެރި ހަޔާތެއް ލިބުމެވެ. ދުޢާ އަކީ އެ ދަރިފުޅުގެ ހަޔާތް ބާއްޖަވެރިވުމެވެ. އިންތިޒާރު ކުރެވެނީ ދަރިފުޅު އުފަން ވާނޭ އިރަކަށެވެ.

ހިނިތުންވުން ތުންފަތުގައި ވި ނަމަވެސް މަންމައަށްޓަކާ ނަވީން އަދިވެސް ދުޢާ ކުރެއެވެ. އެހެން އެންމެންވެސް މެއެވެ. ހުދު ނަވީންވެސް އެ ހާދިސާ މަތިން ހަނދާން ނައްތައެއް ނުލައެވެ. ކޮންމެ ދުވަހަކީ އެ މަންމައަށްޓަކާ އޭނާ އަތް އުފުލާ ﷲ ގެ ހަޟްރަތަށް ދުޢާ ކުރާ ދުވަހެކެވެ. ދުޢާ އަކީ ޖަންނަތުން މަންމައާ ބައްދަލުވުމެވެ.

(ނިމުނީ)

ކޮމެންޓް 0