ލަންކާގެ މަގެއްގައި ދުއްވަމުންދިޔަ ގަދަ ނޫކުލައިގެ ކާރު ގޮސް މަޑުކޮށްލީ ހަތަރު ބުރީގެ ބޮޑު އިމާރާތެއްގެ ގޭޓް ކުރިމައްޗަށެވެ. އެކާރުގެ ދޮރުފަތް ހުޅުވާލާފައި ފޭބި ޒުވާނާ އެތަނުގައި ހަރުކުރެވިފައިވާ ނަން ބޯޑަށް ބަލާލިއެވެ.

"މެންޓަލް އެސައިލަމް" ޖަހާފައި ހަރުކޮށްފައިވާ ނަން ބޯޑު ވަނީ ދަބަރު ޖަހާ ހަލާކުވާން ކައިރިވެފައެވެ. ތަނަށް ބަލާލުމުން ވެސް އެއީ ބާވެ ބޮލަށް ވެއްޓެން ކައިރި ވެފައިވާ ތަނެއް ހެން ހީވެއެވެ. ފުންނޭވާއެއް ލަމުން އޭނާ ކާރުން ފޭބި ޑްރައިވަރަށް އަތުން އިޝާރާތް ކޮށްލިއެވެ. އެއާއެކު ޑްރައިވަރު އައިސް އެ ޒުވާނާގެ ގާތަށް ހުއްޓެމުން ސޫޓް ކޭސް ދިއްކޮށްލިއެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރި އެ ޒުވާނާ އޭނާގެ ލޮލުގައި އަޅާފައިވާ އަވިއައިނު ނަގާ ވަށައިގެންވީ މާހައުލަށް ބަލާލަމުން އެ ސޫޓްކޭސްގައި ހިފިއެވެ. އަދި ޑްރައިވަރަށް ބަލާލާ ބޯ ޖަހާލިއެވެ. އޭނާ އެދުނީ ބޭރުގައި މަޑުކުރުމަށެވެ.

ޑްރައިވަރު އެ ޒުވާނާގެ އަމުރަށް ކިޔަމަން ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.

ޒުވާނާ އަކީ ހެޔޮވަރުގެ އިސްކޮޅަކާއެކު ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. ތުނިކޮށް ފަޅާފައިވާ ތުނބުޅީގެ ސަބަބުން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. އިސްތަށިގަނޑު ސްޓައިލް ކޮށްލާފައިވަނީ ވެސް ޒަމާނާ ގުޅޭ ރީތި ސްޓައިލަކަށެވެ. ބަލާބެލުމަށް ޝަހުސިއްޔަތު ވަރުގަދަވެފައި ނުފޫޒު ގަދަ މީހެއް ވައްތަރު ޖަހައެވެ. އުމުރު ޔަގީންނުން ވެސް އަށާވީސް އަހަރަށް ވުރެ ދޮއްޓެއް ނުވާނެއެވެ. މިޒަމާނުގައި އަންހެން ކުދިން ކިޔާ ގޮތުން ނަމަ ހޭންޑްސަމް، ސްމާރޓް، އެޓްރެކްޓިވް އައި މިސްޓީރިއަސް ގޮތެއް އެބަހުއްޓެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން އެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައިވާއިރު އަރާފައިވަނީ އޮފްކަން ގަދަ ކަޅު ބޫޓަކަށެވެ. ފުންނޭވާއެއް ލަމުން އަތުގައި އޮތް ސޫޓް ކޭހަށް ބާރު ކޮށްލުމާއެކު އެތަނުގެ އެތެރެއަށް ފިޔަވަޅު އަޅަން ފަށައިފިއެވެ. އެތެރެއަށް ވަދެ ވަށައިގެން ބަލާލި ޒުވާނާގެ މިސްރާބުހުރީ އެތަނުގެ އެތެރެފަރާތަށެވެ. ފަރިތަކަމާއެކު ހިނގަމުން ގޮސް އެތަނުގެ އޮފީސް ބައިގެ ކުރިމައްޗަށް ހުއްޓުނު ގޮތުން އެއީ އޭނާ އާއްމުކޮށް އައިސް އުޅޭ ތަނެއްކަން ދެނެގަނެވެއެވެ. އެހެނީ ދާންޖެހޭ މަގުތައް އޮޅެނީ ކީ ނޫނެވެ. ބައެއްފަހަރު އެތަނުގައި ހަރަކާތްތެރިވާ މީހުންވެސް އެ ޒުވާނާއަށް ދެނީ ދެކެފަރިތަ ނަޒަރެކެވެ.

ދޮރުފަތުގައި ޓަކި ޖަހާލުމާއެކު އެތެރެއަށް ދެމިގަތީ ހުއްދަ ހޯދުމަކާ ނުލައެވެ. އެއާއެކު މޭޒު ދޮށުގައި އިން ދެބައި އުރުމުގެ ފިރިހެންމީހާ ގޮނޑިން ތެދުވިއެވެ. އޭރު އޭނާގެ އެއްފަރާތުގައި އޭނާގެ ބޮޑީގާރޑެއް މަޑުކޮށްލައިގެން ހުއްޓެވެ.

އެ ޒުވާނާ ފެނުމާއެކު އޭނާގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައި މާނަފުން ހިނިތުންވުމެކެވެ. ޒުވާނާގެ އަތުގައި އޮތް ސޫޓްކޭހަށް ނަޒަރު ހުއްޓާލީ ދަހިވެތިކަމުން ފުރިގެންވީ ބެލުމަކުންނެވެ.

"ނޯ ނޯ" އަތުގެ ބޮޑުވާ އިނގިލިން އެ ފިރިހެން މީހާއަށް އިޝާރާތް ކޮށްލަމުން ޒުވާނާ އެއްބުމަ އަރުވާލިއެވެ.

"މިސްޓަރ ނަވީން" އެ ފިރިހެން މީހާ ޒުވާނާއަށް ގޮވާލިއެވެ. އަދި އިށީނުމަށް އިޝާރާތް ކޮށްލިއެވެ.

"އަހަރެންގެ އަތުގައި އާއްމުކޮށް އޮންނަ ސިޓީ އުރަ އާއި ތަފާތުކޮށް ބޮޑު ސޫޓް ކޭހެއް އޮތީމަ އަހަރެން އައި ބޭނުމާ ބެހޭގޮތުން ސުވާލެއް ނުކުރާނަންތަ؟" ނަވީން އިނގިރޭސިން ވާހަކަދެއްކިއެވެ. އޭނާމަޑުމަޑުން އައިސް ގޮނޑީގައި އިށީނދެ އެއްފައި މައްޗަށް އަނެއްފައި އަރުވާލިއެވެ. ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އޭނާ ސޫޓް ކޭސް އެއްއަތުން ނަގާ އެ ފިރިހެން މީހާއަށް ދައްކާލިއެވެ.

"އަހަރެންނަށް އެނގޭ ކުޑަކަމަކު ތިހާ ބޮޑު އެއްޗެއް ހިފައިގެން ނާންނާނެކަން" އެ ފިރިހެންމީހާ ބުނެލިއެވެ.

"ރަނގަޅަށް ތި ހީވީ..." ދެމީހުން ވެސް ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސިންނެވެ.

"މިސްޓަރ ލަކްޝް، މި ފަހަރު އަހަރެން މިއައީ ވަރަށް ބޮޑު ކަމަކު. އަހަރެންނާއެކު ޑީލްއެއް ހަދަން ކެރޭނެތަ؟... އަހަރެން ކުރިން ވެސް ބުނިން ދޯ ކައިރި މުސްތަޤްބަލެއްގެ މިފަދަ ދުވަހެއް އައުން އެކަށީގެންވެޔޭ! " އެއްފަހަރު ސޫޓް ކޭހަށް އިޝާރާތް ކޮށްލަމުން އަނެއްފަހަރު ލަކްޝްއަށް ބަލާލަމުން ނަވީން ސުވާލުކޮށްލިއެވެ.

"މިހާރުވެސް ކުޑަވަރެއްގެ ޑީލްއެއްދޯ އަހަރެމެން ދެމީހުން ހަދައިގެން މިއެޅެނީ" ލަކްޝް ނުލަފާ ހިނިގަނޑެއް ޖަހާލިއެވެ.

"މާ ވައްތަރު ވައްތަރު ނުކުރޭ، ކަލޭ ކުރީ ފަހަރު އަހަރެން ގެނައިވަރު މަދުކަމުން އެވާހަކަ ބުނީ، މި ފަހަރު ގައިމު މަދެއްނުވާނެ، އެކޮޅުން ކަލެއަށް ލިބޭ ވަރަށް ވުރެ ދެގުނަ އަހަރެން މި ދެނީ ބޮޑުކޮށް، ކަލޭ ބޭނުންނަމަ އަހަރެން ކޮންމެ މަހަކުވެސް ކޮންމެވެސް ވަރެއް ކަލެއަށް ދޭނަން، އެކޮޅަށް ވުރެ ގިނައިން.. އެކަމަކު ކަލޭ ޖެހޭނެ އަހަރެމެން ދެމީހުން ހަދާ ޑީލްއާއި އެއްގޮތަކަށް އަމަލު ކުރަން. އަދި އަހަރެން ކުރަން މިއުޅޭ ކަމުގެ ސިއްރު ހިފައްޓަން ވާނެ،" ނަވީން ބުނެލިއެވެ. އެއާއެކު ލަކްޝް އަނެއްކާވެސް ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. އެ މޫނުމަތިން ފެންނަނީ ލާރިއަށް ދަހިވެތިވެފައިވާ ފަދަ އަސަރެކެވެ.

"އެނީތިންގް ފޯ ....." ސޫޓް ކޭހަށް އިޝާރާތް ކޮށްލަމުން ލަކްޝް ބުނެލިއެވެ. ނަވީން ވެސް އެއްމިޔަކުން ހީލިއެވެ.

ކިހާވަރެއް؟" ލަކްޝް އަހާލުމާއެކު ނަވީން އަތުގެ ފަސް އިނގިލި ދައްކާލިއެވެ.

"ވާނެތަ؟" ނަވީން އަހާލިއިރުވެސް ލަކްޝް ދޭނެ ޖަވާބު އެނގޭ ފަދައެވެ.

"އާނ. ކީއްވެ ނުވާންވީ؟" ލަކްޝް އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. އަދި މޭޒުމަތީގައި އޮތް ބިއްލޫރި ބޯޅަ ނަގާ އަނބުރަން ފެށިއެވެ. ކައިރީގައި ކޮޅަށް ހުރި ފިރިހެން މީހާއަށް ބަލާލުމާއެކު އޭނާ ސޫޓްކޭހަށް އިޝާރާތް ކޮށްލީ އެ ނަގާށޭ ބުނާފަދައަކުންނެވެ. ފެހި ކުލައިގެ ގަމީހެއް ލައިގެން ހުރި ޒުވާނާ ސޫޓް ކޭސް ނަގަން ހިނގައިގަތުމުން ނަވީން އަތުން އިޝާރާތްކޮށް މަޑުކުރުމަށް އެންގިއެވެ. އެއާއެކު އެ ޒުވާނާ ލަކްޝްއަށް ބަލާލިއެވެ. ލަކްޝް ނަވީންއަށް ބަލާލިއެވެ.

"ރިމެންބަރ އަ ޑީލް އިޒް އަ ޑީލް..." ނަވީން އެއްބުމަ އަރުވާލިއެވެ.

"ކޮންކަމެއް ކޮންގޮތަކަށް ބޭނުންވަނީ؟ ހަމަގައިމުވެސް ތިހާ ބައިވަރު ފައިސާ ނުގެންނާނެ ދޯ ކުޑަކަމަކުއެއް އަނެއްކާ ކުރިން ފަހަރު އަހަރެން ބުނި ވާހަކައަކުން މާ ބޮޑަށް ބިރުގަތީތަ؟" ލަކްޝްގެ އަޑުގައި ހިސާބެއްގެ ބޮޑާކަމެއް ވިއެވެ.

"އަހަރެން މިހާ ބައިވަރު ފައިސާ މިގެއަކީ ކަލޭ ދިން އިންޒާރަށް ބިރަކުން ނޫން، އަހަރެމެން ހަދައިގެން މިއުޅޭ ޑީލް އިތުރަށް ފުރިހަމަ ކޮށްލަންވެގެން... މިހާވަރުން ކަލެއަށް ފުދެން ޖެހޭނެ؟ ..." ނަވީންގެ އަޑުގައި ބިރުގަންނަފަދަ ބާރެއްވެއެވެ.

"އަނެއްކާ އޭރު ބުނި ގޮތަށް ކަންތައް ކުރަންތަ ބޭނުންވަނީ؟" ލަކްޝްގެ އަޑުގައި ހިސާބެއްގެ ކަންބޮޑުވުމެއް މިފަހަރު ވިއެވެ.

ނަވީން ގޮނޑިން ތެދުވިއެވެ. އަދި ލަކްޝްގެ ކައިރީގައި ހުރި ފިރިހެން މީހާއަށް ބަލާލިއެވެ. އެއާއެކު އެ ފިރިހެން މީހާވެސް އިސްތިރިކޮށްލީ ނަވީން ދެކެ ބިރުގަނެފައިވާ ފަދައަކުންނެވެ. ނަވީން ތުންފަތަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިކޮށްލިއެވެ. އަދި އެއަށްފަހު ލަކްޝްއާ ދިމާލަށް ފިޔަވަޅުއަޅަން ފެށިއެވެ.

"ކީ ކީކުރަން ތިއުޅެނީ؟" ލަކްޝްގެ އަޑުގައި މަޑު ތުރުތުރު އެޅުމެއް މިހާރު އެބަހުއްޓެވެ. ހުދު އޭނާ ވެސް އެ ހުރީ ނަވީން ދެކެ ޖެހިލުންވެފައިކަން ދެނެގަންނަން މިހާރު އުނދަގުލެއް ނުވެއެވެ. ނަވީން އައިސް ލަކްޝްގެ ގޮނޑީގައި ހިފާ މޭޒާ ދުރަށްވީ ފަރާތަށް އަބުރާލިއެވެ. އެވަގުތު ލަކްޝްގެ ބޮޑީ ގާޑަކަށް ހުރި މީހާ ނަވީންގެ އަތުގައ ހިފެއްޓިއެވެ. އެހެންނަމަވެސް ނަވީން އޭނާގެ އަތް ފޮޅުވާލާ ދުރަށް ހޫރާލި ގޮތުން އޭނާ ގޮސް ޖެހުނީ ފާރުގައެވެ. ޖެހުނުލެއް ބާރުކަމުން ނިތްކުރިމަތި ފަޅައިގެން ގޮސް ލޭ އަތުވެއްޖެއެވެ. ދެވަނަ ފަހަރު އޭނާ ނަވީންއަށް ބަލާލީ ޖެހިލުން ވެފައި ހުރެއެވެ. ކުރިއަށް ފިޔަވަޅު އަޅަން އުޅުނަސް ލަކްޝް އަތުން މަޑުކުރުމަށް އިޝާރާތް ކޮށްލުމާއެކު އޭނާ ހުރީއެވެ.

ނަވީން ލަކްޝްއާ ދިމާލަށް ގުދުވިއެވެ. އަދި އޭނާގެ ގަމީހުގެ ގިރުވާނުގައި ހިފާ ކަރަށް ވާން ކޮށްލިއެވެ. އެއާއެކު ލަކްޝްގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

"އާނ. އަހަރެން މިއައީ އަހަރެން ބުނި ގޮތަށް ކަންތައް ކުރަން، އެވެސް ކަލޭ ބުނި ވަރަށް ފައިސާ ހިފައިގެން، ކަލޭ މިކަން ސިއްރު ނުކޮށްފިނަމަ އަހަރެން ކަލެ އާ ދެމެދު ކަންތައް ކުރާގޮތް ދެން ބަލަން ހުރޭ... އަހަރެން މިހާރު ކަލޭގެ އެއްވެސް އިންޒާރަކަށް ބިރެއްނުނަގޭ" ނަވީން ލަކްޝްގެ ގިރުވާނަށް ބާރުކުރަމުން ދިޔައެވެ. އެއާއެކު ލަކްޝް ނޭވާ ނުލެވިގެން ތެޅެން ފެށިއެވެ. އެއާއެކު ނަވީން އަތުގައި ހުރި ބާރު ލާފައި ލަކްޝްގެ ގަމީހުން ދޫކޮށްލިއެވެ.

"ކަލޭވެސް ސަލާމަތުން ހުންނަން ބޭނުމިއްޔާ އަނގަ މަޑުން ލައިގެން ހުންނާތި" ނަވީން ދެމީހުންނަށް ބަލާލާ އިންޒާރެއްދިނެވެ. ލަކްޝް ވެސް ގިރުވާނުގައި ހިފާ ރަނގަޅުކޮށްލަމުން ކުޑަކޮށް ކެއްސާލިއެވެ. އަދި އެއްފަރާތުގައި ހުރި އޭނާގެ ބޮޑީގާޑަށް ބަލާލިއެވެ. އެއާއެކު އެ މީހާ ބިރެއްފެނުނުހެން ބޭރަށް ނުކުންނަން އަވަސްވެގަތީ ލަކްޝް އެ ބުނަނީ ކީކޭކަން އެނގިގެންނެވެ.

އެނބުރި އައިސް ގޮނޑީގައި އިށީން ނަވީން އިންތިޒާރު ކުރަމުންދިޔައީ އެ ފިރިހެން މީހާ އެނބުރި އަންނާނޭ އިރަކަށެވެ. މާގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ފިޔަވަޅުތަކެއްގެ އަޑު އިވެން ފަށައިފިއެވެ. ނަވީންގެ ނޭވާ ވެސް އަވަސްވެއްޖެއެވެ. ހިތުގެ ތެޅުން ބާރުވެއްޖެއެވެ. ލޮލުގެ ތެރެއިން ކޮންމެވެސް ރިހުމެއްގެ އަސަރު ފެނުނުހެން ހީވިނަމަވެސް ނިކަން އަވަހަށް އަބަދުވެސް މޫނުމަތީގައި އެ ހުންނަ ސީރިއަސްކަން ވެރިކޮށްލައިފިއެވެ. ދޮރުމައްޗަށް އެ މީހާ ހުއްޓުމާއެކު ނަވީން އެނބުރި ބަލާލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ލިބުނު ސިހުމުގައި އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހީވީ ފެންނަން ބޭނުންނުވާ މަންޒަރެއް އޭނާއަށް ފެނުނުހެންނެވެ. އެނބުރި ބަލާލެވުނީ ލަކްޝްގެ މޫނަށެވެ. އެއާއެކު ލަކްޝް ހިންދިރުވާލިތަން ފެނުނެވެ. އަތުން އޭނާއެއްނޫނޭ ބުނެ އިޝާރާތް ކުރިނަމަވެސް އަނގައިން އެއްވެސް އެއްޗެއް ބޭރެއްނުވިއެވެ.

ނަވީން މަޑުމަޑުން ގޮނޑިން ތެދުވިއެވެ. އަދި ރީތިކޮށް ދޮރާ ދިމާލަށް އެނބުރިލިއެވެ. ދޮރު ކުރިމަތީގައި ހުރި އަންހެން މީހާ ފެނި އޭނާއަށް އެ ދިމާލަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެންނަމަވެސް މަޑުޖެހިލެވުނީއެ އަންހެން މީހާގެ މޫނުމަތިން އޭނާއަށް ބިރާއި ސިހުން ފެނުނީތީއެވެ. ވަށައިގެން މުޅި މާހައުލަށް ބަލަމުން ދިޔައިރު ލާފައި ހުރި ހުދުކުލައިގެ ހެދުން ވަނީ އެކީ ކިލާވެ ހަޑިވެފައެވެ. އެއްވެސް ތަރުތީބެއްނެތް އިސްތަށިތައް މޫނުމައްޗަށް ވެއްޓިފައިވާއިރު ސިފަ ވެސް ރަނގަޅަށް ވަކިކުރަން ނޭނގެއެވެ. އަތް މޭގައި ޖައްސާލާފައި ވާއިރު ދެއަތް ވަނީ ޖޯޑުކުރެވިފައެވެ. ނަވީން އެ ދިމާލަށް މިސްރާބުޖެހުމުން އެ އަންހެން މީހާ ވަށްކަޅިން ނަވީންއަށް ބަލާލިއެވެ. އަދި ތެޅިގަނެފައި ފަހަތަށް ޖެހުނެވެ. އޭރު އެ ދެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. ކައިރިއަށް ޖެހެމުން ދިޔަ ވަރަކަށް އެ އަންހެން މީހާގެ މޫނުމަތީގެ އެކި ހިސާބުތައް ރަތްވެފައި ހުރިތަން އޭނައަށް ފެނުނެވެ. އިތުރު ފިޔަވަޅެއް ކުރިއަށް އަޅާލިތަނާ އެ އަންހެން މީހާ ދެ އަތް ދަމާލާ ކައިރިއަށް އައުން މަނާކުރިއެވެ. އެއާއެކު ނަވީންގެ ނަޒަރު އެ އަންހެންމީހާގެ އަތަށް އަމާޒުވެގެން ދިޔައެވެ.

އަތުގައި ހުރި ލަކުނުތަނުގެ އިތުރުން އޭނާއަށް އެހެންކަމެއް ވެސް ފާހަގަވިއެވެ. ފިހިފައި ހުރި ތަންތަނާއި ނޫފައިގަނެފައި ހުރި ތަންތަން ވެސް ހުއްޓެވެ. ރުޅިގަނޑު ކޮންޓްރޯލުން ނެއްޓީދެނެވެ. ފަހަތަށް އެނބުރ އައިގޮތަށް އައިސް ލަކްޝްގެ މޫނުމައްޗަށް ވަރުގަދަ ހަމަލާއެއް ދިނެވެ. އެއާއެކު ލަކްޝްގެ މޫނުން ދިޔައީ ތަރިބުރައިގެންނެވެ. ބޮލަށް އެނބުރުން އަޅާ ލޯމައްޗަށް އަނދިރިވިއެވެ. ކޮލަށް ދަތް ހެރި އަނގައިގައި ލޭރަހަ ލާން ފެށިއެވެ.

"ކަލޭ ކައރީ މަށަކަށް ނުބުނެވޭތަ އޭނަ ހުންނަން ޖެހޭނެ ގޮތެއް އޭތް..." ހަޅޭއްލަވައިގަތުމާއެކު ދެވަނަ ހަމަލާވެސްނަވީން އެއްލިއެވެ. ތިންވަނަ ފަހަރު މަޅާލި އަތާއެކު އޭނާއަށް ހުއްޓެން މަޖުބޫރުވީ އެ އަންހެންމީހާގެ އަނގައިން ނުކުތް ހަޅޭކުގެ ސަބަބުންނެވެ.

މަޑުމަޑުން އަތް ތިރިކޮށްލަމުން އަނެއްކާވެސް އެދިމާލަށް މިސްރާބުޖެހިއެވެ. ނަވީން އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އެ އަންހެން މީހާގެ ހިތުތެރޭ އުފެދިފައިވި ބިރުވެރިކަން ބޮޑުވަމުން ދިޔަކަން އޭނާއަށް އެނގުނެވެ. ނަވީންއާ ދުރަށް އެ އަންހެން މީހާ ފިޔަވަޅު އަޅަމުން ދިޔައެވެ.

އެ އަންހެން މީހާގެ މޫނުމަތިން ބިރާ ސިހުން ނޫން އެއްޗެއް ނަވީންއަކަށް ނުފެނެއެވެ. ދެއަތް މޭގައި ހުރަސްކޮށްލާފައި ވާއިރު އެ ދެ އަތުގައި މަޑުމަޑު ތުރުތުރު އެޅުމެއް ވިއެވެ. ދެލޯ ބޮޑުވެފައި ވާއިރު މޫނުމަތީގައި ވަނީ ކަންބޮޑުވެފައިވާ ފަދަ އަސަރުތަކެކެވެ. ކުރިމަތީގައި ހުރީ ކާކުކަން ނޭނގޭކަން އެ އަންހެން މީހާގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތަކުން ދެނެގަނެވުނެވެ. އެކަމުން ނަވީންއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ހިނދުކޮޅަކަށް އެ މޫނުމަތިން ރުޅިވެރިކަމެއްވެސް ފެނިގެން ދިޔައެވެ. ފާރުގައި ގޮށްމުށުން ޖަހާލި އަޑާއެކު އެ އަންހެން މީހާގެ ހަޅޭކުގެ އަޑު އަނެއްކާވެސް ނަވީންގެ ކަންފަތުގައި ޖެހުނެވެ. ނަވީން އެނބުރި ބަލާލިއިރު އޭނާ ހުރީ ކަންފަތުގައި އަތް އަޅާލައިގެން ކުޑަކޮށް ގުދުވެއެވެ. އެ އަމަލުން ނަވީން އަމިއްލަ ނަފްސު ކުށްވެރި ކުރަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ބިރުން ހުރެ އެ އަންހެންމީހާ އަތުން ނައުމަށް އިޝާރާތް ކުރަން ފެށިއެވެ. އެ އަންހެން މީހާގެ ހާލަތު އިތުރަށް ވަޒަންކުރަން ނަވީންއަށް ފުރުސަތު ލިބުނެވެ. އައިސް ހުރި ރުޅިއާއެކު އޭނާ ލަކްޝްއަށް ވެސް ބަލާލިއެވެ. އެހެންނަމަވެސް ރުޅިގަނޑު ކޮންޓްރޯލް ކުރީ ކުރިމަތީގައި ހުރި އަންހެން މީހާގެ ހައްގުގައެވެ. އޭނާގެ އަމަލުތައް ބެހެއްޓޭ ގޮތުން އަނެއްކާ އެއަންހެން މީހާގެ ހިތަށް އިތުރު ބިރުވެރިކަމެއް ވައްދަން ބޭނުންނުވީތީއެވެ.

ނަވީންގެ ދުލުން އެ އަންހެން މީހާއަށް ނިސްބަތްކޮށް ކޮންމެވެސް އެއްޗެއް ބޭރުވިނަމަވެސް އެ އަޑު މަޑުކަމުން އެ ކީ އެއްޗެއް ސާފެއްނުވިއެވެ.

ލަކްޝްގެ ފޯނު ރިންގް ވީ އެވަގުތެވެ. އޭނާ ފޯނަށް ބަލާލާފައި އެނބުރުނީ ނަވީންއާ ދިމާލަށެވެ.

"ތި ފޯނަށް ޖަވާބު ދީގެން ނުވާނެ." ނަވީންގެ އަޑުގައިވަނީ ނުރައްކާތެރިގޮތެކެވެ. ލަކްޝްއަވަސް އަވަހަށް ބޯ ޖަހާލިއެވެ. ނަވީން އިރުކޮޅަކު ލަކްޝްއަށް ބަލަން ހުރެފައި އެނބުރުނީ އެ އަންހެން މީހާ އާދިމާލަށެވެ. ނަވީން ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކާއެކު އެ އަހެންމީހާ އެތަނުން ދެވޭނެ ގޮތެއް ހޯދަން މަސައްކަތް ކުރިއެވެ. އޭނާގެ ދެ ފަރާތުގައި ތިބި ދެމީހުންގެ ސަބަބުން ނުދެވޭނެކަން ޔަގީންވިއެވެ. ފަހަތުގައި ވަނީ ފާރެވެ. ސަލާމަތްވާނެ އެއްވެސް ގޮތެއް ނެތްކަން ޔަޤީންވާ ހާލުމަޑުމަޑުން ހަށިގަނޑު ގުދުކޮށްލަމުން އިށީންނަން އެ މީހާ މަސައްކަތް ކުރިއެވެ. އުޑުފައިން ކަހަލަ ގޮތަކަށް އިށީނުމަށްފަހު އެ އަތުގެތެރޭގައި މޫނު ފޮރުވާލިއެވެ. އެހެން އިނދެލާފައި ބައެއްފަހަރު ދެ އަތް ކުޑަކޮށް ދުރުކޮށްލާފައި ނަވީންއައި ހިސާބެއް ބަލާލަފާނެއެވެ. އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރަމުން ނަވީން މަޑުމަޑުން ފިޔަވަޅުއަޅަމުން ދިޔައެވެ. އޭނާއަކީ އެހީތެރިވާން އައިސް ހުރި މީހެއްކަމަށް ބުނަމުން ނަވީން ދިޔައެވެ. ނަވީން ދާދި ގާތަށް އައިފަހުން އެ އަންހެންމީހާގެ އަރުތެރެއިން މަޑުމަޑު ހަޅޭއްކެއްގެ އަޑު އިވެން ފެށިއެވެ. ނޭވާ ބާރުވާން ފެށިއެވެ. އަތުގައި ވި ތުރުތުރު އެޅުން އިތުރުވިއެވެ. ހީވަނީ ލިބިދާނެ އަނިޔާއަކަށްޓަކާ ބިރުން ބާރަށް ހަޅޭއްވެސް ލަވަން ނުކެރުނީ ހެންނެވެ.

ދާދިގާތަށް އައިސް ނަވީން ހުއްޓުމާއެކު އެ އަންހެންމީހާގެ ނަޒަރު ނަވީން އަރާފައިވާ ބޫޓަށް ހުއްޓުނެވެ. ހަމައެއާއެކު އެ އަންހެންމީހާއަށް އާދަޔާ ޚިލާފް ބަދަލުތަކެއް އަތުވެއްޖެއެވެ. ވީގޮތް ނަވީންއަކަށް ނޭނގެއެވެ. އޭނާ މަޑުމަޑުން ކަކޫ ތަޅުންގަނޑުގައި ޖައްސާލުމާއެކު އެ އަންހެންމީހާއާ އެއްހަމައެއްގައި އިށީނެވެ. އެ އަތުގައި ހިފާލަން ނަވީން އުޅުނުނަމަވެސް އެކަމަށް އެ އަންހެންމީހާ އިޖާބައެއް ނުދިނެވެ. އޭރު އެ އަންހެންމީހާގެ ނަޒަރު ހުރީ ނަވީންގެ ބޫޓަށް ހުއްޓިފައެވެ. ނަވީން ބޫޓަށް ބަލާލަމުން އެއްފަރާތަކަށް ޖެހިލާފައި ވިސްނާލުމަށްފަހު ބޫޓް ބޭލިއެވެ. އެއަށްފަހު އަނެއްކާވެސް އެ އަންހެންމީހާއާ ދާދި ގާތަށް އައިސް ހުއްޓުނެވެ. އެއަށްފަހު އަނެއްކާވެސް އިށީނެވެ.

އިސްޖަހާލި ނަވީންގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ. ހިތްވަރުކުރަން ކުރަމުންދިޔަ މަސައްކަތް ފެނަށްވެ އޭނާގެ ދެލޮލުންވެސް ކަރުނަ އޮހޮރެން ފަށައިފިއެވެ. އެއީ ވޭނީ ކަރުނަތަކެކެވެ. ލޭ ކަރުނަ އޮހޮރެމުން އެ ދަނީ ހިތުގައި އަޅަމުންދިޔަ ދިލަ ވޭނީ އިޙްސާސްގެ ސަބަބުންނެވެ. ނަވީން ހިތްވަރު އެލުވައެއް ނުލިއެވެ. މަޑުމަޑުން ދެވަނަ ފަހަރުވެސް އެ އަންހެންމީހާގެ އަތުގައި ހިފަން މަސައްކަތް ކުރިއެވެ. ނަވީން ގެ ފަރާތުން ގެއްލުމެއް ނުލިބޭނެކަން އެ އަންހެން މީހާއަށް އިޙްސާސްވީ ކަންނޭގެއެވެ. ދެ އިނގިލި ދުރުކޮށްލުމަށްފަހު އޭނާ ނަވީންއަށް ބަލަން އިނެވެ. އޭރުވެސް ހިސާބެއްގެ ހާސްކަމަކާއި ބިރުވެރިކަމެއް ފެންނަމުން ދިޔައެވެ.

މަޑުމަޑުން އެ އަތުގައި ހިފާލުމާއެކު ނަވީން އެ އަތަށް އޯގާތެރިކަމާއެކު ފިތާލިއެވެ.

"އައި އެމް ސޮރީ" ނަވީންގެ އަޑުގައި ވީ ބުނެދޭން ނޭނގޭފަދަ ޖަޒުބާތުން ފުރިގެންވީ އަސަރެކެވެ.

"އައި އެމް ހިޔަރ ނައު... ދެން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ. އެމީހުންނަކަށް ނުކެރޭނެ ދެން....." އަތުގައި ހުރި ލަކުނުތައް ފެނި ނަވީންގެ ބަސް ހުއްޓުނެވެ. ބައެއް ތަންތަނުން އޭރުވެސް ލޭ އަންނަމުން ދިޔައެވެ. ކޮނޑުމަތިން ހެދުން އޮތީ ބޮޑުކޮށް ވީދިފައެވެ. ލާފައި ހުރި ކޯޓް ބާލާ މަޑުމަޑުން އެ އަންހެން މީހާގެ ކޮނޑުގައި އަޅުވާލުމަށްފަހު ނަވީން އޭނާގެ އަތް އެ އަންހެންމީހާގެ ކޯތާފަތާ ދިމާލަށް ގެންދިޔައެވެ. މިފަހަރުވެސް އެ އަންހެންމީގާ ކުޑަކޮށް ހަޅޭއްލަވައިގަތުމާއެކު މޫނު އަނެއްފަރާތަށް އަނބުރާލީއެވެ. އަތް ތިރިކޮށްލުމާއެކު ނަވީން ފުންނޭވާއެއް ދޫކޮށްލިއެވެ.

އިރުކޮޅަކުން އެ އަންހެންމީހާ މަޑުމަޑުން ނަވީންއާ ދިމާލަށް މޫނު އަނބުރާލިއެވެ. ނަވީން އަތް އުފުލާލުމަށްފަހު އެމީހާގެ ކަރުނަތައް ފުހެދިނީ އޯގާތެރިކަމާއެކުގައެވެ. އެއާއެކު އެމީހާ ދެލޯ މަރާ ތަގުޅިކޮށްލީ ކީއްވެގެންކަން ބުނާކަށް ނަވީންއަކަށް ނޭނގުނެވެ. އެ އަންހެންމީހާގެ ނަޒަރު ނަވީން ގެ ލޮލާ ސީދާވީ ދެނެވެ. އެމޫނުމަތިން ނަވީންއަށް ފެނުނީ އާދޭސްތަކާއި ވޭނާ އުދާހެވެ. އެހީތެރިކަމަކަށް އެދި ސަލާން ޖަހަމުންދާ ފަދަ އަސަރުތަކެކެވެ. އޯގާތެރިކަމަށް އެދި ފެންބޮވައިގަނެފައިވާ ނިކަމެތި އިންސާނެކެވެ.

ކޮމެންޓް 0