އާހިލްއަށް ނޭނގުނު ކަމަކީ ދެންމެ އޭނާގެ ދުލުން ނުކުތް އެ ބަސްތައް ޔާސިރުގެ ކަންފަތުގައި ޖެހުނު ކަމެވެ.

އެތަނުން ކާރެއްގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރި ޔާސިރުގެ ދެބުމަ ގާތްވެފައި ވެއެވެ. ނަވީންގެ މަންމައޭ އެބުނީ މާހިރާއަށް ކަން އޭނާއަށް ދެނެގަނެވުނެވެ. އެމީހުން ހައްޔަރުކުރި މީހާއަށް އައި ފޯނު ކޯލުގައި އިން އިބާގެ ނަން އޭނާގެ ސިކުނޑިއަށް އައެވެ. އެއާއެކު އޭނާގެ ސިކުނޑިން އިންޒާރުގެ ސިގްނަލް ދޭން ފެށިއެވެ. މިކަމުގައި ބައިވެރިވަނީ ކޮން ބައެއްހެއްޔެވެ؟ ނަވީންގެ އަތެއް މި ކަމުގައި ވޭހެއްޔެވެ؟ އާހިލްއާއި މާހިރާ އާއި ކޮން ގުޅުމެއް ހެއްޔެވެ؟ އެކިޔާ އިބާ އަކީ މާހިރާގެ ކާކުހެއްޔެވެ؟ ޔާސިރުގެ ސިކުނޑި ސުވާލު މާރކު ތަކަކުން ފުރުނެވެ. އަދިވެސް އޭނާ ކަންފަތް ހުޅުވާލައިގެން ހުރީ އާހިލްގެ ފަރާތުން އިތުރު އެއްޗެއް އަޑު އިވޭނެކަމަށް އުންމީދުކޮށްގެންނެވެ. އެހެންނަމަވެސް އިތުރަށް އެއްޗެއް ބުނުމުގެ ކުރިން އާހިލް ފޯނު ބާއްވާފައި ކާރަށް އަރާ ދުއްވާލިއެވެ. އާހިލް އެ ނައްޓާލީ ނަވީންގެ ކާރުގައެވެ. އޭގެ މާނައަކީ އެކަމުގައި ނަވީންވެސް ބައިވެރި ވަނީހެއްޔެވެ؟ އެ މީހުންގެ މަޤްސަދަކީ ކޮބައިހެއްޔެވެ؟ ހައްތަހާ ޔާސިރުގެ ސިކުނޑިއަށް ބާރު ބޮޑުވާން ފެށިއެވެ. ޑްރައިވަރު އައުމާއެކު ކާރަށް އަރާ އޭނާ ޑްރައިވަރަށް އެންދީ އާހިލްގެ ކާރު ފަހަތުން ދިޔުމަށެވެ. އެދާ ތަނެއް އޭނާ ބަލަން ބޭނުމެވެ. މާހިރާ ހުރިތަނެއް ހޯދަން އެބަޖެހެއެވެ. އެކަމުގައި ޝާމިލްވާ އެންމެން ހޯދަން އެބަޖެހެއެވެ.

ޔާސިރު ކާރުގައި އިން އިރުވެސް އޭނާ އިނީ ރުޅިއައިސް ހަލާކު ވާވަރުވެފައެވެ. އާހިލް ކާރު މަޑުކޮށްލި ހިސާބު ތަންކޮޅެއް ދުރުގައި އޭނާ ކާރު މަޑުކޮށްލަން ޑްރައިވަރަށް އެންގިއެވެ. އޭނާގެ ނަޒަރު އާހިލް އިން އެންމެ ވަގުތަކުވެސް ދުރެއް ނުވެއެވެ.

ކުއްލިއަކަށް އޭނާގެ ސަމާލުކަން ދަމައިގަތީ އާހިލް ވަންނަން ދިޔަ ގޭގެ ގޭޓުން ނުކުތް ދެ ޒުވާނުންނަށެވެ.

"ނަވީން. އަލޫކް" އޭނާގެ ދުލުން ބޭރުވިއެވެ. އެއާއެކު އޭނާއަށް ގޮށްމުށްކަވާލެވުނެވެ. މިއީ ކިހިނެތްވާނެކަމެއްހެއްޔެވެ؟ ނަވީންއަށް އޭނާގެ މަންމަ ދުނިޔޭގައި ހުރިކަން އެނގުނީ ކިހިނެއްހެއްޔެވެ؟ އަދި އޭނާ އާއެކު އަލޫކް އެކުރަނީ ކީއްހެއްޔެވެ؟ ޔާސިރުގެ ހާސްކަން ހައްތަހާ ބޮޑުވީއެވެ. އޭނާގެ ދެދަރިން އޭނާ އާ ދެކޮޅަށް ތެދުވެއްޖެކަމުގައި ސިކުނޑި ވިސްނައިދޭން ފެށީ ކީއްވެކަމެއް ހުދު ޔާސިރުއަކަށް ވެސް ނޭނގުނެވެ. އެހެންވެއްޖެނަމަ އޭނާގެ ނިމުންވެސް މާ އަވަހަށް އަތުވެދާނެ ކަންނޭގެއެވެ. ނޫނެކެވެ. އެހެނެއްނުވާނެއެވެ. މުދަލަށްވުރެ އޭނާއަށް ދަރިންވެސް މުހިންމެއް ނުވާނެއެވެ. އާރާ ބާރަކީ ދުނިޔޭގައި ފަސޭހަ ކަމާއެކު އުޅެން ބޭނުންވެއްޖެ ކޮންމެ މީހަކަށް މަޖުބޫރު އެއްޗެކެވެ. މީހާ ދާހިތްލާ ފޯވެއްޖެއެވެ. އޭނާގެ ހަޤީގަތް ނަވީންއަށް އެނގުނީހެއްޔެވެ؟ މާހިރާ ސިއްރުކޮށްގެން ގެންގުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އޭނާ އެތަނުން މާހިރާ ނެރުނީ ކިހިނެތްހެއްޔެވެ؟ އެހެންވެއްޖެކަމުގައި ވާނަމަ އެތަނުގައި ތިބި މީހުން އޭނާއަށް ދޮގު ހެދީ ހެއްޔެވެ؟ މާހިރާ ދުނިޔޭގައި ހުރިކަން އޭނާގެ އާއިލާއަށާއި ދިވެހި ރައްޔިތުންނަށް އެނގިއްޖެއްޔާ ދެން ވާނީ ކިހިނެތްހެއްޔެވެ؟ ހިޔާލަށް ގެންނަންވެސް ދައްޗެވެ. ނަވީންއަށް އެކަން އެނގޭނީ އެންމެ ގޮތަކުންނެވެ. އެގޮތަކީ ޝަކީބު ބުނުމެވެ. އެނޫން ގޮތަކަށް އެކަން ނަވީންއަށްވެސް އަދި އެހެން މީހަކަށްވެސް އެނގިގެން ނުވާނެއެވެ. އެކަން ހާމަކުރަން އުޅުނު ހާދީ ވެސް އެމީހުން މަރާލީއެވެ. މާހިރާގެ ހަޤީގަތް އެނގޭ އެންމެންގެ އަނގަ އޭނާ ވަނީ މީގެ އަހަރުތަކެއް ކުރިން ބަންދުކޮށްފައެވެ. އޭނަ ވަރުގެ ނުފޫޒުގަދަ މީހަކު ހުރެގެން ނުވާނެއެވެ. އަދިވެސް އޭނާގެ ނުފޫޒު އޮބައޮތެވެ.

"އަނހާ... އަލޫކް ނަވީން... ކޮންތާކަށް ދަނީ؟ އަދި އަހަރެން މިއައީ ތި މީހުންވެސް އުޅޭ ވާހަކަ ބުނީމަ..." އާހިލް ވާހަކަ ދެއްކިއެވެ.

"ކުޑަ ކަމަކު ދާން ޖެހުނިއްޔޭ... ޔާސިރު އާ އެއްކޮޅަށް ތިބޭ ބައެއް ބޯޑު މެންބަރުން ބައްދަލުކުރަން އެއްބަސްވެއްޖެ... އެމީހުންނާ ބައްދަލުކުރަން މިދަނީ.... އަހަރެމެންނާއެކު އާހިލްވެސް ދިޔުން ބުއްދިވެރިވާނެ...ދޯ ލޫކް" ނަވީން އަލޫކްއަށް ބަލާލަމުން ބުމަ އަރުވާލިއެވެ.

"އާނ... އުނދަގޫކަމެއްނު... މިއޮތް އައީ ރާފިހްވެސް... ރާފިހް ގޭގެ ބައިންދާފަ އަހަރެމެން ތިން މީހުން ދާން ވީނު.. އޭރުން ކަމެއްދިމާވިޔަސް ރާފިހް ހުންނާނެއެއްނު ދޮންބެ މަންމަ ބަލިވެ އުޅޭއިރު" އަލޫކްވެސް ހިޔާލެއް ދިނެވެ.

"އާނނ... އަސްލު ދާކަށްވެސް ބޭނުމެއް ނުވޭ... އެކަމަކު އެމީހުން އެހެން ދުވަހަކު ބައްދަލުކުރަން އެއްބަހެއްވެސް ނުވި..." ނަވީންވެސް ބޮލުގައި އަތް ޖައްސާލިއެވެ.

"އޯކޭ ވާނެ... ތިކަންތައް ކުރެވޭތޯ ބަލަމާ... އަވަސްކުރި ވަރެއް އޮންނާނީ" ރާފިހް ބުނެލިއެވެ. އެއަށްފަހު އޭނާ ނަވީންގެ ކޮނޑުގައި ޖަހާލާފައި އެތެރެއަށް ވަނެވެ. ރާފިހް އެތެރެއަށް ވަނުމާއެކު ޔާސިރު ޑްރައިވަރު ގާތު އެ މީހާ ފަހަތުން ދިޔުމަށް އެދުނެވެ. އެއާއެކު ޑްރައިވަރު އިތުރު ބަހެއްނުބުނެ ކާރުން ފޭބިއެވެ. އޭރު ނަވީންމެންވެސް ކާރުން ނައްޓާލަނީއެވެ. ރާފިހްގެ ފަހަތުން ކަހަލަ ގޮތަކަށް ޑްރައިވަރު އެތެރެއަށް ވަނެވެ. ރާފިހްއާއެކު އޭނާ ލިފްޓަށް ވެސް އެރިއެވެ. އިސްދަށަށް ޖަހާލައިގެން ހުރީ ފަހަރެއްގައި ޝައްކެތް ވެދޭނެތީއެވެ. ރާފިހް ފައިބާ ބެލް އަޅާލި ގޭގެ ނަން ބޯޑު ބަލާލާފައި އޭނާ މައްޗަށް ދާކަމަށް ހެދީ ޝައްކުވިޔަ ނުދިނުމަށެވެ.

ކާރުގައި އިން ޔާސިރު އިނީ ޑްރައިވަރުގެ އިންތިޒާރުގައެވެ. އިރުކޮޅަކުން ޑްރައިވަރު އަންނަތަން ފެނުމާއެކު އޭނާގެ ހިތް އަވަސްވިއެވެ. ރާފިފް ވަތް އެޕާރޓެމެންޓް އެނގުމާއެކު އޭނާ އެއްމިޔަކަށް ހީލިއެވެ. އެއަށްފަހު ޑްރައިވަރަށް އެންގީ ގެއަށް ދިޔުމަށެވެ. ކަންތައް ކުރަންވީ ގޮތުގެ ޕްލޭނެއް ޔާސިރު އޭނާގެ ސިކުނޑީގައި ކުރަހަން ފެށި ފަދައެވެ. ގޮނޑީގައި ހަށިގަނޑު ދަމާލައިގެން އޮތް އިރު އޭނާގެ ތުންފަތް މަތީގައި ވަނީ ވިހަ ހިނިތުންވުމެކެވެ. ހުރިހާ ގޮތަކުންވެސް ކާމިޔާބު ވާންޖެހޭނީ އޭނާއަށެވެ. އޭނާއަށް ވުރެ ކާމިޔާބު މީހަކު ހުރެގެން ނުވާނެއެވެ.

އެގެއަށް އޭނާ ވަންނަން ޖެހޭނީ އެއްވެސް މީހަކު ގޭގައި ނޫޅޭ ވަގުތެއްގައެވެ. މިއަދުން ފަށައިގެން އެގޭގެ ކައިރީގައި އޭނާގެ މީހަކު ފާރައަށް ބަހައްޓަން އޭނާ ނިންމީ އެހެންވެއެވެ.

*****

އާހިލްއާއި ނަވީންގެ އިތުރުން އަލޫކް އާއި ތިންމީހުން ބޯޑުގެ މީހުންނާއި ބައްދަލުކުރީ މާލޭގެ މަޝްހޫރު ހޮޓެލަކުންނެވެ. ހޮޓެލުގެ ވީއައިޕީ ބައިގައި ޖުލްމަ ހަތްމީހަކު ތިއްބެވެ.

"އަމިއްލަ ބައްޕަގެ ފުރަގަހުގައި ތިބެ ދެ ދަރިން ކޮންފަދަ ކަމެއްތަ ކުރަން ތިއުޅެނީ... ކުންފުނީގެ ޗެއާރމަން ކަމުގައި ޔާސިރު ކުންފުންޏަށް ލިބުނު ކާމިޔާބީތައް ވަރަށް ގިނަ..." އެމީހުންގެ ވިސްނުން ދެނެގަނެވުމާއެކު ނަވީން މެން ދެން ގަސްތުކުރީ މުޅީން އެހެންމަގެކެވެ. އެމީހުން ޔާސިރުއާއި ހާދީގެ ރިކޯޑިން އަޑު އިއްވީއެވެ. އެއަށްފަހު ޔާސިރުގެ ހަޤީގަތް އެމީހުންގެ ކުރިމަތީގައި ހާމަކުރީއެވެ.

"އަހަރެން ގަބޫލެއް ނުކުރާނަން..." އެކަކު ތެދުވަމުން ޖަވާބު ދިނެވެ.

"އެކަމަކު އެއީ ޔާސިރުގެ އަޑު.. ދެން އެ އިވުނީ ހާދީގެ އަޑު... އަހަރެން ގަބޫލުކުރަން ބޭނުން ނުވިޔަސް ހަޤީގަތް އެ އޮތީ ފެންނަން" އތަނުގައި ހުރި ތަންކޮޅެއް އުމުރުން ދުވަސްވީ މީހަކު ބުނެލިއެވެ. އެކަކު އަނެކަކަށް ބަލާލާފައި ޔާސިރުގެ ހަޤީގަތް ނަވީން ފާޅުކޮށްލިއެވެ.

"އަހަރެންގެ މަންމަ މަރެއްނުވޭ" ނަވީން ބުނެލިއެވެ.

"މާހިރާ؟ އެކަމަކު އޭނާގެ ހަށިގަނޑު ވެސް ފެނުނެއްނު؟" ކުރިން ވާހަކަ ދެއްކި މީހާ ބުނެލިއެވެ.

"ހާމިދު.... އެހަށް މަޑުކޮށްބަލަ..." ނަވީން މެންނާއި އެއްކޮޅަށް ވާހަކަ ދެއްކި ނިޔާޒު ބުނެލިއެވެ.

"ހެކި ކޮބާ؟" އިތުރު މީހަކު އަނެއްކާވެސް އަހާލިއެވެ.

"ހެކި ވެސް އެބައޮތް..." ފުރަތަމަ ނަވީން އެހެން ބުނެފައި ދައްކައިލީ ފޮޓޮއެކެވެ. އެއަށްފަހު އޭނާ އިބާއަށް ވީޑިއޯ ކޯލެއް ކުރިއެވެ. އަދި މާހިރާ ދައްކާލިއެވެ.

ނިޔާޒު ބޮލުގައި ހިފައްޓާލިއެވެ. ޔާސިރު ދެކެ ހަޤީޤަތުގައިވެސް އޭނާ ރުޅިއައެވެ. އެފަދަ ދަށުދަރަޖައަކަށް ޔާސިރު ވެއްޓިދާނެކަމަށް އޭނާއަށް ލަފާކޮށްލެވިފައި ނެތީތީއެވެ.

"އެހެންވެއްޖެއާ އެ ދުވަހު ފެނުނީ ކާކު؟" ހާމިދު އަހާލިއެވެ.

"ޔާސިރުމެން އެކަމުގެ މަތި ޖަހާ ފޮރުވަން ވެގެން މަރާލި މީހާ... އިއްތިފާގަކުން ވީވެސް މަންމަގެ އެކުވެރިއަކަށް... ހަނދާނެއްނުވޭތަ އެ ދުވަސްކޮޅު އިތުރު މީހަކު ނުގެއްލޭތަ؟" ނަވީން ފުންކޮށް އެ އެންމެނަށް ބަލާލިއެވެ.

އިވުނު ހަޤީގަތުން އެތަނުގައި ތިބި އެންމެން ނަވީންމެންނާއި ބައިވެރިވިއެވެ. ޔާސިރު މަޤާމުން ދުރުކުރަން ކުރެވެން ހުރި ހުރިހާކަމެއް ކުރަން އެމީހުން ތައްޔާރުވިއެވެ. ބައްދަލުވުން ކާމިޔާބު ވީތީ ތިން މީހުންގެ ހިތުގައި ވެސް އުފާވެރިކަމުގެ ޝުއޫރުތައް އިތުރު އެރިނަމަވެސް އެމީހުންނަށް ނޭނގުނީ އެ އެންމެންގެ ހަޤީގަތް ޔާސިރުއަށް އެނގިއްޖެކަމެވެ. މީގެ ފަހުން ކޮންމެ ވަގުތަކު ޔާސިރުގެ ނަޒަރު އެއިން ކޮންމެ މީހަކަށްވެސް ދަތުރު ކުރާނެކަމެވެ.

*****

ހަފްތާއެއް ފަސް...

ކުއްލިއަކަށް ކުންފުނީގެ މީހުންނަށް އަންނަން ފެށި ބަދަލުތަކުން ޔާސިރުއަށް ކޮންމެވެސް ނުބައެއް އުޅޭކަމުގެ ހިލަން ވިނަމަވެސް ސީދާ އެކަމުގެ އަސްލު ގުޅިފައިވަނީ ކޮން ކަމަކާ ކަން ބުނެދޭކަށް ނޭނގުނެވެ. ބައެއްފަހަރު އެ ސަބަބު ގުޅިފައިވަނީ ނަވީންމެންނާ އޭވެސް ހިތަށް އަރައެވެ. މާހިރާ މަރާލަން ވެސް ހިތަށް އަރައެވެ. އެހެންނަމަވެސް މިހާރު އެފަދަ ފިޔަވަޅެއް އަޅައިފިއްޔާ ހުރިހާ ކަމެއް ދާނީ ގޯހުން ގޯހަށެވެ. އޭނާ ފުރަތަމަ ޖެހޭނީ ނަވީންމެން ބްލެކްމެއިލް ކުރާނެ މަގެއްކޮށާށެވެ. އެ މަގު ނުކޮށައިފިނަމަ ޖަންގަލީގެ ވިހަ ކަށިތައް ހެރޭނީ ހަމަ އޭނާގެ ގަޔަށެވެ. ޔާސިރު ގާތަށް އެންމެ ރުޅިއައީ އޭނާގެ ވަފާތެރި ހާމިދުމެން ގްރޫޕް އެންމެންވެސް އޭނާއާއި ދެކޮޅަށް ދާން ފެށުމުންނެވެ. ކަންތައްތައް އެހާ ހިސާބަށް ދިޔުމުން އޭނާގެ ރުޅިގަނޑުވެސް ފަޅައިގެން ދިޔައީއެވެ.

ޔާސިރު ދިޔައީ ތިންމީހުންނަށްވެސް ފާރަލަމުންނެވެ. އޭނާ ބޭނުންވި ފަދަ ފުރުސަތެއް ލިބުމާއެކު އޭނާ ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. އަދި އަމްދުން ކުންފުނިތެރޭގައި އޭނާއާއި ދެކޮޅަށް މީހުން ދަނީ ނަވީންމެންގެ ސަބަބުންކަން އޭނާއަށް މި ވީ ދުވަސްތަކުގައި ވަނީ ޔަޤީންވެފައެވެ. އޭނާގެ މީހުންނަށް ނަވީން ބޯޑުގެ އެކި މީހުންނާއި ބައްދަލުކުރާތަން ވަނީ ފެނިފައެވެ. އެހެންވެ ރަނގަޅު ބަދަލެއް ހިފަން ޔާސިރު ބޭނުން ވިއެވެ.

ދުވަހަކީ އާދައިގެ މަތިން ނުލާހިކު ގަދަކޮށް އަވިދީފައި އޮތް ދުވަހެކެވެ. ރާފިހް ކަމަކު އެއާރޕޯޓަށް ގޮސްފައިވުމާއި އަދި ނަވީން އާއި އާހިލް ކުޑަ ބައްދަލުވުމަކަށް ދާންޖެހުމާއި އަލޫކް އޮފީސްކަމަކު އުޅެން ޖެހުމުން އޮފީސް ނިމުނު ގަޑީގައިވެސް ގެއަށް ދެވޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނެގި މާހިރާގެ ބޭސްތައް ހުރި ނަވީންގެ އޮފީސް ދަބަސްތެރޭގައެވެ. ހަވީރު ކާންޖެހޭ ބޭސްތައް ނެތުމުން އިބާ ނަވީންއަށް ގުޅުމާއެކު ނަވީން ޑްރައިވަރު ލައްވާ ބޭސްތައް ފޮނުވިއެވެ.

"ހަލޯ... ނަވީން ބޮސް ބުނެގެން..." ޑްރައިވަރު ގޭގެ ކުރިމައްޗަށް އަރާފައި އިބާގެ ނަންބަރަށް ގުޅާލިއެވެ. އިބާ މައްޗަށް އަރަންވީ ފްލޯ ބުނެފައި ފޯނު ކަނޑާލިއެވެ. އެއާއެކު ޑްރައިވަރުވެސް މާބޮޑު ވިސްނުމަކާ ނުލާ ގޭތެރެއަށް ވަނެވެ.

ޔާސިރުބުނެގެން ފާރަލަމުން ދިޔަ މީހާއަށް އެއީ ނަވީންގެ ޑްރައިވަރުކަން އެނގެއެވެ. އެހެންކަމުން އޭނާ ދަނޑި ވަޅުގެ ބޭނުން ހިފިއެވެ. ލިފްޓްއަށް ޑްރައިވަރާއެކު އަރާފައި އޭނާ މަޑުކުރިއެވެ. ޑްރައިވަރު ފޭބުމާއެކު އޭނާ ޑްރައިވަރުގެ އަނގަމަތީގައި ޖެއްސީ ފޮތިގަޑެކެވެ. އެއާއެކު އޭނާ ހޭނެތިގެން ވެއްޓުނެވެ. ޑްރައިވަރު އަތުގައި އޮތް ކޮތަޅު ނަގާ އޭނާ ބެލް އަޅާލިއެވެ. ބެލް އަޅާލުމާއެކު އިބާ ގޮސް ބަލާލިއެވެ. އެއީ ކުރީގެ ޑްރައިވަރެއް ނޫނެވެ. ނަވީން އޮތީ މިހާރުގެ ޑްރައިވަރު ޗުއްޓީއަށް ދާން އުޅޭ ވާހަކަ ބުނެފައެވެ. އެހެންކަމުން އޭނާ ހީކުރީ އެހެން ޑްރައިވަރެއްކަމުގައެވެ. އެހެންނަމަވެސް އެހާ އަވަހަށް ގޮތް ނޭނގޭ މީހަކަށް އިތުބާރު ކޮށްފާނެބާއޭވެސް އިބާގެ ހިތަށް އެރިއެވެ. އޭނާ މާބޮޑަށް ޝައްކުކުރަނީއޭ ހިތާ އަދިވެސް އެއްފަހަރު އޭނާ ޑްރައިވަރަށް ސްކްރީނުން ބަލާލިއެވެ. އޭރު އޭނާގެ އަތުގައި ކޮތަޅެއްވެސް އޮތެވެ. ދޮރު ހުޅުވީ ދެނެވެ. އެއާއެކު އޭނާއަށްވެސް އައީ އެފަދަ ހަމަލާއެވެ. ސޯފާމަތީގައި އިބާގެ ހަށިގަނޑު ބާއްވާފައި ބެރުގައި ވެއްޓިފައި އޮތް މީހާވެސް އެތެރެއަށް ވެއްދިއެވެ. އެއަށްފަހު އޭނާ ބަލާލީ ކޮޓަރީގެ ދޮރުކުރިމަތީގައި ހުއްޓި ހުރި މާހިރާއަށެވެ.

"ޑަން..." އެމީހާ ބުނެލިއެވެ.

އޭގެ އިރުކޮޅެއް ފަހުން ޔާސިރުއައިސް އެގެއަށް ވަނެވެ. އޭރު މާހިރާ އިނީ ސޯފާގައެވެ. މޫނުމަތިން ބިރުވެރިކަން ފެނުނެވެ. ގާތުގައި އެމީހާ ހުއްޓެވެ. އަނގަ ހުޅުވާލަން ވެސް ނުކެރިފައި އިން އިރު އޭނާގެ ނަޒަރު އިރު އިރު ކޮޅަކާ އިބާއަށް ވެސް ދަތުރުކުރެއެވެ.

"މާހިރާ" އިސްޖަހައިގެން އިން މާހިރާގެ ކަންފަތުގައި އެހާ ޒަމާންފަހުން އެ އަޑު ޖެހުމުންވެސް އެނގިއްޖެއެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ ސޯފާއިން ތެދުވިއެވެ. އެއާއެކު ޔާސިރު އޭނާގެ ލޮލުގައި އަޅައިގަތެވެ. ޔާސިރު ފެނުމާއެކު ބައެއް މަންޒަރުތައް އޭނާގެ ލޮލުގެ ކުރިމަތިން ފެންނަން ފެށިފަދައެވެ. އެއާއެކު އޭނާގެ މުޅި ހަށިގަނޑަށްވެސް ބަދަލު އަތުވެއްޖެއެވެ. މީހާ ބިރުން ރޫރޫ އަޅަން ފެށިއެވެ. ޔާސިރު ފެނުމުން އަނެއްކާވެސް އޭނާގެ ފުހެވިފައިވާ ހަނދާންތަކެއް ނުކުންނަން މަސައްކަތް ކުރަން ފެށިފަދައެވެ. ހަށިގަނޑު އެންމެ ހިމަ ނާރުވެސް އެ ބިރުވެރިކަމުގައި ހިއްސާވާން ފެށިފަދައެވެ. ފަހަތަށް ޖެހެމުން މާހިރާ ދިޔައެވެ. ޔާސިރު ދެންވެސް މާހިރާގެ ނަމުން ގޮވާލިއެވެ. ކަންފަތުގައި އަތް އަޅާލީ އެ އަޑު އޭނާއަށް އިވެން ފެށި ގޮތުންނެވެ. ދެލޯ މަރާ ފިއްތާލި ނަމަވެސް ނިއުޅެން ފެށި ހަނދާންތައް މަތަވާގޮތެއް ނުވިއެވެ. އޭނާ ފަހަތަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު ޔާސިރުވެސް ދިޔައީ އޭނާއާއި ދިމާލަށް ފިޔަވަޅެއް އަޅަމުންނެވެ.

"ނޫން" މާހިރާއަށް ބުނެވުނެވެ. މާކުރީގެ ހަނދާނެއް އާވީއެވެ. ލޯ މައްޗަށް އަދިރިވާހެންވެސް ހީވާން ފެށިއެވެ. މަންޒަރުތައް ލޮލުގެ ކުރިމަތީގައި ނިއުޅެން ފެށިއެވެ. އެކަންތައްތައް ތަހައްމަލް ކުރާނެހޭ ހިތްވަރެއް އޭނާގެ ގައިގައި ހަޤީގަތުގައިވެސް ނެތެވެ. އެ ސިކުނޑީގައި އެފަދަ ހަކަތައެއް ނެތެވެ. އެއަށްވުރެ އޭނާ ބަލިކައްޓެވެ.

"އަހަރެން ދެކެ އަދިވެސް އެހާ ބިރުގަނޭތަ؟" ޔާސިރު ނުލަފާ ވައްތަރަކަށް ހީލަމުން އަހާލިއެވެ. މާހިރާއަށް ވަމުން ދިޔަ ގޮތުން އޭނާއަށް މާހިރާގެ ހާލު ވަޒަން ކޮށްލެވުނެވެ. އެކަމުން ކޮންމެވެސް ވަރެއްގެ ހިންހަމަޖެހުމެއް އޭނާއަށް ލިބުނެވެ. މާހިރާ އަކީ ދުނިޔޭން މޮޔަވެފައި ހުރި މީހެކެވެ. އެކަކުވެސް އޭނާ ދައްކާ ވާހަކައެއްވެސް ގަބޫލެއް ނުކުރާނެއެވެ. ނަވީންމެން ދެން ނަށަން ޖެހޭނީ އޭނާ ޖަހާ ބެރަކަށެވެ. މާހިރާ އޭނާގެ ކޮންޓްރޯލްގެ ދަށުގައި ހުރިހާ ހިނދަކު ނަވީންއަށް އޭނާއާ ދެކޮޅަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކުރޭނެއެވެ.

ޔާސިރު އަމިއްލަ ނަފްސަށް ފަޚުރުވެރިވިއެވެ. މި ކުޅިގަނޑު ފެށީ ނަވީންއެވެ. ނިންމާނީ އޭނާއެވެ. އޭނާއަކީ ވެސް ކަންތައްތައް ކުރެވޭނޭ މީހެއްކަން މިފަހަރު ދައްކާލާނެއެވެ.

*****

އުނދަގޫ ގޮތަކަށް ލޯ ހުޅުވާލި ނަވީންގެ ޑްރައިވަރު ތެދުވިއެވެ. އެއާއެކު އޭނާގެ ލޮލުގައި ސޯފާމަތީގައި އޮތް އިބާ އަޅައިގަތެވެ. މިހާރު އޭނާއަށްވެސް އެއީ ނަވީން މެންނާއި ކޮންމެވެސް ގުޅުމެއް އޮތް މީހެއްކަން އެނގޭތާ ދުވަސްކޮޅެއްވެއްޖެއެވެ. ބައެއްފަހަރު މަދުމަދުން އެ ކުއްޖާއާ ދިމާވެއެވެ. ނަވީން އާ އެކީގައި އުޅޭ އިރުއެވެ. ނަވީން ވަނީ އޭނާގެ އިތުބާރު ހޯދާފައެވެ. ޔާސިރުއަށް ފާރަލުމުގައި ނަވީންއަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީވެސް އޭނާއެވެ. އެހެންނަމަވެސް އަދިވެސް މާ ރަނގަޅަކަށް ނަމެއް ނޭނގެއެވެ. އޮންނަ ގުޅުމެއްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ޔާސިރު ކޮންމެވެސް މީހަކު މަރާލައިގެން އުޅޭކަމެވެ. އަދި އެކަމުގެ ހަޤީގަތް ހޯދަން ނަވީންމެން މަސައްކަތް ކުރަމުން ދާކަމެވެ.

"މޭމް... މޭމް... " ޑްރައިވަރު އިބާއަށް ގޮވިއެވެ. އިބާވެސް ދެލޯ އުނގުޅާލުމަށްފަހު ހޭލިއެވެ. ފުރަތަމަ އޭނާ ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހަމަޖެހުމުގެ ނޭވާއެއް ލީ އެއީ ނަވީންގެ ޑްރައިވަރުކަން އެނގިފައެވެ.

"ކިހިނެތްވީ؟" ބޮލުގައި އަތް އަޅަމުން އިބާ ތެދުވިއެވެ. ޑްރައިވަރު އޭނާއަށް ވީގޮތް ކިޔައިދިނެވެ.

"ކާކުކަން އެނގޭތަ؟" އިބާ އަހާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.

"ނަވީން މަންމަ..." ކުއްލިއަކަށް ސޯފާއިން ތެދުވަމުން އިބާ ބުނެލިއެވެ. އެއަށްފަހު ދުވަމުން ކަހަލަ ގޮތަކަށް ގޮސް އޭނާ ކޮޓަރިތައް ޗެކް ކުރިއެވެ. މާހިރާގެ ހިލަމެއްވެސް ނެތެވެ. ބޮލުގައި އަތް އަޅާލި އިބާގެ ލޮލަށް އިސާހިތަކު ކަރުނަތައް ޖަމާވިއެވެ. ވަގުތުން އޭނާ ނަވީންއަށް ގުޅަން އަވަސްވެގަތެވެ.

*****

ނަވީން އިނީ ބައްދަލުވުމެއްގައެވެ. އިބާގެ ކޯލަކަށް ވުމާއެކުވެސް ދައްކަމުން ދިޔަ ވާހަކައިގެ ބާވަތުން އޭނާއަށް ފޯނު ނެގޭގޮތެއްނުވިއެވެ. ފޯނު ކަނޑާލަމުން އޭނާ ވާހަކައަށް ސަމާލުކަން ދިނީ މެސެޖެއްވެސް ކޮށްފައެވެ. މެސެޖް ދިޔަ ފަހުންވެސް އިބާ ގުޅިއެވެ. އެހެންކަމުން އޭނާ އާހިލްއަށް ބަލާލާފައި ދުރަށް ޖެހިލީ އެކްސްކިއުޒް މީ އޭ ބުނެލާފައެވެ.

"އިބާ ކުޑަކޮށް ބިޒީ..." ނަވީންއަށް ބުނެވުނީ އެވަރަށެވެ. ކަންފަތުގައި ހަރުލީ އިބާގެ ރުޅިމުގެ އަޑެވެ. އެއްފަހަރު އެތާ ތިބި މީހުންނަށް ބަލާލާފައި ނަވީން އަދިވެސް ދުރަށް ޖެހިލިއެވެ.

"ވަޓް ހެޕެންޑް...؟"

"ނަވީން މަންމަ..." އިބާ ނަވީންގެ ސުވާލަށް ޖަވާބު ދޭން މަސައްކަތް ކުރިއެވެ.

"އިބާ.... " ނަވީން އިބާއަށް ގޮވާލިއެވެ. އެކޮޅުން އިބާ ބުނެލި ވާހަކައިން ނަވީންގެ ދެލޯ ބޮޑުވިއެވެ. އޭނާއަށް ވަރަށް ބާރަށް ކީކޭ ހޭ އަހާލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ފޯނު ބާއްވަމުން އެތަނުގައި ތިބި މީހުންނާ ގާތް ވެލާފައި ކުޑަ އާރޖެންޓް ކަމެއް ޖެހިގެން ދާން ޖެހިއްޖެކަމުގައި ބުނެލިއެވެ. އެއަށްފަހު ލަސްނުކޮށް އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ.

"އެފަދަ މީހަކާ އެކު ކިހިނެތް ކަންތައްތައް ނިންމާނީ..." އެކަކު ބުނެލިއެވެ.

ވެދާނެ އެއްނު ބޮޑުކަމެއް ޖެހުނީކަމަށް" އިތުރު މީހަކު ވާހަކަދެއްކިއެވެ.

"އައި އެމް... ސޮރީ... އެކަމަކު ބޮޑު ކަމެއް ޖެހިގެން ނޫނީ ނަވީން ނުދާނެ... އަހަރެމެން އަދި އެއްފަހަރު ބައްދަލު ކުރާނަން... އަދި ހުރިހާ ވާހަކައެއް ކިޔައިދޭނަން... އޭރަށް ވަންދެން މި ބައްދަލު ވުމުގެ ވާހަކަ ސިއްރުކޮށްދީ... " ޖީބުން ނެގި ސިޓީ އުރަ މޭޒު މަތީގައި ބާއްވަމުން އަވަސް އަވަހަށް އާހިލްވެސް ތެދުވިއެވެ. މިއަދު ބައްދަލުކުރި ދެ މީހުންނަކީ ވެސް ގިނައިން ލިބޭ ކޮޅަކަށް ބުރަވާ ބަޔަކަށް ވުމާއެކު އެމީހުން އައީ އެކަމަށްވެސް ތައްޔާރުވެވެގެންނެވެ. ބާކީ ބައި ދޭނީ ފަހުންނޭ ބުނެ އާހިލްވެސް ގޮސް ނުކުމެއްޖެއެވެ.

"ކިހިނެތްވީ؟" ޑްރައިވަރާއި އިބާއާއި ދެމީހުން ސޯފާގައި ތިއްބާ އެތެރެއަށް ވަތް ނަވީން އަހާލިއެވެ.

"ނަވީން.... މަންމަ އެމީހުން ގެންދިޔައީ... ނޭނގެ ކާކު ބުނެގެން ކަމެއް" އާހިލްވެސް ނަވީންގެ ފަހަތުން ކަހަލަ ގޮތަކަށް އައިސް ވަނެވެ.

"ކާކު؟ މަންމަ މިތަނުގައި އުޅޭކަން ޔާސިރުއަށް އެނގިއްޖެ... ޔަޤީނުންވެސް މި ވާނީ އޭނަގެ ކަމަކަށް" ނަވީން ހާސްވިއެވެ. އޭނާއަށް ބޮލުގައި ހިފައްޓާލެވުނެވެ.

"އަނެއްކާ އޭނައަށް އަހަރެމެންގެ ހަޤީގަތް ވެސް އެނގެނީބާ؟" ނަވީންގެ ހާސްކަން ދެގުނަވިއެވެ.

"އެކަމަކު ކިހިނެތް؟" އާހިލް ސުވާލުކޮށްލިއެވެ.

"ތި ސުވާލުގެ ޖަވާބު ދޭކަށް އަހަންނަކަށް ނޭނގެ... ލޫކްއަށް ގުޅާބަލަ.. އަހަރެން އެބަ ރާފިހް އަށް ގުޅަން..."ނަވީން ބުނެލިއެވެ. އެއަށްފަހު އޭނާ ރާފިހް އަށް ގުޅާލިއެވެ. ރާފިހް ކުޑަ އިރުކޮޅަކުންނޭ ދެވޭނީ ބުނުމުން ނަވީން ލަސްތަކެއްނުވެ ފޯނު ކަނޑާލިއެވެ. އޭނާ ދެން ބަލާލީ އާހިލްއަށެވެ.

ގިނަ އިރެއްނުވެ އޭނާގެ ފޯނު ރިންގްވިއެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ބަލާލަމުން އޭނާ އެތަނުގައި ތިބި އެންމެނަށް ދައްކާލިއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން ހަލޯ އޭ ކިޔާލައިފިއެވެ.

ފަހަތުން އިވުނު ވޭނީ ހަޅޭކުގެ އަޑާއެކު ނަވީންގެ މޫނުމައްޗަށް ހިތާމަޔާއި ރުޅިވެރިކަމުގެ އަސަރުތައް ވެރިވެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެއިވުނީ އޭނާގެ މަންމަގެ އަޑެވެ.

(ނުނިމޭ...)

ކޮމެންޓް 0