އޭގައި ވަނީ މާހިރާއެވެ. ފުޅާ ހިނިތުންވުމެއްގައި ހުރިއިރު އެ މޫނުމަތިން ފެންނަނީ ހިންހަމަޖެހުމާއި އުފާވެރިކަމެވެ. ނަވީން ގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި ބާލީހަށް އޮބިގެން ދިޔައެވެ.

މަންމަގެ ހިތި މާޒީގެ ހަޤީގަތް ކޮންމެވެސް ވަރަކަށް އެނގުނުނަމަވެސް އަދިވެސް ބޮޑީ ނޭނގޭ ހަޤީގަތްތަކެވެ. އެންމެން ގަބޫލު ކޮށްގެން އެ ތިބީ މަންމަ ދުނިޔެ ދޫކުރި ކަމަށެވެ. ދިރިހުރިކަން އެނގެނީ މަދު މީހަކަށެވެ.

އެކަމަކު ހިތާމަޔަކީ އެ ހަޤީގަތް އެނގޭ މަދު ބަޔަކު ކެނޑި ނޭޅި އެ މަންމައަށް ފާރަވެރިވަމުން ދާކަމެވެ. ތަކުލީފު ދޭން އަތުކުރި އޮޅާލާފައިވާކަމެވެ. ދުނިޔެއަށް ސިއްރުކޮށްގެން އެ މަންމަ ގެންގުޅެން ޖެހިފައިވަނީ އެހެންވެއެވެ. މަންމަގެ އަތުގައި ހިފާލައިގެން މަގުމައްޗަށް ނުކުމެ މިނިވަންކަމާއެކު އުޅެވެން ނެތީ މަންމަގެ ފުރާނައިގެ ދަހިވެތިކަމުގައި ބަޔަކު ތިބީތީއެވެ.

*****

ޔާސިރު ކޮޓަރިއަށް ވަތް އިރު އޭނާގެ އަންހެނުން ލައިލާ އެނދުގައި އިށީނދެލައިގެން އިނެވެ. އަތުގައި ކޮންމެވެސް އިނގިރޭސި ނޫހެއް އޮތް އިރު އަޅާފައި އިން އައިނު ކިރިޔާ ނޭފަތު ކުރީގައި ހަރުލާ ކަމެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ލައިލާ އައިނު މަތިން ދޮރާ ދިމާލަށް ބަލާލިއެވެ. ޔާސިރު ފެނިގެން ނޫސް ސައިޑް ކަބަޑު މަތީގައި ބާއްވަމުން އޭނާ އައިނު ވެސް ނެގިއެވެ. އެއަށްފަހު ޔާސިރުއަށް ނަޒަރު ހުއްޓާލިއެވެ.

"ނަވީން ހާދަ ނުފެނެޔޭ މިއަދު. އަދިވެސް ގެއަށް ނާންނަނީތަ؟ މިހާރަކަށް އައިސް ހާދަލަހުންނޭ އޮފީހުންވެސް އަންނަނީ؟" ލައިލާ ވާހަކަދެއްކިއެވެ.

"އޮފީސް ވެސް މާ ބުރައީ މިދުވަސްކޮޅު. އެހެންވެކަމަށް ވާނީ" ޔާސިރު އެކަމަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ކަރުގައި އޮތް ޓައީ ދޫކޮށްލަމުން އައިސް އެނދުގައި އިށީނެވެ. ލައިލާ އެނދުން ތެދުވެގެން ގޮސް އަލަމާރި ކައިރިއަށް ހުއްޓިފައި ދޮރު ހުޅުވާލިއެވެ.

"ފެންވަރާ ތާޒާ ވެލަން ދާންވީނު... ކާ ގަޑިވެސް ޖެހެނީނު" ގަޑިއަށް ބަލަމުން ލައިލާ ވާހަކަދެއްކިއެވެ. ޔާސިރުވެސް އިތުރު ވާހަކައެއް ނުދައްކާ ގޮސް ވަނީ ފާހާނާ އަށެވެ.

ޔާސިރު ފެންވަރާ ނުކުމެގެން ރީތިވެ ނިމުމުން ދެމީހުން އެކުގައި މިސްރާބުޖެހީ ކާ ބަޔަށް ދިޔުމަށެވެ.

ޔާސިރު އަކީ ރަޒީފާ އާއި ހާއިބުއަށް ލިބިފައިހުރި ހަމައެކަނި ކުއްޖާއެވެ. ހާއިބުގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ޚާލިދާ ވެސް އުޅެނީ އެގޭގައެވެ. ޚާލިދާ ކައިވެންޏެއްކޮށް ލިބިފައިވަނީ އެންމެ ކުއްޖެކެވެ. ޚާލިދާ ގެ ފިރިމީހާ ޝުކޫރު ވަނީ މީގެ އަހަރުތަކެއްކުރިން މި ދުނިޔެއާ އަލްވަދާއުކިޔާފައެވެ. ޝުކޫރުއާއި ޚާލިދާ ގެ ދަރިފުޅުގެ ނަމަކީ ރުޝްދާއެވެ. ރުޝްދާ ވެސް ކައިވެންޏެއްކޮށް ދެކުދިން ލިބިފައިވެއެވެ. އެއީ ޝާނީ އާއި މައިހާއެވެ. ދެކުދިންވެސް ތިބެނީ ކިޔަވަން އޮސްޓްރޭލިއާގައެވެ. ރުޝްދާގެ ފިރިމީހާ ޝިމާދު ވެސް ވަނީ ދެ ކުދިން ތުއްތު އިރު މި ދުނިޔެއާ އަލްވަދާއު ކިޔާފައެވެ.

ޔާސިރުގެ ފުރަތަމަ ކައިވެންޏަށް ނަވީން ލިބިފައިވާއިރު ފަހުގެ ކައިވެނި ލައިލާއާ ކޮށްގެންވެސް ފިރިހެން ކުއްޖަކު އެ ކައިވެންޏަށް ލިބިފައިވެއެވެ. އަލޫކްގެ އުމުރުން މިހާރު ސައްވީސް އަހަރު ފުރި ފަންސަވީސް އަހަރު ފުރެން ގާތްވެފައި ވާއިރު އިހަކަށްދުވަހު އެއައީ ރާއްޖޭން ބޭރުން ޑިގްރީ ހާސިލް ކޮށްގެންނެވެ.

ޔާސިރު އާއި ލައިލާ ގޮސް އެމީހުންނަށް ހަމަޖެހިފައިވާ ގޮނޑީގައި އިށީނެވެ.

"ކޮބާތަ އަލޫކް... އަދިވެސް ނާންނަނީތަ؟ ނަވީންވެސް ނުފެނޭ" ޔާސިރު އެންމެންނަށް ބަލާލަމުން ވަހަކަ ދެއްކިއެވެ. ޝާނީއާއި މައިހާ ނޫން އެހެން އެންމެން ސުފުރާ ދޮށުގައި ތިއްބެވެ.

ނަވީން ރީތިވެ ނިމުނުތަނާ ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވާލާފައި މީހަކު ވަނެވެ. ސިއްސައިގެން ދިޔަ ނަވީން ދޮރާ ދިމާލަށް ބަލާލާފައި ދެފަރާތަށް ބޯ ހޫރާލިއެވެ.

"ދޮންބޭ... ކާން ނުދަނީތަ؟ އެންމެން އެބަތިބި..." އަލޫކް ވާހަކަދެއްކިއެވެ.

"ނޫނޭ މިއުޅެނީ ދާން... " ނަވީން ކުރު ޖަވާބެއް ދިނެވެ. ރީތިވެނިމިގެން އޭނާ އަލޫކްއަށް ބަލާލިއިރު އަލޫކް އިނީ ފޯނުން ކޮންމެވެސް ވީޑިއޯއެއް ބަލާށެވެ.

"ހިނގާ ދާން!" ނަވީން ވާހަކަ ދެއްކިއަޑަށް އަލޫކް ތެދުވަމުން ނަވީންގެ ފަހަތުން ހިނގައިގަތެވެ.

އަލޫކްއަކަށް އަދިވެސް ނަވީން އަކީ އޭނާއާއި އެއްބަފާ ކުއްޖެއްކަމެއް ނޭނގެއެވެ. އޭނާ ހީކޮށްގެން ހުންނަނީ ނަވީން އަކީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ ކަމަށެވެ. އެ ދެބެންގެ ދެމެދުގައި އިންތިހާ ލޯބިވެއެވެ. ހުދު ނަވީންވެސް އަލޫކް ދެކެ އެހާ ލޯބިވެއެވެ. ކުޑަ ކޮއްކޮއަކަށް ހިމާޔަތް ދޭ ފަދައިން އޭނާ އަބަދުވެސް އަލޫކްއަށް ހިމާޔަތް ދޭން ބޭނުމެވެ. އެ ދެބެންގެ ލޯބި ފެނި އެ ގޭ މީހުންވެސް ހައިރާންވެއެވެ. އަލޫކްއަށް ހަޤީގަތް އެނގޭ ދުވަހަކުންވެސް އެ ގުޅުން އެ ގޮތުގައި އޮންނޭނެބާއޭ ހިތަށް އަރައެވެ.

ދެމީހުން ގޮސް ކާމޭޒު ދޮށުގައި އިށީނުމުން ލައިލާ ޔާސިރުއަށް ބަލާލިއެވެ. ހާއިބުވެސް ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލާލިއެވެ.

"އަލޫކް... ދަރިފުޅުވެސް މިހާރު މިކޮޅަށް ތި އައީ ޑިގްރީ ނިންމައިގެން... މާސްޓާރސް ކިޔަވަން ދާން ގަސްތު ކުރަނީ ކޮންއިރަކުންތަ؟"

"ކާފާ އަޅުގަނޑު...އަޅުގަނޑު އިހަށް މިކޮޅުގަ މަޑުކޮށްލަން ގަސްތުކުރަނީ. ދެ އަހަރު ފަހުން ދާން ނިންމާފަ އޮތީ... ދެން ފަހަރެއްގަ މިކޮޅުގަ ހުރެގެން އޮން ލައިންކޮށްވެސް ކިޔަވަން ފަށާފާނަން...." އަލޫކް ބުނެލިއެވެ.

"އެހެންވެއްޖެއްޔާ ބައްޕައަށް ފެނޭ އަލޫކް ވެސް ކުންފުނީގެ ވަޒީފާއަކަށް ދާން.... ދޮންބެ ކުރިން ހުރި މަގާމު މިހާރު ހުސްކޮށް އޮތީ. އެ މަގާމަށް ދަރިފުޅު ދާން ފެންނަނީ... ބައްޕަގެ ޚިޔާލެއްވެސް ބޭނުން...." ޔާސިރު ހާއިބުއަށް ބަލާލިއެވެ.

"ތީ ހަމަ ވަރަށް ރަނގަޅު ކަމެއް.... ކިޔަވަން ފެށުމުގެ ކުރިން ކުރެވޭ ރަނގަޅު ތަޖުރިބާއަކަށް ވެސް ވާނެ! އަނެއްކޮޅުން ނަވީން ވެސް ހުރީ ހަމަ ކުންފުނީގެ އިސް މަގާމެއްގަ... އަލޫކް ދަރިފުޅަށް ދޮންބެ ގާތުންވެސް ކަންތައްތަކެއް ދަސްވެގެން ދާނެތާ! ކޮންމެ ކުއްޖަކުވެސް ފިޔަވަޅަކަށްފަހު ފޔަވަޅެއް ނަގަމުން ދިޔައީމަ ރަނގަޅުވާނެ... ކާފަ މި ކުންފުނި މިހާ ހިސާބަށް ގެނައީ ވަރަށް ބުރަ މަސައްކަތުން... މިހާރު އެތަކެއް އަހަރެއް ވަނީ ތި ދެކުދިންގެ ބައްޕަ ކުންފުނީގެ ޗެއާމަންގެ މަގާމުގައި ހުރެގެން ކުންފުނި ހިންގާތާވެސް... ދަރިފުޅުމެން ދެ ކުދިންނަކީ މުސްތަގްބަލުގަ ކުންފުންޏާ ހަވާލުވާން ތިބި ދެކުދިން... ކާފަ ރިޓަޔާ ވިޔަސް ކުންފުނީގެ ކަންތައްތައް ބަރާބަރަށް ބަލަމުން ގެންދަން...." ހާއިބު އޭނާގެ އަންހެނުން ރަޒީފާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"މާމައަށް ވެސް ފެންނަނީ އެ ގޮތް... އަލޫކް ދޮންބެ ކުރިން ހުރި މަޤާމަށް ދާން!" ރަޒީފާގެ ވާހަކައަށް އެންމެން ތާއީދު ކުރިއެވެ.

"އެހެންވީމަ މި އަންނަ ހަފްތާގަ އަލޫކް ނުކުންނަންޖެހޭ ގޮތަށް ހުރިހާ ކަމެއް ބައްޕަ ހަމަޖައްސާނަން އިނގޭ!" ޔާސިރު ބުނެލިއެވެ. އަލޫކް ހެވިފައި އިނދެ ބޯ ޖަހާލިއެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނުނު ނަމަވެސް ލައިލާގެ މޫނުމަތިން ހިސާބެއްގެ ބަނަކަމެއް ހިނދުކޮޅަކަށް ފެނިގެން ދިޔައެވެ. ކެއުން ނިންމާލާފައި ގޭގެ ބޮޑެތި މީހުން ބޮޑުކޮޓަރީގައި މަޑުކުރިއެވެ. ނަވީންއާއި އަލޫކް މަޑުނުކޮށް އެރީ މައްޗަށެވެ.

*****

އިބާ ކޮޓަރިން ބޭރަށް ނުކުތީ މާހިރާ ނިދީމައެވެ. ސޯފާގައި އިށީނދެ ޓީވީ ހުޅުވާލީ ނިދިނާންނާތީއެވެ. ޓީވީން އަންނަމުންދިޔަ ހިންދީ ޑްރާމާއަކަށް ގެއްލިގެން އިންދާ އޭނާގެ ފޯނު ރިންގުވިއެވެ. ފޯނު ނަގާ ބަލާލިއިރު ގުޅަނީ ނަވީންއެވެ.

"ހަލޯ" އިބާ ފޯނަށް ޖަވާބުދިނެވެ.

"ލައްބަ...، ނިދައިފި..." ނަވީން ކުރި ސުވާލަށް އިބާ ޖަވާބުދިނެވެ.

ޓީވީ ދޮށުގައި އިންނަނާ އެތައް އިރެއްވީފަހުން އޭނާގެ ބޮލަށް ނިދި ސަވާރުވާން ފެށިއެވެ. ޓީވީ ނިންވާލުމަށްފަހު ސިޓިންރޫމް އޭސީ ނިވާލާފައި ގޮސް އޭނާ މާހިރާ އޮތް ކޮޓަރިއަށް ވަނެވެ. ފެންވަރާ ހަދާލައިގެން ނުކުމެ ޑްރެސިންޓޭބަލް ކައިރީގައި މަޑުކޮށްލިއެވެ.

ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން އިން އިބާ ތުންފަތުގައި ދަތް އަޅާލިއެވެ. މަޑުމަޑުން އޭނާ އަތްދިގު ހެދުމުގެ އަތް ހިއްލާލިއެވެ. އެއަށްފަހު އޭނާ އަތުގައި އިން ދިގު ލަކުނަށް ނަޒަރު ހިންގާލިއެވެ. ވެރިވީ ކޮންފަދަ ހިޔާލުތަކެއް ކަމެއް ނޭނގެއެވެ. ދެލޯ މަރާލުމަށްފަހު އިބާ ދެފަރާތަށް ބޯ ހޫރާލިއެވެ.

ހަފްތާއެއް ފަސް

*****

އޮފީހަށް ދާންވެގެން ކާރަށް އަރަން އުޅެނިކޮށް ކުއްލިއަކަށް އަނެއްފަރާތުން އައިސް މީހަކު ކާރަށް އެރުމާއެކު ސިހިފައި ނަވީންއަށް ބަލާލެވުނެވެ. އޭނާ ބަލާލިއިރު އަލޫކް އިނީ ފާޑަކަށް ހެވިފައެވެ.

"ސާބަސް... ޑްރައިވަރު ގާތުވެސް ބުނިން އަލޫކް މިއަދު ނުކުންނަ ވާހަކަ. ދޮންބެ މިއަދު ކުޑަ ކަމަކު އަވަހަށް ދާން ޖެހޭތީ މި ނުކުތީ...." ނަވީން އަލޫކްއާ ވާހަކަ ދެއްކިއެވެ.

"ދެމީހުންވެސް އެއްތާކަށްނު ދަނީ... ދެން ކީކުރަން ދެ ކާރުގަ ދާންވީ... އެހެންނޫނަސް.... ފުރަތަމަ ދުވަހު އޮފީހަށް ދާންވެސް ބޭނުމީ ދޮންބެއާއެކީ" ލައިގެން އިން ސޫޓް ރަނގަޅު ކޮށްލަމުން އަލޫކް ވާހަކަ ދެއްކިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ނަވީންވެސް ސީޓުގައި ހަމަޖެހިލިއެވެ.

އެ ދަތުރުގައި މާގިނަ ވާހަކައެއް ދެމީހުން ދޭތެރޭ ނުދެކެވެއެވެ. ގިނަވަގުތު ނަވީން އިންނަނީ ފޯނެއްގައެވެ. ކޮންމެވެސް ކަމަކާ ބެހޭގޮތުން މަޝްވަރާ ކުރާށެވެ.

"ދޮންބެ.... އަހަންނަށް ތިކަހަލަ ޒިންމާތަކެއް ހަވާލުވާ ދުވަހަކުން އޮންނާނީ މަރުވެފަ ކަންނޭގެ، ހުވާ ނުވާނެ މިކަމެއް..." ނަވީން ފޯނު ބޭއްވުމާއެކު އަލޫކް ވާހަކަ ދެއްކިއެވެ.

"މުސްތަގްބަލުގަ ދޮންބެގެ މަގާމު ފުރަން ހުންނާނެ މީހަކީ ލޫކް އޭ...." ނަވީން ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި ތިއްބާ ކުންފުނީގެ އޮފީހަށް އާދެވިއްޖެއެވެ. އޮފީސް ދޮރުމައްޗަށް ކާރު ހުއްޓާލުމުން ނަވީން އާއި އަލޫކް ފޭބިއެވެ. ޑްރައިވަރު ދިޔައީ ތިރީ ބޭސްމެންޓަށް ކާރު ޕާރކުކުރާށެވެ. އިމާރާތުގެ ދެފަރާތަށް އަލޫކް ނަޒަރެއް ދިނެވެ. ދެފަރާތުގައި އެތަނުގެ ހައިބަތު ދެއްކުމަށްޓަކައި ބޮޑު ދެ ތަނބު ޖަހާފައިވެއެވެ. އެތެރެ ނުފެންނަ ނޫކުލައިގެ ބިއްލޫރިން ހަދާފައިވާ އުސް އިމާރާތް ފުރިހަމައެވެ. ހެނދުނުގެ ވަގުތަށް ވުމާއެކު ކުންފުނީގެ މުވައްޒަފުންވެސް އަންނަމުން ދިޔައެވެ. އަލޫކް އެތެރެއަށް ވަނުމާއެކު އެތަނުގައި ތިބި އަންހެން ކުދިންގެ ނަޒަރުތައް އަލޫކްއަށް ހުއްޓެމުން ދިޔައެވެ. ދެ ކުއްޖަކު ކައިރީގައި ތިބިއްޔާ އަލޫކްއަށް ބަލާފައި ކޮންމެވެސް ސިއްރުވާހަކައެއް ދައްކާލަފާނެއެވެ. އެ އަންހެން ކުދިންތައް ހީވަނީ އަލޫކް ރޮލާ ކާލަފާނެހެންނެވެ. އަލޫކްއަށް ލިބިފައިވާ އެންމެ ހާއްސަ ސިފައަކީ އަލޫކްގެ މަޑު ޗޮކްލެޓް ކުލައަށް ދާ އިސްތަށިގަނޑެވެ. ނަވީން އެކޭ އެއްގޮތަށް ލޮލުގައި ހުންނަނީ ގަދަ މުށި ކުލައެކެވެ. އެއީ ޔާސިރުގެ ފަރާތުން ލިބިފައިވާ ސިފައެކެވެ. ދެމީހުން ދިޔައީ ނަވީންގެ ކެބިންއަށެވެ.

"ވޯހް.... މިތަނުގައި މަސައްކަތް ކުރާއިރުވެސް ދޮންބެ އަދިވެސް ބިޓެއް ނުނަގަނީތަ؟ ހާދަ ރީތި ކުދިންވެސް އުޅެޔޭ!" ނަވީން އައިސް ގޮނޑީގައި އިށީންތަން ބަލަން ހުރެފައި އެއައި ގޮތަށް އައިސް މޭޒުގައި މަޑުމަޑުން ޖަހާލާފައި އަލޫކް ބުނެލިއެވެ. ނަވީން އެއްމިޔަކަށް ހީލިއެވެ. އެ ހިނދުކޮޅު އޭނާގެ ލޮލުގެ ކުރިމައްޗަށް އިބާގެ ސޫރަ ސިފަވީ ކީއްވެކަމެއް ނޭނގެއެވެ. އެންމެ ފުރަތަމަ ފެނިލުމުން އިބާ އޭނާއަށް ޚާއްސަކަމުގެ އިޙްސާސް ކުރެވުނީމަހެއްޔެވެ؟ އިބާގެ ގަދަ ކަޅު ކުލައިގެ ދެލޮލަކީ އޭނާއަށް އާދަޔާ ޚިޔާފް އަސަރުތަކެއް ކުރުވާ އެއްޗަކަށް ވީމަހެއްޔެވެ؟ ނޫނީ އިބާގެ ފަންދިގު އިސްތަށިގަނޑު ވިހުރިލާ ގޮތުން އޭނާގެ ހިތަށް ގޮތް ވާތީހެއްޔެވެ؟ މި ހުރިހާ އަސަރުތަކަކީ އޭނާ ވަރަށް މަސައްކަތުން ފޮރުވާ އަސަރުތަކެކެވެ. އިބާއަށް އެހާ އަވަހަށް އެ އަސަރުތައް ފެންނާކަށް އޭނަ ނޭދެއެވެ. އިބާ ހީކުރާނެ އެއްޗެއް ނޭނގޭތީއެވެ.

"އޭތް... އަނެއްކާ މާރީތި އަންހެން ކުއްޖެއް ސިފަވީތަ؟ ތިހެން ތި ބަލަނީ؟" ނަވީން ކައިރިއަށް އައިސް އަލޫކް ދެފަހަރަކު އަތް ހޫރާލިއެވެ. ސިހުނު ނަވީން ނޫންކަމަށް ހަދާފައި ގޮނޑީގައި އިށީނެވެ.

ނަވީންގެ ކެބިންނަށް ނަޒަރު ހުއްޓާލި އަލޫކް ހުރީ ކުޑަކޮށް އަނގަހުޅުވިފައެވެ.

"ވޯހް...." އޭނާގެ އަރުތެރެއިން ނުކުތް އަޑާއެކު ނަވީންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

ނަވީންގެ މޭޒުމަތީގެ އެއްފަރާތުގައި ކޮންޕިއުޓަރެއް ބެހެއްޓިފައިވާއިރު އަނެއްފަރާތުގައި ބައެއް ފައިލްތައް ހުއްޓެވެ. ނަވީން އިށީނދެ އިންނައިރު ފެންނާނޭ ގޮތަށް މޭޒުގެ ކުރިމައްޗަށް ވާގޮތަށް ދެ ފަރާތުގައި ސޯފާ ސެޓް ބެހެއްޓިފައި ހުއްޓެވެ. އޭގެ ފަހަތުގައި ދޮރެއް ހުއްޓެވެ. އޮފީހަށް ވަންނަ ދޮރު ހުންނަނީ ނަވީން އިންނަ މޭޒާ ދިމާ އެއްފަރާތެއްގައެވެ. ލުއި ލުއި މީރުވަހެއް އެތަނުގައި ހިފާލާފައި ވެއެވެ. މޭޒާ ދިމާ ފަހަތުގައި ދެފަރާތުގައި ވެސް ރީތި މާގަހެއް ބެހެއްޓިފައިވެއެވެ. މޭޒު ކައިރީގައި ނަވީންއާ ކުރިމައްޗަށް ވާގޮތަށް ބެހެއްޓިފައިވާ ދެ ގޮނޑިން ކުރެ ގޮނޑިއެއްގައި އިށީންނަމުން އަލޫކް ހިނިތުންވެލިއެވެ.

"ލޫކް... މީ ލޫކްގެ ކެބިންއެއް... މި ހުރިހާ އެއްޗަކީވެސް ލޫކްގެ އެއްޗެހި... ދޮންބެ ބޭނުން ލޫކް ވަރަށް ޒިންމާދާރު މީހަކަށް ވާން... ލޫކް މަސައްކަތް ކޮށްފިއްޔާ އެހާ ގާބިލް މީހަކަށް ވެވިދާނެ... ދޮންބެއަށް އެނގޭ ލޫކްގެ އެ ފެންވަރު އެބަހުރިކަން... ދޮންބެ އެންމެ ދެކެން ބޭނުންވާ އެއްދުވަހަކީ ލޫކް މި ގޮނޑީގަ އިންނާނެ ދުވަސް... މި ކުންފުނީގެ ހުރިހާ ބާރެއް ލޫކްއަށް ލިބޭނެ ދުވަސް... ހުރިހާ މަސްއޫލިއްޔަތެއްވެސް ހަރުދަނާ ކަމާއެކު އުފުލާނެ ދުވަސް... ދޮންބެއަށް އެނގޭ ލޫކް އަކީ ފަހަރެއްގައިވެސް މީހަކަށް އަނިޔާވެރިވާނެ މީހެއް ނޫންކަން. ލޫކް އަކީ އިންސާފަށް ލޯބި ކުރާ މީހެއްކަން... އެކަން ދޮންބެއަށް ޕްރޫވް ކޮށްދީ... ލޫކް އަކީ މި މަގާމަށް އެންމެ ގާބިލް މީހާކަން... ސާބިތު ކޮށްދީ މި ގޮނޑިއަކީ ލޫކްގެ ހައްގެއްކަން. އެ ދުވަހުން އެއްވެސް ޝަކުވާއެއް ނެތި ދޮންބެ މި ގޮނޑި ލޫކްއަށް ދޭނަން" ނަވީން މަޑުމައިތިރި ކަމާއެކު ވަހަކަދެއްކިއެވެ.

"ދޮންބޭ! އަހަރެން ނޫޅެމޭ ދޮންބެގެ ތި މަގާމު ބޭނުންވެގެނެއް.... އަހަރެން އެއްއިރެއްގައިވެސް މި ކުންފުނި ދޮންބެގެ އަތުން އަތުލާކަށް ނުވިންނަން. އަހަރެން އަބަދުވެސް ބޭނުންވީ ދޮންބެއާއެކު ދޮންބެގެ ދަށުން މަސައްކަތް ކުރަން. ދޮންބެގެ ފަރާތުން ބައިވަރު އެއްޗެހި ދަސްކުރަން އަހަރެން ބޭނުން... ދުވަހަކުވެސް މުދަލާއި ފައިސާގެ ދަހިވެތި ކަމުގައި އަހަރެން ދޮންބެއާ ދެބަސްވުމަކަށް ނުދާނަން. ދޮންބެ ބޭނުންނަމަ މި ކުންފުނި އެކީވެސް ދޮންބެއަށް ދީފާނަން" އަލޫކްގެ މޫނުމައްޗަށް ވެސް ސީރިއަސްކަން ވެރިވިއެވެ.

"ދޮންބެގެ ފަރާތުން ލޫކް ދަސްކުރަންވީ އިންސާފު... އަދުލުވެރިކަން... މީހުންނަށް އިޚްތިރާމް ކުރުން... ދުވަހަކުވެސް މީހަކަށް ގެއްލުން ނުދިނުން... މި ފަދަ ސިފަތައް..." ނަވީން ބޯ ޖަހާލިއެވެ. އަލޫކް ވެސް ހިނިތުންވެލިއެވެ.

"ދޮންބެއަށް ކަމެއް ގޯސްކޮށް ކުރެވެންޏާ ލޫކް ދޮންބެ ހުއްޓުވާތި... ހަމަ އެގޮތަށް ލޫކްއަށް ކަމެއް ގޯސްކޮށް ކުރެވެންޏާ ރަނގަޅު ގޮތް ބުނެދޭން ދޮންބެވެސް ހުންނާނަން" އަލޫކްއަށް ނަވީން ވިސްނައިދެމުން ދިޔައީ ގާތް އެކުވެރިއަކަށް ވިސްނައިދޭ އުސޫލުންނެވެ.

ނަވީން އަލޫކްއަށް ދަސްކޮށްދޭން މުޅިންވެސް ބޭނުންވަނީ ރަނގަޅު ސިފަތަކެވެ. އަލޫކް އަކީ ކިޔަވައިގެން ހުރި ދުނިޔޭގެ ތަހުޒީބީ ކުލަވަރުތައް ލޮލުން ދެކެ އަތުން ހިފަމުން ދާ ޒުވާނެކެވެ. ކިތަންމެ ގާބިލް މީހަކަސް މި ޒަމާނުގައި ކުއްޖެއްގެ ސިކުނޑި ދޮވެލުމަކީ ފަސޭހަކަމެކެވެ. މީހަކު އެފަދަ ނުބައި ހިޔާލަކާއެކު އަލޫކްއާ ކުރިމަތިލުމުގެ ކުރިން އަލޫކްގެ ގައިގައި މި ބުނި ސިފަތައް ފުރިހަމައަށް އަށަގަންނުވަން ނަވީން ނުހަނު ބޭނުންވެއެވެ. އަލޫކް އަކީ އަމިއްލަ އެދުމުން ފޯވެ ހެޔޮ އެދޭ މީހުންނާ ދުޝްމަނުން ވަކި ނުކުރެވޭ ދަރަޖައަށް ވެއްޓިގެންދާ މީހަކަށްވާކަށް ނަވީން ނޭދެއެވެ. އެއްބަނޑު އެއްބަފާ ނޫނަސް އޭނާ އަލޫކް ދެކެ ލޯބިވެއެވެ. އަލޫކްއަށް ޓަކައި އެހާ ފޮނި އުންމީދުތަކެއް ކުރެވެނީ އެހެންވެއެވެ.

ނަވީންއާއި އަލޫކްގެ ދިރިއުޅުން ބިނާވެފައިވަނީ ކަށިބޯ ޖަންގައްޔެއްގެ މެދުގައެވެ. ނޭގި ފިޔަވަޅެއް އެޅޭގޮތަކުން ގަޔަށް ކަށި ހެރި ޒަހަމްވެދާނެއެވެ. ކަނު އަނދިރީގެ ތެރޭގައި އޭނާ ބޭނުންވަނީ އޭނާގެ ހިމާޔަތުގައި ބަހައްޓައިގެން އަލޫކް ސަލާމަތުގެ އައްސޭރިއަކަށް ގެންދާށެވެ. އެހެނީ ދާންޖެހޭ މަންޒިލް އެނގެނީ އޭނާއަށް އެކަންޏެވެ. ސިއްރުތަކުން ފުރިފައިވާ އެ ޖަންގަންޔަކީ ބިރުވެރި ތަނެކެވެ. ބައެއްފަހަރު އެނގޭ ހަޤީގަތެއްގެ އަގު ތިމާގެ ފުރާނައިންވެސް ދައްކަން ޖެހިދާނެއެވެ.

އެތައް އިރަކު ދެމީހުން ވާހަކަ ދައްކަން ތިއްބެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އިބާ ގޭން ނުކުތީ ކައިރީގައި ހުރި ފިހާރައަކަށް އެއްޗެއް ގަންނަން ދާށެވެ. މާހިރާ އޮތީ ނިދާފައެވެ. މާހިރާ ގާތުގައި ނަރުސްކުއްޖާ ހުރީތީ އިބާއަށް ނުކުމެވުނީއެވެ.

ކައިރީގައި ހުރި އެއްވެސް ފިހާރައަކު އޭނާ ގަންނަންދިޔަ އެއްޗެއްނެތެވެ. އެހެންކަމުން ތަންކޮޅެއް ދުރުގައި ހުރި ބޮޑު ފިހާރައަކަށް އޭނާ މިސްރާބުޖެހިއެވެ. އުޑުމައްޗަށް ނަޒަރު ހުއްޓާލި އިބާ ފިޔަވަޅުތަކަށް ބާރުކޮށްލިއެވެ. ބޯ މަތީގައި ވަނީ ވިއްސާރަ ވިލާގަނޑެކެވެ. ވާރޭ ވެހިގަންނަން ވާއިރަށް ގެއަށް ދާން އިބާ ބޭނުންވިއެވެ. ހުރި ގޮތަށް ހިނގަމުން އައިސް ގޯޅިން ލަނބާލާފައި ގޮސް އޭނާ އެ ފިހާރައަށް ވަންނަން ވެގެން ދޮރު ހުޅުވާލަން އުޅުނެވެ. އެވަގުތަކީ އެތެރޭން ކޮންމެވެސް މީހަކު ނުކުތް ވަގުތެވެ. އިބާ ދުރަށް ޖެހިލިއެވެ.

"މިހާރު ހާދަ ރީތިވެގެންނޭ ދޯ ހުންނަނީ..." ދާދި ގާތުން އިވުނު ފިރިހެންމީހާގެ އަޑާއެކު އިބާއަށް އިސްއުފުލާލެވުނެވެ. އޭރު އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. ކޮންމެވެސް ވަރެއްގެ ކަންބޮޑުވުމެއް އިބާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ކުރިމަތީގައި ހުރި ފިރިހެންމީހާ އިބާގެ އަތުގައި ހިފަން އަތް އުފުލާލުމާއެކު އިބާ ފަހަތަށް ޖެހިލިއެވެ. އެއާއެކު އެ މީހާވެސް ކުރިއަށްފިޔަވަޅެއް އަޅާލިއެވެ.

އެ މީހާގެ އިސްތަށިގަނޑު ހުރީ ކަނދުރާ އާ ހިސާބަށް ދިގުކޮށްލާފައެވެ. ކަންފަތުގެ އިތުރުން ބުމަ ވެސް ވަނީ ތޮރުފާފައެވެ. އަތުގައި ވެސް ފާޑު ފާޑުގެ ޗޭނު އަޅާފައި ހުއްޓެވެ. ލާފައިވަނީ ގަޔަށް ދޫ ކަޅު ޓީޝާޓެކެވެ. ޖީންސް ވެސް ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ތުންފަތް މަތީގައިވަނީ މަލާމާތުގެ، ނުލަފާ ހިނިތުންވުމެކެވެ. ބުމަ އަރުވާލަމުން އޭނާ އިބާއާ ދިމާ ބަލާލިއެވެ. އިބާ ފިހާރައަށް ވަންނަން ވެގެން އުޅުމުން އެކަމަށްވެސް އެ ޒުވާނާ ހުރަސް އަޅައިފިއެވެ. އެންމެ ފަހުން ބިރުން ހުރި އިބާ ފަހަތް ބަލާލާފައި ދުއްވައިގަތެވެ. އިބާ ފަހަތުން އެ ޒުވާނާވެސް އަންނަމުން ދިޔައެވެ. ގެއާ ކައިރި ގޯޅިއަށް އިބާ ވަނީ އޭނާގެ ނަޒަރުން ސަލާމަތް ވާށެވެ. ގޯޅިގަނޑަކީ އަނދިރި ގޯޅިގަނޑެކެވެ. ހާލަކުން ފަހަރަކު ނޫނީ މީހަކުވެސް ނުފެންނާނެއެވެ. އިބާގެ ނަސީބު ދެރައީ ކަންނޭގެއެވެ. އެ ފިރިހެންމީހާގެ ނަޒަރުން އިބާއަށް ސަލާމަތެއް ނުވެވުނެވެ. ދެފައިކޮޅުގައި އުފެދުނު މަޑު ތުރު ތުރު އެޅުމާއެކު ކުރިއަށް ދިޔުން ދަތިކަމަކަށްވެ އިބާއަށް މަޑުޖެހިލެވުނެވެ. އޭރު އެ ފިރިހެންމީހާ އައިސް އިބާ އާއި ދާދި ގާތަށް ހުއްޓިއްޖެއެވެ. އިބާގެ ކަނާއަތް ފުރަގަހަށް ގެންގޮސް އޭނާ އިބާ ހައްޔަރުކޮށްލިއެވެ. އިރުކޮޅެއްނުވެ ވާރޭގެ ބޮޑެތި ތިކިތައް އެމީހުންނަށް ހަމަލާދޭން ފަށައިފިއެވެ.

"ދެން ކޮންތާކަށް ދާނީ..." އިބާގެ ކަންފަތް ދޮށުގައި އެ ޒުވާނާ ބުނެލުމާއެކު އިބާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ބިރާ ސިހުން އެކުލެވިފައިވީއިރު އިބާގެ ހަށިގަނޑުގައި ވަނީ މަޑު ތުރު ތުރު އެޅުމެއް އުފެދިފައެވެ.

ހިނދެއް ހިނދަކަށް ބޯ ކުރަމުން ދިޔަ ވާރޭގެ ސަބަބުން އިބާގެ ހަޅޭކުގެ އަޑުވެސް މީހަކަށް ނީވުނީ ކަންނޭގެއެވެ. ތެމި ފޯވަމުން ދިޔަ އިބާގެ ލޮލުން ކަރުނަ އޮހޮރުނެއްކަމަކު އެ ކަރުނަތައްވެސް ވެހެމުންދިޔަ ވާރެއާ އެކުވެގެން ދަނީއެވެ.

އިބާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތް ގަތީނުން އަނެއްކާވެސް އިބާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

"ކަލޭއަށް އަހަރެންގެ ކިބައިން ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެ.... ހަޅޭއްލަވަންޏާ ލިބޭ އަނިޔާ ބޮޑުވާނެ" އިބާގެ ވޭނީ ހަޅޭކާ، އެ ކަރުނަތަކަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. ހީވަނީ އިބާގެ ރުއިމުން އޭނާއަށް އުފާވެރިކަން ލިބެމުން ދާހެނެވެ.

ކުއްލިއަކަށް ފަހަތުން އައި މީހަކު އައިސް އެ ޒުވާނާ ދުރަށް ހޫރާލުމާއެކު އިބާއަށް ވެސް ސިހުން ލިބުނެވެ. އޭނާއަށް ބަލާލެވުނީ އޭނާ ސަލާމަތް ކޮށްދިން މީހާއަށެވެ.

ކުރިމަތިން ނަވީން ފެނި އިބާއަށް ނަވީންގެ ފުރަގަހަތަށް ގޮސް ގަމީހުގައި ހިފައްޓާލެވުނެވެ.

"ކަލޭ ތީ ކާކު؟ އަހަރެމެން ދެމީހުން ދޭތެރެއަށް ވަންނަން، ކަލޭ ތީ ކާކުހޭ؟" އަނގައިން ބޭރުކޮށްލި ހުތުރު ބަހާއެކު ނަވީންއަށް ބަލާލާ އެ މީހާ ވާހަކަދެއްކިއެވެ. ނަވީން އިތުރު އެއްޗެއްނުބުނެއެވެ. އޭނާ ބަލާލީ އިބާއަށެވެ. އިބާ ބިރުގަތްފައި ހުރިވަރު ފެނި ނަވީންގެ ހިތް ހަމްދަރުދީއިން ފުރުނުއިރު ކުރިމަތީގައި ހުރި ފިރިހެންމީހާއާ މެދު އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު ރޯވެގެން ދިޔައެވެ.

"ނިކަމެތި އަންހެން ކުއްޖަކަށް ބިރުދައްކަން ކަލޭ ތީ ކާކު؟" ނަވީން ވެސް ގޮތް ދޫ ކުރާކަށް ބޭނުމެއްނުވިއެވެ.

"ހިނގާ ދާން... އޭނަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ" އިބާ ރޮމުން ބުނެލިއެވެ. ނަވީން ކުޑަކޮށް އެނބުރި ލާފައި އިބާ އޭނާގެ ކޮނޑުގައި ހިފައްޓާލައިގެން ހުރި އަތުގައި އަތް ޖައްސާލިއެވެ. އިބާއަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަމޭ ބުނާ ފަދައަކުންނެވެ.

"ޓްރަސްޓް މީ..." ނަވީން މަޑުމަޑުން ބުނެލިއެވެ. އިބާ އޭރުވެސް ނަވީން ގެ އަތަށް ދަމަމުން އެތަނުން ދިޔުމަށް އެދެމުން ދިޔައެވެ.

"ކަލޭ... މަގޭ ކައިރިން ސަލާމަތްވެވޭނެ ކަމަށް ހީ ނުކުރައްޗޭ.... އަދިވެސް މަ އަންނާނަން... ކޮންމެ ފަހަރަކު ކައިރީގަ ތި ހުރި މީހާވެސް ނުހުންނާނެ ކަލޭ ސަލާމަތް ކުރާކަށް. އެ ދުވަހުން ކަލޭ އަނެއްކާވެސް ހައްޔަރުވާނީ އަހަރެންގެ މުށުތެރޭ... " ދުރަށް ހިނގައިގަންނަމުން އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

އިބާ ގެނެސް އޭނާގެ ގަޔާ ލައްކޮށްލައިގެން ހުރެ ނަވީން މަޑުމަޑުން ހިނގައިގަތެވެ. އޭރުވެސް ވާރޭބޯ ކޮށް ވެހެމުން ދިޔައެވެ. ގެއާ ހިސާބަށް ގޮސް ނަވީން އިބާއަށް ގޮވާލިއެވެ. ދެމީހުން އެކުގައި ގޮސް އެޕާރޓްމެންޓަށް ވަތް އިރުވެސް ނަވީން އިބާ ގަޔާ ދުރުކޮށެއްނުލައެވެ. އެތެރެއަށް ވަދެވުނު ކަމެއް ނޭނގުނެވެ. އިބާގެ ދެފައިން އެކީ ވަރު ދޫވެގެން ގޮސް ޓައިލްސްތަކު މަތީގައި އިށީނދެވުނެވެ. އިބާއަށް ބަލާލާފައި ކޮޓަރިއަށް ވަދެފައި ނަވީން ދެން އައީ ތުވާއްޔެއް ހިފައިގެންނެވެ. އިބާގެ މުޅި ހަށިގަނޑު އެކީ ރޫރޫ އަޅަމުން ދިޔައެވެ. ނަވީން މަޑުމަޑުން އިބާގެ ގައިގައި ތުވާލި އޮޅާލަދިނުމަށްފަހު ކަކޫ ޖައްސައިގެން އިށީނެވެ.

"އިބާ..." ދެފަހަރަކު އިބާއަށް ގޮވާލުމުންވެސް އިބާގެ ހަބަރެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އިބާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުވުމެވެ.

'އޭނައަހަރެން ދޫ ނުކުރާނެ" އިބާއަށް ބުނެވުނެވެ.

"އަހަރެން ހުއްޓާ އޭނާއަކަށް ނުކެރޭނެ އިބާއާ ކައިރިވާކަށް.... އިބާ ކަންބޮޑުނުވޭ. އަހަރެން އޭނަގެ ކިބައިން އިބާ ރައްކާތެރި ކުރާނަން" އިބާގެ އަތް ނަގާ ނަވީންގެ އަތު ތެރޭގައި ފޮރުވާލަމުން ނަވީން ވާހަކަދެއްކިއެވެ.

"ނަވީންއަށް އެނގޭތަ އެއީ ކާކުކަން؟....." އިބާއަށް މަޑުމަޑުން އަހާލެވުނެވެ.

ދެފަރާތަށް ބޯ ހޫރާލަމުން ނަވީން އިބާގެ އަތަށް ބާރުކޮށްލިއެވެ.

"މަގުމަތީގައި އެފަދަ ބައިވަރު މީހުން އުޅޭނެ. ބިރުދައްކަން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ. މާ ބޮޑަށް އަޅާނުލާ އިބާ... ތެދުވެގެން އަވަހަށް ދޭ ތެތް އެއްޗެހި ބަދަލުކުރަން، އެހެންނޫނީ ބަލިވެދާނެ. އިބާ ބަލިވީމަ އިބާ ބަލާހެން އަހަރެންގެ މަންމަ ބަލާނެ މީހަކުވެސް ނުހުންނާނެ" އިބާގެ އަތުގައި ހިފާ ނަގަމުން ނަވީން ވާހަކަ ދެއްކިއެވެ. އިބާވެސް ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ. އެއަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ނަވީންވެސް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭރު އޭނާގެ ވިސްނުން ގުޅިފައިވަނީ މިރޭ އިބާއާ ދިމާކުރި ޒުވާނާއާއެވެ.

ކޮމެންޓް 0